بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ހަމަ އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެންވެސް ޤަބޫލު ކުރާނެކަން، ރާއްޖޭގެ ތަރައްޤީއަށް ދިމާވެފައިވާ ގިނަގުނަ ހުރަސްތަކުގެތެރޭގައި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް އެއީ އޭގެތެރެއިން އެއްކަންތައްކަން.

އަޅުގަނޑުމެންގެ ރާއްޖޭގެ ޖަޒީރާ ކުދިކުދި ރަށްތަކުގައި އަޅުގަނޑުމެން ދިރިއުޅެމުން ދާއިރުގައި އަޅުގަނޑުމެނަށް ދިމާވެފައިވާ މައްސަލަތަކާއި ހުރިގޮންޖެހުންތައް ނުހަނު ގިނަ. މިކަންކަމުން އަޅުގަނޑުމެން އަރައިގަތުމަށްޓަކައި ދުނިޔޭގެ އެހީތެރިކަން އަޅުގަނޑުމެންނަށް ބޭނުންވޭ. މިއަދު ރާއްޖޭގެ ގިނަ ރަށްތަކުގައި ފެނާ ނަރުދަމާގެ މައްސަލަ މިއޮތީ މިހާރުން މިހާރަށް ޙައްލުކުރާންޖެހިފައި. ރާއްޖޭގެ ވަރަށްގިނަ ރަށްތަކުގައި ގޮޑުދޮށް ގިރުމާ އަދި އެނޫންވެސް މިބާވަތުގެ ތަރައްޤީއަށްހުރި ހުރަސްތައް ވަރަށްގިނަ. މި ހުރަސްތަކަކީ އަޅުގަނޑުމންެނަށް، އަޅުގަނޑުމެންގެ ޤައުމަށް ލިބޭ އެއްޗަކުން ޚަރަދުކޮށްގެން އަޅުގަނޑުމެންނަށް ފޫބެއްދެންހުރި ހުރަސްތައްނޫންކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލްކުރާނެ. މިކަންކަމުން އަރައިގަތުމަށްޓަކައި އެހެންވިސްނުމެއް ގެންގުޅުމަކީ މުހިންމު ކަމެއްކަން އަޅުގަނޑުމެންނަށް ދެކެވި އެވިސްނުމުގެ މައްޗަށް އަޅުގަނޑުމެންގެ ސަރުކާރު އުފެދުނު ފުރަތަމަ ދުވަހުއްސުރެ އަޅުގަނޑުމެން މިގެންދަނީ މަސައްކަތް ކުރަމުން.

މިއަދު އަޅުގަނޑުމެންގެ ރާއްޖެއަށް މި ލިބޭ ފަޚްރަކީ އެއްވެސް ޙާލެއްގައި އަޅުގަނޑަށް ލިބޭ ފަޚްރެއްނޫން. އެއީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔަތުން އެކުގައި ކުރާ ވަރަށްގިނަ މަސައްކަތްތަކެއްގެ ސަބަބުން އޭގެ ނަތީޖާ ހެޔޮގޮތުގައި އަޅުގަނޑުމެންނަށް ލިބެމުން މިއަންނަނީ. ޚާއްޞަގޮތެއްގައި ރާއްޖޭގެ ރައްޔިތުން ޚޮދުމުޚްތާރު ވެރިކަން ދޫކޮށް، ޑިމޮކްރެސީގެ އުޞޫލުން ބަދަލުވުމަށް ކުރި މަސައްކަތް މީގެތެރޭގައި ވަރަށްމުހިންމު. ރާއްޖޭގައި ޑިމޮކްރެސީގެ ވެރިކަމެއް ޤާއިމުކޮށް، އެވެރިކަމުގެ ނިޒާމުގެތެރެއިން ކަންކަން ހިންގަމުން ގެންދާކަން އަދި ހިންގުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާކަން އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށްބޮޑު ފަޚުރެއް.

އަޅުގަނޑު މިރޭ މިތަނުގައި ގިނަވާހަކަ ދައްކާކަށް ނެތިން، އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ. އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށް އަޅުގަނޑުމެންނަށް ކުރެވެންހުރި މަސައްކަތްތައް އަޅުގަނޑުމެން ކުރަމުންގެންދާންޖެހޭނެ. ހެޔޮމަސައްކަތް ހެޔޮގޮތުގައި ރަނގަޅަށް ކުރެވިއްޖެނަމަ އޭގެ ކާމިޔާބު ލިބޭނެކަމީ އަޅުގަނޑުމެންނަށް އެއްވެސް އިރެއްގައި ޝައްކު އުފެދިފައިވާ ކަމެއްނޫން. އަޅުގަނޑުމެންނެއް ފަހަތަކަށް އިރާދަކުރެއްވިއްޔާ ނުޖެހޭނެ. އަޅުގަނޑުމެންގެ މަސައްކަތުގައި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނެ.

އަޅުގަނޑުގެ އުންމީދަކީ މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް މެދުވެރިވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

واَلحَمْـدُ لِلّـهِ ، ވަރަށްބޮޑަށް ޝުކުރިއްޔާ!
_________________