بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ މި ދިވެހިރާއްޖޭގެ މުހިންމު ދުވަސްތަކަށް ބަލާއިރު ވަރަށް ޚާއްޞަ ދުވަހެއް. އާދެ! ދިވެހި ސިފައިންގެ އަހަރީ ދުވަސް. 1892 ވަނަ އަހަރު އައްސުލްޠާން އިބްރާހީމް ނޫރައްދީން، ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގައި، ހެވިކަމުގެ ބައެއް އުކުޅުތައް ދައްކާލުމުގެ ޙަރަކާތްތަކުން ފެށި، ފައިހަމަކޮށް ހިނގާލުމުގެ މަންޒަރުތަކަކުން ފެށިގެން އައިސް މިއަދު ދިވެހި ސިފައިންގެ ދައުރާއި، ޤާނޫނީ ޒިންމާއާއި، މަސްއޫލިއްޔަތާމެދު އަޅުގަނޑުމެން ވިސްނައި ފިކުރުކޮށްލާއިރު މިއީ ދިވެހި ޤައުމުގެ ވަރަށް މުހިންމު މުއައްސަސާއެއްކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން. އަދި މާޒީގެ ޤައުމީ ހަޔާތުގައި ދިވެހި ސިފައިން އަދާކޮށްފައިވާ މުހިންމު ދައުރާއި، މިއަދާ ހަމައަށް ލިބިފައިވާ ތަރައްޤީއާއި، ކާމިޔާބުތަކަށް ބެލިޔަސް މިއީ ދިވެހި ދައުލަތުގެ މުހިންމު މުއައްސަސާއެއްކަން ސާބިތުވެގެންދޭ. ދައުލަތާއި ސަރުކާރު ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ވަރުގަދަ ބާރެއްކަން އެނގިގެންދޭ. އެހެންކަމުން އެވަގުތަކު ރާއްޖޭގެ ވެރިކަން ކުރުމުގައި ތިބި ބަޔަކު ދިވެހި އަސްކަރިއްޔާ ދިރުވައި ދެމެހެއްޓުމަށް އިސްކަންދީފައިވާކަން ތާރީޚުން ފެންނަން އެބައޮތް. ދައުލަތަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި ދިވެހި ސިފައިން އަދާކޮށްފައިވާ މުހިންމު ދައުރަށް އަޅުގަނޑު އައްސަރިބަހާއި ސާބަސް ރައްދުކުރަން. ސުނާމީ ކާރިސާގައި ނިކަމެތިވެ ބަލިހާލުގައި ޖެހުނު ރައްޔިތުން، ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި އުފުލާލަދިން އުފާވެރި މަންޒަރު އެއީ ދުވަހަކުވެސް މިޤައުމު ހަނދުމަނެތިގެންދާނެ ކަންކަމެއް ނޫން.

ރާއްޖެ ދެކެމުންމިދާ ޑިމޮކްރެޓިކް ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ މުހިންމު މުއައްސަސާއެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. ޤައުމީ ދިފާޢާއި، ޤައުމީ ސަލާމަތާއި މަޞްލަޙަތު ދަމަހައްޓައި، ނަގަހައްޓައި، ޤައުމު ހަމަ މަގަށް ފައްތައި، ހިމުން ކުރުމުގައި ދިވެހި ސިފައިން އަދާކުރި، އަދާކުރަމުންދާ އަދި އަދާކުރަންޖެހޭ ދައުރު ވަރަށް މުހިންމު. ޤައުމީ މަޞްލަޙަތު ހުރި ކަންކަމުގައި ވަކިފަރާތަކަށް ބެލުމެއްނެތި ޢަމަލުކުރާނޭ ދައުލަތުގެ ބާރެއް ޤައުމުތަކުގައި އޮންނަނީ ސަބަބެއްނެތިއެއް ނޫން. ސިޔާސީ ނުފޫޒާއި ވާދަވެރިކަމުން ދުރުހެލިވެ އެންމެން އެއްގޮތަކަށް ވިސްނައި، އަމުރަށް ނުކިޔަމަންތެރިވާ، ވެރިކަމުގެ ހުއްދަ އަމުރުތަކަށް ބޯލަނބައި، ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ ސިފައިންގެ ބަޔަކު ބިނާކޮށް ދަމަހައްޓާ އަސްކަރިއްޔާއެއް އޮންނަނީ ކަމަކާނުލައެއް ނޫން.

އަސްކަރީ ފަލްސަފާއަކީ ޤަރުނުތަކެއް ވަންދެން ދިރާސާކުރެވި ހިންގިފައިވާ އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ މުހިންމު އަސާސްތަކެއް. ހަމައެހެންމެ، އެ ފަލްސަފާތަކަކީ އަސްކަރިއްޔާތަކުގައި ދެމެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކު ގިނަގުނަ މަސައްކަތްތަކެއް ކުރެވި، ތަންފީޒު ކުރުމުގައި ވަރަށް ހަރުދަނާ އުޞޫލުތަކެއް ހިފަހައްޓަމުންދާ ކަންކަން. އަސްކަރީ ޤާނޫނުތަކަކާއި، ގަވާއިދުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަން. މިގޮތަށް ދިވެހި ސިފައިންގެ ޚިދްމަތް ބިނާކުރެވިފައިވަނީވެސް ވަރަށް މުހިންމު އަސާސްތަކެއްގެ މައްޗަށް. ކޮންމެ ސިފައިންގެ މީހަކު ތަބަޢަވާންޖެހޭ، ޢަމަލުކުރަންޖެހޭ އުޞޫލުތަކެއްގެ މައްޗަށް. ސިފައިންގެ އެންމެ މުހިންމު 3 އަސާސަކީ:
- އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބުމާއި،
- ޤައުމީ ޚިދްމަތުގައި ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމާއި،
- ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވުން.

އަޚްލާޤީ ވާޖިބުތަކުގެ ތެރޭގައި ތަޤުވާވެރިކަމާއި، ތެދުވެރިކަމާއި އިޚްލާޞްތެރިކަން، ވަފާތެރިކަމާއި އިންޞާފުވެރިކަން، ހިތްވަރާއި ކެރުން އަދި މަސްއޫލިއްޔަތު އުފުލުން ހިމެނޭ. ޝައްކެއްނެތްގޮތުގައި މިޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގެ ޒިންމާއާއި މަސްއޫލިއްޔަތު، އެބަޔަކާ މަތިކުރެވިފައިވާ ދިވެހި ސިފައިންގެ ކިބައިގައި މިދެންނެވި އަސާސްތަކާއި އަޚްލާޤީ ވާޖިބުތައް ދެމެހެއްޓިގެންމެނުވީ ދިވެހިން ދެކޭހިތްވާ، ދިވެހިން އުންމީދުކުރާ، ސިފަވަންތަ ހުނަރުވެރި ބަޔަކަށް ތިބާމެން ނުވާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ދިވެހި ސިފައިން ތިބީ މިބަޔާން ކުރެވުނު މަތިވެރި އުޞޫލުތަކުގެ މަތީގައި. ދިވެހި ޤައުމީ ދިފާޢީ ބާރުގެ ވާޖިބުތަކަށް ބަލާއިރު، ދިވެހި ސިފައިންގެ ޤާނޫނުގައި ބަޔާންވެގެންވާ ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް އެބަހުރި.

- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހި ދައުލަތް ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލު އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުން.

- ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ޤާނޫނާ ޚިލާފު ކޮންމެ ކަމަކުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ޙިމާޔަތް ކުރުން.

ދިވެހި ސިފައިން މިޤައުމަށާއި ރައްޔިތުންނަށްޓަކައި ރެޔާދުވާލު ކުރަމުންގެންދާ ބުރަ މަސައްކަތަށާއި، އުފުލަމުންދާ ޒިންމާއަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. މިއަދު ދިވެހި ސިފައިންގެ ޚިދްމަތް މިވަނީ މާނަވީ ގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ބަހާލެވިފައި. ޚިދްމަތަށް ފުރިހަމަކަން ގެނައުމަށްޓަކައި ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި، އެހެނިހެން ވަސީލަތްތައް ހޯދުމާއި، މީހުން ބިނާކުރުމާއި، ތަމްރީނު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް. ކުރިމަގަށް އަމާޒުކުރެވޭ ހިންގުމުގެ ނިޒާމުތައް ސިފައިންގެ ވެރިން އެގެންދަވަނީ ތަޢާރުފު ކުރައްވަމުން. އަޅުގަނޑަށް ފެންނަނީ ވަރަށް ހުނަރުވެރި ޤާބިލް އަސްކަރިއްޔާއެއް، އެކަށޭނަ ގޮތެއްގައި ރާއްޖެއަށް އުފަންވަމުން އަންނަ މަންޒަރު. ޤައުމީ ދިފާޢަށާއި، ޤައުމުގެ ސަލާމަތަށް ހުރި ގޮންޖެހުންތަކަށް ކުރިމަތިލުމުގެ ޤާބިލްކަން ލިބިފައިވާ ދިވެހި ސިފައިންގެ ލަޝްކަރު ފުރިހަމަވަމުން އަންނަތަން. ﷲ އިރާދަކުރެއްވިއްޔާ މިމަގަށް ދިވެހި ސިފައިންގެ ކަންކަން ހިނގާން ފެށުމުން ދިވެހި ރައްޔިތުން އެދޭފަދަ ހުނަރުވެރި މަދަދުޤާރީންތަކެއް ރާއްޖޭގައި ތިބޭނެ. ބޭނުންވާ ޒަމާނީ އާލާތާއި، ކަންކުރުމުގެ ވަސީލަތްތައް ލިބިހުރި ޚިދްމަތްތެރި ސިފައިންތަކެއް ޙަރަކާތްތެރިވަމުންދާނެ. ރާއްޖޭގެ މަސްކަނޑުތައް ޙިމާޔަތް ކުރެވި، ޤައުމީ ސަލާމަތް ވަރުގަދަ ކުރެވޭނެ. ކަނޑާއި އެއްގަމުގައި ޤައުމުގެ ދުޝްމަނުން ހިންގާ ނުރައްކާތެރި ކަންތަކާއި ޢުދުވާންތަކުން ރާއްޖެ ސަލާމަތް ކުރެވޭނެ.

ބަދަލުވަމުންމިދާ ދުނިޔޭގެ މަސްރަޙާއި މާޙައުލަށް ވިސްނުމާއެކު ރާއްޖެއަށް އަންނަމުންމިދާ ބަދަލުތަކަށް ރަޢުޔުކޮށް އަހުރެން، ދިވެހި ސިފައިންގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން މިބުނާ ކަންކަންމަތީ ދެމިތިބުމަށް ދިވެހި ސިފައިންނަށް އަންގައި އަމުރުކުރަން!

1. މި ޤައުމުގެ ދީން ޙިމާޔަތްކޮށްދީ ރައްކާތެރި ކުރާތި!

2. މިލޮބުވެތި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތް ކުރާތި!

3. މިލޮބުވެތި ޤައުމުގެ ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރި ކަމުގައި ދެމިތިބޭތި!

4. ދިވެހި ޤައުމުގެ ބާރާއި، ޢިއްޒަތާއި، ކަރާމާތް ހިފަހައްޓައި، ދަމަހައްޓާތި!

ދިވެހި ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކަށް ހެޔޮގޮތްތައް މެދުވެރި ކޮށްދެއްވާށި! ހެޔޮވިސްނުމާއި، ހެޔޮ މަގު ދިވެހި އަސްކަރިއްޔާއަށް ދެއްވާށި!

والحمد للّـه.

ވަރަށް ބޮޑަށް ޝުކުރިއްޔާ!