މަސްޢޫދު ޙިލްމީ:
އާދެ! މިއަދުގެ ޕްރޮގްރާމްގައިވެސް އެސް.އެމް.އެސް އަދި އީމެއިލްގެ ޒަރީޢާއިން ބައިވެރިވެވަޑައިގަތުމަށް ހުޅުވާލި ފުރްޞަތުގައި އެތައް ސަތޭކަ ބޭފުޅުންނެއް އަޅުގަނޑުމެންނަށް ސުވާލުތައް ފޮނުއްވާފައިވޭ. އަދި ފޯނުގެ ޒަރީޢާއިން ސުވާލު ކުރެއްވުމަށް ވަރަށްގިނަ ބޭފުޅުން ނަން ނޯޓް ކުރައްވާފައިވާކަންވެސް އަޅުގަނޑުމެން ފާހަގަކުރަން. ހަމައެއާއެކު އަޅުގަނޑުމެންނަށް ވަގުތު އޮތް މިންވަރަކުން އަޅުގަނޑުމެނަށް މި ނަން ނޯޓް ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ސުވާލުތައް ދަންނަވާލުމުގެ ފުރްޞަތު ހުޅުވާލާނެ ވާހަކަވެސް އަޅުގަނޑު ދަންނަވަން.
އާދެ! އާ އަހަރުގެ ފުރަތަމަ [ވަން ޓު ވަން] ޕްރޮގްރާމްގެ މެހްމާނުގެ މާބޮޑު ތަޢާރުފަކަށް އަޅުގަނޑު ނުދާނަން. މިފަހަރު [ވަން ޓު ވަން] ޕްރޮގްރާމްގެ މެހްމާނަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު. ޕްރޮގްރާމަށް މަރްޙަބާ. އަދި އާ އަހަރުގެ ތަހުނިޔާ އަރިސް ކުރަން.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑުވެސް ދި އެފް.އެމް.ގެ ހުރިހާ ބޭފުޅުންނަށާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އާ އަހަރުގެ އެންމެހާ ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދު ކުރަން.
މަސްޢޫދު ޙިލްމީ:
ޕްރޮގްރާމާއެކީ ކުރިއަށް ދިއުމުގެ ކުރިން އަޅުގަނޑު ހަމަ ދެތިންކަމެއް ފާހަގަކޮށްލާނަން. މިއީ، ރާއްޖޭގެ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ގޮތަކަށް ލައިވް ޕްރޮގްރާމެއްގައި، ރައްޔިތުންގެ ސުވާލުތަކަށް ދެއްވާ ޖަވާބު އަޅުގަނޑުމެންނަށް މިއަދު އަޑުއިވިގެންދާނެ. ދެން އޭގެ ތެރޭގައި، އަޅުގަނޑުމެން ފާހަގަކޮށްލަން. މި ސިޔާސީ މައިދާނުގައި ނަޝީދު ޙަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވިފަހުން ބްރޯޑްކާސްޓިންގ ދާއިރާގައި، މީޑިއާގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޕްރޮގްރާމަކީވެސް [ވަން ޓު ވަން] ޕްރޮގްރާމްކަން އަޅުގަނޑުމެން ފާހަގަކޮށްލަން. އޭގެއިތުރުން ޤައުމީ ޓީ.ވީ އިން ސިޔާސީ ބޭފުޅެއްގެ ގޮތުން ޢާންމުންނަށް ނަޝީދު ފެނިގެންދިޔައީވެސް ދި އެފް.އެމް.ގެ ޕްރޮގްރާމެއްގައި. އެއީ، އެމް.ޑީ.ޕީ ޕްރައިމަރީޒް [ދި އެފް.އެމް ޑިބޭޓް] އަޅުގަނޑު ހިތުން ހަނދުމަފުޅު ހުންނާނެ. އަދި އޭގެފަހުންވެސް އަޅުގަނޑުމެންނަށް ހަމަ ފެނިގެންދިޔަ [ވަން ޓު ވަން] ޕްރޮގްރާމުން ނަޝީދު. އަޅުގަނޑުމެންނާ ހަމަ ވަރަށް ގާތްކޮށް، ދި އެފް.އެމް.އާ ވަރަށްގާތް ގުޅުމެއް ބަހައްޓަވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަން. އަދިވެސް އެއްފަހަރު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު ދި އެފް.އެމް.ގެ ޓީމުގެ ނަމުގައި ޝުކުރު ދަންނަވަން.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު ހަމަ ތިޔަ މައުޟޫޢާ ގުޅިގެން އަޅުގަނޑު ހިތަށްއަރާ އެއްޗަކީ، ދެން ބައްލަވާ ހުރިހާ ބޭފުޅުންނަށްވެސް، އަދި އަޑުއައްސަވާ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ދި އެފް.އެމް.އަކީ ކޮންމެހެން ސަރުކާރާ އެއްކޮޅަށް ޚަބަރު ފަތުރުއްވާ ސްޓޭޝަނެއް ނޫން. އެހެން ނަމަވެސް، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީކީއެއް ސަރުކާރާ އެއްކޮޅު ފަރާތްތައް ޕްރޮމޯޓްކޮށްދެވޭތޯ ނުވަތަ އާލާކޮށްދެވޭތޯ، ކުރިއެރުވޭތޯއެއް ނޫން. ސަރުކާރުގެ ބޭނުމަކީ، ފްރީ މީޑިއާ ނުވަތަ މިނިވަން މީޑިއާއާއި އަދި އަމިއްލަ މީޑިއާއަށް ރާއްޖޭގައި ޙަރަކާތްތެރިވެވޭނެ އުޞޫލުތަކަކާއި ގޮތްތަކެއް ހަމަޖެހޭތޯ މަސައްކަތް ކުރަމުން ގެންދިއުން. ހަމަ އެގޮތުން އަޅުގަނޑު ތަކުރާރުކޮށް އަބަދުވެސް ދި އެފް.އެމް.ގެ އެންމެހާ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތަޢުރީފު ކުރަން. އަދި ހަމަ މިވަގުތުވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މި ކުރިއަށް މިއޮތް އާ ޑިކޭޑް، އާ އަހަރު އެކަންޏެއް ނޫން. މި އާ 10 އަހަރުވެސް އެއީ، އަޅުގަނޑު އުންމީދު ކުރަމޭ، ރާއްޖޭގެ ޕްރައިވެޓް މީޑިއާއަށް ކުރިއެރުންތަކެއް ލިބިގެންދާނޭ އަހަރުތަކަކަށް.
މަސްޢޫދު ޙިލްމީ:
އަޅުގަނޑު ހިތަށްއަރާ، ހަމަ ފުރަތަމަ ސުވާލެއްގެ ގޮތުގައި، އާ އަހަރުގެ ފުރަތަމަ ދުވަސް މިއަދަކީ. ކިހިނެއްތޯއޭ މަނިކުފާނު އާ ޢަޒުމެއް ކަނޑައެޅުއްވިންތޯއޭ މިއަދުގެ މިދުވަހު.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު އާ އަހަރަކާ ގުޅިގެން، ދެން ކޮންމެ އާ ދުވަހަކާ ގުޅިގެންވެސް އަޅުގަނޑު ބަލަން ޢަޒުމެއް ކަނޑައެޅޭތޯ، މިއަދު ކުރާނީ ކޮންކަމެއްތޯ؟ އެހެންވީމާ، ތެދުފުޅެއް. އާ އަހަރާ ގުޅިގެން އަޅުގަނޑުމެން ޢަޒުމްތަކެއް ކަނޑައަޅަން. އެނގިވަޑައިގަންނަވާނެ، މި ސަރުކާރު އުފެދިފައި މިއޮންނަނީ، ހަމަ އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އަންނަ ފަދައިން، ސަރުކާރުން ވެފައިވާނެ މައިގަނޑު ވަޢުދުތަކެއް. އެއީ، މައިގަނޑު އަޅުގަނޑުމެންގެ 5 ވަޢުދު. އެހެންވީމާ، އަޅުގަނޑުގެ ޢަޒުމަކީ، އަޅުގަނޑުގެ އަމާޒަކީ، މިކަންކަން ފުރިހަމައަށް އަޅުގަނޑުމެންނަށް ކުރެވޭނެ ގޮތްތަކެއް ހޯދައި، އެކަންކަން ކުރަމުން ގެންދެވޭނެ މަގެއް އަލިކުރެވޭތޯ ބެލުން. ދެން މިހާތަނަށް އާދެވުނުއިރުގައި، އަޅުގަނޑު ހަމަ ވަރަށް ހިތްހަމަޖެހޭ ހިސާބަކަށް ކަންކަން ގެންދެވިފައިވަނީ. ދެން މީގައި އަޅުގަނޑު ކޮންމެހެން އެހާބޮޑު ތަފްޞީލަކަށް ގޮސް، ކަންކަމުގެ ތަފްޞީލު ދަންނަވާކަށް ނޫން. އެހެން ނަމަވެސް، އަޅުގަނޑުގެ އެއް ޢަޒުމެއް، އެއް އަމާޒެއް އެއީ އިނގޭތޯ، މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ވާދަވެރި ސިޔާސީ ޕާޓީތަކަށް، އެ ޕާޓީތަކުގެ މައިގަނޑު މަސައްކަތަކީ ސަރުކާރު ވައްޓާލަން އުޅޭ އުޅުމުގެ ބަދަލުގައި، އިންތިޚާބު އަންނާނެ އިނގޭތޯ. 5 އަހަރު ހަމަވީމާ އިންތިޚާބު އަންނާނެ. އެ އިންތިޚާބުގައި ހުރިހާ ފަރާތަކަށްވެސް މިނިވަންކަމާއެކީގައި ވާދަކުރެވޭނެ. ދެން މި އިންތިޚާބު އައުމާ ދޭތެރޭގައި މިއޮތް އަޅުގަނޑުމެންނަށް މިއޮތް 4 އަހަރުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބޭނުން، އެހީތެރިކަން އަދި ފާޑުކިޔުމާއި، ރަނގަޅަށް ސަރުކާރު ބެލެހެއްޓުން ވަރަށް މުހިންމު.
މަސްޢޫދު ޙިލްމީ:
އަޅުގަނޑަށް ކޮންމެވެސް ވަރަކަށް ރައީސްގެ ވާހަކަފުޅުން ފާހަގަކުރެވޭ. އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލަން އުޅޭކަހަލަ ވާހަކައެއް. އެހެންތޯ ތިޔަ ވިދާޅުވަނީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑަށް އެނގޭ ނުވެއްޓޭނެކަން. އެހެން ނަމަވެސް، ބައެއް ބޭފުޅުން އެ ފިކުރުގައި ހަމަ އެބަ އުޅުއްވާ. ދެން މިހާރު ދެން އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ބޮޑަށް ސާފު. ވަރަށް ބޮޑަށް ޔަޤީން. އެއީކީއެއް އެހެންވާން އޮންނަ ކަމެއް ނޫންކަން. މި ސަރުކާރެއް އެހެން އައިސް ވައްޓައެއް ނުލެވޭނޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބެނީ، ޤާނޫނީ ހަމަތަކުގެ މަތިން، ޤާނޫނީ ސަރުކާރެއް ހިންގުމުގެ ނިޔަތުގައި ހިންގަމުން މި ގެންދެވެނީ. އެހެންވީމާ، ދެންވެސް ސަރުކާރަށް ލޮޅުމެއް ހަމަ ގެންނާން ޖެހޭނީ ޤާނޫނީ ހަމަތަކުގެ ތެރެއިން. އެ ޤާނޫނީ އިމުގެ ތެރެއިން.
މަސްޢޫދު ޙިލްމީ:
ކިހިނެއްތޯ. އަޅުގަނޑުމެންނަށް ވަރަށް ފާހަގަކުރެވޭ މަނިކުފާނުގެ ހުކުރު ދުވަސް. ކޮންމެ ހުކުރު ދުވަހެއްވެސް، ޢާއިލީ ދުވަހެއްގެ ގޮތުގައި މަނިކުފާނު ހޭދަކުރައްވާ ގޮތަށް. އަޅުގަނޑުމެންނަށް އަޑުއިވޭ ކޮންމެވެސް ވަރަކަށް. ކިހިނެއްތޯ؟ މިއީ ޙަޤީޤަތެއްބާ! މިކަމާ ދޭތެރޭ ކީކޭތޯ ވިދާޅުވަނީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ދެން އަޅުގަނޑު ވަރަށް އަޅުގަނޑުގެ ޢާއިލާއާއެކީ އުޅޭހިތްވޭ. އާދެ! އަޅުގަނޑުގެ ހުކުރު ދުވަހަކީ، ޢާއިލާއާ އެކީގައި އުޅޭ ދުވަހެއްގެ ގޮތުގައި ވީމިންވަރަކުން އަޅުގަނޑު ރާއްޖޭގައި ހުރިއްޔާ، އެކަން އެގޮތަށް ބޭއްވުމަށް މަސައްކަތް ކުރަމުން މިދަނީ. ދެން އިރާދަކުރެއްވިއްޔާ، އެކަން އެގޮތަށް ހިފެހެއްޓޭ. އަޅުގަނޑު ވަރަށް އުފާވެސްވޭ. އަޅުގަނޑުގެ އެ ދެކުދިންނާއި އަދި އަޅުގަނޑުގެ އަންހެނުންނާއެކީގައި އެވަގުތުކޮޅު އަޅުގަނޑުމެންނަށް ހޭދަކުރަން ލިބޭ ކަމަށްޓަކައި.
މަސްޢޫދު ޙިލްމީ:
ވެރިކަމަށް ވަޑައިގެންފަހުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، [އަންނި“ މިބަސް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް ދުރުވެއްޖެ. ކިހިނެއްތޯ މިއީ ކިހިނެއް ކިޔުނު ނަމެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު ކުރީގައިވެސް އެ ނަމުގެ ވާހަކަ ދެންނެވީމޭ އިނގޭތޯ. އެއީ އަޅުގަނޑު ކުޑައިރުގައި އަޅުގަނޑު [އަހަރެން] ކިޔަންވެގެން އުޅެނިކޮށް ކިޔުނު އެއްޗެއް ކަމަށްވަނީ. ދެން އެހެންގޮސް ހަރުލާފައި ހުރީ.
މަސްޢޫދު ޙިލްމީ:
އެއްވެސް ވަރަކަށް މިހާރު ދެން ރައީސް ކަމަށް ވަޑައިގެންނެވީމާ، އަޅުގަނޑުމެންނަށް ބައެއްފަހަރު ފާހަގަކުރެވޭ، [ނަޝީދު“ މިނަމުން މުޚާޠަބު ކުރަމުންދާތަން. [އަންނި“ މިނަމުން މުޚާޠަބު ކުރީމާ، އެއްވެސް ކަހަލަ ތަފާތު ކަމެއް ފާހަގަކުރެވޭތޯ މިހާރު؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ނޫން އަޅުގަނޑަކަށް އެކަމަކުން އަންނަ ތަފާތެއް، އުނދަގުލެއް ނެތް އިނގޭތޯ. ދެން އެހެން ނަމަވެސް، ބައެއް ބޭފުޅުންނަށް އެބަ ކޮންމެހެންވެސް އެބަ ބޭނުންވެލައްވާ ދޮގެއްތޯ، އޭގައި ރަސްމީ ސިފައެއް ރައީސުލްޖުމްހޫރިއްޔާއާ މުޚާޠަބު ކުރާއިރުގައި ރަސްމީ ސިފައެއްގައި އެކަން ކުރުން. ދެން އެހެން ނަމަވެސް، ނުރަސްމީ ގަޑިގަޑީގައި، ވަގުތު ވަގުތުގައި އެއީކީއެއް ކޮންމެހެން އަޅުގަނޑުގެ ނަޒަރުގައި އެހާ މުހިންމު ކަމެއް ނޫން.
މަސްޢޫދު ޙިލްމީ:
އަޅުގަނޑު ހިތުން ހަމަ އަޅުގަނޑުމެންވާނެ މީގެ ދެތިން ދުވަހެއް ކުރިން ފެށިގެން ރައީސަށް ސުވާލުތައް ދެންނެވުމަށް ހުޅުވާލެވިފައި. ދެން އަޅުގަނޑުމެންނަށް އީމެއިލްގެ ޒަރީޢާއިން ބައެއް ސުވާލުތައް ލިބިފައި އެބަހުރި. އެސް.އެމް.އެސް.ގެ ޒަރީޢާއިންވެސް އަޅުގަނޑުމެންނަށް ތިންސަތޭކައަށްވުރެ ގިނަ ޢަދަދަކަށް އެސް.އެމް.އެސް. ލިބިފައިވޭ މިއަދުގެ ނިޔަލަށް. ދެން އަޅުގަނޑު ހަމަ ބައެއް އީމެއިލް ސުވާލުތައް ދަންނަވާލަދޭނަން. ދެން އަޅުގަނޑު ހަމަ މި އީމެއިލް އައިއްސަ ހުރިގޮތަށް މި އަޅުގަނޑުމެން ދަންނަވާލަނީ ދިވެހިބަހުން.
[މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިޚާބު މަނިކުފާނަށް ކާމިޔާބު ކުރެއްވުމުގައި އެންމެބޮޑު ދައުރެއް އަދާކުރެއްވީ ކުރިން ނުފޫޒު ގަދަ އަދި މުއްސަނދި ބޭފުޅުންގެ މަސައްކަތްޕުޅުންތޯ؟ ނޫނީ ރައްޔިތުންގެ ތާއީދުންތޯ؟ މިހެން މިދެންނެވީ ފުރަތަމަ ބުރުން މަނިކުފާނަށް ލިބިވަޑައިގެންނެވީ 25 ޕަސެންޓް ވޯޓް. ފަހުން މިދެންނެވި ތާއީދުން އިންތިޚާބު ކާމިޔާބު ކުރެއްވި.]
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑަށް މިދިޔަ ރިޔާސީ އިންތިޚާބު ރާއްޖޭގައި އެ ނަތީޖާ ނުކުތީ ކިހިނެއްތޯ އަޅުގަނޑުމެން ވިސްނާއިރުގައި، އަދި އެކަމުގެ ދިރާސާއަކަށް އަޅުގަނޑުމެންދާއިރުގައި، ވަރަށްގިނަ ކަންތައްތަކެއް އޭގެތެރޭގައި އެބަވޭ. ހަމަގައިމުވެސް މުއްސަނދި، ނުފޫޒު ގަދަ ބޭފުޅުން އެކަމަށް އެދިގެނެއް ނޫން. ރާއްޖޭގެ މުއްސަނދި ނުފޫޒު ގަދަ ބޭފުޅުން އަބަދުވެސް ތިއްބަވާ. އެބޭފުޅުން ނުކުމެވަޑައިގަންނަވާ ރާއްޖޭގެ ވެރިކަމަށް ބަދަލެއް ގެނައުމަށް މަސައްކަތް ކުރައްވާކަށް ދުވަހަކުވެސް ކެރިވަޑައިގެން އުޅުއްވާފައެއް ނެތް. އެހެންވީމާ، ބައިވަރު ޙާލަތުތަކެއް ދިމާވެގެން އެކަން އެގޮތަށް ހިނގީ. ފުރަތަމަ ބުރުގައި އަޅުގަނޑުމެންނަށް އެމް.ޑީ.ޕީ.އަށް، ޑީ.އާރު.ޕީ.ގެ ފަހަތުން ވާދަކުރަން ލިބުނީމާ، ދެން އޭގައި ޔަޤީން ދެވަނަ ބުރަށް އަޅުގަނޑުމެން ދިޔައީމާ، އެއަކު ބޭނުމެއްނުވޭ އިތުރު ބައިވެރިވުމެއް ދެނެއް. އެއީ ރާއްޖޭގެ ރައްޔިތުން ތިބީ ބަދަލަކަށް ވަރަށް ބޮޑަށް ބޭނުންވެފައި.
މަސްޢޫދު ޙިލްމީ:
އެހެންވީމާ، ތިޔަ ވިދާޅުވަނީ އޭރުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ޤާސިމް އިބްރާހީމްފަދަ ބޭފުޅުން. މިބޭފުޅުން މަނިކުފާނުގެ ފަހަތްޕުޅަށް ވަޑައިނުގެންނެވި ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރެއްވޭނެއޭތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ދެން [ނަމަ“ އަޅުގަނޑުމެންނަށް ލައިގެން ވާހަކަ ދައްކަން ވަރަށް އުނދަގޫ. ޤާސިމް އިބްރާހީމްގެ އެހީތެރިކަމާއި ބައިވެރިވުން ވަރަށް މުހިންމު. ވަރަށް ބޮޑަށް ޤާސިމް ބައިވެރިވެވަޑައިގަންނަވައިގެން، އަޅުގަނޑުމެންނަށް ކިތަންމެ ބަދަލެއް ގެނެވުނީ. އަޅުގަނޑު އަބަދުވެސް އެކަން ފާހަގަކުރާނަން. އަދި އަޅުގަނޑު އަބަދުވެސް ޤާސިމަށް، އަޅުގަނޑު ހަމަ އާދައިގެ ރައްޔިތެއްގެ ޙައިޘިއްޔަތުން އެ ޝުކުރު ދަންނަވާނަން.
މަސްޢޫދު ޙިލްމީ:
މިހާރު ސިޔާސީ ކަންތައްތައް، މިހިނގާ ކަންތައްތަކާ ބެހޭގޮތުން ރައްޔިތުން ދައްކާ ވާހަކަތައް މަނިކުފާނަށް އިވިވަޑައިގަންނަވާ. އަޅުގަނޑު މިދެންނެވީ އިދިކޮޅު ފަރާތްތަކުން މި ދައްކާ ވާހަކަތައް. އަޅުގަނޑުމެންނަށް މި ފާހަގަވެގެންދޭ، ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، އަޅުގަނޑުމެންނަކަށް ރައްޔިތުން ވިދާޅުވާ އެއްޗެއް އެހާ ބޮޑަކަށް ސާފެއްނުވެއޭ. މަނިކުފާނަށް ސާފުވެވަޑައިގަންނަވާތޯ، އިދިކޮޅު ފަރާތްތަކުން މި ދައްކަވާ ވާހަކަތައް.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑަށް ވަރަށް ސާފު. އަޅުގަނޑަށްވީ މިންވަރަކުން އަޅުގަނޑު ރޭޑިއޯއާއި ޓީ.ވީ އާއި މިހުރިހާ އެއްޗެއްވެސް އަޑުއެހޭތޯ ބަލަން. އަޅުގަނޑަށް އަޑުނޭހޭ ކަމަށްވަނީވިއްޔާ، މީހުން ބައިތިއްބައިގެން އަޑުއަހައިގެން އަޅުގަނޑަށް އޭގެ ބްރީފް ލިބޭތޯ އަޅުގަނޑު ބަލަން. ދެން އެނގިވަޑައިގަންނަވާނެ، މީގެކުރީގައި އަޅުގަނޑަކީ ވަރަށް ބޮޑަށް ބޭރުތެރޭގައި އުޅުނު މީހެއް. އެހެން ނަމަވެސް، މިހާރު އަޅުގަނޑަކަށް އެ ގުޅުމެއް، ރައްޔިތުންނާ އެގޮތަކަށެއް ނުބޭއްވޭ. ދެން އެހެން ނަމަވެސް، މިހާރު ރާއްޖޭގައި މި ސިޔާސީ ޕާޓީ ޙަރަކާތްތެރިވާން ފެށީމާ، ބިނާކުރެވުނީމާ، ޕާޓީތައް މެދުވެރިވެގެން ރައްޔިތުންގެ ވިސްނުމާއި، ރައްޔިތުންގެ ފިކުރާއި އިޙްސާސް އަޅުގަނޑުމެންނާ ހަމައަށް ފޯރާނެ އުޞޫލުތައް ހުރޭ. ހަމައެއާއެކީގައި، އަޅުގަނޑު މަސައްކަތް ކުރަން އަބަދުވެސް ރައްޔިތުންގެ ޚިޔާލު ހޯދުން އެކިއެކި ބާވަތުގެ ޚިޔާލު ހޯދުމުގެ ވޯޓް ނަގައިގެން، ޕޯލް ނަގައިގެންވެސް އަޅުގަނޑުމެން ބަލަން. ކިހިނެއްތޯ، ވަކިކަމަކާ ގުޅޭގޮތުން ރައްޔިތުން އެދެނީ. ދެން އަޅުގަނޑު އަބަދުވެސް ހަމަ ޓެސްޓް ކުރަން އިނގޭތޯ.
މަސްޢޫދު ޙިލްމީ:
ދެން ކިހާވަރަކަށްތޯ މި ފީޑް ބެކަށް މަނިކުފާނު ކަންތައްތައް ނިންމެވުމުގައި ބައްލަވަނީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
މީގައި ދެކަމެއް މިއޮންނަނީ އިނގޭތޯ. ލީޑަރޝިޕްގައި އަޅުގަނޑަށް ވިސްނޭ ވިސްނުމުގައި، ބައެއް ކަންތައްތައް ހުންނާނެ މިހާރު ރައްޔިތުން ހަމަ ބޭނުންވަނީ އެކަން. މިސާލަކަށް، ރަށެއްގެ ދަރަޖައަށް ބަލައިފިއްޔާ، ވަކިކަމަކާ ގުޅިގެން ވަރަށްބޮޑު ޖޯޝަކާއި ޖަޒްބާތެއް އުފެދިފައި އޮވެދާނެ އެއަރޕޯޓަކަށް ނުވަތަ ބަނދަރެއްގެ ފައިކަށްޓަކަށް ނުވަތަ ރަށުގެ މެދުގައި ހުރި ވަޅަކަށް. ދެން ހަމަ އެރަށު ރައްޔިތުން ހަމަ އެނޫން ކަމެއް މިސާލަކަށް ބޭނުންނުވެ ތިބޭ ކަމަށް ހަމަ އަޑުއުފުލަމުން ގެންދަވާފާނެ. ދެން އެކަމަކު ހަމަ ބުއްދިން ވިސްނީމާ، އަޅުގަނޑުމެންނަށް އެބަ އެނގޭ ރަނގަޅު ތެދެއް. ރައްޔިތުން އެ ފާހަކުރާ ކަންތައް އަޅުގަނޑުމެންނަށް ސާފު. އެހެން ނަމަވެސް، ޖުމްލަ ބޮޑު މަންޒަރަށް އަޅުގަނޑުމެން ބަލައިލަންއެބަޖެހޭ. އެހެންވީމާ، ރައްޔިތުންގެ އަޑުތައް ވަރަށް ބޮޑަށް އަޅުގަނޑު އަހަމުން ގެންދަނީ. އެބޭފުޅުން އެދޭގޮތަށް، ރައްޔިތުންގެ އިޙްސާސާއި ވިންދާ އެއްގޮތަށް އަޅުގަނޑުމެން ކަންތައް ކުރަމުން ގެންދާނީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ލީޑަރޝިޕް އަބަދުވެސް ފެންނާނެ. އަޅުގަނޑުމެންގެ ފިކުރު އަބަދުވެސް ފެންނާނެ. އަޅުގަނޑުމެންގެ އެބައޮތް މަންޒަރެއް. އަޅުގަނޑުމެންގެ އެބައޮތް ވިސްނުމެއް. އަޅުގަނޑުމެންގެ އެބައޮތް އުންމީދެއް.
މަސްޢޫދު ޙިލްމީ:
އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، އިދިކޮޅު ފަރާތްތަކުން ބުނަމުން އެބަ ގެންދޭ. މަނިކުފާނުގެ ސަރުކާރަށް އަހަރުވެގެންދިޔައިރު ކެމްޕޭނުގެ ތެރޭގައި ވިދާޅުވި ބައެއް ކަންތައްތަކާ މަނިކުފާނު ޚިލާފުވެވަޑައިގަންނަވަމުންދާ ކަމަށް. މިސާލަކަށް، ކެމްޕޭނުގެ ތެރޭގައި މަނިކުފާނު ވިދާޅުވެފައިވޭ. ކަރަންޓް ޚިދްމަތުގެ އަގު ބޮޑުވެގެން ނުދާނެއޭ. އެހެން ނަމަވެސް، މިވަނީ އަގުބޮޑުވެގެން ގޮސްފައި. އެ މަންޒަރު އެބަފެނޭ. އޭގެއިތުރުން، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ގެއްލިގެން ނުދާނެ ކަމަށް މަނިކުފާނު ވިދާޅުވި. އެހެން ނަމަވެސް، އެހެނެއް ނޫން ފެނިގެން މިދަނީކީ. ކީކޭތޯ ވިދާޅުވާނީ މިކަމާ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު އެންމެ ފުރަތަމައިނުންވެސް ހަމަ އެއްބަސްވާނަން. މިސާލަކަށް، ކަރަންޓްގެ އަގު ބޮޑުކުރާން ޖެހުނު ޖެހުން އެއީ ވަރަށް ދެރަ ކަމެއް. އެހެން ނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭނެ، އެއްވެސް ކަމަކީ، އޭގައި ދެކޮޅުނުޖެހޭ އުޞޫލެއްގައި ހިންގަ ހިންގާ ބެހެއްޓޭނެ ކަމެއް ނޫން. ދެން ކަރަންޓްގެ އަގު ބޮޑުކުރާއިރުގައި، ވަކި ޚާއްޞަ ޕްރޮގްރާމެއް އަޅުގަނޑުމެން އެބަ ހިންގަމު. އެއީ، އާމްދަނީ މަދު ޢާއިލާތަކަށް އެހީތެރިވެދިނުމަށް. އެހެންވީމާ، އޭގެތެރެއިން ކަރަންޓްގެ ފީ ދެއްކުމަށް އުނދަގޫވާ ޢާއިލާތަކަށް ސަރުކާރުން ހަމަ މުޅި ޖުމްލަ އަގު ދައްކައިދޭނެ. ދެން ކަރަންޓްގެ އަގު ބޮޑުކުރުމާ ގުޅޭގޮތުން އަޅުގަނޑު ދައްކާފައި ހުރި ވާހަކަ ތިޔަބޭފުޅުން އަޑުއައްސަވައިފިއްޔާ ސާފުވާނެ. އޭގައި އަޅުގަނޑުމެން މި އަމާޒު މިކުރަނީ، ޑައިރެކްޓް ސަބްސިޑީއަށޭ ނުވަތަ ސަރުކާރަކުންނެއް ސަބްސިޑައިޒް ކުރާކަށެއް ޤަޞްދެއް ނުކުރަމޭ ކުންފުނިތަކެއް. އެހެން ނަމަވެސް، ސަރުކާރުން އެހީތެރިވެދިނުމަށް އެބަ އެދެމޭ، ޢާންމު ރައްޔިތުންނަށް. އެހެންވީމާ، ކަރަންޓް ބިލް ނުދެއްކޭ ފަރާތްތަކަށް، އެބޭފުޅުންނަށް އެވަރު ބުރައެއް އުފުލާކަށް ސަރުކާރަކުން ނުޖައްސާނެއޭ. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ކުރަމުން އެބަ ގެންދެވޭ.
މަސްޢޫދު ޙިލްމީ:
އަޅުގަނޑުމެންނަށް އެކަމަކު ކެމްޕޭނު ތެރޭގައި މަނިކުފާނު ވިދާޅުވި ބަސްފުޅަށް ރިޢާޔަތްކޮށްލާއިރުގައި އެހެންނެއް ނޫން މިއޮތީކީއެއް. އަޅުގަނޑުމެންނަށް ދެންނެވި ޢިބާރާތުން އަޅުގަނޑު ދަންނަވާލާނަން.
[އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުންނަށް މުހިންމު 5 ކަމެއްގެ ޔަޤީންކަން އަޅުގަނޑުމެން ބޭނުން. އޭގެތެރޭގައި ކަރަންޓް ޔުނިޓެއްގެ އަގު މިހާރު މިއޮތް ވަރަށްވުރެ މައްޗަށް ނުދާނެކަމަށް ވިދާޅުވެފައިވޭ. ހުރިހާ ރައްޔިތުންނަށް އިޝާރާތް ކުރައްވައި އެހެން ވިދާޅުވެފައިވަނީ.]
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު ދަންނަވައިފިން. އަޅުގަނޑުމެންނަށް ކަރަންޓްގެ ކަންތަކުގައި އަގު، ކުރީގައި ހުރިވަރަށް ގެނެވެން އޮތީ، މިހާރު މިހުރި ސްޓެލްކޯ، އަޅުގަނޑުމެންގެ މާލޭގައި ހުރި މައިގަނޑު ކަރަންޓް ކުންފުނި އެއީ. ވިޔަފާރީގެ އުޞޫލުން ފެން ހިފެހެއްޓޭ ކުންފުންޏަކަށް އަޅުގަނޑުމެން ސްޓްރަކްޗަރ ކުރީމަ، އޭގެތެރެއަށް އަޅުގަނޑުމެންނަށް ލިބުނީ ފަލްކަން އެނަރޖީ އާއި ޖެނެރަލް އިލެކްޓްރިކްސްއިން ދެބައިމީހުން އެކުގައި ހަދައިގެން އައި ކޮންސޯޓިއުމެއްގެ ތެރެއިން 200 މިލިއަން ޑޮލަރު، ސްޓެލްކޯގެ އެކިއެކި ކަންކަމަށް ޚަރަދު ކުރަން. އިންވެސްޓް ކުރުމަށް. އޭގެދަށުން އަޅުގަނޑުމެންނަށް އެކަން ކުރެވުނީމަ، އަނެއްކާވެސް 15 ސެންޓަށް ކަރަންޓްގެ އަގު ތިރިވެގެންދާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މި ވަގުތީ ބަދަލެއް ގެންނާން ޖެހިގެން މިއުޅެނީ. އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެން. މިވަގުތު ކަރަންޓްގެ އަގު އެގޮތަށް އަޅުގަނޑުމެން ބޮޑުކުރާން ޖެހުނީތީވެ.
މަސްޢޫދު ޙިލްމީ:
ތި ވިދާޅުވި ބަދަލަށް ކިހާ މުއްދަތެއް ނަގާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު ހަމަ އުންމީދު މިކުރަނީ ވީހާވެސް އަވަހަކަށް. އެއީ، ގާފަރުގައި މިހެދޭ ވިންޑް ފާރމް. އަދި ގާފަރުގައި ވިންޑްފާމެއް ހެދުމާ އެކީގައި ގޭސް ޓަރބައިންއެއްވެސް އެބަ ބެހެއްޓޭ. ބެހެއްޓިގެން ގާފަރުން ފެށިގެން މާލެއާ ހަމައަށް މުޅި އަތޮޅުގެ އެކީގައި ކަރަންޓް ނަރު އެޅެން އެބައޮތް. މި ޕްރޮގްރާމް ތެރޭގައި އެޅޭ. ދެން މީގައި މިވާގޮތަކީ މިފަދަ ބޮޑު ފައިދާއަކާ، ދެން އަޅުގަނޑުމެންނަށް އެހެން ކަންކަމާ އެޅުވީމާ، އަޅުގަނޑު އެހިނދުގައި ނަގަންޖެހޭ ޑިސިޝަނެއް ނުވަތަ ނިންމަންޖެހޭ ނިންމުމެއް މިއޮންނަނީ. އަޅުގަނޑުގެ ނަޒަރުގައި މިހާބޮޑު ޕްރޮގްރާމެއް އަޅުގަނޑުމެންނަށް ލިބެން އޮތް ކަމެއްގައި ނަގާލުން އެއީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑު މި އުންމީދު ކުރަނީ، މިއަހަރު ތެރޭގައި ނުވަތަ މިއަންނަ އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ގާފަރުގެ މަސައްކަތުން ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދެވޭނެ ކަމަށް.
މަސްޢޫދު ޙިލްމީ:
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ދެން އަޅުގަނޑުމެންނަށް ފެނިގެންދިޔަ. ވަޒީފާ ގެއްލިގެން ނުދާނެ ކަމަށްވެސް މަނިކުފާނު އެބައޮތް އިޝާރާތް ކުރައްވާފައި. އެކަމަކު އެހެންނެއް ނޫން އަޅުގަނޑުމެންނަށް މަންޒަރު މިހާރު މިފެންނަނީކީއެއް.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑުމެން މިމަސައްކަތް ކުރަމުން މިދަނީ އިނގޭތޯ. ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ގުޅޭގޮތުން ތަކުރާރުކޮށް އަޅުގަނޑުމެން ކުޑަ ސަރުކާރެއް ހަދާނެ ވާހަކަ. ތަކުރާރުކޮށް އަޅުގަނޑުމެން ފާހަގަކުރަމުން އައިސްފައި އޮންނާނީ. ދެން ބޭފުޅެއްގެ ވަޒީފާ، ކަމަކާނުލާ ގެއްލިގެންނުދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެން އަބަދުވެސް އަރުވަން. އަބަދުވެސް. މިއަދުވެސް، މާދަންވެސް، ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެން އަރުވާނަން. އެހެން ނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ވިސްނަން އެބަޖެހޭ، މި ރާއްޖޭގެ އިޤްތިޞާދާއި، ރާއްޖޭގެ މާލިއްޔަތު އެންމެ ރަނގަޅަށް ހިންގެން އޮތް ހަމަތަކަކީ، ގޮތްތަކަކީ ކޮބައިތޯ؟ ޤައުމެއް ތަރައްޤީވެދިއުމަށް އެޤައުމެއްގެ ޢާންމު ޙާލަތު ރަނގަޅު ކުރުމަށް ކަންކަން ބަހައްޓާނީ ކޮން މަގަކުންތޯ؟ އަޅުގަނޑުމެންނަށް މިހާރު މިގެނެވުނު ސްޓްރަކްޗަރަލް ބަދަލުތަކާ ގުޅިގެން އަޅުގަނޑު ވަރަށް އުފާވޭ މިކަންވެސް ފާހަގަކުރަން އިނގޭތޯ. ވާރލްޑް ބޭންކުގެ ޕްރެޒިޑެންޓް އަޅުގަނޑު ގާތުގައި ވިދާޅުވި. އެބޭފުޅާ އެދެމޭ ދިވެހިރާއްޖޭގެ ފަރާތުން ޚާއްޞަކޮށް ފިނޭންސްގެ ފަރާތުން އެހެން ކުދި ޤައުމުތައް ރީސްޓްރަކްޗަރވުމުގައި ލަފާދިނުމުގެ ޕެނަލްގައި ތިއްބެވުމަށް. އެހެންވީމާ، އަޅުގަނޑުމެންނަށް މި ރީސްޓްރަކްޗަރ ކުރެވިގެންމިދާ ގޮތް އެއީ، ގޯސް ގޮތެއް ކަމަކަށް އަޅުގަނޑެއް ނުދެކެން.
މަސްޢޫދު ޙިލްމީ:
މަނިކުފާނު ވިދާޅުވެއްޖެ. އެއްވެސް ސަބަބަކާ ނުލާ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ވަކިވެގެން ނުދާނެއޭ. ދެން މަގާމުތައް އުވާލައިގެން މިވަކިވާ ބޭފުޅުން، އެއީ ކޮން ސަބަބަކާހުރެތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އެއީ އެމަގާމު ބޭނުންނުވަނީ ދޮގެއްތޯ؟ މިހާރު އެއްވެސް ސަބަބަކާނުލާ ސީދާ ސިޔާސީ ބޭނުމެއްގައި ވަކިބޭފުޅަކުވެގެން، މިވެނި ކަމެއްވެގެން، އެހެންވެގެން މީހަކު ވަކިކުރުން އެއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުންވާނެ ކަމެއް ނޫން. ކުޑަކޮށްވެސް އަޅުގަނޑު އެދޭނެ ކަމެއް ނޫން. އަދި އެގޮތަށް މަގާމު އުވާލެވިގެން، އެ މަގާމު ބޭނުންނުވާތީ، މިސާލަކަށް، މުޢާވިނެއްގެ މަގާމު، މުރީދެއްގެ މަގާމު، މުރްޝިދެއްގެ މަގާމު، ދެން މިހެންގޮސް ސޫފީ މަދަރުސާއެއްގައި ހުރި ހުރިހާ މަގާމުތައް. ޚަލީފާއެއްގެ މަގާމު. މިބާވަތުގެ މަގާމުތަކުން ކޮންކަހަލަ ވަޒީފާ ބަޔާނެއްތޯ އެކުލަވާލާނީ އޮޅިފައި މިއޮންނަނީ. ދެން ބައެއް ބާވަތުގެ މަގާމުތަކުގެ ވަޒީފާ ބަޔާނެއް ނުވެސްނެތް. ދެން ބައެއް ބާވަތުގެ މަގާމުތަކުގައި، އެ މަގާމާ ގުޅިގެން ހިންގަންވީ މަސައްކަތަކީ ކޮބައިކަންވެސް އެއްގޮތަކަށްވެސް ސާފުވާކަށެއްވެސް ނެތް. އެހެންވީމާ، އެބަދަލު އަޅުގަނޑުމެން ގެންނާނު. ގެންނައިރުގައިވެސް އަޅުގަނޑެއް އަދި ސަރުކާރުގެ އެއްވެސް ބޭފުޅަކު އެދިވަޑައެއްނުގަންނަވާނެ، ސިވިލް ސަރވިސްގެ އެއްވެސް ބޭފުޅަކަށް ދެރައެއްވާކަށް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ހުރިހާ ގޮތަކުން އެބޭފުޅުންގެ ކަންކަން ބަލައިދޭނެ. އަދި އެއޮންނަ ޕެކޭޖެއްގެ ދަށުން ސަލާމަތްކޮށްދޭނަން.
މަސްޢޫދު ޙިލްމީ:
އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ވާހަކައާއި، މުވައްޒަފުން މަދުކުރުމުގެ ވާހަކަ، ވަރަށް ހޫނުވެގެންދިޔަ ވާހަކައެއް. ދެން އަޅުގަނޑުމެންނަށް ފެނުނީ ކޮންމެވެސް ވަރަކަށް، މި މުސާރަ ކުޑަކުރި މަންޒަރުވެސް ފެނުނު. އެހެން ނަމަވެސް، މިހާރު އަޅުގަނޑުމެންނަށް ފެންނަނީ، މީގެ ހަމަ ދާދި މިދާކަށްދުވަހު ސިވިލް ސަރވިސް ކޮމިޝަނުން ސަރކިއުލަރއެއް ނެރެފައި މިވަނީ. ސިވިލް ސަރވިސް ކޮމިޝަނުން މުވައްޒަފުންގެ މުސާރަ މިއަދު ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އިހުހުރި ޙާލަތަށް ގެނެވޭނެ ކަމަށް. މިއީ ސަރުކާރާ މަޝްވަރާ ކުރުމެއްނެތި ކުރައްވާފައިވާ ކަމެއް ކަމަށް އިއްޔެ އަޅުގަނޑުމެންނަށް ފިނޭންސް މިނިސްޓްރީން އެބައޮތް މަޢްލޫމާތު ދެއްވާފައި. ކިހިނެއްތޯ ސަރުކާރުން މިކަމާ ޢަމަލު ކުރައްވާނީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ހަމަ ވަރަށް ރަނގަޅަށް ތިޔަ ވިދާޅުވީ. އެއީ މިނިސްޓްރީ އޮފް ފިނޭންސްއާއި ސިވިލް ސަރވިސްއާ ދެމެދު ވެފައި އޮތް އެއްބަސްވުމެއް، އެގްރީމެންޓެއް ވެވިގެން ހިންގަމުން އަންނަ ޕްރޮގްރާމެއް. ދެން ހަމަ އޭގެއިތުރުން އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހުން ބަޖެޓާ އެކުގައި އެ ޕްރޮގްރާމްގެ ކަންތައް ގެންދާނެގޮތް ވަރަށް ރަނގަޅަށް ސާފުކޮށް އެއޮތީ ފާސްކޮށްދެއްވާފައި. އެހެންވީމާ، އެހަމަތަކުގެ ތެރެއިން އަޅުގަނޑު ހިތުން އެކަން ހިނގަމުންދާނީ. އެއީ، މިނިސްޓްރީ އޮފް ފިނޭންސާއި ސިވިލް ސަރވިސް ކޮމިޝަނާ ދެފަރާތުން މަޝްވަރާ ކުރެވިގެން، އެދެފަރާތް އެއްބަސްވާ ގޮތަކަށް ހިންގާ ޕްރޮގްރާމެއް.
މަސްޢޫދު ޙިލްމީ:
ފާހަގަކުރައްވާފައި އެބައޮތޭ މި ސަރކިއުލަރ ނެރެފައި މިއޮތީ ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށް. އެހެން ވެއްޖެނަމަ، ސަރުކާރުން ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
މިދަންނަވާހެން އެއީ، މިނިސްޓްރީ އޮފް ފިނޭންސާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވެފައި އޮތް އެއްބަސްވުމެއް. ދެން އެއީ ކޮންޓްރެކްޓެއް. ސޮއިކުރެވިފައި އޮތް އެއްބަސްވުމެއް. އެ އެއްބަސްވުމުގެ ފަރާތުން އެއްފަރާތުން އެކަނި، ކަމެއް އެހެން ކުރިއަށް ގެންދެވުން އަޅުގަނޑަކަށް ހިއެއްނުވޭ. އަދި ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުން އެބައޮތް ވަކިން ޚާއްޞަ ޙާލަތުތަކެއް، ގޮތްތަކެއް މުސާރަ އިހުހުރި މަގަށް ގެނެސްދެވޭނެ. އަލުން އަނބުރާ ކުރީގެ މުސާރައަށް އާދެވޭނެ. މިހާރު އަޅުގަނޑު ދަންނަވަންތޯ، މި ވެގެންމިދާ ގޮތެއް. 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން މުސާރަތައް އެއްހަމަކުރީ. މަގާމުތައް އެއްހަމަކުރީ. އެއްހަމަކުރިއިރުގައި، ބައެއް ބޭފުޅުންގެ މުސާރަ، ވަރަށްބޮޑުތަނުން ބޮޑުވެގެންދިޔަ. ދެން އެ ބޮޑުވެގެންދިޔަ ދިޔުމާއި، ދެން އޭގެފަހުން އަނެއްކާވެސް މިދިޔަ 3 މަސް ދުވަހުގެ ތެރޭގައި، ސަރުކާރުން މިވަނީ ބައެއް މުސާރަތައް ޑެފިސިޓް ބޮޑުވަމުންދާ ކަމުގެ ސަބަބުން ބައެއް މުސާރަތައް ކުޑަކުރެވިފައި. ދެން ކުޑަކުރެވުނީމަވެސް 2009ގެ ފެބްރުއަރީގެ ކުރީގައި ހުރި ހިސާބަށް އަދިވެސް ގިނަ މުސާރަ ކުޑަނުވޭ އިނގޭތޯ. އެހެންވީމާ، ޙަޤީޤަތުގައި ސިވިލް ސަރވިސްގެ ބޭފުޅުންނަށް އެހާބޮޑު ތަނަކުން މުސާރަ އަނެއްހެން ކުޑަވެގެންދިޔަ ކަމަށް އަދި މިއުޅެނީ އަޅުގަނޑަށް އެނގިފައި އޮތް މިންވަރަށް ބަލާއިރުގައި ސާފުނުވެގެން. ދެން އެ ޙާލަތުން އަނެއްކާވެސް 2009ގެ ފެބްރުއަރީގެ ހިސާބަށް ގެނެސްދިނުމަށް މިއޮންނަނީ ފިނޭންސާއި ސިވިލް ސަރވިސްއާ އެއްބަސްވުމެއް އައިއްސަ. ދެން އެ އެއްބަސްވުން މިހާރު މިވަނީ ރައްޔިތުންގެ މަޖިލީހުންވެސް އޭގެ މައްޗަށް ބަލައި ބަޖެޓް ފާސްކޮށްފައި.
މަސްޢޫދު ޙިލްމީ:
އަޅުގަނޑު ފާހަގަކޮށްލަން. އެކަމަކު އެބައޮތޭ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރެއްވިއިރު ވިދާޅުވި. އޭރުގައި ހުރި މުސާރައިން ކުޑަ މިންވަރެއްވެސް މަދުވެގެން ނުދާނެ ކަމުގައި.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު މި ފާހަގަކުރީ އެވާހަކައޭ. ނޮވެމްބަރު 2008 ގައި ހުރި މުސާރައިން އެއަށް ކުޑަ މިންވަރެއްވެސް އަދިވެސް ކުޑަނުވާ ކަމަށޭ.
މަސްޢޫދު ޙިލްމީ:
އަޅުގަނޑު ދެން ޕްރޮގްރާމާއިގެން ކުރިއަށްދާނީ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލުމަށްފަހު.
މަސްޢޫދު ޙިލްމީ:
އަނެއްކާވެސް [ވަން ޓު ވަން] އަޑުއައްސަވަމުން އަދި ބައްލަވަމުން ގެންދަވާ އެންމެހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވަން. އަޅުގަނޑުމެން ދެންމެ ހަމަ ދަންނަވާލީ، ސިވިލް ސަރވިސް މުވައްޒަފުންގެ މިވާހަކަ. ދެން އަޅުގަނޑު ހިތުން މިހާރު ޤައުމުގައި ފުދޭވަރަކަށް ބޮޑުވެފައި އޮތް ވާހަކައެއް. ދެން ހަމަ ކުޑަ ވާހަކައެއް އަޅުގަނޑުމެންގެ ޤައުމުގައި މިހާރު ނެތް. ހައްތަހާވެސް ސިޔާސީ ވާހަކައެއް ވެއްޖިއްޔާ ވަރަށްބޮޑުކޮށް އަޅުގަނޑުމެންނަށް ނަޝީދު މިފެންނަނީ. މަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތަކުގައި ވަޢުދުވެވަޑައިގެންފައިވޭ ދައުރުގެ މެދުން އިންތިޚާބެއް ބާއްވާނެ ކަމަށް. ކިހިނެއްތޯ އެ ވަޢުދު ފުއްދަވާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު ވަރަށް ސާފުކޮށް އެދުވަހު ދެންނެވިން. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅާވެސް އޭގެ ޓެކްސްޓްވެސް ގެންގުޅުއްވާނެކަން އިނގޭތޯ. ދެން އެ ޓެކްސްޓާ ގުޅޭގޮތުން އަޅުގަނޑު ދަންނަވާނެ ވާހަކައަކީ، ތަޤްރީރެއްގައި ކުރިއާއި އެބުނި ތަންކޮޅާ އެ ފާހަގަކުރައްވާ ތަންކޮޅާއި އަދި ފަހަތާވެސް އޮންނާނެ. މުޅި ތަޤްރީރުވެސް އޮންނާނެ އިނގޭތޯ. އަޅުގަނޑު އަބަދުވެސް ފާހަގަކުރަމުން އައީ ރާއްޖޭގެ ސިޔާސީ މަސްރަޙް ސާފުކޮށް އަޅުގަނޑުމެންނަށް އަބަދުވެސް އެނގެންޖެހޭނެއޭ. އެ މަސްރަޙް އެ އޮތްގޮތަކާ އިދިކޮޅަށް ޚިލާފަށް، އެއަށް ހުރަސްއަޅާ ގޮތަކަށް ސިޔާސީ އެއްވެސް ޙަރަކާތެއް ހިންގައިގެން ނުވާނެއޭ. އެނގިވަޑައިގަންނަވާނެ، އޭރުގައި ވަމުންދިޔަ ގޮތަކީ، ފުރަތަމަ ބުރު ނިމި، ދެވަނަ ބުރަށް އަޅުގަނޑުމެންދިޔައިރުގައި އަޅުގަނޑުމެންގެ ތެރެއިންނާއި އަދި އެކިއެކި ފަރާތްތަކުން ވަރަށް ބޮޑަށް ބާރުއަޅަމުން އައީ، ދެވަނަ ބުރަށް ނުކުންނައިރުގައި ހުރިހާ ލީޑަރުން އެކީގައި ތިބުމަށް. ދެން ބައެއް ލީޑަރުން ތިއްބެވި. އަނެއްބައި ބޭފުޅުން އަނެއްހެނެއް ނުއެއް ތިއްބަވާ. އެއްވެސް ޝަރްޠަކާނުލާ ބައެއް ބޭފުޅުން އަޅުގަނޑުމެންނާ ބައިވެރިވާ ކަމަށް ވިދާޅުވެ ބައިވެރިވީ. އަނެއްބައި ބޭފުޅުން ވަރަށް ރަނގަޅު. ޝަރްޠުތަކެއް ހަމަ ކަނޑައެޅިގެން ފާހަގަކުރައްވާފައި، އެކަން މިހެންނޭ އެހެންނޭ އެހެންނޭ އެހެންނޭ. ކޮންޓްރެކްޓްގެ އުޞޫލުން އަނެއްބައިބޭފުޅުން ކަންތައްތައް އަނެއްހެން ކުރައްވަން ބޭނުންވެލެއްވީ. އަޅުގަނޑުމެންނަށް ފުރަތަމަ ފެނުނީ ރިޔާސީ އިންތިޚާބުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރާއްޖޭގެ ސިޔާސީ މަސްރަޙް ވަޒަން ކުރަން. އޭގައި ހުރިހާ ސިޔާސީ ޕާޓީތަކަކުން ވަކިން ވާދަކުރި. ވާދަކުރިއިރުގައި ބައްލަވާ މި މިޑްޓަރމް އިންތިޚާބަކަށް ވަކާލާތު ކުރައްވާ ބޭފުޅުންނަށް އެންމެ ދެގޮނޑި ލިބުނީ. އޭގެތެރެއިން އެ ދެގޮނޑިއާ ގުޅޭގޮތުންވެސް އެއީ، ކިހާވަރަކަށް އެ ޕާޓީގެ ދެގޮނޑިތޯ ދެން އަޅުގަނޑުމެންނަށް ސުވާލު ކުރެވިދާނެ.
މަސްޢޫދު ޙިލްމީ:
ދެން އަޅުގަނޑުމެންނަކަށް ނޭނގެ ކޮންބައެއްކަމެއް ވަކާލާތު ކުރެއްވީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ރާއްޖޭގެ ސިޔާސީ މަސްރަޙް މީގެ 6 މަސްދުވަސް ކުރީގައިވެސް ބެލިއްޖެއޭ. ބެލުނުއިރުގައި ހަމަ އެމް.ޑީ.ޕީ.އަށް ހުރި ތާއީދާއި، އަދި މި ސަރުކާރު ފުރަތަމަ ފަށައިގަނެވުނުއިރު އެކުލަވާލެވުނުގޮތާ އެއްވެސް ތަފާތެއްނެތޭ. ޢާންމު ވޯޓުގެ ތެރެއިން ގިނަ ވޯޓް ލިބުނީ އެމް.ޑީ.ޕީއަށޭ.
މަސްޢޫދު ޙިލްމީ:
އެކަމަކު މަނިކުފާނު ވިދާޅުވެފައިވޭ ނޫންތޯ ދައުރުގެ މެދުން އިންތިޚާބެއް ބާއްވާނެ ކަމަށް. ވަޢުދުވެފައެއް ނޫންތޯ އޮތީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
މިހާރު އަނެއްކާ އަނެއް ކަމަކީ ވަޢުދާ ގުޅޭގޮތުން އެއީ ކޯއްޗެއްތޯވެސް ސާފުވާން އެބަޖެހޭ އިނގޭތޯ. މިހާރު އަޅުގަނޑުގެ ތަޤްރީރެއްގައި އަޅުގަނޑު ދެންނެވީމޭ އަޅުގަނޑު މިދަންނަވަނީ. ރާއްޖޭގެ ސިޔާސީ މަސްރަޙް އަބަދުވެސް މިނެންޖެހޭނެއޭ. ސިޔާސީ މަސްރަޙް މިނާގޮތަކީ އިންތިޚާބަކުންނޭ. ދެން ތިޔަބޭފުޅާގެ އަތުގައި އޮންނާނެ، ސީދާ އަޅުގަނޑު ބުނި ބަސްތައް. ވިދާޅުވެއްޖިއްޔާ ފަސޭހަވާނެ. އޭގެ ކުރި، އެކަމަކު ތިޔަބޭފުޅާ އަތުގައި ނެތުނީމާ، އެ ސީދާ ބަސްތަކުން އަޅުގަނޑުމެންނަށް އެއްޗެއް ނެރެން އުނދަގޫވަނީ.
މަސްޢޫދު ޙިލްމީ:
އެރޭގައި އަޅުގަނޑުމެންނަށް މި ފާހަގަކުރެވުނީ، އައްޑޫގައި ވާހަކަފުޅު ދައްކަވަމުން މަނިކުފާނު އެހެން ވިދާޅުވި. ހަމަ ވިދާޅުވި، ވަރަށް ސާފު ޢިބާރާތުން ރިޔާސީ އިންތިޚާބު މެދުތެރެއިން އިތުރު ރިޔާސީ އިންތިޚާބެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އެނގިވަޑައިގަންނަވާނެ، މިހާރު އަޅުގަނޑު ދެންނެވި ވާހަކައަކީ، ހަމަ މައިގަނޑު އަޅުގަނޑު ދެންނެވި ވާހަކައަކީ އެއީ. މި މަސްރަޙް، ސިޔާސީ މަސްރަޙް އަޅުގަނޑުމެންނަށް ސާފުވާނެ. ދެން އިތުރު ރިޔާސީ އިންތިޚާބެއް ކިހިނެއްތޯ އަޅުގަނޑު ފޯރުކޮށްދޭނީ. އެއީ އަޅުގަނޑު ކުރާ ކަމެއް ނޫނޭ އިނގޭތޯ.
މަސްޢޫދު ޙިލްމީ:
ދެން މަނިކުފާނު އެހެން ވިދާޅުވީމަ.......
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު އަބަދުވެސް އަބަދުވެސް ފާހަގަކުރަމުން މިއަންނަ އެއްޗަކީ، ރާއްޖޭގެ ސިޔާސީ މަސްރަޙް ވަރަށް ރީތިކޮށް އަޅުގަނޑުމެން އެންމެންނަށްވެސް ވަޒަން ކުރެވެން ޖެހޭނެއޭ. އެ މަސްރަޙްގެ ތެރޭގައޭ އަޅުގަނޑުމެން ޙަރަކާތްތެރިވަމުންދާން ޖެހޭނީ.
މަސްޢޫދު ޙިލްމީ:
ދެން އަޅުގަނޑު ދެންނެވީ އެހެން ރައީސް ވިދާޅުވިއިރުގައި އެނގިވަޑައިނުގަންނަވާތޯއޭ ރިޔާސީ އިންތިޚާބު މަނިކުފާނު..............
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ތިޔަބޭފުޅުން ފާހަގަކުރައްވަނީ އަޅުގަނޑު ކީކޭ ބުނި ކަމަށްތޯ؟
މަސްޢޫދު ޙިލްމީ:
މީގައި މިއޮންނަނީ އަޅުގަނޑުމެންނަށް ހަމަ އެރޭގައި ޖަލްސާގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ، [އަޅުގަނޑު މިރޭ ތިޔަބޭފުޅުންނަށް ދަންނަވަން. ޚާއްޞަކޮށް، އައްޑުއަތޮޅު ރައްޔިތުންނަށް. ދަންނަވަން އޮތް ވާހަކައަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ދައުރުގެ މެދުން ތިޔަބޭފުޅުންނަށް ރިޔާސީ އިންތިޚާބެއް ފޯރުކޮށްދޭނަމޭ. އަޅުގަނޑެއް ނުވާނެއޭ ތިޔަބޭފުޅުން އުންމީދުކުރާ ސިޔާސީ ލީޑަރުންގެ ވެރިކަމުގެ އުންމީދަށް ހުރަސްއަޅާ މީހަކަށް. އަޅުގަނޑެއް ބޭނުމެއްނެތޭ.“
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އާދެ! އެހެންވީމާ، ވަރަށް ސާފެއް ނޫންތޯ. އަޅުގަނޑެއް ބޭނުމެއްނެތޭ އައްޑުއަތޮޅުގެ ރައްޔިތުންގެ ވިސްނުމާއި ފިކުރާ ޚިލާފަށް، އެބޭފުޅުން ފުރަތަމަ ބުރުގައި، އައްޑުއަތޮޅު ރައްޔިތުން ފުރަތަމަ ބުރުގައި ވޯޓް ދެއްވިއިރުގައި، ރާއްޖޭގެ އާބާދީގެ ވަރަށްބޮޑު ބައެއް ވޯޓް ދެއްވިއިރުގައި، އަޅުގަނޑަކަށް އެބޭފުޅުން އަޣްލަބިއްޔަތެއް ނުދެއްވާ. މާލޭގައި ފުރަތަމަ ބުރުގައިވެސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ވޯޓެއް ލިބިގެންދިޔައީ. ދެން އެހެންވީމާ، އަޅުގަނޑަށް ފާހަގަކުރަންޖެހުނު، އަޅުގަނޑަށް ސާފުކުރަންޖެހުނު. އެބޭފުޅުން އެދިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ؟ އަޅުގަނޑަށް އެބަ ސާފުވާންޖެހޭ. ދެން އަޅުގަނޑަށް މިވީގޮތަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑުއަތޮޅު ރައްޔިތުން ބޭނުންވެލައްވާ ގޮތް އަޅުގަނޑަށް ވަރަށް ބޮޑަށް ސާފުވެއްޖެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކަން ސާފުވެގެންދިޔައީ. އަދި އޭގެފަހުން އިރާދަކުރެއްވިއްޔާ، އަދިވެސް ހަމަ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް މި މެދު އިމްތިޙާނުގެ ކުރީގައި ލޯކަލް ގަވަރންމަންޓް، ރަށްވެހި ނުވަތަ ލާމަރްކަޒީ އުޞޫލުން ރަށްތައް ހިންގުމުގެ އިންތިޚާބު އެބައާދޭ. އިރާދަކުރެއްވިއްޔާ، އެ އިންތިޚާބުގެ ތެރޭގައި އަނެއްކާވެސް ރައްޔިތުންގެ ވިސްނުން ހުރިގޮތް ރައްޔިތުންނަށް ސާފުވެގެންދާނެ.
މަސްޢޫދު ޙިލްމީ:
އެހެންވީމާ ތިޔަ ވިދާޅުވަނީ، ރިޔާސީ އިންތިޚާބެއް ދައުރުގެ މެދުން ދެން ނުފެންނާނެއޭތޯއޭ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑަށް ހީވަނީ މި އިންތިޚާބަކީ ކޮބައިކަން އަޅުގަނޑު މި ވާހަކަ ދައްކާ ބަހުން. ދެން ހަމަ ޚާއްޞަކޮށް އަޅުގަނޑު އެދެން ބައްލަވާލެއްވުމަށް މުޅި ތަޤްރީރަށް. އެ ތަޤްރީރުން އެއްކަލަ ބައެއްފަހަރަށް އާޔަތް ކިޔުއްވާއިރުގައިވެސް، އާޔަތުގެ އެއްތަންކޮޅު ކިޔުއްވާފައި އަނެއް ތަންކޮޅު ނުކިޔުއްވީމާ ވަރަށް ގޯސްކޮށްހުރޭ. އެހެންވީމާ، މުޅި ތަޤްރީރެއްގެ ތެރޭގައި އޮތް ދެބަހެއް ނަންގަވާފައި، ތަކުރާރުކޮށް އެބަސް ސްޕިން ކުރެއްވިޔަސްވެސް، ހަމަ އޭގައި އޮންނާނެ އިނގޭތޯ އިތުރު ޙަޤީޤަތްތަކެއްވެސް.
މަސްޢޫދު ޙިލްމީ:
ދެން އެހެންނަމަވެސް، މިކަމާ ގުޅިގެން، އެ ތަޤްރީރުގައި މިކަމާ ވާހަކަ ދައްކަވާފައި ހުރީ މިބައިގައި އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ނޫން. ދެން އަޅުގަނޑުމެން ދެމީހުންނަކަށް މިކަމުގެ ބަޙުޘަކަށް ނުދެވޭ. އަޅުގަނޑެއް އަދި އެއްގޮތަކަށްވެސް ތިޔަބޭފުޅާއާ މިކަމުގެ ބަޙުޘް ކުރާކަށްވެސް އަޅުގަނޑެއް ނޭދެން. އަދި ޖަދަލުކުރާކަށްވެސް ނޭދެން. ދެން މީގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވެގެން މިއުޅެނީ، އެރޭގެ އަޅުގަނޑުގެ ނުކުތާއަކީ، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ ކެކުޅުންތަކާއި އިޙްސާސްތައް ދެނެނުގަނެ، ރައްޔިތުން ނޭދޭ ގޮތަކަށް އެއްވެސް ބަޔަކު އެއްވެސް އިރެއްގައި ވެރިކަން ކޮށްގެން ނުވާނެއޭ. ދެން އަޅުގަނޑަށް އައްޑުއަތޮޅުގެ ރައްޔިތުން އޭރުގައި ފިކުރު ހުރިކަމަށް އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ސާފުވޭ. އެބޭފުޅުން އެންމެ އެދޭ ބޭފުޅަކީ ކޮބައިކަން، ރާއްޖޭގެ ވެރިކަން ކުރަން އޭރުގައި. ދެން އެކަން އެގޮތަށް އިރާދަނުކުރެއްވީމަ، އެކަން އެގޮތަށް އެފަހަރު ވެގެން ނުދިޔައީމާ، ދެން އަޅުގަނޑުމެންނަށް ހެދެން އޮތީ ކިހިނެއްތޯ؟ އަޅުގަނޑު އެކަމާ ގުޅިގެން އެބޭފުޅުންނަށް ވަރަށް ސާފުކޮށް ދެންނެވިން. މިހެން މިހެންނޭ ދެން އަޅުގަނޑުމެންނަށް ހެދެން އޮންނާނީ. އަބަދުވެސް އަޅުގަނޑުމެން ބަލަމުންނޭ ދާނީ.
މަސްޢޫދު ޙިލްމީ:
ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ބައެއް ރަސްމިއްޔާތުތަކުގައި ތަންކޮޅެއް އާދައިގެ ބަހުރުވައިން ވާހަކަފުޅު ދައްކަވާތަން. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، މަނިކުފާނުގެ ހައިބަތު ކޮންމެވެސް ވަރަކަށް ކުޑަވެގެންދެއޭ، އެފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވީމާ. ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ދެން އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ ދޮގެއްތޯ ހުރިހާ ވައްތަރެއްގެ ރައްޔިތުން. ބައެއް ރައްޔިތުންނަށް އާދައިގެ ބަހުން ވާހަކަ ދެއްކީމަ ސާފުވަނީ. އަނެއްބައި ރައްޔިތުންނަށް އެބަހުން ދެއްކީމަ އުނދަގޫވަނީ. ދެން އަޅުގަނޑަށްވެސް އެނގޭ، ތި ބަޙުޘްގެ ތެރެއަށް އަޅުގަނޑުމެންނަށް ދާންޖެހޭކަން. އަޅުގަނޑު ހިތަށް އަރަނީ، ދެން މީގައި އަޅުގަނޑުމެންނަށް ރަނގަޅު ވަޒަނެއް ހޯދަން ހަމަ ވަރަށް ދަތި ކަމެކޭ ތިއީ ދެން. އަޅުގަނޑު އަނެއްހެން ދަންނަވާއިރުގައި، ތިޔަބޭފުޅާގެ ވިސްނުމަށްވެސް މިކަން ދޫކޮށްލަން ހަމަ ރަނގަޅު. ކޮބައިތޯ ރައްޔިތުން ސީދާ ބޭނުންވާ ގޮތަކީ. ކިހިނެއްތޯ ނުވަތަ އަޅުގަނޑުމެންނަށް ވިސްނުނީ، ޤަދަރާއި، ޢިއްޒަތާއި، ހައިބަތާއި، ޝެހެންޝާހާއި، ކަރާމަތާއި، ލައްޒަތާ، ދެން މިހުރިހާ ކަމެއްގެ ދުއްޔެއްގެ ތެރޭގައި ދިވެހި ވެރިކަން ވަރަށްފަހާ ޖެހެންދެންވެސް ތަގުޅިވެފައި އޮތީ. ހައްޔަރުވެފައި އޮތީ. ރައްޔިތުންނާ އެ ވެރިކަމާ ވަރަށް ދުރުގައި އޮތީ. ތިޔަބޭފުޅުން ތިޔަ ފާހަގަކުރައްވަނީ، މިއަދަކީ ރައްޔިތުންނާއެކީގައި ވެރިއަކު ސީދާ ރައްޔިތުންގެ ސުވާލަށް ޖަވާބުދިނުމަށް ލައިވް ޕްރޮގްރާމަކަށް އަންނަ ދުވަހޭ. ދެން މިހުރިހާ ކަމެއް، ކަންތައްތަކެއް މިހެން ބަދަލުވަމުންދާއިރުގައި، އެހުރިހާ ބަޙުޘެއްވެސް ހުންނާނެ. އަދި އެ ބަޙުޘްތަކުގައި އަޅުގަނޑުމެން ބައިވެރިވެސްވާންޖެހޭނެ. އަދި ހުރިހާ ބޭފުޅުންގެ ފިކުރަށާއި ޚިޔާލަށް އިޙްތިރާމްވެސް އަޅުގަނޑުމެން ކުރަންޖެހޭނެ.
މަސްޢޫދު ޙިލްމީ:
ދެން ހަމަ އަޅުގަނޑު ކުރިންވެސް ދަންނަވާލިން. އެސް.އެމް.އެސް.އިން ވަރަށްގިނަ ސުވާލުތައް އަޅުގަނޑުމެންނަށް ލިބިފައިވާ ވާހަކަ. ދެން އޭގެތެރެއިން އެސް.އެމް.އެސް ސުވާލެއް އަޅުގަނޑު ދަންނަވާލާނަން. [ރައީސް ނަޝީދަށް ސަޕޯޓް ނެތް ރަށްރަށަށް ވަޑައިނުގަންނަވަނީ ކީއްވެތޯ؟] އެސް.އެމް.އެސް. އިން އަޅުގަނޑުމެންނަށް ލިބިފައި އޮތް ސުވާލެއް މިއީ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު ކޮންރަށަކަށްބާ ނުދިޔައީ؟
މަސްޢޫދު ޙިލްމީ:
އެހުންތެރިއަކު އަޅުގަނޑުމެންނަށް ފޮނުވާފައި އޮތް ސުވާލެއް މިއީ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އެބޭފުޅާ ކައިރީގައި އައްސަވާލައްވަންވީނު، ފުރަތަމަ އަޅުގަނޑު ކޮންރަށަކަށްބާއޭ ނުދިޔައީ، އަޅުގަނޑުމެންނަށް ސަޕޯޓް ނެތް ރަށްތަކުގެ ތެރެއިން. މިސާލަކަށް، ފުނަދުއަށް އެއީ އަޅުގަނޑު އެންމެ ފުރަތަމަދިޔަ އެއްރަށް އިނގޭތޯ. ށ. އަތޮޅު ފުނަދޫ. އެއީ އަޅުގަނޑު އެންމެ ފުރަތަމަދިޔަ އެއްރަށް. ދެން އަޅުގަނޑު ރަށްރަށަށް ދަނީކީއެއް އަޅުގަނޑަށް އޮތް ސަޕޯޓެއް، ނެތް ސަޕޯޓެއް ބަލައިގެނެއް ނޫން. އެއިރެއްގައި ސަރުކާރުން ހިންގަންހުރި މަޝްރޫޢުތަކަކާއި އަދި އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުގެ ލޮލުން ދެކެންޖެހޭ ކަންތައްތަކެއް ހުރި ކަމަށް އަޅުގަނޑަށް ބެލެވިގެން، އެކަންކަން ބަލައިލުމަށް. މިސާލަކަށް، އަޅުގަނޑު ހަމަ އެދެން، ރަށެއްގައި ނަރުދަމައެއް ހަދަމުންދާއިރުގައި، އެކަންވަނީ ކިހިނެއްތޯ އަދި ގާތުން އަޅުގަނޑު އަޑުއަހާލަން ބޭނުން. ރަށުތެރެއިން މިހާރު މިސާލަކަށް އިހަކަށްދުވަހަކު އަޅުގަނޑު ދިއްދުއަށްދިޔަތަނާ ދިއްދޫ ރައްޔިތަކު އައިސް ބުނެފި އަޅުގަނޑު ކައިރީގައި އިނގޭތޯ، ތިމަންނަ ގެއަކަށް ނަރުދަމާގެ ހޮޅީ ކޮޅެއް ނުގުޅައޭ. ގުޅައިފިއްޔާ އެމް.ޑީ.ޕީ ފޯމްގައި ތިމަންނަ ސޮއިކުރާނަމޭ. ދެން އަޅުގަނޑު ދަންނަވައިފިން. سبحان الله ތިހެން ނުބުނުއްވައްޗޭ. އަޅުގަނޑުމެން އެއްގޮތަކަށްވެސް މިއީކީ ޕާޓީއަކާ ގުޅޭ ކަމެއް ނޫނޭ. އެހެންވީމާ، އަޅުގަނޑު ބޭނުން ސީދާސީދާ މިވާހަކަތައް ރައްޔިތުންގެ ކިބައިން އަޑުއަހަން. އެހެންވީމާ، އެހެންވެގެން އަޅުގަނޑު ރަށްރަށަށް ދަތުރުކުރަނީ.
މަސްޢޫދު ޙިލްމީ:
ނަޝީދު، އަޅުގަނޑުމެންގެ ފުރަތަމަ ބައިވެރިޔާއާ ގުޅާލެވިފައޭ މިހިރީ. ރައްޔިތުންގެ ތެރެއިން ބޭފުޅެއް. ރަޝީދާ، ސ. ފޭދޫން ގުޅާލެވިފައި ހުރި ބޭފުޅެއް. ކޮބައިތޯ ނަޝީދު އަރިހުން ކޮށްލާ ސުވާލަކީ. އެންމެ ސުވާލެއް އިނގޭތޯ.
ރަޝީދާ ސ. ފޭދޫ:
ބޭނުންވަނީ މިހާރު ސްކޫލަށްދާ ކުދިން، ކުޑަކުދިން. އަހަރެންގެވެސް 5 އަހަރުގެ ކުއްޖަކު ސްކޫލުން ސަސްޕެންޑް ކޮށްފައި ހުރީމާ، އެކަމާ ބެހޭގޮތުން ކިހިނެއްވެގެންތޯ އެކުއްޖާ ސަސްޕެންޑްކޮށްފައި ޓެސްޓާ ބައިވެރިނުކުރެވޭ ގޮތަށް ހުރީ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ވަރަށް ބޮޑަށް ޝުކުރިއްޔާ ރަޝީދާ އިނގޭތޯ. އަޅުގަނޑު ހަމަ މާދަމާ ތިކަން ބަލައިދޭނަން. [ފަޅޯމާގެ] ދޮގެއްތޯ ރަޝީދާ. އަޅުގަނޑު ހަމަ އިރާދަކުރެއްވިއްޔާ މާދަމާ ތިކަން ބަލައިދޭނަން. 5 އަހަރުގެ ކުއްޖެއް ސަސްޕެންޑް ކުރެވިފައި ހުރީ ކިހިނެއްވެގެންތޯ؟ ދެން އަޅުގަނޑު ޑޮކްޓަރ ލުޠުފީގެ އަރިހުގައި، ހަމަ ސަރުކާރު ހުޅުވޭތަނުންވެސް ބަލައިދޭނަން. އަދި އޭގެއިތުރަށްވެސް އަޅުގަނޑު ތިކަން ރަޝީދާއަށްވޭތޯ ބަލައިދޭނަން. ކިހިނެއް ކިހިނެއް ހިނގާފައި އޮތް ކަމެއްތޯ. ދެން އަޅުގަނޑު އުންމީދު ކުރަން، ރަޝީދާއަށާއި އަދި ފޭދޫ ހުރިހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، ރަޝީދާއަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދެން އަނެއްހެން ވަރަށް ގިނައިން ދެވިފައިވާނެ ފޭދުއަށް. އަދި ވަރަށް ރަށްޓެހިންވެސް ގިނަވާނެ. ދެން ފޭދޫ ރައްޔިތުންގެ އެންމެބޮޑު މައްސަލައަކަށް މިވަގުތު އޮތް ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ، 1. މަދިރި. ދެން ހަމަ އޭގެއިތުރުން އަޅުގަނޑު ދަންނަވާނީ، އެބޭފުޅުންގެ ނަރުދަމާގެ މައްސަލަތަކެއް އަޅުގަނޑުމެން އެބަޖެހެއޭ، ސަރުކާރުން އެބަޖެހޭ ހަމަ ވީހާވެސް އަވަހަކަށް ފުރިހަމަކުރަން. އަދި ފޭދޫގެ ބޯހިޔާވަހިކަމުގެ ކަންތައްވެސް އަޅުގަނޑުމެން ވީހާވެސް އަވަހަކަށް ފުރިހަމަކުރަންޖެހޭ. އިރާދަކުރެއްވިއްޔާ، ފޭދޫގެ ބަނދަރާއި، އަދި ފޭދުއަށް ދަތުރުފަތުރު ކުރުމުގެ ނިޒާމުން އެ ލިބޭ ފަސޭހަކަމާ އެކީގައި އަޅުގަނޑު ދެކޭނީ 2010 ވެގެންދާނީ، ރަޝީދާއަށް އެކަންޏެއް ނޫން އަދި ފޭދުއަށް އެކަންޏެއްވެސް ނޫން، އިރާދަކުރެއްވިއްޔާ، މުޅި އައްޑުއަތޮޅަށާއި ރާއްޖެއަށް ފާގަތި ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ އަހަރެއް ކަމަށް.
މަސްޢޫދު ޙިލްމީ:
އަޅުގަނޑުމެންނަށް އަނެއްކާވެސް އިތުރު ބައިވެރިއަކާ ގުޅާލެވިފައި މިހިރީ. އިޙްސާން. ކޮބައިތޯ ރައީސާ އަމާޒުކޮށްލާ ސުވާލަކީ؟
އިޙްސާން:
އެންމެ ސުވާލެއްތޯ ކުރެވެނީ. އާ އަހަރުގެ ތަހުނިޔާ ހަމަ ވަރަށް ވަރަށް ޚާއްޞަކޮށް ދަންނަވަން އިނގޭތޯ. އަޅުގަނޑުގެ ސުވާލަކީ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގއަކީ، ސަރުކާރުގެ 65 ޕަސެންޓް ޙިއްޞާވާ ކުންފުންޏަކަށްވާހިނދު، އެކުންފުނިން އެތަނުގައި މަސައްކަތްކުރާ މަދު ދިވެހިންނާ ދޭތެރޭގައި ވަރަށް އިހާނެތިކޮށް ކަންތައްތައް ކުރަމުން ގެންދާއިރުގައި، އެކަންތައްތަކަކީ މަނިކުފާނަށް އެނގިލައްވާ ކަންތައްތަކެއްތޯއޭ؟ އެނގިނުލައްވާނަމަ އެކަންތައްތައް ހޯއްދަވަން މަނިއްޕުޅު ކުރެއްވީ ކޮންކޮން ކަންތައްތަކެއްތޯއޭ؟ އެނގިލައްވާނަމަ، އެކަމަށް ހެޔޮ ބަދަލެއް މިހާތަނަށް ނައިސް އޮތީ ކީއްވެގެންތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އިޙްސާން ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑަށް އެނގިފައި އޮތީ. އެއީ، މީގެ ގާތްގަނޑަކަށް ދެމަހެއްހާ ދުވަހުގެ ކުރީގައި، ތިންމަހެއްހާ ދުވަހުގެ ކުރީގައި އިޙްސާން، ތީގެ ޝަކުވާތައް އަޅުގަނޑަށް ލިބިފައި އޮތީ އިނގޭތޯ. މިހާރު ސަރުކާރު ޙިއްޞާވާ ކުންފުނިތައް ހިނގާގޮތަކީ، މިނިސްޓްރީ އޮފް ފިނޭންސް އެއީ، މައިގަނޑު ގޮތެއްގައި ޙިއްޞާ ބަލަހައްޓަވާ ބަޔަކީ. ދެން އަޅުގަނޑުމެން މި ސަރުކާރުން މިވަނީ އެކުންފުންޏަށް ބޯޑް ޑައިރެކްޓަރުން ޢައްޔަންކޮށްފައި. ދެން އަޅުގަނޑަށް މިހާރު ޔަޤީނެއް ނޫން މުޅިއަކުންނެއް މިވަގުތު ކޮންބޭފުޅެއް ކަމެއް ބޯޑް ޑައިރެކްޓަރަކަށް ހުންނެވީކީއެއް. ދެން އެކަމަކު އަޅުގަނޑަށް ހީވަނީ ބޯޑް ޑައިރެކްޓަރުންނާއި މިނިސްޓަރ އޮފް ފިނޭންސާ އެކީގައި ތިޔަ މަޝްވަރާތައް އެބަ ހިނގާހެން. ދެން އަޅުގަނޑުމެންނަށް އެމަޝްވަރާތަކަށްފަހު އަޅުގަނޑު މަޑުކޮށްލައިގެން މިހުންނަނީ، ޝަކުވާ ހުންނަ ކަމަށްވަނީވިއްޔާ، ހަމަ އަޅުގަނޑު ވަރަށް ސާފުކޮށް މިދަންނަވަނީ، އަޅުގަނޑުމެން ޖެހޭނީ ބޯޑް ޑައިރެކްޓަރު ބަދަލުކޮށްގެންވެސް ރަނގަޅު ގޮތަކަށް އެކަންކަން ބަދަލުކުރަން. އަދި އެ ޝަކުވާތަކަކީ، ޞައްޙަ ރަނގަޅު ޝަކުވާތައްތޯވެސް އަޅުގަނޑުމެން މިއަންނަނީ ބަލަމުން. އިރާދަކުރެއްވިއްޔާ، އިޙްސާން، އަޅުގަނޑު ދުލެއް ނުކުރާނަން، ރައްޔިތުންނަށް އަދި ޚާއްޞަކޮށް ކުންފުންޏެއްގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންނަށް އެކަށީގެންވާ ރަނގަޅު ގޮތްތައް ނުވާކަމަށްވަނީވިއްޔާ. އަދި ބޯޑުގެ ބޭފުޅުންނަށް ހުރިހާ ފައިދާއެއް، ނުވަތަ ހުރިހާ ރަނގަޅެއް ހިނގަމުންދާ ގޮތަކަށް ކަންކަން އޮތީމަކާއެއް ކަމަކުނުދާނެ. އިޙްސާން، އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތިޔަކަން ބަލައިދޭނަން.
މަސްޢޫދު ޙިލްމީ:
އަނެއްކާވެސް އަޅުގަނޑުމެންގެ ބައިވެރިއަކާ ގުޅިފައި. ކޮބައިތޯ ރައީސާ އަމާޒުކޮށްލާ ސުވާލަކީ.
ޢަލީ ޙަފީޒް:
އަޅުގަނޑު ކުރަން ބޭނުންވާ ސުވާލަކީ މަނިކުފާނު ވެރިކަމަށް އައުމުގެ ކުރިން ތަފާތު ވަޢުދުތަކެއްވަނީ ވެފައޭ. މިގޮތުން އެއްއަހަރުވެ ފާއިތުވެދިޔައިރުގައި ވަޢުދުތައް ކިހާވަރަކަށްވެފައި ވެއްޖެތޯއޭ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ދިއްދޫން ޢަލީ ތިޔަ ގުޅުއްވީވެސް. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އަދި ބޮޑަށް ސާފުވާނެހެން އިނގޭތޯ މި ވަޢުދުތަކާ ގުޅޭގޮތުން. އަޅުގަނޑުމެންގެ ވަޢުދުތަކުގެ ތެރޭގައި، ފުރަތަމަ މިއޮތީ، ޑްރަގަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭތޯ ބެލުން. ދެން އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރު ތެރޭގައި ސަރުކާރަށް ނެގިއްޖެ އިނގޭތޯ، ހިފިއްޖެ، އޭގެކުރީގެ ތިން ހަތަރު އަހަރު ފަސް އަހަރު އެއްކޮށްލީމާ، ޑްރަގް ނުހިފޭ މިންވަރަށް ސަރުކާރުން ޑްރަގް ހިފައިފި. ދެން އަޅުގަނޑަށް ހީވަނީ ބޭފުޅުން ރަނގަޅަށް ވިދާޅުވަންޏާ، މިހާރު ރާއްޖޭގެ ކޮންމެ ރަށެއް ބެއްލެވިނަމަވެސް، ޑްރަގް ގެންގުޅޭ މިންވަރާ، މިކަންކަން އެތައް ތަނަކުން ކުޑަވެގެން، ދަށްވެގެން، މަދުވެގެން ހިނގައްޖެ. ދެން އަޅުގަނޑުމެން މަސައްކަތްކުރާ އަނެއް ވަޢުދަކީ، ބޭސް ސިޓީއަށް ސަލާންޖެހުމަށް އޮތް، ރައްޔިތުންނަށް ބޭސްފަރުވާ ފަސޭހަކަމާ އެކީގައި ކުރެވޭނެ ގޮތްތަކެއް ހޯދައިދިނުން. ދެން އެކަމަށްޓަކައި މިހާރު ސަރުކާރުން އުފައްދާފައި އެވަނީ [މަދަނަ] އިންޝުއަރެންސްގެ އުޞޫލުން އެކަން ކުރުމަށް. އަދިވެސް އެކަމެއް މުޅިއަކުން ފުރިހަމަވެގެނެއް ނުދޭ. އެހެން ނަމަވެސް، އެމަސައްކަތް ހިނގަމުން އެދަނީ. ހަމައެއާއެކީގައި 65 އަހަރުން މަތީގެ ރައްޔިތުންނަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުން އެއީވެސް އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަމެއް. ދެން އެކަންތައްތައްވެސް އިރާދަކުރެއްވިއްޔާ ފުރިހަމައަށް މިހާރުވެގެން އެދަނީ. ދެން މިހާރު މިއޮތީ، ދިއްދުއަށް ބަލައިފިއްޔާ އިނގޭތޯ ބޯހިޔާވަހިކަން. ދިއްދޫ ހިއްކުމުގެ ކަންތައް، އަޅުގަނޑު ހިތުން މިހާރު ދިއްދޫގެ އޮފީހަށާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ސާފުވާނެ. ހިންނަވަރާއި، ތުޅާދުއާއި، ދިއްދުއާއި ވެލިދުއާ، ބިން ބޮޑުކުރުމުގެ މަޝްރޫޢެއް އެބަ ހިންގަން. އޭގެއިތުރުން، ދިއްދޫގައި އަޅުގަނޑުމެން ގެ އެޅުމުގެ ކަންތައްވެސް ހިންގަން. ދެން އަޅުގަނޑު އިހަކަށް ދުވަހަކުވެސް ދިއްދުއަށް ގޮއްސަ މިއައީ އިނގޭތޯ ޢަލީ ޙަފީޒް. އަޅުގަނޑަށް ފެންނަނީ ދިއްދޫ ކަންތައްވެސް އަދި ވަޢުދުތައްވެސް އަޅުގަނޑުމެންނަށް، މި ވަޢުދުތައް ވެފައި މިއޮތީ 5 އަހަރު ދުވަހުގެ ތެރޭގައި ފުއްދުމަށް. އެހެންވީމާ، އެއްއަހަރުވެފައި ބަލައިލިއިރުގައި، އަޅުގަނޑު ހަމަ މިބަލަނީ އަޅުގަނޑުމެންނަށް 65 ޕަސެންޓް ނުވަތަ B ރިޕޯޓެއް ރަނގަޅަށް ލިބިއްޖެ ކަމުގައި އިނގޭތޯ.
ފާޠިމަތު ރާމިޒާ ގ. ނިލީ މާލެ
އަޅުގަނޑު ހަމަ ދަންނަވާލާހިތްވަނީ، އެންމެ ފުރަތަމަވެސް މަނިކުފާނުއޭ، މަނިކުފާނު ގަބޫލު ކުރައްވަންތޯއޭ، އެއްއަހަރު ފާއިތުވެދިޔައިރުގައި، މަނިކުފާނު ވެރިކަމަށް އައީ އަޅުގަނޑުމެންނަށް ހަމަ ވަރަށް ފޮނި ކުލަ ހުވަފެންތަކެއް ދައްކާފައި. އަޅުގަނޑުމެން މަނިކުފާނު ހޮވީ، ހަމަ ކުރިން އުޅުނު ގޮތް ނޫން އެހެން ގޮތަކަށް މި ދިވެހިރާއްޖޭގައި އުޅެން. ދެން މަނިކުފާނު ގަބޫލު ކުރައްވަންތޯއޭ، އަޅުގަނޑުމެން ރައްޔިތުން އެ ދިވެހިރާއްޖެއަށް ގެންގޮސްދެއްވިއްޖެ ކަމަށް. ދެން އެހެން ނޫނިއްޔާ މަނިކުފާނަށް ހަމަ ނުވިކަމަށް ގަބޫލުކޮށްފައި، އިސްތިޢުފާ ދެއްވާނީ ކޮންއިރަކުންތޯއޭ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ފާތުން. ދެން ފާތުންވެސް ވިސްނަވާލައްވައިފިއްޔާ ފާތުންއަށް އެނގިލައްވާނެ. އަޅުގަނޑުމެން މި 5 އަހަރު ދުވަހުގެ ތެރޭގައިކަން ދޮގެއްތޯ މިކަން ހިންގުމަށް މިމަސައްކަތް މިކުރަނީ. ދެން މި 5 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ވެފައިހުރި ކަންތައްތަކަށް ބަލައިލިއިރު، މިހާރު މިސާލަކަށް ގަލޮޅު ނިލި ކައިރިންވެސް 300 މީހުންނަށް ދެހާސްރުފިޔާގެ ޢިނާޔަތެއް ލިބެމުންދާނެ. ޢުމުރުން 65 އަހަރުގެ މީހުންނަށް އިނގޭތޯ. ދެން މުޅި ހުރިހާ ކަމެއް ފާތުން އަޅުގަނޑުމެންނަކަށް ބަދަލެއް ނުކުރެވޭ. އަދި އެހިސާބަކަށް އަޅުގަނޑުމެންނަކަށް ނުވެސްދެވޭ. އެހެން ނަމަވެސް، އަޅުގަނޑު މިދެކެނީ، ހަމަ ވަރަށްގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް އެބަ ކުރެވޭ ކަމަށް. ދެން އެންމެ ބޮޑަށް ބޭސްފަރުވާއާއި ދެން ކަރަންޓް ބިލް ދައްކަން ދަތިވާ ރައްޔިތުންނަށް، އޭގެ އެހީތެރިވެދިނުމާއި، އަޅުގަނޑުމެންނަށް މި ޑްރަގާ ގުޅިގެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމާއި، އަދި މާލޭގެ ބޯހިޔާވަހިކަން ރަނގަޅު ގޮތެއްގައި ގެންދިއުމާ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިހާރު މިފެށޭ 2010 ވަނަ އަހަރުގެ ތެރޭގައި ގަލޮޅުގެ ރައްޔިތުންނަށްވެސް އަދި މާލޭގެ ހުރިހާ ރައްޔިތުންނަށްވެސް، މާލޭގައިވެސް އަޅުގަނޑުމެން އިތުރު ފްލެޓް އަޅައިދޭނަން. އަދި ހުޅުމާލޭގައިވެސް އަޅުގަނޑުމެން އިތުރު ފްލެޓް އަޅައިދޭނަން.
މަސްޢޫދު ޙިލްމީ:
އިބްރާހީމް ވަޙީދާ ގުޅިފައި. އަނެއްކާވެސް އިތުރު ބައިވެރިއެއް. ކޮބައިތޯ އިބްރާހީމް ވަޙީދުގެ ސުވާލަކީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
މަޑުކޮށްލައްވައްޗޭ އިނގޭތޯ، އަޅުގަނޑު ފާތުންއަށް އާ އަހަރުގެ ތަހުނިޔާއާއި މިހެންވެސް ފާތުން އާ އަހަރުގެ އެންމެހާ ތަހުނިޔާ އަޅުގަނޑުގެ ފަރާތުން. ފާތުންނާއި ފާތުންގެ ޢާއިލާގެ އެންމެހާ ބޭފުޅުންނަށް. ދެން އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް އަހަރު ފާތުން ވަރަށް ރަނގަޅު އަހަރަކަށް ވެގެންދާނެ.
އިބްރާހީމް ވަޙީދު:
އަޅުގަނޑު ފުރަތަމަ އާ އަހަރުގެ ހެޔޮއެދުންތައް ރައީސަށާއި އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށާއި ދެން ދި އެފް.އެމް.ގެ ޓީމަށް އިނގޭތޯ އަރިސްކޮށްލަން. ދެން އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ދެންމެ ވިދާޅުވެއްޖެ އިނގޭތޯ. ރާއްޖޭގައި ތާއީދު އޮތަސް ނެތަސް އަޅުގަނޑު ނުދާ ތަނެއް ނޯންނާނެއޭ. ދެން އަޅުގަނޑުގެ ސުވާލަކީ، ށ. ގޮއިދުއަށް ކަނޑިތީމާ ވަރަށް ކައިރި އިނގޭތޯ މިއީ. ދެފަހަރަކު ކެމްޕޭނުގައިވެސް އަދި ވެރިކަން ލިބުނު ފަހުންވެސް އަތުވެއްޖެ. އެކަމަކު އަޅުގަނޑުމެން……
މަސްޢޫދު ޙިލްމީ:
ކޮބާތޯ ސުވާލަކީ؟ ތަންކޮޅެއް ތަފްޞީލުކޮށް….
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ނުދާ ސުވާލު ދޮގެއްތޯ އިބްރާހީމް ވަޙީދު. އަޅުގަނޑު ބުނީ އަޅުގަނޑު ނުދާ ރަށަކީ ކޮބައިތޯއޭ؟ ތެދުފުޅެއް އިބްރާހީމް ވަޙީދު. އަޅުގަނޑަކަށް ގޮއިދުއަކަށް ނުދެވޭ. އިރާދަކުރެއްވިއްޔާ އުތުރަށް އަޅުގަނޑު ދެން އެންމެ އަވަހަށްދާފަހަރެއްގައި، އަޅުގަނޑު ގޮއިދުއަށް ދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނަން. ދެން އަނެއްކާ ގޮއިދުއަށް އަޅުގަނޑުމެންނަށް ކޮށްދެވެން ހުރި ކަމެއް ވެއްޖިއްޔާ، ސަރުކާރުން ކޮށްދިނުމުގައި ކުޑަ ތަންކޮޅެއްވެސް ފަހަތަކަށް ނުޖެހޭނެ އިނގޭތޯ.
ޙަސީނާ މުޙަންމަދު:
އަޅުގަނޑު އެންމެ ފުރަތަމަ، މީލާދީ އާ އަހަރުގެ ތަހުނިޔާ މަނިކުފާނަށް ރައްދު ކުރަން. ދެން އަޅުގަނޑަކީ މިއަތޮޅު ތުލުސްދުއަށް އާބާދީ އެއްފަސް ކުރުމުގެ ދަށުންނާއި، ސުނާމީ ކާރިސާގެ ދަށުން ބަދަލުވެފައި އިން ތަނުގެ މީހެއް. ދެން މަނިކުފާނު އަޅުގަނޑުމެންގެ ދާއިމީ ހިޔާ ދުއްވާލީދޯ. މަނިކުފާނު ވަޑައިގަންނަވާފައި، ހަމަ ސީދާ އަޅުގަނޑުމެންގެ ކައިރީގައި ނަންގަތް، ]ކުރީ ސަރުކާރުންނޭ ތިޔަބޭފުޅުންނަށް ގެ ބިންގާ އަޅައިދިނީވެސް. ދެން އަޅުގަނޑުގެ ސަރުކާރުންނޭ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ގޭގެ ތަޅުދަނޑި ޙަވާލުކުރާނީ.] އެއާއެކު ފަންސާސްހާސް ރުފިޔާ ކޮންމެ ގެއަކަށް ދެއްވާނެ ވާހަކަ. ކޮންމެ ޢާއިލާއަކަށް. އެހެންވީމާ، އެއީ މިވާހަކަ އަޅުގަނޑު ދެންނެވީ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ޙަސީނާ ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ޙަސީނާ ހަމަ އަޅުގަނޑު މި ހިތަށްއަރަނީ، ތި ފަންސާސްހާސް ރުފިޔާގެ ވާހަކަ، އަޅުގަނޑު ހަމަ ޙަސީނާ ކައިރީގައި ތިހެން ބުނެފައި އެބަވޭތޯއޭ؟ އިނގޭތޯ. ހަމަ އިރާދަކުރެއްވިއްޔާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަޅުގަނޑަށް ވެގެން ވެއްޖިއްޔާ، ޙަސީނާ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކޮށްދޭނަން، ޙަސީނާމެނަށް ރިނބުދޫ ހުރިހާ ރައްޔިތުންނަށް، ރިނބުދޫން ތުލުސްދުއަށް ބަދަލުވި ހުރިހާ ރައްޔިތުންނަށް، ރިވެތި ގޮތުގައި ގޭގައި އުޅެވެން ފެށޭނެ ގޮތެއްވޭތޯ. ޙަސީނާ، މި ފަންސާސްހާސް ރުފިޔާގައި ރިނބުދޫ ތުލުސްދޫ ރައްޔިތުން އެކަންޏެއް ނޫން. ހަމަ ތިޔަ މައްސަލަ ހަމަ އެބަ ނުކުމޭ ދުވާފަރަށް ބަދަލުވި ރައްޔިތުންނަށްވެސް. އަދި އެހެން ތަންތަނަށް ބަދަލުވި ރައްޔިތުންނަށްވެސް. މިހާރު ކުރީ ސަރުކާރުން މިވީގޮތަކީ އިނގޭތޯ، އެއީ، ސުނާމީ އެރި ދުވަހުގެ ފަހު ދުވަހު ޖެހިގެން އައި ދުވަހު، ހުޅަނގުގެއާއި ތަރައްޤީވެފައި އޮތް ބައިވަރު ޤައުމުތަކުގެ ރައްޔިތުން މިބުނީ ތިމަންނާމެން ދިވެހިންނަށް، މިވެނި މިވެނި ފައިސާއެއް ދޭނަމޭ މާދަން ބަހައިދޭށޭ. ދެން ޙަސީނާ ވާގޮތަކީ އިނގޭތޯ. ދެން އެފައިސާ ކިހިނެއްތޯ 6 އަހަރު، 7 އަހަރު، 8 އަހަރު ފަހުން ސުނާމީގެ ގެއްލުން ވެފައި ތިބި ބަޔަކަށްދޭ ފައިސާގެ ގޮތުގައި ބަހަން ހަދާނީ. ދެން ޙަސީނާއަށް އެނގިލައްވާނެ ރިނބުދޫގެ މައްސަލަ އަދި. އެހެންވީމާ، މާބޮޑަށް ތާށިވެގެންދަނީ. ރިނބުދުއަކަށް ސުނާމީއަކު ގެއްލުމެއްނުމެވޭ އެހެން ބައެއް ރަށްރަށާ އަޅާބަލާއިރު. އެހެން ނަމަވެސް، ރިނބުދޫ ރައްޔިތުންގެ ދެބައިކުޅަ އެއްބައި ރައްޔިތުން ގެނެސް މިތިބީ ތުލުސްދޫގައި. ދެން އެހެންވީމާ، ޢިމާރާތް ކުރެވިގެން ތުލުސްދޫގައި ގެތައް އެޅިގެން އެދަނީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ، މިހާރު ވަރަށް އުފާވޭ ގެތައް ޢިމާރާތް ކުރެވެމުންދާތީ. އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، މާލަސްތަކެއްނުވެ، ކުރިއަށް އޮތް ތިން ހަތަރު މަހެއްގެ ތެރޭގައި މިގެތައް ނިމޭ ހިސާބަށްދާނެ. ދެން ގެތަކަށް ތިޔަބޭފުޅުން ބަދަލުވެލައްވާއިރުގައި، އަޅުގަނޑުމެންނަށް ސަރުކާރަށް ވެވެން އޮތް އެހީތެރިކަމެއް ޙަސީނާ ވެދޭނަން. އެކަމަކު އަޅުގަނޑު ދަންނަވާނީ، ޙަސީނާއޭ ކުށް ހީއެކޭތީ އަޅުގަނޑު ފަންސާސްހާސް ރުފިޔާގެ ވާހަކަ ބުނި ކަމަށް ހީވެލައްވަންޏާ.
ޙަސްނާ އަޙްމަދު ސ. ފޭދޫ
السّـلام عليـكم. އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑު އެންމެ ފުރަތަމަވެސް މަނިކުފާނަށް އަޅުގަނޑުމެން ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގެންނެވީތީ ޝުކުރު ދަންނަވަން. އެއަށްފަހު މިފެށުނު އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މަނިކުފާނަށާއި ޢާއިލާއަށް އަރިސްކުރަން. އާދެ! އަޅުގަނޑު ދެތިން ސުވާލެއް މަނިކުފާނާ ކޮށްލަން ބޭނުންވޭ.
މަސްޢޫދު ޙިލްމީ:
އެންމެ ސުވާލެއް އިނގޭތޯ ކުރެވޭނީ. ވަރަށް ބައިވަރު ބޭފުޅުން އެބަތިއްބެވި.
ޙަސްނާ އަޙްމަދު ސ. ފޭދޫ:
ވަރަށް ކުރު ސުވާލެއް އިނގޭތޯ. އަޅުގަނޑު ދަންނަވާނީ މި ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ރަސްރަސްކަލުންނާއި ރައީސުންނާ މަނިކުފާނާ އެބޭފުޅުންނާ ވަރަށް ޚާއްޞައޭ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނޭ. އަޅުގަނޑު ދަންނަވާނީ، މަނިކުފާނަކީ މި ދިވެހިރާއްޖޭގެ ވެރިކަމަށް ފިނިފެންމަލެއްގެ ދާނުގައި ވަޑައިގެންނެވި ބޭފުޅެއް ނޫނޭ. އެ ކަށި ކުނބުރުން ބިޔަ ޖަންގަލީގެ ތެރެއިން ލާފައި.....
މަސްޢޫދު ޙިލްމީ:
ކޮބައިތޯ ސުވާލަކީ؟
ޙަސްނާ އަޙްމަދު ސ. ފޭދޫ:
އަޅުގަނޑުގެ ސުވާލަކީ ކުޑަކޮށް ދިގުވެދާނެ އިނގޭތޯ. އެއީ......
މަސްޢޫދު ޙިލްމީ:
ތަންކޮޅެއް ކުރުކޮށް. ވަރަށް ބައިވަރު ބޭފުޅުން އެބަތިއްބެވި އިނގޭތޯ.
ޙަސްނާ އަޙްމަދު ސ. ފޭދޫ:
ވަރަށް ކުރުކޮށްލާނަން. ކަށި ކުނބުރު ކަށްޓެއް ނެހެރޭ އެންމެ ތަންކޮޅެއްވެސް ނެތޭ. އެ ކަށި ކުނބުރު ބިޔަ ޖަންގަލީގެ ތެރެއިން ލާފައި ދިވެހި ރައްޔިތުންނަށްޓަކައި މެނިފެސްޓޯ ހިއްޕަވައިގެން ވަޑައިގެންނެވި ބޭފުޅެކޭ. އެހެންވީމާ މަނިކުފާނު ޚާއްޞަވެވަޑައިގަންނަވަނީ. މަނިކުފާނަކީ 11 ނޮވެމްބަރ 2008ވީ އަންގާރަ ދުވަހު މަނިކުފާނު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެން، މާތްﷲ ގަންދީ ހުވާ ކުރެއްވީ ދިވެހި.....
މަސްޢޫދު ޙިލްމީ:
ޙަސްނާ ކޮބައިތޯ ސުވާލަކީ؟
ޙަސްނާ އަޙްމަދު ސ. ފޭދޫ:
އަޅުގަނޑުގެ ސުވާލަކީ ރައްޔިތުންނަށް ރައްޔިތުންތައް ޤުރްބާނީތަކާއި އިއްތިހާދީ ޕާޓީތަކުގެ މިންނެތް މަސައްކަތުންނޭ، އެހާ ހިސާބުން މަނިކުފާނު ހުވާކުރެއްވި ހިސާބުން އެ ޚުދު މުޚްތާރު ވެރިޔާ ގޮނޑިން ވެއްޓުނީ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ޙަސްނާ އަޅުގަނޑަށް ހީވަނީ އެބޭފުޅުން ޙަސްނާގެ ސުވާލަށް ނުދެވުނީމާ، ދެން ވަގުތުކޮޅު ދިޔައީހެން. ފުރަތަމަ ކަމަކަށް ޙަސްނާއަށާއި އަނެއްކާވެސް ހަމަ ހުރިހާ ބޭފުޅުންނަށް އިނގޭތޯ، އާ އަހަރުގެ ތަހުނިޔާ. ޙަސްނާ އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެންނަށް ވަރަށްދަތި ދުވަސްވަރެއްގައި މި ސަރުކާރު ހިންގުމާ، އަދި ޚާއްޞަކޮށް މިހާ ހުޅުވާލެވިގެން ސަރުކާރު ހިންގަމުންދާ ވަގުތުތަކެއްގައި މިދިމާވީ އިނގޭތޯ. އަޅުގަނޑު ހަމަ ޙަސްނާއަށް ދަންނަވާލަން ބޭނުން، އަޅުގަނޑުގެ ހަނދާނަށް މިހާރު މި ސަރުކާރުގައި އެއްއަހަރު ވެގެންދާއިރުގައި، ދާދި އިހަކަށް ދުވަހަކު އަޅުގަނޑު ސަރުކާރުގެ ތަނަކުން ކީ ސިޓީއެއްގައި އިނގޭތޯ މިއޮންނަނީ، އެއީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް އޭރުގެ ފުލުސްއޮފީހުގެ އޮފިސަރ އިންޗާޖް ފޮނުއްވާފައި އޮތް ސިޓީފުޅެއްގައި މިއޮންނަނީ، ވާހަކަތަކެއް ދައްކަވަމުން އައިސް ވިދާޅުވެފައި މިއޮންނަނީ، [ހެތްކެއް ޤަރީނާއެއް ނެތް ކިތަންމެ ކަމެއްގައި، ސަރުކާރު އެދޭގޮތަށް ރައްޔިތުން ޝަރީޢަތުގެ ކުރިމައްޗަށް ވާނީ ގެނެސްދެވިފައޭ.] ދެން އެއީ އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އޭރުގައި ކަންތައްތައް ހުރި ދޫ މިނަކީ އެއީއޭ. ހެތްކެއް ޤަރީނާއެއް ނެތް އެތައް ބައެއްވެސް ގެންގޮސް ހިފާ ހައްޔަރު ކުރުމަކީވެސް ހަމަ އެއްވެސް ކަމެއް ނޫން. އެހެންވީމާ، ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރެވޭގޮތަށް އޮތީ. ދެން އަޅުގަނޑުމެން މިވަގުތު ސަރުކާރު ހިންގަމުން މިގެންދަނީ ޑިމޮކްރަސީގެ ރޫޙުގައި. އަދި ޝަރީޢަތް އެއީ އޮތް ކަމެއް ކަމަށް ދެކިގެން. ރައްޔިތުންގެ މަޖިލީހަށް އިޙްތިރާމް ކުރަމުން، ބޯލަނބަމުން. މީޑިއާއަށް ވަރަށް ބޮޑަށް ބަލަމުން. ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެވޭތޯ އަބަދުމެ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، ޙަސްނާ ރަނގަޅުވާނެ އިނގޭތޯ.
ޝާހިދު:
އަޅުގަނޑުގެ ސުވާލަކީ މަނިކުފާނު ވަރަށް ހަމަ އަޑަށް ބާރުލައްވާފައި ވިދާޅުވޭ، އޯގާތެރިއޭ އިނގޭތޯ. އެހެން ނަމަވެސް، އަޅުގަނޑަކީ މަނިކުފާނުގެ ސަރުކާރުން ހިންގެވި ވަރަށްބޮޑު ޖަރީމާއެއްގައި އަނިޔާލިބި، މިއަދު ވާހަކައަކީ އަޅުގަނޑަށް މިވަނީ ވާހަކައަކީ ވަރަށްބޮޑު އަނދަވަޅަކަށް ވެއްޓިފައޭ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އެއީ ކޮން އަނދަވަޅެއްތޯ؟ ކޮބައިތޯ އަނދަވަޅަކީ؟
ޝާހިދު:
އަޅުގަނޑުގެ އެއްފައި ބިނދިފައި އިނގޭތޯ. ސުވާލަކީ ވާހަކައަކީ މަނިކުފާނު އޯގާތެރިއޭ ދެން ނުބުނުއްވައްޗޭ. ޙަޤީޤަތުގައި ވާހަކައަކީ މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެކޭ......
މަސްޢޫދު ޙިލްމީ:
ކޮބައިތޯ ސުވާލަކީ؟
ޝާހިދު:
ސުވާލަކީ މަނިކުފާނު ވިދާޅުވީ މަނިކުފާނުގެ ސަރުކާރުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނޯންނާނެއޭ. އެކަމަކު 20 ޖުލައި 2009 ދުވަހުގެރޭ ހިންގި ރައްޔިތަކަށް އަނިޔާ ދިނުމުގެ ގޮތުން ހިންގި ޖަރީމާއެކޭ އަޅުގަނޑަށް މިފަދަ އަނިޔާއެއް ލިބުނީ. އެހެންވީމާ، މިކަމާ ޒިންމާވެވަޑައެއްނުގަންނަވާނަންތޯއޭ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ނޫން. އަޅުގަނޑު ހަމަ ތިޔަކަން މާދަމާ އިރާދަކުރެއްވިއްޔާ ބަލާނަން. ޝާހިދަށް އަނިޔާވެފައި އޮތީ ކިހިނެއްތޯ؟ އަޅުގަނޑަށް އެބައޮތް ޝާހިދުގެ އެޑްރެހާ އެއްޗެހިވެސް. މައްޗަންގޮޅީ ނެވަރ. އަޅުގަނޑު ވަރަށް ބޮޑަށް ޝާހިދު އިނގޭތޯ ބަލާނަން. އަޅުގަނޑެއް ބޭނުމެއް ނުވާނެ ޝާހިދަށް ކުޑަވެސް އަނިޔާއެއްވާކަށް. އެހެންވީމާ، އަޅުގަނޑު ތިޔަކަން ހަމަ ފުރިހަމައަށް ބަލާނަން.
ޢަލީ ޙަސަން މއ. ފިއްލަދޫގެ
އަޅުގަނޑުގެ ސުވާލަކީ އިނގޭތޯ. އަންނިއަށް މަރްޙަބާ ފުރަތަމަވެސް އިނގޭތޯ މި އާ އަހަރުގެ. އޭގެއިތުރުން އިނގޭތޯ. މި އަންނި ހަމަ އުންމީދުކުރިވަރުގެ ހަމަ ކާމިޔާބެއްތޯއޭ ތިޔަ ލިބުނީ ރައީސް މައުމޫނާ ވާދަކުރައްވައިގެން. އަންނި ހަމަ ހިތުން ރުހުމުން ހަމަ ގަބޫލުކުރި ކާމިޔާބެއްތޯއޭ. ނޫނިއްޔާ އެވަރުގެ ހިތްހަމަޖެހުން ލިބުނު ކާމިޔާބެއްތޯއޭ ތިއީ ހަމަ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ޢަލީ ޙަސަން އިނގޭތޯ. މީގައި އަޅުގަނޑު އަބަދުވެސް ހިތަށް އަރަމުން އައީ، ދިވެހިންނަށް މިނިވަން ވޯޓެއްލާން ފުރްޞަތެއް ލިބިއްޖިއްޔާ، އޭގައި ރަނގަޅު ނަތީޖާއެއް ނުކުންނާނެއޭ. ދެން އެހެން ނަމަވެސް، އަޅުގަނޑުމެން އުންމީދުކުރިވަރުގެ، މިހާރު 54 އެންމެފަހުން އައިސް ދެން އަޅުގަނޑުމެންގެ މިހާރު މިތިބީ ދެން. އޭރުގައި އޮތީ. ދެން އަޅުގަނޑަށް ހީވަނީ މިހާރު ގާތްގަނޑަކަށް 61، 62 ގައިހެން މިތިބެނީ ސަރުކާރުގެ ރުހުން އޮތް މިންވަރު. ދެން އަޅުގަނޑުމެން އަބަދުވެސް ބަލައިލަ ބަލައިލަ މިތިބެނީ. ދެން އިރާދަކުރައްވައިގެން، މި މިންވަރު ގޯހެއް ނޫން އިނގޭތޯ ޢަލީ ޙަސަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަދި ކުރިއަށް އޮތް ތަނުގައި ކިތަންމެ ތަނެއް ރަނގަޅު ކުރެވޭނެ. ދެން އަޅުގަނޑު ޢަލީ ޙަސަނަށާއި، ޢާއިލާއަށާއި، ގޭ އެންމެންނަށް އާ އަހަރުގެ، ހިޖުރީ އާ އަހަރާއި، މީލާދީ އާ އަހަރުގެ އެންމެހާ ހެޔޮއެދުންތައް ރައްދުކުރަން.
މަސްޢޫދު ޙިލްމީ:
އަޅުގަނޑު ހިތުން ވަރަށްގިނަ ރައްޔިތުންގެ ސުވާލުތަކެއް އަޅުގަނޑުމެންނަށް އަޑުއިވިގެން މިދިޔައީ އެހެން ނޫންތޯ. ދެން އަޅުގަނޑުގެ ސުވާލަކަށްވެސް ހަމަ...... އިތުރު ބައިވެރިއަކާ ގުޅާލެވިފައި މިހިރީ. އަޙްމަދު. ސްރީލަންކާއިން ގުޅާލެވިފައި ހުރި ބޭފުޅެއް އިނގޭތޯ.
އަޙްމަދު - ސްރީލަންކާ:
ނަޝީދު ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ގޯހެއް ނޫން އިނގޭތޯ. السّـلام عليـكم.
އަޙްމަދު – ސްރީލަންކާ:
وعليـكم السّـلام. އަޅުގަނޑުގެ ސުވާލަކީ، ކުރީގެ ތަޙްޤީޤުތަކާއި މިހާރުގެ ތަޙްޤީޤުތަކާ އަޅާކިޔާއިރު، ތިޔަބުނި ސިޓީއާ ތަންކޮޅެއް ޑީޓެއިލްކޮށް އެވާހަކަ ދައްކާލެވިދާނެތޯއޭ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
މި ޕްރޮގްރާމް ހަމަޖެހިފައި މިއޮތީ ތިޔަބޭފުޅުން ކުރައްވާ ސުވާލުތަކަށް އަޅުގަނޑު ޖަވާބު ދިނުމަށް. ދެން އަޅުގަނޑު ހަމައެކަނި މިސާލެއްގެ ގޮތުގައި ފާހަގަކޮށްލީ އިނގޭތޯ. އެއީ ދެން ހަމަ އަޅުގަނޑު ދެންނެވީ، ހެތްކެއް ޤަރީނާއެއްނެތި އެތައް ބައެއް ޝަރީޢަތުގެ ކުރިމައްޗަށް ޙާޒިރު ކުރުމުގެ ކަންތައްތައް ސަރުކާރަށް އޮންނާނީ ފަހިކޮށްދެއްވާފައި ކަމަށް. އެހެންވީމާ، އޭރުގެ އޮފިސަރ އިންޗާޖް، ޕޮލިސް ހެޑްކްއާރޓަރޒް 1992 ވަނަ އަހަރުއޭ އަޅުގަނޑު ހަނދާންވަނީ. ލިޔުއްވާފައި އޮތް ލިޔުމެއްގެ ވާހަކަ އަޅުގަނޑު ފާހަގަކޮށްލީ. ދެން އަނެއްހެން އަޙްމަދު ދަންނަވަންތޯ، އަޅުގަނޑަށް ހަމަ ނުފެނޭ، އެކަންކަމުގެ ތެރެއަށް ވެއްޓި އަޅުގަނޑުމެން މާޒީފަހާ ދުވާކަށް. އަޅުގަނޑުމެންގެ މުސްތަޤްބަލް އެއަށްވުރެ މާ އުޖާލާ. އެއަށްވުރެ މާ ފާގަތިވާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަމަ މިއެދޭ [އަނެއް ދިވެހިރާއްޖެ] އަޅުގަނޑުމެންނަށް ލިބޭނެ. އަޅުގަނޑު އެކަމަކާ އެއްވެސް ޙާލެއްގައި ޝައްކެއް ނުކުރަން. އަޅުގަނޑުމެން ތިބެންވީ، ހަމަ އަޅުގަނޑު ދަންނަވާނީ، ކާމިޔާބުގައި ހިތްތިރިކޮށްގެން އަޅުގަނޑުމެން ކުރިއަށް ދާންވީއޭ.
މަސްޢޫދު ޙިލްމީ:
ކުޑަވަގުތުކޮޅަކަށް ޕްރޮގްރާމް މެދުކަނޑާލާނަން.
މަސްޢޫދު ޙިލްމީ:
ޕްރޮގްރާމް އަޑުއައްސަވަމުން ގެންދަވާ އަދި ބައްލަވަމުން ގެންދަވާ އެންމެހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވަން. އަޅުގަނޑު ހަމަ ބައެއް ސުވާލުތައް އަނެއްކާވެސް ނަޝީދަށް އަރިސްކޮށްލާނަން. އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި، ރ. އަލިފުށީގައި ދެއްކެވި ވާހަކަފުޅެއްގައި، އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ. އިދިކޮޅު ޕާޓީގެ މެންބަރަކު އުނދަގޫކުރީމާ، މަނިކުފާނުގެ ނުލަފާކަން ރީތިކޮށް ފެނިގެންދާނެ ކަމަށް ވިދާޅުވި. އެއީ ކޮން ގޮތަކަށް މާނަކުރައްވާފައި ވިދާޅުވި ބަސްފުޅެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ދެން އިނގޭތޯ. އެއްގޮތަކަށްވެސް އެހެން އިދިކޮޅު ފަރާތެއް.....މިވީގޮތަކީ އަލިފުށީގައި އަޅުގަނޑުމެން ވާހަކަ ދައްކައި ނިމިގެން ދެން އަޅުގަނޑު އެދުނީ، އަލިފުށީގެ ހުރިހާ އިދިކޮޅު ފަރާތްތައް ކައިރީގައި، އަޅުގަނޑުމެން އެންމެން އެކީގައި ވާހަކަ ދައްކާލަން ވަށައިގެން ތިބެ ވާހަކަ ދައްކާލަން އަންނާށޭ. ދެން އޭގެތެރެއިން ބޭފުޅަކު އަހާ ސުވާލަކީ އިނގޭތޯ އަޅުގަނޑު ކައިރީގައި. ދެން މީހަކު ނުލަފާވެގެންގޮސް ނަޝީދާ ދިމާއަށް، ދެން އަޅުގަނޑަށް ހީވަނީ އެސުވާލު މިއަހަނީ އަޅުގަނޑުމެންނަށް ތާއީދުކުރާ ރައްޔިތެއްހެން. ނުލަފާވެގެން ގޮސް އަޅުގަނޑާ ދިމާއަށް، ރައީސާ ދިމާއަށް މީހަކު އައިސް، މިހެން ހަދާ، އެހެން ހަދާ މިވެނި ކަމެއްކޮށް، އެވެނިކަމެއްކޮށް ހަދައިފިއްޔާ، ކިހިނެއްހެއްޔޭ ދެން އޭގައި ހަދާނީ؟ ދެން އަޅުގަނޑު އެވަގުތު އޭނާ ކައިރީގައި ބުނިން. ދެން ވާނެގޮތަކީ، އަޅުގަނޑަށް އެ އަންނަ ގޮތަކަށް އަޅުގަނޑުވެސް އަޅުގަނޑުގެ ދިފާޢުގައި ކުރަންހުރި ކަމެއް ކުރާނެއޭ. ދެން އަޅުގަނޑު އެއްވެސް ޙާލެއްގައި އަޅުގަނޑުގެ ނުލަފާކަމެއް، އަދި އޭގެފަހުން އަލިފުށީ ރައްޔިތުންނަށްވެސް ވަރަށް ސާފުކޮށް އެނގޭނެ، އެއްއަހަރުވެގެން މިދިޔައީ. އަޅުގަނޑުގެ ނުލަފާކަމެއް މީހަކަށް އަޅުގަނޑެއް ދައްކާފައެއް ނޯންނާނެ. ދެން އަޅުގަނޑު ލަފާ މިންވަރާއި ނުލަފާ މިންވަރާ އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންނަށް މިހާރު ވަރަށްބޮޑަށް ސާފުވާނެ. ދެން އަޅުގަނޑު ދަންނަވާނީ، އެބަސްތަކުން ނުބައި މާނައެއް ނެންގެވުނުނަމަ، ނުވަތަ އަޅުގަނޑަށް އެފަދަ މާނައެއް ދޭހަވާ ގޮތަކަށް އަޅުގަނޑަށް އެބަސްތައް ބުނެވިފައި އޮތީތީވެ، އަޅުގަނޑު އަލިފުށީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެމޭ.
މަސްޢޫދު ޙިލްމީ:
އަނެއްކާވެސް އިތުރު ސުވާލެއް އަޅުގަނޑުމެން ހަމަ ދަންނަވާލަން. މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވިދާޅުވެފައި އޮތް. ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަކީ ގުޅުން ބާއްވަން ހެޔޮވާވަރުގެ ޕާޓީއެއް ނޫންކަމަށް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިހާރު ފެންނަނީ، އެ ޕާޓީއާ މަނިކުފާނުގެ ސަރުކާރުން ހަމަ ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ މަންޒަރު. ކިހިނެއްތޯ މިވީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ދަންނަވަންތޯ ހަމަ ތިޔަ އެއްސެވީ އެންމެ ތާށި ސުވާލު. ހަމަ ތިޔަ އެއްސެވީ އެންމެ ތާށި ސުވާލު. އަޅުގަނޑުމެންނާއި ޗައިނާއާ އޮތް ގުޅުން އިރާދަކުރެއްވިއްޔާ، ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންދާނެ.
މަސްޢޫދު ޙިލްމީ:
އެކަމަކު މަނިކުފާނު ވިދާޅުވެފައެއް ނޫންތޯ އޮތީ. ހެޔޮވާވަރު ޕާޓީއެއް ނޫނޭ......
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑުމެންނާ ޗައިނާއާ އޮތް ގުޅުން އިރާދަކުރެއްވިއްޔާ، ހަމަ ދުވަހެއް ދުވަހަކަށް، ޗައިނާ ސަރުކާރާ އަޅުގަނޑުމެންނާ އޮތް ގުޅުން އިރާދަކުރެއްވިއްޔާ، ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންދާނެ.
މަސްޢޫދު ޙިލްމީ:
ދެން ކޮމިއުނިސްޓް ޕާޓީ އެހެން ނޫންތޯ، މި ޗައިނާގައި ވެރިކަން ކުރަމުން މިދަނީ. ދެން މިޕާޓީގެ ބޭފުޅުންނާ ހަމަ ބައްދަލުކުރައްވަމުން ގެންދަވާތަން އަޅުގަނޑުމެންނަށް ފެނޭ. ދެން ވަފްދުތަކާ ހަމަ ބައްދަލުކޮށް، ތަފާތު ފޯރަމްތަކުގައި، އެބޭފުޅުންނާ ވާހަކަ ދައްކަވާތަން އަޅުގަނޑުމެންނަށް ފެނޭ. އެހެން ނަމަވެސް، ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ހަމަ ވަރަށް ........
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑަކީ ކޮމިއުނިސްޓެއް ނޫން. އަޅުގަނޑު ކޮމިއުނިސްޓް ފަލްސަފާއަށް ކުޑަކޮށްވެސް ބޯލަނބައި އިޙްތިރާމްވެސް ނުކުރަން. އަޅުގަނޑުމެންނަކީ ސެންޓަރ ރައިޓް ވިސްނުމެއްގެ ޕާޓީއެއް. ދެން ސަރުކާރުގެ އެންމެމަތީ ވެރިއެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ބައްދަލުކުރަންޖެހޭ ހުރިހާ ބަޔަކާ އަޅުގަނޑު ދަނީ ބައްދަލުކުރަމުން.
މަސްޢޫދު ޙިލްމީ:
އެހެންވީމާ، ތިޔަ ވިދާޅުވީ އޭރުގައި ހަމަ ވިދާޅުވި ބަސްފުޅު އަދިވެސް ހަމަ އެގޮތުގައޭ ހުރީ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނާ ޗައިނާއާ ދުވަހެއް ދުވަހަކަށް ގުޅުން ރަނގަޅުވަމުންދާނީ އިނގޭތޯ.
މަސްޢޫދު ޙިލްމީ:
ދެން އަޅުގަނޑު ހިތުން އޭގެއަކަށް ޖަވާބެއް އަދި.....
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު ހިތުން ދި އެފް.އެމް އެއް ބޭނުމެއް ނުވާނެ، މި ރޭޑިއޯ ޕްރޮގްރާމްގައި، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ކަންތައްތަކުގެ ވާހަކައަށް ބުރޫއަރާކަހަލަ ގޮތަކަށް އަޅުގަނޑު ފިއްތަމުން ފިއްތަމުން ގެންގޮސް، ބަސް ނެރުއްވާކަށް. އެއީކީއެއް އަޅުގަނޑުގެ ނަޒަރުގައި، ރެސްޕޮންސިބްލް ޖަރނަލިޒަމެއް ނޫން.
މަސްޢޫދު ޙިލްމީ:
މަނިކުފާނު ވިދާޅުވެފައިވޭ، ސަރުކާރަށް އަހަރުވެގެންދާއިރު، ސުނާމީގައި ގެދޮރު ގެއްލިފައިވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް. އަދި އެއީ، މަނިކުފާނު ވެވަޑައިގަންނަވާ ވަޢުދެއް ކަމަށްވެސް ވިދާޅުވެފައިވޭ. އަހަރުވެގެންދިޔައިރުވެސް އަޅުގަނޑުމެންނަކަށް ނުފެނުނު. ގަބޫލު ކުރައްވަންތޯ ވަޢުދު ފުއްދައި.......
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އެ ވަޢުދު، އަޅުގަނޑުމެންނަކަށެއް ނުފުއްދުނު އެއްއަހަރު ދުވަހުގެ ތެރޭގައި. އެހެން ނަމަވެސް، އެއީކީއެއް ހަމައެކަނި އަޅުގަނޑު ނުދަންނަވާނަން އަޅުގަނޑުމެންގެ ސަބަބުންވީ ކަމެކޭއެއް. އަޅުގަނޑުމެންނަށް ފުރަތަމަ ކޮޅުފުށްޓަށް. ކޮޅުފުށްޓަށް ބޭނުންވާ ފައިސާ އަޅުގަނޑުމެން ހޯދިން. އަބޫދާބީ ފަންޑުން އަޅުގަނޑުމެންނަށް އެފައިސާ ލިބުނު. ދެން ކޮޅުފުށީ ރައްޔިތުންގެ މެދުގައި، އެގެތައް އަޅާނެ ގޮތަކާ ގުޅޭގޮތުން އަދިވެސް މިދަނީ ބަޙުޘް އުފެދެމުން. މަޑިފުށި، މަޑިފުށީގެ ބަޙުޘްވެސް ހަމަ އެހާ ގިނަ. އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ވިލުފުށްޓާއި ދުވާފަރާ އެތަންތަނަށް އަޅުގަނޑުމެންނަށް މީހުން ގެންދެވިއްޖެ. މިހާރު މިއޮތް ސޯޅަސަތޭކަ ރައްޔިތުންނަށް ބޭނުންވާ ގެތައް އެޅުމުގެ ހުރިހާ ކަމެއް، ކޮންޓްރެކްޓްގައި ސޮއިކޮށް ނިމި، ހަމަ މަސައްކަތް މާދަމާވެސް ފަށާގޮތަށް މިހިރީ. މަޑިފުށީގައި އަޅުގަނޑުމެންނަށް މަސައްކަތް ނުފެށިގެން މިއުޅެނީ، މަޑިފުށީ ރައްޔިތުންނާއެކީގައި އެއްބަސްވުމަކަށް ނާދެވޭތީ. ކޮޅުފުށީގެ ގެތައް އިރާދަކުރެއްވިއްޔާ، މިހާރު އަޅުގަނޑުމެންނަށް ފެށޭނެ. އެއްއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެކަން ފަށައެއްނުގަނެވުނު. އެހެން ނަމަވެސް، ކުޑަތަންކޮޅެއް ލަސްކޮށް ނަމަވެސް، އަޅުގަނޑުމެންނަށް އެ އަމާޒަށް އެބަގެންދެވޭ.
މަސްޢޫދު ޙިލްމީ:
ދެން އަޅުގަނޑު ހަމަ އަދި އެއްސުވާލު ދަންނަވާލާނަން. އަޅުގަނޑުމެންގެ ވަގުތުކޮޅުވެސް ހަމަ މިއޮއްގެން ކައިރިވަނީ. ގަޑިޖެހޭ ވަގުތު. ހަމަ އެގޮތުން އެންމެފަހު ސުވާލެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އައްޑުއަތޮޅުގައި ވާހަކަފުޅު ދައްކަވަމުން، ސުޒްލޯން ކުންފުންޏާއެކު ސަދަން ޔޫޓިލިޓީޒް ކުންފުންޏާ މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މަނިކުފާނު ވިދާޅުވި. އިންޑިއާގެ ޓާޓާ ކުންފުންޏާއެކު، އެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ އެއްބަސްވުމުގައި ސޮއިކުރާ ވާހަކަ. އަދިވެސް އަޅުގަނޑުމެންނަކަށް އެތަނެއް ނުފެނޭ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ދަންނަވަންތޯ، ޓާޓާ ކުންފުނި، މިހާރުވެސް ހަމަ އެގްރީމަންޓް ނިމިފައި އޮތީ. އަޅުގަނޑަށް މިހާރު އެންމެފަހުން އިއްޔެގައި، ބުރާސްފަތި ދުވަހު މަޢްލޫމާތު ލިބިފައި އޮތީ، އާ އަހަރު ހަމަ ނިމޭއިރަށް ޓާޓާ ކުންފުންޏާއެކު ސޮއިކުރެވޭނޭ. އެނގިވަޑައިގަންނަވާނެ، ބޮޑެތި ކުންފުނިތަކާ ދިވެހިރާއްޖެ ސޮއިކުރާއިރުގައި، ބަންޑާރަ ނައިބު އެގްރީމެންޓާ ގުޅޭގޮތުން ބައްލަވަންޖެހޭ ބައިވަރު ކަންތައްތަކެއް ހުރޭ. އަދި އެކިއެކި ފަރާތްތަކުން ބައްލަވަންޖެހޭ ބައިވަރު ކަންތައްތަކެއް ހުރޭ. އަޅުގަނޑުމެންނާ ޓާޓާ ކުންފުންޏާ އެކީގައި ހުރިހާ ކަމެއް ހަމަޖެހިފައި ހުރީ. އެންމެފަހުން މިވީގޮތަކީ އަޅުގަނޑުމެންނަށް ލިބުނު އިންޓްރެސްޓް ރޭޓް ހުރީ 9 ޕަސެންޓްގައި. 11 ޕަސެންޓްގައި. ދެން އަޅުގަނޑު ދަންނަވައިފިން. ތިއީ ހަމަ ރާއްޖޭގެ ބޭންކަކުންވެސް ނަގާ ޢަދަދެއް ނޫންހޭ. އެހެންވީމާ، އަޅުގަނޑުމެން އެބަ ބޭނުންވެއޭ ތިޔަ އިންޓްރެސްޓް ރޭޓް ތިއަށްވުރެ ދަށްކުރަން. އަދި އަޅުގަނޑުމެން އެބަ ބޭނުންވެއޭ މުއްދަތަކީވެސް 15 އަހަރާއި 20 އަހަރާ ދެމެދަށްވާން. އަދި އަޅުގަނޑުމެން އެބަ ބޭނުންވެއޭ ރައްޔިތު މީހާ ދައްކަންޖެހޭ، މަހެއްގެ މައްޗަށް ދައްކަންޖެހޭ ޢަދަދު އެއީ ތިންހާސް ފައްސަތޭކައަށް ނާރާ ޢަދަދަކަށްވާން. އެހެންވީމާ، ޓާޓާ ކުންފުންޏާވެސް އަދި އެހެން އިނގިރޭސި ކުންފުންޏަކާ އެކުވެގެން އަންނަ [މާއޮޅު އިންވެސްޓްމަންޓް] ކިޔާ ބަޔަކާވެސް، އަދި [ސިކްސް ސެންސަސް] އެއީ [ސޯނޫ] ސޮނެވާފުށި. އެބޭފުޅުންނާވެސް އަދި [ސީ ލައިފް] ކިޔާ ބަޔަކާވެސް. އަދި ތައިލެންޑްގެ ބޮޑު ކުންފުންޏަކާވެސް، 5 ކުންފުންޏާއެކު އަޅުގަނޑުމެންނަށް މިހާރު އެގްރީމެންޓް ކުރެވޭ ހިސާބުގައި މިވަނީ. އިރާދަކުރެއްވިއްޔާ، ޖަނަވަރީ މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް، އެ އެގްރީމެންޓްތައް ކުރެވޭނެ.
މަސްޢޫދު ޙިލްމީ:
މަނިކުފާނު އިތުރު ދައުރަކަށް ކުރިމަތިލައްވާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ތަންކޮޅެއް އަވަސްހެން އަޅުގަނޑަށް ހީވަނީ ތިޔަކަމާ އަދި ތިޔަވާހަކަ އަޅުގަނޑުމެން ފަށައިގަންނަން.
މަސްޢޫދު ޙިލްމީ:
ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވެމުންދިޔަ. މަނިކުފާނު ހަމަ މި ފެންނައިރުގައި އަޅުގަނޑުމެންނަށް ފާހަގަވޭ، ދުއްވާ އިންޖީނުލީ ދުއްވާ އެއްޗެއްގައި އަޅުގަނޑުމެންނަށް ވަރަށް މަދުން މިފެންނަނީ. އަޅުގަނޑު މިދެންނެވީ ޑްރައިވަރެއްގެ ގޮތަށް. ދެން އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެނޭ ބައިސްކަލްކޮޅުގައި ކޮންމެވެސްވަރަކަށް އުޅުއްވާތަން. ކޮބައިތޯ ސަބަބަކީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ފުރަތަމަ މިއޮއް ކުޑަކުޑަ ތަނުގައި މާލޭގައި ދެން އެހާ ބާރަކަށް ދާންވީ ކޮންތާކަށްބާވައޭ އަޅުގަނޑު ހިތަށްވެސްއަރާ. ބައިސްކަލްގައި ނުދެވޭ ތަނެއް ހަމަ އަޞްލުގައިވެސް މާލެއަކު ނެތް އިނގޭތޯ. ދެން އަޅުގަނޑު އަދިވެސް ބޭނުމެއްނުވޭ، މި ކާރަށް އަރައިގެނެއް މާ ބާރުބާރަށް ދުއްވާކަށެއް. ކޮންމެހެން ނުވާވަރުގެ ތަނަކަށް ނޫނިއްޔަކާއެއް އަޅުގަނޑު ކާރަށް އަރައިގެން ނުދަން. ދެން މިހާރު މިވާގޮތަކީ ބައިސްކަލްގައި އުޅެވޭކަށް ނެތް. އެމް.އެން.ޑީ.އެފް. ބޭފުޅުން، އޭގެ 6 ބޭފުޅުން އެބަތިއްބަވަންޖެހޭ އަޅުގަނޑު ވަށައިގެން. އެހެންވީމާ، އެބޭފުޅުންނާއެކީގައި، މި ބައިސްކަލްގެ މައްސަލައެއް ހަމަޖެހޭތޯ އަޅުގަނޑު މިބަލަނީ. އަޅުގަނޑު އަމީން އަރިހުގައިވެސް ދެތިންފަހަރަށް ދަންނަވައިފިން. އެމް.އެން.ޑީ.އެފް.ގައިވެސް ދެތިންފަހަރެއްގައި ދަންނަވައިފިން. ދެން އިރާދަކުރެއްވިއްޔާ، އެބޭފުޅުން އަޅުގަނޑަށް ގޮތެއް ހަމަޖައްސަވައިދެއްވާނެ. އަޅުގަނޑަށް މިކަން ރަނގަޅަށް ކުރެވޭނެ. ދެން ފުރަތަމަ އަޅުގަނޑު ޙަވާލުވި ދުވަހު އެންމެ ބޭފުޅުން ކަންބޮޑުވެފައި ތިބި ވަރަކަށެއް ނޫން މިއަދު ކަންބޮޑުވަނީ. އަޅުގަނޑަށް އަބަދުވެސް އެނގޭ، މި މާލެތެރެއަކުންވެސް އަދި އެހެން ތަނަކުންވެސް އައިސް، އަޅުގަނޑުގެ ގަޔަށް ބޮލަށް އަރައިގަންނަން ބަޔަކު ނޫޅޭކަން. ދެން ދަނިކޮށް ދަނިކޮށް ގޮވާލަފާނެ އެވެނި އެއްޗެކޭ، މިވެނި އެއްޗެކޭ. އޭގެން އަޅުގަނޑަށްވާނެ ކަމެއްވެސް، އަދި އަޅުގަނޑު އެކަމާ ކުރާ އަސަރެއްވެސް. އަދި އަޅުގަނޑު ހިނިއައުން ނޫން ކަމެއް ހަމަ އެކަމުގައި ނުވާނެ.
މަސްޢޫދު ޙިލްމީ:
އަޅުގަނޑުމެންނަށް ހަމަ އަޑުއިވިގެންދިޔަ އިނގޭތޯ. ތުއްޕުޅުއިރުގައި މަދަރުސާއަށް ވަޑައިގެންނެވިއިރުގައި، ދެ ރަބަރާއި ދެ ފަންސުރު ގެންދިއުމަށް އަބަދުވެސް ޝަކުވާ ކުރައްވާ ކަމަށް. އަޅުގަނޑުމެންނަށް ވަރަށް ވާހަކަ ދެކެވޭ އަޑު އިވިފައި އޮތް ވާހަކައެއް. ކިހިނެއްވީ ކަމެއްތޯ މިއީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ބައިވަރު މީހުން ބޭނުންވޭ ދޮގެއްތޯ. އަޅުގަނޑު އަތުގައި އެއްޗެއް، އަދި އަޅުގަނޑު އަތުގައި އޮތް އެއްޗެއް ވެއްޖިއްޔާ، ދެން އަޅުގަނޑުމެންނަށް ދެރަބަރު ލިބެންޏާ ހިފައިގެން ދިޔައީމަ ރަނގަޅުވާނެ ކަމަށް އަޅުގަނޑު ހިތަށް އަރަނީ ނުލިބޭ މީހަކަށްދޭން. އަދި އެ ދެރަބަރެއް ނޫން. އަޅުގަނޑު ރަބަރު ކޮށައިގެން، ވަރަށް މަދު ކުޑަ އެތިކޮޅެއް އަޅުގަނޑު އަތުގައި އޮންނާނީ އަޅުގަނޑު ހަނދާންވާ ގޮތުގައި. ދެން އަނެއްހެން އަޅުގަނޑަށް ދެވެންހުރި އެއްޗެއް ދެން އަބަދުވެސް.
މަސްޢޫދު ޙިލްމީ:
ދެން އަޅުގަނޑުމެންނަށް ހަމަ ފާހަގަކުރެވޭ، ނިންމާލުމުގެ ކުރިން އަޅުގަނޑު ހަމަ އަހާލާހިތްވޭ، ދިވެހިބަހުން ވާހަކަފުޅު ދައްކަވާއިރު، ވަރަށް އިހުގެ ބަސްތައް ބޭނުން ކުރައްވާ ތަން ފެނޭ. އިހުގެ ރާގު ބޭނުން ކުރައްވާތަން. ކޮބައިތޯ، ކީއްވެގެންތޯ މިގޮތަށް މި ބަހުރުވައިން ވާހަކަފުޅު ދައްކަވަނީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު ދިވެހިބަސް ދަސްކުރަން ފެށީ ގިނައިން. ފުރަތަމަ ކިޔަން ފެށީވެސް. އަޅުގަނޑުމެންނަށް ކިޔައިދެނީ، ގޮނޑީގައި ބައިތިއްބައިގެން ސިޔަރަތާއި ބޮޑުތަކުރުފާނު ވާހަކައާ. ދެން ނައިބު ތުއްތުގެ ބޮޑު ތަރުތީބު. އޭތި ކިޔަން އަދި އެހާމެ އުނދަގޫ އިނގޭތޯ. ދެން ކޮންމެއަކަސް އޭއްޗެއް އަޅުގަނޑުމެން ކިޔައިގެން ނޫނިއްޔާ، ކޮންމެވެސް ސަބަބަކާ ލައިގެން ހުކުރު ހޮނިހިރުވެސް ރަނގަޅަށް އުޅެވޭގޮތެއް ނޯވޭ. ކުޅެލެވޭ ގޮތެއްވެސް ނޯވޭ. މި އެއްޗެއް ކިޔާފައި ނޫނިއްޔަކާއެއް. ދެން އެހެންވީމާ، އަޅުގަނޑު ދެން ވަރަށް ކުޑައިރު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީމާވެސް އަނެއްކާ އަލުން އަނބުރާ އަޅުގަނޑު އެ އެއްޗެހިތަކަށް ޝައުޤުވެރިވާން ފެށީ. އެއީ ޚާއްޞަކޮށް، ބޮޑު ތަރުތީބާއި، ބޮޑުތަކުރުފާނު ވާހަކައާއި، ސިޔަރަތާ. ދެން އަޅުގަނޑުގެ ދިވެހިބަސް އަޅުގަނޑު ބޭނުންކުރާގޮތް ބިނާވެފައި ހުރެދާނެ، މިދެންނެވި ކަންތައްތަކުގެ މައްޗަށް. ދެން އެހެން ނޫނަސް އަޅުގަނޑަށް ހީވަނީ، ދިވެހިބަހަކީ ވަރަށް މުއްސަނދި ބަހެއްހެން. އެހެންވީމާ، އެބަހުގައި އެބަހުރި ބޭނުންކުރާނެ ވަރަށް ބައިވަރު ސަރަކަ.
މަސްޢޫދު ޙިލްމީ:
ދެން އެންމެފަހު ސުވާލެއްގެ ގޮތުގައި ހަމަ އަޅުގަނޑުމެންނާ ގުޅުންހުރި ސުވާލެއް އަޅުގަނޑު ދަންނަވާލާނަމޭ ހިތުގައި އެބައޮތް. މި މީޑިއާތަކަށް ސަބްސިޑީޒް ދިނުމުގެ ކަންތައްތައް. ކިހިނެއްތޯ މަނިކުފާނު އެބަ ވިދާޅުވޭ، ކުރިން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އިޢްލާނުތަކާ އެއްޗެހި......
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު ދަންނަވާފައި އޮންނާނެ މިހާރު އިނގޭތޯ. ރިކަރެންޓް ޚަރަދަށް ސަބްސިޑީއެއް ދޭން ހަމަ ވަރަށް އުނދަގުލޭ. އެކަމަކު އިއްޔެގައިވެސް އަޅުގަނޑު ނިންމާފައި އޮންނާނެ. ޕްލޭނިންގ ކޮމިޝަނަށް އަޅުގަނޑު ހުށަހެޅިން. މިހާރު ބަޖެޓުގައި އެބައޮތް 6 މިލިއަންކަންނޭނގެ ދޮގެއްތޯ. 4 މިލިއަން. ދެން އެއަށް ކުޑަތަންކޮޅެއް އިތުރުކޮށްލަދޭށޭ، ޕްލޭނިންގ ކޮމިޝަންގައި އަޅުގަނޑުމެން އެދުނިން، މީޑިއާއަށް ދޭން. އެކަމަކު އެއީކީއެއް ރިކަރެންޓް ޚަރަދަކަށެއް ނޫން. ކެޕިޓަލް ޚަރަދަށް. ސަރުކާރު މީޑިއާ ކުންފުނިން ރިކަރެންޓް ޚަރަދަށް ބޭނުންވާތީ އަޅުގަނޑުގެ މައްސަލައަކީ. މި ކެޕިޓަލް ޚަރަދަށް މީހުން ތަމްރީނު ކުރަން. އޭގައި އަޅުގަނޑުމެންނަށް ވެވެން ސަރުކާރަށް ވެވެންހުރި މިންވަރަކުން ދިނުން ހަމަ ރަނގަޅު. ދެން ތިޔަބޭފުޅުން ތިއޮއް ހިންގަވަނީ ނޫންތޯ ނުލާހިކު ރަނގަޅަށް. އަޅުގަނޑު ހާދަ އުފަލެއްވެއޭ.
މަސްޢޫދު ޙިލްމީ:
ނިންމާލުމުގެ ކުރިން ކޮބައިތޯ ވިދާޅުވާނެ ބަސްފުޅަކީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
އަޅުގަނޑު ހަމަ ވަރަށް ބޮޑަށް މި ދި އެފް.އެމް.ގެ ވެރިފަރާތަށް އިނގޭތޯ، ޗަމްޕާއަށް. މިގެންދަވާ ތިޔަ ކުރައްވާ ފުރިހަމަ މަސައްކަތަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑަށް ސާފު އެބޭފުޅުންގެ ވިސްނުން. އަދި އަޅުގަނޑުމެންނާ އެކީ އެކައްޗަކަށް މުޅިން ލާމެހިފައި ނެތްކަންވެސް. އެއީކީވެސް އަޅުގަނޑުގެ ނަޒަރުގައި އެއްވެސް މައްސަލައެއް ނޫން. އަދި އަޅުގަނޑު މި ދި އެފް.އެމް.ގެ މުޅި ޓީމަށް ހަމަ ވަރަށް ބޮޑަށް އަޅުގަނޑު މަރްޙަބާ ކިޔަން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން މިމަސައްކަތް ކުރައްވަމުން ގެންދަވާލެއް ފުރިހަމަކަމާ. ދެން އަޅުގަނޑު ހަމަ ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް އާ އަހަރުގެ ތަހުނިޔާތައް ރައްދުކުރަން. ދެން މި ޕްރޮގްރާމަށްވެސް އަޅުގަނޑު އެދެނީ، ކުރިއެރުމާއި ބާއްޖަވެރިކަން.
މަސްޢޫދު ޙިލްމީ:
އާދެ! އަޅުގަނޑުމެން ދި.އެފް.އެމް.އާ ބަހައްޓަވާ ގާތްކަމަށް މިފުރްޞަތުގައި ހަމަ ވަރަށް ޝުކުރު ދަންނަވަން. އަދިވެސް ހަމަ......
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
ގާތްކަމެއް ބަހައްޓާ ވާހަކައެއް ނޫން އިނގޭތޯ މިދަންނަވަނީ.
މަސްޢޫދު ޙިލްމީ:
ދެން އަޅުގަނޑުމެންގެ މި ސްޓޫޑިއޯއިން އަދިވެސް ފެނިގެންދާނެ ކަމަށް އުންމީދު ކުރަން. މިހާހިސާބުން [ވަން ޓު ވަން] ޕްރޮގްރާމް ނިންމާފައި އަޅުގަނޑު މަސްޢޫދު ވަކިވެލާނީ، އެންމެ ބޭފުޅުންނަށް އާ އަހަރުގެ ތަހުނިޔާ އަރިސް ކުރަމުން. އަދި ރައީސް އަޅުގަނޑުމެންގެ ދަޢުވަތު ގަބޫލުކުރައްވައި، މި ސްޓޫޑިއޯއަށް ވަޑައިގެންނެވީތީ، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމުން. މިއަންނަ ހަފްތާގައިވެސް [ވަން ޓު ވަން]ގެ މުޅިން އާ ޕްރޮގްރާމާއެކު ބައްދަލުކޮށްލުމުގެ އުންމީދުގައި ވަކިވެލަން.
والسّـلام عليـكم
________________