ދިވެހިވެރިކަމުގެ ނިޒާމަކީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީގެ ހަމަތަކުގެ މަތީގައި، ރައްޔިތުންގެ ސީދާ ބާރުން ގައުމު ހިންގާ ނިޒާމަކަށް ދިވެހިރައްޔިތުން ބަދަލު ކުރީ 11 ނޮވެމްބަރ 2008 ގައެވެ.

ޑިމޮކްރަސީ އަކީ ރައްޔިތުންގެ ހައްގު ތަކާ މިނިވަން ކަމާ ނިންމުންތައް ރައްޔިތުންގެ ބާރާ އިޚްތިޔާރާ އެކު ވީހާ ގާތުން ނިންމޭނެ އުޞޫލުތަކާ އެކު ހިންގޭ ނިޒާމެކެވެ. އަދި ގައުމުގެ ތަރައްގީ އާ ކުރިއެރުމަށް އެޅިފައިވާ ކޮންމެ ހުރަހެއް ނައްތާލުމުގެ ބާރު މިނިޒާމުގައި އެންމެ ބޮޑަށް ލިބިދެނީ ޚުދު ރައްޔިތުން ނަށެވެ. މިގޮތުން ގައުމު ގެ ތަރައްގީ ގައި އެންމެ ބޮޑު ދައުރެއް ކުރިއަށް އޮތް ތަނުގައި އަދާ ކުރުމުގެ ޒިންމާ ރައްޔިތުން ހަވާލު ކުރާނެ އެއް ފަރާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް ތަކަށް ރައްޔިތުން އިންތިޚާބު ކުރާ ފަރާތް ތަކެވެ. ވީމާ ޑިމޮކްރަސީގެ ފުރިހަމަ ސިފަތަކާ އެކު ހިންގޭ މިނިވަން އިންސާފުވެރި އިންތިޚާބަކަށް އެއިންތިޚާބު ހެއްދެވުމަށް ޓަކާ އަޅުއްވަން ޖެހޭ ފިޔަވަޅު ތައް އަޅުއްވާ، އެހިނދަކަށް ބޭނުންވާ މުހިންމު ނިންމެވުންތައް ނިންމެވުމަކީ ޑިމޮކްރެޓިކް ދިވެހި ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާ ކޮންމެހެން ކުރައްވަން ޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ. ވުމާއެކު ގާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ދައުލަތް ހިންގެވުމަށް ލިބިވަޑަގަންނަވާ ބާރުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައި ތިއްބެވި ހުރިހާ ކައުންސިލަރުން 25 ޑިސެމްބަރ 2010 ގެ ފަހުން އެ މަގާމު ތަކުގައި ދެމި ނުތިއްބަވާ ގޮތައް ރައީސުލް ޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ޑިމޮކްރަސީގެ ޅަފަތުގައި ރާއްޖެ ވޭތުކުރި ދެއަހަރާ މަދު ދުވަސް ކޮޅުގެ ތެރޭގައި، ހެޔޮވެރިކަމާ އޯގާތެރި ދައުލަތުގެ ސިފަތައް ރާއްޖޭގައި އަށަގެންނެވުމަށް ދިވެހިރައްޔިތުންގެ ފަރާތުން ސަރުކާރަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުން ރައީސުލް ޖުމްހޫރިއްޔާ ފާހަގަ ކުރައްވައެވެ. އަދި މި ވޭތުވި މުއްދަތުގައި ކައުންސިލަރުންގެ މަގާމުގައި ދެމި ތިއްބެވި ބޭފުޅުން އަދާކޮއްދެއްވި އަގުހުރި ޚިދުމަތަށް ޓަކާ ވަރަށް އިޚްލާޞްތެރި ކަމާ އެކު ރައީސުލް ޖުމްހޫރިއްޔާ އެބޭފުޅުން ނަށް ޝުކުރު އަދާކުރައްވައެވެ.