އޮފީސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތަކާއި، ތަޢުލީމާއި، މުޢާމަލާތުގެ ހުރިހައި ދާއިރާއަކުންވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މިއަދު ފާހަގަ ކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އެމަނިކުފާނު ބޭނުންފުޅުވަނީ، ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރައްވަން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހި ބަހުގެ ޢިލްމު އުނގެނުމަށް ބާރުއަޅުއްވައި އެމަނިކުފާނު އިލްތިމާސް ކުރެއްވީ، އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި، ދިވެހި ބަހަށް ފަރިތަކަން ލިބިގަތުމަށެވެ. ހަމަ އެއާއެކު، ދިވެއްސަކަށް ވީތީ ފަޚްރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ޤައުމު އަލިވިލޭން ޖާގަ ދެއްވުމަށް ކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ބަޔާން ކުރައްވާފައިވެއެވެ.

މި ސަރުކާރުން ފަށައިފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ ބޭނުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އަލިއަޅުއްވައިލައްވާފައިވެއެވެ. އަދި އެކަންކަމުން ލިބިގެންދާނެ ފައިދާތައް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ދިވެހިބަހުގެ ދުވަސް ނިސްބަތްކުރެވެނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނަށްކަން ބަޔާން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނުގެ ޙަޔާތްޕުޅުން ލިބިގެންދާ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން ދިވެހި ބަހުން ކިޔަވައިގެން ޢިލްމުވެރި ވެވިދާނެކަމާއި، އެހެން ބަސްބަހުގެ ޢިލްމުތައް ދިވެހި ވެށްޓަށް ގެނެވިދާނެކަމާއި، އަމިއްލަ މާދަރީ ބަހަށް މޮޅުވުމުން އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވެވޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.