بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ނިލަންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ނިލަންދޫ ދާއިރާގެ ދަރަނބޫދޫއިން ވަޑައިގެން ތިއްބެވި ބޭފުޅުން، ކައުންސިލްގެ ރައީސް، ކައުންސިލަރ، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، މި ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، ދައުލަތުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިން، އަދި މި ޖަލްސާ ދުރާއި ގާތުން އަޑުއައްސަވަމުން، ބައްލަވަމުން ގެންދަވާ ދިވެހި އަޚުންނާއި އުޚުތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިރޭ އަޅުގަނޑަށް މި ރަށަށް އާދެވުނުއިރުގައި ވާރޭވެހޭ. ވާރެޔާ ތެމިގެންވެސް ތިޔަބޭފުޅުން ނުކުމެވަޑައިގެން، އަޅުގަނޑަށާއި އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑަށް ކެމްޕެއިން ތެރޭގައިވެސް މި ރަށަށް އާދެވި، ތިޔަބޭފުޅުންނާ ބައްދަލުވެފައިވޭ. އަޅުގަނޑު ދަންނަވާފައި ވާނެ، ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭނެ ވާހަކަ. އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑު ދައްކާ ވާހަކަތަކުގައި، އަޅުގަނޑުގެ ފަރާތުން ރައްޔިތުންނަށް ދަންނަވާ ވާހަކައެއްގައި ވިއްޔާ ޒިންމާ ނަގާނެ މީހެއް. ތެދުބަހުން ވާހަކަ ދައްކާނީ. ވަޢުދެއްވިއްޔާ، އެ ވަޢުދެއް ފުއްދާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑަކީ، އެހެން ބައެއް މީހުން ކަންތައް ކުރާހެން ކުރާ މީހެއް ނޫން.

އެހެންވީމާ، ނިލަންދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ ތަރައްޤީގެ ލިސްޓުގައި 1، 2، 3 ގޮސް 10 އާ ހަމަޔަށްވެސް، އަދި އެއަށްވުރެވެސް ފަހަތަށް، 100 ވަނަޔާ ހަމަޔަށްވެސް އޮތް އެއަރޕޯޓުގެ މަސައްކަތް ޙަޤީޤަތަކަށް ހަދައިދީ، އެ މަސައްކަތް މިހާރު މިއޮތީ ފެށިފައޭ. ދެން ނުހުއްޓޭނެ. ޢަމަލީގޮތުން ބިން ހިއްކަން މި ފެށީ. އިރާދަކުރެއްވިއްޔާ މި މަސައްކަތް ގޮސް، ބާރު ސްޕީޑްގައި ނިމޭއިރުގައި، ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަޖެހި، އެންމެ ފުރިހަމަ ފެންވަރުގެ ރަނގަޅު އެއަރޕޯޓެއް މި ރަށުގައި އޮންނާނެ. 1800 މީޓަރުގެ ދިގު ރަންވޭއެއް. ޖެޓް ޖެއްސޭވަރުގެ ފުރިހަމަ އެއަރޕޯޓެއް މި ރަށުގައި ހެދިގެންދާނެ.

އަޅުގަނޑު ކެމްޕެއިންގެ އެންމެ ފުރަތަމަ ދުވަހު މެނިފެސްޓޯ އިޢުލާނުކުރިއިރުގައި ދެއްކި ވާހަކަ އަބަދުވެސް ދައްކާފައި ހުންނާނީ. އެއީ، އަޅުގަނޑު ވާހަކަ ދައްކަނީ ވިސްނާފައި. ހިތުގެ ފުންމިނުން، އެންމެ ޑީޓެއިލްކޮށް، ތަފްޞީލުކޮށް، ކަން ކުރަންވާގޮތް ވިސްނާފައި، ހެޔޮ ނިޔަތުގައި ނަތީޖާ ނެރެދޭންވެގެން ކަމުގައިވާތީ. އެ ދުވަހު އަޅުގަނޑު ދެންނެވިން، ރާއްޖެ ތަރައްޤީ ކުރެވިގެންދާނީ، ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގެ ދަށުންނޭ. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަޅުގަނޑުގެ ކުރިމަތީ ހަމަހަމައޭ. އެންމެ ކުޑަ ރަށުގެ ރައްޔިތުންނަށްވެސް، އެންމެ ބޮޑު ރަށުގެ ރައްޔިތުންނަށްވެސް އެއް ހަމައެއްގައި ތަރައްޤީ ލިބިދޭނެއޭ، ލިއްބައިދޭނަމޭ. ނަމަވެސް، އެ ތަރައްޤީ ގެނެސްދެމުންދާއިރުގައި، ދުރު ރާސްތާއަށް ވިސްނާއިރުގައި، މި ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެންމެމަތީ ފެންވަރުގެ ޚިދުމަތް، މާލޭގެ ރައްޔިތުންނަށް ލިބޭގޮތަށް، އެންމެމަތީ ފެންވަރުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ސަރަޙައްދުތަކެއް ތަރައްޤީ ކުރެވިގެންނޭ. އެ ވާހަކަ އަޅުގަނޑު އިޢުލާނުކުރީ. މެނިފެސްޓޯގައި ހިމެނީ. ރައްޔިތުން އެއަށް ވޯޓު ދެއްވީ. އެ ވާހަކަ އަބަދުވެސް ދައްކަނީ. މިރޭވެސް ދައްކަން އޮތީ.

އަޅުގަނޑު ދެންނެވިން، އެ ޕްލޭނަކީ އެންމެ އުތުރުގެ ހަތަރު އަތޮޅު ހިމެނޭހެން، އިންޓަރގްރޭޓަޑް ނޯދަން ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީކުރާ ވާހަކަ. ހއ. ހދ. ށ. ނ، ގުޅިލާމެހިފައި، ތަރައްޤީގެ ކަންކަން ބަހާލެވި، އެކުއެކީގައި އޮންނަ ޒޯނެއްގެ ގޮތުގައި. އެންމެ ދެކުނުގައި، އެންމެ ދެކުނު ހަތަރު އަތޮޅުގައިވެސް ސަދަން ޑިވެލޮޕްމަންޓް ތަރައްޤީގެ ޒޯނެއް އޮންނާނެ. މީގެއިތުރަށް، ދެންހުރި އަތޮޅުތައް ހިމެނޭހެން ހަތް ސަރަޙައްދެއް، އަރބަން ސެންޓަރުގެ ގޮތުގައި ހަދާނަމޭ. މިއިން ކޮންމެ ތަނަކީ، މިއިން ކޮންމެ ޒޯނަކީ، އެއް ފެންވަރެއްގައި، އެންމެމަތީ ފެންވަރުގެ ހުރިހާ ޚިދުމަތެއް ޤާއިމުކުރެވޭ ތަންތަނަށް ހެދިގެންނޭ، ދުރު ރާސްތާއަށް ދެމެހެއްޓެނިވި ތަރައްޤީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެނެސްދެވޭނީ. އެ ޕްލޭން ހުށަހެޅީ. އެ ޕްލޭން ރައްޔިތުން ބަލައިގަތީ. އެ ޕްލޭނާ އެކީގައި ރައްޔިތުން ދާން ނިންމީ. އިރާދަކުރެއްވިއްޔާ އެ ޕްލޭނާ އެކީގައި ރައްޔިތުންނާ އެކީގައި އަޅުގަނޑު ކުރިއަށްދާނީވެސް. އެކަން ކުރަންވެސް ނިންމީ ޤާނޫނެއް ހަދައިގެން. ދެން 20 އަހަރުގެ މާސްޓަރ ޕްލޭނެއް ހަދައިގެން. އެ މާސްޓަރ ޕްލޭންގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައި ވަނީ. އެ މާސްޓަރ ޕްލޭނަށް ޙިމާޔަތްތެރިކަން ހޯދައިދޭން ޤާނޫނެއް ހަދަން ނިންމާފައި އޮންނާނެ. އެ ވަޢުދުވީން. އެ ޤާނޫނު ހަދައިދޭނީ ރައްޔިތުންގެ މަޖިލީހުން. އަޅުގަނޑަށް މިކަމަށް ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭނެ ކަހަލަ މެންބަރުން، މަޖިލީހަށް ހޮވައިދެއްވައިފިއްޔާ، އެ ޤާނޫނު ހެދިގެންވެސް އަންނާނެ. އެއީ، މި ތަރައްޤީގެ މާސްޓަރ ޕްލޭންގައި ހަތް އަރބަން ސެންޓަރެއް ހަދާނެ ވާހަކަ އޮންނާނެ. މި ދެންނެވި ރާއްޖޭގެ ދެކޮޅުގެ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ އިތުރަށް. އޭގެތެރޭގައި ހިމެނޭ އެއް އަރބަން ސެންޓަރަކީ މި ރަށް، ނިލަންދޫ.

އާދެ، އެހެންވީމާ، ދެންމެ ކައުންސިލްގެ ރައީސް މިތަނުގައި ވަރަށް މާޔޫސްކަމާ އެކީގައި ވާހަކަފުޅު ދައްކަވައިފި. މާޔޫސްވަނީ އެތައް ޒަމާނެއް ވަންދެން ކަންކަން ޙަޤީޤަތަކަށް ނުވެ ދިޔައިމަކަން ގަބޫލުކުރަން. މާޔޫސްކަން ދޫކޮށްލައްވާ! އަދި އެދިވަޑައިގެންނެވި ވަރަށްވުރެ ގިނަ ކަންކަން އަޅުގަނޑުމެންގެ ޕްލޭންގައި އެބަހުރި. އެކަންކަމުގެ އިތުރަށް، އެކި ޞިނާޢަތްތައް މި ތަނުގައި ކުރިއަށް ގެންދެވޭ ފެންވަރުގެ ފުރިހަމަ މާސްޓަރ ޕްލޭނެއް އަޅުގަނޑުމެންގެ އޮތީ. މި އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އަރބަން ސެންޓަރަކަށް އިރާދަކުރެއްވިއްޔާ މިތަން ހަދައިދޭނަން. ނަމަވެސް، މިކަމަށް ހުރަސްއެޅުމުގެ ބާރު ރައްޔިތުންގެ އަތްމަތީގައި އޮތީ. މިއީ ސިޔާސީ ވާހަކައެއް ނޫން.

މި އަތޮޅުގެ، ދާއިރާތަކުގެ މަޖިލިސް ގޮނޑިތަކަށް ހޮވައިދޭ ބޭފުޅުންނަކީ، މިކަމަށް އަޅުގަނޑަށް 100 ޕަސެންޓް އެއްބާރުލުން ދޭނެ ބޭފުޅުންނަށް ރައްޔިތުން ނަހައްދަވައިފިއްޔާ، ހަމަ ހުރަސްއެޅޭނެ، އެޅޭނެ، އަޅާނެ. މިދިޔަ ހަތަރުމަސްތެރޭ އެކަން ނޫންތޯ ފެނުނީ މަޖިލިސް ތެރެއިން. އެހެންވީމާ، އެ ވާހަކަވެސް ދަންނަވާލީ.

މި ރަށުގެ ތަރައްޤީއަށްޓަކައި އަދި ޔަޤީންވެސް ކުރަން، ރައްޔިތުން މިކަމުގައި އަޅުގަނޑަށް އެއްބާރުލުން ދެއްވާނެ ކަމަށް. ރައްޔިތުންނަށްޓަކައި ދެއްވޭ އެއްބާރުލުމަކަށް އެ އެއްބާރުލުން ވާނީ.

މި ރަށުގެ ތަރައްޤީއަށްޓަކައި ދެން ކުރަންހުރި ކަންކަން، މި ވިސްނުމުގައި ތިޔަބޭފުޅުންގެ ސިކުނޑީގައި އަތުރާލެއްވުން އަޅުގަނޑު އެދެން. އަރބަން ސެންޓަރެއް ގޮތުގައި ހެދިގެންދާއިރުގައި، ހަމައެކަނި ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ކަންކަމެއް ނޫންކަން އަންނަން ޖެހޭނީ. އެންމެމަތީ ފެންވަރުގެ ހުރިހާ ޚިދުމަތެއް ޤާއިމުކުރެވޭ ހަތް ސަރަޙައްދެއްގެ ތެރޭގައި މި ރަށް ހިމެނޭއިރުގައި އަންނާނީ ހަމައެކަނި ދެންމެ ފާހަގަކުރެއްވި ކަންކަން އެކަންޏެއް ނޫން.

އެހެންވީމާ، އެ ވިސްނުމުގައި މި ތަރައްޤީގެ ދުވެލީގައި ބާރު ސްޕީޑްގައި ކުރިއަށްދިޔުމަށްޓަކައި ތިޔަބޭފުޅުން ކަމަރު ބަނދެގެން ތައްޔާރުވެގެން މަސައްކަތް ފަށްޓަވަންވީ. އަޅުގަނޑު ހުންނާނީ ތިޔަބޭފުޅުން ދާން ބޭނުންވާ ބާރު ސްޕީޑެއްގައި ދިޔުމުގައި. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ވުރެވެސް ކުރީގައި ހުރެގެން ތިޔަބޭފުޅުންގެ ތަރައްޤީ ޙަޤީޤަތަކަށް ހަދައިދޭނަން.

އާދެ، އެހެންވީމާ، އަޅުގަނޑު އެދެނީ މި ރަށުގެ ރައްޔިތުން، ހުރިހާ ރައްޔިތުން، އެއް ވިސްނުމަކަށް ވަޑައިގެން، މި ތަރައްޤީގެ މަސައްކަތަށް މާދަމާއިން ފެށިގެން މިހާރުވެސް ތިޔަ ކުރައްވާ މަސައްކަތް، އިތުރު ގިޔަރަކަށް ލައްވައިގެން ފަށްޓަވާށޭ. އެންމެން އެކުގައި ނުކުމެގެން، އެންމެން އެކުގައި މިކަން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތުގައި ނުކުމެވަޑައިގަންނަވާށޭ.

އަޅުގަނޑުމެންނަށް މަގުމަތީގައި ފެންބޮޑުވެފައި އޮތް ތަން އެބަ ފެނޭ. އަޅުގަނޑު ވަޢުދުވިން މަގުހަދާނެ ކަމަށް. އެކަމަކު މަގު ހެދުމުގެ ކުރީގައި، މިތަނުގައި އޮތް ނަރުދަމާ، ވެކިއުމް ސިސްޓަމް އޮތް މައްސަލަ ބޮޑުކަމުން ޙައްލުކުރަންވެސް ޖެހޭނެ. މިދިޔަ ސަރުކާރުން އެކަމަށް ކޮންމެވެސްވަރެއްގެ އެގްރީމަންޓް ހެދިޔަސް ކަންކަމެއް ނުވޭ. އަޅުގަނޑު ވަޢުދުވަނީ ކަން ކުރުމަށްޓަކައި. އެ ވަޢުދާ އެއްގޮތަށް މި ރަށުގައި މި ހިނގާފައި، ހުއްޓިފައި ހުރި ކަންކަމާ އެއްގޮތަށް ހަމަ އެހެން ރަށްތަކުގައިވެސް ހުއްޓިފައި ހުރި ކަންކަން އެހެރީ. އެކަންކަން، އޭގައި ހުރި މައްސަލަތައް ޙައްލުކޮށް، އޭގައިހުރި އޮޅުންބޮޅުންތައް ނިއުޅުވައި، އެކަންކަން ރަނގަޅުކޮށް، ފައިސާދޭން ހުރި ފަރާތްތަކަށް ފައިސާދީ، ކަންކަން ފަށައިގެން ކުރިއަށް މިދަނީ. މިއީ އެހެން މީހަކު އަޅުގަނޑު ގާތުގައި ދައްކަންޖެހޭ ވާހަކައެއް ނޫން. އަޅުގަނޑަށް ލޯ ކުރިމަތިން ފެނި، ރައްޔިތުން އަޅުގަނޑު ގާތު ވިދާޅުވެފައި ހުރި ވަޢުދުތައް މިއީ. މިކަންކަން މިދިޔަ ހަތަރު ފަސްމަސް ތެރޭގައިވެސް ގިނަ ރަށްތަކުގައި ހުއްޓިފައި ހުރި، އަޅުގަނޑުމެން ހަވާލުވިއިރުގައި ހުއްޓިފައި ހުރި މަސައްކަތް އެހެރީ ފަށާފައި. ގިނަ މަސައްކަތްތައް.

ކުރީ ދުވަހެއްގައި އާދެ، ކެމްޕެއިން ޖަލްސާއެއްގައި ހުޅުމާލޭގައި އަޅުގަނޑު ދެއްކި ވާހަކައިގައިވެސް ހުންނާނެ ނަންބަރުތަކާ އެކީގައި ކިޔައިދީފައި. ދެންމެ ޢިއްޒަތްތެރި މެންބަރު، އޭގެ ބައެއް ނަންބަރުތައް އެ ތަކުރާރުކޮށްލެއްވީ. ފެށިފައި ހުރި މަސައްކަތްތައް. އެއީ، މި ރަށުގެ ނަރުދަމާގެ މައްސަލަ ޙައްލުކުރަންޖެހޭ. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެ އިސްކަންދޭނީ މަގުހަދަން ފެށުމުގެ ކުރިން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ނަރުދަމާގައި އެހެރަ ހުރިހާ ކަމެއް ޙައްލުކުރެވިގެން ދާނެ. ޙައްލުކުރުމަށްފަހު މަގު ހެދުމުގެ މަޝްރޫޢު، މިހާރު ކައުންސިލާ އެކީގައި މަޝްވަރާ ކުރެވެމުން އެދަނީ. އަޅުގަނޑު ހިތުން މިހާރު ވަނީ ހަދާނެ މަގުތައްވެސް ކަނޑައަޅާފައި.

އެހެންވީމާ، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، ނަރުދަމާއާއި މަގުހެދުމާ، މިކަންކަން ކުރިއަށްދާނެއޭ. އަދި އެއާއެކީގައި، ޞިއްޙީ ދާއިރާގެ، ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް، އެއީ، އިމާރާތް ޤާއިމުކުރުން ކަމުގައިވިޔަސް، އަދި ޚިދުމަތް އިތުރުކުރުން ކަމުގައިވިޔަސް، އަދި ވަސީލަތްތައް އިތުރުކުރުން ކަމުގައިވިޔަސް، އެ ދާނީ އަރބަން ސެންޓަރެއްގައި ހުންނަންވާ ފެންވަރަށް ކުރިއަށޭ. އެއީ، އެއް އަހަރުން ނިމޭނެ ކަންކަމެއްވެސް ނޫން. މި އަންނަ އަހަރުގެ ބަޖެޓުގައިވެސް އެއްބައި ހިމަނަންޖެހޭނެ. އަދި ފުރިހަމަކުރެވެމުންދާ ވަރަކަށް ދެން އަންނަ ބަޖެޓަށްވެސް ލާންޖެހޭނެ. ލަމުންދާނީ. ބަޖެޓް ފާސްކުރަނީ މަޖިލީހުން.

އެހެންވީމާ، މަޖިލީހުގެ މުހިންމުކަން އަޅުގަނޑު ދަންނަވާލީ. މަޖިލީހާ ނުލައި ތަރައްޤީ ކުރިއަކަށް ނުގެންދެވޭނެ. މިހާރު އަޅުގަނޑުމެން މި ބޭނުންކުރާ ބަޖެޓްވެސް މިއޮތީ ވަރަށް ހާލުގައި. މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެންނަށް ފާސްކޮށްދީފައި އޮތް ބަޖެޓުގައި ހުރީ ނަމެއްގައި މަޝްރޫޢުތައް ހިމަނާފައި. އަލަށް ފަށަން އަޅުގަނޑު ވަޢުދުވެފައި އޮތް ރަށަކަށް ބަލަންޏާ މިސާލަކަށް، ބަނދަރެއް ހަދަން ޖަހާފައި އޮވެދާނެ ދެ ލައްކަ ރުފިޔާ. އެހެން އެބަހުރި އެތައް މަޝްރޫޢެއް ހިމަނާފައި. އެހެން ނަމަވެސް، އަޅުގަނޑަށް އެއްބާރުލުން ދޭނެ، ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮވެއްޖިއްޔާ ހިމަނާނީ ދެ ލައްކަ ރުފިޔާއެއް ނޫން. އަޅުގަނޑުމެން އެދޭގޮތަށް ހުށަހަޅާ ބަޖެޓް، ރައްޔިތުންނަށް އެކަން ކޮށްދެވޭވަރަށް ފާސްކޮށްދޭނަން، އަޅުގަނޑުމެންނަށް އެއްބާރުލުންދޭ މަޖިލީހަކުން ނަމަ. މިއީ ތަފާތަކީ.

އެހެންވީމާ، މި ވިސްނުމުގައި މުޅި ރާއްޖޭގެ ރައްޔިތުން ކުރިއަށްދާނަމަ، ޔަޤީން ރައްޔިތުން ކުރިއަށް ވަޑައިގަންނަވާނެކަންވެސް. ކުރިއަށްދާ ކަމުގައިވާނަމަ، އަޅުގަނޑުމެންނަށް ފެނިގެންދާނީ، ވަރަށް ބާރު ސްޕީޑްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްޤީ ހާސިލުވެގެންދާ ތަން. އެ ޔަޤީންކަން ރައްޔިތުންނަށް އަޅުގަނޑު މިދެނީ.

އަޅުގަނޑަށް މުހިންމީ ތަރައްޤީ ގެނެސްދިނުން. ރައްޔިތުންނަށް، ރައްޔިތުންގެ ތަރައްޤީގެ ނަތީޖާ ނެރެދިނުން. މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީވެސް ގެނެސްދިނުން. ދެންހުރި ދާއިރާތަކުގެ ރައްޔިތުންނަށްވެސް ތަރައްޤީ ގެނެސްދިނުން. މި ރަށުގެ ތަރައްޤީއަށް ދެންހުރި ހުރިހާ މަސައްކަތްތަކެއްވެސް ބާރު ސްޕީޑްގައި ގެންގޮސްދިނުން. ލަސްލަހުން ތަރައްޤީ ގެނައުމަކީ އެއީ، އަޅުގަނޑުގެ ވިސްނުމެއް ނޫން. މި ފަސް އަހަރުގެ ތެރޭގައި، ރައްޔިތުން އަޅުގަނޑާ ހަވާލު މިކުރި ޒިންމާ ފުރިހަމައަށް އަދާކުރާ މީހަކަށްވާން ބޭނުންވަނީ. އެ ޒިންމާ އަދާކުރުމުގެ މަގުފަހިކޮށްދެވެން އޮތީ ރައްޔިތުންނަށް. އެއީ، ވޯޓުލައިގެން ކުރާ ކަމެއް. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެ އެއްބާރުލެއްވުން ދެއްވެން އޮންނާނީ. މިއީ، އެއްވެސް ހާލެއްގައި ސިޔާސީ ވާހަކައެއް ނޫން. މިއީ، ރާއްޖޭގެ ޤާނޫނުއަސާސީ ރޭވިފައި އޮތް ގޮތުން، ރާއްޖޭގެ ނިޒާމު އޮތް ގޮތުގެ ވާހަކަ މި ދަންނަވަނީ. ސަރުކާރެއް ހިންގަންޏާ، ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބެންޖެހޭ. އެހާ ސިމްޕަލް ވާހަކައެއް މިއީ. މިއީ، ސިޔާސީ އެއްވެސް މަގާމެއްގައި ނެތް މީހާވެސް ދައްކާނެ ވާހަކައެއް. އެއީ، ޙަޤީޤަތްވީމަ.

އެހެންވީމާ، މިތަނުގައި މި ވާހަކަ މިހާ ބޮޑަށް މި ފާހަގަކުރަންޖެހޭ ސަބަބަކީ، މިއީ ޤައުމެއްގެ ތަރައްޤީގެ ވާހަކަވީމަ. ރައްޔިތުންނަށް ބޭނުންވަނީ ރައްޔިތުންގެ ތަރައްޤީ ލިބިގެންދާން. ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހިގެން ދާން. ޙަޤީޤަތް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އެހެންވީމާ، ތަރައްޤީ ލިބިގެން ގޮސް، އަޅުގަނޑުމެންގެ ޤައުމުގައި ރައްޔިތުން އެދޭފަދަ ހަމަޖެހުން ޤާއިމުވެގެންދާން ރައްޔިތުން ބޭނުންވާނީ.

މިކަމަށް ދެއްވޭނެ އެއްބާރުލުމެއް ކަމުގައި ވާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިކަންކަމަށް އެއްބާރުލުން ދޭނެ މެންބަރުންތަކެއް މަޖިލީހުގައި ތިބުން. އެހެންވީމާ، ނިލަންދޫގެ ރައްޔިތުންގެ ކިބައިން، ދަރަނބޫދޫގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން އޮތީ، މި ދާއިރާގެ ތަރައްޤީ މިދިޔަ އަހަރުތަކުގައި ދިޔަހާ ލަސްމިނުގައި ދާން ތިޔަބޭފުޅުން ފުރުޞަތު ނުދެއްވައްޗޭ. އަދި މި އަތޮޅުގެ ރައްޔިތުންގެ ކިބައިންވެސް އެދެން އޮތީ، މި އަތޮޅުގެ ތަރައްޤީ ކުރިއަށް ގެންދިޔުމުގައި ބާރު ސްޕީޑްގައި ދާން ނިންމަވައި ދެއްވާށޭ. ބާރު ސްޕީޑްގައި، ވަރަށްބާރު ސްޕީޑްގައި ދާން. އެހެންވީމާ، އެ ނިންމުން އެގޮތަށް ނިންމާ ކަމުގައިވާނަމަ، ޔަޤީން ކުރައްވަންވީ، ރައްޔިތުން އެދޭހާ ބާރު ސްޕީޑްގައި ތަރައްޤީގެ ކަންކަމައިގެން ކުރިއަށްދާނެކަން. އެހެންވީމާ، މިގޮތުގައި އަޅުގަނޑުމެން ކުރިއަށްދިޔުމަކީ، އަޅުގަނޑު އެދޭގޮތް.

މި ރަށުގައި މި ފެށުނު އެއަރޕޯޓް މަޝްރޫޢާ އެކީގައި، އެއާ ގުޅިގެން މި ރަށުގެ ފަޅުތެރޭގައި އިތުރު ދެ ރިޒޯޓް ހެދުން. އެއީ، އަބަދު ދައްކާ ވާހަކައެއް. އަދި ހަމަ އެއާއެކީގައި، ސިޓީ، ހޮޓެލް ޤާއިމުކުރުންވެސް އޭގައި ހިމެނޭ. އެހެންވީމާ، މިގޮތަށް އެތައް މަސައްކަތްތަކެއް އަޅުގަނޑުމެން ރާވާނަން. އެހެންވީމާ، މި ޕްލޭނައިގެން ކުރިއަށްދިޔުމުގައި، އަޅުގަނޑުމެންގެ އެންމެން އެކަތިގަނޑަކަށް ވެގެން ކުރިއަށްދާން ނިންމުމަކީ އަޅުގަނޑު އެދޭގޮތް.

އެހެންވީމާ، އަޅުގަނޑު މި މައުޟޫޢުގައި މާގިނަ ވާހަކަތަކެއް ނުދައްކައި މި ދައްކަނީ ހަމަ މައިގަނޑު އެއް ވާހަކަ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ދަންނަވަން އޮތީ މި ވާހަކަ. އަޅުގަނޑުމެންނަކީ، ދިވެހި ލޮބުވެތި ރައްޔިތުންނަކީ، އަބަދު ތަރައްޤީ އެތިކޮޅުކޮޅުން ބައިބަޔަށް ދީފައި ނުދޭގޮތަށް، މިހެން ސިޔާސީ ޓޫލެއް ގޮތުގައި ބޭނުންކުރާ ބަޔަކަށް އަމިއްލައަށް ވެވަޑައިނުގަންނަވާށޭ. ޙަޤީޤީ މާނައިގައި އިޚްލާޞްތެރިކަމާ އެކީގައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި، ރައްޔިތުންނަށް ތަރައްޤީ ގެނެސްދޭން ހުރި މީހަކާ އެކީގައި، ބާރު ސްޕީޑްގައި ދާ ބަޔަކަށް ރައްޔިތުން ވެވަޑައިގަންނަވާށޭ. އަޅުގަނޑު މިހުރީ އެގޮތުގައި. ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީ، ޒިންމާދާރުކަމާ އެކީގައި ރެޔާއިދުވާލު، 24 ގަޑިއިރު އެ މަސައްކަތް ކުރުމުގައި. އަޅުގަނޑާ އެކީގައި މަސައްކަތްކުރާ ކެބިނެޓުގެ ހުރިހާ މެންބަރުން، ކުންފުނިތަކުގެ ވެރިން، އަދި އަޅުގަނޑުމެންގެ ޢިއްޒަތްތެރި މަޖިލިސް މެންބަރުން. މި ހުރިހާ ބޭފުޅުންގެ ޢަޒުމަކީ، ނިޔަތަކީ، ވިސްނުމަކީ މިއީ. އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް ކުރުމުގައި ބާރަށް ދެވޭނީ، ބާރަށް ދެވޭގޮތް ރައްޔިތުން ހެއްދެވީމަ. އެހެންވީމާ، އެއީ އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ.

އާދެ، އަޅުގަނޑަށް މުހިންމީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކީ ޚިދުމަތް ދޭން. އަޅުގަނޑު ވަރަށް އުފާކުރަން، މި ރަށުގައިވެސް ޢީދުގެ އުފާފާޅުކުރުމަށް އަޅުގަނޑުމެންނަށް ލައިޓް ހަރުކުރެވިގެން ދިޔައިމަ. އަޅުގަނޑު ބޭނުންވީ، މާލޭގައި ކަމެއް ކުރަންޏާ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެކަން އެއްހަމައެއްގައި ކޮށްދޭން. އަޅުގަނޑުގެ މުޅި ވިސްނުމަކީވެސް އެއީ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކީގައި ޚިދުމަތް ދިނުން. ދެން ފުރަތަމަ ފަހަރުވީމާ، އަޅުގަނޑު ހަމަ ވަޢުދުވީ ގޮތަށް، ވެރިކަން ކުރާ ރަށްތަކުގައްޔާއި، ސިޓީތަކުގައި ލައިޓް ދިއްލީ. އިރާދަކުރެއްވިއްޔާ ދެން އަންނަ އަހަރު އެއަށްވުރެ ގިނަވާނެ.

ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކީގައި ޚިދުމަތް ދޭން ބޭނުންވަނީ. އަޅުގަނޑަކަށް މުހިންމެއް ނޫން، އެ ރައްޔިތެއްގެ ސިޔާސީ ވިސްނުމެއް. ކޮންމެ ސިޔާސީ ވިސްނުމެއްގައި ހުއްޓަސް، ހަމަހަމަވާން އަޅުގަނޑު ބޭނުންވަނީ. އެ މީހަކު ހުރި މަގާމެއް، އެ މީހަކު އެއީ، ސިޔާސީ ކޮން ވިސްނުމެއްގައި ހުރި މީހެއްތޯއެއް ނުބަލާނަން، އެ މީހަކަށް ދޭންޖެހޭ ޚިދުމަތެއް ދިނުމުގައެއް.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކު، ސިޔާސީ ފޯރިއެއްގައި ވިޔަސް، އަދި އެހެން ޖަޒްބާތެއްގައި ވިޔަސް، މިގޮތަށް މިހާ ސާފުކޮށް އަޅުގަނޑުގެ ސިޔާސަތުތަކާ ދެކޮޅަށް ޚިލާފުވާ ގޮތަށް ވާހަކަ ދެއްކެވުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް.

ރޭގައި އަޅުގަނޑަށް ފެނިގެންދިޔައީ، އަޅުގަނޑުމެންގެ ތެރެއިން ބޭފުޅަކު، ކޮންމެވެސް އެހެން ރަށެއްގައި އޮތް ސިޔާސީ ބައްދަލުވުމެއްގައި މިކަހަލަ ވާހަކަތަކެއް ދެއްކި ވާހަކަ. އެއީ، އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކީ ޚިދުމަތް ދިނުން، އަޅުގަނޑުމެންގެ މުޅި ސިޔާސަތަކީވެސް. އެ މީހަކު ހުރި މަގާމެއް، އެ މީހަކު ހުރި ވަޒީފާއެއް، އެ ވަޒީފާއަކަށް އަންނާނެ އެއްވެސް ނުރައްކަލެއް ނޯންނާނެ، އެ މީހެއްގެ ސިޔާސީ ވިސްނުން ހުންނަ ގޮތަކުންނެއް.

އެހެންވެ އަޅުގަނޑު މި ދަންނަވަނީ ޤައުމަށް ހަމަޖެހުން ގެންނަން ބޭނުންވެޔޭ. އެއީ، ޙަޤީޤީ މާނައިގައި ހަމަޖެހުން ގެންނަން ބޭނުންވާތީވެ. ނުފެންނާނެ މިހާރަކު ފުލުސް އޮފީހަށް ގެންދާ ތަނެއް، އެ މީހާ ސިޔާސީގޮތުން ދައްކާ ވާހަކައަކާ ގުޅިގެންނެއް. ކުރީގައި ފެނުނުހެންނެއް ނުފެންނާނެ. ކުރީގައި ވެރިކަންތައް ބަދަލުވެގެން އައިމަ، ރިޔާސީ ކޮމިޝަންތައްވެސް ހެދި. ސިޔާސީ މީހުން ގެންގޮސް ހައްޔަރުވެސް ކުރި. ޖަލަށްވެސްލި. އަދަބުވެސް ދިން. ހަމަޖެހުން ޤާއިމުކުރަން ބޭނުމޭ، ބަދަލެއް ނުހިފާނަމޭ. އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫނޭ. ދެން އެ ވާހަކަ ދެއްކީ ސިޔާސީ ބޭނުމަކު ނޫން. ޙަޤީޤަތުގައިވެސް މި ޤައުމަށް ހަމަޖެހުން ގެންނަން ބޭނުންވާތީ. ޙަޤީޤަތުގައިވެސް މި ޤައުމުގައި މި ސިޔާސީ ނުބައި އޮއިވަރު ނައްތާލަން ބޭނުންވާތީ. ސިޔާސީވީމަ ބަދަލުހިފުން. އެއީކީ ކުރާނެ ކަމެއް ނޫން އަޅުގަނޑެއް. އެހެން ނަމަވެސް، އެހެން ބައެއް ބޭފުޅުންގެ ވިސްނުންހުރީ މަޖިލީހަށް ވަޑައިގެން، އަޅުގަނޑުމެންނާ ދެކޮޅަށް، މިހާރު އޮތް ސަރުކާރާ ދެކޮޅަށް ސިޔާސީ ބަދަލުހިފަން. އެ ބަދަލުހިފުމުގެ ރޫޙު ނައްތާލަން އެބަޖެހޭ. އެ ސައިކަލްގެ ތެރެއަށް ދެން އަނެއްކާ ދާނެ ކަމެއް ނެތް. ހަމަޖެހިގެން، އެކުވެރިކަމާ އެކީގައި، އެންމެން އެކުގައި، އެއްބައިވަންތަކަމާ އެކީގައި، އެއްބައެއްވަންތަކަމާ އެކީގައި ޤައުމައިގެން ކުރިއަށްދާން ވިސްނަންވީ ރައްޔިތުން.

އަޅުގަނޑުމެންނަކަށް ބޭކާރުކޮށްލާނެ ވަގުތެއް ނެތް. އަޅުގަނޑުމެންގެ ދަރިންނަށް މުސްތަޤްބަލެއް ހޯދައިދޭނީކީ މާދަމައަކު ނޫން މިއަދު. މިއަދު ކުރާ މަސައްކަތަކުން މާދަމާ އެ ދަރިން ތިބޭނީ އުފަލުގައި. މިއަދު މި ޤައުމަށް އަޅުގަނޑުމެން ހަމަޖެހުން ގެނެސްދީފިއްޔާ، އެ ދަރިން މާދަމާ އުފަލާ އެކީގައި ބޮޑުވެގެން ކުރިއަށްދާނީ. މިއަދު އަޅުގަނޑުމެންނަށް އެ ފުރުޞަތު އޮއްވައި، އަޅުގަނޑުގެ ސިޔާސަތު އެގޮތަށް ސާފުކޮށް އޮއްވައި، އެއަށް އެއްބާރުލުން ދެއްވީމަ، އަޅުގަނޑުމެން އެންމެން އުފަލުގައި ތިބޭނީ. އަޅުގަނޑުމެންގެ ޤައުމަށް ހަމަޖެހުން ގެނެސް، އަޅުގަނޑުމެންގެ ޤައުމުގައި ތަރައްޤީ ޙަޤީޤަތަކަށްވެ، އަވާމެންދުރެއް ގޮތުގައި ނޯވެ، ޚިޔާލީފޮލައެއް ގޮތުގައި ނުބާއްވައި، ޙަޤީޤަތަކަށް ހެދުން. މިއަދު އަޅުގަނޑުމެން އެކަމައިގެން ތެދުވީމަ، މާދަމާ އެކަން އަޅުގަނޑުމެންގެ ދަރިންނަށް ފެނިގެންދާނީ.

އަޅުގަނޑުމެންގެ ޤައުމުގައި މިނިވަންކަން ގެއްލިގެން އޮޔާދަނިކޮށް، އަމިއްލަ ބާރުގެ މައްޗަށް، ދިވެހި ރައްޔިތުންގެ އަތްމައްޗަށް މިނިވަންކަމުގެ ބާރު، ލޮބުވެތި ރައްޔިތުން ގެންނެވީ. އަޅުގަނޑަށް ރިޔާސީ އިންތިޚާބުގައި ދެއްވި ވޯޓަށް މި ރަށުގެ ރައްޔިތުންނަށް އަދިވެސް ފަށްފަށުން ޝުކުރު ދަންނަވަން.

އެހެންވީމާ، މިނިވަންކަން ޔަޤީންކުރަން އަޅުގަނޑުމެން ފެށި މަސައްކަތް އެދަނީ ބާރު ސްޕީޑްގައި. މި ޤައުމުގައި ތިބި ބޭރުގެ ސިފައިން ފޮނުވާލަން އަޅުގަނޑުމެން މަސައްކަތް ފެށީ ފުރަތަމަ ދުވަހު ޑިޕްލޮމެސީގެ ރިވެތި އުޞޫލުން. ހަމަ އެކަން އެދަނީ އިރާދަކުރެއްވިއްޔާ اَلْحَمْدُ للَّهِ ވަރަށް ކާމިޔާބުކަމާ އެކީގައި. ބެޗް ބެޗަށް، ޓީމު ޓީމަށް، ބޭރުގެ ސިފައިން އެދަނީ ގެންދަމުން. ތިންބަޔަށް ބަހާލައިގެން ގެންދަން ނިންމީ. ދެބައި މީހުން ފައިބައިފި. ދެން ބާކީއޮތް ޓީމުވެސް މި އަންނަ މަހުގެ 10ގެ ކުރިން ފައިބާނެ. އެއެއް ނޫންތޯ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ. ނަތީޖާ ނެރެން. ނަތީޖާ ނެރެދިނުން އަޅުގަނޑަށް ހުރިހާވެސް ކަމަކީ. ރައްޔިތުންނަށް ބޭނުންވާ، ޤައުމަށް ބޭނުންވާ ކަންކަމުގައި ނަތީޖާ ނެރެދިނުން. ދައްކާ ވާހަކައެއްގައި ކަންކަން އޮޅުވާނުލައި، ރީތިކޮށް ސާފުކޮށް ފެންނަ ގޮތަށް ނަތީޖާ ނެރެދިނުން. މިކަމަށް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު މި އެދެނީ. މި ނަތީޖާ ނުނެރެވޭގޮތް ހެދޭ ތަނަކީ މަޖިލިސް. އެތަނުން އެކަން ކުރައްވަން ފުރުޞަތު ނުދެއްވާށޭ، ރައްޔިތުންގެ ކިބައިން މި އެދެނީ. މިއީ 100 ޕަސެންޓް ޤައުމީ ވާހަކައެއް.

އެހެންވީމާ، މިކަމައިގެން އެންމެން އަތުކުރި އޮޅާލީމާ، އަޅުގަނޑުމެންގެ ދަރިންނަށް މުސްތަޤްބަލެއް އެ ދެއްކެނީ. އުފާފާގަތި، ހަމަޖެހިފައި އޮތް، ތަރައްޤީ ޔަޤީންވެފައި އޮތް، މިނިވަންކަން ޔަޤީންވެފައި އޮތް ޤައުމެއް އަޅުގަނޑުމެންގެ އަތުން، މަސައްކަތުން، ރައްޔިތުން އަޅުގަނޑުމެންގެ ދަރިންނަށް އެ ދެވެނީ. އެހެންވީމާ، މި މަސައްކަތައިގެން ދާން އަޅުގަނޑުމެން އަތުކުރި އޮޅާލަންވީ އެކުގައި. ސިޔާސީ ޕާޓީތައް ދޫކޮށްލާ. ސިޔާސީވުމަކީ ފަހުގެ ކަމެއް. ފުރަތަމަ ޤައުމު. މިއީ، ދިވެހިން. ކޮންމެ ރައްޔިތަކީ ދިވެއްސެއް. މަށް ދިވެއްސެއް. މި ޤައުމަށް އުފަންވީ ފަޚުރުވެރި ދިވެހި ރައްޔިތަކަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސްވޭ. އަޅުގަނޑުމެންނާ ހަމަޔަށް މި ޤައުމު ގެނެސްދިން އަބްޠާލުން ވީ ޤުރުބާނީ އަބަދުވެސް ހަނދާންކުރަންޖެހޭނެ. އެ ހަނދާންކޮށް، އޭގެ މައްޗަށް ޢަމަލުކުރަން ކޮންމެ ދުވަހަކު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންޖެހޭނެ. އެ ޢަމަލު މި ކުރެވެނީ އަޅުގަނޑުމެންނަށް ނިޒާމުގެ ތެރެއިން ލިބޭ ފުރުޞަތުތަކުގައި. އެހެންވީމާ، މި ޢަޒުމައިގެން، ޤައުމައިގެން ކުރިއަށްދާން އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ.

އާދެ، އަޅުގަނޑު އަދިވެސް އެއްފަހަރު، ނިލަންދޫގެ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމަކީ ފަޚުރުވެރި، މިނިވަން ޤައުމެއް ގޮތުގައި އަބަދުމެ ލަހައްޓަވާށި! ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި އަޅުގަނޑުމެން ލައްވާށި! އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.