بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اَلْحَمْدُ لِلّـهِ رَبِّ الْعاَلَمِينْ، وَالصَّلاَةُ وَالسَّلَامُ عَلى رَسُوْلِ اللهِ وَعَلَى اٰلِهِ وَصَحْبِهِ اَجْمَعِيْن.

މިއަދަކީ ޤައުމީ ނަޒަރަކުން ބަލާއިރު ވަރަށް ފަޚްރުވެރި ދުވަހެކެވެ. ދިވެހީންނަށް ވަރަށް މުހިންމު އެހާމެ ޚާއްޞަ ދުވަހެކެވެ. އެހެނީ މިއަދަކީ ދިވެހި ބަހުގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 14ވަނަ ދުވަސް ރާއްޖޭގައި ފަހަކަށް އައިސް ފާހަގަކުރެވެނީ ދިވެހި ބަހުގެ ދުވަހުގެ ގޮތުގައެވެ. މި އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ފަޚްރުވެރި ދިވެހި ބަހުގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި ބަހުގެ އެދުރުންނަށާއި ދިވެހި ބަހުގެ ޚިދުމަތްތެރީންނަށާއި، މުޅި ދިވެހި ރައްޔިތުންނަށް ނުހަނު އުފަލާއެކު އަރިސްކުރަމެވެ.

ދިވެހި ބަހަކީ ދިވެހީންގެ އެއްބައެއްވަންތަކަން ހާމަކޮށްދޭ އެންމެ ފާޅުކަން ބޮޑު ފާހަގައެވެ. ދިވެހި ބަހަކީ ދިވެހީންގެ އެއްޤައުމުވަންތަކަން ސާބިތުކޮށްދޭ އެންމެ ސާފުކަން ބޮޑު ޢިލްމީ ޙަޤީޤަތެކެވެ. 4000 އަހަރުވީ ދިވެހީންގެ ޤައުމު އެއްބައިވަންތަކަމާއެކު މި ދިވެހި ފަސްގަނޑު ރައްކާތެރިކޮށްގެން އުފެއްދުންތެރި މަސައްކަތްތެރި އަދި ގުޅުންތެރި ބައެއްގެ ގޮތުގައި ދެމި ތިބުމުގައި ދިވެހި ބަހުގެ ދައުރު ކިތަންމެހައި ވެސް ފުޅަލެވެ. ދިވެހި ބަހުގެ އަސަރު ނިހާޔަތަށް ވަރުގަދައެވެ. އެހެންކަމުން ދިވެހި ބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް، އެ ދުވަހުގެ ހައިބަތު ދިވެހި ދަރީންގެ ހިތްތަކުގައި މަތިވެރިކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ.

ދިވެހިބަހުގެ ދުވަސް ނިސްބަތްކުރެވެނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނަށެވެ. އެމަނިކުފާނުގެ ތަޢާރަފުގައި އެކި ބޭފުޅުން ގިނަގުނަ ސިފަކުރުންތައް ގެންނަވައިފައިވެއެވެ. އެމަނިކުފާނަކީ ދިވެހިރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބެވެ. ދިވެހި އަދަބުގެ ފަތިހުގެ ތަރިއެވެ. ކުޅަދާނަ މުތަރުޖިމެކެވެ. ތަޤުރީރުކުރުންތެރިއެކެވެ. ލިޔުންތެރިއެކެވެ. ޢަދުލުވެރި ފަނޑިޔާރެކެވެ. ޙިކްމަތްތެރި ފިޤުހު ޢިލްމުވެރިއެކެވެ. ހިސާބު ޢިލްމާއި ތާރީޚާއި ބަހާއި ޅެންވެރިކަމުގައި ވެސް އަރައިހުންނެވި ޢިލްމުވެރިއެކެވެ. ޢިލްމު ފެތުރުއްވުމުގައި ދީލަތި ކުޅަދާނަ އުސްތާޛެކެވެ. އޯގާވަންތަ ﷲ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ޖަޒާ މިންވަރު ކުރައްވާށިއެވެ!

ދިވެހި ބަހުގެ ދުވަސް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަށް ނިސްބަތްކުރެވޭ އިރު، ފާހަގަކޮށްލަން ޖެހޭ ކަންތައްތަކެއް އެމަނިކުފާނުގެ ޙަޔާތްޕުޅުން ފެންނާން އެބަ ހުއްޓެވެ. އެމަނިކުފާނު ކިޔަވައިވިދާޅުވީ ދިވެހިރާއްޖެއިންނެވެ. ބޭރުގެ އެއްވެސް ޔުނިވަރސިޓީއަކަށް ކޮލެޖަކަށް ވަޑައިގެން ދުވަސްތައް ހޭދަކުރައްވައިފައެއްނުވެއެވެ. ނަމަވެސް އެމަނިކުފާނުގެ ޢިލްމުވެރިކަން ފުނެވެ. ތަނަވަހެވެ. އަޅުގަނޑުމެން ކޮންމެ ރޯދަ މަހަކު މި އަޑު އަހާ ކީރިތި ރަސޫލާގެ ސިޔަރަތަކީ އެމަނިކުފާނުގެ ޢިލްމީ ހަދިޔާތަކުގެ ތެރެއިން އެންމެ އަގު ހުރި އެއް ހަދިޔާއެވެ. އެންމެ ގިނަ ބަޔަކަށް އޭގެ ޢިލްމު ފޯރާ ޢިލްމީ އުފެއްދުމެވެ. އެ ތަރުޖަމާގެ މޮޅުކަމާއި އޮމާންކަމާއި ފަސޭހަކަމަށް އަދުގެ ޢިލްމުވެރީން ވެސް ހެކިވެވަޑައިގަނެއެވެ. ފަޟީލަތުއްޝައިޚަކީ އަމިއްލަފުޅު މަސައްކަތްޕުޅުން އަމިއްލަ ވަޒަނުގައި ހުންނަވައިގެން ޢިލްމުވެރިކަން ހޯއްދެވި ބޭފުޅެކެވެ.

މިކަމުން އަޅުގަނޑުމެންނަށް ލިބޭ ފިލާވަޅުތަކެއް އެބަހުއްޓެވެ. އުންމީދުތަކެއް އެބަހުއްޓެވެ. އެއީ، ދިވެހި ބަހުން ކިޔަވައިގެން ޢިލްމުވެރިވެވިދާނެކަމެވެ. ހަމަ އެހެންމެ، އެހެން ބަސްބަހުގެ ޢިލްމުތައް ދިވެހި ވެށްޓަށް ގެނެވިދާނެކަމެވެ. މީގެ އިތުރަށް ކަށަވަރުވާ ކަމަކީ ތިމާގެ އަމިއްލަ މާދަރީ ބަހަށްް މޮޅުވުމުން އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވެވޭކަމެވެ.

މި ޒަމާނުގެ ޢިލްމީ ހޯދުންތައް ބުނާ ގޮތުން މާދަރީ ބަހަށް މޮޅު ކުދީން އެހެން ބަސްތަކަށް މޮޅެވެ. މާދަރީ ބަހުން ވިސްނައި ފިކުރުކުރަން ދަސްވުމުން އެހެން ބަަސްބަހާއި ޢިލްމުތަކަށް ލޯ ހުޅުވޭލެއް ފަސޭހައެވެ. ޤައުމެއްގެ ބަޔަކު މާދަރީ ބަހުން ފިކުރުކޮށް އެބަހުގެ ދޭހަ ފުންވި ވަރަކަށް އެ ބައެއްގެ ޤައުމާ މެދު ވިސްނުމުގެ ޝައުޤާއި ރޫޙު އުފެދެއެވެ. މި އަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިޢާރުގައި ދިވެހިބަހުން ވިސްނަން އިޝާރާތްކޮށްފައި އެވަނީ މިހެންވެގެނެވެ.

އަޅުގަނޑު ބޭނުންވަނީ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރާށެވެ. އަޅުގަނޑު އެދެނީ ދިވެހިބަހުން ދޫ ހިނގާ، ގަލަން ހިނގާ ޒުވާނުންތަކެއް އުފެދޭށެވެ. އަޅުގަނޑު ތަރުޙީބު ދެނީ ދިވެހީންގެ ޤައުމާއި ދިވެހިރާއްޖެއަށް ރައްކާތެރިކަން އެދި ހިތްތަކާއި ލޯތައް ހުޅުވިފައިވާ ރައްޔިތެއް މި ޤައުމުގައި އޮންނާށެވެ. އަޅުގަނޑު އިލްތިމާސް ކުރަނީ އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި ދިވެހި ބަހަށް ފަރިތަކަން ލިބިގަންނާށެވެ. ދިވެއްސަކަށް ވީތީ ފަޚްރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ޤައުމު އަލިވިލޭން ޖާގަ ދެއްވާށެވެ.

ދިވެހި ބަހުގެ ދުވަހަކީ ޤައުމުގެ ހުރިހައި ދާއިރާއަކުން ދިވެހި ބަހާމެދު ފިކުރު ހިންގާންވި ދުވަހެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް ތަބާވުމެވެ. ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ޢަޒުމު ކަނޑައެޅުމެވެ. އޮފީސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތަކާއި، ތަޢުލީމާއި، މުޢާމަލާތުގެ ހުރިހައި ދާއިރާއަކުން ވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް އަޅުގަނޑު ގޮވައިލަމެވެ.

އަޅުގަނޑު ފަށައިފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ ބޭނުމަކީ މި މަޤުޞަދުތައް ޙާޞިލުކުރުމެވެ. ޤައުމިއްޔަތު މާއްދާގެ ފިލާވަޅުތަކުން ކިޔަވާ ކުދީންނަށް ހެޔޮ އަސަރުތަކެއް ފޯރާނެއެވެ. އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ޤާއިމު ކުރެވުނު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ކިޔެވުން ފެށުމުން، ޒުވާނުންނާއި އާންމު އެންމެހައި ފަރާތްތަކަށް މި ފުރުޞަތުތައް ފަހިވެގެންދާނެއެވެ. ދިވެހި ތަރައިގެ ކޮލެޖު ނުވަތަ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ދާދި އަވަހަށް އުފެއްދޭނެއެވެ. އެ ކޮލެޖު ނުވަތަ އިސްވަރު އުފެދުމާއެކު މުޅި ރާއްޖެ ބައިވެރިވާ ޤައުމީ ތަރިކަތަކާއި ބަހާތަކާ މެދު ޢިލްމީ ގޮތެއްގައި ފިކުރުކުރާނެ ރަސްމީ ވިޔުގައެއް އުފަންވާނެއެވެ. ހަމަ އެއާއެކު ދިވެހި ޤައުމީ ޗާޕުޚާނާ މި އުފައްދަނީއެވެ. މި ޗާޕުޚާނާ އުފަންވުމާއެކު ދިވެހިބަހުން ލިޔެވިފައިވާ ޒަމާނީ ފޮތްތަކާއި އެ ނޫންވެސް ޒަމާނީ ޑިޖިޓަލް އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިވެހި ބަހުން އާންމުވެގެންދާނެއެވެ. މި ކަންކަމާއެކު ރާއްޖޭގެ ރަށްރަށުގައި ކުތުބުޚާނާތަކާއި ސަގާފީ މަރުކަޒުތައް ޤާއިމުކުރެވޭނެއެވެ.

ދިވެހި ބަހާއި ދިވެހި ޤައުމިއްޔަތާ މެދު އަޅުގަނޑުގެ ތަޞައްވުރުގައި މި ފަދަ އެތައް މަޝްރޫޢުތަކެއް ރޭވިފައިވެއެވެ. އެކަންކަމާ ގުޅޭ މަސައްކަތްތައް ހިނގަމުން އެބަ ދެއެވެ. އިރާދަކުރެއްވިއްޔާ ކަނޑައެޅިފައިވާ ތާރީޚުތަކަށް މި ކަންކަން ނިމެމުން ރައްޔިތުންނަށް މި ކަންކަމުގެ ލާބައާއި މަންފާ ލިބެމުންދާނެއެވެ.

އަޅުގަނޑުގެ ދުޢާއަކީ ދިވެހި ބަހަށް އާރޯކަން ލިބުމެވެ. ދިވެހިވަންތަކަމަށާއި ދިވެހި ޤައުމަށް ދިރުން އައުމެވެ. ދިވެއްސަކަށް ވީތީ ފަޚްރުވެރިވުމުގެ ރޫޙު، ދިވެހި ކޮންމެ ދަރިޔެއްގެ ހިތުގެ އެންމެ ފުނުގައި ޤާއިމުވެގެން ވުމެވެ.

މާތް ﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ! މި ލޮބުވެތި ވަޠަން މިނިވަންކަން މަތީ އަބަދުމެ ލަހައްޓަވާށިއެވެ!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.