ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިލަންދެ އަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ބިލެތްދޫ ފެނަކަ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާއި ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި ފުޓްބޯޅަ ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކައުންސިލު އިދާރާގެ އައު އިމާރާތެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި އެރަށުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުގެ ފިކުރަކީ ތަރައްޤީގެ ފިކުރުކަން ފާހަގަކުރައްވައި މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫޢުވެސް އަދި ތަރައްޤީގެ އެހެން މަޝްރޫއެއްވެސް ހުއްޓާނުލައްވައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އެކަންކަމުގެ އިތުރުންވެސް ތަރައްޤީގެ މަޝްރޫޢުތައް އެރަށުގައި ހިންގަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.