ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ލ. ގަމަކީ އެންމެ ގިނަ ހައުސިންގ މަޝްރޫޢުތައް ހިންގާނެ އެއް ރަށަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެދޮރުވެރިކަން ކުރިޔަށްގެންދިއުމުގައި ވެސް ބިންބޮޑު ޖާގަ އޮތްތަންތަނަށް އިސްކަންދެއްވާނެކަމަށެވެ. އަދި ތަރައްޤީގެ ކަންކަން އަމަލީގޮތުން ކުރިޔަށްގެންގޮސްދެއްވައި ގަމުގެ ރައްޔިތުން އެދޭ ތަރައްޤީގެ ހުރިހާ ކަމެއްވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ގަމު ރީޖަނަލް ހޮސްޕިޓަލް އެންމެ މަތީ ފެންވަރުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދެއްވާނެކަމަށާއި އެގޮތަށް ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ސަރުކާރުގެ ރަސްމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިފައިވާކަމުގައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ގަމުގައި އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ޤާއިމުކުރައްވާނެކަމުގައި ވެސް ވިދާޅުވެފައެވެ.

ހައްދުންމަތީ ގަމަކީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި އެންމެ ފަހު ރަށެވެ.