ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލ. ފޮނަދޫގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފޮނަދޫ އިޖުތިމާޢީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ދެއްކެވި ވާހަކަފުޅުގައި މަގުހެދުމުގެ މަސައްކަތް ލަސްވުމުގެ ކަންބޮޑުވުމާއި ސްކޫލްގެ ކިޔެވުން ދެ ދަންފަޅީގައި ކުރިއަށްގެންދަން ޖެހުމުން ދިމާވާ ދަތިތައް ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ އިސް ރަށްވެހީން މޫދަށް އެރިލާނެ އާޓިފިޝަލް ބީޗް ސަރަޙައްދެއް ތަރައްޤީ ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ކައުންސިލުން ވަނީ ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު ވިއުގައިގެ ބައެއް މައްސަލަތައް ފާހަގަކުރައްވައި، މިކަންކަން ހައްލުކުރުމަށް މަޝްވަރާކުރައްވާފައެވެ. އަދި ރަށުގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި ފަތުރުވެރިކަމުގެ ފުރުޞަތުތަކާ ބެހޭގޮތުން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އެ ކޮމިޓީން ހިންގަން ބޭނުންވާ އެކި ހަރަކާތްތަކަށް އެކަށީގެންވާ ބަޖެޓެއް ނުލިބުމުގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނަށް ޕެންޝަން ސްކީމް، މެޓަރނިޓީ ލީވް، ރޯދަ އެލަވަންސް، ލޯނު ނެގުން، އަދި އެކަށީގެންވާ އުޖޫރައެއް ލިބުމުގެ މުހިންމުކަން ކޮމިޓީ މެންބަރުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.