ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހައްދުންމަތީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި، ތަރައްޤީގެ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފޮނަދޫ އިޖުތިމާޢީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ އަތޮޅުގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، މަސްވެރިންނަށް މަސްކިރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމާއި، ދަތުރުފަތުރާއި ތަޢުލީމީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އަތޮޅުގައި އެކި މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް ކައުންސިލުން ގެންގުޅޭ ވިސްނުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް އަތޮޅުގެ އެކި ރަށްރަށަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމާ ބެހޭގޮތުން ކައުންސިލްގެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.