ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލ. ހިތަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ހައްދުންމަތީ ފޮނަދޫ އިޖުތިމާޢީ މަރުކަޒުގައެވެ.

މިބައްދަލުކުރެއްވުމުގައި ހިތަދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ހިތަދޫ ކައުންސިލްގެ ފަރާތުން ވަނީ އެރަށުގެ މަގުތައް ހެދުމާއި ދަޢުލަތުގެ އިދާރާތަކުން ޚިދުމަތް ހޯދުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ރަށުގައި ފުޓްބޯޅަ ދަނޑެއް ހެދުމަށް ބޭނުންވާކަމަށާއި، ރަށުން ލިބޭ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ރަށުގައި ހުރި ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ކައުންސިލުން ވަނީ ރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ހަރުދަނާ ގޮތެއްގައި ލިބޭނެ މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.