ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލ. މާބައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި އެރަށު ރައްޔިތުންނަށް މިވަގުތަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ދަނބިދޫ ސްކޫލުގައެވެ.

ކައުންސިލުން ވަނީ ރަށުގައި ބޭންކިންގ ޚިދުމަތް ލިބުމާއި ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަން ހިއްސާކުރައްވާފައިވެއެވެ. ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާއަށާއި ލާމު އަތޮޅު މަދަރުސާއަށް އައު އިމާރާތެއް ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ކައުންސިލުން ވަނީ ރަށުގެ ޞިއްޙީ މަރުކަޒު ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށު ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ލ. މާބައިދޫ އ.ތ.މ. ކޮމިޓީގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި އ.ތ.މ. ކޮމިޓީ މެންބަރުންނަށް ދޭ އެލަވަންސް ބޮޑުކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ.