ހައްދުންމަތީ މާވަށުގެ ބިން ހިއްކާއިރު ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ލ. އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ ލ. މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިން އެރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމުގައެވެ. އަދި މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަޙައްދު ހިމާޔަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ހުއްޓިފައިހުރި ބައެއް މަޝްރޫއުތައް އަލުން ފަށައިގެން މިހާރު ކުރިޔަށްދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި 50 މިލިޔަނުން ފެށިގެން މަތީގެ ޚަރަދުތައް ހިނގާ ބޮޑެތި މަޝްރޫޢުތައްވެސް އެކި މަސްތަކަށް ބަހާލައިގެން ކުރިޔަށްގެންދާނެކަމަށާއި އެގޮތުން އެފަދަ ބައެއް މަޝްރޫޢުތައް ޖުލައި މަހާ ހިސާބުގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މާލަސްތަކެއްނުވެ މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފެށޭނެކަމަށާއި އަދި މާވަށުގެ މަގުތައް ހެދުމާއި އެނޫންވެސް ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން އެދޭގޮތަށް ކުރިޔަށްގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.