بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

اَلْحَمْدُ للّٰهِ رَبِّ العَالَمِيْنَ وَالصَّلاَةُ وَالسَّلَامُ عَلى رَسُوْلِ اللهِ وَعَلَى اٰلِهِ وَصَحْبِهِ اَجْمَعِيْن.

މިއަދަކީ މި ހިނގާ 1445ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. މުލަ ރޯދަ ދުވަހެވެ. ރަމަޟާން މަހަކީ ރަޙްމަތާއި ބަރަކާތުގެ މައްސަރެވެ. ރުއްސެވުމާއި ފުއްސެވުމުގެ މޫސުމެވެ. އެހެންކަމުން މި ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ.

ޝައްކެއް ނެތެވެ. ދީނީ ގޮތުންނާއި ތާރީޚީ ގޮތުން ވެސް ރަމަޟާން މަހަކީ ޚާއްޞަ މައްސަރެކެވެ. މިއީ ކީރިތި ޤުރްއާން ބާވައިލެއްވުނު މައްސަރެވެ. ދީލަތިކަމާއި ދިންނެވުމުގެ މައްސަރެވެ. ރޭއަޅުކަމާއި ލައިލަތުލްޤަދްރީގެ މައްސަރެވެ. ހަމަ އެހެންމެ، މިއީ ބަދުރުގެ މަތިވެރި ނަޞްރާއި، މައްކާ ފަތަޙަވުން ހާސިލުވި،  ތާރީޚީ ޝަރަފުވެރި މައްސަރެވެ.

މިފަދަ މާތް މައްސަރެއް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، އެ މަހުގެ ދުވަސްތަކަށް އަޅުގަނޑުމެން ތައްޔާރުވާންވީ ކިހިނަކުންތޯ ވިސްނައިލުމަކީ އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑު ދެކޭގޮތުގައި ރަމަޟާން މަހަކީ ހުރިހާ ގޮތަކުން ވެސް ހެޔޮކަމުގެ މައްސަރު ކަމަށްވާތީ، އަޅުގަނޑުމެން އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާ ކުރުން މުހިންމެވެ. ސަރުކާރުން ރައްޔިތުންނަށް ހެޔޮ ފޯރުވަންވީއެވެ. ރައްޔިތުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުމެވެ. ފޯރުންތެރީންގެ އެހީތެރިކަން ފަގީރުންނަށް ބޭނުންވާނެއެވެ. ދިވެހި ކޮންމެ އަޚަކު އުޚުތަކު އެކަކު އަނެކަކަށް އިޙްސާންތެރިވެ މަދަދުވެރިވާންވީއެވެ. މި ގޮތުން ދޭދޭ ހުރިހާ ގުޅުންތަކެއްގައި ވެސް ހެޔޮ ފޯރުވުމުގެ މާތް ސިފަ އަށަގެންނެވުން ވަރަށް މުހިންމެވެ.

މާތް ﷲގެ ވާގިފުޅާއެކު ސަރުކާރުން މިކަމުގައި އިސްވެ ނަމޫނާ ދެއްކޭތޯ ބެލީމެވެ. މަސްވެރީންގެ ކުރިމަތީގައި އޮތް، އެ މަސްވެރީން ކިރުވި މަހަށް ފައިސާ ނުލިބުމުގެ ހިތްދަތި މައްސަލަ ރޯދައަށް ޙައްލުކޮށްދެވުނެވެ. އެކިއެކި ކުއްލި ޙާލަތުގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތައް ވެސް ރޯދައިގެ ކުރިން ޙައްލުކޮށްދެވުނެވެ. ދުއްވާ މީހުންނާއި ހިނގައިބިނގައިވާ މީހުންގެ ލުއިފަސޭހަޔަށް ޓަކައި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް ވެސް ފިޔަވަޅުތަކެއް މިހާރު ވާނީ އަޅައިފައެވެ. އިތުރަށް އަދިވެސް މިކަން ހަރުދަނާކުރެވެމުން އެބަ ދެއެވެ. ހަމަ އެހެންމެ، ކޮންމެ ގޭ ބިސީއަކަށް ސަރުކާރުގެ ފަރާތުން ހަދިޔާއެއް ދިނުމަކީ ވެސް މި ދެންނެވި ހެޔޮ ފޯރުވުމާއި، ދޭދޭ ގުޅުންތައް ބަދަހިކުރުމުގެ އާދައަށް ތަރުޙީބު ދިނުމެވެ. މީގެ އިތުރަށް، ބަރަކާތްތެރި ރަމަޟާން މަހަކީ ޚާއްޞަކޮށް އަޅުކަމުގެ މައްްސަރެއްކަމަށް ވީތީ، ރަމަޟާން މަހުގެ ފަހު ދިހަ އެ ވަނީ އަޅުކަމަށް ޚާއްޞަ ކުރެވިފައެވެ. އޮފީސްތައް ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސާފައެވެ.

ދިވެހީންގެ ތާރީޚަށް ބަލާއިރު ބަރަކާތްތެރި ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީވުމުގެ ލާމަސީލު ނަމޫނާ ދިވެހީންގެ ކިބައިން ދައްކައިދީފައިވާ މައްސަރެކެވެ. ރޯދަމަހަށް ތައްޔާރުވުމުގައި ގޭގެ ފަންގިލާ މަރާމާތު ކުރެވެއެވެ. ރަށުތެރެ ސާފުކުރެވެއެވެ. މައިޒާންތައް ހެދެއެވެ. މި ކަންކަން ކުރެވެނީ އެންމެން ގުޅިގެންނެވެ. އެންމެންގެ ފަސޭހަޔަށެވެ. ހަމަ އެހެންމެ ރޯދަ ވީއްލާން މިސްކިތްތަކަށް ތަކެތި ތައްޔާރުކޮށްގެން ގެންދިޔުމާއި، ރޯދަވީއްލާ ގަޑިއަށާއި ހާރުދަމަށް ތައްޔާރުކުރެވޭ ކާ ތަކެތި، އެއްގެއިން އަނެއްގެޔަށް ގެންގޮސް ދިނުމާއި، މިފަދަ ރީތި އިޖުތިމާޢީ ސިފަތައް އާންމުކޮށް ދިވެހީންގެ މާޒީން ފެނެވެ. އިސްލާމްދީން މުސްލިމުންނަށް ދަސްކޮށްދެނީ މިފަދަ މާތް ރީތި އަޚްލާޤެވެ.

އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއް ފަދަ ބަދަހި އުންމަތެކެވެ. މި ބަރަކާތްތެރި މައްސަރުގައި އަޅުގަނޑުމެން މުޅި އުންމަތަށް ހެޔޮދުޢާ ކޮށްދޭންވާނެއެވެ. ވަކީން ޚާއްޞަކޮށް، މި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، ފަލަޞްޠީނުގެ ބިމުގައި ހަނގުރާމައާއި، ބިރުވެރިކަމާއި، ހައިހޫނުކަމުގައި، ގެދޮރާއި ޢާއިލާ ގެއްލި ބިކަވުމުގެ ޙާލަތު ކުރިމަތިވެފައިވާ އަޅުގަނޑުމެންގެ މުސްލިމް ތުއްތުކުދީންނާއި، އުޚްތުންނާއި، އަޚުންގެ މަތީން އަޅުގަނޑުމެން ހުރިހާ ދިވެހީން އަބަދުމެ ހަނދާންވެއެވެ. މުސްލިމުންގެ މުޤައްދަސް އެއް މިސްކިތް ކަމުގައިވާ އަލްމަސްޖިދުލް އަޤްޞާ ހުރި ބަރަކާތްތެރި ވަޠަނުގައި، އިސްލާމްދީނާއި މިނިވަންކަމުގެ ޙައްޤުގައި ފަލަޞްޠީނުގެ އަހުލުވެރީން ކުރަމުންދާ ޖިހާދަށް ނަޞްރު ދެއްވައި، އަނިޔާވެރީންގެ ކެހިވެރިކަމުން މިންޖު ކުރައްވާށިއެވެ. އާމީން.

ރަމަޟާން މަސް އަޅުގަނޑުމެން މުސްލިމުންނަށް ދޭ ފިލާވަޅުތައް ގިނަގުނައެވެ. މިއީ ކެތްތެރިކަމުގެ މައްސަރެވެ. އެކަކު އަނެކެއްގެ ބުރަތައް ލުއިކޮށް ދިނުމުގެ މައްސަރެވެ. މިއީ މާފަށް އެދުމާއި މާފުކުރުމުގެ މައްސަރެވެ. އަދި އިސްތިޣްފާރު ކުރުމާއި، ތައުބާވެ އަމިއްލަ ނަފުސު އިޞްލާޙުކުރުމުގެ ފުރުޞަތެވެ.

މި ބަރަކާތްތެރި ރަމަޟާން މަހު ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އިލްތިމާސަކީ މިއެވެ. އަޅުގަނޑުމެން ދިވެހީންނަކީ އެއް އާއިލާއެއްކަން ހަނދާންކުރައްވާށެވެ. އެއް ދީނެއްގައި ތިބި އެއް ޤައުމެއްގެ އަޚުންނާއި އުޚްތުންކަން އިޙްސާސްކުރައްވާށެވެ. ދޭދޭ ގުޅުންތައް ބަދަހިކުރައްވާށެވެ. ހެޔޮކަމުގެ މި މޫސުމުގައި ކީރިތި ޤުރްއާނުން ރޫޙާނީ މީރުކަން ހޯއްދަވާށެވެ. ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކުން މުޖުތަމަޢު ކިލަނބު ނުކުރައްވާށެވެ. އަމިއްލަ ނަފުސާ މެދު އިތުރަށް ވިސްނައިވަޑައިގެން އިޞްލާޙު ކުރައްވާށެވެ. ރީތި ހިމޭން ބަސްމަގުން ތެދުބަހުން މީހުންނާ މުޢާމަލާތު ކުރައްވާށެވެ. ވަގުތާއި ކެއިން ބުއިމުގެ އިސްރާފުތައް ވެސް ނުކުރައްވާށެވެ. ކޮންމެ ގެޔަކީ ކުޑަކުދީންނަށް އޯގާވެރި، ދުވަސްވީ މީހުންނަށް ކަމޭހިތާ، ދޭދޭ އެންމެހައި ގުޅުންތަކަށް އިޙްތިރާމުކުރާ އުފާވެރި ގެޔަކަށް ހައްދަވައިދެއްވާށެވެ!

މާތް ﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ! އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙު ކުރައްވައި، ހަރުދަނާކަންމަތީ ލަހައްޓަވާށިއެވެ!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ