• ފޯރަމް ހުށަހަޅުއްވައިދެއްވީ، ޕަބްލިކް ސަރވިސް މީޑިއާގެ ސީނިއަރ އެޑިޓަރ އަޙްމަދު ޖަދުވާން.

އަޙްމަދު ޖަދުވާން:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

ސަރުކާރުގެ މަސައްކަތްތަކާމެދު ޢާންމު ރައްޔިތުން އަހާ ސުވާލުތަކަށް ވަގުތުން ޖަވާބު ދެއްވުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދަވާ "އަހާ ފޯރަމް" ބައްލަވަން މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނަށާއި، ދުރާއި ގާތުން މި ފޯރަމް ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުންނަށާއި، އަދި ފޯރަމްގެ އަޑު އައްސަވަމުން ގެންދަވާ އެންމެހައި ބޭފުޅުންނަށް މަރުޙަބާ ދަންނަވަން.

އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، "އަހާ"ގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށް މިގެންދާ މި ފޯރަމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ ދަށުން އަޅުގަނޑުމެން ކުރިއަށް ގެންދާ މުހިންމު ހަރަކާތެއް.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުން ސަރުކާރު ކުރެން އަހައި އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވަގުތުން ސަރުކާރުން ޖަވާބު ދެއްވުމުގެ ފުރުޞަތު ރައްޔިތުންނަށް ދެއްވުން. އެގޮތުން، މިއީ މި ސިލްސިލާގެ ދެވަނަ ފޯރަމް. ފުރަތަމަ ފޯރަމްގައި، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުގެ މުހިންމު ފަސް ވުޒާރާއެއްގެ ވަޒީރުން މެދުވެރިކުރައްވައި، ސަރުކާރުން ވަނީ ތިޔަބޭފުޅުން އެއްސެވި ވަރަށްގިނަ ސުވާލުތަކަށް ޖަވާބު ދެއްވާފައި. އަދި އެ ފޯރަމްގައި ތިޔަބޭފުޅުން އެއްސެވި ސުވާލުތަކުގެ ތެރެއިން، އެ ފޯރަމްގެ ވަގުތުތަކުގެ ތެރޭގައި ޖަވާބު ނުދެއްވުނު ސުވާލުތަކަށް، ސަރުކާރުގެ ފަރާތުން ވަނީ ފަހުން ޖަވާބު ދެއްވާފައި.

މި ފޯރަމް އަދި މާ ޚާއްޞަ އިނގޭތޯ. މިއީ، މި ސިލްސިލާގެ ދެވަނަ ފޯރަމް. މި ފޯރަމް ޚާއްޞަވެގެންދާ އެންމެ މުހިންމު ސަބަބަކީ، މި ފޯރަމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިޔަބޭފުޅުން ކުރައްވާ ކޮންމެ ސުވާލަކަށް ވަގުތުން ޖަވާބު ދެއްވުމަށްޓަކައި ބާއްވާ "އަހާ"ގެ މުހިންމު ފޯރަމް. މިއީ، މި ސިލްސިލާގެ ދެވަނަ ފޯރަމް.

މި ފޯރަމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޝުކުރިއްޔާ.

އަޙްމަދު ޖަދުވާން:

އާދެ، ރައީސްގެ މުހިންމު ވަޢުދުފުޅެއް ފުރިހަމަ ކުރެއްވުމުގެ ގޮތުން ބާއްވާ މި ފޯރަމަކީ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. މިއީ، ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އާ ކަމެއް އިނގޭތޯ. މިހާތަނަށް ދިވެހިރާއްޖޭގެ މުޅި ތާރީޚަށް ބަލާއިރުވެސް، ލިޔެފައި އޮތް ތާރީޚަކުން އަދި ތުންތުންމަތިން ދެކެވޭ ވާހަކައަކުންވެސް ސީދާ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ޤައުމުގެ އެންމެ އިސްވެރިޔާ ރައްޔިތުންނާ މިގޮތަށް ބައްދަލުކުރައްވައި، ރައްޔިތުން އަހަން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވުމުގެ ފުރުޞަތު، މިގޮތަށް ޢާންމު ފޯރަމެއްގައި ދެއްވާފައިވާ ކަމަކަށް ފެންނާކަށް ނެތް.

އެހެންވީމާ، މިއީ، ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އާ ކަމެއް. މުޅިން ޚާއްޞަ ކަމެއް. ވަރަށް މުހިންމު ކަމެއް. އަދި މިއީ، ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށްޓަކައި ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރެޓިކް ނިޒާމަށް ބަދަލުވިފަހުން، އެ މަގަށް ދިވެހިރާއްޖެ ރުޖޫޢަވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން.

މިރޭ މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނަށާއި އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ސުވާލުކޮށް، އަހަން ބޭނުންވާ ކޮންމެ ވާހަކައެއް އެހުމުގެ ފުރުޞަތު މިވަނީ ޢާންމުކޮށް ހުޅުވާލާފައި.

އެގޮތުން، އަޅުގަނޑުމެން މި ފޯރަމަށް މިތަނަށް އަޅުގަނޑު އައުމުގެ ކުރިން އަޅުގަނޑުމެން ވާނީ ތިޔަބޭފުޅުންނަށް ސުވާލު ކުރުމުގެ ފުރުޞަތު، އެސް.އެމް.އެސް.ގެ ޒަރީއާއިން ހުޅުވާލާފައި. އެގޮތުން، "AH" ޖެއްސެވުމަށްފަހު، ހުސް ތަންކޮޅެއް ދޫކޮށްލައްވާފައި، ސުވާލު ލިޔުއްވުމަށްފަހު، 300 އަށް އެސް.އެމް.އެސް. ކުރުމަށް އަޅުގަނޑުމެން ހުޅުވާލިން. އެ ފުރުޞަތުގައި، މިއަދު ހަވީރާ ހަމަޔަށް އަޅުގަނޑު ބަލައިލިއިރުގައި، ވަރަށްގިނަ އަދަދެއްގެ ސުވާލު އިނގޭތޯ، އަޅުގަނޑު ހީކުރިވަރަށްވުރެ މާގިނަ އަދަދެއްގެ ސުވާލު، ރައްޔިތުން ފޮނުވާފައިވޭ. އަދި މީގެއިތުރުން، މިރޭ މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް ސުވާލު ކުރުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތުވެސް އަޅުގަނޑުމެން ވާނީ ހުޅުވާލާފައި. އެގޮތުން، X މެދުވެރިކޮށް ސުވާލުކުރަން ބޭނުންފުޅުވާނަމަ، @tvmaldives ޖެއްސެވުމަށްފަހުގައި، ސުވާލު ފޮނުއްވީމާ، X އިން އަޅުގަނޑުމެން އެ ސުވާލު ބަލައިގަންނާނެ ވާހަކަ ދަންނަވަން. އަދި މީގެއިތުރުން، ފޭސްބުކްއިން ސުވާލު ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، @tvm page މި ޕޭޖަށް ސުވާލު ފޮނުއްވީމާ، އަޅުގަނޑުމެން އެ ސުވާލު ބަލައިގަންނާނަން. މީގެއިތުރުން، އަޅުގަނޑުމެން ފޯނުންވެސް ހަމަ ތިޔަބޭފުޅުންނަށް ސުވާލުކުރުމުގެ ފުރުޞަތު ވާނީ ހުޅުވާލާފައި. އެގޮތުން، 3000312 މި ނަންބަރަށް ގުޅުއްވާފައި ތިޔަބޭފުޅުންނަށް ސުވާލު ކުރެއްވުމުގެ ފުރުޞަތު މިވަނީ އަޅުގަނޑުމެން ހުޅުވާލާފައި.

އެހެންވީމާ، މިއިން ކޮންމެ ގޮތަކަށްވެސް ތިޔަބޭފުޅުންނަށް މިރޭ ރައީސަށް ސުވާލު ދެންނެވުމުގެ ފުރުޞަތު އަޅުގަނޑުމެން މިވަނީ ހުޅުވާލާފައި.

މިރޭގެ މި ފޯރަމް ދެ ގަޑިއެއްހާއިރަށް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ވާނީ ގަސްތުކޮށްފައި. ކުރީ ރޭވެސް ދެގަޑިއެއްހާއިރަށް އަޅުގަނޑުމެން ގަސްތުކުރީ. އެހެން ނަމަވެސް، އެއަށްވުރެ ގިނަ ވަގުތު ހޭދަވެގެންދިޔަ. މިރޭ އަޅުގަނޑުމެން ބަލާނަން، ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުޞަތު އެރުވޭތޯ. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަކަށް ދެގަޑިއެއްހާއިރު ތެރޭގައި ރައީސާ ސުވާލު ދެންނެވުމުގެ ފުރުޞަތެއް އަޅުގަނޑަކަށް ނޭރުވޭނެ.

އެހެންވީމާ، މާފާއެކު ދަންނަވަން. މިރޭ ވީހާވެސް ގިނަ ބަޔަކަށް އަޅުގަނޑު ފުރުޞަތު އަރުވާނެ ވާހަކަ. އެހެން ނަމަވެސް، މިރޭ އަޅުގަނޑަށް ފުރުޞަތު ނޭރުވޭ ބޭފުޅުންވެސް ހަމަ މާޔޫސްވެވަޑައިނުގަންނަވާތި. ތިޔަބޭފުޅުން ކުރައްވާ ކޮންމެ ސުވާލަކަށް، ކޮންމެވެސް ވަގުތެއްގައި ރައީސް ޖަވާބު ދެއްވާނެ. މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ކޮންމެ ދުވަހަކު "ރައީސްގެ ޖަވާބު"ގެ ނަމުގައިވެސް ވަރަށް ޚާއްޞަ ހަރަކާތެއް ރައީސް ހިންގަވާ. ހަމަ ކޮންމެ ދުވަހަކު ޖަވާބު ދެއްވަމުން ގެންދަވަނީ.

އެހެންވީމާ، މިހާ ހިސާބުން އަޅުގަނޑު އިތުރު ވާހަކަތަކަށް ނުގޮސް، މިރޭގެ ފުރަތަމަ ސުވާލަށް ހުޅުވާލަން. ފުރަތަމަ ސުވާލަށް އަޅުގަނޑު މިރޭ ހުޅުވާލާނީ، މިރޭ މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ކޮންމެވެސް ބޭފުޅެއްގެ ސުވާލަށް.

ސުވާލު:

އަޅުގަނޑުގެ ސުވާލަކީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީމު ނޫންތޯ، މައިންބަފައިން ބަލާ މީހުންނަށް ފުލެޓް ލިބޭނެއޭ. ވާހަކައަކީ ޚާއްޞަކަމެއް ދޭނެއޭ އެ ބޭފުޅުންނަށް. އަޅުގަނޑަކީ މާލޭގައި އުފަންވެ، މާލޭގައި އުޅެ ބޮޑުވެ، މިހާދުވަސްވީއިރުގައިވެސް ބޯހިޔާވަހިކަމެއް ނުލިބި، މިހާތަނަށް ލިބުނު ކޮންމެ ފުރުޞަތެއްގައިވެސް އަޅުގަނޑު ހަމަ ފޯމު ލީން އިނގޭތޯ. ހުޅުވާލާ ކޮންމެ ފުރުޞަތެއްގައި. އެކަމަކު އަޅުގަނޑަށް އެދެވޭ އެއްވެސް ޖަވާބެއް ނުލިބޭ. އަޅުގަނޑާއި އަޅުގަނޑުގެ ކޮއްކޮއާ ދެ ކުދިން، ތަނެއް ކުއްޔަށް ހިފައިގެން މިއުޅެނީ. އަޅުގަނޑުގެ މި މުސްކުޅި މަންމަ ސިޓިންގރޫމްގައި ބާއްވައިގެން، އޮކްސިޖަން މެޝިނެއް ގުޅައިގެން، މި ހާލުގައި އަޅުގަނޑުމެން މިއުޅެނީ. މިދިޔަ ސަރުކާރުންވެސް އަދި ނާދޭ، އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ އެއްވެސް ކަމެއް ބަލައިލާކަށްވެސް ގެޔަށް. އަޅުގަނޑަށް ލިބިފައިވެސް އޮތީ އެންމެ 40 ޕަސެންޓް. އަޅުގަނޑަކީ މާލެއަށް އުފަންވެ، މާލޭ ރަޖިސްޓަރީގައި އޮންނަ މީހެއް. އެކަމަކު މިއީ ލިބުނު ޕޮއިންޓަކީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އާދެ، ފުރަތަމަވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މިކަހަލަ ފޯރަމެއް ބޭއްވިގެންދާ ކަމަށްޓަކައި. އަޅުގަނޑު ރައްޔިތުންނަށް ވަޢުދުވެފައި ވާނީ، ވީހާވެސް ގާތުން ރައްޔިތުންނާ އެކީގައި ޚިދުމަތް ކުރަން. އަދި ތިންމަހުން އެއްމަހު މިކަހަލަ ބައްދަލުވުންތަކެއް ބޭއްވުމަށް އަޅުގަނޑު ގަސްތުކުރާ ވާހަކަ. އަދި މިމަހު މީގެ ފުރަތަމަ ބައްދަލުވުން މިގޮތަށް މި ބޭއްވިގެންދާތީ، ޓީ.ވީ. މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ވަޒީރުން ދެމަހުން އެއްމަހު މިކަހަލަ ފޯރަމްތައް ކުރިއަށް ގެންދަވާނެ.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ދެންނެވިން، ކެމްޕެއިންގައިވެސް އަދި ފަހުންވެސް، ވެރިކަމާ ހަވާލުވި ފަހުންވެސް، ރާއްޖޭގައި ހުރި ހުރިހާ މައްސަލަތަކެއްގެ ތެރެއިންވެސް ޤައުމީ މައްސަލަތައް ނެގުމަށްފަހު، މިނިވަންކަމާއި ސިޔާދަތާ ގުޅިފައިވާ ކަންކަން ނެގުމަށްފަހު، އެންމެބޮޑު ކަމަކީ ގެދޮރުވެރިކަމޭ. އެހެން އެ ދެންނެވި ސަބަބަކީ، ދެންމެގައި ތި ފާހަގަކުރެއްވި ފަދަ ގޮތަކަށް ރާއްޖޭގައި، ޚާއްޞަކޮށް، މާލޭ ސިޓީގައި އަދި ތޮއްޖެހިފައިވާ ހުރިހާ ތަނެއްގައި ގެދޮރުގެ މައްސަލަ އޮތީމަ. އެ މައްސަލައަށް މިވޭތުވެދިޔަ ދިގު މާޒީގައި އެކަށީގެންވާ ޙައްލެއް ގެނެވިފައި ނެތީމަ. ހަމަ ވަރަށް ރަނގަޅަށް، ވަރަށްގިނަ މަސައްކަތްވެސް އެބަހުރި ކުރެވިފައި. އެހެން ނަމަވެސް، އެކަށީގެންވާ ޙައްލެއް ނުގެނެވޭ.

އެހެންވީމާ، ތި ސުވާލުގެ ޖަވާބުގައި އަޅުގަނޑު ދަންނަވާލާނީ، އަޅުގަނޑު ފަށަން ނިންމާފައިވާ ހައުސިންގ މަޝްރޫޢުތައް، މި ސަރުކާރުން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށުމުގެ މަސައްކަތް އެބަ ކުރިއަށްދެއޭ. މިހާރު ކުރިއަށްދަނީ، ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ފުލެޓާއި ގޯތި ލިބޭނެކަމަށް ކަނޑައެޅި ފަރާތްތަކުގެ ގޯތި، ނޫނީވިއްޔާ ފުލެޓް ހަވާލުކުރުމުގެ މަރުޙަލާއޭ. އަޅުގަނޑުމެންގެ ސަރުކާރުން އެކިކަހަލަ ޕްރޮޖެކްޓްސްތަކުގެ ތެރެއިން ގެދޮރުއެޅުމުގެ މަޝްރޫޢުތައް، މާލެ ސިޓީ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އަވަހަށް ފަށާނަން. މި އަހަރުގެ ތެރޭގައި، އެކަހަލަ އެކިއެކި މަޝްރޫޢުތައް ފެށިގެންދާނެ. އަދި އެކިކަހަލަ ލުއި ލޯނުތައް ދިނުމުގެ މަސައްކަތްވެސް ފެށޭނެ. މި ދަންނަވަން އުޅޭ ވާހަކައަކީ، ހައުސިންގ ނީޑާ އެއްވަރަށް، ހައުސިންގ ސްޓޮކެއް ކްރިއޭޓް ކުރުން. ނޫނީވިއްޔާ ގެދޮރުގެ ފުރުޞަތު ފަހިކޮށްދިނުން، އެއީ، އަޅުގަނޑުމެންގެ މަސައްކަތަކީ، އަމާޒަކީ.

ދެންމެ ތިޔަ ވިދާޅުވި ޙާލަތުގައި ދިރިއުޅުއްވާ އެތައް ޢާއިލާތަކެއް އެބަތިބި. އެހެންވީމާ، ތިޔަބޭފުޅުންނަށް ހަމަ ޔަޤީނުންވެސް އަދި ރާއްޖޭގައި ތިއްބެވި ގެދޮރު ބޭނުންވާ ހުރިހާ ރައްޔިތުންނަށް މި ފަސް އަހަރުގެ ދައުރު ނިމޭއިރުގައި، ގެދޮރުގެ މައްސަލަ ޙައްލުކޮށްދިނުމުގެ އަމާޒު އެއީ، އަޅުގަނޑު ކަނޑައެޅި އަމާޒަކީ. ވީ ވަޢުދަކީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިރޭވެސް ދޭ ޔަޤީންކަމަކީ، ގެދޮރުގެ ޔަޤީންކަން. ތިޔަބޭފުޅާއަށްވެސް އަދި ތި ޙާލަތުގައި އުޅުއްވާ އެހެން ބޭފުޅުންނަށްވެސް އަދި ތި ޙާލަތުގައި ނޫޅުއްވިޔަސް، ގެދޮރު ބޭނުންވާ، އަލަށް ދިރިއުޅުމެއް ފަށަން ބޭނުންވާ ޒުވާނުންވެސް، ދިރިއުޅުމެއް ނުފެށިފައިވެސް ތިބީ ޙަޤީޤަތުގައި ގެދޮރު ނުލިބިގެން.

އެހެންވީމާ، ގެދޮރުވެރިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަސް އަހަރު ނިމޭއިރު، ގެދޮރު ލިބޭނެކަމުގެ ޔަޤީންކަން މިރޭވެސް ދެން. ޝުކުރިއްޔާ.

ވީޑިއޯ ސުވާލު:

އަޅުގަނޑުގެ ނަމަކީ އަމީރާ. އަޅުގަނޑުގެ ބައްޕަޔަކީ ބޭރު މީހެއް. ރާއްޖޭގައި ބައްޕަ ދިރިއުޅޭތާ 30 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، މިއަދު ބައްޕަ ވަނީ މުސްކުޅިވެ، ބޮޑެތި ބަލިތަކަށް ބޭސްކުރަން ޖެހިފައި. ރާއްޖޭގެ ރައްޔިތުކަމާ ބެހޭ ޤާނޫނު އޮތްގޮތުން، ރާއްޖޭގެ ރައްޔިތުކަން ހޯދުމުގެ ފުރުޞަތެއް މިވަގުތު ބައްޕައަކަށް ނެތް. އެހެންކަމުން، ބައްޕަގެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމާއެކު، ބައްޕަ ކިތަންމެ ބަލިހާލެއްގައި އޮތް ކަމުގައިވިޔަސް، ބޮޑު ދަތުރު ހަދައިގެން، ބޮޑު ޚަރަދުކޮށްގެން އަޅުގަނޑުމެންނަށް ޖެހެނީ ފުރަން. ބޭސްފަރުވާ ކުރަންޖެހުނަސް އަޅުގަނޑުމެން މިޖެހެނީ ސަލާންޖަހަން. އެހެންކަމުން، އަޅުގަނޑުގެ ސުވާލަކީ، ބައްޕަ ފަދަ، ރާއްޖޭގައި ޢާއިލާ ބިނާކޮށްގެން، އެ ޢާއިލާތަކާއެކީ، ދާއިމީ ގޮތެއްގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ޕަރމަނަންޓް ރެޒިޑެންސީ ޕާރތްވޭއެއް އެކުލަވައިލެވޭނީ ކިހާތާކުތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އެ ވިދާޅުވި ކަމަކީ ވަރަށް ޔުނީކް ކޭސްއެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ޙަޤީޤަތުގައި ތިކަމަށް ޙައްލެއް ހޯދުމަކީ، ހަމަ ތިއީ ވަކި ސްޕެސިފިކް މައްސަލައެއްވީމަ، ތި ކޭސްގައި އަޅުގަނޑު އެޓަރނީ ޖެނެރަލާ މަޝްވަރާ ކުރާނަން. ކޮށްގެން އަޅުގަނޑު ހިތުން މިހާރުވެސް ސަރުކާރުގެ ތެރެއިން ތިކަމާ ގުޅޭގޮތުން ކޮންމެވެސް ކަމެއް ކުރެވިފައި އޮވެދާނެ. އަޅުގަނޑަށް ސާފެއްނުވޭ. ކޮންމެގޮތެއްވިޔަސް، ތިކަން އަޅުގަނޑު ބަލައިދޭނަން އިރާދަކުރެއްވިއްޔާ އިނގޭތޯ. އެއީ، ޖެނެރަލްކޮށް އޮތް އިޝޫއެއް ގޮތަކަށް ނުފެނޭ. ޕާސްޕޯޓް ނެތުމުގެ އިޝޫއެއް މިއީ. އެހެންވީމާ، އިންސާނިއްޔަތު ކަމުގެ ގޮތުން އެކަމަށް ޚާއްޞަ އިސްތިސްނާއެއް ދީގެން ޙައްލުކޮށްދޭނެ މައްސަލައެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ ބަލައި، އެޓަރނީ ޖެނެރަލް މެދުވެރިކޮށް، އެ ބޭފުޅާގެ ޢާއިލާއަށް ރަނގަޅު ޙައްލެއް ގެނެސްދޭނެ ވާހަކަ ދަންނަވަން.

ސުވާލު:

އާދެ، ޢިއްޒަތްތެރި ރައީސް އަޅުގަނޑުމެންނާ ބައްދަލުކޮށްލައްވަން ވަޑައިގެންނެވީތީ، އަޅުގަނޑު ވަރަށް ޝުކުރު އަދާކުރަން. އާދެ، އަޅުގަނޑުގެ ސުވާލަކީ، މިހާރު މި ޒަމާނަކަށް އައިސް، ޚާއްޞަކޮށް، ރާއްޖޭގައި ޤައުމިއްޔަތު މިއޮތީ ނެތި ގޮސްފައި. އެކަން ވަރަށް ބޮޑަށް އެނގޭ، މި ޖީލުގެ ގިނަ ޒުވާނުންނަށް ދިވެހި ދިދަޔަކީ ކޯއްޗެއްކަންވެސް، އޭގެ މާނަޔަކީ ކޮބައިކަން، ދިވެހި ދިދަޔަށް އިޙްތިރާމް ކުރަންޖެހެނީ ކީއްވެގެންކަންވެސް ނޭނގެ. ވަރަށް އެ ދަރަޖައަށް ކަންތައް ގޮސްފައި އޮތީމަ، އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ރާއްޖޭގައި ނޭޝަނަލް ސަރވިސް ތަޢާރުފް ކުރައްވަން ގަސްތުކުރައްވަންތޯއޭ؟ އަދި މީގެތެރޭގައި، ނޭޝަނަލް ސަރވިސް އިންސްޓިޓިއުޓެއް ޤާއިމުކުރައްވައި، އަދި ޒުވާނުންނަށް ސްކޫލުން ވަކިވެގެން ކޮންމެވެސްވަރަކަށް މިލިޓަރީ ތަންތަނުގަޔާއި އަދި ޕޮލިސްގައި ޚިދުމަތް ކުރަންޖެހޭ ގޮތަކަށް ހައްދަވާނަންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ޤައުމިއްޔަތުގެ މައްސަލައަކީ، ކެމްޕެއިންގައިވެސް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރި ކަމެއް. މިހާރު ވާނީ، ވަކި މާއްދާއެއްގެ ގޮތުގައި "ޤައުމިއްޔަތު" ކިޔަވައިދިނުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީ މެދުވެރިކޮށް، ރާއްޖޭގެ ތަފާތު 11 ސްކޫލެއްގައި ޕައިލެޓް ކުރުމުގެ މަސައްކަތްވެސް ފަށާފައި. އެއީ، ރާއްޖޭގައި، ދިވެހި ރައްޔިތުންގެ ތެރޭގައި، ކުޑަކުދިންގެ ތެރޭގައި، ޒުވާނުންގެ ތެރޭގައި ޤައުމިއްޔަތު ނެތިގެންދާތީ. ދިވެހިބަހަށް ލޯބިކުރުން، އިސްލާމްދީނަށް ލޯބިކުރުން، ދިވެހި އާދަކާދަތައް، ޘަޤާފަތް ނެތިގެންދާތީ.

އެހެންވީމާ، އެކަން ރަނގަޅުކުރުމަށްޓަކައި ޤައުމިއްޔަތަކީ ވަކި މާއްދާއެއްގެ ގޮތުގައި ކަނޑައަޅައި، އަޚްލާޤާއި ޤައުމިއްޔަތު ހިމެނޭގޮތަށް، ދެން ފެށޭ ދިރާސީ އާ އަހަރަށް ރޯލްއައުޓް ކުރެވޭގޮތަށް، އެ ޤައުމިއްޔަތު މާއްދާ ތަޢާރުފް ކުރެވޭނެ.

ދެން ތިޔަ ވިދާޅުވި ނޭޝަނަލް ސަރވިސް ކަންތައް އެއީ، އަދި އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ކަމެއް ނޫން. އެހެން ނަމަވެސް، ޤައުމިއްޔަތާ ގުޅޭގޮތުން އަޅުގަނޑުމެންގެ އައިޑެންޓިޓީ އަނބުރާ އިޢާދަކުރުމަށްޓަކައި އަޅުގަނޑުމެންގެ ދިވެހިވަންތަކަން ޙިމާޔަތްކޮށް، އިޢާދަކުރުމަށްޓަކައި އަދި ދަސްކޮށްދިނުމަށްޓަކައި، ކުރިއަށް އޮތް ޖީލުތަކަށް ދަސްކޮށްދިނުމަށްޓަކައި ވަކި ޚާއްޞަ މަރުކަޒެއް މިހާރު އެވަނީ ޤާއިމުކުރެވި، އެ މަރުކަޒަށް ރިސަރޗަރުން ހޯދުމުގެ މަސައްކަތާއި، ފަންނީ މީހުން ހޯދުމުގެ މަސައްކަތް މިހާރު އެވަނީ ފެށިފައި. އެހެންވީމާ، ގާތްގަނޑަކަށް ފަންސާހަކަށް ބޭފުޅުން އަޅުގަނޑުމެން ހަޔަރކުރަން، މުސާރަދީފައި ނަގާނެ. ފުލްޓައިމްކޮށް މަސައްކަތް ކުރާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ދިވެހިވަންތަކަމުގެ ހުރިހާ ކަމެއް އަޅުގަނޑުމެން ރިސަރޗް ކުރާނީ. ރިސަރޗް ކޮށްފައި، އެކަންކަން އަޅުގަނޑުމެން ކެޓަލޮގްކޮށް، އެއިން ރައްޔިތުންނަށް، ޒުވާނުންނަށް، ކުޑަކުދިންނަށް ދަސްކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް، މުޅި ރާއްޖޭގައި ހިންގޭނެ ކަމެއް އެއީ. އެކަމާ ބެހޭ ޚާއްޞަ މަރުކަޒެއް އެވަނީ ޤާއިމުކުރެވިފައި.

އެހެންވީމާ، މިކަހަލަ ޚާއްޞަ މަސައްކަތްތަކެއް، ދިވެހިބަހާ ބެހޭ ޚާއްޞަ ވުޒާރާއެއް އުފައްދައިގެން މިވަނީ ފެށިފައި. މި މަގުން އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. ދެންމެ ތިޔަ ވިދާޅުވި ނޭޝަނަލް ސަރވިސް އިންސްޓިޓިއުޝަނެއް ގޮތަކަށް ނޫން. އެހެން ނަމަވެސް، ހަމަ އެ މަޤްޞަދު ހާސިލުވާނެ. ދެން ސިފައިންގެއާއި ފުލުހުންގެ ވަޒީފާއަށް ބަޔަކު ބޭނުންވޭ. މި އަހަރުވެސް ހަމަ އަޅުގަނޑުމެން ބޭނުންވޭ. ސިފައިންގެޔަށްވެސް، އެމް.އެން.ޑީ.އެފް. އަށްވެސް ހާހެއްހާ ދިވެހި ކުދިން ނަގަން ބޭނުންވޭ. ފުލުހުންނަށްވެސް ހަމަ އެހާ ގިނަ ކުދިން ބޭނުންވޭ. އެކަމަކު އަޅުގަނޑުމެންގެ ބަޖެޓުގެ ތާށިކަންވެސް ވަރަށް ބޮޑު. އެހެން ނަމަވެސް، އަޅުގަނޑުމެން މި ބަލަނީ، ވީހާވެސް ގިނަ ކުދިންނަށް ފުރުޞަތު ދެވޭތޯ. ޝުކުރިއްޔާ.

އަޙްމަދު ޖަދުވާން:

ޝުކުރިއްޔާ ރައީސް. ރައީސް ދެން މިއޮތީ، އެސް.އެމް.އެސް. މެދުވެރިކޮށް ބޭފުޅަކު ފޮނުއްވާފައިވާ ސުވާލެއް އިނގޭތޯ. މި ސުވާލުގައި އެ ބޭފުޅާ ވިދާޅުވެފައި މިވަނީ، ރަމަޟާން މަހުގެ ފަހުދިހަ ބަންދުވުމުން، ޝިފްޓް ޑިއުޓީ އަދާކުރަމުންދާ މުވައްޒަފުންނަށް، އެ ދިހަ ދުވަހުގެ ބަންދުގެ އެލަވަންސް ލިބޭނެތޯއޭ؟ ބައެއް ފަރާތްތަކުން އެބަ ބުނެއޭ، ޝިފްޓް ޑިއުޓީ އުޞޫލުން މަސައްކަތްކުރާ މީހުންނަށް، އެ ދިހަ ދުވަހަކީ ބަންދު ދުވަހުގެ ގޮތުގައި ހަމަޖައްސާފައި ނެތް ކަމަށް. އެހެންވެގެން ރައީސް އަރިހުން އޮޅުންފިލުވާލަން ބޭނުންފުޅުވާ ސުވާލެއް ކަމަށް ވިދާޅުވެފައި މިއޮތީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ރައީސް އޮފީހުން މިހާރު މިގެންދަނީ ކަމާބެހޭ ހުރިހާ، އެކިކަހަލަ ޑިއުޓީތައް އަދާކުރާ ފަރާތްތަކާ މަޝްވަރާކޮށް، އުޞޫލުތައް ކަނޑައަޅަމުން. އެއްވެސް މުވައްޒަފަކަށް ލިބޭ ޢިނާޔަތެއް، އުޖޫރައެއް ގެއްލޭނެ ގޮތަކަށް ނުކުރާނެ އެ ކަންތަކެއް އިނގޭތޯ. އެހެންވީމާ، އެ ދިހަ ދުވަސް ބަންދުވިޔަސް، ޝިފްޓް ޑިއުޓީގައި އުޅޭ ފަރާތްތަކަށްވިޔަސް، އަދި އެބަހުރި، އެހެނިހެން ބާވަތްތަކުގެ ވަޒީފާތައް އަދާކުރާ ފަރާތްތައްވެސް. އެހެންވީމާ، އެ ފަރާތްތަކަކަށްވެސް އެ ފުރުޞަތެއް، އެ ލިބޭ އާމްދަނީއެއް އެއްޗެއް ގެއްލޭ ގޮތަކަށް އެކަން ނުވާނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.

އަޙްމަދު ޖަދުވާން:

މިހާހިސާބުން އަޅުގަނޑުމެންނަށް މިއޮތީ ބޭފުޅަކާ ގުޅާލެވިފައި އިނގޭތޯ. އަޙްމަދު ޝިޔާޒް.
السَّلامُ عَلَيْكُم ޝިޔާޒް.

އަޙްމަދު ޝިޔާޒް:

السَّلامُ عَلَيْكُم.

ސުވާލަކީ، މަނިކުފާނާ ސުވާލުކޮށްލަން ބޭނުންވަނީ، ސަރުކާރުން ނުކުޅެދުންތެރި މީހުންނަށް މިހާރު ދެއްވާ ރުފިޔާ އިތުރަށް ބޮޑުކޮށްދެއްވާނަންތޯ؟ އެއީ، އަޅުގަނޑުގެ ސުވާލަކީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޝިޔާޒް ވަރަށް ބޮޑަށް ޝުކުރިއްޔާ. ޙަޤީޤަތުގައި ވަރަށް އަހައްމިއްޔަތު ކަމެއް އަޅުގަނޑުމެން ދޭ ކަމެއް، ހަވާސާވެފައިވާ ހުރިހާ ކޮމިއުނިޓީތަކަށް ޚާއްޞަ އިސްކަމެއް ދިނުން. ނުކުޅެދުންތެރިކަމާ ބެހޭ އެލަވަންސް ބޮޑުކުރުމަކީވެސް އަޅުގަނޑު ކުރަން ނިންމާފައި އޮތް ކަމެއް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން ޖާގަ ލިބުނުހާ އަވަހަކަށް އަވަސްވާނީ. އެހެން ނަމަވެސް، ޖަވާބަކީ އާނއެކޭ. އެލަވަންސް ބޮޑުވެގެންދާނެއޭ.

ސުވާލު:

السَّلامُ عَلَيْكُم. އަޅުގަނޑަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް. ރައީސަށްވެސް އެނގޭނޭ ފަދައިން، ރައީސް ޢަބްދުﷲ ޔާމީންގެ ދައުރުގައި، އަޅުގަނޑުމެން ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި، އޯޓިޒަމް ކުދިންނަށް ވަނީ ވަޒީފާ ދެއްވާފައި. އެކަމަކު ކޯވިޑުގެ ޙާލަތް ފެށުނީއްސުރެ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މި ތިބެނީ ގޭގައި. މަނިކުފާނުގެ ސަރުކާރުގެ ދައުރުގައި، މިފަދަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި، އޯޓިޒަމް ހުންނަ ކުދިންނަށް ވަޒީފާގެ ކަންތައްތައް އޮތީ ކިހިނެއްތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށް ރަނގަޅު ސުވާލެއް އިނގޭތޯ. މިހާރު ކެބިނެޓުން މީގެ މަހެއް، ދޮޅުމަސް ކުރިން އަޅުގަނޑުމެން ނިންމާފައި އޮންނާނީ، ތިޔަބޭފުޅުންނަށް ހަމަ ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭން. ސަރުކާރުގެ ވުޒާރާތަކުންވެސް އަދި ސަރުކާރުގެ ކުންފުނިތަކުންވެސް. އެހެންވީމާ، ވަރަށް އަވަހަށް ފުރުޞަތުތައް ލިބިގެންދާނެ. ހަމަ ވަރަށް ފުޅާކޮށް އެކަން ކުރެވިގެންދާނެ.

ސުވާލު:

السَّلامُ عَلَيْكُم. އަޅުގަނޑުމެންގެ ރައްޔިތުންގެ ޙައްޤުގައި، އެންމެ ފުރަތަމަވެސް މިފަދަ ފޯރަމެއް ޑޮކްޓަރ މުޢިއްޒު، އަޅުގަނޑުމެން ރައްޔިތުންނާ ވަރަށް ގާތުން ބާއްވަވާތީ، މިކަމަށް ވަރަށް އުފާކުރަން. އަދި ސޯޝަލް މީޑިއާއިން މިކަމާ ގުޅިގެން ސުވާލުތަކަށް ޖަވާބު ދެއްވާތީ، އެކަމަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އިނގޭތޯ.

އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑުމެން މިދިޔަ 19 ވަނަ މަޖިލިސް އަޅުގަނޑުމެން ދިނީ، އަޅުގަނޑުމެންގެ މި ގިނަ ކަންތައްތަކަށް އަޅުގަނޑުމެންނަށް މަންފާއެއް ލިބޭނެކަމަށް. އެކަމަކު މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތެރޭގައި އިނގޭތޯ، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ރައްޔިތުންގެ ވަރަށް މުހިންމު ކަންތައްތައް ކަމުގައިވާ، އެންމެ ފުރަތަމަވެސް އޭގެ ފުރަތަމަ ކަމަކީ ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި އެއްވެސް ޤާނޫނެއް އެތަނަކުން ހެދިފައި ނެތްތަން.

އަނެއްކަމަކަށް ބަލާއިރުގައި، ޖަލުގައި ތޭރިތަކުގައި މި ވާނުވާގެ އެތައް ބަޔަކު އެބަތިބި އިނގޭތޯ. އެ މީހުން ސަލާމަތް ކުރާނެ ޤާނޫނެއްވެސް ހެދިފައެއް ނެތް. އަދި ހަމަ މިއާއެކީގައި އަޅުގަނޑު ދަންނަވާނީ، އެބަތިއްބޭ މަދަނީ ޙައްޤުތަކުން އެކި ޢާއިލާތަކުން އިންޞާފު ބޭނުންވާ ބަޔަކު. އަދި އެ މީހުންނަށްވެސް އެއްވެސްކަހަލަ ޤާނޫނެއް، ރައްޔިތުންގެ މަޖިލީހަކުން، މިދިޔަ 19 ވަނަ މަޖލީހަކުން ހަދާފައެއް ނެތޭ.

އެހެންވީމާ، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަށް އިންޞާފު ހޯއްދަވައިދެއްވަން ހުންނެވީ ޑޮކްޓަރ މުޙައްމަދު މުޢިއްޒު. އަދި އަޅުގަނޑަށް ފެނިގެންދިޔައީ، ރައްޔިތުންގެ މަޖިލީހުން އިނގޭތޯ، އެ ބޭފުޅުން ރިޔާސީ ގޮނޑި ހޫރުވުމާއި، އެތަނުގައި ބޭއަދަބީ ބަސްތައް ބުނުމާއި، އެ ބޭފުޅުންގެ އަމިއްލަ ވިޔަފާރިއަށް މަންފާވާގޮތަށް ކަންތައް ކުރުމާއި، ޖީބަށް ލާރި ވަންނަގޮތަށް ކަންތައް ކުރުންފަދަ ކަންތައްތަކެއް. މިއަދުވެސް އަޅުގަނޑަށް ފެނިގެންދަނީ، އޭ.ސީ.ސީ.އިން އެ ބޭފުޅުންނާ ގުޅޭ ތަޙުޤީޤެއް ހިނގަމުންދާ ތަން.

އާދެ، އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، ރަނގަޅު ރައްޔިތުންގެ މަޖިލީހެއް ގެނައުމަށްޓަކައި، މި އަންނަ މަޖިލިސް ސަރުކާރަށް ގެނައުމަށްޓަކައި، އެއީ، ކިހާވަރެއްގެ މުހިންމު ކަމެއްތޯ، މިތަނުގައި ތިއްބެވި ބޭފުޅުންނަށާއި އަދި ދިވެހި ލޮބުވެތި ރައްޔިތުންނަށް ސާފުކޮށްލަދޭން. އެއީ، އަޅުގަނޑުގެ ސުވާލަކީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. ރާއްޖޭގެ ދުސްތޫރީ ނިޒާމު ރޭވިފައި އޮންނަ ގޮތުން، ޤާނޫނުއަސާސީ އޮތް ގޮތުން، ތިންބާރު މި އޮންނަނީ. އެއްބާރު އަނެއް ބާރަށް ފާރަވެރިވެ، އެއްބާރު އަނެއް ބާރަށް އެކިކަހަލަ ގޮތްގޮތަށް ޖަވާބުދާރީ ކުރުވާ ނިޒާމެއް. ރައްޔިތުންގެ މަޖިލީހަކީ، މިހާރު އޮތް ގޮތުން ސަރުކާރު ހިންގުމުގެ ބާރުގެ މައްޗަށް ބާރު ހިންގޭގޮތަށް، ރައްޔިތުންގެ މަޖިލިސް ތެރެއިން ކަންކަން ބައްޓަން ކޮށްފައި އޮތް މަޖިލީހެއް. އެއްވެސް އަސާސެއްނެތިވެސް ސަރުކާރުގެ އެކިއެކި ކަންކަމަށް އަދި ހިންގަން ތިބި އެކި މީހުންނަށް އެކިކަހަލަ ކަންކަން ކުރިމަތިކުރުވޭކަހަލަ ބާރުތަކެއް އޮތް މަޖިލީހެއް. އެއީ، މިވަގުތު ނިޒާމު އޮތްގޮތް.

އެހެންވީމާ، ރައްޔިތުންނަށްޓަކައި ރިޔާސީ އިންތިޚާބަކުން މީހަކު ހޮވައި، ރައްޔިތުން ބޭނުންވާ ކަންކަން ކުރާށޭ ކިޔާފައި ހަވާލުކޮށްފައި، އެކަން ކުރުމުގެ ފުރުޞަތު ނުދީ، އެއަށް އެއްވެސް އަސާސެއްނެތި ހުރަސްއެޅޭ ނިޒާމެއްގެ ތެރެއިން އޮޕަރޭޓް ކުރާ، ނޫނީވިއްޔާ ކަންކަން ހިންގާގޮތަށް މަޖިލިސް އޮންނަ އޮތުން އެއީ، ރައްޔިތުން ގޮތް ނިންމާނެ ކަމެއް. ރައްޔިތުން އެއަށް ގޮތެއް ނިންމަވާނީ. ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް މަގުފަހިކޮށްދެވޭ ގޮތަށްތޯ ރައްޔިތުންގެ މަޖިލިސް ބައްޓަން ކުރާނީ، ނުވަތަ އެހެން ގޮތަކަށްތޯ ބައްޓަން ކުރާނީ. މިދިޔަ ތިންމަސް ދުވަހު ފެނިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހުގައި ކަންތައްތައް ހިނގަމުންދިޔަ ގޮތް. މި ސަރުކާރުން އަޅުގަނޑުމެން ވީ ވަޢުދުތަކުގެ ތެރެއިން މި ހަފްތާއަށް 14 ހަފްތާ މި ހަމަވަނީ. 161 ވަޢުދު ހިމެނޭ ހަފްތާ 14ގެ ތެރޭގައި. 161 ވަޢުދުގެ ތެރެއިން 150 ވަޢުދު ވަނީ ފުރިހަމަވެފައި. ބާކީއޮތް 11 ވަޢުދު، 80 އިންސައްތައަށްވުރެ މައްޗަށް ހާސިލުކުރެވިފައި ވަނީ. މިދަނީ ޕަރފޯމް ކުރަމުން، ނަތީޖާ ނެރެމުން، ނެރެދެމުން ރައްޔިތުންގެ ސަޕޯޓާއެކީ. މިގޮތަށް މަސައްކަތް ކުރަމުންދާއިރުގައިވެސް، އެއްވެސް އަސާސެއްނެތި، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ނުދިނުމާއި، އަދި ރައީސުލްޖުމްހޫރިއްޔާ ޢަޒުލް ކުރުމާއި، ނޫނީވިއްޔާ އެހެނިހެން ކަންކަން ކުރުމާއި، ސަރުކާރަށް ދުއްތުރާ ކުރަން އެކި ކަންތައްތައް. އަސާސެއްނެތި ކުރާތަން މި ފެންނަނީ. އަސާސެއް އޮތް ކަމަށްވާނީ އަސާސް އޮތްނަމަ. ބޭސިސްއެއް އޮތިއްޔާ.

އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ފުއްދަމުން މިދަނީ. ބޭރު ސިފައިން މިތަނުން އަނބުރާ ގެންދިޔުމަށްޓަކައި އެ އޮންނަ ޑިޕްލޮމަސީގެ ރިވެތި އުޞޫލުގެ ތެރެއިން އިންޑިއާ ސަރުކާރާ ފުރަތަމަ ދުވަހު ވާހަކަ ދައްކަން ފަށައި، ހަމަ އެ ޕްރޮސެސް ކުރިއަށް ގެންގޮސް މިހާރު އެއޮތީ އިންޑިއާގައި ދެވަނައަށް ބޭއްވުނު ބައްދަލުވުމުގައި، މިނިޓްސް އޮފް މީޓިންގއަކަށް އެއްބަސްވެވި، ތާރީޚުތަކެއް އެއްބަސްވެވިފައި. އެ މިނިޓްސްގައި އިންޑިއާގައި ސޮއިކޮށްފައި، ފަހުން އައިސް އޭގެ މައްޗަށް ބިނާކޮށް، އެ މިނިޓްސްގައި ކަނޑައެޅި ލެޓަރ އޮފް އެކްސްޗޭންޖްގައިވެސް އެއޮތީ ދެ ޤައުމުން ސޮއިކޮށްފައި. އޭގައި އެއޮތީ ތާރީޚުތައްވެސް ކަނޑައަޅާފައި. މިތާނގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން. މިގޮތަށް ނަތީޖާ ނެރެދެމުން މިދަނީ. އެހެންވީމާ، އަސާސެއް ނެތޭ، އަޅުގަނޑުމެންނާ ދެކޮޅަށް ކަންކަން ކުރާކަށް. އޮއްވައިވެސް، އަސާސެއް ނެތަސް އެދަނީ ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅަމުންނޭ.

އެހެންވީމާ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުވާލަށް ޖަވާބު ދޭން ދަންނަވަން އޮތް ވާހަކައަކީ، ރައްޔިތުންނޭ ގޮތް ނިންމާނީ. ޕަރފޯމް ކުރަމުންދާއިރު، ޑެލިވަރ ކުރަމުންދާއިރުގައި އަދި ކުރިއަށް ހުރި ކަންކަން ކުރާނެގޮތް ބަޔާންކޮށް މަގުފަހިކުރަމުންދާއިރު. އިޤްތިޞާދު ހަރުދަނާކުރާނެ ގޮތް، އިޤްތިޞާދު ފުޅާކުރާނެގޮތް، ދަރަނި ކުޑަކުރާނެ ގޮތް، ދަރަނި އަނބުރާ ދައްކާނެގޮތް، މި ހުރިހާ ގޮތެއް ކަނޑައަޅައި، އެކަންކަން ކުރަމުންދާއިރު، އައި.އެމް.އެފް. އިން ވަނީ ބަލައިގެންފައި، އަޅުގަނޑުމެން ކަނޑައެޅި އިޤްތިޞާދީ އެޖެންޑާ.

އެހެންވީމާ، މި ހުރިހާ ކަމެއް މިގޮތަށް ރަނގަޅު މަގުން ބައްޓަން ކޮށްފައި އޮއްވައި، ކުރަމުންދާއިރުގައި އެއަށް މަގުފަހިކޮށްދޭން، އެކަން ބާރު ސްޕީޑްގައި ގެންދެވޭނެ ގޮތަކަށް، މަޖިލިސް ނިންމާނީ ރައްޔިތުން. އެއީ، ތި ސުވާލުގެ ޖަވާބަކީ.

ދެން ވިދާޅުވި، ތިން ޤާނޫނެއް ނެތޭ ހަދާފައެއް. ގެދޮރުވެރިކަމާ ބެހޭ ޤާނޫނު. އަޅުގަނޑުމެން ހަފްތާ 14ގައި ކަނޑައަޅައިގެން، ގެދޮރުވެރިކަމާ ގުޅޭ ވަރަށްގިނަ ބިލުތަކެއް މިހާރުވާނީ ޑްރާފްޓް ކޮށްފައި. ގެދޮރުވެރިކަމާ ގުޅޭ އެކިއެކި ބިލުތައް މަޖިލީހަށް ފޮނުވަމުން މިދަނީ. އެއީ، ފުރަތަމަފަހަރަށް ހިންގާ ކަމެއް.

ދެން ވާނުވާއޭ ދެންމެ ވިދާޅުވި މައްސަލަ. ޖަލުގައި އެއްވެސްކަހަލަ ކޮޅެއްގައި ނުޖެހި، ޝަރީޢަތް ނުނިމި ތިބި މީހުންގެ މައްސަލަ. އެކަމަށްވެސް އަޅުގަނޑުމެން މަސައްކަތްތައް ފަށައި، ހަމަ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް އަޅުގަނޑުމެން އެކަމާ ގުޅޭ ޤާނޫނެއްވެސް ފޮނުވަން މިއޮތީ ނިންމާފައި.

ދެން ހަމަ މިގޮތަށް ހުރި އެހެން ކަންތައްތައް މިހިރީ. އެހެންވީމާ، މި ހުރިހާ ޤާނޫނުތަކެއް ހެދުމުގެ މަސައްކަތް ކުރިއަށްވެސް އެބަ ގެންދަން. މި އޮތް މަޖިލީހުގެ ތެރެއިންވެސް ކަންތައްތައް ކުރުމަށް.

ދެން ވިދާޅުވީ، މަދަނީ ޙައްޤުތަކުގެ ވާހަކަ. މަދަނީ ޙައްޤުތައް ނަގަހައްޓައި، މަދަނީ ޙައްޤުތައް ހޯދުމަށް މަގުފަހިކޮށްދިނުމަށްޓަކައި އަޅުގަނޑު ވަޢުދުވީ ގޮތަށް، ފުރަތަމަކޮޅު ހަމަ ހަފްތާ 14ގެވެސް އެންމެ ކުރީކޮޅު ވާނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައި ސިވިލް ރައިޓްސް އޮފީހެއް އުފައްދާފައި. ކޮންމެ މީހަކަށްވެސް މިހާރު އެ އޮފީހަށް ހުށަހެޅޭނެ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް މަދަނީ ޙައްޤެއް ތިމަންނާ ކިބައިން ގެއްލިގެން ގޮސްފައިވޭތޯ، ނޫންތޯ. ޔަޤީން ނުވަންޏާ، އެކަމުގެ ޝަކުވާއެއް އޮތިއްޔާ ހުށަހެޅޭނެ. އެކަންވެސް ވަނީ ކޮށްފައި. އަދި އެކަމާ ގުޅޭ ޤާނޫނީ ކަންތައްތައްވެސް ކުރިއަށްދަނީ.

އެހެންވީމާ، އަދި އެހެން ކަމެއް އަޅުގަނޑު ދަންނަވާލާނަން. ރައްޔިތުންގެ މަޖިލީހުގެ ވާހަކަ ފާހަގަކުރެއްވީމާ. އަޅުގަނޑު މިކުރަމުންދާ ދަތުރުތަކުގައި، އެންމެ ގިނައިން އަންނަ ސުވާލަކީ، ޑަބްލިޔޫ.ޑީ.ސީ.ގެ ފަރާތުން އަންނަ ސުވާލެއް. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެއީ. އަދި އެއީ، އަޅުގަނޑު ކުރީގައި މި ސިޓީގެ މޭޔަރަކަށް ހުރިއިރުގައި، މި ސިޓީގެ ޑަބްލިޔޫ.ޑީ.ސީ.ގެ ފަރާތުންވެސް އައި ކަމެއް. ތިމަންނަމެންނަކަށް ރޯދަމަހުގެ އެލަވަންސެއް ނުލިބެއޭ. ތިމަންނަމެންނަކަށް ވިހެއުމުގެ ޗުއްޓީއެއްވެސް ނުލިބެއޭ. ތިމަންނަމެންނަށް ބޭންކަށް ގޮސްފައި ލޯނެއްވެސް ނުނެގެއޭ. މިހެން ގޮސްފައި އެއްވެސް ޙައްޤެއް، މުވައްޒަފުންނަށް އޮންނަ އެއްވެސް ޙައްޤެއް ނެތޭ. އެކަން އެހެން ދިމާވަނީ، ލާމަރުކަޒީ ޤާނޫނު ކަނޑައަޅާފައި އޮތް ގޮތުން. އަދި ތިމަންނަމެންނަށް ލިބެނީ ކައުންސިލަށް ކަނޑައަޅާ ބަޖެޓުގެ ފަސް ޕަސެންޓޭ. މިއީވެސް ޤާނޫނު އޮތްގޮތުން ވާކަމެއް.

އަޅުގަނޑުގެ ކިބައިން ހުރިހާ ޑަބްލިޔޫ.ޑީ.ސީ.އަކުން އެދެމުން ދަނީ، މިކަންކަން ޙައްލުކޮށްދޭށޭ. އަޅުގަނޑު ދޭ ޖަވާބަކީ، އަޅުގަނޑު ވަރަށް ތާއީދުކުރަމޭ ތިކަން ކުރަން. ކުރިންވެސް އުޅުނީމޭ ތިކަން ކުރެވޭތޯ. ނުވިއޭ. ރައްޔިތުންގެ މަޖިލީހުންނޭ ޤާނޫނު ބަދަލުކޮށްދޭނީ. އަޅުގަނޑު ބޭނުމޭ، ތި ޤާނޫނުވެސް ބަދަލުކުރަން. ކުޑަކުޑަ އިޞްލާޙަކުން ތިކަން ވާން އެބައޮތް. ރޯދަމަހުގެ އެލަވަންސްވެސް ޑަބްލިޔޫ.ޑީ.ސީ.އަށް އިރާދަކުރެއްވިއްޔާ ދޭން ބޭނުން. ރައްޔިތުންގެ މަޖިލިސް ތެރެއިން އެކަން ކުރެވޭނެ މަގު ރައްޔިތުން އަޅުގަނޑަށް ފަހިކޮށްދެއްވައިފިއްޔާ، އިރާދަކުރެއްވިއްޔާ އެ ޤާނޫނުވެސް އިޞްލާޙު ކުރާނަން. އަދި ދެން މިހިރަ ގެދޮރުވެރިކަމާ ބެހޭ ޤާނޫނުތައްވެސް ފޮނުވައި، ވާނުވާގެ މައްސަލަވެސް ޙައްލުކުރުމާއި، އަދިވެސް ރާއްޖޭގައި ހުރި އިޤްތިޞާދީ ގިނަ ކަންކަމާއި، އިޖުތިމާޢީ ގިނަ ކަންކަމަށް ހުށަހަޅަން ނިންމާފައި ހުރި ބިލުތައް ހުށަހަޅައިގެން ޤާނޫނުތައް ހަދައި، ރައްޔިތުންގެ ހެވާއި ލާބަޔަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ކަންކަން ކޮށްދޭނަން. ކަން ކުރާނެ މަގު ފަހިކޮށްދެއްވާނީ ރައްޔިތުން. ޝުކުރިއްޔާ.

ސުވާލު:

السَّلامُ عَلَيْكُم. އަޅުގަނޑުގެ ސުވާލަކީ، ރާއްޖޭގައި ކޮރިއޮގްރާފަރުންނާއި، ޕަރފޯމިންގ އާޓިސްޓުންނަށް އެކަށީގެންވާ ފުރުޞަތު ސަރުކާރުތަކުން ނުދެއްވަނީ ކީއްވެގެންތޯ؟ ފަންނުވެރިކަމުގެ ޞިނާޢަތުގައި، މި މުހިންމު ދާއިރާތަކަށް އެހީތެރިވުމާއި، ކުރިއެރުވުމާ ގުޅޭގޮތުން މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް ރަނގަޅު ސުވާލެއް. ޕަރފޯމިންގ އާޓިސްޓުންނަށް، އަދި ކޮރިއޮގްރާފަރުންނަށް އަދި ހަމަ ޖުމްލަކޮށް އެކިކަހަލަ ފަންނުވެރިންނަށް މަގުފަހިކޮށްދިނުމަށް މެނިފެސްޓޯގައި އޮންނާނެ ކަނޑައަޅާފައި. އެ މަސައްކަތްތައް ހަމަ ކުރިއަށް ގެންދަން އެބަ. އެކަމަށްޓަކައި އަޅުގަނޑުމެން މިހާރު ކަނޑައަޅާފައި ވާނެ، އެކަމާ ގުޅޭ ވަކި ޚާއްޞަ ވިލެޖެއް، ނޫނީވިއްޔާ ސެންޓަރެއް ޤާއިމުކުރާގޮތަށްވެސް. އެހެންވީމާ، ތި ސުވާލުގެ ޖަވާބަކީ، ކުރީގައި ވެދިޔަ ތަން އެގޮތަކަށް ކޮންޓިނިއުއެއް ނުވާނެއޭ. އަޅުގަނޑުމެންގެ މި ސަރުކާރުން ތިޔަބޭފުޅުން ފަދަ ފަންނުވެރިންނަށް ކުރިއަށް ދެވޭނެ މަގު ހަމަ ޙަޤީޤީ މާނައިގައި ހޯދައިދީ، މައްސަލަ ޙައްލުކޮށްދޭނަން.

ސުވާލު:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އަޅުގަނޑަކީ އާދަމް ޙަސަން. މަސައްކަތް ކުރަނީ މޯލްޑިވްސް އިމިގްރޭޝަންގައި. މަސައްކަތް ކުރާތާ 21 އަހަރު ވެއްޖެ. ދެން މިހާރު މި ފުލެޓް ކަންތަކާ. މިހާރު މާލޭގައި އުޅޭތާ 30 އަހަރު މިވަނީ. ދެން އަދި މިއީ މިހާތަނަށް ފުލެޓަށް ލައިގެން އަދިވެސް ފުލެޓެއް ލިބޭގޮތެއްނުވޭ. ދެން މިފަހަރު، މިދިޔަ ސަރުކާރުގައި ލިބުނު 80 ޕޮއިންޓް. ދެން ފުލެޓް ލިބޭ ލިސްޓުގައި އޮތް. ޝަރުޠު ހަމަވާ ލިސްޓުގައިވެސް އޮތް. ލިބޭ ތަންވެސް އެނގޭ. ދެން އެހެން ނަމަވެސް، އޭ.ސީ.ސީ. އިން މިހާރު މި ތަޙުޤީޤުކުރި ފުލެޓުތަކުން ދެން ނުކުމެގެން އުޅޭ ރިޕޯޓެއްގައި އެބައޮތް ނުލިބޭ ކަމަށް. ދެން 80 ޕޮއިންޓް ލިބިފައި އޮތް. އެހެންވެ އެއާ ބެހޭގޮތުން ދެން ރައީސަށް ކޮށްދެވޭނެ ކަމެއް އޮތިއްޔާ، އެކަހަލަ ކަންތައްތަކަށް ކޮށްދޭނަންތޯ ރަނގަޅު ގޮތެއް. އެހެންވެ.

ދެން އޮތް ސުވާލަކީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން. މިހާރު އަޅުގަނޑު މަސައްކަތް ކުރަނީ އިމިގްރޭޝަންގައި. ބައެއްފަހަރު ތަންތަނަށް ދިޔައިމަ، ޚިދުމަތް ހޯދަން ދިޔައިމަ، އަޅުގަނޑަށް އުނދަގޫ ގޮތެއް ހުރޭ. ދެން ތަންކޮޅެއް ދަށްކޮށްލާފައިވެސް ވާހަކަ ދެކެވޭ. މިސާލަކަށް، މިދޭތެރެއިން އޭ.ސީ.ސީ.އަށްވެސް ދިޔައިން. ދިޔައިމަ ތަންކޮޅެއް ރޫޑްކޮށް ވާހަކަ ދެއްކީ. ޙަޤީޤަތަށް ވާހަކަ ދައްކަން ޖެހޭނީ. ތަންކޮޅެއް ރޫޑްކޮށް ވާހަކަ ދެއްކީ. އަޅުގަނޑަކީ އިމިގްރޭޝަންގައި، ގަޑިނުޖެހި އުޅޭތާ މިހާތަނަށް 21 އަހަރު ވީ މީހެއް. އެކަމަކު ތަންކޮޅެއް ރީތިކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށްވެސް އެބަޖެހޭ ތަންކޮޅެއް ރަނގަޅު ގޮތެއް ހަދައިދޭން މުއައްސަސާތަކުން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ފަހު ސުވާލަށް ފުރަތަމަ ޖަވާބު އަޅުގަނޑު އަރުވާނަން. ނުކުޅެދުންތެރިކަން ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ގޮތްތައް ހަދައިދިނުމަކީ، އަޅުގަނޑުމެންގެ ހަމަ ވަރަށް އިސް ސިޔާސަތެއް އިނގޭތޯ. ސަރުކާރުގެ މުއައްސަސާތަކުން އަދި ޖުމްލަކޮށް ހަމަ ހުރިހާ އިދާރާތަކަކުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަން ލިބޭނެ ގޮތްތައް ފަހިކޮށްދިނުމަކީ، އަޅުގަނޑުމެން ކަނޑައަޅާފައި އޮތް، ރަސްމީކޮށް މިހާރު ނިންމާފައި އޮތް ސިޔާސަތެއް.

އެހެންވީމާ، އެކަމަށް، އެއާ އެއްގޮތަށް އިރާދަކުރެއްވިއްޔާ ކަންކަން ބައްޓަން ކުރެވޭނެ. މިއީ، ވަރަށް ގިނަ ދުވަސްވީ، ގޯސްކޮށް އޮތް ކަމެއް. އެހެންވީމާ، އެކަމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމެއް ޙަޤީޤަތުގައި. އަޅުގަނޑުމެންގެ ވިސްނުމަކީ އަދި ސިޔާސަތަކީވެސް ދެންމެ ތިޔަ ވިދާޅުވި ޙާލަތު ދިމާނުވުން އިނގޭތޯ. ހަމަ ލޯތްބާއި ކުލުނާއި، ހަމަހަމަކަމާ އެކީގައި ޓްރީޓް ކުރާގޮތްވާން. އެހެންވީމާ، އެކަމަށް މަސައްކަތްތައް ކުރާނަން. އެގޮތަށް ކަންތައްތައް ގެންދާނީވެސް.

ދެން ގެދޮރުވެރިކަމުގެ މައްސަލަ، ހަމަ ފުލެޓް މައްސަލައިގައި އެއީ، ވަރަށް ގިނަ މީހުންނަށް ދިމާވެފައި އޮތް ކަމެއް މިހާރު. އޭ.ސީ.ސީ. އިން ދާދިފަހުން އެވަނީ ނިންމުމެއް ނިންމާފައި، މިނިސްޓްރީއަށްވެސް ފޮނުވާފައި. އަޅުގަނޑުމެންނަށް އެކަން ފޮނުވާފައި އޮތްއިރުގައި، އެ އެޕްލިކޭޝަންތައް ހުށަހަޅާފައި ހުރި މަޢުލޫމާތުތައް ހިމެނޭ ޕޯޓަލްއަކަށް އަދިވެސް އެކްސެސްއެއް އަނބުރާ މިނިސްޓްރީއަކަށް ނުދޭ. މިރޭ އަޅުގަނޑު މިތަނަށް އަންނަމުންވެސް އެކަން ޔަޤީންކޮށްލަން މިނިސްޓަރ އަރިހުންވެސް އަހާލިން. ޕޯޓަލްއަށް އެކްސެސް ނުލިބޭ އަދިވެސް. ނުލިބެންޏާ އަޅުގަނޑުމެންނަށް އޭގައި ހުރި ތިޔަބޭފުޅުން ފަދަ އެޕްލައި ކުރެއްވި ބޭފުޅުންގެ އަދި ޝަރުޠު ހަމަނުވާ ކަމަށް ކަނޑައެޅި ބޭފުޅުންގެ މަޢުލޫމާތުތައް ބަލައެއްވެސް ނެހެދޭ. އަދި ޗެކް ކުރުމަށްފަހު ޢާންމުކުރަންވެސް އަޅުގަނޑުމެން ބޭނުންވޭ ޙަޤީޤަތުގައި. އެކަމަކު ޢާންމުކުރަންވެސް އެކްސެސް ނުދޭތީ، ނުވެގެން މިއުޅެނީ.

ދެން އަޅުގަނޑުމެން މިނިސްޓްރީ ތެރެއިން މުވައްޒަފުން ވެގެން ހަމައެކަނި ޗެކް ކުރުމުގެ ބަދަލުގައި، މިހާރު ކަނޑައަޅާފައި މިއޮތީ، މުޖުތަމަޢުގެ ތެރޭގައި މީހުން ބަލައިގަންނަ، އިތުބާރުކުރާ ފިގަރސްތައް ހިމެނޭގޮތަށް، ނޫނީވިއްޔާ ރައްޔިތުންގެ ތެރޭގައި އިތުބާރު ލިބިފައިވާ ރަނގަޅު ބޭފުޅުންކޮޅެއްގެ މައްޗަށް ހިމެނޭ ކޮމިޓީއެއްވެސް އުފައްދަން. މާނަޔަކީ އިތުބާރު ގެންނަން. އެއީ، ސަރުކާރުގެ ތެރެއިން އަމިއްލައަށް ކުރާ ކަމަކަށް ނަހަދާން ވެގެން. ރައްޔިތުންވެސް، އެ ބައެއްގެ ބަސް ގަބޫލުކުރާ ކަހަލަ ބޭފުޅުންކޮޅެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދާފައި، އޭ.ސީ.ސީ. އިން އެ ނިންމި ނިންމުން، އެ ލިސްޓް އަޅުގަނޑުމެން ކޮމިޓީ ލައްވައި ބަލާނީ. މުރާޖަޢާ ކުރާނީ. ކުރާއިރުގައި ޙަޤީޤަތުގައިވެސް ގޯސްކޮށް މީހަކަށް ފްލެޓެއް ދީފައި އޮތްތޯ، ނޫންތޯ ވެރިފައި ވެގެންދާނީ. އެހެންވީމާ، އެ ޕްރޮސެސްއަށްވެސް ދެވޭނީ، ޕޯޓަލް އެކްސެސް ލިބިގެން. އެހެންވީމާ، އެ ހިސާބުގައި މަސައްކަތް އޮތީ.

އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިސާލަކަށް، މިފަހަރު ފުލެޓް ނުލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން ވަރސްޓް ކޭސްގައި، މާނަޔަކީ އަޅުގަނޑުމެންގެ ކޮމިޓީން ބަލައިގެންވެސް ހަމަ ޙަޤީޤަތުގައިވެސް ނުލިބޭ މީހެއް ގޮތަށް ކަނޑައެޅުނިއްޔޯ. އެ ހިސާބަށް ދިޔަސް، އެ މީހާގެ ޙައްޤު އެކީގައި ގެއްލޭގޮތްވިޔަކަ ނުދޭނަން. އަދި އަޅުގަނޑުމެންގެ ގިނަ ހައުސިންގ މަޝްރޫޢުތައްވެސް ހިންގަން އެބަހުރި، ހަމަ މި އަހަރުގެ ތެރޭގައިވެސް ފަށަން. އެއްވެސް މީހަކު ގެދޮރުވެރިކަން ނެތިގެންދާ ގޮތެއް ނުވާނެއޭ، އަޅުގަނޑު ފުރަތަމަ ސުވާލަށް ޖަވާބު ދެމުންވެސް ދެންނެވިން. މިހާރުގެ ޙާލަތު މި ދެންނެވީ. މިހާރު ހިނގަމުންދާ މަރުޙަލާގެ ވާހަކަ.

އެހެންވީމާ، އެ މައްސަލަ ޙައްލުކުރުމަށްޓަކައި ކޮމިޓީއެއް، އިތުބާރުކުރެވޭ ކަހަލަ ކޮމިޓީއެއް ހަދައިގެން، އެ ކޮމިޓީއަށް އެ ހުރިހާ ނަންތައް ގެންގޮސް، އަޅުގަނޑުމެން އަމިއްލައަށް ވެރިފައި ކޮށްފައި، ޝަރުޠުތަކާ ދިމާވޭތޯ، ޕޮއިންޓް ހަމަވޭތޯ، ނޫންތޯ ޗެކް ކޮށްފައޭ، އަޅުގަނޑުމެން ހަމަ އިޢުލާނުވެސް ކުރާނީ. ލިސްޓުވެސް ނެރޭނަން. ވަރަށް ހާމަކަންބޮޑުކޮށް ކުރިއަށް ގެންދާނީ. އެހެންވީމާ، އެ މަރުޙަލާއާ ހަމަޔަށް އިރާދަކުރެއްވިއްޔާ ދާނެއޭ.

ދެން މި ދަންނަވަނީ، އެންމެ ނުރަނގަޅު ޙާލަތުގައި، މިސާލަކަށް، ތިޔަބޭފުޅާ އޮތީ ފުރަތަމަ ލިބިފައި، މިހާރު ނުލިބޭކަމަށޭ. މިސާލަކަށް، ދެން އަނެއްކާވެސް ނުލިބެނީއޭ. އެ ހިސާބަށް ދިޔަސްވެސް، އަޅުގަނޑުމެން ތިޔަބޭފުޅާގެ ޙައްޤު ހޯދައިދޭނަމޭ، ހަމަ ވީހާވެސް އަވަހަށް ހިންގޭ މަޝްރޫޢެއްގެ ތެރެއިން. އަދި އެބަހުރި، މިދިޔަ ސަރުކާރުން ކުރީގައި، އޭގެކުރީ ސަރުކާރުން ދާއިމީ ފުލެޓް ލިސްޓް ކުރެވިގެން ލިބުނު މީހުން، މިދިޔަ ސަރުކާރުން އެބަހުރި، ތިޔަބޭފުޅާއަށް ތި ދިމާވިކަހަލަ ގޮތަކަށް، އެ މީހުންނަށް ނުލިބޭނެ ކަމަށް ކަނޑައަޅާފައި. އެފަދަ އެތައް ބަޔަކުވެސް އެބަތިބި. އެހެންވީމާ، އެއް ސަރުކާރަކުން ދީފައި، އަނެއް ސަރުކާރަކުން އަތުލާފައި.

އަޅުގަނޑުމެން ކެމްޕެއިންގައި ވަޢުދުވިން، އެ މީހުންނަށް އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ ފުރަތަމަ ހިންގާ ސޯޝަލް ހައުސިންގ ޕްރޮގްރާމް ތެރެއިން ގޮތް ހޯދައިދޭނަމޭ. އެހެންވީމާ، އެގޮތަށް ހަމަ ތިޔަބޭފުޅުން، މި ދެންނެވީ މި މަރުޙަލާގައިވެސް ނުލިބޭ ފަރާތެއް ހުރިނަމަ، އެކަން ހަމަޖައްސައިދޭނަން.

އެހެންވީމާ، ވަރަށްގިނަ ވާހަކަ އެކީގައި މި ދެންނެވެނީ. ޖުމްލަގޮތެއްގައި ދިވެހި އެއްވެސް ރައްޔިތަކު ގެދޮރުވެރިކަން ނުލިބިގެން އުޅޭ ޙާލަތަކަށް ނުދާނެއޭ. އަޅުގަނޑުމެން ހައުސިންގ މަޝްރޫޢުތައް، މާލޭ ސިޓީގައި، ހުޅުމާލޭގައި، ގުޅިފަޅު، ގިރާވަރު ފަޅު، ފުށިދިއްގަރުފަޅު، މި ހުރިހާ ތަނެއްގައި ހިންގައިގެން، އަދި މާލޭގައިވެސް ހައުސިންގ މަޝްރޫޢެއް ހިންގަން ސަރަޙައްދެއް އެބައޮތް. ވިލިމާލޭގައިވެސް އެބައޮތް. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ހިންގާނެ. އެހެންވީމާ، މި ހުރިހާ ތަނެއްގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިނގާނެއޭ. ހިންގައިގެން އިރާދަކުރެއްވިއްޔާ އެންމެންނަށް ގެދޮރުވެރިކަން ޔަޤީންކޮށްދޭނަމޭ.

ސުވާލު:

ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަރލީ ރިޓަޔަރމަންޓްގެ ތެރެއިން ވަޒީފާއިން ވަކިވެވަޑައިގަންނަވާ ޓީޗަރުންނަށް މަހުން މަހަށް ދެމުން އައި ޕެންޝަން ފައިސާ، 1 މޭ 2022 ން ފެށިގެން ރިޓަޔަރ ކުރައްވާ ޓީޗަރުންނަށް ދިނުން ވަނީ ހުއްޓާލާފައި. މިކަމާ ގުޅިގެން ޓީޗަރުން ދެފަހަރެއްގެ މަތިން ޕެޓިޝަން ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމުން، ޖުމްލަ ތިންފަހަރެއްގެ މަތިން ދެ ރައީސުން މި ދެންނެވި މުއްދަތު އިތުރުކޮށްދެއްވަމުން ގޮސް، ކުރީގައި ލިބެމުން އައި ކުޑަ މުސާރައަށް ރިޓަޔަރވުމަށް އޮތް މުއްދަތު މިހާރު އޮތީ 31 ޖަނަވަރީ 2025 އާ ހަމަޔަށް އިތުރުކޮށްދެއްވާފައި. މާނަޔަކީ، 31 ޖަނަވަރީ 2025ގެ ފަހުން ރިޓަޔަރ ކުރައްވާ ޓީޗަރުންނަށް މަހުން މަހަށް ލިބިވަޑައިގަންނަވާ ޕެންޝަން ފައިސާއަކީ، މާކުރީގެ ޒަމާނެއްގެ މުސާރައިގެ މައްޗަށް ބިނާކޮށް ދޭ ފައިސާއެކޭ. އެގޮތަށް ރިޓަޔަރ ކުރައްވާއިރު، 40 އަހަރު ޚިދުމަތް ކުރައްވާފައި ރިޓަޔަރ ކުރައްވާ ޓީޗަރުންނަށްވެސް، މުއްދަތެއްގެ ގޮތުގައި މި ބައްލަވަނީ، 30 އަހަރު ޚިދުމަތްކުރި ކަމަށް. މިއީ، އުޞޫލެއްގައި ހިމަނައިގެން ކުރިޔަސް، ޤާނޫނާ ޚިލާފު ކަމެއް. ޓީޗަރުން ފިޔަވައި ދައުލަތުގެ އެހެނިހެން ހުރިހާ މުވައްޒަފުންނާއި އަދި ސިވިލް ސަރވިސް މުވައްޒަފުންނަށް، ހަމަޖެހިފައި އޮތް ޕެންޝަނެއް، ހަމައެކަނި ޓީޗަރުންނަށް ނުލިބޭގޮތަށް، މިދިޔަ ސަރުކާރުން ނިންމަވާފައިވާ މި ނިންމެވުމަކީ، ދައުލަތުގެ އެހެނިހެން މުވައްޒަފުންނާއި އަދި ސިވިލް ސަރވިސްގެ އެހެނިހެން މުވައްޒަފުންނާ ތަފާތުކުރެވޭ އަދި ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކުގެ ބާބުގެ ތަފާތުނުކުރުން، 17 ވަނަ މާއްދާގެ (ހ)އާ ޚިލާފަށް، މިދިޔަ ސަރުކާރުން ޓީޗަރުންނަށް ވަރަށްބޮޑު ދެރަ، ނިކަމެތިކަމެއް ލިބޭގޮތަށް ދީފައިވާ ވަރަށްބޮޑު އަނިޔާއެއް ކަމުގައި ފާހަގަކުރަން. އަދި މަހު މުސާރައިގެ ޖުމްލަ ޢަދަދަކީވެސް، އެންމެފަހުން ޚިދުމަތްކުރި ފަސް އަހަރުގެ އެވްރެޖް މުސާރަ ކަމުގައި ބެލުން، މިއީވެސް ދައުލަތުގެ އެހެނިހެން މުވައްޒަފުންގެ އިތުރުން، ސިވިލް ސަރވިސްގެ އެހެނިހެން މުވައްޒަފުންނާވެސް މުޅިން ޚިލާފަށް ޕޭ ކޮމިޝަނުން ނިންމަވާފައިވާ ނިންމެވުމެއްކަން ފާހަގަކުރަން.

އަޅުގަނޑުގެ ސުވާލަކީ، 55 އަހަރު ވުމުން ރިޓަޔަރ ކުރައްވާ ޓީޗަރުންނަށް ބޮޑުކުރި މުސާރައިން މަހުން މަހަށް ލިބޭ ޕެންޝަނާއެކު ރިޓަޔަރކުރާ ޕެންޝަން ލިބޭނީ ކޮން ދުވަހަކުން ފެށިގެންތޯ؟ އަދި މިހާރު މުއްދަތު އިތުރުކުރައްވާފައިވާ ވަގުތީ އެއް އަހަރު ދުވަހުގެ ބަދަލުގައި، މި ބަދަލަކީ ދާއިމީ ބަދަލެއްގެ ގޮތުގައި ހަމަޖެހިގެންދާނީ ކޮން ދުވަހަކުންތޯ؟

އަޅުގަނޑަކީ އަޙްމަދު ނަބީލް ޢަބްދުﷲ މާފަންނު ސަދަން ބީޗް. މަސައްކަތް ކުރަނީ އަމީނިއްޔާ ސްކޫލްގައި. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު އެބަޖެހޭ ދެ ވަޒީރުން ކައިރިން އެއްޗެއް އަހާލަން.

އާދެ، އަޅުގަނޑަށް މުޅިން ތަރޯނުވާ ކަމެއް. ދެން މިނިސްޓަރ އޮފް އެޑިޔުކޭޝަން އަދި މިނިސްޓަރ އޮފް ފިނޭންސް، ދެ ބޭފުޅުން އެ ވިދާޅުވަނީ، އެއް އަހަރު ދުވަސް އިނގޭތޯ. މި ހިނގާ އަހަރު، 2024ގެ ތެރޭގައި، އެކަމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކޮށް، 2025 ފެށޭއިރަށް އެކަމަށް ރަނގަޅު ޙައްލެއް ގެނެސްދޭނެ ވާހަކަ އިނގޭތޯ.

ސުވާލު:

ޝުކުރިއްޔާ ރައީސް، ތި ދެއްވި ފުރުޞަތަށްޓަކައި އިނގޭތޯ. އަޅުގަނޑުގެ ވަރަށްބޮޑު ކަންބޮޑުވުމެއް އޮތީމަ. އެއީ، ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހައިގެން، 460 މީހުން، ދިވެހި ރައްޔިތުން މަރުވެފައި ވަނީ ތިންމަސް ދުވަހުގެ ތެރޭގައި. އެޗް.ޕީ.އޭ. އިން ބުނާގޮތުގައި، ތިންމަސް ދުވަހުގެ ތެރޭގައި މަރުވާ މީހުންނަކީ، އެ ވެކްސިނާ ގުޅުންހުރި މަރުތަކެއް ކަމަށް ބަލާ. ދެން ރާއްޖޭގައި 100 އެއްހާ ޢަދަދަށް ގާތްކުރާ ކުއްލި މަރުތަކެއްވެސް ހިނގާފައިވޭ. އަދި އެޗް.ޕީ.އޭ.ގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަން އޮތް ގޮތުގައި، ފައިޒަރ ވެކްސިންގެ މުއްދަތު ހަމަވެގެން އުކާލަން ޖެހިދާނެތީވެ، ކުޑަކުދިންގެ ގަޔަށް ޖެހުމަށް ހުއްދަ ދިނުމަށް މަޝްވަރާ ކޮށްފައިވޭ. މިއީ، ރަސްމީ ލިޔެކިޔުމުގައި ހުރި މަޢުލޫމާތު. އަޅުގަނޑުގެ އަތުގައިވެސް މި މަޢުލޫމާތު އެބަހުރި. މިއީ، އެހެންވީމާ، އަޅުގަނޑުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް ކަމެއް. ދެން މާބަނޑު މީހުންނަށް، މޭ 2021 ގައި ވެކްސިން ނުކުމެގެން، 6 މަސް ނުވަނީސް 338 މާބަނޑު މީހުންނަށް ވެކްސިން ޖަހާފައިވޭ. ކަން މިހެން އޮތުމުން، 2021 ވަނަ އަހަރު އަޅުގަނޑުމެންގެ ރާއްޖޭގައި ބަނޑަށް މަރުވި ކުދިންގެ ނިސްބަތް ވަނީ 63 ޕަސެންޓް އިތުރުވެފައި، އޭގެ ކުރީގެ 3 އަހަރާ ބަލާފައި އިނގޭތޯ. މި ދެންނެވި ކަންތައްތަކުގައި އަޅުގަނޑު އަތުގައި ވަރަށް ގިނަ ލިޔެކިޔުމާއި ހެކިތައްވެސް އެބަހުރި.

އެހެންވީމާ، އަޅުގަނޑު އެދެން، ރައީސް މި ކަންކަން ބައްލަވައިދެއްވުމަށް. އަޅުގަނޑުގެ އާދޭހަކީ، އަދި ރައީސް އަރިހުން އެދޭ އެދުމަކީ، މިކަމުގެ ރަނގަޅު ތަޙުޤީޤެއް ހިންގަވައިދެއްވާށޭ. އަޅުގަނޑުމެންގެ މިހާގިނަ ދިވެހި ރައްޔިތުންގެ ފުރާނަ ގެއްލިގެންދިޔައިމަ. އަޅުގަނޑުމެންނަށް އާދެ، ނުއެއް ފެނޭ ލެޔެއް. އަޅުގަނޑުމެންނަކަށް ނުފެނޭ ހަންޖަރެއް. އެކި މީހުން މަރުވީ އެކި ރަށްރަށުގައި. އެކަމަކު އަޅުގަނޑު ކަހަލަ މި މަޢުލޫމާތު އެއްކުރަމުންދާ މީހަކަށް މިއީ، ވަރަށް ރީތިކޮށް ފެންނަން އޮތް މަޢުލޫމާތުތަކެއް. އަޅުގަނޑު މި ދެންނެވީ، ތިންމަސް ތެރޭގައި އިނގޭތޯ. އަނެއްކާ ރާއްޖޭގައި އެކަންޏެއް ނޫން އިނގޭތޯ، މީހުން މަރުވި ޢަދަދު އިތުރުވެފައި މިވަނީކީއެއް. މިސާލަކަށް ދަންނަވާނަމަ، އިންޑޮނީޝިޔާ، ފިލިޕީންސާއި، ސްލޮވޭކިއާ، އިނގިރޭސިވިލާތާއި، އެމެރިކާގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެތައް ހާސް ޑޮކްޓަރުންނެއް މިހާރު އެ ގޮވާލަނީ، މިހާރުން މިހާރަށް ކޯވިޑް ވެކްސިން ހުއްޓާލާށޭ. ހިތްދުޅަވެގެންވެސް މީހުން މަރުވޭ. އެހެންވީމާ، އަޅުގަނޑުގެ ވަރަށްބޮޑު އާދޭހެއް މީގައި ޤައުމީ ފެންވަރުގައި ހަމަ ވަރަށްބޮޑު ތަޙުޤީޤެއް ހިންގަވައިދެއްވުން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ، ތިޔަ މަޢުލޫމާތު ޙިއްޞާ ކުރެއްވި ކަމަށްޓަކައި. އާދެ، ސުވާލެއް ނޫން. އެހެން ނަމަވެސް، ވަރަށް މުހިންމު ވާހަކަފުޅުތަކެއް، މަޢުލޫމާތުތަކެއް. އެހެންވީމާ، އަޅުގަނޑު ތިކަން ބަލާނަން އިނގޭތޯ. ކިހިނެއްތޯ ތިކަމުގައި ދެން ކުރިއަށް ދެވޭނީ. ކަމާގުޅޭ ވުޒާރާތަކާ އެކީގައި ދިރާސާކޮށް، އެކަމަށް ކޮންމެވެސްކަހަލަ ގޮތްތަކެއް ނިންމާނަން އިނގޭތޯ. ވަރަށް ބޮޑަށް ޝުކުރިއްޔާ، ތިކަން ޙިއްޞާކުރެއްވި ކަމަށްޓަކައި.

ސުވާލު:

އާދެ، ޝުކުރިއްޔާ.

السَّلامُ عَلَيْكُم. އަޅުގަނޑުގެ ސުވާލަކީ، ބިމާ ބެހޭގޮތުން އިނގޭތޯ. މި ބިންވެރިޔާ ސްކީމްގައި މި ދޫކުރި، ގޯތިތައް ދޫކުރި. ދެން އަޅުގަނޑަކީވެސް ހަމަ މާލޭ އުފަން ރަށްވެއްސެއް. އަޅުގަނޑު ކުރިމަތިލައިގެން ޝަރުޠު ފުރިހަމަނުވާ ކަމަށް ކަނޑައެޅީމަ، ދެން އަޅުގަނޑުގެ އަތުގައި ހުރި ހުރިހާ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިގެން، އަޅުގަނޑަކީ ޝަރުޠު ފުރިހަމަވާ މީހެއް ކަމަށް ކޯޓުން ނިންމައި، މިނިސްޓްރީން ނިންމި ނިންމުމަކީ ބާޠިލު އެއްޗެއް ކަމަށް ނިންމައި، އެ ސްކީމްގެ ތެރެއިން އަޅުގަނޑަށް ގޯތި ދިނުމަށް ޙުކުމްކޮށްފައި އޮތީ އިނގޭތޯ. ތިންމަސް ދުވަހަށްވުރެ އިތުރުވެގެން މިހާރު މިދިޔައީ. އެކަމަކު އަދިވެސް އަޅުގަނޑު މިއުޅެނީ ޖަވާބެއް ނުލިބިގެން. މިނިސްޓަރަށް އެޕޮއިންޓްމަންޓަކަށް އެދިގެން އުޅޭތާވެސް ދެމަހަށްވުރެ ގިނަވެއްޖެ. އަޅުގަނޑަކީ ގެޒެޓް ކުރެވިފައި އޮތް ލިސްޓުގައި އޮތް މީހެއް ނޫން. އެހެންވީމާ، ރައީސް އަރިހުން ސުވާލުކޮށްލަން ބޭނުންވަނީ، ކޯޓުގެ ޙުކުމާ ގުޅިގެން، ގެޒެޓް ކުރެވިފައި ނެތް ނަމަވެސް، އަޅުގަނޑަށް މި ސްކީމްގެ ތެރެއިން ގޯތި ލިބޭނެތޯ، ނޫނީ ނޫންތޯ. ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ކޯޓުން ޙުކުމް ކޮށްފައި ތިއޮތީ ތި ވިދާޅުވާ ގޮތުން. އެހެންވީމާ، ތި ލިޔެކިޔުންތައް ހަމަ މިނިސްޓްރީން ބައްލަވަންވާނެ. ބައްލަވާނެ. ދެން ލަސްވެގެންދިޔަ ކަމަށްޓަކައި މާފަށް އެދެން. ދެން ކޮންމެގޮތެއްވިޔަސް، ކުރު ޖަވާބަކީ، ސަރުކާރުން ޝަރުޢީ ދާއިރާއިން ނިންމާ ކަންކަމަށް އިޙްތިރާމު އަދާކުރާނެއޭ. ޝަރުޢީ ދާއިރާއަކާ ސަރުކާރަކުން ނުބެހޭނެ. ނުފޫޒެއްވެސް ނުފޯރުވާނެ. އެހެންވީމާ، ޝަރުޢީ ދާއިރާއިން ނިންމާ ކަމެއް އެއީ، ރައްޔިތުންގެ ޙައްޤާ ގުޅިފައިވާ ކަމެއް ވެއްޖިއްޔާ، އަދި އަމުދުން އެކަން އަވަސްކޮށްދޭން މަސައްކަތްކުރާނަން. އެހެންވީމާ، ތި ވިދާޅުވި ގޮތަށް ތިކަން އޮތް ކަމުގައިވާނަމަ، އިރާދަކުރެއްވިއްޔާ ގޯތި ހަމަޖައްސައިދޭނަން.

ސުވާލު:

އަޅުގަނޑުގެ ސުވާލަކީ، ކުރިއަށް އޮތްތާ ސަރުކާރުގެ އިސް ވަޒީފާތަކަށް މީހުން ނަގާއިރު، ޖެންޑަރ އީކުއަލިޓީއަށް ބައްލަވާނެތޯ؟ އަދި މިހާރު އަންހެނުން ތަމްސީލު ކުރަން ސަރުކާރުގެ އިސް ވަޒީފާތަކުގައި ތިބި މީހުން މަދުކަމުގެ މައްސަލަތަކަށް ޙައްލެއް ގެނެވޭނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ތިއީ އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ކަމެއް ޙަޤީޤަތުގައި އިނގޭތޯ. އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން ކަންނޭނގެ ފުރަތަމަފަހަރަށް ސަރުކާރުގެ ކުންފުނިތައް ހިންގުމަށް އަންހެން ބޭފުޅުން ހަމަޖެއްސީ. މީގެކުރިން އެންމެ ކުންފުންޏެއް، ނޫނީ ދެ ކުންފުންޏެއްގައި، އެންމެ ގިނައިންވެސް ދެ ކުންފުންޏެއްގައި އަންހެން ބޭފުޅަކު ހުންނެވީ. މިހާރު ތިއްބަވާނެ އެއަށްވުރެ މާގިނައިން އިނގޭތޯ.

ދެން އެކިކަހަލަ އިދާރާތައް ހިންގުމަށްވެސް އަންހެން ބޭފުޅުން މި ހަމަޖައްސަނީ. ދާދި އިހަކަށް ދުވަހު، ކަސްޓަމްސްގެ ޑެޕިއުޓީއަކަށްވެސް ހަމަޖެހުނީ ފުރަތަމަފަހަރަށް އަންހެން ބޭފުޅަކު. އެއީ، އެންމެފަހުގެ އެގްޒާމްޕަލްއެއް ދޭން އެ ވާހަކަ މި ދެންނެވީ.

އެހެންވީމާ، އަޅުގަނޑުމެން އިސްކަންދެން އިންޑަސްޓްރީތަކުގައިވެސް، ޓޫރިޒަމް އިންޑަސްޓްރީވެސް، ކޮންސްޓްރަކްޝަން އިންޑަސްޓްރީވެސް، މި ހުރިހާ ތަނެއްގައިވެސް އަޅުގަނޑުމެން ހަފްތާ 14ގެ ތެރޭގައި ހިމަނައިގެންވެސް ޕްރޮގްރާމްތަކެއް ފަށައިފިން، ޖެންޑަރ އިކުއަލިޓީއަށް އިނގޭތޯ. "ހަމަހަމަކަން ކަށަވަރު" ލޯގޯއެއް، ނޫނީ ނިޝާނެއްވެސް މިހާރު ވަނީ ތަޢާރުފް ކުރެވިފައި.

އެހެންވީމާ، ޔަޤީންކަމާ އެކީގައި ދަންނަވާނީ، އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ތިކަމަށް ޙައްލު އޮތީ ލިބިފައޭ. ކުރިމަތިލައްވަންވީ. މިފަހަރު ރައްޔިތުންގެ މަޖިލީހަށްވެސް ޙަޤީޤަތުގައި އަޅުގަނޑު ވަރަށް އެދުނިން އަދި ސަރުކާރުންވެސް ވަރަށް ބޮޑަށް ބޭނުންވި. އެހެން ނަމަވެސް، ވަރަށް މަދުން ކުރިމަތިމިލީ. އަދި ޕްރައިމަރީތަކުން ހޮވިގެންވެސް ދިޔައީ. ކުރިމަތިލީ ނަމަވެސް، ވަރަށް މަދު. އެއީ، މުޖުތަމަޢުގެ ތެރޭގައިވެސް ޙައްލު ހޯދަންޖެހޭ ކަމެއް.

އެހެންވީމާ، ސަރުކާރުން މިތިބީ ތިކަމަށް ފުރިހަމައަށް ތާއީދުކޮށްގެން. ވަށާޖެހޭ ކަމެއް. މުޖުތަމަޢުގެ ތެރެއިންވެސް އެ ތާއީދު އަންނަން ޖެހޭނެ. އިރާދަކުރެއްވިއްޔާ ކަމަށް ހައްލު އަންނާނެ. ޝުކުރިއްޔާ.

ވީޑިއޯ ސުވާލު:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުގެ ނަމަކީ ޢަލީ ހުޝްވާން އަޙްމަދު. ދެން އަޅުގަނޑަކީ ކުޑައިރުއްސުރެ މާލެ ރާޅުގަނޑުގައި ބޮޑުވި ކުއްޖެއް. ދެން އަޅުގަނޑަށް އަޑުއިވިފައި އޮތީ ރިޔާސީ ވަޢުދެއްގެ ގޮތުގައި ނެޝަނަލް ސްޓޭޑިއަމެއް ހަދައިދޭ ގޮތަށް ރައީސް ޑޮކްޓަރ މުޢިއްޒު. ދެން އަޅުގަނޑުމެން އޮންނާނެ، މޯލްޑިވްސް ބޮޑީ ބޯޑިންގ އެސޯސިއޭޝަންގެ ފަރާތުން ކުރެހުންވެސް ހުށަހަޅާފައި ސްޕޯޓްސް މިނިސްޓްރީއަށް. ދެން މިކަންތައް މިހާރު ކިހާ ހިސާބެއްގައިތޯ އޮތީ ބަލައިލަން އަޅުގަނޑު ބޭނުންވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް ރަނގަޅު ސުވާލެއް އިނގޭތޯ. ރަނގަޅޭ މި ދެންނެވީ އަޅުގަނޑު ވަޢުދުވީ ކަމެއް. އަޅުގަނޑަށް ކެމްޕެއިން ތެރޭގައި ބައްދަލުކުރި ރާޅާއަޅާ ކުދިން. އެކަމުގައި އުޅޭ ހުރިހާ ޖަމުޢިއްޔާތަކުން. ދެން އަޅުގަނޑު އެ ބޭފުޅުންނަށް ދެންނެވިން، ތިޔަބޭފުޅުން ބޭނުންވާ ގޮތް ވިދާޅުވާށޭ. އަޅުގަނޑަށް ފުރުޞަތު ލިބިއްޖިއްޔާ އެގޮތަކަށް އެކަން ކޮށްދޭނަމޭ. ދެން އެ ބޭފުޅުން ވިދާޅުވި، ދެންމެ އެ ބޭފުޅާ އެ ފާހަގަކުރެއްވި ގޮތަށް، އިންޓަރނޭޝަނަލް ސަރފިންގ ސްޓޭޑިއަމެއް ރާޅުގަނޑު ސަރަޙައްދުގައި ހަދައިދޭށޭ. ދެން އަޅުގަނޑު ވަޢުދުވިން އެގޮތަށް އެކަން ކޮށްދޭނެ ކަމަށް.

އެހެންވީމާ، މިހާރު ކުރެވިފައި އޮތީ ކޮން ކަމެއްތޯ. މިހާރު އަޅުގަނޑުމެން ވާނީ މި ދެ ޖަމުޢިއްޔާއާ ބައްދަލުކޮށްފައި. ބައްދަލުކޮށްފައި، އެ ބޭފުޅުން ބޭނުންވާ ހުރިހާ ރިކްއަރމަންޓްސްތަކެއް އޮޅުންފިލުވާފައި. ދެން ޑިޒައިންވެސް ކޮށް ނިމިއްޖެ. ކުރެހުންވެސް ހަދައި ނިމިއްޖެ. އަގުވެސް ހަދައި ނިމިއްޖެ. އެހެންވީމާ، މިހާރު އޮތީ މަސައްކަތް ހަވާލުކުރުމުގެ މަރުޙަލާއަށް ގޮސްފައި. އަޅުގަނޑުމެން މި ބަލަނީ މި އަހަރު ތެރޭގައި ކުރަންވެގެން ފަންޑިންގ ލިބޭތޯ. ފަންޑިންގ ސޯސް ކުރުމުގެ މަސައްކަތް ކުރަން. މި އަހަރު ތެރޭގައި އަޅުގަނޑުމެންނަށް މި މަސައްކަތް ފެށޭވަރު ކުރަން މި މަސައްކަތް ކުރަނީ.

އެހެންވީމާ، މިކަމަށް އެކަށީގެންވާ ފަންޑިންގ އަޅުގަނޑުމެންނަށް ރެއިޒް ކުރެވިއްޖިއްޔާ ވާނެ. ބަޖެޓުގައި ހިމެނިފައެއް ނެތް. އެނގިވަޑައިގަންނަވާނެ، މި އަހަރުގެ ބަޖެޓް ހެދީކީ މި ސަރުކާރަކުންނެއް ނޫން. މި ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ ހުށަހެޅި ބަޖެޓެއް މިއޮތީ. އަޅުގަނޑުމެންނަށް ޓްރާންސްޒިޝަން ޕީރިއަޑްގައި ލިބުނީ 10 ދުވަސް. 10 ދުވަހުގެ ތެރޭގައި ހުށަހެޅި ކަންކަން، އެ ބޭފުޅުން ހިމަނަން ބޭނުންވި ކަމެއް ހިމަނުއްވާފައި ފާސްކުރީ. ހަނދުމަފުޅު ހުންނާނެ، ފުށިދިއްގަރުފަޅު ހިއްކަންވެގެން ހިމެނި ފައިސާވެސް އުނިކޮށްލިކަން.

އެހެންވީމާ، މިހާރު އޮތް މަޖިލީހުން މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދެއް ނުކުރޭ. ނުކުރާތީ ހަމަ ބަޖެޓަށްވެސް ބޭނުންގޮތެއް ހަދާލީ. މަޖިލީހާ ގުޅޭ ކުރީގެ ސުވާލަށް ހަމަ އިތުރު އެގްޒާމްޕަލެއް އެއީ. މަޖިލިސް މުހިންމުވާ ސަބަބު.

އެހެންވީމާ، މަޖިލީހުން ފާސްކުރި ބަޖެޓް ތެރޭގައި ނެތް، އެ ސަރފިންގ ސްޓޭޑިއަމް ހެދޭނެ ޖާގައެއް. އެހެންނަމަވެސް، އަޅުގަނޑުމެން މި ބަލަނީ އިންވެސްމަންޓެއް ގޮތުގައިވިޔަސް، އަދި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންވިޔަސް، ޑިވެލޮޕަރއަކާ ހަވާލުކޮށްގެންވިޔަސް، މި އަހަރު ތެރޭގައި އެ މަސައްކަތް ފަށަން.

އެހެންވީމާ، އެ ސުވާލުގެ ޖަވާބަކީ، އިރާދަކުރެއްވިއްޔާ ވީހާވެސް އަވަހަކަށް، އެކަން މި އަހަރު ފެށޭތޯ ބަލާނަމޭ. ވީހާވެސް އަވަހަކަށް ހަމަ ޔަޤީނުންވެސް މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ، މުޅި ދުނިޔޭގެ ފެންވަރުގެ ރަނގަޅު ސަރފިންގ ސްޓޭޑިއަމެއް، އެ ސަރަޙައްދުގައި އަޅުގަނޑުމެން ހަދައިދޭނަން. ޝުކުރިއްޔާ.

ވީޑިއޯ ސުވާލު:

އަޅުގަނޑުގެ ފުލެޓުގެ ކަންތައް. އެ ކަންތައް މި ވާގޮތަކީ، އަޅުގަނޑަށް ޔާމީންމެން ވެރިކަމުގައި، މުޢިއްޒު މިނިސްޓަރަކަށް ދޮގެއްތޯ އޭރު ހުންނަވާނީ. ދެން އޭރުވެސް އަޅުގަނޑަށް 92 ލިބިފައިވޭ. އޭރުގައިވެސް ނުދޭ އަޅުގަނޑަކަށް. އަޅުގަނޑަކީ ދެން އޭރުގައި އެހެން ޕާޓީއެއްގެ މީހެއް. އެކަމަކު މިހާރު އަޅުގަނޑު މިއީ މުޢިއްޒު ޕާޓީ މީހެއް. މިފަހަރު އަޅުގަނޑަށް 88 ލިބިފައި އޮންނާނެ. އަޅުގަނޑު ވަނީ އެގްރިމަންޓްގައި ސޮއިކޮށްފައި. އަޅުގަނޑަށް އެ ހުރިހާ ލިޔުމަކާ އެއްޗެހި ލިބިފައި. އެކަމަކު އަޅުގަނޑަކަށް އަދި ޚަބަރެއް ދަބަރެއް ނެތް މިހާރަކު އެއަކުންނެއް. އެއީ، ދެން އަޅުގަނޑުގެ އޮތް ކަމަކީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށް ބޮޑު ކަންބޮޑުވުމެއް. ދެން އެކަމަކު އަޅުގަނޑު އެއް ކަންތައް، އޭގައި ރަނގަޅުކޮށްލަން ބޭނުން. އެއްވެސްވަރެއްގެ ޕާޓީ އެލައިންމެންޓެއް އަޅުގަނޑު ނުގެންގުޅޭނަން، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައެއް އިނގޭތޯ. ޕީ.އެން.ސީ.އަށް ނިސްބަތްވާކަށް ނުޖެހޭނެ. ޕީ.ޕީ.އެމް.އަށް ނިސްބަތްވާކަށް ނުޖެހޭނެ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައެއް. އަޅުގަނޑު ކުރިމަތީގައި ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންވެސް، މިތާ ނެތް ރައްޔިތުންވެސް، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަމަހަމަ. އެއްވެސް ޕާޓީއެއްގައި އުޅުނަސް، ނޫޅުނަސް އެއީ، އަޅުގަނޑަށް މުހިންމު ކަމެއް ނޫން. އެހެންވީމާ، އެ ބޭފުޅާ އެ ފާހަގަކުރެއްވި ޕޮއިންޓުގައި ހަމަ ޕާޓީ ވާހަކައިގައި މި ދަންނަވާލީ.

އެގްރިމެންޓެއްގައި ސޮއިކުރެވިފައި އޮވެއްޖިއްޔާ، އެއީ ދެން ސަރުކާރަކުން އެއޮތީ ބައިންޑްވެފައި. ދެން ކީއްވެތޯ ނުލިބުނީ؟ ދެން އެ އިތުރު ތަފްޞީލް، ސީދާ އެ ބޭފުޅާ ކޭސްގައި އަޅުގަނޑުމެން ޖެހޭނީ އޮޅުންފިލުވަން. ފަހަރެއްގައި ވެދާނެ އަދި އަޅަމުންދާ، ނުނިމި ހުރި ފުލެޓެއް ލިބިފައި އޮތީ ކަމަށްވެސް. ނޫނީވިއްޔާ، އެއީ އޭ.ސީ.ސީ.އިން ކެންސަލް ކުރި ލިސްޓުގައި ހިމެނޭ ބޭފުޅެއްތޯ. އަޅުގަނޑަކަށް ނޭނގެ. އެހެންވީމާ، ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުގެ ސިޔާސަތަކީ، ދިވެހި ސަރުކާރަކުން، ދިވެހި ރައްޔިތަކާ އެކީގައި، ލިޔުމެއްގައި ސޮއިކޮށް، ކަމަކަށް އެއްބަސް ވެއްޖިއްޔާ، ދިވެހި ސަރުކާރުން އެއަށް ޒިންމާވާން ޖެހޭނެއޭ. އެހެންވީމާ، އެ ބޭފުޅާއަށް އަޅުގަނޑު ޙައްލު ހޯދައިދޭނަން.

އެސް.އެމް.އެސް. ސުވާލު:

ޑޮލަރުގެ ދަތިކަން ޙައްލުވެގެންދާނީ ކޮންއިރަކުތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޑޮލަރުގެ ދަތިކަމަށް ޙައްލު ގެނެވޭނީ އިޤްތިޞާދު ހަރުދަނާ ވީހާ އަވަހަކަށް، ވަމުންދާ ވަރަކުން. އަޅުގަނޑުމެންގެ އިޤްތިޞާދަށް ބަލާއިރު، އަޅުގަނޑުމެންގެ ބޭރުގެ ދަރަނި، ވަރަށް ބޮޑަށް ބޮޑުކޮށް އޮތީ. 17 ނޮވެންބަރުގައި އަޅުގަނޑާ މަސައްކަތް ހަވާލުވިއިރުގައި. އަޅުގަނޑު އެ ދުވަހު އިޢުލާނު ކުރިން، 120 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތޭ. އަދި އެތެރޭގެ ދަރަނި، ނޫނީވިއްޔާ ރައްޔިތުންނަށް ދައްކަން ހުރި ބިލުތައް، ސަރުކާރުގެ އެކިކަހަލަ އިދާރާތަކުންނާއި، ސަރުކާރުގެ ކުންފުނިތަކުންނާއި، މިނިސްޓްރީތަކުންނާއި، ތިޔަބޭފުޅުން ފަދަ އެކިއެކި ބޭފުޅުން ލައްވައި ކުރުވާފައި ހުރި މަސައްކަތަށް ނުދީ ހުރި ފައިސާ. ނުވަވަރަކަށް ބިލިއަން، ނުވަހާސް މިލިއަން އެބަވޭ. މިދިޔަ ސަރުކާރު ނިމިގެން ދިޔައިރުގައި، އެ ބޭފުޅުން ތިޔަބޭފުޅުންނަށް ނުދެއްވާ، ނުވަހާސް މިލިއަން ރުފިޔާ އެބައޮތް. ދެން މި ދައްކަނީ އަޅުގަނޑުމެން ފައިސާ ނުދޭ ވާހަކަ. އަޅުގަނޑުމެން މި އަންނަނީ މި ހުރިހާ ފައިސާތައް ދެމުން. ބޭރުގެ ދަރަނިވެސް ދައްކަމުން. އެހެންވީމާ، ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ހާލުގައި.

އެހެންވީމާ، މި އިޤްތިޞާދު ނަގައި ކޮޅަށް ޖެހުމަށްޓަކައި އަޅުގަނޑުމެން ކަނޑައެޅި ސިޔާސަތު. އެއް ކަމަކަށް ފައިސާ ޗާޕްކުރުން ހުއްޓައިލައިފިން. އެއީ، އަޅުގަނޑު ވީ އެންމެ ބޮޑު އެއް ވަޢުދު. އެއީކީ އާދައިގެ ކަމެއް ނޫން. އައި.އެމް.އެފް.އިންވެސް އެކަން ފާހަގަކުރި. އަދި ވާރލްޑް ބޭންކުންވެސް ފާހަގަކުރި. ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މި އޮތް ޙާލަތުގައި އޮތް އެއްވެސް ޤައުމަކުން ކުރަން ކެރޭނެވަރުގެ ކަމެއް ނޫނޭ. އެކަމަކު ކުރަންޖެހޭ އެންމެ މުހިންމު ކަންތަކޭ އެއީ. ރާއްޖެއިން އެކަން ކުރީތީ، އެ ބޭފުޅުން އެކަން ފާހަގަކުރައްވާ. އެއީ، ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން ނިންމި ނިންމުމެއް. އަޅުގަނޑު ވީ ވަޢުދު އެގޮތަށް އެއޮތީ ފުއްދާފައި.

އެހެންވީމާ، މިކަހަލަ އެތައް ކަމެއް މި ކުރަނީ، އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި. ފައިސާއާއި އާމްދަނީ އިތުރުވާނެ އެތައް ކަމެއް މިކުރަނީ. އަޅުގަނޑުމެންގެ ޓޫރިޒަމް ފުޅާކުރުން، މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ކްރިއޭޓިވް އިކޮނޮމީއެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް. މިފަދަ އެތައް ކަމެއް މި ހިނގަނީ. އަޅުގަނޑުމެންގެ ޤައުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯންތައް ތަޢާރުފު ކުރުމުގެ މަސައްކަތް. ފައިނޭންޝަލް ސެންޓަރުތައް ރާއްޖެ ގެނެވޭތޯ މި ބަލަނީ. ދެން މިހެންގޮސް، މިސާލަކަށް، ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި، އިޢާދަކުރަނިވި ހަކަތައިގެ އެކިކަހަލަ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލެވިފައި މިއޮތީ. މިހާރު އަޅުގަނޑުމެންނަށް ލިބިފައި އޮތް ޕްރޮޕޯޒަލް، އެއީ، ސްޕެޝަލް އިކޮނޮމިކް ޒޯން ޕްރޮޕޯޒަލް އެއޮތީ. 110 މެގަވޮޓްގެ އިޢާދަ ކުރެވުނު ހަކަތައިގެ ޕްރޮޕޯޒަލެއް. އޭގައިވެސް ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް މި ބަލަނީ. އެހެންވީމާ، އަޅުގަނޑުމެން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް އެބަ ޚަރަދު ކުރަންޖެހޭ ތެލަށް.

އެހެންވީމާ، މިގޮތަށް ހުރި އެތައް ކަމެއް މިހުރީ. ބޭރުގެ ދަރަނި ދައްކަން އޮތް ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރުކޮޅު، މިދިޔަ ސަރުކާރު ދިޔައިރު ދިޔައީ މާރުކޮށްލައި ހުސްކޮށްލައިގެން. އެހެންވީމާ، އެ ފައިސާވެސް އަނެއްކާ ޖަމާކުރަން ފަށައިގެން މިއުޅެނީ. އަނެއްކާ އެ ފަންޑު ޙިމާޔަތް ކުރުމަށްޓަކައި އެއޮތީ މަޖިލީހަށް މިހާރު ބިލެއް ހުށަހަޅާފައި. އަޅުގަނޑުމެން ހުށަހެޅި ފުރަތަމަ ބިލް އެއީ. އެހެންވީމާ، މިފަދަ އެތައް ކަމެއް މިދަނީ ކުރަމުންނޭ. އިރާދަކުރެއްވިއްޔާ ޑޮލަރުގެ މައްސަލައަށް ވަރަށް އަވަހަށް ޙައްލެއް އަންނާނެ.

ސުވާލު:

السَّلامُ عَلَيْكُم. އަޅުގަނޑު މި ސުވާލުކޮށްލަނީ، މި ޑްރިފްޓިންގއާ ބެހޭގޮތުން. 2018 އިން ފެށިގެން މެދުކެނޑުމެއްނެތި، ވަރަށް ގިނަ ޒުވާނުންގެ ސަޕޯޓް ލިބިގެން އަޅުގަނޑުމެން އަންނަނީ މި ކުޅިވަރު ކުރިއަށް ގެންދަމުން. މީގެ ކުރިންވެސް އަޅުގަނޑު އޮންނާނެ މަނިކުފާނާ ބައްދަލުކޮށްލާފައި. މިކަމުގެ ޕްލޭނެއްވެސް ހަދާލާފައި އޮންނާނީ. އަދި މިހާރު ވަގުތީގޮތުން އަޅުގަނޑުމެންނަށް މިކަން ކުރިއަށް ގެންދަން ތަނެއް ލިބިފައި ވަނީ، އެޗް.ޑީ.ސީ.ގެ އެމް.ޑީ.ގެ އެހީތެރިކަމާ އެއްކޮށް. ނަމަވެސް މިތާނގައި ވަރަށް ބައިވަރު ދަތިތަކަކާ ކުރިމަތިވަމުން އެބަދޭ. އެހެންވީމާ، މިކަމަށް ޙައްލެއް ލިބޭނީ ކޮންއިރަކުންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޑްރިފްޓިންގ ދޮގެއްތޯ. ޑްރިފްޓިންގ. އާދެ، ކެމްޕެއިންގައި އަޅުގަނޑު ވަޢުދުވިން، ތިޔަބޭފުޅުންނާ ބައްދަލުވެސްވި. ޑްރިފްޓިންގ ސްޓޭޑިއަމެއް ހަދައިދޭނެ ވާހަކަ. އެ ކަންތައް އަޅުގަނޑުމެން ކުރާނަން. ދެން ކިހާ އަވަހަކަށްތޯ؟ ހުޅުމާލޭގައި އެތަން ޤާއިމުކުރަން އަޅުގަނޑު ގަސްތުކޮށްފައި މިއޮތީވެސް. އެހެންވީމާ، އަޅުގަނޑު އެޗް.ޑީ.ސީ.ގެ އެމް.ޑީ.އާވެސް ވާހަކަދައްކައިގެން، އަޅުގަނޑުމެން އިކޮނޮމިކް ކައުންސިލް ތެރޭގައިވެސް ކޮންމެވެސްވަރަކަށް މަޝްވަރާ ކޮށްލާނަން، ކިހާ އަވަހަކަށްތޯ، އެކަން ކުރިއަށްދާނީ. އެހެންވީމާ، ތިކަމަށް ވަރަށް އަވަހަށް ޙައްލު ގެނެސްދޭނަން.

ސުވާލު:

السَّلامُ عَلَيْكُم. މިހާރު ކުރީގެ ވާހަކަތަކުގައިވެސް ރައީސް ވަރަށް ބޮޑަށް ހިއްސާ ކުރައްވައިފި، މަޖިލީސް އަޞްލު މުހިންމުކަން، ތަރައްޤީގެ ކަންތައްތައް ބޭނުންވާ ސްޕީޑްގައި ގެންދިޔުމަށް. މިހާރު އަޅުގަނޑުގެ ސުވާލަކީ، މަޖިލީހުގެ ޕްރައިމަރީއެއް ބޭއްވިގެން ހިނގައްޖެ. ޕާޓީ ތެރޭގައިވެސް، ސަރުކާރުގެ ފަރާތު ކެންޑިޑޭޓުންގެ ތެރޭގައިވެސް. ނަމަވެސް، އަޅުގަނޑު ހިމެނޭ ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު ކޮންސަރނަކަށް ވާކަމަކީ، ޕާޓީ ނޫނީ ސަރުކާރަށް ނިސްބަތްނުވާ އެހެން ކެންޑިޑޭޓަކު ރައީސްގެ ފޮޓޯ ޖައްސަވައިގެން، ރައީސްގެ ފުރިހަމަ ތާއީދު އޮތް ކަމަށް ޢާންމު މެންބަރުންނަށާއި ރައްޔިތުންނަށް އަންގަމުންދާތީ، ތިން ރަށުގެ މީހުންގެ ތެރޭގައި ވަރަށް ބޮޑަށް މިކަމާމެދު ޚިޔާލުތަފާތުވުމާއި، ނުތަނަވަސްކަމާ އެބައޮތް. އެހެންވީމާ، މިކަމާމެދު ރައީސް ދެކިވަޑައިގަންނަވަނީ ކިހިނެއްތޯއޭ. އަދި ޑިމޮކްރެޓިކް މި ރީތި ހަމައިގެ އުޞޫލުން ގޮސްފައި އޮތް ޕްރައިމަރީގެ ކެންޑިޑޭޓަށް މިސާލަކަށް ބުނަންޏާ، ސަރުކާރުގެ ފަރާތުން އެ ކެންޑިޑޭޓަށް އެއްބާރުލުން ލިބޭނެތޯއޭ. އެކަން އަޞްލު ކްލިއަރ ކޮށްލަން ބޭނުންވަނީ. ތެންކިޔޫ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މިރޭގެ މި ފޯރަމާ، މީގެ މައިގަނޑު މައުޟޫޢަކާ ނުގުޅޭ، ޕާޓީގެ އެތެރޭގެ ކަމެއްގެ ވާހަކަވީމާ. ތި ކޭސް ވަކިން އަޅުގަނޑާ ޙިއްޞާކޮށްލަދިނިއްޔާ ވަރަށް ރަނގަޅު އިނގޭތޯ.

ސުވާލު:

السَّلامُ عَلَيْكُم. އަޅުގަނޑުގެ ސުވާލަކީ، ޕޮލިހުންގެ މުސާރަ ބޮޑުކުރަނީ ކޮންއިރަކުންތޯއާއި، އަދި ޕޮލިހުންނަށް ލިބިފައި ހުރި ފުލެޓުތައް، އެ މީހުންނަށް ލިބޭނީ ކޮން ދުވަހަކުންތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޕޮލިހުންގެ މުސާރަ ބޮޑުކުރުން އަދި އެއާ އެކީގައި، ސިފައިންގެ މުސާރަވެސް އޭގައި ހިމެނިފައި އޮތީ ދޮގެއްތޯ. އާދެ، މާރިޗު މަހުން ފެށިގެން ބޮޑުކުރާ ގޮތަށް ނިންމާފައި މިއޮތީ. މި އަންނަ މަސް އެހެންވީމާ އެއީ.

ސުވާލު:

އަޅުގަނޑުމެންގެ ސޮސައިޓީގައި، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން ސްކޫލް އެންޑް ސޯޝަލް މީޑިއާތަކުގައި، އެވެއަރނަސް ސެޝަން ވަރަށް ގިނައިން ހިންގާ. ނަމަވެސް، އެކަން ޕްރެކްޓިސް ކުރާ ތަނެއް އެއްވެސްވަރަކަށް ނުފެނޭ. ދެން އަޅުގަނޑުމެންގެ މި ކުޑަ ސޮސައިޓީގައި، ނަފްސާނީ ބަލިކަށިކަމަށް އެހީ ބޭނުންވާ މީހުންނަށް، އެހީ ދިނުމުގެ ބަދަލުގައި ފެންނަނީ މަލާމާތް ކުރާތަން.

އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، ނަފްސާނީ ބަލިކަށިކަމަށް ގުރައިދޫ، ނޫނީ މަލާމާތަކަށްވުން ނޫން ގޮތެއް ނެތްތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޝުކުރިއްޔާ އިނގޭތޯ ތިޔަ ސުވާލަށް. މި ސަރުކާރު، އަޅުގަނޑު ގެންދަން ބޭނުންވާ ހިސާބަކީ، އަޅުގަނޑު ކެމްޕެއިންގައި ދެންނެވިން، އޯގާތެރި ސަރުކާރެކޭ ޤާއިމުކުރަން ބޭނުންވަނީ.

މި ރާއްޖޭގެ ކަންތައްތައް އައިސްފައި އޮތް ހިސާބު، އެތައް ޒަމާނަކުން އައިސްފައި އޮތް ހިސާބު، މިއަދުގެ ޙާލަތު ދެންމެ ތިޔަ ފާހަގަކުރެއްވީ. އޯގާތެރިކަމެއް ނެތް، ޚާއްޞަކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް. ނަފްސާނީ ބަލިމަޑުކަން، ނޫނީވިއްޔާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ގެވެށި އަނިޔާ ކުރިމަތިވާ ފަރާތްތައް. މިހެންގޮސް އެތައް ބައެއް.

ސަރުކާރުތަކުން އެކަށީގެންވާ ބަޖެޓެއްވެސް މީގެ ކުރިންނެއް ނެތް ހަދާފައެއް، ގުރައިދޫގައި ހުންނަ މަރުކަޒު ކަމަށްވިޔަސް، އަދި އެހެން ތަނަކަށްވިޔަސް ޚަރަދުކުރާކަށެއް، ރަނގަޅުކުރާކަށް. އެހެންވީމާ، އެކަން ރަނގަޅުކޮށްދޭނަމޭ އަޅުގަނޑު ދެންނެވީމާ، ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށް، މީގެ މަސައްކަތް ހަވާލުކުރީމާ، މިހާރު އެ މަސައްކަތް ފެށިފައި ވަނީ. ދެންމެ ތިޔަ ވިދާޅުވި ޙާލަތު ބަދަލުކުރުމުގެ މަސައްކަތް.

ޖަވާބަކީ ނޫނެކޭ، ތިޔަހެންނެއް ނޫނޭ ތިކަން ވާނީކީއެއް. އިރާދަކުރެއްވިއްޔާ އުފާވެރިކަމުގެ ހިނިތުންވުމުގެ ޙާލަތެކޭ އަންނާނީ. މޫނުމަތިން އުފާވެރިކަން، އެ ހުރިހާ ބޭފުޅުންނަށް ގެނެސްދޭނަމޭ.

ސުވާލު:

السَّلامُ عَلَيْكُم. އަޅުގަނޑަކީ އެމް.އެން.ޔޫ.ގައި ކިޔަވަމުންދާ ދަރިވަރެއް. އަޅުގަނޑުމެންގެ ވަރަށް ބޮޑު ކޮންސަރނެއް، ފްރީ ޑިގްރީގެ ނަމުގައި ދަރިވަރުންނަށް ފުރުޞަތުތަކެއް ދީފައި، ނަމަވެސް ފްރީ ޑިގްރީއެއްގެ ގޮތުގައި ކިޔެވޭނެ މާޙައުލެއް ނެތުން. ހުރިހާ އެންމެންނަކީ މާލޭގެ ރަށްވެހިންނަށް ނުވެފައި އަދި އައިސް މާލޭގައި ކިޔަވަންޖެހޭއިރުގައި، ހަމައެކަނި ރާއްޖޭގައި ފްރީ ޑިގްރީގެ ގޮތުގައި މި ކިޔެވެނީ އެމް.އެން.ޔޫ.އިން. ނަމަވެސް، ވަޒީފާތަކުގައި އުޅޭ ކުދިންނަށް ކިޔެވުމުގެ ފުރުޞަތެއް ޙަޤީޤަތުގައި ނުލިބޭ. ހަމަ މިގޮތުން، ވަރަށް ގިނަ ކުދިން ވަޒީފާތަކުގައި އުޅޭތީ، ވަރަށް ގިނަ މޮޑިއުލްތައް އެބަހުރޭ ޑްރޮޕް ކޮށްލަން ޖެހިފައި. ވީމާ، ވަޒީފާގެ މާޙައުލުގައި ކިޔަވާ ކުދިންނަށް އިތުރު އެއްވެސް ކަހަލަ ކުރިއެރުމެއް ލިބޭކަށް ނެތްތޯއޭ، އަޅުގަނޑުމެންގެ ސުވާލަކީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ތި މައްސަލައަކީ ވަރަށް ގިނަ ކަންކަމާ ގުޅިފައި އޮތް ކަމެއް. ވަރަށް ފުޅާ މައްސަލައެއް ޙަޤީޤަތުގައި އިނގޭތޯ. މިހާރު މާލޭގައި އައިސް ތިބެންޖެހުން. އެކަމަކު ތިބެންޖެހެނީ އެހެން ތަނެއްގައި، ތިކަން ވާން ނެތީމާ. އެއީ، މުޅި ރާއްޖޭގެ ތަރައްޤީއާ ގުޅިފައި އޮތް ކަމެއް. މިއަދާ ހަމައަށް ރާއްޖެ ތަރައްޤީ ކޮށްފައި އޮތް ގޮތުން ދިމާވި ކަމެއް. އެހެންވީމާ، މިހާރުން މިހާރަށް ތިއަށް ގެނެވޭނެ ޙައްލުތަކަކަށް ހުންނާނީ، އިމީޑިއެޓް އެކޮމޮޑޭޝަން ފެސިލިޓީޒްތައް، ނޫނީވިއްޔާ އެކަހަލަ ކަންތައްތަކެއްވުން. އެކަމަކު އެއީވެސް ފަސޭހައިން ވާވަރުގެ ކަމެއް ނޫން.

އެހެންވީމާ، އަޅުގަނޑުމެން މި ބަލަނީ، މެދުރާސްތާ އަދި ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް، ޔުނިވަރސިޓީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުން. އަދި އެކަށީގެންވާވަރުގެ ހައުސިންގ ސްޓޮކެއް، އެއީ، ކޮންމެހެން މި އޯން ކުރާ ހައުސިންގއެއްވެސް ނޫން. ރެންޓަލް ފުރުޞަތުތައްވެސް ލިބޭގޮތަށް، މާލޭ ސިޓީގައްޔާއި، އެކި ތަންތަނުގައި ފުރުޞަތުތައްވެސް ފަހިކޮށްދޭން. އެހެން ނޫނީވިއްޔާ، ދެންމެ ތިޔަ ވިދާޅުވި ގޮތަށް، މާލޭގައި އައިސް، ނޫނީވިއްޔާ މަތީ ތަޢުލީމު ހާސިލުކުރަން ތިބުމަކީ ކަތާކަމަކަށް ނުވޭ. މީހާއަށް އެފޯޑް ކުރެވޭ ކަމަކަށްނުވޭ. އެހެންވީމާ، ވަރަށް ގިނަ ކަންކަން ގުޅިފައި އެބަހުރި. އަގުތައް މައްޗަށް ދަނީ ކީއްވެކަން އެބަ އެނގޭ. މިހެންގޮސް އެތައް ކަމަކާ ގުޅިފައި މިއޮތީ. ރާއްޖޭގެ އިޤްތިޞާދު އޮތް ޙާލަތާވެސް ގުޅިފައި އޮތް ކަމެއް މިއީ.

އެހެންވީމާ، މުޅި ރާއްޖޭގެ ތަރައްޤީ ރަނގަޅު މަގުން ބައްޓަންވާން ފެށީމާ، ފެންނާނީ ތިކަމަށް އެފޯޑެބިލިޓީ އަންނަ ތަން. އެވޭލަބަލް ހައުސިންގ ސްޓޮކް އިތުރުވާވަރަކަށް، ނޫނީވިއްޔާ ރެންޓް ކުރެވޭ ތަންތަން ގިނަވާވަރަކަށްވެސް އެކަމަށް ޙައްލު އަންނާނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ގިނަކުރެވޭވަރަކަށްވެސް އެކަން ޙައްލުވާނެ.

އަޅުގަނޑުމެން މެނިފެސްޓޯ އެގޮތަށް ބައްޓަންކޮށްފައި އެއޮތީ. އެ މަގުން މަސައްކަތް ފަށާފައިވެސް މިވަނީ އިނގޭތޯ. އެހެންވީމާ، އަދި ކުރިއަށް އޮތީ ތިކަމަށް ޙައްލު އަންނަ ދުވަސް އިރާދަކުރެއްވިއްޔާ.

ސުވާލު:

السَّلامُ عَلَيْكُم. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަޅުގަނޑަކީ ގަލޮޅު ކީމާ ޢަބްދުﷲ ރަޝީދުގެ ހުވަފަތް އަންހެނުން އިނގޭތޯ. އިންތިޤާލީ އިންޞާފު އޮމްބަޑްސްޕަރސަން އޮފީހަށް އަޅުގަނޑު މައްސަލަ ހުށަހެޅިން. ދެ އަހަރުވެގެން ނިމިގެންދިޔައިރު، އިންޞާފުގެ އެއްވެސް ކަމެއް ނެތް. އަޅުގަނޑަށް ވާހަކަ ދެއްކެނީ މި ވަރަށް އުނދަގުލުން އިނގޭތޯ. އަޅުގަނޑަކީ ތައިރޮއިޑް އޮޕަރޭޝަން ކޮށްގެން، ނާރުތައް ބުރިވެފައިވާ މީހެއް. ދެން މި ސަރުކާރު އައުމުން އިންތިޤާލީ އޮފީސް އެކީ ވަނީ އުވިގެން ގޮސްފައި. އަޅުގަނޑުމެން ރިޕޯޓް ހޯދަންވެގެން އެތަނަށް ގޮސް، ތިންރޭ ތިންދުވާ ވަންދެން މަސައްކަތްކޮށްގެން، ރިޕޯޓް ލިބުނު އިނގޭތޯ. ރިޕޯޓް އަތަށްއެރިއިރު، ރިޕޯޓްގައި ވަނީ ޢާއިލާއަށް އިންޞާފު ލިބެންޖެހޭނެ ކަމަށް. ސަރުކާރުން މާފަށް އެދެންޖެހޭނެ ކަމަށް. ބަދަލު ލިބެންޖެހޭނެ ކަމަށް. އެކަމަކު އަޅުގަނޑު ދެން ކޮންތާކަށްތޯ ދާނީ؟ އަޅުގަނޑަކަށް ނޭނގެ، އަޅުގަނޑު ދާންވީ ކޮން ތަނަކަށް ކަމެއް. އަޅުގަނޑު ރައީސް އޮފީހަށްވެސް ވާނެ ސިޓީއެއްލާފައި، އެ ރިޕޯޓާ އެކުގައި. އަޅުގަނޑަކީ ފަސް ކުދިން ގޮވައިގެން، އެކަނިމާއެކަނި ދިރިއުޅޭ އަންހެނަކީމު. އަޅުގަނޑު، މި ޙާލަތުގައި އަޅުގަނޑުމެންގެ އެތައް މަޢުލޫމާތުތަކެއް ނަގާފައިވީ އެ އޮފީހުން. ޒާތީ އެތައް މަޢުލޫމާތުތަކެއް ނެގުމަށްފަހު، އަޅުގަނޑުމެންނަކަށް އެއްވެސް އިންޞާފެއް ނުލިބޭ. ކީއްތޯ ދެން އަޅުގަނޑުމެން ކުރަންވީ؟ ކޮން ދިމާއަކަށްތޯ އަޅުގަނޑު ދާނީ؟ ތިއީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް. އެހެންވީމާ، މިއަދު އަޅުގަނޑު އާދޭސް ދަންނަވަން އޮތީ މަނިކުފާނުގެ އަރިހުގައި. ކޮންއިރަކުންތޯ އަޅުގަނޑުމެންނަށް އިންޞާފު ލިބޭނީ. އަނެއްކާވެސް ފަސް އަހަރު އަޅުގަނޑު މަޑުކުރަންވީތޯ. މި ފަސް އަހަރު ތެރޭގައި އަޅުގަނޑަށް އިންޞާފު ލިބޭނެތޯ؟ މިއީ އަޅުގަނޑުގެ ސުވާލަކީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ތި ކުރެއްވި ސުވާލުގެ ޖަވާބުގައި އަޅުގަނޑު އެޓަރނީ ޖެނެރަލާ ދެންމެ މި މަޝްވަރާކޮށްލީ އިނގޭތޯ. ޤާނޫނު ހަދާފައި އޮތް ގޮތުން، ޤާނޫނު އުވުނީ، ވެރިކަން ބަދަލުވި ދުވަހު. 17 ނޮވެންބަރުގައި އުވޭގޮތަށް ޤާނޫނު ހަދާފައި އޮތީ. އިންތިޤާލީ އޮމްބަޑްސްޕަރސަންގެ ޤާނޫނު. އެހެންވީމާ، އެދުވަހު އޮފީސް އުވިއްޖެ އިނގޭތޯ. އަޅުގަނޑު އުވާލީކީ ނޫން. ވެރިކަން ބަދަލުވެގެން ވީގޮތެއް ނޫން އެއީކީއެއް. ޤާނޫނު ހަދާފައި އޮތްގޮތުން. އެހެންވީމާ، އެކަމަށް ވަރަށް ބޮޑަށް އަޅުގަނޑުވެސް ހިތާމަކުރަން.

ދެން އަޅުގަނޑުމެން އެޓަރނީ ޖެނެރަލްގެ އޮފީހުން މިހާރު ހުރިހާ ކޭސްތަކެއް ގެނެސްފައި ވަނީ. ދެންމެގައި އޭ.ޖީ. އުޝާމް ވިދާޅުވި، ހަމަ ތިޔަބޭފުޅާވެސް މީޓް ކުރެއްވިއޭ އުޝާމާވެސް. ދެން އަޅުގަނޑުމެން ތިކޭސް ނަގައިގެން މަސައްކަތް އެބަ ކުރަން. އަދި ހަމަ ތިކަހަލަ އެތައް ކޭސްތައް، އަދި އެހެން ބައިވަރު ކޭސްތައް އެބަހުރި އިނގޭތޯ.

ނޫން، މަޑުކުރާކަށް ނުޖެހޭނެ، ފަސް އަހަރު ވަންދެކަށެއް. އަޅުގަނޑު ދެންނެވިން ދެންމެގައި، އޯގާތެރި ސަރުކާރެއް ޤާއިމުކުރުމަށޭ އަޅުގަނޑު އައީ. ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ، އަޅުގަނޑު އެހެން ދެންނެވީމަ. ތިކަމަށް ޙައްލު ގެނެސްދޭނަން އިރާދަކުރެއްވިއްޔާ.

ސުވާލު:

السَّلامُ عَلَيْكُم. އަޅުގަނޑަކީ ނަޞްރުﷲ. ގުޅީފަޅުން މީގެ 14 އަހަރު ކުރިން ފުލެޓް ގަނެ، އަދިވެސް އަޅުގަނޑުމެންގެ ކަންތައްތައް ނުނިމި އޮތީ. އަޅުގަނޑުމެން އަންނަންވެސް މިޖެހުނީ، ޓީމުން އަންނަންވެސް މި ޖެހުނީ މިހިސާބަށް އަދިވެސް އޭގެ ޙައްލެއް ނުލިބިފައިވާތީވެ. ދެން އިންތިޤާލީ މަރުޙަލާގައި އަޅުގަނޑުމެން ވާނީ ޑޮކްޓަރ މުޢިއްޒާ ބައްދަލުކޮށްފައި، ހަމަ މި މައްސަލަ ވަރަށް ތަފްޞީލުކޮށް ކިޔާދީފައި. މިވަގުތު އަށްވަރަކަށް މީހުން މިތިބީ، ވަކިގޮތެއް ނުނިމި އިނގޭތޯ. ދެން ޑޮކްޓަރ މުޢިއްޒު ރައީސްކަމާ ހަވާލުވިފަހުން އަޅުގަނޑުމެން ވަރަށް ގިނަ ފަހަރަށް ވާނީ ހައުސިންގ، އޭގެ އިތުރަށް ރައީސް އޮފީހަށްވެސް ސިޓީތައް ލާފައި. އެޕޮއިންޓްމަންޓަކަށްވެސް އެދިފައި. މިވީހާތަނަށް މިހިސާބަށް އެއްވެސް ޖަވާބެއް އަޅުގަނޑުމެންނަށް އެއްވެސް ފަރާތަކުން ލިބިފައެއްނުވޭ.

އެހެންވީމާ، އަށްވަރަކަށް ޢާއިލާ މިތިބީ އަދިވެސް ވަކިގޮތެއް ނުނިމި. ދެން އެންމެފަހުން ހައުސިންގ މިނިސްޓްރީން އިންފޯރމަލީ އަޅުގަނޑުމެންނަށް ދިން މެސެޖަކީ، ރައީސުލްޖުމްހޫރިއްޔާގެ ޔެސް އޯރ ނޯ އާންސަރއަކުން މިކަން ނިމޭނެ ވާހަކަ. އެހެންވީމާ، އެހިސާބަށް ގޮސްފައި އޮތް ކަމެއްގައި، މިހާރުވެސް ވަރަށް ގިނަ ދުވަސްވެފައި އޮތް އިޝޫއެއްވީމާ، ކޮންއިރަކުންތޯ އަޅުގަނޑުމެންގެ މައްސަލަ ޙައްލުކޮށްލަދޭނީ. އަށްވަރަކަށް ޢާއިލާ ވަރަށް ބޮޑަށް އެދޭ އެދުމެއް މިއީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޝުކުރިއްޔާ. ތިޔަ ވިދާޅުވިގޮތަށް އަޅުގަނޑަށް ފެމިލިއަރ ކޭސްއެއް ތިއީ ހަމަ އިނގޭތޯ. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، ތިޔަ ވިދާޅުވި 8 ފެމިލީ އެކަނި މިއޮތީ މި މައްސަލަ ޙައްލުނުވެ. ދެން އެންމެ ރަނގަޅަށް ތިކަމަށް ޙައްލު ގެނެސްދިނުމުގެ މަސައްކަތް މިކުރަނީ. ދެން އަޅުގަނޑުމެން ތިކަމަށް ޙައްލެއް ނުގެނެސްދީ، މި ތިންމަސް ދުވަހު އަޅައިނުލާ ބާއްވާލާފައި އޮތީކީނޫން އިނގޭތޯ. މި ބަލަނީ ވީހާވެސް އަވަހަށް ތިކަން ޙައްލުކޮށްދޭން. އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއް ނުވާނެ. މި ބަލަނީ ހަމަ އެންމެ އަވަހަށް އަޅުގަނޑުމެންނާ ހައުސިންގ ޔުނިޓުތައް އެވޭލަބަލް ކުރެވޭ ޕްރޮޖެކްޓެއްގެ ތެރެއިން، މިހާރު ނިމެމުންދާ މަޝްރޫޢެއްގެ ތެރެއިން، ތިކަމަށް އެންމެ ރަނގަޅު ގޮތެއްގައި ތިޔަ ފެމިލީއަށް އިރާދަކުރެއްވިއްޔާ ތިކަން ޙައްލުކޮށްދޭން އިނގޭތޯ. އެހެންވީމާ، ހައުސިންގ މިނިސްޓްރީން އެކަން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.

އަޙްމަދު ޖަދުވާން:

މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނަށާއި، އަދި ދުރާއި ގާތުން ފޯރަމް ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުންނަށާއި، ފޯރަމްގެ އަޑުއައްސަވާ އެންމެހައި ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން، ތިޔަބޭފުޅުން މި ތަނަށް ވަޑައިގެންނެވި ކަމަށްޓަކައި.

އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލުތަކަށް އަނެއްކާވެސް ފުރުޞަތު ހުޅުވައިލުމުގެ ކުރިން، އަޅުގަނޑު ޖުމްލަ ގޮތެއްގައި މިރޭ މި ކުރެވުނު ސުވާލުތަކާއި އަދި ސުވާލުތަކުގެ ސަބަބުން ރައީސް ތިޔަބޭފުޅުންނަށް އެރުވި ޖަވާބުތަކާ ގުޅޭގޮތުން އެއްޗެއް ވިދާޅުވުމަށް ރައީސަށް ފުރުޞަތެއް އަރުވަން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ޖަދުވާން.

އެ ސުވާލުތަކަށް ޖަވާބެއް ރިޕީޓް ކުރާކަށް އަޅުގަނޑު ގަސްތެއްނުކުރަން. އެހެންނަމަވެސް، ޖުމްލަ ގޮތެއްގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ރައްޔިތުންނަށް ޚިދުމަތް މި ކުރަނީ ވަރަށް ދެފުށް ފެންނަ ގޮތެއްގައޭ. ރައްޔިތުންނާ ގާތުންނޭ. އެއީ، އަޅުގަނޑު ކެމްޕެއިންގައިވެސް ވަޢުދުވީ ގޮތަކީ. ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ހިފަހައްޓާފައެއް ނުބާއްވާނަމޭ. މަޢުލޫމާތު ހިއްސާކުރަމުންނޭ ދާނީ. މީޑިއާތަކާވެސް ހިއްސާކުރަމުން ދާނީ. މިހާރު އަޅުގަނޑު ކޮންމެ ދުވަހަކު އެބަ ޖަވާބު ދެން، ޕަބްލިކްގެ ކޮންމެވެސް މީހެއް، ކޮންމެވެސް ބޭފުޅެއްގެ ސުވާލަށްވެސް. އަދި މި ފޯރަމްވެސް މި ބޭއްވެނީ. މިނިސްޓަރުންވެސް ހަމަ ބަރާބަރަށް މަޢުލޫމާތު ޙިއްޞާ ކުރައްވަމުން އެ ގެންދަވަނީ. ދެން ދެމަހުން އެއްމަހު، މިނިސްޓަރުންވެސް މިކަހަލަ ފޯރަމެއް އެބަ ބާއްވަވާ. އަދި މީޑިއާތަކަށްވެސް ފުރިހަމައަށް އެބަ ފުރުޞަތު ލިބޭ.

އެހެންވީމާ، ދަންނަވަން މި ބޭނުންވާ ވާހަކައަކީ، މަޢުލޫމާތުގެ ތެދުދޮގު ބެލުމުގައި، މިހާރު ވަރަށް ފަސޭހަވާނޭ. އެންމެ މުހިންމީ ރައްޔިތުންނަށް ތެދު މަޢުލޫމާތު ދިނުމަށް އިސްކަންދިނުން. ތެދު މަޢުލޫމާތުތައް ފެތުރުން. އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށް ބޮޑަށް އަޅުގަނޑަށް މި ފާހަގަވަނީ، އާދަޔާ ޚިލާފަށް ގިނަ ހަމަ މި ރެޖިސްޓަރ ނުކޮށް ހިންގާ އެކިކަހަލަ ވެބްސައިޓުތަކާއި، ފޭސްބުކް ޕޭޖްތަކާ މިކަހަލަ ތަންތަނުން، މި ވާހަކަތައް ލިބެމުންދާ ތަން. އެކަމަކީ ޙަޤީޤަތުގައި އަޅުގަނޑުމެން އެންމެން ހޭލުންތެރިވާން ޖެހޭނެ ކަމެއް. ތެދު މަޢުލޫމާތު ހޯދުމުގައި މިހާރު ނެތް އެއްވެސް އުނދަގުލެއް. އަޅުގަނޑަށް ޑައިރެކްޓްލީ އެކްސެސް އެބަވޭ. މިނިސްޓަރުންނަށް އެކްސެސް އެބަވޭ. ސަރުކާރުގެ ހުރިހާ ތާކުން މަޢުލޫމާތު ލިބޭނެ. ކަންކަމުގައި ތެދު، ދޮގު ބެލުން ވަރަށް ފަސޭހަވާނޭ މިހާރު.

އެހެންވީމާ، ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން ބޭނުންވަނީ، މަޢުލޫމާތުގެ ތެދު ދޮގު ބައްލަވާފައި، އެކަމެއް ގަބޫލުކުރުން ވަރަށް މުހިންމުވާނޭ. މިހާރު މި އޮންނަނީ، ހަމަ ކޮންމެ ވާހަކައެއްވެސް ދެއްކުން. ފްރީޑަމް އޮފް އެކްސްޕްރެޝަން، އެ ޙައްޤު އޮންނާތީވެ. އެ ޙައްޤާ ހިސާބުން އެކަނި އެކްސަރސައިޒް ކުރަނީ. ޙައްޤަކީ އެއާ އެކީގައި ޒިންމާތަކެއް އޮންނަ ކަމެއްކަން ދަންނަ މީހުން، ކޮންމެވެސްވަރަކަށް މިހާރު މަދުވެފައި މިއޮތީ. ރައިޓްސްއާ އެކީގައި ރެސްޕޮންސިބިލިޓީސް އޮންނާނެ. ނެތިއްޔާ ޤައުމެއްގެ ތެރޭގައި، މުޖުތަމަޢެއްގެ ތެރޭގައި ހަމަޖެހުމެއް ނޯންނާނެ.

އެހެންވީމާ، އެކަން އަޅުގަނޑު ހަމަ ބޭނުން ވަރަށް ބޮޑަށް ފާހަގަކޮށްލަން. ތެދު، ދޮގު ބަލަން އެހާ ފަސޭހައިރުގައި، އެކަން ބައްލަވައިގެން، ކުރިއަށް ވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެކޭ.

ވީޑިއޯ ސުވާލު:

އަޅުގަނޑު ތިނަދޫގެ ޒުވާނެއްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާއާ ކޮށްލަން ބޭނުންވާ ސުވާލެއް. ތިނަދޫގެ ޒުވާނުންނަށްޓަކައި ޚާއްޞަ ކުރެވިގެން، ފުލެޓް ނޫނީ ރޯހައުސްގެ މަޝްރޫޢެއް ތިނަދޫގައި ހިންގިދާނީ ކިހާތާކުތޯ. އަދި ހަމަ އެއާއެކު، އަޅުގަނޑު ބޭނުންވޭ، ތިނަދޫގެ ޒުވާނުންނަށްޓަކައި ކުޅިވަރު ކުޅުމުގެ ވަސީލަތްތައް ފުރިހަމަކުރުމަށްޓަކައި، ތިނަދޫގެ ސްޓޭޑިއަމް ތަރައްޤީ ކުރެވިގެން ދާނީ ކިހާތާކުތޯ، އަދި ކިހާ ފެންވަރަކަށްތޯ، އެ ސްޓޭޑިއަމް ތަރައްޤީ ކުރެވިގެން ދާނީ. އެއީ، އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލެއް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދާދި އިހަށްދުވަހު މިއައީ ތިނަދުއަށް ގޮސްފައި. ތިނަދޫގައި އަޅުގަނޑު ވަރަށް ގިނަ ކަންކަމުގެ މަޢުލޫމާތު ޙިއްޞާކުރިން. ހައުސިންގއަކީ ހަމަ އެގޮތުން އެންމެ މުހިންމު އެއް ކަންތައް ކަމުގެ ވާހަކަ ދެންނެވިން. ދެން ކުޅިވަރު ފެސިލިޓީޒްތައް ޤާއިމުކުރުމާއި، އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާ، މި ހުރިހާ ކަމެއްގެ މަޢުލޫމާތު ޙިއްޞާކުރިން.

އެހެންވީމާ، ޖުމްލަކޮށް އެ ސުވާލުގެ ޖަވާބުގައި ދަންނަވާލާނީ، ފުލެޓް ނޫނީ ރޯ ހައުސް، ހައުސިންގ މަޝްރޫޢުތައް ތިނަދޫގައި، ސަރުކާރުގެ ފަރާތުން މުޅި ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ކަނޑައެޅިގެންދާއިރުގައި، ހަމަ އެންމެ ގިނަ ފުލެޓް، ރޯ ހައުސް، ހައުސިންގ މަޝްރޫޢުތައް ހިންގޭނެ ރަށަކަށް، އެއް ރަށަކަށް، ސިޓީއަކަށް ތިނަދޫ ވާނެ ވާހަކަ. އަދި ސްޓޭޑިއަމްވެސް އެންމެ ރަނގަޅު ފެންވަރުގައި ހެދޭ އެއްތަނަށް ވާނޭ. އެއީ، އަޅުގަނޑުމެން އެންމެ އިސްކަން މި ދެނީ، އެންމެ އާބާދީ ބޮޑު ތަންތަނުގައި، އެންމެ ބޮޑެތި ތަންތަން ޤާއިމުކުރަން. ނޫނީ އެންމެ ހައި ސްޓޭންޑަޑް. އެއީ، ތަފާތު ކުރުމެއް ނޫން. އެއީ، ކޮންމެ ގޮތެއްވިޔަސް، އާބާދީ ގިނަ ތަނެއްގައި، އާބާދީ އެއްފަސްކުރަންވެސް ފަސޭހަވާނެ.

އެ ޕޫލް ފެކްޓަރސް ޤާއިމުކުރަންޖެހޭނެ. ޤާއިމުކުރީމާ ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ އަންނާނީ. އެހެންވީމާ، އެ ސުވާލުގެ ޖަވާބަކީ، ވަރަށް ރަނގަޅު ފެންވަރުގެ ސްޓޭޑިއަމެއް، ވަރަށް އަވަހަށް ޤާއިމުކުރެވޭނޭ. ފުލެޓް މަޝްރޫޢުތައްވެސް ފެށިގެންދާނޭ.

ސުވާލު:

السَّلَامُ عَلَيْكُمْ. އަޅުގަނޑަކީ އ.ދ. ހަންޏާމީދޫ މީހެއް. އަޅުގަނޑު ނުކުޅެދޭ ދަރިއެއް ގެންގުޅޭތީ، އެ ކުއްޖާ ބެލޭނެގޮތެއް ނެތުމުގެ ސަބަބުން އިރުކޮޅަކުން، އިރުކޮޅަކުން މިތަނަށް އައިސް، އުޅޭނެ ވަޒަނެއް ނެތުމުގެ ސަބަބުން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަނީ. އަޅުގަނޑުގެ ތިބޭނެ ހަތަރު ފިރިހެން ކުދިންވެސް. އެކަމަކު އެއްވެސް ކުއްޖަކަށް އަޅައެއްނުގަނޭ. އެ ވާހަކަ ދަންނަވާލަން. އަނެއްހެން މާބޮޑު ވާހަކައެއް ދައްކާލާކަށް ނޫން. ނުކުޅެދޭ ކުއްޖަކު ހުރީމާ، އެ ކުއްޖާއަށްވެސް ވަޒީފާއެއް ލިބޭނެކަމަށް ހީކޮށް، ތިޔަބޭފުޅުންނާ ވާހަކަ ދައްކާލަން އަޅުގަނޑު މިއައީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަޒީފާއެއްގެ ވާހަކަ ވިދާޅުވިކަންނޭނގެ، ކުއްޖާއަށް ވަޒީފާ ހޯދަން ދޮގެއްތޯ.

އާދެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަކީ، އަޅުގަނޑުމެން ވަރަށް އިސްކަންދޭ ސިޔާސަތެއް. ދެންމެ އެހެން ބޭފުޅެއްގެ ސުވާލުގައިވެސް، އެ ޖަވާބު ދެންނެވިން. އެހެންވީމާ، ތިޔަބޭފުޅާގެ ކޭސް ވަކިން އަޅުގަނޑު މިނިސްޓަރަށް ދަންނަވާނަން، އެކަމުގައި ޑައިރެކްޓްލީ ކޮންޓެކްޓް ކޮށްގެން ވަޒީފާ ހަމަޖައްސައިދޭން.

ސުވާލު:

ޝުކުރިއްޔާ. އަޅުގަނޑަކީ މާފަންނު ހުޅަނގަށް ނިސްބަތްވާ މީހެއް. ދެން އެ ދިމައިގައި ފެންބޮޑުވުން ކަންތައް ވަރަށް ބޮޑު. ވާރޭކޮޅެއް ވެހިލާއިރަށް އޮންނަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި. އެހެންވީމާ، އެއަށް ޙައްލެއް ގެނެވޭނީ ކޮން ދުވަހަކުންތޯ އަޅުގަނޑު ވަރަށް ބޭނުން އޮޅުންފިލުވައިލަން. އެއީ، އަޅުގަނޑުގެ ސުވާލަކީ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، މާލޭގެ މަގުތައް ހެދުން އެއީ، އަޅުގަނޑުމެން ކަނޑައަޅާފައި އޮތް އެންމެ މުހިންމު އެއް މަޝްރޫޢު މާލެއަށް. އެންމެފަހުން ޗައިނާގެ ސްޓޭޓް ވިޒިޓްގައި، އަޅުގަނޑުމެންނަށް ހަމަޖެހިގެންދިޔަ ގްރާންޓް އެއިޑް، ހިލޭ އެހީގެ ތެރެއިން ހިންގަން ނިންމި އެންމެ ބޮޑު މަޝްރޫޢަކީ، މާލޭގެ މަގުހެދުން. އެ މަޝްރޫޢުގެ ޑިޒައިން، ޓެކްނިކަލް މަސައްކަތްތައް މިހާރު ކުރިއަށް އެބަދޭ. އެހެންވީމާ، އެ މަޝްރޫޢުގެ ތެރެއިން މާފަންނު ހުޅަނގު ސަރަޙައްދުގައިވެސް އަދި ހަމަ އެހެން ސަރަޙައްދުތަކުގައިވެސް ސްޓޯމް ވޯޓަރ ނިޒާމާ އެކީގައި ހަމަ އަޑިއަޑީގައި ޤާއިމުކުރަންޖެހޭ ނެޓްވާރކްތަކާ އެކީގައި، ފެން ހިންދުމުގެ ނިޒާމާ އެކީގައި، ރަނގަޅު ފެންވަރަށް ތާރުއެޅިގެން މާލޭގެ މަގުތައް އިރާދަކުރެއްވިއްޔާ ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ.

ސުވާލު:

އަޅުގަނޑަކީ އިސްލާމިކް ޔުނިވަރސިޓީގެ ސްޓޫޑަންޓެއް. އަޅުގަނޑުގެ ކޮންސަރނަކީ، އަޅުގަނޑުމެންގެ ޖާގައިގެ ދަތިކަން. ދެން އަޅުގަނޑުމެން އެކްސްޓްރާ ކްލާހެއް ބާއްވަންވިޔަސް ކްލާހެއް ނުލިބޭ. ދެން ގްރޫޕް ވާރކެއް ލިބުނަސް، އަޅުގަނޑުމެންނަކަށް އެސައިންމަންޓެއް ހަދާލާނެ ޖާގައެއް ނުލިބޭ. ދެން އަޅުގަނޑުމެންނަށް ތުންތުންމަތިން އަޑުއިވިފައި އޮތީ، އަޅުގަނޑުމެންނަށް ބިމެއް ލިބިފައި އޮތް ވާހަކަ. އެއީ ތެދެއްތޯއޭ. އެ ބިން އިމާރާތެއް ގޮތަށް އަޅުގަނޑުމެންނަށް ފެންނާނީ ކޮންއިރަކުންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އިސްލާމިކް ޔުނިވަރސިޓީއަށް ޖާގަ އިތުރުކުރުމުގެ ވާހަކަ ދޮގެއްތޯ. ކިޔަވާލާނޭ ޖާގަ ނެތީމާ، އެސައިންމަންޓް ހަދާނެ ޖާގަ ނެތީމާ، ކިހިނެއްތޯ އެކަން ޙައްލުކުރަން ކަނޑައަޅާފައި އޮތީ. އެއީ، ދޮގެއްތޯ ސުވާލަކީ.

އާދެ، އިސްލާމިކް ޔުނިވަރސިޓީއަށްވެސް، އާދެ، ބިމެއް އިތުރުކުރުމުގެ ވާހަކަ. އިސްލާމިކް ޔުނިވަރސިޓީއަކީ ވަރަށް މުހިންމު މުއައްސަސާއެއް. ތަޢުލީމީ ނިޒާމުގެ ތެރޭގައި އަޅުގަނޑުމެން އިތުރަށް ވަރުގަދަކުރަން ނިންމާފައި އޮންނާނެ. އެހެންވީމާ، އިސްލާމިކް ޔުނިވަރސިޓީއަށް އިތުރު ޢިމާރާތެއް އެޅުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. އެކަމުގެ މަސައްކަތްތައް ކުރިއަށް އެބަ ގެންދެވޭ. އިމީޑިއެޓްލީ، މިހާރުން މިހާރަކަށް އެކަމެއް ޙައްލެއް ނުވާނެ. އެހެންނަމަވެސް، އެކަމަކީ ދާއިމީ ޙައްލެއް އަންނާނެ ކަމެއް.

ދެން މިހާރުން މިހާރަށް ތިޔަބޭފުޅުންނަށް، ކިޔަވާކުދިންނަށް އެސައިންމަންޓް ހަދަން، ނޫނީވިއްޔާ ކިޔަވަން ޖާގަ ނެތީމަ، އެކަމަށް އަޅުގަނޑުމެންނަށް ގެނެވޭނެ ޙައްލަކީ ކޮބައިތޯ. އަޅުގަނޑު އިތުރަށް ތަފުޞީލުކޮށް ބަލާނަން އިނގޭތޯ. ބަލާފައި، މިހާރުން މިހާރަށް ގެނެވޭނެ ޙައްލެއް އޮތްތޯ ބަލައިދީ، އެކަހަލަ ވަގުތީ ޙައްލެއްވެސް ގެނެސްދެވެން އޮތްތޯ ބަލައި، ޙައްލު ގެނެސްދޭން މަސައްކަތް ކޮށްދޭނަން އިރާދަކުރެއްވިއްޔާ. ތިކަމަށް ކޮންމެވެސް ޙައްލެއް ގެނެސްދޭނަން.

ސުވާލު:

السَّلَامُ عَلَيْكُمْ. އަޅުގަނޑަކީވެސް އައި.ޔޫ.އެމް.ގެ ސްޓޫޑަންޓެއް. އަޅުގަނޑުގެ ސުވާލަކީ، ރާއްޖޭގައި ލޯ ކިޔަވާ ދަރިވަރުން ވަރަށްގިނައޭ. ލޯ ކިޔަވާ ދަރިވަރުންނަށް، ލޯ ސްކޫލެއް ވަކިން ޤާއިމުކުރުމުގެ ވިސްނުމެއް މި ސަރުކާރުން ވޭތޯއޭ. އަދި ލޯ ކިޔަވާ ދަރިވަރުން ވަކިން ޚާއްޞަކޮށް، ޓްރޭނިންގތައް ގިނައިން ނަގަންޏާ، ބާ އެގްޒާމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފަސޭހަވާނެ. އެހެންވީމާ، ސަރުކާރުން މިކަމަށް އެއްވެސް ވިސްނުންފުޅެއް ގެންގުޅުއްވާތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ސީދާ މެނިފެސްޓޯގައި ކަނޑައެޅިފައި ނެތީމާ އަޅުގަނޑަށް ޖަވާބު ދޭން ނޭނގުނީ. އެހެންނަމަވެސް، އޭ.ޖީ އެ ފާހަގަކުރެއްވި ގޮތަށް، ދެ ޔުނިވަރސިޓީގައިވެސް ކަމާގުޅޭ ފެކަލްޓީ ހުރީމަ، ވަކިން އަދި ލޯ ސްކޫލެއް އުފައްދާ ގޮތަކަށް ނޫން އަދި މިއޮތީކީ އިނގޭތޯ. އެހެންނަމަވެސް، ތި ކޮންސަރން ރެއިޒް ކުރީމާ، އަޅުގަނޑު އިތުރަށް ތިކަމަށް ވިސްނާނަން އިނގޭތޯ. ކިހިނެއްތޯ ހެދޭނީ މިހާރު.

ސުވާލު:

އާދެ، އަޅުގަނޑުގެ ދަރިފުޅު ކިޔަވަމުންދަނީ މިހާރު ހުޅުމާލޭ ސްކޫލްގައި އިނގޭތޯ. އަޅުގަނޑުގެ ދަރިފުޅަށް މި އަހަރު ފެށިގެން ތިންމަސް ދުވަސްވީއިރުވެސް، ކްލާހުގައި ޓީޗަރެއް ނެތް އިނގޭތޯ. ޓީޗަރެއް ނެތި ހުރެފައި، ދެމަސްދުވަސްވީ ޓީޗަރަކު އައިތާ. އައިސްފައި އަނެއްކާ މިހާރު ޓީޗަރެއް ނެތް. އަނެއްކާ ދެމަސް މިހާރު މިވަނީ، އަނެއްކާވެސް ޓީޗަރެއް ނެތިގެން. ކުދިންތައް ކްލާސްތަކަށް ބަހާލާފައި މިހާރު މިވަނީ. ދެން އަޅުގަނޑު ލީޑިންގ ޓީޗަރާ ސުވާލުކުރިން، ކީއްވެތޯއޭ ޓީޗަރަކު ނެތީ. ކުރީމަ ޓީޗަރު ވިދާޅުވީ، އެ ބޭފުޅުން މިހާރުވެސް ވަނީ އެޑިޔުކޭޝަނަށް އަންގާފައޭ ޓީޗަރަކު ހޯދަން. ދެން އޭގައި، ކުރީގައި މި ބުނާހެން ދެމަސްދުވަހު ހުރި ޓީޗަރ، އެ ޓީޗަރ އަޅުގަނޑު ކައިރީގައި، އެއް މަސްދުވަސް ކުރިން ވިދާޅުވި، އެ ޓީޗަރ ކެނޑިގެން ދާ ވާހަކަ. އެކަމަކު އެ ޓީޗަރ ބުނީ، އަޅުގަނޑު ކުރިންވެސް ދަންނަވާފައޭ އޮންނާނީ ދާ ވާހަކަ. އެކަމަކު މިކޮޅުން އަޅުގަނޑު ކައިރީގައި ލީޑިންގ ޓީޗަރ ބުނެފައި އޮންނަނީ، އެޑިޔުކޭޝަނުން އަންގާފައި އޮންނަ ގޮތުގައި، އެ ޓީޗަރ ކެނޑިގެން ގެޔަށް ވަންނަ ދުވަހުއޭ، އަނެއްކާ އިޢުލާނު ކުރަނީ ޓީޗަރަކު ހޯދަން. އެހެންވީމާ، އެ ޓީޗަރަކު، އަނެއްކާ އިޢުލާނު ކޮށްގެން ޓީޗަރަކު އައިސް، އެ ދާ މުއްދަތު ތެރޭގައި، އެއްކަލަ ކުދިން އެކި ކްލާސްތަކަށް ބަހާލާފައި ހުންނާތީ، އެ ކުދިންނަށް ވަރަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާންޖެހޭ.

އަނެއްކާ ދެން އޮތް ވާހަކައަކީ، ގިނައީ ރާއްޖޭގައި އަންހެން ޓީޗަރުންނޭ. އެ ބޭފުޅުން ވިހަން ވެއްޖިއްޔާވެސް، އެބަ އެނގޭ ދޮގެއްތޯ، ކުރީގައި ވިހާނެކަން. އެކަމަކު އެ ބޭފުޅުންނެއް ކުރިއަކު ޓީޗަރެއް ހަމައެއްނުޖައްސަވައޭ. އެ ބޭފުޅާ ޗުއްޓީ ނަގައިގެން ގެޔަށް ވަނީމައޭ، މި އިޢުލާނު ކުރައްވަނީ ޓީޗަރަކު ހޯދަން. ދެން އަނެއްކާވެސް އެ ތްރީ މަންތް ވަންދެކަށް، އެއްކަލަ ކުދިން ތިބެންޖެހޭނީ އެކި ކްލާސްތަކުގައޭ. މިކަމަށް ރައީސް ނެތްތޯއޭ ޙައްލެއް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އަޅުގަނޑު ހަމަ ޔަޤީންކޮށްލަން މި އަހާލީ. ޙަޤީޤަތުގައި ސިވިލް ސަރވިސް ގަވާއިދުގެ ތެރެއިން މި ޗުއްޓީ ނެގީމާ، ނޫނީ ވަކިވީމާ ނޫނީވިއްޔާ ރިޕްލޭސްމަންޓެއް ނެގޭގޮތަކަށް ނޯވޭ. އެއީކީއެއް އެޑިޔުކޭޝަން ނިޒާމުގެ ތެރެއިން އޮންނަ ކަމެއް ނޫން. އެހެންނަމަވެސް، ތިއީ ވަރަށް ވަރަށް ބޮޑު އިޝޫއެއް ޙަޤީޤަތުގައި. ތިކަމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން އިނގޭތޯ. ޖުމްލަކޮށް، އެޑިޔުކޭޝަން ދާއިރާގައި، ތިޔަ މައްސަލައަކީ ޙައްލެއް ގެންނަންޖެހޭ ކަމެއް. އެހެންވީމާ، ސިވިލް ސަރވިސްއާ ވާހަކަ ދައްކައިގެން، އަދި މަޖިލީހަށް ދާން ޖެހެންޏާ މަޖިލީހަށް ހުށަހަޅައިގެން، އަޅުގަނޑުމެން ތިއަށް ޙައްލެއް ގެންނަން މަސައްކަތްކުރާނަން. ދެން ސީދާ ހުޅުމާލޭ ސްކޫލް ކޭސްގައި ވަކިން ޚާއްޞަ ސަމާލުކަމެއް ދީގެން މިނިސްޓަރ މިރެއިން ފެށިގެން އެ މަސައްކަތް ފަށްޓަވާނެ، ޙައްލެއް ގެންނަން އިނގޭތޯ.

ސުވާލު:

السَّلَامُ عَلَيْكُمْ ރައީސް. ރައީސްގެ އެޑިޔުކޭޝަނަލް ދާއިރާއިން އަޅުގަނޑު މި ސުވާލު ކުރަނީ. އެއީ، ރައީސަކީ ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސިވިލް އިންޖިނިއަރިންގ ހައްދަވާފައި ހުންނެވި ބޭފުޅެއް ދޮގެއްތޯ. ދެން އަޅުގަނޑުގެ ވަރަށް ގިނަ ރައްޓެހިން އެބަތިބި، ސިވިލް އިންޖިނިއަރިންގ ދާއިރާއިން ކިޔަވާފައި. ދެން ރައީސްގެ ތަޞައްވުރު ޕްރޮޖެކްޓެއް ފުށިދިއްގަރުފަޅަކީ. އަދި މެގަ ޕްރޮޖެކްޓްސްތައް، ކުރިއަށް އޮތް ތާނގައި އެބައޮތް. ދެން އެހެންވީމާ، ދިވެހި ސިވިލް އިންޖިނިއަރުންނަށް ފުރުޞަތުތައް އެބައޮތްތޯ އެއްވެސްވަރަކަށް، ރައީސްގެ ޚާއްޞަ މެގަ ޕްރޮޖެކްޓްތަކުގައި. އެއީ، ވާގޮތަކީ ބޭރުގެ ކޮންޓްރެކްޓަރސް އަބަދުވެސް އަންނަނީ. ދެން އެ ބޭފުޅުންނާ އެކީގައި، ބޭރު ސިވިލް އިންޖިނިއަރސް ރާއްޖޭގައި މަސައްކަތް ކުރަން މިއުޅެނީ ޕްރޮޖެކްޓްތަކުގައި. އެހެންވީމާ، އެއްވެސްވަރަކަށް ދިވެހި ސިވިލް އިންޖިނިއަރސް، ރާއްޖޭގައި ކިޔަވާފައި ތިބި ދިވެހި ބޭފުޅުންނަށް ފުރުޞަތު އެބައޮތްތޯ. އަދި މެގަ ޕްރޮޖެކްޓްތަކުގައި، ކިޔަވާފައި ތިބި ބޭފުޅުންނަށް ފުރުޞަތު އެބައޮތްތޯ، ރައީސްގެ ޚާއްޞަ ފުރުޞަތެއް، ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޙަސަން ސަޢީދު ވަރަށް ބޮޑަށް ޝުކުރިއްޔާ. އާދެ، އަޅުގަނޑުމެން މި ދޭތެރެއިން ކެބިނެޓުން ނިންމިން އެއް ކަންތައް. ތި ސުވާލުގެ އެއް ޖަވާބު. ދިވެހިންނަށް ޚާއްޞަ ކެޓަގަރީތަކެއް، ވަޒީފާ ގޮތުގައި ކަނޑައަޅަން. އޭގެތެރެއިން އެއް ދާއިރާ ސިވިލް އިންޖިނިއަރިންގ، ނޫނީ ޢިމާރާތް ކުރުމުގެ ދާއިރާއަކީ. ދެން ކިހާވަރެއްގެ ފުރުޞަތެއްތޯ އޮތީ، ދިވެހި ސިވިލް އިންޖިނިއަރުންނަށް، ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގައި މަސައްކަތް ކުރުމުގައި. އަޅުގަނޑުމެން އިސްކަންދޭނަން ވަރަށް ބޮޑަށް އިނގޭތޯ. ކޮންމެހެންވެސް ބޭނުން، ދިވެހި ސިވިލް އިންޖިނިއަރސްއިންނަށް، އަޅުގަނޑުމެން ކުރިއަށް ގެންދާނެ އެކިކަހަލަ މަޝްރޫޢުތަކުގައި ފުރުޞަތު ދޭން. ދެން މި އިޢުލާނު ކުރަނީ. އިޢުލާނުކޮށްގެން، ކަމަށް އެކަށީގެންވާ ބޭފުޅުން ހޮވިގެން މިދަނީ. ވަކިވަރެއްގެ ސްޓޭންޑަޑެއް ހުންނަން ޖެހޭނެ، ވަކިކަހަލަ މަޝްރޫޢުތަކަކަށް މީހުން ހޯދާއިރުގައި. އެއީ، އަޅުގަނޑުމެން ވަކި ކޮލިޓީއެއްގައި ޑެލިވަރ ކުރަން ބޭނުންވާތީ. ކޮމްޕެޓެޓިވްކޮށް ކުރިއަށްދާނެ.

އެހެންވީމާ، އެއީ ކޮންމެހެން ބޭރު މީހަކު ހޯދާކަށް ނޫން. ހަމަ މިހާރުވެސް މިސާލަކަށް، ބުރިޖް މަޝްރޫޢު. މާލެ ސަރަޙައްދުގައި މި ހިންގާ މަޝްރޫޢު. އޭގައިވެސް ހަމަ ދިވެހިން އެބަތިބި. އެހެންވީމާ، ކުރިއަށް އޮތް ތާނގައި، ޔަޤީނުންވެސް ފުރުޞަތު ބަންދެއްނުވާނެ. ވަރަށް ބޮޑަށް ފުރުޞަތު ދޭނަން. އަދި މަރުޙަބާވެސް ކިޔަން އިނގޭތޯ.

ސުވާލު:

السَّلَامُ عَلَيْكُمْ. އަޅުގަނޑަކީ އެމް.އެން.ޔޫ. ދަރިވަރެއް. އާދެ، އަޅުގަނޑުގެ ސުވާލަކީ، މިދިޔަ ސަރުކާރުގައި ވަނީ ހިލޭ ފަސްޓް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައި. އާދެ، އެއަށްފަހު މާސްޓަރޒް ހަދާއިރު، ވަރަށް ގިނަ ދަރިވަރުންނަށް އެކިއެކި ދަތިތައް ކުރިމަތިވޭ. އެގޮތުން، ކުލި ދައްކަން ޖެހުމާއި، ކޯސް ފީ ދައްކަން ޖެހުމުގެ ސަބަބުތަކާ ހުރެ، ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ. އެހެންކަމުން، މިކަމަށް ޙައްލެއް ގެނެސް، ދަރިވަރުންނަށް އެހީތެރިވުމަށް ކޮށްދޭނީ ކޮންކޮން ކަންތައްތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ތިއީ ޑިގްރީ ނިންމާފައި، މާސްޓަރޒަށް ދާ ކުދިން ވަރަށް ބޮޑަށް އެދޭނެ ކަމެއް. އަންޑަރސްޓޭންޑްވޭ. ކޮންމެ ގޮތެއްވިޔަސް މާލޭގައި ހުންނަ ކަމަށްވަންޏާ، ޚަރަދުތަކެއް ހިނގާނެ. މިހާރުން މިހާރަށް އަޅުގަނޑުމެންނަށް، ބަޖެޓް އޮތް ގޮތުން ފްރީ ކުރެވޭކަށް އަދި ނޯންނާނެ. އެހެންނަމަވެސް، ކޮންމެވެސް ކަހަލަ ޙައްލުތަކެއް ދަރިވަރުން ބޭނުންވާނެ ކަމެއް ތިއީ. އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރާނަން އިނގޭތޯ. މަޝްވަރާކޮށްފައި، އެޑިޔުކޭޝަނާއި އަދި ފިނޭންސް މިނިސްޓްރީގައި އަދި ޖުމްލަކޮށް އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރާނަން. ކޮންގޮތަކަށްތޯ ކުރިއަށް އޮތް ތާނގައި، މާސްޓަރޒް ލެވެލް ކޯސްތަކަށް، އަޅުގަނޑުމެންނަށް ކޮންކަހަލަ ލުއިތަކެއްތޯ ދެވޭނީ އިނގޭތޯ. އެހެންވީމާ، ތި ކޮންސަރން ބަލައިގަނެ، ތިއަށް ޙައްލެއް ގެންނަން މަސައްކަތް ކުރާނަން.

ސުވާލު:

އަޅުގަނޑަކަށް ހިއެއްނުވޭ، ރައީސަކަށް މިއީ އާ ސުވާލަކަށް ވެދާނެހެނެއް. އެކަމަކުވެސް ވަރަށް ބޮޑަށް ސުވާލަށް ޖަވާބުދޭއިރު، ވަކި ތަނެއް އުނިކޮށްލާފައި، އެ ސުވާލަށް ޖަވާބުދޭތީވެ. ގޯތި ލިބުނު މީހުންގެ ތެރޭގައި، ހުޅުމާލޭގައި އެބަތިބި ނުހިއްކާ ސަރަޙައްދަކުން ގޯތި ލިބިފައި ތިބި ބައެއްވެސް. އެތަނުގެ އަޕްޑޭޓަކީ ކޮބައިތޯ. އެތަނުގެ އަޕްޑޭޓަކަށް އެއްވެސްވަރަކަށް ނުދާތީވެ، އެހެންވެގެން އެތަނުގެ އަޕްޑޭޓް ބަލައިލަން ބޭނުންވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ނޫނޭ. އަޅުގަނޑު އުންޏެއް ނުކޮށްލަމޭ އެއްވެސް ތަނެއް. ހުޅުމާލެ މި ކިޔަނީ އެ ތަނުގެ ވާހަކަ އިނގޭތޯ. އާދެ ހުޅުމާލޭގެ ފަޅުތެރެއިން ހިއްކަމުންދާ ތަނުގެ ވާހަކަ ނޫންތޯ. އާދެ، އެތަނުގެ ވާހަކަ އަޅުގަނޑު "ހުޅުމާލެ" އޭ ދަންނަވާ ކޮންމެ ފަހަރަކު މި ދަންނަވަނީ. ހުޅުމާލެ ފަޅުތެރެއިން ހިއްކަމުންދާ، ދެން ފޭސް ތްރީއޭވެސް ކިޔާކަންނޭނގެ އެތަނަށް. ރަސްމީ ނަމެއް ނޯންނާނެ އަދިއެއް.

އެހެންވީމާ، ހުޅުމާލެ ފަޅުތެރެއިން ހިއްކާ ބިން، އަޅުގަނޑު ހުޅުމާލެ ކިޔާއިރު، އަބަދުވެސް މި ކިޔަނީ. އެތަނަށް އަޅުގަނޑު މި ރިފަރ ކުރަނީ. އެތަނުން ގޯތި ލިބިފައި ތިބި ފަރާތްތަކަށް، ގޯތިތައް ހަމަޖެހިގެންދާނެތޯ، އެ ސުވާލުގެ ޔަޤީންކަން ދޭންވެގެން، އެވާހަކަ، ހުޅުމާލެ ހިމަނަނީ އެތަނުގެ ވާހަކަ އިނގޭތޯ. އެހެންވީމާ، ފަޅުތެރެއިން ހިއްކާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން. އެތަން ހިއްކައި ނިންމާނެ. ނިންމާފައި އެތަނުން ގޯތި ލިބުނު މީހުންނަށް އެތަނުން ގޯތި ހަމަޖެހިގެންދާނީ. ދެން ގުޅިފަޅު ހިއްކާއިރުގައި، ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އަދި ގިރާވަރުފަޅު ހިއްކާ ނިމޭއިރުގައި ގިރާވަރުފަޅުން.

ދެން އަޅުގަނޑަށް ސުވާލެއް ކުރިމަތިވެގެންދިޔަ. މިހާރު ދުވާލަކު އެއްފަހަރު މި ޖަވާބު ދޭ ޕްރޮގްރާމްގެ ތެރެއިން. ގިރާވަރުފަޅުން ގޯތި ލިބުނު މީހެއްގެ ސުވާލު. ދެން ތިޔަބޭފުޅާގެ ސުވާލަކަށް ނޫން. އެކަމަކު ގޯތީގެ ވާހަކަ ދެކެވުނީމާ، އެ ބޭފުޅާ ކުރި ސުވާލުގެ ޖަވާބުގައި އަޅުގަނޑު ދެންނެވިން، ގިރާވަރުފަޅުން ގޯތި ލިބުނު މީހުން، ބައެއް މީހުން އެބަ އެދޭ، ގުޅިފަޅަށް ބަދަލުވެވިދާނެތޯ. ދެން އަޅުގަނޑު ދެންނެވިން، ތި ފުރުޞަތު އަޅުގަނޑުމެން އަދި ހުޅުވައެއްނުލަމޭ. އެހެންނަމަވެސް، ތިއީ ވަރަށް ޕޮސިބަލްވުން އެކަށީގެންވާ ކަމެކޭ. އެއީ، ދެ ތަނުގެވެސް އަދި މާސްޓަރ ޕްލޭން ހަދާ ނުނިމޭ. ދެން އެންމެ އަވަހަށް ހިއްކައި މި ނިމެނީ ގުޅިފަޅު. އެހެންވީމާ، ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ބަދަލުވާން ބޭނުންވާ މީހުން ތިބިއްޔާ، ގިރާވަރުފަޅުގައި ޖާގަ އޮވެގެން، އެ މީހުންނަށް ނުދޭންވީ ސަބަބެއްވެސް ނެތޭ.

އެހެންވީމާ، ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ވަރަށް ހައި ޗާންސަސް އެބައޮތް، އަޅުގަނޑުމެން އެގޮތަށް އަދި މަޝްވަރާކޮށް، ޕްލޭން ހަދައި ނިމޭއިރުގައި، ހަމަ ފުރުޞަތު ދެވިގެން ހިނގައިދާނެކަން. އެހެންވީމާ، އެ ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތްކުރާ ވާހަކަ، އެ ސުވާލުގެ ޖަވާބުގައި އަޅުގަނޑު ދަންނަވާފައި އޮންނާނެ.

ދެން ފޭސް ތްރީ ގޮތުގައި ނުރަސްމީކޮށް ލޭބަލްވެފައި އޮތް ހުޅުމާލެ ފަޅުތެރެއިން ހިއްކާ ތަން. އެތަން ހިއްކައި ނިންމައި، އެތަނުން ގޯތި ލިބުނު މީހުންނަށް އެތަނުން ލިބޭނެ. ޖަވާބު ލިބިއްޖެ ދޮގެއްތޯ.

ފޯން ކޯލް - އާދަމް ރަމީޒް:

އަޅުގަނޑުގެ ސުވާލަކީ މިހާރު ރައްޔިތުންގެ މަޖިލީހުން، އާދެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެއްވެސް ކަހަލަ ޝަރުޠެއް ކަނޑައެޅިފައެއް ނޯވޭ. އަދި ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާއަކަށް ވަޑައިގަންނަވާ ބޭފުޅަކަށްވެސް އެއްވެސް ޝަރުޠެއް ކަނޑައެޅިފައެއް ނޯވޭ. އެހެންނަމަވެސް، އާދައިގެ މަސައްކަތު މީހެއް، ކުނިކަހާލަން މި ނެގެނީ، އޯ. ލެވެލް އިމްތިޙާނުގެ ފާސްތައް ހޯދައިގެން. އެހެންވީމާ، ކުރިމަގުގައި އެކަހަލަ ޝަރުޠެއް ކަނޑައެޅޭ ކަހަލަ އުޞޫލެއް އޮންނާނެތޯ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައަޅައިލުމުގެ ފުރުޞަތު، ޢާންމު ރައްޔިތުންނަށް ދެއްވާ ކަހަލަ ވިސްނުމެއް ގެންގުޅުއްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑަށް ހީވަނީ ތިއީ ހަމަ ވަރަށް ރަނގަޅު ޚިޔާލެއްހެން. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކޮށްފައި އޮތް ކަމެއް ނޫން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ، ރައްޔިތުން ކަނޑައެޅުން. މިހާރު އޮންނަ ނިޒާމަކީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަނީ. ދެން ޤާނޫނުތައްވެސް އޮތްގޮތް، ނިޒާމުވެސް އޮތްގޮތް. ދެން ތިޔަ ވިދާޅުވިހެން، ވަރަށް އާދައިގެ އަސާސީ ޝަރުޠުތަކެއް މި ހުންނަނީ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މެންބަރުންގެވެސް. އަދި އެކިއެކި އިންތިޚާބަށް ކުރިމަތިލާ މީހުންގެ މާ ބޮޑެތި ޝަރުޠުތަކެއް ނެތް. ތަޢުލީމީ ގޮތުން، ވަކި ޑިގްރީއެއް، ވަކި ފެންވަރެއް ހޯދަންޖެހޭ ވާހަކައެއްވެސް ނޯވޭ.

ދެން ހަމަ ތިޔަ ވިދާޅުވިހެން، އާދައިގެ ސިވިލް ސަރވިސް ވަޒީފާއަކަށް ކުރިމަތިލާއިރުގައި، ވަރަށް ހަމަ ޓީ.ޑީ.އެސް. ޕްރޮސެސްއަކުން ކުރިއަށްދާންޖެހެނީ. މި ނިޒާމު އޮތްގޮތް. އެއީ، ވަކި ރާއްޖެ އެކަންޏެއް ނޫން އިނގޭތޯ. ހަމަ ތަރައްޤީވެފައި ހުރި ތަންތާނގައިވެސް މިކަން އޮތްގޮތް. އެކަމަކު އެހެންނޭ ކިޔާފައި، ކޮންމެހެން ރާއްޖޭގައި އެކަން ބަދަލު ނުކުރާންވީ ސަބަބެއްވެސް ނެތް. އަޅުގަނޑު އެ އައިޑިއާ އަށް އޯޕަން އިނގޭތޯ.

އަޙްމަދު ޖަދުވާން:

"އަހާ ފޯރަމް" ބައްލަވަން މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނަށާއި، ދުރާއި ގާތުން ފޯރަމް ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުންނަށާއި އަދި ފޯރަމްގެ އަޑުއައްސަވާ އެންމެހައި ބޭފުޅުންނަށް އަދިވެސް އެއްފަހަރު މަރުޙަބާ ދަންނަވަން.

އާދެ، ތިޔަބޭފުޅުންނަށް ސުވާލުކުރުމަށް އަޅުގަނޑު މި ފޯރަމްގައި ހުޅުވާލި ފުރުޞަތު މިހާހިސާބުން މި ނިމުނީ. އެހެން ނަމަވެސް، ތިޔަބޭފުޅުން ފޮނުއްވާފައިވާ ސުވާލުތަކަށާއި، ތިޔަބޭފުޅުން ކުރައްވާފައިވާ އެސް.އެމް.ތަކަށް ރައީސް ޖަވާބު ދެއްވާނެ އިނގޭތޯ އެކި ގޮތްގޮތަށް. އަޅުގަނޑަށް އެކަން ޔަޤީން. އެ ޔަޤީންކަން ރައީސްގެ އިޒުނަޔާއެކީ އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

މިހާ ހިސާބުން މިއޮތީ، ވަރަށް ޚާއްޞަ ނަންބަރެއް އިނގޭތޯ. އެނގިވަޑައިގަންނަވާނެ، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން އިނގޭތޯ. މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާން. އެއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން. ރިޔާސީ ބަޔާން އިއްވަމުން، ރައީސް ވަނީ ވަރަށް މުހިންމު ކަމެއް ފާހަގަކުރައްވާފައި. އެއީ، ތިޔަބޭފުޅުން މިހާރު ތި ތިއްބެވި މަޤްޞަދު ފުރިހަމަކުރުމަށްޓަކައި، ތިއަށްވުރެ މާފަސޭހަ މަގެއް ފަހިކޮށްދެއްވުމުގެ ވާހަކަ އެ މަނިކުފާނު ވަނީ ވިދާޅުވެފައި. ވަޢުދުވެވަޑައިގެންފައި ވަނީ. އެ ވަޢުދުފުޅު ވެވަޑައިގެންނެވިތާ މިއަދަށް، މިހާ ހިސާބަށް ބަރާބަރު 18 ދުވަސް ފާއިތުވެގެން މިދިޔައީ. މިހާރު މިވަނީ އެ ވަޢުދުފުޅު ފުރިހަމަވުމުގެ ވަގުތު ޖެހިފައި.

މިހާ ހިސާބުން އަޅުގަނޑު ތިޔަބޭފުޅުންނަށް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން، އެ ދުވަހު ރައީސް ވިދާޅުވި ވާހަކަފުޅަށް ބަލައިލާނަން.

"އިރާދަކުރެއްވިއްޔާ، ކުރިއަށް މި އޮތް މަހެއްހާ ދުވަހުގެ ތެރޭގައި، ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އަޅުގަނޑަށް ހުށަހެޅޭގޮތަށް، ޚާއްޞަ ޕޯޓަލެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާނެ. ރައްޔިތުންގެ ހުށަހެޅުންތަކަށް އިރާދަކުރެއްވިއްޔާ ސީދާ އަޅުގަނޑު ޖަވާބުދާރީވާނަން. އަދި އަޅުގަނޑުގެ އުންމީދަކީ، ރައްޔިތުންގެ އެކިއެކި ޖަމާޢަތްތަކާ ބައްދަލުކުރުމަށާއި، ރައްޔިތުންގެ ގޭގެޔަށާއި، ޢާއިލާތަކަށާއި، ރާއްޖޭގެ އެކި ރަށްރަށަށް އަޅުގަނޑު ޒިޔާރަތް ކުރުން. އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި، މަގާމުގެ ވާޖިބު އަދާކުރަން."

އާދެ، ރައީސް އެ ދުވަހު އެ ވިދާޅުވި ވާހަކަފުޅު މިރޭ ޙަޤީޤަތަކަށް ވެގެން މިދަނީ. ހަމަ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި. އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު، ރައީސަށް ދަންނަވާލަން. ޢާންމުންނަށް ސުވާލު ކުރުމުގެ ފުރުޞަތު ހުޅުވާލުމަށްޓަކައި، މަނިކުފާނު ޤާއިމުކުރައްވާފައިވާ ޕޯޓަލް ހުޅުއްވައިދެއްވުމަށް އިނގޭތޯ.

"ރައްޔިތުންގެ އަޑު، ޕޯޓަލް މެދުވެރިކޮށް މިހާރު ރައްޔިތުންނަށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް، ޝަކުވާއާއި ޚިޔާލު ހުށަހެޅުއްވޭނެ. އީ-ފާސް މެދުވެރިކޮށް، މި ޕޯޓަލްއަށް ލޮގިން ވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވަން ބޭނުންފުޅު ޚިޔާލެއް ނުވަތަ ޝަކުވާއެއް، ފަސޭހަކަމާއެކު ހުށަހެޅުއްވޭނެ. މިއީ، ރައްޔިތުންގެ އަޑުއައްސަވައިގެން، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ފިޔަވަޅެއް. ރައީސް ޑޮކްޓަރ މުޢިއްޒުގެ އަމާޒަކީ، ރައްޔިތުން ބޭނުންފުޅުވާ ކަންކަން، ރައްޔިތުންގެ ކިބައިން އޮޅުންފިލުއްވައިގެން، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މަސައްކަތް ކުރެއްވުން. ތަރައްޤީވެ، ތަހުޒީބު ވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ރައްޔިތުންގެ އަޑު، ޕޯޓަލް މެދުވެރިކޮށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ފޯރުކޮށްދެއްވުމަށް ރައީސް އެދިވަޑައިގަންނަވާ."

އާދެ، ޝުކުރިއްޔާ އިނގޭތޯ ރައީސް. އަޅުގަނޑު މިހާ ހިސާބުން ވަރަށް އަދަބުވެރިކަމާއެކު، ރައީސް އަރިހުން އެދެން. ވަރަށް މުހިންމު މަޤްޞަދެއްގައި، ވަރަށް ޒަމާނީ ގޮތަކަށް، ރައްޔިތުންނަށް ރައީސަށް ސުވާލު ދެންނެވުމުގެ ފުރުޞަތު ހުޅުވައިލެއްވުމަށް ޚާއްޞަ ޕޯޓަލެއް ޤާއިމުކުރައްވައި، އެކަން އިފްތިތާޙު ކޮށްދެއްވީތީ. އެހެންވީމާ، އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު، މި ޕޯޓަލްއާއި އަދި މިކަމުގެ މަޤްޞަދާ ގުޅޭގޮތުން ދެތިން ބަހެއް ވިދާޅުވުމަށް ފުރުޞަތު އަރުވަން އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޝުކުރިއްޔާ. އާދެ، ދިވެހި ލޮބުވެތި ރައްޔިތުން.

އަޅުގަނޑު ތިޔަބޭފުޅުން ގާތަށް އައިން. މިތަނުގައި ކެމްޕެއިންގެ އެންމެފަހު ވަގުތުކޮޅުވެސް ބައްދަލުކުރެވިގެންދިޔަ. އަޅުގަނޑު ދެންނެވިން، އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށޭ. ރައްޔިތުންގެ ގާތަށް ގޮސްގެންނޭ މަސައްކަތް ކުރަން ބޭނުންވަނީ. މާލޭގެ މޭޔަރަކަށް ހުރިއިރުގައިވެސް ގޭގެޔަށް ދިޔައިމޭ. އަދި އަޅުގަނޑު ގާތަށް މީހުންނަށް އާދެވޭ. ބައްދަލުކުރީމޭ. އަދި އޮންލައިންކޮށް، އަޅުގަނޑަށް ސުވާލު ފޮނުވައިގެން، އެކަންކަންވެސް އެޑްރެސް ކުރަމުންދިޔައީ. އެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރަން އަޅުގަނޑު ރައްޔިތުންނަށް ހުށަހެޅީ. އެ ފުރުޞަތު ރައްޔިތުން އަޅުގަނޑަށް ދެއްވީ. އެ މަގާމު، އެ ޒިންމާ ހަވާލުކުރެއްވީ.

ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ހުރެގެން މަސައްކަތް ކުރަންޏާ، އަޅުގަނޑަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގައި މަގުތައް ފަހިކުރަންޖެހޭނެ. އެގޮތަށް ކުރަން ބޭނުން. އެހެންވީމާ، މި ފޯރަމްވެސް މި ބާއްވަނީ އެހެންވެގެން. އަދި ވަޒީރުންވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް އަޅުގަނޑު ވަޢުދުވިން. އެގޮތަށް ފޯރަމްތައް ބާއްވަނީ.

އޮންލައިންކޮށް މިއަދު މި ހުޅުވާލި ޕޯޓަލުން ކޮންމެ ކަމެއްވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު ގާތުގައި އެހޭނެ. އަޅުގަނޑު އެއަށް ޖަވާބު ދޭނީ. ދެ ފުށް ފެންނަ، ޖަވާބުދާރީވާ ސަރުކާރެއް ޤާއިމުކުރާނެ ކަމަށް އަޅުގަނޑު ވަޢުދުވީ. ޖަވާބުދޭނަން އިރާދަކުރެއްވިއްޔާ. ޖަވާބު ނުދީ، ވާނުވާ ނޭނގޭ ގޮތަކަށް ކަންކަން އޮތުމަކީ، އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން.

އެހެންވީމާ، މި ހުޅުވާލި ފުރުޞަތުގެ ބޭނުން، ތިޔަބޭފުޅުން ހިއްޕެވުމަކީ އަޅުގަނޑު އެދޭގޮތް. ހިއްޕަވައިފިއްޔާ ތިޔަބޭފުޅުން ބޭނުންވާ ކަންކަން، އެއްވެސް ކަމެއް އޮޅުންނުފިލައެއް ނޯންނާނެ. ޙަޤީޤީ ތެދު މަޢުލޫމާތު ލިބިވަޑައިގަންނަވާނެ. ކޮންމެ ދުވަހަކު މިހާރު ކޮންމެވެސް އެއް ރައްޔިތެއްގެ ސުވާލަށްވެސް އެބަ ޖަވާބު ދެން. ވީޑިއޯ ސުވާލަކަށް ވީޑިއޯއިން ޖަވާބު އެބަދެން. ފެބުރުވަރީ 1 ގައި ފެށީ. ކޮންމެ ދުވަހަކު މިހާރު ހަމަ ވައްޓައިނުލާ، އެ ހުރި ތަނެއްގައި ހުރެގެން، ސުވާލަކަށް ޖަވާބު އެބަދެން.

އޭގެ އިތުރަށް، މިރޭ މި ހުޅުވާލި ޕޯޓަލުންވެސް އެ ފުރުޞަތު އެބަ ލިބޭ. އެގޮތަށް އެކަން ކުރީމާ، ރައްޔިތުންނަށް ޔަޤީންކަން އެ ލިބިގެން ދަނީ، ތިމަންނަމެން ހަވާލުކުރި ޒިންމާ އެބަ އަދާކުރާކަން. އަދާކުރުމުގައި ކޮންކަހަލަ ގޮތަކަށްކަން މި މަސައްކަތް ކުރަނީ. އެގޮތަށް މަސައްކަތް ކުރީމާ، އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމަކީ، އަޅުގަނޑަށް ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް އެބަ މަސައްކަތް ކުރެވެއޭ، ނޫނީވިއްޔާ ކިހާވަރަކަށްތޯ އަޅުގަނޑުގެ މަސައްކަތް އަދި އިތުރަށް ރަނގަޅުކުރަންޖެހެނީ، ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް ކަންކަން ގެންދަންޏާ. މިއީ، ދެކޮޅަށް ހިނގާ ކަމެއް. މިއީ، ސޯޝަލް ކޮންޓްރެކްޓެއް. އަޅުގަނޑު މަސައްކަތް ކުރާނީ، އިރާދަކުރެއްވިއްޔާ ރައްޔިތުންނާ އެކީގައި. ރައްޔިތުންގެ ފަޅީގައި ހުރެގެން. ރައްޔިތުންގެ މީހެއްގެ ގޮތުގައި ހުރެގެން. ރައްޔިތުން އެދޭ އަމާޒަށް، ރާއްޖޭގެ ކަންކަން ގެންދިޔުމުގައި.

އެހެންވީމާ، ތިޔަ ދެއްވާ އެއްބާރުލެއްވުމަށް އަދިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ ހުރިހާ ރައްޔިތުން، އަޅުގަނޑު މި ކުރާ މަސައްކަތުގައި، ތިޔަބޭފުޅުން އަޅުގަނޑަށް ދެއްވަން ބޭނުންވާ ޚިޔާލުވިޔަސް، މަޝްވަރާވިޔަސް، ސުވާލެއްވިޔަސް، ކުރައްވާ ޝަކުވާވިޔަސް، ކޮންމެ ކަމެއްވިޔަސް، އަޅުގަނޑާ ހަމައަށް ގެނެސްދެއްވުމަށް. ރައްޔިތުން އެދޭގޮތަށް ހުރިހާ ކަމެއް، މުޅި ސަރުކާރުގެ ނިޒާމުތެރެއިން، މިނިސްޓަރުންނާއި، އެމް.ޑީ.ންނާއި، އަދި އަޅުގަނޑުމެންގެ މަޖިލިސް މެންބަރުންނާއި، ހުރިހާ ބޭފުޅުން މެދުވެރިކޮށް އަދި އަޅުގަނޑު، ސީދާ އަޅުގަނޑު ތިޔަބޭފުޅުންނާ އެކީގައި މަސައްކަތް ކުރާނަމޭ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑު އެދެނީ، ތިޔަބޭފުޅުންނަށް މި މަސައްކަތް ކޮށްދިނުމުގައި، ތިޔަބޭފުޅުންނަށް ދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް އަޅުގަނޑަށް ދެއްވަން. ރައްޔިތުންގެ ހުރިހާ ކަމެއް، އަޅުގަނޑު ވަޢުދުވީ ގޮތަށް، ހުރިހާ ކަމެއް ފުއްދައިދޭނަން އިރާދަކުރެއްވިއްޔާ.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޙްމަދު ޖަދުވާން:

ވަރަށް ބޮޑަށް ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.

އާދެ، އަޅުގަނޑުމެންގެ މިރޭގެ މި ފޯރަމްގައި، ޖުމްލަ 33 ސުވާލެއް، އެކި ގޮތްގޮތަށް ތިޔަބޭފުޅުން ވަނީ ރައީސަށް ދަންނަވާފައި. އެ ސުވާލުތަކަށް ރައީސް ވަނީ ވަރަށް ފުރިހަމައަށް، ތަފްޞީލު ގޮތެއްގައި ތިޔަބޭފުޅުންނަށް ޖަވާބު ދެއްވާފައި. އޭގެތެރެއިން ގާތްގަނޑަކަށް 100 ޕަސެންޓް ސުވާލަށް ރައީސް ވަނީ ތިޔަބޭފުޅުން ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ފަދަ ޖަވާބު ދެއްވާފައިކަން، އަޅުގަނޑު ވަރަށް ޔަޤީންކަމާއެކީ ދަންނަވާލަން ކެރޭ. އެއީ، ތިޔަބޭފުޅުން ސުވާލު ކުރެއްވި މަޤްޞަދާއި، ރައީސް ދެއްވި ޖަވާބާ ދިމާވާ މިންވަރު ވަޒަންކޮށްފައި، އަޅުގަނޑު މިހެން މި ދަންނަވާލީ އިނގޭތޯ.

ދެން އަޅުގަނޑު ސުވާލުގެ ބައި ނިންމާލަމުން، އަޅުގަނޑު ދަންނަވާލި ވާހަކަ މިހާރު ތިޔަބޭފުޅުންނަށް ޔަޤީންވާނެ ހަމަގައިމުވެސް. ތިޔަބޭފުޅުންގެ ތެރެއިން އަޅުގަނޑުމެންނަށް އެސް.އެމް.އެސް. ކުރެއްވި ބޭފުޅުންގެ ތެރެއިން އެ ސުވާލުތައް މިރޭ އަޅުގަނޑަށް ރައީސަށް ދަންނަވައިނުލެވުނު ސުވާލުތައް މިހާރު ތިޔަބޭފުޅުންނަށް އަމިއްލަފުޅަށް ރައީސަށް ދަންނަވައިލުމުގެ ފުރުޞަތު މިވަނީ މިރޭ ފަހިވެގެން ގޮސްފައި. ރައީސް އިފްތިތާޙު ކޮށްދެއްވުމާއެކީ، މިހާރު ހަމަ ލައިވް ވާނެ އިނގޭތޯ. ހަމަ ވަގުތުން ތިޔަބޭފުޅުންނަށް ޕޯޓަލަށް ވެދެވަޑައިގެން ޒިޔާރަތް ކުރައްވައި، ޕޯޓަލް މެދުވެރިކޮށް، ސުވާލު، ޚިޔާލު، މަޝްވަރާ، ޝުޢޫރު ތިޔަބޭފުޅުންނަށް ފާޅުކުރެއްވޭނެ. ރައީސް އެއަށް ޖަވާބު ދެއްވަމުން ގެންދަވާނެ.

އެނގިވަޑައިގަންނަވާނެ، ރައީސް ވަނީ އެ މަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ރަސްމީ ކެމްޕެއިން ނިންމަވައިލައްވާފައި، ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އެ މަނިކުފާނު ކެމްޕެއިން ކުރެއްވުމުގެ ގޮތުން، އެންމެ ފުރަތަމަ ޕޯޑިއަމްގައި ދެއްކެވި ވާހަކަފުޅުން ފެށިގެން އެންމެފަހުން ނިންމަވައިލެއްވި، އުފާފާޅުކުރުމުގެ ޙަފްލާގައި ދެއްކެވި ވާހަކަފުޅާ ހަމަޔަށް ދެއްކެވި ހުރިހާ ވާހަކަފުޅެއް، އޭގެ އަކުރުން އަކުރަށް ލިޔުއްވައި، ވަރަށްބޮޑު ފޮތެއް އެކުލަވައިލައްވައި ޝާއިޢު ކުރައްވައި، އެ ފޮތް އިފްތިތާޙު ކުރައްވާފައި. އެ ފޮތުގެ އޮންލައިން އެޑިޝަން، މިވަގުތު ތިޔަބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ. ރައީސް ވެވަޑައިގެންނެވި ހުރިހާ ވަޢުދުފުޅުތަކެއް ފުއްދަވަމުން ގެންދަވަނީ ކިހާ މިންވަރަކަށްތޯ، ކޮން ތާރީޚަކަށް، ކޮންކަމެއްތޯ ނިމެމުންދަނީ. މިކަން ތިޔަބޭފުޅުންނަށް އަމިއްލަފުޅަށް ވަޒަންކުރެއްވޭނެ. މިކަންކަމާ ގުޅޭގޮތުން އެއްވެސް ޚިޔާލެއް، ސުވާލެއް، ޝުޢޫރެއް، މަޝްވަރާއެއް ތިޔަބޭފުޅުންގެ އޮތް ކަމަށްވާނަމަ، ދެންމެ ރައީސް އެ އިފްތިތާޙު ކުރެއްވި ޕޯޓަލް މެދުވެރިކޮށް، ތިޔަބޭފުޅުން ރައީސަށް ދަންނަވަމުން ގެންދަވަންވީ އިނގޭތޯ. މިއީ، ހުޅުވާލެވިފައިވާ ރަނުގެ ފުރުޞަތެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން.

ކޮންމެއަކަސް މިރޭގެ މި ފޯރަމް މިހާ ހިސާބުން މި ނިމުނީ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، މި ސިލްސިލާގެ އެކި ފޯރަމްތައް، ތިޔަބޭފުޅުންނާ ހަމަޔަށް އަޅުގަނޑުމެން ގެނެސްދޭނަން. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން، އަޅުގަނޑުމެން މި ފޯރަމް މިގެންދަނީ. މިއީ، ރައީސްގެ ވަޢުދުފުޅެއް. މި ވަޢުދުފުޅު ފުރިހަމަކުރުމަށްޓަކައި ރައީސްގެ އިރުޝާދާ އެކީގައި، އަޅުގަނޑުމެން ގުޅިގެން މިކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ތިޔަބޭފުޅުންނަށް އަދި މިއަށްވުރެ މާ ފުރިހަމަކޮށް ފެނިވަޑައިގަންނަވާނެ.

އެންމެހައި ބޭފުޅުންގެ އެއްބާރުލުމަށް، އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައިވެސް އެދެން. މިރޭ މިތަނަށް ވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށާއި، އަދި ރައްޔިތުންގެ ތެރެއިން އަޅުގަނޑުމެންނަށް ސުވާލު ފޮނުއްވި އެންމެހައި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.
ބާއްޖަވެރި، ރައްކާތެރި، އަމާން ރެޔަކަށް އެދެން.

وَالسَّلَامُ عَلَيْكُمْ.