بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކެނދިކުޅުދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މިރަށު ކައުންސިލްގެ ރައީސް، އަދި ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާއި، މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އަޅުގަނޑުމެން މި ރަށަށް އައި ވަގުތު، ތިޔަބޭފުޅުން މިއަދު ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މި ހަފްތާގެ ހޮނިހިރު ދުވަހު ފެށި މި ދަތުރުގައި، މިއަދު އެންމެފަހު މަންޒިލަށް މި އާދެވުނީ. ދެ ތިން ހަފްތާ ކުރިން، ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރުމަށް، ވަކި ރަށްތަކަކަށް ދިޔުމުގެ ތާވަލެއް ކަނޑައަޅައިގެން، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ހަފްތާއާ އެކީގައި، ކޮންމެ ރަށަކަށް ގޮސް، ރާއްޖޭގެ ހުރިހާ ކައުންސިލަކާ ވީހާވެސް ގާތުން ބައްދަލުކޮށް، ރައްޔިތުންގެ ހާލު ވީހާވެސް ގާތުން އޮޅުންފިލުވައި، ކަންކަން ހައްލު ކުރުމަށްޓަކައި އަވަސް ފިޔަވަޅުތައް އެޅުމާ ބެހޭގޮތުން ކަންކަން މަޝްވަރާ ކުރުމުގެ ކަންތައްތައް ގެންދާނަން.

މި ރަށުގެ ކައުންސިލާވެސް މީގެ އިރުކޮޅެއް ކުރިން ބައްދަލުކުރިން. އަދި ޑަބްލިޔު.ޑީ.ސީ.އާވެސް ބައްދަލުކުރިން. އެ ބޭފުޅުން ހިއްސާކުރެއްވި ކަންކަމުގެ މަޢުލޫމާތު، ކުރީގައި އަޅުގަނޑަށް ކެމްޕެއިން ދުވަސްވަރުވެސް ވަނީ ލިބިފައި. އަދި އޭގެ ބައެއް ކަންކަމާ ގުޅޭގޮތުން އަޅުގަނޑު އޭރުގައި ވާނެ، ބައެއް ކަންކަމުގައި ވަޢުދުވެސް ވެފައި.

އާދެ، މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު، ވަރަށް ގިނަ ކަންކަން އެބަހުރި ކުރަން. އިޤްތިޞާދީ ގޮތުން ބަލާނަމަ، ފުރަތަމަ ކަމަކަށް، އިޤްތިޞާދީ ނަޒަރަކުން ބަލާނަމަ، ވަރަށް ޔުނީކް، މި ރަށަށް ވަރަށް ޚާއްޞަ ފުރުޞަތުތަކެއް އެބަހުރި. މި ރަށުގެ ޤުދުރަތީ ޚާއްޞަ ފުރުޞަތުތަކެއް އެބަހުރި. އެތަން ޙިމާޔަތްވެސް ކުރަންޖެހޭ. ކައުންސިލްގެ ރައީސް ވިދާޅުވެލެއްވި، އެތަން ޙިމާޔަތްކުރުން ވަރަށް މުހިންމު ކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ކުރިއަށް ގެންދާނަން.

ދެން އެއާއެކީގައި، އަޅުގަނޑުމެން މި ސަރުކާރުން އަލަށް ފެށި އެއް ކަންތައް، ވިޒިޓަރ އިކޮނޮމީ ޕޮލިސީއެއް ހެދުން. މާނައަކީ، ޢާންމުކޮށް މި އޮންނަ ޓޫރިޒަމަށްވުރެ ފުޅާކޮށް، ރަށްރަށުގައި ހުންނަ މި ކަހަލަ ނެޗުރަލް ބިއުޓީތައް، ޚާއްޞަ ޤުދުރަތީ ރީތިކަން ބަލައިލަން އަންނަ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުން. އަދި ބައެއް ރަށްރަށުގައިވިއްޔާ އެބަހުރޭ ކަލްޗަރަލް، ޘަޤާފީ ކަންތައްތައް، އެ ރަށްރަށަށް ޚާއްޞަ. އަދި ތާރީޚީ ގޮތުން، ވަރަށް އަގުބޮޑު ކަންކަން ހުންނަ ރަށްރަށްވެސް ހުރޭ. މިހެންގޮސް، ތަފާތު ދާއިރާތަކަށް ޓޫރިޒަމް ފުޅާކުރުމުގެ ސިޔާސަތެއް އަޅުގަނޑުމެން ކަނޑައެޅިން. އެކަމަށް ޚާއްޞަ ކައުންސިލެއް އުފެއްދިން.

އެހެންވީމާ، މި ރަށަށް، މި ރަށުގެ ރައްޔިތުންނަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފައްދައިގެން، މި ރަށުގެ މިއޮތް އެސެޓުގެ ބޭނުން ފުރިހަމަގޮތުގައި ހިފޭގޮތަށް، އިކޯ ޓޫރިޒަމްގެ ފުރުޞަތުތައް އެއިން ލިބޭގޮތަށް، އިރާދަކުރެއްވިއްޔާ އެ ސަރަޙައްދު ޙިމާޔަތް ކުރުމާއެކު، ޓޫރިޒަމްގެ ބޮޑު، ފުޅާ ފުރުޞަތުތަކެއް އަޅުގަނޑުމެން ހުޅުވައިލަދީ، އެކަން ޙަޤީޤަތަކަށް ހަދައިދޭނެ ކަމަށް އަޅުގަނޑު ދަންނަވާލަން. އާދެ، އެއިން ވާނެގޮތަކީ، ތިޔަބޭފުޅުންގެ ދުވަހުން ދުވަހުގެ ޑެއިލީ ލައިފް، ތިޔަބޭފުޅުންނަށް ފަސޭހަވާނެ. އާމްދަނީ އިތުރުކުރުމުގެ ފުރުޞަތު ލިބޭނެ. އާދެ، އެހެންވީމާ އެ މަސައްކަތަށް ވަރަށް ސަމާލުކަން ދޭނަން.

ދެން އެއާއެކީގައި، ލަފާފުރުމުގެ ދަތިކަމާއި، ޢުމްރާނީ ތަރައްޤީއާ ގުޅިގެން މި ގެންނަންޖެހޭ ކުރިއެރުންތައް. ބަނދަރުގެ މައްސަލަ ހައްލުކުރުން އެއީ، ވަރަށް މުހިންމު ކަމެއް. މި ރަށުގެ ދެ ފަރާތުގައި ލަފާފުރުމުގެ ފަސޭހަކަން އޮތުން. އެކަމަށްވެސް ވަރަށް އިސްކަންދޭނަން.

ދެން މުޅި ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމު ކަންތައް ގެދޮރުވެރިކަން. ގެދޮރުވެރިކަމަށް ދާއިމީ ހައްލެއް ގެންނަންޏާ، ރާއްޖޭގެ ޤާނޫނީ ނިޒާމުގެތެރޭގައި ގެދޮރުވެރިކަމަށް ޚާއްޞަ ގިނަ ޤާނޫނުތަކެއް އެބަހުރި ފާސްކުރަންޖެހޭ. އެކަންކަން އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމަނައިގެން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން މިދަނީ. އެކަމަކުވެސް އެ ރައްޔިތުންގެ މަޖިލީހަކީ، މި ވިސްނުމުގައި ރައްޔިތުން ހޮވި ސަރުކާރުން، ރައްޔިތުންނަށްޓަކައި ކޮށްދޭން ބޭނުންވާ ކަންކަމުން އެއްބާރުލުންދޭ ވިސްނުމުގައި ނެތް މަޖިލީހެއް ކަމުގައިވަންޏާ، މި މުހިންމު މައްސަލައިގައިވެސް އެބޭފުޅުން ނިންމި ގޮތަކަށް ނިމޭނީ.

ޑަބްލިޔު.ޑީ.ސީ.ތަކުގެ ވާހަކަ އެއީ، ހަމަ އަނެއް މިސާލު. އަޅުގަނޑު ބޭނުން، ޑަބްލިޔު.ޑީ.ސީ.ތަކުގެ މި މައްސަލައަށް ދާއިމީ ހައްލެއް ގެންނަން. ރަމަޟާން މަހުގެ އެލަވަންސް ލިބޭ ގޮތަށް ޤާނޫނު އިޞްލާޙު ކުރަން. އެ ލިބޭ އެލަވަންސަކީ މުސާރައިގެ ކެޓަގަރީއަށް، މުސާރައިގެ ހައިސިއްޔަތު ލިބޭ މުސާރައަކަށް ހަދަން ބޭނުން. އޭގެ ސަބަބުން ވިހެއުމުގެ ޗުއްޓީއާއި، ދެންވެސް ހުރި ޗުއްޓީތައް ނެގޭނެގޮތަށް، ބޭންކަށް ގޮސް ލޯނު ހޯދުމުގެ ފުރުޞަތު ފަހިވާނެ ގޮތަށް، މިކަހަލަ ހުރިހާ ކަމަކަށް ޑަބްލިޔު.ޑީ.ސީ.ތަކަށް މަސައްކަތްކުރުމުގެ ފަހި ފުރުޞަތު ހޯދައިދޭން ޤާނޫނު އިޞްލާޙު ކުރަން ބޭނުން. އެކަމަކު އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުންދެންޏާ އެކަން ވާނީ. އެހެންވީމާ، މިކަހަލަ އެތައް މިސާލު އަޅުގަނޑަށް ދެއްކިދާނެ. ދެން އެހެންނަމަވެސް، އެކަންކަމުގައި ކުރިއަށް މި ދެވެނީ ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދިނީމަ.

އެންމެފަހުން އިއްޔެ މި ހިނގި ކަންތަކުގައިވެސް، ރައްޔިތުންގެ މަޖިލީހުގެ އިންޚާބު ބާއްވާނެ ތާރީޚާ މެދުގައި އިއްޔެ ނިންމި ނިންމުން. އަޅުގަނޑު ދޭ ޔަޤީންކަމަކީ، އަބަދުވެސް ދޭނެ ޔަޤީންކަމަކީ ރޭގައިވެސް ދެންނެވިން، އަޅުގަނޑު ޤާނޫނުއަސާސީއާ ޚިލާފަށް ހަމަ އެއްކަމެއްވެސް ނުކުރާނަމޭ. އަޅުގަނޑަށް ރައްޔިތުން ހަވާލުކުރި ޒިންމާ މި އަދާކުރަނީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކީގައި. ﷲ ގަންދީ އަޅުގަނޑު ކުރި ހުވައަކީ، އޭގެ ކޮންމެ ލަފުޒަކަށް، އަޅުގަނޑު ޒިންމާވާންޖެހޭ، ދުނިޔޭގައިވެސް، އާޚިރަތުގައިވެސް ޒިންމާވާންޖެހޭ ހުވައެއް. އަޅުގަނޑަށް އެ ހުވާގެ ކޮންމެ ލަފުޒެއް، ކޮންމެ އަކުރެއް މެޓަރވޭ.

އެހެންވީމާ، އަޅުގަނޑު ޤާނޫނުއަސާސީއާ ކުޑަ ތަންކޮޅެއްވެސް ޚިލާފެއް ނުވާނަން. ޤާނޫނުއަސާސީގެ ދަށުން ކަންކަން ހިނގަންޏާ އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. މިއަދުގެ ކުޑައިރުކޮޅެއް ކުރިން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން އެ ނިންމީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު، 80 ކަމަށް ކަނޑައަޅައިގެން، ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށް. މީގެ އިރުކޮޅެއް ކުރިން، ސުޕްރީމް ކޯޓުން އެ ކަނޑައެޅީ، އެ މައްސަލަ ބެލީ 5 ފަނޑިޔާރުންގެ އިއްތިފާޤުން. 80 މެންބަރުންނަށް ބަލައިގެން ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް އެހެންވީމާ، ޤާނޫނުއަސާސީއާ ޚިލާފުވާނެ. ދެން ކޮންމެއަކަސް، މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން މި ނިންމީ. އެހެންވީމާ، މިކަމުގައި އަޅުގަނޑަށް ކުރިއަށް ދެވޭނީ މި ދެންނެވި ފަދައިން. ޤާނޫނުއަސާސީއާ އަޅުގަނޑު އެންމެ ތަންފުކެއްވެސް ޚިލާފެއް ނުވާނަން.

އެހެންވީމާ، ބަންޑާރަ ނައިބުގެ ޤާނޫނީ ލަފައަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި. އެއީ، މިކަހަލަ ނިންމުމެއް ނިންމީމާ ސުވާލު އެބަ އުފެދޭ، 80 މެންބަރުންނަށް ބަލައިގެން އިއްޔެގެ މައްސަލައާއި، އޭގެ ކުރީގެވެސް އެތައް މައްސަލައެއް ނިންމާފައި ހުރެއްޖިއްޔާ، އެ ނިންމި މައްސަލަތަކުގެ ޤާނޫނީ ހައިސިއްޔަތާ މެދުގައި އެހެންވީމާ، އެބަ ސުވާލު އުފެދޭ.

ސުޕްރީމް ކޯޓުން މިއަދު އެ ނިންމީ މަޖިލީހުގެ މެންބަރުގެ އަދަދަކީ 80 ކަމަށް ބަލައިގެން ކުރިއަށް ދިޔުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް. އިއްޔެ ނެގި ވޯޓުގައި ލިބުނުކަންނޭނގެ،
47 ވޯޓު. އެހެންވިޔަސް، އެ ބޭފުޅުން ބެއްލެވީ، މަޖިލީހުގެ އަދަދަކީ 80 ކަމަށް. އެހެންވީމާ، މިކަމުގައި ބަންޑާރަ ނައިބު އަޅުގަނޑަށް ޤާނޫނީ ލަފައެއް ދެއްވީމާ، އަޅުގަނޑު ކުރިޔަށްދާނަން. އެއީ، އެތައް ރައްޔިތުންނެއްގެ ޙައްޤެއް މީގައި އެބަ އެކުލެވޭ.

އަޅުގަނޑު އަބަދުވެސް ސަމާލުކަން ދޭން ވަރަށް ބޭނުން، ޤާނޫނުއަސާސީއާއި، ޤާނޫނުތަކާ އެއްގޮތަށް ކަންކަން ކުރަން. ޤާނޫނުއަސާސީ ހަދާފައި އޮންނަނީ، ޤާނޫނުތައް ހަދަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހެވާއި ލާބައަށް. ޤާނޫނީ ވެރިކަމެއް ރާއްޖޭގައި ހިނގަން ޖެހޭނީ. ރޫލް އޮފް ލޯ އޮންނަން ޖެހޭނެ. އެހެންވީމާ، އަޅުގަނޑަކަށް މުހިންމެއް ނޫން، މިއީކީ ސިޔާސީ ވާހަކައެއް ނޫން. ސިޔާސީ މައްސަލައެއް ގޮތަކަށް އަޅުގަނޑެއް ގައިމުވެސް ނުދެކެން.

އަޅުގަނޑު ބޭނުންވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ކުރިން ބާއްވަން. އެއީ، ރޯދަމަހުގެ ތެރެއަށް ދިޔުމަކީ ރައްޔިތުންނަށް ދަތި އުނދަގޫ ކަމަކަށް ވާނެ ކަމެއް. މިއީ އަނެއްކާ މިކަމުގެ އަނެއް މިސާލު. މިހާރު އޮތް މަޖިލީހުން އެއްގޮތަކަށްވެސް އެއްބަސްނުވީ ރޯދައިގެ ކުރިއަށް ބަދަލުކުރެވޭ ގޮތަށް ޤާނޫނު އިޞްލާޙު ކޮށްދޭން. ޤާނޫނު އިޞްލާޙު ކުރަން އެ ބޭފުޅުން އެއްބަސްނުވި ސަބަބު ކިޔައިދެއްވަން އެބަޖެހޭ ނޫންތޯ. އަބަދުވެސް މި އަޑުއިވެނީ ރޯދައިގެ ތެރޭގައި ބޭއްވީމަ ރައްޔިތުންނަށް އުނދަގޫވާނެއޭ. އެހެންވީމާ، ކީއްވެތޯ އަވަސްކޮށްލަ ނުދިނީ. އަވަސްކޮށްލިނަމަ އެ މައްސަލަ ހައްލުވާނެ ނޫންތޯ. އަޅުގަނޑު ބޭނުމެއްނޫން ރޯދަމަސްތެރޭގައި އިންތިޚާބު ބާއްވާކަށް. އަޅުގަނޑު އެހެންވެގެން ރޯދަ މަހަކީ އަޅުކަމުގެ މަސްވަރެއްވީމާ ނޫންތޯ އަޅުގަނޑު އިންތިޚާބުގެ ތެރޭގައި، ކެމްޕެއިން ތެރޭގައި ވައުދުވީގޮތަށް، މިހާރު އެއޮތީ ރަސްމީކޮށް ފަހު ދިހައެއްވެސް އެއީ، ބަންދު ދުވަސްތައް ގޮތުގައި ކަނޑައަޅާފައި. ދެން މިހާރު އަޅުގަނޑުމެން ވީ އެހެންވީމާ، ފަހު ދިހައެއް ބަންދު ދުވަސްތަކަކަށް ކަނޑައަޅައިގެން، އަޅުކަމަށް ޚާއްޞަ ކުރަންވީ ދުވަސްކޮޅުވެސް އިންތިޚާބުގައި ކެމްޕެއިނުގައި އުޅެންތޯ. މިއީ ވިސްނަންޖެހޭވަރުގެ ކަންކަން.

އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅުން ނުރަސްމީކޮށް އަޅުގަނޑު ގާތުގައި އެއްސެވީމާ އަޅުގަނޑު ދެންނެވިން. މިއީ ދުވަސްކޮޅެއް ކުރިން ހިނގި ކަމެއް. އަޅުގަނޑު އެދެމޭ ތިޔަބޭފުޅުންނަށް ވާންއޮތިއްޔާ ޤާނޫނުއަސާސީއާއި، ޤާނޫނާ ޚިލާފު ނުވަންޏާ ރޯދައިގެ ކުރިން އިންތިޚާބު ބާއްވަދޭށޭ. އެއްދުވަސް ކުރިންވިޔަސް ވަރިހަމައޭ، ބާއްވާށޭ. ދެން އެ ބޭފުޅުން އެދުނީ މަޖިލީހުގައި. މަޖިލީހުގައި މިއޮތީ އެމް.ޑީ.ޕީ.ގެ މެޖޯރިޓީ. ކޮންމެވެސް އަޑި ނޭނގޭ ސަބަބަކާ ހުރެ ރޯދައިގެ ކުރިއަށް ޖައްސާކަށް ބޭނުމެއްނުވި. އެ ވާހަކަ ނުދައްކައެއް ނޫންތޯ އެ ބޭފުޅުންނެއް. އެ ބޭފުޅުން ދައްކަނީ ރޯދައިގެ ތެރޭގައި ބޭއްވީމާ މީހުންނަށް އުނދަގޫވާނެއޭ. އެހެންވީމާ، އަވަސްކޮށްލިނަމަ ނިމުނީ ނޫންތޯ. ޤާނޫނަށް އިޞްލާޙެއް ގެނެސްފައި. އެކަން ނުކުރެއްވީ. އެ ބޭފުޅުންނަށް ބާރު ހިންގާ، އެ ބޭފުޅުން އޮޕަރޭޓް ކުރާ އެހެން ފަރާތެއް އެބައޮތް. ޖޯއިސްޓިކް އޮތީ އެހެން ފަރާތެއްގައި. އެ ޖޯއިސްޓިކް އަނބުރާ ގޮތަކަށް، ޕަޕެޓްތަކެއް ގޮތަށް އެނބުރެމުން މިދަނީ ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީ.ގެ ބައެއް މެންބަރުން. މިއީ ޙަޤީޤަތް. މިއަށް ލޯ މަރައިލެވޭނެ ގޮތެއް ނޯންނާނެ.

އެހެންވީމާ، ބަންޑާރަ ނައިބު އަޅުގަނޑަށް ލަފައެއް ދެއްވީމާ، މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށް ދިޔުމުގައި އަޅުގަނޑު ހުރިހާ ކަމެއްވެސް ކުރާނީ ޤާނޫނާއި ޤާނޫނުއަސާސީއާ އެއްގޮތަށް. އެއްކަމެއްވެސް ނުކުރާނަން އެނޫން ގޮތަކަށް. 80 މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ އަދަދު ނޫން ކަމަށް، އޮރިޖިނަލީ އޮންނަ 87 އަށް ކަމަށް ސުޕުރީމް ކޯޓުން ނިންމި ނިންމުމާ އެއްގޮތަށް ނޫން ގޮތަކަށް އިއްޔެ ނިންމި ނިންމުންވެސް އެއީ، ތަޞްދީޤު ކުރަންޖެހޭ އެއްޗެއް ކަމަށް ލަފާ ލިބިއްޖިއްޔާ ހަމަ ވަގުތުން ތަޞްދީޤު ކޮށްލާނަން.

އެހެންވީމާ، މިކަހަލަ ކޮންމެ ކަމެއްގައިވިޔަސް ޤާނޫނާ ގުޅޭ ކަމެއްވިއްޔާ އަޅުގަނޑުގެ ސްޓޭންޑަކަށް ވާނީ ޤާނޫނުއަސާސީއާ އެއްގޮތަށް ކަންކަން ކުރުން. ކޯޓުތަކުން ނިންމާ ނިންމުމަށް އިޙްތިރާމް އަދާކުރުން. ކޯޓުތައް ހިނގަމުން އެދަނީ މި ސަރުކާރުގެ އެއްވެސް ބާރެއް، އެއްވެސް ނުފޫޒެއްނެތި. ފުރަތަމަ ދުވަހުން ފެށިގެން އެއްވެސް ކަމަކަށް އަޅުގަނޑުމެން ނުފޫޒެއް ނުފޯރުވަން. އެކަން ފެނިވަޑައިގަންނަވާނެ ނޫންތޯ، މިސާލަކަށް، މާލޭ ސަރަޙައްދަށް ބަލައިފިއްޔާ، ގެދޮރުގެ އެންމެ ބޮޑު މައްސަލައާ ގުޅިފައިވާ ގުޅިފަޅު ހިއްކުން. ކުއްލިއަކަށް އަޅުގަނޑަށްވެސް ނޫހުން ފެނުނީ ގުޅިފަޅު ހިއްކުން ހުއްޓުވައިފިއޭ ކޯޓުން.

ދެން އަޅުގަނޑުމެން ޖެހުނީ އަނެއްކާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން، އޭގައި އެ ނިންމުން ބާޠިލު ކުރެވޭތޯ ބަލަން. ކޯޓުތަކަކަށް އަޅުގަނޑުމެން ނުފޫޒެއް ނުފޯރުވާނަން. ކޯޓުތަކުން ނިންމާ ނިންމުން، ރައްޔިތުންގެ މަޞްލަޙަތާ އެއްގޮތަށް އޮވެއްޖިއްޔާ ހަމަ އެކަން ވަގުތުން ތަންފީޒުކޮށް، އަދި ކޮންމެ ނިންމުމެއްވިޔަސް އިޙްތިރާމް އަދާކުރާނަން. އެ ނިންމުމަކާ އެއްގޮތަށް އަޅުގަނޑުމެން ކުރިއަށްދާނަން. އެ ނިންމުން އެއީ، ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމުގައިނުވަންޏާ، އެކަން އިސްތިއުނާފު ކުރާނީ. އެ އޮންނަ އުސޫލުގެ ތެރެއިން އަޅުގަނޑުމެން ދާނަން. އެއްވެސް މީހަކަށް ނުގަވާއިދުން، ނާޖާއިޒް ގޮތެއްގައި، ސިޔާސީ ވިސްނުމެއްގައި އެއްވެސް ކަހަލަ ކަމެއް ޝަރުޢީ ދާއިރާގެ ތެރެއިން ކުރުވުމަކަށްވެސް، އަދި އެކަހަލަ ކަމަކަށް ފުރުޞަތެއްވެސް އަޅުގަނޑުމެން ނުދޭނަން. ކޯޓުތައް އެ ހިނގަނީ ފުރިހަމަ މިނިވަންކަމާ އެކީގައި. އެހެންވީމާ، މިކަމުގައިވެސް އަޅުގަނޑުމެން ކުރިއަށް ދާނީ ހަމަ ޤާނޫނުއަސާސީއާ އެއްގޮތަށް. ރައްޔިތުންގެ ހެވާއި ލާބަޔާ އެއްގޮތަށް.

އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، ރޯދައިގެ ކުރިއަށް އިންތިޚާބު ބާއްވާގޮތަށް ރައްޔިތުންގެ މަޖިލީހުން ނިންމިނަމަ، މިކަން އޮންނާނީ ވަރަށް ފަސޭހައިން ނިމިފައި. ރޯދަމަހު އިންތިޚާބު ބާއްވަން އަޅުގަނޑު އެއްވެސްއިރަކު ބޭނުމެއް ނޫން. އެހެންނަމަވެސް، ދެން މިވީގޮތަކީ ރައްޔިތުންގެ މަޖިލީހުން ފުރުޞަތު ނުދިނީމާ، އިލެކްޝަންސް ކޮމިޝަނުން މި ވިދާޅުވީ ތިމަންނަމެންނަށް އެންމެ އަވަހަށް ދެން ބޭއްވޭނެ ދުވަހަކީ ވިދާޅުވެފައި އެ ބޭފުޅުން ނިންމެވީ. އެ ބޭފުޅުންނަށް ޤާނޫނާ ޚިލާފުނުވެ ބޭއްވޭނީ މާރިޗު 17 ގައި ކަމަށް. އެހެންވެގެން އެ ދުވަހު އެ ބޭފުޅުން އެ ބާއްވަނީ.

އެހެންވީމާ މިހާރު މި އިންތިޚާބުގެ ޑޭޓް ސާފެއްނުވޭ. މިއަދު އަޅުގަނޑަށް ބަންޑާރަ ނައިބު ލަފާ ދެއްވީމަ ގެޒެޓްކުރަން ވިދާޅުވެއްޖިއްޔާ ގެޒެޓް ކުރާނަން. ގެޒެޓް ކޮށްފައި، ދެން ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް އަޅުގަނޑުމެންނަށް ލިބޭ ޤާނޫނީ ލަފަޔާ އެއްގޮތަށް ކުރިއަށް ދާނަން.

ރައްޔިތުން ހޮވި ސަރުކާރު މިއޮތީ. ރައްޔިތުން އެދުނު ކަންކަން ފުއްދުމުގައި ރެޔާއިދުވާލު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މި 14 ހަފްތާގައިވެސް އެގޮތަށް ހަމަ ހުރިހާ ކަމެއް މި ކުރިއަށް ގެންދިޔައީ. އެންމެ ބޮޑެތި ކަންތަކުން ފެށިގެން އާދައިގެ ތަންކޮޅެއް ކުދިކުދި ކަންކަމާ އެކީގައި، މިނިވަންކަމާ ގުޅިފައި ހުރި ބޭރުގެ ސިފައިން ބޭރުކުރުމާއި، މިކަހަލަ ހުރިހާ ކަމެއް ހިމެނޭގޮތަށް، ހުރިހާ ކަމެއް މި ގެންދަނީ އެގޮތަށް. އެހެންވީމާ، މިގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑު ދެންމެ މި ކިޔައިދިނީ އެތައް މިސާލެއް، ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅާ، ދަތިކުރާ، ދަތިކުރަމުންދާ.

އެހެންވީމާ، މިކަންކަން އަޅުގަނޑުމެންނަށް ބާރު ސްޕީޑްގައި ގެންދިޔުމުގެ އެހީތެރިކަން ދޭނެ ރައްޔިތުންގެ ފަޅީގައި ތިބޭ، ރައްޔިތުން ހޮވި ސަރުކާރުން ކުރާ ކަންކަމުގައި ރައްޔިތުންނަށްޓަކައި މަގުފަހިކޮށްދޭނެ ރައްޔިތުންގެ މަޖިލީހެއް ހޮވައިދިނުމަކީ އަޅުގަނޑު އެދޭ އެދުމެއް. އެ އިންތިޚާބު އޮންނަ ދުވަހެއްގައި. އާދެ، އަޅުގަނޑު ޔަޤީންކުރަން، އެގޮތުގައި މި ދާއިރާގެ ރައްޔިތުންވެސް ކަންކަން ކުރައްވާނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ، ހެޔޮބަސް ޤަބޫލުކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން، އަޅުގަނޑުމެންގެ ޤައުމަށް ހެޔޮގޮތްތައް މިންވަރުވެގެން ދިޔުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.