بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މަނަދޫގެ ލޮބުވެތި ހުރިހާ ރައްޔިތުން، ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ. މެންބަރުން، ރަށުގެ ހުރިހާ މުއައްސަސާތަކުގެ ވެރިން، އަދި މި ތަނަށް ވަޑައިގެން ތިއްބެވި އެހެން ރަށްތަކުގެ ކައުންސިލަރުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިރޭ އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށް ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑު މީގެ ދެތިން ހަފްތާ ކުރިން ދަތުރުތައް ފެށީ. އެއީ، ކެމްޕެއިންގައި ވީ ވަޢުދުތަކުގެ ތެރޭގައި، އެއް ވަޢުދަކަށް އަޅުގަނޑު ދެންނެވީ، އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުންނޭ. ރައްޔިތުންގެ ގާތަށް ދާނަމޭ. ގާތުން ކަންކަން އޮޅުންފިލުވައިގެން، ރައްޔިތުންގެ އަޑު، ގާތުން އަހައިގެން، ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދޭނަމޭ. އެ ވަޢުދު ފުއްދުމުގެ މަސައްކަތުގައި މިއުޅެނީ. އަޅުގަނޑު ދެންނެވިން، ހުރިހާ ރަށަކަށް ދާނަމޭ.

އެހެންވީމާ، މި ބުރުގައި، މީގެ ދެތިން ހަފްތާ ކުރިން ފެށި ދަތުރުގައި، ކަވަރ ކުރެވެން ހުރި ހުރިހާ ރަށެއް ކަވަރ ކުރުމަށްފަހު، އަދި މި އަހަރުގެ ތެރޭގައި ދެންހުރި ހުރިހާ ރަށަކަށްވެސް އިރާދަކުރެއްވިއްޔާ ދާގޮތަށް ވިސްނައިގެން މިހިރީ. އަދި އޭގެފަހުންވެސް އަޅުގަނޑު ވިސްނާފައި މިއޮތީ، މި ފުރަތަމަ އަހަރު، 2024 ގެ ތެރޭގައި، ހުރިހާ ރަށަކަށް އެއްބުރު ދިޔުމަށްފަހު، މެދަށް އެއް އަހަރު ދޫކޮށްފައި، ދެން އަންނަ އަހަރު، 2026 ގައި އަނެއްކާވެސް ހުރިހާ ރަށަކަށް އެއްބުރު އަޅާގޮތަށް. ދަތުރުކުރާގޮތަށް. އެހެންވީމާ، މަދުވެގެން ދެފަހަރު، މަދުވެގެން ދެފަހަރު، ކޮންމެ ރަށަކަށް ރައްޔިތުން ގާތަށް ދެވޭނެ އޭރުން. އެއީ، އަޅުގަނޑު އަމިއްލައަށް ކަނޑައަޅައިގެން އުޅޭ މިންގަނޑެއް. އެހެންވީމާ، މަޝްރޫޢުތައް ނިމިގެން، ނޫނީވިއްޔާ ކޮންމެވެސް ކަހަލަ ޙަފްލާއެއް ބާއްވަން، އެހެން ކަހަލަ ކަމެއްގައިވިޔަސް، އަޅުގަނޑު ހިތުން އެއަށްވުރެ ގިނައިން ދެވޭނެ.

އާދެ، މި ރަށަށް އެގޮތަށް މި އާދެވުނީ. ކެމްޕެއިން ތެރޭގައި އައިން. ހުންނާނެ ވަޢުދުތަކެއްވެސް ވެފައި. އެ ބޯ ފޮތުގައި އެ ވާހަކަތައް ހުންނާނެ. އަދި ތިޔަބޭފުޅުންގެ ހަނދާނުގައި އަދި ލިޔެވިފައި ހުންނާނެ ތިޔަބޭފުޅުންގެ އަތްޕުޅުގައިވެސް. އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަޢުދުތައް މަތިން ހަނދާން އެބަހުރި. އެ ހުރިހާ ކަމެއްވެސް ފުއްދުމުގެ ވަރުގަދަ ޢަޒުމުގައި މިހިރީ. އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށް އަދި މި ދާއިރާގެ ތަރައްޤީއަށްވެސް މި އަތޮޅުގެ ތަރައްޤީއަށްވެސް ޖުމްލަކޮށް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ވެފައި ހުރި ހުރިހާ ވަޢުދެއް، ރައްޔިތުން އަޅުގަނޑު ގާތުގައި އެދުނު ކަންތައްތައް ކޮށްދޭނަން. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުން، ރައްޔިތުންގެ ކުރިމަގަށް ދުރަށް ވިސްނައި، ދުރު ރާސްތާއަށް ވިސްނައި، ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑު ހުށަހަޅާފައިވާ މެނިފެސްޓޯގައިވާ ގޮތަށް އިރާދަކުރެއްވިއްޔާ ހަމަ ހުރިހާ ވަޢުދެއްވެސް ފުއްދާނެކަން އަޅުގަނޑު ޔަޤީންކަމާ އެކީގައި ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ، ދެންމެ ކައުންސިލްގެ ރައީސް ވިދާޅުވެދެއްވީ، ބައެއް ކަންކަން މި ރަށުގެ ކުރިމަގަށް ކޮންމެހެންވެސް ބޭނުންވެފައި ހުރި. އަޅުގަނޑު ދެންނެވިން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ސިޔާސަތެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ، ބޯހިޔާވަހިކަން، ނޫނީވިއްޔާ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކޮށްދިނުންކަން. އެއީ، އަޅުގަނޑުގެވެސް ތަޖުރިބާއިން އަޅުގަނޑަށް ދެންނެވޭ އެއްޗެއް. ކުރީގައި ދެ ސަރުކާރެއްގައި، އެ ދާއިރާ ހިންގަން ދެ ރައީސުން އަޅުގަނޑާ ހަވާލުކުރައްވައިގެން ކުރެވުނު މަސައްކަތުގެ އަލީގައި އަދި ފަހުން މާލޭގެ މޭޔަރެއްގެ ގޮތުގައި މާލޭ ރައްޔިތުން ހަވާލުކޮށްގެން ކުރެވުނު މަސައްކަތުގެ އަލީގައްޔާއި، ދެން އޭގެކުރިންވެސް ސަރުކާރުގައި އަޅުގަނޑު އުޅުނު ދާއިރާއަކީ އެއީ ކަމަށްވާތީއާއި، މިކަހަލަ އެތައް ސަބަބުތަކާ ހެދި، އެތައްހާސް ރައްޔިތުންނެއް އުޅެމުންދާގޮތް ގާތުން، ގޭގެ އެތެރެއިން ފެނިފައި ހުރީމަޔާ އެކީގައި، އަޅުގަނޑަށް އެނގޭ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ މުހިންމީ ގެދޮރުގެ މައްސަލަ ޙައްލުކުރުންކަން. އެ މައްސަލަ ޙައްލުނުކޮށް، ޙައްލުނުވާނެ އެތައް އިޖުތިމާޢީ މައްސަލަތަކެއް ރާއްޖޭގައި އެބަހުރި.

އެހެންވީމާ، އަޅުގަނޑު އެ ވަޢުދުވީ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ޤައުމީ މައްސަލަތައް ޙައްލުކުރުމުގެ ވަޢުދުގެ ފަހުން، އެއީ، އެންމެ މުހިންމު ކަންތައް. އެއަށްފަހު، ދެން އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ، ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރަންކަން އަޅުގަނޑު ކެމްޕެއިންގައި ތަކުރާރުކޮށް ދެންނެވީ އެހެންވެގެން. މި ރަށުގެ ތަރައްޤީއަށްވެސް ވަރަށް މުހިންމު ކަމެއް މިއީ. އެހެންވީމާ. އަޅުގަނޑު ދެންނެވީ އެކިއެކި ފުރުޞަތުތައް ހުޅުވާލުމަށޭ ގަސްތުކޮށްފައި މިއޮތީ. އެއީ، އަޅުގަނޑުމެން ކޮންމެވެސްކަހަލަ ފުރުޞަތުތަކަކުން، މަޝްރޫޢުތަކެއް ހިންގައިގެން އިމާރާތްކޮށްދީގެން ފޯރުކޮށްދޭ ހައުސިންގ ޔުނިޓުތައް އަޅައިދިނުން. އެއީ، މިސާލަކަށް، ރޯހައުސް، ފްލެޓް، ނޫނީވިއްޔާ ހަމަ ސިންގަލް ސްޓޯރީ ހައުސިންގ ޔުނިޓުތައް. އެއީ، އެއްގޮތް. އަނެއްގޮތަކީ، ކެމްޕެއިންގައި ހަމަ ދެއްކި ވާހަކަ މިއީ. އެކިކަހަލަ ލޯނުތަކުގެ ފުރުޞަތުތައް. ލުއި ލޯނު، ފަސް ޕަސެންޓަށްވުރެ ބޮޑުނުވާނެ އަދި ހަމަ އެކިކަހަލަ ލުއި ގޮތްތައް ހިމެނޭ ލުއި ލޯނުތައް ފޯރުކޮށްދޭ ވާހަކަ އަޅުގަނޑު ދެންނެވީ. އޭރުން އެ މީހެއްގެ އަމިއްލަ ގޯތީގައި ގެދޮރުއެޅުމުގެ ފުރުޞަތު ލިބޭގޮތްވުން. އަލަށް ފުރަތަމަ ގެދޮރުއެޅުމަށް ލޯނު ދިނުން، އަޅަމުންދާ ގެ ނުނިމިގެން، ބާކީބައި ނިންމާލަން ދޫކުރާ ލޯނު ދޫކުރުން. ނިމިފައި ހުރި ގެއެއް، އަލުން މަރާމާތުކޮށްގެން، އެ ގެޔަށް ވަންނަން، އެ ގެ ހަދަން ބޭނުންވާ ލޯނު. އެތައް ލޯނުތަކެއްގެ ވާހަކަ އަޅުގަނޑު ދެއްކިން.

އެހެންވީމާ، މި މަސައްކަތް މިހާރު މި ކުރަނީ. އެކަން ކުރަނީ އިޤްތިޞާދު ރަނގަޅުކޮށްގެން. އެއީ، އަޅުގަނޑުމެންނާ މި ޤައުމު ހަވާލުވިއިރުގައި އިޤްތިޞާދު އޮތީ ކޮން ހިސާބެއްގައިކަން، އަޅުގަނޑު ހަވާލުވީ ދުވަހު އިޢުލާނު ކުރިން. އެއީ، ނޭނގޭތީކީ ނޫން. އެންމެންނަށްވެސް އެނގޭ. އެހެން ނަމަވެސް، އަޅުގަނޑު ހަމަ ރެކޯޑަށްޓަކައި އިޢުލާނުކުރީ. 120 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނި. ބިލިއަން، 1 ބިލިއަން އެއީ، 1000 މިލިއަން. 120 ބިލިއަން ރުފިޔާގެ ދަރަންޏާ އެކީގައޭ މި ފަށަނީ. މިހެންނޭ ކަންތައްތައް ހުރީ ކިޔާފައި، ހުރިހާ ވާހަކައެއް ހުންނާނީ ދެއްކިފައި.

ފައިސާ ޗާޕްކުރުން ޙައްދުން ނައްޓާފައޭ. އޭގެ ކުރީގެ 40 އަހަރު ދުވަހުގެ ތެރޭގައި، އެކި ވެރިން ވެރިކަން ކުރެއްވި އެ 40 އަހަރުގެ ތެރޭގައި ޗާޕްކުރި ޢަދަދަށްވުރެ، އެ 5 އަހަރު، މިދިޔަ 5 އަހަރު ޗާޕްކުރި ފައިސާގެ ޢަދަދު ގިނަ. އޭގެ ސަބަބުން ރުފިޔާގެ އަގުވެއްޓި، އެތައް ކަމެއް ގޯސްވެފައޭ މިއޮތީ. ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރި 900 މިލިއަން ޑޮލަރު އެއްކޮށް ހުސްވީ. އެއްކޮށް ހުސްވި ކަމަށްތާ ބެލެވޭނީ. ދެތިން މިލިއަން ޑޮލަރު ބާކީހުރީ. މާރުކޮށް ބޭނުންކުރީ.

އެކަހަލަ ޙާލަތެއްގައި ޤައުމު އޮތީ. އެހެންވީމާ، މި ދެންނެވި ކަހަލަ ހައުސިންގ ލޯނުތައް ދޫކުރުމާއި، ހައުސިންގ މަޝްރޫޢުތައް ހިންގަން އަޅުގަނޑުމެން ދެން ކުރަންހުރި ކަންކަން ކުރުމަށްޓަކައި އެބަޖެހޭ، އިޤްތިޞާދު ރަނގަޅު ފާލަށް އަޅުވަން. އެ މަސައްކަތް މި ކުރަނީ. ދެން އެކަން އިންޓަރނޭޝަނަލް އޮތޯރިޓީތަކުން ބަލައިގަނޭ. ވަރަށް ބޮޑަށް ބަލައިގަނޭ އިރާދަކުރެއްވީތީ. އެހެންވީމާ، އަޅުގަނޑުމެންނަށް މި ދެވެނީ ރަނގަޅު މަގުން. ތިންމަސް ތެރޭގައި މި ކުރެވުނީ މި މަސައްކަތް. ބިހައިންޑް ދަ ސީންގައި، ފަރުދާގެ ފުރަގަހުގައި ކުރަމުންދާ، އެއީ، ރައްޔިތުންނަށް އަދި ހާމަކޮށް ނުފެންނާތީވެ.

މި ހުރިހާ ކަމެއް މި ކުރަނީ. އެއީ، މިކަންކަން ކޮށްގެން ދެން ރައްޔިތުންނަށް ފެންނަ ކަންތައްތައް، ހައުސިންގ ޔުނިޓުތައް ފިޒިކަލީ އެޅޭތަން. ލޯނުތައް ދޫކުރެވޭ ތަން ފެންނާނީ. އެހެންވީމާ، މި މަސައްކަތް މި ކުރަނީ. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މީގެ ހެޔޮ ނަތީޖާ ފެންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް އަޅުގަނޑުމެންނަށް. އެ ފުރިހަމަ ޔަޤީންކަމުގެ މާނަޔަކީ ކޮބައިތޯ؟ މި ރަށުގައި ތިޔަބޭފުޅުންނަށް ބޭނުންވޭ 300 ހައުސިންގ ޔުނިޓް އަޅަން. އަދި ގޯތީގައި ގެދޮރުއަޅަން ބޭނުންވޭ އެބަ. އެކި ކަހަލަ ލުއި ލޯނުތައް އެބަ ބޭނުންވޭ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިގޮތަށް އެބައޮތް ހަމަ ޑިމާންޑް. އަދި ނީޑް.

އެހެންވީމާ، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން މިކަހަލަ ހުރިހާ ފުރުޞަތުތަކެއް އިރާދަކުރެއްވިއްޔާ ހުޅުވާލާނަން. އަޅުގަނޑުމެންނަށް ކޮންސެޝަނަލް ރޭޓުގައި ނެގޭ ލޯނުތަކާއި، އަދި އެކިކަހަލަ އިންވެސްޓްމަންޓްތަކުގެ ތެރެއިން އަންނަ ފުރުޞަތުތަކުންނާއި، ބޭންކިންގ ނިޒާމު ތެރެއިން މި ފަހިކޮށްދޭ ފަސް ޕަސެންޓަށްވުރެ ބޮޑުނޫން އިންޓްރެސްޓްގެ ލޯނު ފެސިލިޓީތައް ދޫކުރުމުގެ މަސައްކަތުގެ ވާހަކަ މި ދަންނަވަނީ. އެހެންވީމާ، އެ މަގުން މިދަނީ. މި އަހަރުގެ ތެރޭގައި މި ދެންނެވި ހުރިހާ ފުރުޞަތުތަކެއް ހުޅުވައިލެވި، އަޅުގަނޑު ކަނޑައަޅާފައި އޮތް އަމާޒު އެއީ، މި އަހަރާއި ދެން އޮތް 4 އަހަރު، 2028 އާ ހަމަޔަށް ދާންވާއިރަށް، މާނަޔަކީ 5 އަހަރު ނިމެންވާއިރަށް، 5 އަހަރު ނިމޭއިރުގައި، ތިޔަބޭފުޅުން ހިމެނޭގޮތަށް ރާއްޖޭގައި ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލެއް ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެއޭ. އެހިސާބަށް ގެންދާނަން އިރާދަކުރެއްވިއްޔާ. އެކަން ކުރުމަށް އެތައް މަސައްކަތެއް މިކުރަނީ. މާލޭ ސަރަޙައްދުގައި އަދި އެކި ރަށްރަށުގައި.

އެހެންވީމާ، މި މަސައްކަތުގައި ތިޔަބޭފުޅުންގެ ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެން ބޭނުންވަނީ. އެއީ، ކިހިނެއްދޭނެ އެއްބާރުލުމެއްތޯ؟ ހަނދުމަފުޅު ހުންނާނެ، މާލޭ ސަރަޙައްދުގައި، އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި ހިއްކަމުންދާ ބިންތަކުން ފުދޭވަރު ނުވާނެތީ، އަޅުގަނޑުމެންގެ އެންމެ ބޮޑު މަޝްރޫޢު، ރަސްމާލެ މަޝްރޫޢު ހިއްކަންވެގެން ބަޖެޓުގައި ފައިސާ ޖެހީމާ މަޖިލީހުން ކަނޑާލީ. ހަމަ ވަރަށް ޕްރައިމް އެގްޒާމްޕަލެއް އެއޮތީ. ސަރުކާރުން ކުރަން ބޭނުންވާ، ރައްޔިތުންނަށް ކިތަންމެ ފައިދާހުރި ކަމެއްވިޔަސް، މަޖިލީހުން ހުރަސްއަޅަން މަސައްކަތް ކުރެވޭ ކަމުގެ.

އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، މި ދެންނެވި ލޯނުތައް ދޫކުރަންވެސް އަދި އެކިކަހަލަ ހައުސިންގ ފުރުޞަތުތައް ހުޅުވާލަންވެސް ހަދަންޖެހޭ ޤާނޫނުތައް އެބަޖެހޭ ހަދަން. އެއީ، ގެދޮރުވެރިކަމުގެ ދާއިރާއިން ތަރައްޤީ ހާސިލުކޮށްފައިވާ، ދުނިޔޭގެ ހުރިހާ ޤައުމެއްގައި ހުރި ޤާނޫނުތަކެއް ރާއްޖޭގައި ނެތް. އަޅުގަނޑުމެން މިދަނީ އެ ޤާނޫނުތައް މަޖިލީހުން ފާސްކުރުމަށްޓަކައި ބިލުތައް ހަދައިގެން ވައްދަމުން. މި ބިލުތައް ވައްދައިގެން މަޖިލިސް ތެރެއިން ފާސްވެގެން ވާންއޮތީ. އެހެންވީމާ، އަނެއްކާވެސް މަޖިލީހުގެ މުހިންމުކަން އެބައާދޭ، މި އެންމެ މުހިންމު މައްސަލަ ޙައްލުކުރުމުގައިވެސް. ގެދޮރުވެރިކަމުގެ މައްސަލަ. ރައްޔިތުންގެ މައްޗަށް އެ ބާރު މި އަންނަނީ.

އަޅުގަނޑުމެން ރަނގަޅު މަގުން، އިޤްތިޞާދު ހަރުދަނާ ކުރަމުން، މި ދެންނެވި ހައުސިންގ ފެސިލިޓީޒްތައް، ފުރުޞަތުތައް ފަހިކުރުމުގެ މަސައްކަތް ބާރުމިނުގައި ރަނގަޅު މިޞްރާބުން ގެންދަމުންދާ މި ދަނޑިވަޅުގައި، ޙަޤީޤީ ކުލަ ޖެއްސުމުގެ މަސައްކަތް ބާރުމިނުގައި ދާ ދަނޑިވަޅުގައި ރައްޔިތުންގެ އަތްމައްޗަށް މި އަންނަނީ، މަޖިލިސް ތެރެއިން މިކަމަށް ހުރަސްއަޅަން ތިމަންނަމެން ފުރުޞަތު ދޭނީތޯ، ނޫންތޯ ނިންމާނެ ވަގުތު. އަޅުގަނޑު ޔަޤީންކުރަން، ތިޔަބޭފުޅުން ނިންމަވާނީ ހުރަސްއަޅަން ފުރުޞަތު ނުދޭގޮތަށްކަން. ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރާނެ ބޭފުޅުންކޮޅެއްކަން ހޮއްވަވާނީ. ތިޔަބޭފުޅުން، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލްވާ ގޮތަށް މި ދަންނަވަނީ. އަޅުގަނޑަށް ޔަޤީން، އެގޮތަށްކަން ރައްޔިތުން މިފަހަރު ނިންމަވާނީ. އޭރުން އަޅުގަނޑު ދޭ ޔަޤީންކަމަކީ، ހަމަ 100 ޕަސެންޓް ޔަޤީންކަމެއް. އިރާދަކުރެއްވިއްޔާ ގެދޮރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް ކުރެވިގެންދާނެ. އެކަންކޮށް، މި ދެންނެވި ގޮތަށް، މި ފަސް އަހަރު ނިމޭއިރުގައި، މި ރާއްޖޭގައި ނުހުންނާނެ ގެދޮރުގެ މައްސަލައަށް ޙައްލެއް ނުލިބޭ އެކަކުވެސް. އެކަން ހާސިލުވާނެ އޭރުން އިރާދަކުރެއްވިއްޔާ. އެހެންވީމާ، ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި އޮތީ ހަމަ ޙަޤީޤަތުގައިވެސް އެ މުހިންމު މައްސަލައަށް ޙައްލެއް ގެނެސްދިނުމުގައި. އަޅުގަނޑުމެންނަށް އެހިސާބަށް ދެވޭނެގޮތް ހެދުމާއި ނުހެދުމުގެ ބާރު.

އާދެ، އެހެންވީމާ، އެ ވާހަކަ ހަމަ މި ފާހަގަކޮށްލީ، މި ރަށަށް އެންމެ މުހިންމު އެއްކަމަކީ ގެދޮރުގެ މައްސަލައަށްވާތީވެ. އެއާއެކީގައި، އަދި އެހެންނޫނަސް އެކަން ހަމަ ޙަޤީޤަތަކަށްވާތީ، އެ ވާހަކަ ދަންނަވަންވެސް ބޭނުންވާތީ.

އާދެ، ދެން މި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު އެއްކަމެއް، ޞިއްޙީ ދާއިރާ ހަރުދަނާ ކުރުން. ހޮސްޕިޓަލްގެ ވާހަކަ. އެހެންވީމާ، އެކަމަށް ބަލާއިރުގައިވެސް، އަޅުގަނޑު އެ ވަޢުދުވެސްވިން. ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ޤާއިމުކޮށްދޭނެ ކަމަށް. އަޅުގަނޑުމެން އެކަމާ ގުޅޭ އިދާރީ މަސައްކަތްވެސް އެބަ ކުރިއަށް ގެންދަން. އަބަދު ތިޔަބޭފުޅުން އާދޭސްކޮށްކޮށް، ނުވެގެން އުޅޭ ކަމެއްގެ ގޮތުގައި އެކަން އޮތް އޮތުން ނިމުމަކަށް ގެނެސް، ޙަޤީޤީ ކުލަ ޖައްސައިދީ، ތިޔަބޭފުޅުން ފަޚުރުވެރިވާފަދަ، މި އަތޮޅުގެ ރައްޔިތުން ބޭނުންވާ ފެންވަރުގެ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ މިތާ ޤާއިމުކޮށްދޭނަން.

އާދެ، މަގުތައް ހެދުން. މަގު ހެދުމުގެ މަސައްކަތް އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުން އަދި ރާއްޖެ އެކަންޏެއް ނޫން، މުޅި ދުނިޔޭގައިވެސް ޙަޤީޤީ މިސާލުތައް ފެންނަން ހުރި ކަމެއް. ތަރައްޤީ ހާސިލުކުރުމުގައި އެންމެ މުހިއްމު ވަސީލަތަކީ، ޢުމްރާނީ ތަރައްޤީގެ ވަސީލަތަކީ މަގުތައް. މަގު ރަނގަޅު ފެންވަރަށް ނަހަދައި ހުރި ތަންތަން ތަރައްޤީވާލެއް ލަސްވާނެ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ، ވަރަށް މުހިއްމު ކަމެއް އެއީ، ތަނެއް ތަރައްޤީ ކުރަންޏާ ޓްރާންސްޕޯޓް ނެޓްވާރކް، ޓްރާންސްޕޯޓް ނިޒާމު، މަގު ހެދުން. އެކި ޤައުމުތަކުގައި އެކި ކަންތައްތައް. އެއް ތަނުން އަނެއް ތަނަށް ފަސޭހަކަމާ އެކީގައި ދެވޭނެގޮތްވުން، އޭގެ ބޭސިކް ޕޮއިންޓަކީ. މި ރަށުގެ ތަރައްޤީއަށް މި ބޭނުންވާ މިންގަނޑު ހާސިލުކުރުމުގައި އެންމެ މުހިންމު ކަމަކަށް މިއޮތީ މަގުތައް ހެދުން. އެހެންވީމާ، އަޅުގަނޑު އެ ވަޢުދު ވެފައިވާނެ. އަދި އެ މަސައްކަތަކީ ފެށިފައި، ރަނގަޅަށް ނުހިނގާ އޮތް ކަމެއް. ތިޔަބޭފުޅުން ބޭނުންވާ ސްކޭލްގައި، ފުޅާމިނުގައި ހަމަ އެކަން ކޮށްދީ އިރާދަކުރެއްވިއްޔާ ނިންމާނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު ދެން.

ދެން ފާހަގަކުރެއްވި، ނަރުދަމާ ނިޒާމުގެ ވާހަކަ. ދެން އެކަމުގައި ދިމާވެފައި ހުރި ކަންތައްތައް އަޅުގަނޑުމެން ބަލައި، އެ ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމާ ބެހޭގޮތުން، ނޫނީވިއްޔާ ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތާ ގުޅޭގޮތުން ކައުންސިލް ބައްދަލުވުމުގައި އިތުރަށް ތަފްޞީލު ލިބޭނެ. އެ މަސައްކަތާއި، ދެންވެސް ހަމަ ކުރަންހުރި ވަރަށްގިނަ މަސައްކަތްތައް އެބަހުރި. މިސާލަކަށް، ކުޅިވަރުގެ ދާއިރާއަށް ބަލާއިރުގައިވެސް އެބަހުރި، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންތައްތައް. އެގޮތުން، މި ރަށުގައި މަލްޓި ސްޕޯޓްސް، އެކިކަހަލަ ކުޅިވަރުތައް ކުޅޭ ކޮމްޕްލެކްސްއެއް ޤާއިމުކުރުމަކީ، އަޅުގަނޑު ހިތުން ހަމަ މިކަހަލަ ގިނަ ރައްޔިތުންތަކެއް ޚިދުމަތް ހޯދަން އަންނަ ރަށަކަށްވާއިރުގައި، މުހިންމު ކަމަކަށްވާނެ. ކުޅިވަރުގެ ޕްރޮގްރާމްތަކުގެ ތެރެއިން، ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މި ރަށުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކޮށްދޭނަން.

އާދެ، އަޅުގަނޑު އެއްކަމެއް ހަމަ އެއާއެކީގައި ފާހަގަކޮށްލާނަން. ދެންމެ ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވި. އާރު.ޓީ.އެލް. ފެރީ ނިޒާމުގެ ވާހަކަ، މި އަތޮޅުގައި ނެތްކަން. އަޅުގަނޑު އެކަމާ ގުޅޭ މަޝްވަރާތައް ފަށްޓާނަން. ދެން ތަފްޞީލު ދޫކޮށްލާފައި، ނަތީޖާގެ ވާހަކަ ދައްކާނީ. ނަތީޖާއަކަށްވާނީ، މި އަތޮޅުގައި އެކަން ރަނގަޅު ފެންވަރެއްގައި އިރާދަކުރެއްވިއްޔާ ފެށުން. އަދި މި ރަށުގައި ބޭނުންވާ ފެރީ ޓަރމިނަލް ޤާއިމުކޮށްދީ، އެކަން ކުރިއަށް ގެންދާނަން.

އާދެ، އަޅުގަނޑު ހަމަ މިގޮތަށް ވެފައި ހުރި ހުރިހާ ވަޢުދެއް، އޭގެތެރޭގައި، މަތީ ތަޢުލީމުގެ ކެމްޕަސްގެ ވާހަކަ ދެންނެވިން. އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވިން. އެހެންވީމާ، އެކަންވެސް އަޅުގަނޑު ވަޢުދުވީގޮތަށް އިރާދަކުރެއްވިއްޔާ ހާސިލުކޮށްދޭނަން އިނގޭތޯ.

ވަޢުދުތައް ތަކުރާރުކޮށްލުން މިއޮތީ. އެހެންވީމާ، ވަޢުދުތައް ތަކުރާރު މިކޮށްލަނީ، ތިޔަބޭފުޅުންގެ ހިތްޕުޅަށް ޔަޤީންކަން ދިނުމަށްޓަކައި.

އާދެ، އަޅުގަނޑުމެން މި ދާން ބޭނުންވާ މަންޒިލަކީ މިއީ ދޮގެއްތޯ. ތަރައްޤީ ހާސިލުވެގެންދިޔުން. ތަރައްޤީ ހާސިލުކުރާ ވާހަކަ ދައްކާ ބައެއްގެ ގޮތުގައި އަބަދު ތިބުމުގެ ބަދަލުގައި، ތަރައްޤީ ހާސިލުވެފައި ތިބި ބަޔަކަށްވާން. އެ ހިސާބަށް ދަންޏާ އަޅުގަނޑުމެން މިޖެހެނީ ހެޔޮގޮތް ފެންނަން އޮއްވައި، ހެޔޮގޮތް ވިސްނޭއިރުގައި، ހެޔޮގޮތުގައި ހިފައިގެން ކުރިއަށްދާން. އަޅުގަނޑުމެންނަށް ކަންކަން ވާނެ މަގު މިއޮތީ ފެންނަން. އެހެންވީމާ، އެ މަގުން ދެވޭނެގޮތް އަޅުގަނޑުމެން އަމިއްލައަށް ހަދަންވީ.

އެހެންވީމާ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ މަގު މިއޮތީ ފަހިވާން. އެކަމުގައި އަޅުގަނޑު އެދެނީ ހެޔޮގޮތުގައި ތިޔަބޭފުޅުން ގޮތް ނިންމަވައި ދެއްވުމަށް. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށްޓަކައި. ޤާނޫނީ އިމުގެ ތެރެއިން. އަޅުގަނޑު ރައްޔިތުންނަށް، މުޅި ރާއްޖޭގެ ރައްޔިތުންނަށް ދޭން ބޭނުންވާ ފުރިހަމަ ޔަޤީންކަމަކީ، ހަމަ އެއްވެސް ކަމެއް ނުކުރާނަމޭ ޤާނޫނުއަސާސީއާ ޚިލާފަކަށް. އެއްވެސް ކަމެއް އަޅުގަނޑުގެ ކިބަޔަކުން ނުފެންނާނެ. ނުވެސް ކުރާނަން ޤާނޫނުއަސާސީއާ ޚިލާފަކަށް. އެއީ، އަޅުގަނޑު މިހިރީ ﷲ ގަންދީ ހުވައެއް ކޮށްގެން. އަޅުގަނޑަކީ އަދި ހުވައެއް ނުކުރިޔަސް، ބުނާ ކޮންމެ ބަހެއްގައިވެސް އަޅުގަނޑުގެ އިތުބާރު އޮންނަން ބޭނުންވާ މީހެއް. އެހެންވީމާ، އަޅުގަނޑުގެ ކިބައިން ފެންނާނީ، އަބަދުވެސް ޤާނޫނުއަސާސީއާ އެއްގޮތަށް ކަންތައްތައް ކުރާތަން.

އެހެންވީމާ، ރައްޔިތުންނަށް މި ޔަޤީންކަން މިދެނީ، މިއަދު ޤައުމުގެ ޙާލަތު އޮތްގޮތުން، އެ އިތުބާރު ރައްޔިތުންގެ ކިބައިން އަޅުގަނޑު ބޭނުންވާތީ. ރައްޔިތުންނަށްޓަކައި މި ކުރަންޖެހެނީ ގިނަ ވަރަށްބުރަ މަސައްކަތްތަކެއް. އެކަން އެނގިހުރެ ރައްޔިތުން ގާތަށް އަޅުގަނޑު އައީވެސް. ރައްޔިތުން އަޅުގަނޑު ގާތު ވިދާޅުވީ، ރާއްޖޭގައި ބޭރު ސިފައިން ތިބި ތިބުން ނިމުމަކަށް ގެނެސްދޭށޭ އެއްކަމަކަށް. އިރާދަކުރެއްވީތީ އެކަން ހާސިލުވަމުން އެދަނީ. ދެން އެކަން ހާސިލުވާކަން ޔަޤީންވާތީ، އެކަމުގައިވެސް ޝައްކު އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަނީ. މި ތަނުގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަނީ ނަމެއްގައޭ. އަޅުގަނޑުމެން އޮޅުވާލަނީއޭ ރައްޔިތުންނަށް. މިކަހަލަ ވާހަކަ ދައްކަނީ. ނޫން އޮޅުވާލަނީކީ ނޫން. ހަމަ ޙަޤީޤީ މާނައިގައި ސިފައިން ގެންދަނީ. ވަރަށްގިނަ މަޝްވަރާތައް ކުރެވިފައި، އޭގެ ނަތީޖާ އެ ފެންނަނީ. މިހާރު އެވަނީ ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރެވިފައި. ތަކުރާރުކޮށް މި ވާހަކަ ދެއްކިއްޖެ އަޅުގަނޑަށް. އޭގެ ދަށުން 10 މާރިޗުގެ ކުރިން އެއްބައި މީހުން ގެންދަނީ. މިހާރު އެ މީހުންގެ ބަދަލުގައި ގެންނަ މަދަނީ މީހުން އައިސް އެތިބީ. ދެން ތިބި މީހުން، އިތުރު ދެމަސް ތެރޭގައި އަނބުރާ ގެންދާނެ.

އަޅުގަނޑުމެން ކަންކަން ކުރަންޖެހޭނީ ވަކި އުޞޫލެއްގެ ތެރެއިން. ވަކި ހަމައެއްގެ ތެރެއިން. އަޅުގަނޑުމެން ގަދަބަދަވިކަން ދައްކައި، ރުންކުރުވެގެން ރައްޔިތުންނަށް ލިބޭނެ މޮޅެއް އޮތް ކަމަށް ފެނިވަޑައިގަންނަވަންޏާ ބޭފުޅަކު ހުރިއްޔާ އެގޮތެއް އެބަޖެހޭ ރައްޔިތުންނަށް ވިދާޅުވެދެއްވަން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، މި ބަވަނަވެފައި މިއޮތް ދުނިޔޭގައި، ޑިމޮކްރަސީގެ ހަމަތައް ދޫކޮށްލައިގެން، ރިވެތި އުޞޫލުތައް ދޫކޮށްލައިގެން ހާސިލުވާނެ މޮޅެއް އޮތް ކަމަކަށެއް. ރައްޔިތުންނަށް ކަންކަން ކޮށްދޭން، އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތް ކުރާނަމަ، ޙަޤީޤަތް ގަބޫލުކޮށް، ހަމަތަކުގެ ތެރެއިން، ރީތި އުޞޫލުތަކުގެ ތެރެއިން ކަންކަން ކުރަންޖެހޭނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ބޭރުގެ ސިފައިން މިތަނުން ގެންގޮސް ނިންމާނެ. އެ ޔަޤީންކަން މިއޮތީ އަޅުގަނޑުމެންނަށް ހާސިލުވެފައި. ކުރިއަށް މިއޮތް ދެމަހެއްގެ ތެރޭގައި، މޭ މަހުގެ 10ގެ ކުރިން ހުރިހާ ސިފައިން ބާލައި ނިމޭނެ.

ހަމަ އެއާއެކީގައި، އަޅުގަނޑުމެން މިގެންދަނީ އަޅުގަނޑުމެންގެ އަމިއްލަ ފުދުންތެރި، އަމިއްލައަށް ކަންކަން ކުރެވޭ ކެޕޭސިޓީ ޤާއިމުކުރަމުން. 1 މާރިޗުގައި، ދެ ދުވަސް ނޫންތޯ މިއޮތީ. މިއަދު މިއީ 28. ހުކުރު ދުވަހު، ހުކުރު ދުވަހު ފަށާނެ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަޢުދުވީ ގޮތަށް، ރާއްޖޭގައި އެއަރ އެމްބިއުލެންސްގެ ޚިދުމަތް. އަޅުގަނޑުމެންގެ މަތިންދާބޯޓެއް ބަދަލުކޮށް، ޑޭޝް 8ގެ މަތިންދާބޯޓެއް ބަދަލުކޮށް، ނޭޝަނަލް އެއަރ އެމްބިއުލެންސް ސަރވިސް އިރާދަކުރެއްވިއްޔާ މާދަމާ ނޫން އަނެއް ދުވަހު މި ފެށެނީ. އޭރުން އޮންނާނީ އަޅުގަނޑުމެންގެ މޯލްޑިވިއަނުން އޮޕަރޭޓް ކުރާ، އަޅުގަނޑުމެންގެ ފުލްޓައިމް އަމިއްލަ ބޯޓެއް. ކޮންމެ ތަނަކުން، ރާއްޖޭގެ ކޮންމެ އެއަރޕޯޓަކުންވެސް ބަލިމީހުން ކުއްލި ޙާލަތުގައި އެއްތަނުން އަނެއް ތަނަށް ގެންދެވޭނެ ބޯޓެއް. އަދި ލަންކާއާ ހިސާބަށް ދާންވިޔަސް ގެންދެވޭނެ. އަދި އެތަނަށް މަޑުކޮށްފައި، ތެޔޮއަޅައިގެން އަދި އެއަށްވުރެ ދުރަށްވެސް އިރާދަކުރެއްވިއްޔާ ދެވޭނެ.

އެހެންވީމާ، މެޑިކަލް އިވެކުއޭޝަން ހެދުމުގައި، އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ މި ބިލްޑް ކުރެވެނީ. އަދި އޭގެއިތުރަށް، ސީ ޕްލޭނެއްވެސް އެއާ އެކީގައި ބޭނުންކުރަން ފަށާނެ. އެތެރެ ބަދަލުކޮށްގެން، އެއަރ އެމްބިއުލެންސްގެ ގޮތުގައި. ދެން ކޮންމެގޮތެއްވިޔަސް ދުވާލުގެ ގަޑީގައި
ސީ ޕްލޭން ދުވާނެ. އެކަމަކު ސީ ޕްލޭންގެ އެޑްވާންޓޭޖަކީ، ކޮންމެ ރަށެއް ކައިރިއަށްވެސް ކުއްލި ޙާލަތުގައި ކައިރިކޮށްލެވޭނެކަން. އެއީ، ސީ ޕްލޭންގެ ފަސޭހައަކަށްވާނީ. އެހެންވީމާ، ޑޭޝް 8ގެ ބޯޓަކާއި، ސީ ޕްލޭނަކާ ބަދަލުކޮށްގެން އަޅުގަނޑުމެން އިރާދަކުރެއްވީތީ މާދަން ނޫން އަނެއް ދުވަހު
މި ފަށަނީ، އެއަރ އެމްބިއުލެންސް ޚިދުމަތް. ފެށީމަ ރާއްޖޭގެ ކޮންމެ ކަންކޮޅަކުންވެސް، ކޮންމެ ރަށަކުންވެސް މެޑިކަލް އިވެކުއޭޝަނެއް ހަދަން ވެއްޖިއްޔާ ހެދުމުގެ ޤާބިލްކަން އަޅުގަނޑުމެންގެ ޤާއިމުވެގެން އެދަނީ.

ދެން އަނެއްކަމަކީ، އަޅުގަނޑުމެންގެ ސަރަޙައްދު ބެލެހެއްޓުން. މި ބޮޑު ކަނޑުގެ 9 ލައްކަ އަކަ ކިލޯ މީޓަރު އެއީ، ވަރަށްބޮޑު ސަރަޙައްދެއް. އެ ބޮޑު ސަރަޙައްދު އަޅުގަނޑުމެންނަކަށް ނުބެލެހެއްޓޭ މިވީހާ ޒަމާނަކު. އަބަދު ކޮންމެވެސް އެހެން ބަޔަކު ބަލަހައްޓަން، ނޫނީވިއްޔާ ބަލައިދިނީވިއްޔާ މި އެނގެނީ. އަޅުގަނޑުމެންގެ ކެޕޭސިޓީއެއް ނުހުރޭ އަބަދާއި އަބަދު ބެލެހެއްޓޭނެ. އެހެން ނަމަވެސް، އަބަދާއި އަބަދު، 24 ގަޑިއިރު، ހުއްޓުމެއްނެތި އަޅުގަނޑުމެންގެ މި ބިޔަ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯނު ބެލެހެއްޓުމުގެ އަމިއްލަ ޤާބިލްކަން ޤާއިމުކުރުމުގެ މަސައްކަތް ބާރުމިނުގައި މިދަނީ. އިރާދަކުރެއްވިއްޔާ މި މަސްތެރޭގައި އެކަންވެސް ފަށާނަން.

ދެން އަޅުގަނޑުމެން އެހެން ބައެއްގެ ކިބައިން ކަމަކު އެދޭކަށް ނުވެސްޖެހޭނެ ނޫންތޯ. އަޅުގަނޑުމެން އަމިއްލައަށް މެޑިކަލް އިވެކުއޭޝަން ހަދާނީ. އަޅުގަނޑުމެން އަމިއްލައަށް، އަޅުގަނޑުމެންގެ އަމިއްލަ ސަރަޙައްދު ބަލަހައްޓާނީ. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރިއަށް މި ގެންދަނީ ރައްޔިތުންނަށްޓަކައި. އަމިއްލަ މިނިވަންކަން ޙަޤީޤީ މާނައިގައި ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތް. އިޤްތިޞާދު ހަރުދަނާކޮށް، އިޤްތިޞާދުގައި ބުންވަރު ޖައްސައި، އަޅުގަނޑުމެންގެ ދަރަނިތައް ދައްކައި ނިންމައި، އަޅުގަނޑުމެންނަށް އާމްދަނީ ލިބޭނެ ގޮތްތައް ފުޅާކޮށް، ފަހިކޮށް، ރައްޔިތުންނަށް ފާގަތިކަން ދިނުމުގެ މަސައްކަތް. އިޤްތިޞާދީ މިނިވަންކަންވެސް އިރާދަކުރެއްވިއްޔާ ޤާއިމުކުރުމުގެ މަސައްކަތް ފެށިފައި މިއޮތީ. އެކަން އިންޓަރނޭޝަނަލް ބޮޑީތަކުންވެސް އެއޮތީ އެންޑޯޒް ކޮށްފައި.

އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންގެ ފަރުދީ މުއްސަނދިކަން އިރާދަކުރެއްވިއްޔާ ލިބިގެންދާ ތަން. އަޅުގަނޑުމެން ކުރިއަށްގެންދާ، ބޭރުގެ އެކިކަހަލަ މާލީ އެހީތެރިކަމާ އެކީގައި ގެންދާ މަޝްރޫޢުތަކުންވެސް ފެންނާނީ، އެކަންކަމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް މުއްސަނދިކަން ލިބިގެންދާ ތަން.

އެހެންވީމާ، މި އަހަރުގެ ތެރޭގައި، މިކަހަލަ ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ އިރާދަކުރެއްވިއްޔާ. ފެށުނީމަ މުއްސަނދިކަން ލިބިގެންދާނެ. ކުދި ވިޔަފާރިތަކާއި، މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށްޓަކައި އެކިކަހަލަ ފަހި ފުރުޞަތުތައް މި ޤާއިމުކުރަނީ. މަސްވެރިކަމުގެ ދާއިރާއިންވެސް ފުޅާ ފުރުޞަތުތަކެއް ފަހިކުރުމަށް މި މަސައްކަތް ކުރަނީ. ޓޫރިޒަމްގެ ދާއިރާއިންވެސް ފަހި ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތް މި ފަށަނީ.

އެހެންވީމާ، މި ހުރިހާ ކަމެއް މި ކުރެވިގެންދާއިރުގައި، ދެން އަޅުގަނޑުމެން އެހެން އެއްވެސް ފަރާތެއްގެ ކިބައިން މާބޮޑު އެހީތެރިކަމަކަށް ނޭދޭ ހިސާބަށް އިރާދަކުރެއްވިއްޔާ ގެންދެވޭނެ. އެއީ، ޙަޤީޤީ މިނިވަންކަމަކީ. އެ ޙަޤީޤީ މިނިވަންކަން ހޯދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ޔަޤީންކަން ރައްޔިތުންނަށް އޮންނާނެ. އެހެންވީމާ، މިކަމައިގެން އަޅުގަނޑުމެން އެންމެން އެއްބަސްކިޔައިގެން، އެކައްޗެއް ކިޔައިގެން، ޤައުމީ ވިސްނުމެއްގައި، އެންމެން އަތުކުރި އޮޅާލައިގެން ކުރިއަށް ދިޔައިމަ، އެންމެންނަށް އެއިން ވާނީ ހެވާއި ލާބަޔާއި ހެޔޮގޮތްތައް.

އެހެންވީމާ، ރާއްޖޭގެ މުސްތަޤްބަލް އުޖާލާކޮށް، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ފެންވަރުގެ ދިރިއުޅުމެއް އަޅުގަނޑުމެން ހާސިލުކުރުމަށްޓަކައި މި ކުރެވޭ މަސައްކަތުގައި، އެންމެން އެކައްޗެއް ކިޔުމަށް އަޅުގަނޑު އެދެނީ އެހެންވެގެން. އެއީ، އަޅުގަނޑު ބޭނުން ނަތީޖާ ނެރެދެން. ވީ ވަޢުދުތައް ފުއްދަން. ނަތީޖާ ނެރެ ދެއްކޭނީ، މި ދެންނެވިހެން އެކައްޗެއް ކިޔައިގެން.

އާދެ، އެހެންވީމާ، އަޅުގަނޑު ނިންމާލަމުންވެސް ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މި މަސައްކަތުގައި، ރައްޔިތުން އަޅުގަނޑާ މި ހަވާލުކުރި މަސައްކަތް ކުރުމުގައި، އެންމެން އެކައްޗެއް ކިޔަމާ ހިނގާށޭ. މީގައި ނެތޭ ސުވާލު އުފެދޭ ކަމެއް. އޮޅިފައި އޮންނަންޖެހޭވަރު ކަމެއް. ވަރަށް ސާފުކޮށް، ވަރަށް ސިމްޕަލްކޮށް ފެންނަންހުރި ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށޭ އަޅުގަނޑު ވާހަކަ ދައްކަނީ. އަޅުގަނޑު މިއަދު ދެއްކި ވާހަކައާއި، އޭގެ ކުރީ ދުވަހު ދެއްކި ވާހަކަޔާވެސް ދިމާވާނެ. ބައެއް މީހުން ވާހަކަ ޓުވިސްޓްކޮށް އޮޅުވައިލުމަކީ، އެއީ، އެ ބަޔަކު ދެން ކުރާހިތްވަންޏާ ކުރާނެ ކަމެއް. އެކަމަކު ޙަޤީޤަތް އެއީކީ އޮޅޭނެ އެއްޗެއް ނޫން. މިއަދާ ހަމަޔަށް އައިއިރުގައި، އެއް މައުޟޫޢެއްގައި ދެގޮތަކަށް ދުވަހަކުވެސް ނުހުންނާނެ ވާހަކަ ދައްކާފައެއް. ދެން ބައެއް މީހުން އަމިއްލަ ބޭނުމެއްގައި ވާހަކަ އޮޅުވާލަން މަސައްކަތް ކޮށްފާނެ.

އެހެންވީމާ، ހުރިހާ އެންމެން އެކައްޗެއް ކިޔާފައި، އަޅުގަނޑުމެންގެ ރަށާއި، ދާއިރާއާއި، އަތޮޅާއި، ޤައުމު ތަރައްޤީ ކުރުމުގައި ކުރިއަށްދިޔުމަކީ، އަޅުގަނޑު އެދޭ އެދުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމު މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.