ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ މިލަދުންމަޑުލު ދެނުކުބުރީ މަނަދޫ އަސްވަރު އިމާރާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދަތިވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ރައްޔިތުންނަށް އެންމެ މުހިންމީ ބޯހިޔާވަހިކަންކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، އިންޑަސްޓްރިއަލް ޒޯނެއްގެ މަސައްކަތް ކުރިއަށްގެން ގޮސްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ބަނދަރު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދުން، އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު އަންހެނުން ބާރުވެރި ކުރުވައި އާމްދަނީ ހޯދޭނެމަގު ފަހިކޮށްދެއްވުމަށް ކައުންސިލުން ކޮށްދެއްވަމުންދާ މަސައްކަތް ތަފްޞީލީ ގޮތެއްގައި ވިދާޅުވެ ދެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުޑަފަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކަނބަލުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުޑަފަރީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.