بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މިލަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދުގެ މި ހަވީރު ވަގުތު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، އަޅުގަނޑު ތިޔަބޭފުޅުންނަށް ރިޔާސީ އިންތިޚާބުގައި ވާނީ، ތިޔަބޭފުޅުން އެދިވަޑައިގެންފައިވާ ކަންކަން ފުއްދައިދިނުމުގައި، އަޅުގަނޑު ނަތީޖާ ނެރެދޭނެ ކަމަށް ދަންނަވާފައި. އަޅުގަނޑު ފުރަތަމަވެސް، ރިޔާސީ އިންތިޚާބުގައި، ތިޔަބޭފުޅުން އަޅުގަނޑަށް ކުރެއްވި އިތުބާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މިހާރު މިއޮތީ މަސައްކަތް ކުރުމާ ހިސާބަށް އައިސްފައި. މިދިޔަ ތިން މަހެއްހާ ދުވަހު އަޅުގަނޑުމެން މި ބެލީ، އަޅުގަނޑުމެން މިގޮތަށް ކުރަންހުރި ހުރިހާ މަސައްކަތެއް ކުރެވޭނެ ފަދަ އިޤްތިޞާދެއް ބިނާކުރަން. އަޅުގަނޑުމެންގެ އިޤްތިޞާދުގައި ހުރި އެކިކަހަލަ މައްސަލަތައް، ދަރަނީގެ މައްސަލަ، އާމްދަނީ އިތުރުކުރުމުގައި ހުރި ދަތިތަކުގެ މައްސަލަ. މި ހުރިހާ ކަމެއް ރަނގަޅު ކުރުމުގެ މަސައްކަތް މިވަނީ ފެށިފައި. އިރާދަކުރެއްވީތީ ދަނީ ރަނގަޅު މިޞްރާބުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި މިގޮތަށް މި ރަށުގައިހެން ކުރަންހުރި ގިނަ މަސައްކަތްތައް ކުރެވޭނެ ގޮތަށް، އަޅުގަނޑުމެންނަށް އާމްދަނީވެސް އިތުރުވަމުންދާނެ. މިހާރު އެގޮތަށް ކުރިއަށްދަނީވެސް. އަޅުގަނޑުމެންގެ ދަރަނި ދައްކަމުން، އާމްދަނީ އިތުރުކުރަމުން މިދަނީ.

އެހެންވީމާ، މި ރަށުގެ ތަރައްޤީއަށްވެސް ކުރަންހުރި ކަންކަމުގައި އަޅުގަނޑުމެންނަށް ނަތީޖާ ނެރެދެވޭނެ. އެއީ، މިކުރާ މަސައްކަތަކީ. އެއީ މިސާލަކަށް، މިރަށުގައި ވަރަށް މުހިންމު، ރަނގަޅު ފެންވަރަކަށް މަގުތައް ހެދުން. އަޅުގަނޑު އެކަމަށް ވަޢުދުވެފައި ވާނެ. ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމުގެ މައްސަލަވެސް އެބައޮތް. ބޯހިޔާވަހިކަން، ގެދޮރުވެރިކަމަކީ ވަރަށް މުހިންމު މަސައްކަތެއް. އަދި ފެށިފައި ހުރި ގިނަ މަސައްކަތްތައްވެސް އެބަހުރި.

އެހެންވީމާ، މި ދެންނެވި ގޮތަށް، މަގު ހެދުމާއި، ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމާއި، ބޯހިޔާވަހިކަމާއި، ސްކޫލްގެ ފެންވަރު ރަނގަޅު ކުރުމާއި، ޞިއްޙީ ނިޒާމު ވަރުގަދަ ކުރުމާއި، ކުޅިވަރު ކުޅުމުގެ އެކިކަހަލަ ވަސީލަތްތައް ޤާއިމުކުރުން ފަދަ، މި ހުރިހާ ކަމަކަށް އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގައި، މި އަހަރުގެ ތެރޭގައި ހަމަ ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައި، އިރާދަކުރެއްވިއްޔާ ނިމެމުންދާނެ. މިކަމުގައި ޢަމަލީ ސިފަ އަންނަތަން، ތިޔަބޭފުޅުންނަށް ވަރަށް އަވަހަށް ފެނިވަޑައިގަންނަވާނެ.

ޙަޤީޤަތުގައި އަޅުގަނޑު ތަންކޮޅެއް ތަފްޞީލުކޮށް ވާހަކަތައް ދަންނަވަން ބޭނުންވޭ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ މި ދަތުރުތައް މި ދާގޮތުން، ބައެއްފަހަރު މިކަހަލަ އުނދަގޫ ގަޑިތަކާވެސް ދިމާވޭ. އެހެން ނަމަވެސް، ތިޔަބޭފުޅުން ހަމަ ވަގުތު ހުސްކުރައްވައިގެން މިތާ ތިއްބެވިކަން، އަޅުގަނޑު ޝުކުރާއެކީ ފާހަގަކުރަން.

މިލަދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ހަމަ ތިޔަބޭފުޅުން އެ އެދިވަޑައިގަންނަވާ ފަދަ ގޮތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނަތީޖާ ނެރެދޭނެކަން ތަކުރާރުކޮށްލަން.

ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މިކަމަށްޓަކައި ތިޔަބޭފުޅުންނަށް ވަރަށްބޮޑު އެހީތެރިކަމެއް ދެއްވޭނެކަން އަޅުގަނޑު ދަންނަވާލަން ބޭނުން. އެއީ، މަޖިލީހަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުން އެދޭގޮތަށް، ސަރުކާރުން ކަންކަން ކުރުމަށް އެހީތެރިކަންދޭ މަޖިލީހަކަށް ވުން އެއީ، މުހިންމު ކަމަކަށްވާތީ. އެނޫން ގޮތަކަށް މަޖިލީހުގެ މެންބަރުންގެ ޢަދަދު، ސަރުކާރުގެ ވިސްނުމާ އިދިކޮޅަށް ދާގޮތަކަށް، ކަންކަން ހިނގައްޖިއްޔާ، މިދިޔަ ތިންމަސް ތެރޭގައި، އަދި މިއަދުވެސް، މިހާރުވެސް ފެންނަ ގޮތަށް ކަންކަން ފެންނާނީ.

އެހެންވީމާ، އަޅުގަނޑުމެން ކޮންމެހެން އެ ރިސްކް ނަގާނެ ކަމެއް ނެތް. ރައްޔިތުންނަށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ކުރަންހުރި ކަންކަމުގައި އެއްބާރުލުން ދޭނެ މަޖިލިސް މެންބަރުންތަކެއް ހޮވުމުގެ ފުރުޞަތު އެބައޮތް.

އެހެންވީމާ، އެކަމުގައި ހުރިހާ ރައްޔިތުން، މި ރަށުގެ ރައްޔިތުންވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން އަޅުގަނޑަށް ޔަޤީން.

އާދެ، އަޅުގަނޑު އެދެނީ، މިކަމުގައި މި ދެންނެވި ގޮތަށް ވިސްނައިގެން ކުރިއަށް ގެންދިޔުން.

އާދެ، އަދިވެސް އެއްފަހަރު، މި ރަށުގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކުރަންހުރި ކަންކަން ޙަޤީޤަތަކަށް ހަދައިދޭނެކަމަށް ދަންނަވަމުން، ތިޔަބޭފުޅުން އަޅުގަނޑުމެންނާ ތިޔަ ބަހައްޓަވާ ގާތްކަން ފާހަގަކޮށް، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީގެ ކަންކަމުގައި، އަޅުގަނޑުމެންނަށް ކުލަޖެއްސިގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.