بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.


ހޮޅުދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ހޮޅުދޫގެ މުއައްސަސާތަކުގެ އެންމެހައި އިސްވެރިން، މި ތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނާއި، މި ޖަލްސާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

މި ރަށުގެ ތަރައްޤީގެ ވާހަކަ ތިޔަބޭފުޅުން އަޅުގަނޑާ ޙިއްޞާ ކުރެއްވި، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކެމްޕެއިންގެ ތެރޭގައި. އަޅުގަނޑު ދެންނެވިން، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ ޒިންމާ ހަވާލުކުރައްވައިފިއްޔާ، އެކަން ކޮށްދޭނަމޭ. ފުރަތަމަވެސް، ތިޔަބޭފުޅުން އަޅުގަނޑަށް ކުރެއްވި އިތުބާރަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ އިތުބާރު ދަމަހައްޓާ މީހެއް. ދަމަހައްޓާނެ މީހެއް. ވަޢުދުތައް ފުއްދާނެ މީހެއް. އިރާދަކުރެއްވީތީ ވަޢުދުތައް ފުއްދަމުން، މި 100 ދުވަހުވެސް މިއައީ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހަމަ އެގޮތުގައި ކުރިއަށްދާނަން އިރާދަކުރެއްވިއްޔާ.

އެހެންވީމާ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމެއް، ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، މި ފަސް އަހަރުގެ ތެރޭގައި ކޮށްދޭނެ ވާހަކަ ދަންނަވަން. ދެން އެންމެ ފުރަތަމަ އެންމެ އިސްކަންދޭން ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންކަމަށް އަޅުގަނޑުވެސް ހަމަ އިސްކަންދޭނީ. ފެށިފައި ނުނިމިހުރި މަޝްރޫޢުތައްވެސް އެބަހުރި. އެގޮތުން، ދެންމެ ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވި ފަދައިން، ވަރަށް ދުވަސްވެފައި އެއޮތީ ފެނުގެ މަޝްރޫޢު. އަދި އެގޮތަށް މަގު ހެދުންވެސް އެބަ ކުރިއަށްދޭ. އެކަންވެސް ހަމަ ނިމުމަކާ ގާތަށްވެސް ނުދޭ. އަދި އެ މަޝްރޫޢަށް އިތުރު މަގުތައް އިތުރުވެސް ކުރަންޖެހޭ. ބަނދަރު ހެދުމުގެ މަސައްކަތް އެބަ ހިނގާ. އެ މަޝްރޫޢަށްވެސް ރައްޔިތުން އެބަ އެދިވަޑައިގަންނަވާ ބަދަލުތައް ގެންނަން. އެއީ، މި ރަށުގެ ތަރައްޤީއަށް މިކަހަލަ މަޝްރޫޢުތައް ހިނގަމުންދާއިރުގައި، ކޮންމެހެންވެސް ދުރު ރާސްތާއަށް ވިސްނާއިރުގައިވެސް، ތިޔަބޭފުޅުން ވިސްނާވަޑައިގެން ގެންނަވަން ބޭނުންވާ ބަދަލުތައް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.

އެހެންވީމާ، ބަނދަރުގެ މަޝްރޫޢު ނިންމާއިރުގައި، ބަނދަރަށް އިތުރަށް ގެންނަން ބޭނުންވާ ބަދަލުތައް ކައުންސިލްގެ ފަރާތުން، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން ޙިއްޞާ ކުރެއްވި. އަދި އެ މަޝްރޫޢު ހިނގަމުންދާއިރުގައި، ފަޅުތެރެއިން މިހާރު ޖަހާފައި އޮތް ރިވެޓްމަންޓަށް ބަދަލެއް ގެނެސް، އިތުރަށް ހިއްކެން ބިންކޮޅެއް އޮތިއްޔާ، އެތަންކޮޅުވެސް ހިމަނައިގެން ކުރިއަށް ގެންގޮސްދޭން އެދިވަޑައިގެންނެވި.

އާދެ، މި ހުރިހާ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ ކޮށްދޭނަން. އެހެންވީމާ، އަޅުގަނޑު އެދެނީ، މިކަންކަން ކުރުމުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުން ދެއްވުން. އަދި މިއާ އެކީގައި، މިއަށްވުރެ ބޮޑެތި މަސައްކަތްތައް އެބަހުރި. އެންމެ މުހިންމީ ގެދޮރުވެރިކަން. ގެދޮރުވެރިކަން ހާސިލުކުރުމަށް ތިޔަބޭފުޅުންގެ އިޚްތިޞާޞް ތެރޭގައި، ތިޔަބޭފުޅުންގެ ރަށުގެ ބައެއްގެ ގޮތުގައި އޮތް ހޮޅުމީދޫގެ ޕްލޭން ހަދައި، އެ ތަނަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރެއް ޤާއިމުކުރުމަކީ، ސަރުކާރުން ވަރަށް އިސްކަމެއްދޭނެ ކަމެއް. ފެނާއި ނަރުދަމާ، މަގުތައް، ލައިޓްޖެހުން، މިހެންގޮސް އިންފްރާސްޓްރަކްޗަރގެ ހުރިހާ ކަމެއް ހިމަނައިގެން ކުރިއަށް ގެންދާނީ.

ދެން ހައުސިންގ މަޝްރޫޢުތައް ހިންގުމަކީ، ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް ބޭނުންވާ ކަންތައްތައް. އެހެންވީމާ، މި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑު މިދޭ ޔަޤީންކަމަކީ، މި ރަށުގެ ދުރު ރާސްތާއަށް ތިޔަބޭފުޅުން ވިސްނާވަޑައިގެން ކުރައްވަން ތިޔަ ބޭނުންފުޅުވާ ކަންކަން ޙަޤީޤަތަކަށް ހަދައިދޭނަމޭ.

އާދެ، މިކަންކަމުގެ އިތުރަށް، މި ރަށުގެ ފަޚުރާއި ޝަރަފް ކަމުގައިވާ ތަޢުލީމީ ނިޒާމު، މި ސްކޫލް، މޭނާ ސްކޫލަށް 75 އަހަރު ވެގެން މިދިޔައީ، ރާއްޖޭގައި ތަޢުލީމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި، ފަޚުރުވެރި މާޒީއެއް، ފަޚުރުވެރި މަސައްކަތްތަކެއް ކުރަމުން. މިކަން އިތުރަށް ކުރިއަށް ގެންދިޔުމުގައި، ތިޔަބޭފުޅުންގެ ތިޔަ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަކީ، އަޅުގަނޑަށްވެސް ލިބޭނެ ފަޚުރެއް. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް މިހާރު ހިންގަން ބޭނުންވާ މަޝްރޫޢު، އެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނަން. އަދި އޭގެ އިތުރަށްވެސް ތަޢުލީމީ ނިޒާމުގެ ދައުރު މި ރަށުގައި އިތުރަށް ފުޅާކުރުމަށްޓަކައި، ތިޔަބޭފުޅުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި އަޅުގަނޑަށްވެސް ލިބޭނެ ފަޚުރެއް ކަމުގައިވާނީ، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ފެންވަރަށް ކަންތައްތައް ގެންގޮސްދިނުން. އެހެންވީމާ، ދަނާލެއް ޤާއިމުކޮށްދީ، އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ލިބޭގޮތަށް، ޔުނިވަރސިޓީގެ ކެމްޕަސްވެސް މިތަނުގައި ޤާއިމުކޮށްދޭނަން.

ކުރިއަށް އޮތީ މަސައްކަތް ކުރުމުގެ ދުވަސްތައް. މިކަންކަން ޙަޤީޤަތަކަށް ހަދައިދިނުމުގެ ދުވަސްތައް. އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދައިދޭނަން. އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ މި ވެއްޓިފައިވާ ފުން އަނދަވަޅުން އިޤްތިޞާދު ނަގައި ކޮޅަށްޖެހުމުގެ މަސައްކަތް މިކުރަނީ. ދެންމެ އިޤްތިޞާދީ ވަޒީރު ވަރަށް ކުރުކުރުކޮށް، ވަރަށްގިނަ ކަންކަން އެ ވިދާޅުވެލެއްވީ. މިހާތަނަށް މި ކުރެވިގެންދިޔަ އިޤްތިޞާދީ މަސައްކަތްތައް. މި ބޮޑެތި ގިނަ މަސައްކަތްތައް ކުރެވެން އޮތީ، އެ މަސައްކަތްތަކަށް މަގުފަހިކުރުމަށް އިޤްތިޞާދު ހަރުދަނާކޮށްގެން.

ފައިސާ ޗާޕްކުރުން އަޅުގަނޑުމެން ހުއްޓާލީ އެ ބޭނުމުގައި. އެހެން ނޫންނަމަ، އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ދަށްވަމުން، ދަށްވަމުން، ދަށްވަމުން ދާނީ. ރާއްޖޭގެ އިންޑަސްޓްރީތަކުގައި އިންވެސްޓް ކުރުމަށް އެއްވެސްކަހަލަ އުންމީދީ ދުވަސްތަކެއް ނުފެންނާނެ. އިންވެސްޓަރ ކޮންފިޑެންސެއް ރާއްޖެއަކަށް ނުލިބޭނެ.

އެހެންވީމާ، އަޅުގަނޑުމެން މި ފަށައިގެން ކުރިއަށް މި ގެންދާ އިޤްތިޞާދީ އެޖެންޑާ، މި ކުރިއަށް ގެންދަނީ ރައްޔިތުންގެ ހެވާއި ލާބަޔަށް. އެ މަސައްކަތްތަކުގައި އިރާދަކުރެއްވީތީ ކާމިޔާބީގެ ކުލަތައް ޖެހެމުން އެދަނީ.

ޓޫރިޒަމް އިންޑަސްޓްރީއަށް ބަލައިލިޔަސް، އެކަން އެބަ ފާހަގަވޭ. ޗައިނާއަކީ މީގެ ކުރީގައި އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނަ ދިމާ. މިދޭތެރެއިން މަޑުޖެހުމަށްފަހު، އަޅުގަނޑުމެން މިހާރު ދެ ޤައުމުގެ ދޭތެރޭގައި މިއޮތް ގާތް ގުޅުމުގެ ތެރެއިން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު އަނެއްކާވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޤައުމަށް ޗައިނާ ބަދަލުވެފައި މިވަނީ. އޭގެ ސަބަބުން ފަތުރުވެރިކަން ފުޅާވެގެންގޮސް، ފަތުރުވެރިކަމުގެ އިންޑަސްޓްރީން ރާއްޖެއަށް ލިބޭ ފައިސާ، އާމްދަނީ އިތުރުވެގެން އެބަދޭ. ހަމަ އެގޮތަށް، ޓޫރިޒަމް ދާއިރާ، އެކި ގޮތްގޮތުން ފުޅާކުރުމަށް ވަރަށްގިނަ މަސައްކަތް މި ކުރަނީ. ހަމަ އެ ބޭނުމުގައި އަޅުގަނޑުމެން އެކިކަހަލަ، އެކި ފެންވަރުގެ އެއަރޕޯޓުތައްވެސް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަނީ.

އާދެ، އެހެންވީމާ، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަރުވައި، އިޤްތިޞާދުގައި ބުންވަރު ޖައްސައި، އިޤްތިޞާދު ފުޅާ މި ކުރަނީ، މިފަދަ މުހިންމު މަޝްރޫޢުތައް މި ރަށްރަށުގައި ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި. އެކަންކަން ޙަޤީޤަތަކަށް ހެދޭނީ، އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން، އަމިއްލަ ފުދުންތެރިކަން އިތުރުކުރެވޭ މިންވަރަކުން. ވަކި ބައެއްގެ ގާތުގައި އަބަދު އާދޭސްކުރާ ބައެއްގެ ގޮތުގައި، ކޮންމެކަހަލަ ކަމަކު ބޭނުންވިޔަސް، ވަކި ބައެއް ގާތުގައި އެކަމަށް އެދިއެދި ތިބޭ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ތިބޭ ތިބުން ނިމުމަކަށް ގެނެސްގެން. އަސާސީ ކާޑުގެ ބާވަތްތައްވެސް އެތެރެކުރަން ވެއްޖިއްޔާ، އެ ޙާލަތުގައި އެ ތިބޭ ތިބުން ނިމުމަކަށް ގެނެސްގެން. އަޅުގަނޑުމެންގެ ކަނޑުގެ ބިޔަ ބޮޑު ސަރަޙައްދު ބެލެހެއްޓުމުގައިވެސް އެހެން ބައެއްގެ އެހީތެރިކަމުގައި އަބަދުވެސް އެދެންޖެހޭ ޖެހުން ނިމުމަކަށް ތާއަބަދަށް ގެނެސްގެން.

މިކަހަލަ މުހިންމު އަމިއްލަވަންތަވުމުގެ، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް މި ޤައުމު ނަގައި ކޮޅަށްޖެހުމުގެ މަސައްކަތްތަކެއް އަޅުގަނޑުމެން މިކުރަނީ މި ބޭނުމުގައި. ދިވެހި ރައްޔިތުންނަށް ޙަޤީޤީ މިނިވަންކަން ހޯދައިދިނުމަށްޓަކައި. އަޅުގަނޑުވީ އެންމެ ބޮޑު އެއް ވަޢުދަކީ އެއީ، ދިވެހި ޤައުމަކީ ޙަޤީޤީ މިނިވަން ޤައުމަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނެކަމުގެ ވަޢުދު. މިނިވަންކަން، އޭގެ ފުރިހަމަ މާނައިގައި ދިވެހި ރައްޔިތުންނަށް ހޯދައިދީ، އެކަމުގައި ފަރުވާތެރިކަމާ އެކީގައި، ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރާނެ ކަމަށް އަޅުގަނޑުވީ ވަޢުދު.

އެހެންވީމާ، އެ ވަޢުދު ފުއްދުމަށްޓަކައި އިޤްތިޞާދީ މިނިވަންކަން ހޯދުމަށްވެސް މި މަސައްކަތް ކުރަނީ. އަޅުގަނޑުމެންގެ ސަރަޙައްދު، މި ބިޔަ ބޮޑު ސަރަޙައްދު ބެލެހެއްޓުމަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މިނިވަންކަންވެސް ހޯދުމުގެ މަސައްކަތް މި ކުރަނީ. ތިޔަ ލޮބުވެތި ރައްޔިތުންނަށް ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ފެނިވަޑައިގަންނަވާނެ، މި ދެންނެވި މަސައްކަތުގެ ނަތީޖާ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް، މުޅި ރާއްޖޭގެ، މި ދެންނެވީ އިޤްތިޞާދީ ސަރަޙައްދު، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމުގެ މަސައްކަތް އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވެ ކުރާނަން. އެ މަސައްކަތް ކުރަން ފެށުމުން، އަޅުގަނޑުމެންނަށް އިޙްސާސްވާނެ، އަޅުގަނޑުމެންނަކީ ޙަޤީޤީ މިނިވަން ޤައުމެކޭ.

އެހެންވީމާ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ފަޚުރުވެރި ދިވެހި ޤައުމެއްގެ ގޮތުގައި، ފަޚުރުވެރި ދިވެހި ރައްޔިތެއްގެ އިޙްސާސް ދިވެހިންނަށް ކުރެވޭ ދުވަސް އައުމަކީ، އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަސް. އެ ދުވަސް ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާތީ، ދެންމެ މިނިސްޓަރ ސަޢީދު އެ ވިދާޅުވިގޮތަށް، އެކިކަހަލަ ހުރަސްތައް އަޅުގަނޑަށް ކުރިމަތިކުރުވުމުގެ މަސައްކަތް، އަޅުގަނޑުމެންގެ ސަރުކާރަށް ކުރިމަތިކުރުވުމުގެ މަސައްކަތް، އެކަން ކުރުމަށް އޯޑަރުދޭ ފަރާތުން އަންގާގޮތަށް ކުރަމުން އެދަނީ. އަޅުގަނޑުމެންނަކަށް މި ވާނުވާ އޮޅިފައެއް ނެތް. ރައްޔިތުންނަށްވެސް އޮޅިވަޑައިގެން ނުވާނެ މިކަންކަން. މި ފެންނަމުންދާ މަންޒަރުތަކަށް ޣާފިލުކަންމަތީގައި، ޣާފިލުވެ ތިބުމަކީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އޮޅުވައިލާ އޮޅުވައިލުމަކަށް ވާނީ.

މި ރާއްޖޭގައި މިހާރު ކަންކަން ގޮސްފައިވާ ހިސާބަކީ، ތިންބާރު އޮންނައިރުގައި، އަޅުގަނޑުމެންނަށް މި ފެންނަނީ، އަޅުގަނޑުމެންނަށް މި ފެންނަނީ، ޝަރުޢީ ދާއިރާގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ބާރު ހިންގާ ތަން. ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް، ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި، އެ އަމުރު ނުވޭ އެއްވެސް އެއްޗަކަށް. މިއެއްނޫން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން ދެކެން ބޭނުންވި ދުވަހަކީ.

އެހެންވީމާ، ކުރިއަށް މިއޮތް ދުވަސްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރައްޔިތުން މި ނިންމަންޖެހެނީ، ރައްޔިތުން އެދި، ރައްޔިތުން އުންމީދުކުރާ ކަހަލަ ދިވެހި ޤައުމެއް ބިނާކުރުމުގެ ނިންމުން. އެ ބައެއްގެ މައްޗަށް، ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓް ކުރާ، ބޭނުންގޮތަކަށް ވޯޓު ދިނުމުގައި ތަބާވާ އަޅުންތަކެއްގެ ގޮތުގައި ތިބޭ މެންބަރުންތަކެއް، މަޖިލީހަށް ވެއްދުމަކީ، އެއީ، މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ، ދުވަހަކުވެސް ރާއްޖެއަށް އަނބުރާ ދެން އިޢާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ދާނެ ކަމަކަށްވާނީ.

އެހެންވީމާ، އަޅުގަނޑު އެދެނީ، ނިކަން ވިސްނާވަޑައިގަންނަވަން މިކަންކަމަށް. އިރާދަކުރެއްވިއްޔާ ރާއްޖޭގެ މުސްތަޤްބަލް އޮތީ ވަރަށް އުޖާލާކޮށް. ދިވެހި ރައްޔިތުންނަކީ ހެޔޮވިސްނޭ ރައްޔިތުން. ތަޢުލީމީ ރައްޔިތުން. މި ރަށުގައި ހުރެ މި ވާހަކަ ދެއްކުމުގައި، އަޅުގަނޑަށް ވަރަށް ހިތްހަމަޖެހުން ލިބޭ. ތަޢުލީމަކީ، އެނގުމާއި ނޭނގުން ވަރަށް މުހިންމު ތަފާތެއް އެއިން ދައްކައިދޭ ކަމެއް. އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި، އަޅުގަނޑުމެންނަށް ލިބޭ ތަޢުލީމެއްގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން ގޮތްގޮތް ނިންމުމަކީ، ކޮންމެހެން މުހިންމު ކަމެއް.

އެހެންވީމާ، މި ޤައުމުގެ މުސްތަޤްބަލް ބިނާކުރުމަށްޓަކައި ތިޔަބޭފުޅުން އަތްމައްޗަށް މި އަންނަނީ ވަރަށް މުހިންމު ޒިންމާއެއް އަދާކުރުމުގެ ދުވަސް. 17 މާރިޗުގައި އޮންނަ އިންތިޚާބުގައި، އެ ދުވަހު ލާ ވޯޓުގައި ތިޔަބޭފުޅުން ނިންމަވައި ދެއްވަންވީ، މި ދެންނެވި މުސްތަޤްބަލް. އަޅުގަނޑު ޔަޤީންކުރަނީ، ސަރުކާރުން ރައްޔިތުންނަށްޓަކައި، ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އެދޭ އަމާޒަށް މި ޤައުމު ގެންދިޔުމަށްޓަކައި މިކުރާ މަސައްކަތުގައި، ރައްޔިތުން އަތުކުރި އޮޅާލައިގެން ނުކުމެ، ސަރުކާރާ އެކުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް. އަޅުގަނޑަށް އެކަމުގައި ޝައްކެއް ނެތް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމަކީ، މިނިވަންކަންމަތީ އަބަދުމެ އޮންނަ ޤައުމެއް ކަމުގައި ލައްވާށި! އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.