بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކޮމަންޑޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ނައިބު ރައީސާއި، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން، މި ޖަލްސާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، ވަރަށް ހޫނުގަދަ ވަގުތެއްގައި، މި ރަށަށް އާދެވުމުންވެސް، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން ވަޑައިގެން، ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވި. އެކަމަށްޓަކައި ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، ވަރަށް ކުޑަވަގުތުކޮޅެއް މިއޮތީ މެންދުރު ވަގުތަށް ބަންގި ގޮވުމާ ދޭތެރޭގައި. އެހެން ނަމަވެސް، މިގޮތަށް ބައްދަލުވުމުން ހަމަ ވަރަށް އުފާކުރަން. ދެންމެ ވަރަށް ތަފްޞީލު ބައްދަލުވުމެއް ކައުންސިލާ އެކީގައި ބޭއްވުނު. ކައުންސިލާއި ޑަބްލިޔޫ.ޑީ.ސީ.އާ އެކީގައި.

ދެންމެ ކައުންސިލްގެ ނައިބު ރައީސްވެސް އެ ވިދާޅުވި ފަދައިން، އެ ބައްދަލުވުމުގައި މި ރަށުގެ ތަރައްޤީއަށް ކުރަންވެފައި ހުރި، ނުހިނގާ ހުރި ކަންކަމާއި، ކުރަން ޖެހިފައި ހުރި ކަންކަމާ، ހުރިހާ މައްސަލަތަކެއް ވަނީ ތަފްޞީލު ގޮތެއްގައި އަޅުގަނޑާ ޙިއްޞާ ކުރައްވާފައި. އަދި އެކަންކަމުގެ މަޢުލޫމާތު، އަޅުގަނޑުމެން ވާނީ އެ ވިދާޅުވި ގޮތަށް ނަގާފައި.

އާދެ، މި ރަށުގެ ތަރައްޤީއަށް ފެށިފައި ހުރި ގިނަ މަސައްކަތްތަކެއްވެސް އެބަހުރި. އަދި ކުރަން ޖެހިފައި ހުރި މުހިންމު ކަންތައްތައްވެސް އެބަހުރި. އަޅުގަނޑު ޔަޤީންކަން ދެން، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ތިޔަ ބޭނުންފުޅުވާ ގޮތަށް އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ. އެގޮތަށް ގެންގޮސް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، މި ރަށުގެ ތަރައްޤީގެ ކަންކަން ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. އެއީ، މި ރަށަކީ ވަރަށް ބޮޑަށް ބައިބޯވެފައި އޮތް ރަށެއް. ވަރަށް ބިންކުޑަ، ވަރަށް ތޮއްޖެހިފައި އޮންނަ ރަށެއް. ގިނަ އަހަރުތަކެއް ވެއްޖެ، އެކިކަހަލަ މަޝްރޫޢުތައް ހިންގާތާ. އެހެން ނަމަވެސް، އެކަށީގެންވާ ގޮތެއްގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފެންވަރުގައި ތަރައްޤީއެއް ހާސިލު ނުކުރެވޭ. ދާއިމީ ޙައްލުތަކެއް ނާދޭ. އެގޮތުން ބަލާއިރުގައި، އެންމެ ބޮޑަށް ދަތިވަނީ ބިމުގެ ޖާގައާއި، ގެދޮރުވެރިކަމުގެ މައްސަލަ. މިކަންކަމަކީވެސް ޙައްލު ހޯދަން ޖެހިފައި އޮތް ކަމެއް.

ހަމަ އެއާއެކީގައި، ތޮށި، ސީ ވޯލް ޕްރޮޖެކްޓާއި، ބަނދަރުގެ މައްސަލަ، ބަނދަރުގެ ބޭރު ތޮށްޓާއި، ބަނދަރު ބޮޑުކުރުމާއި، ވަރަށްގިނަ ކަންތައްތައް އެބަހުރި. ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްގައި ހުރި ބޮޑެތި މައްސަލަތައްވެސް އެބަހުރި ޙައްލުކުރަން ޖެހިފައި. ވަރަށް ގިނަ ކަންތައްތައް މިހިރީ ފެށިފައި. ނޫނީވިއްޔާ އެއްވެސްވަރަކަށް ދެކޮޅުނުޖެހި، ކޮޅެއްގައި ނުޖެހި މެދުކެނޑިފައި. އެހެންވީމާ، މިކަންކަމަށް ދާއިމީ ޙައްލެއް ގެނެސްދިނުން ތިޔަބޭފުޅުންގެ އެންމެ މުހިންމު އެއް އުންމީދަކަށްވާނީ.

ހަމަ އެއާއެކީގައި، މަތިކޮމަންޑުއާ ގުޅައިލުން އެއީވެސް ހަމަ ޙަޤީޤަތަކަށް ވާން އެދެމުންދާ، އެހެން ނަމަވެސް އަދި ޙަޤީޤަތަކަށް ނުވާ މަޝްރޫޢެއް. މި ދެންނެވި ކަންކަމާ އެކީގައި، ޖުމްލަ ގޮތެއްގައި މި ހުރިހާ މަޝްރޫޢެއް ކުރިއަށް ގެންދަން އަޅުގަނޑުމެން ގަސްތުކުރަން. އިރާދަކުރެއްވިއްޔާ މި ދެންނެވި ހުރިހާ މަސައްކަތްތަކެއް މި އަހަރުގެ ތެރޭގައި ކޮށްދޭނަން.

ހަމަ އޭގެތެރެއިން، ރާޅުއަރާ ސަރަޙައްދުގެ ޕްރޮޓެކްޝަން ވިޔަސް، އަދި ދެންހުރި ހުރިހާ މަސައްކަތްތަކެއްވެސް އޭގެތެރޭގައި ހިމެނޭނެ. ހަމަ އެއާއެކީގައި، އެންމެބޮޑު މަޝްރޫޢަކީ، އެންމެ ގިނަ ޒަމާން ވަންދެން އުންމީދުކުރާ ކަމަކީ އެއަރޕޯޓް. ދިގުވެލިދޫގައި އެއަރޕޯޓެއް އަޅައިދިނުމަކީ، އަޅުގަނޑު ކެމްޕެއިން ތެރޭގައި ވެފައި ހުރި ގިނަ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ވަޢުދު. އަޅުގަނޑު ވަޢުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކުރާނަން.

އާދެ، ވަރަށްގިނަ މަސައްކަތްތައް ކުރަން އެގޮތުން ހުންނާނެ. ކޮންމެވެސްވަރަކަށް ތަކުރާރުކޮށް އެ ވާހަކަތައް މި ދަންނަވާލަނީ. ދެންމެ އަޅުގަނޑު ދެންނެވިން، ބުރިޖުގެ ވާހަކަ. އަދި ޞިއްޙީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ކުރަންހުރި މަސައްކަތްތައްވެސް އެބަހުރި. ކުޑަކުދިންގެ ޑޮކްޓަރު އަދި އިތުރު ޑޮކްޓަރުންގެ ޚިދުމަތްތައް އިތުރުކުރުމާއި، މިކަހަލަ ގިނަ މަސައްކަތްތަކެއް. ތަޢުލީމީ ނިޒާމު ވަރުގަދަކުރުމަށް ސްކޫލްގެ މަޝްރޫޢާއި، މިފަދަ ގިނަ ކަންތައްތަކެއް ކުރަން އެބަހުރި.

މަސްވެރިކަމުގެ ދާއިރާއިން، އައިސް ޕްލާންޓްގެ މަސައްކަތްވެސް ހަމަ އެގޮތަށް. އެ ބައްދަލުވުމުގައި، ފިޝަރީޒް މިނިސްޓަރ ވާނީ އެ މަޢުލޫމާތު، ކައުންސިލާ ޙިއްޞާވެސް ކުރައްވާފައި. އައިސް ޕްލާންޓްގެ ކަންތައްވެސް.

އާދެ، އެހެންވީމާ، މި ހުރިހާ މަސައްކަތްތަކެއްގައި އަޅުގަނޑުމެން އިޖާބަދޭނަން. އަބަދާއި އަބަދު މިކަންކަން ވުމުގެ އުންމީދުގައި ތިބުމުގެ ބަދަލުގައި، ކަންކަން ނިންމައިދީ، އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން. އެއީ، އަޅުގަނޑުމެން ކުރާނެ ކަމަކީ. އެ ތަފާތު ފެންނާނީ.

ދެން މަޝްރޫޢުތައް ހިނގާއިރުގައި، ރައްޔިތުންނާ މަޝްވަރާ ކުރެވިގެން، ކަންކަން ކުރަންޖެހޭނެ. އެއީ، އަޅުގަނޑުމެންގެ މުޅި ސިޔާސަތު ބައްޓަންކުރާ ގޮތަކީވެސް. އެހެންވެ، ކައުންސިލްތަކާ ގާތުން މަސައްކަތް ކުރަން ބޭނުންވަނީވެސް. ކައުންސިލްތައް ހޮވާފައި މި އޮންނަނީ ރައްޔިތުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރާ ޙިއްޞާކުރުމަށް.

އަޅުގަނޑަށް މިއަދު މީޓިންގގައި މަޢުލޫމާތު ލިބުނީ، މި ރަށުން ބުރިޖުގެ ކަނެކްޝަން ޕޮއިންޓް، ނޫނީވިއްޔާ ފެށޭ ލޮކޭޝަން މި ކަނޑައަޅަނީ ރަނގަޅު ހިސާބަކުން ނޫނޭ. ދެން މިކަހަލަ ވާހަކަތަކެއް އަޑުއިވުނު. ކައުންސިލްގެ މާބޮޑު ބައިވެރިވުމެއްނެތިއޭ، މިއަދާ ހަމަޔަށް އައިއިރުގައި މިކަހަލަ ކަންކަން ކުރެވިފައި ހުރީ، މި މުހިންމު ކަންކަމުގައި އަދި އަމުދުން. އަޅުގަނޑު ދެންނެވިން، ޑިޒައިން މަސައްކަތް ކުރީގައި ކިތަންމެ ތަފްޞީލުކޮށް ކޮށްފައި އޮތަސް، އަޅުގަނޑު ބޭނުމޭ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައިގެން މަޝްރޫޢުތަކަށް ބަދަލުތައް ގެންނަން. ގެންނަންޖެހޭ ކަމުގައިވަންޏާ ހަމަ ގެނެސްގެން ކުރިއަށް ގެންދަން. އެއީ، ދާއިމީ ގޮތެއްގައިވެސް އެ ކުރެވޭ ކަމެއްގެ ބޭނުންހިފަން ތިބޭނީ، އެ ރަށެއްގެ ރައްޔިތުން ކަމުގައިވާތީ. ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެޑްރެސް ކުރެވިގެން، ނޫނީވިއްޔާ އެއަށް ޖަވާބު ދެވޭ ގޮތަކަށް މަޝްރޫޢުތައް ބައްޓަންކުރީމާ، ރަށުގެ ރައްޔިތުންނަށް ފައިދާވާނީ. އޭރުން އެ ރަށެއްގެ ރައްޔިތުންނަށް އެ މަޝްރޫޢެއްގެ އޯނަރޝިޕްވެސް ނެގޭނެ.

އެހެންވީމާ، ކައުންސިލްތަކާ ވީހާވެސް ގާތުން މަސައްކަތް ކުރަން އަޅުގަނޑު ބޭނުންވަނީ. މި މަޝްރޫޢުގެ ޑިޒައިނަށްވިޔަސް، އަދި އެހެނިހެން ބަދަލުތައްވިޔަސް، ގެނައުމުގެ މަސައްކަތް ކުރަން އަޅުގަނޑުމެން މިއަދުގެ ބައްދަލުވުމުގައި ދެންނެވިން، އެގޮތަށް ކުރިއަށް ގެންދާނަމޭ. އެގޮތުން ކުރިއަށް ގެންގޮސް، ގެންނަންޖެހޭ ބަދަލެއްވިއްޔާ އިރާދަކުރެއްވިއްޔާ ގެންނާނަން.

އާދެ، އެހެންވީމާ، މި މަޝްރޫޢުތައް ހަމަ ދެންމެ މި ދެންނެވި ގޮތަށް ކުރިއަށް ގެންދާނަން. ވަރަށްގިނަ ކަންކަން ޙިއްޞާ ކުރެއްވި. މިސާލަކަށް، ކުނި މެނޭޖް ކުރާ މަރުކަޒަށް އެކަށީގެންވާ ވަރަކަށް ނެތޭ އާލާތްތައް، މެޝިނަރީ އަދި ހޯދައިދެވިފައެއްވެސް. ޕޮލިސް ސްޓޭޝަންގެ ވާހަކަ ޙިއްޞާ ކުރެއްވި. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙާލަތުގެ ވާހަކަ ޙިއްޞާ ކުރެއްވި. މި ހުރިހާ ކަމަކަށް އިރާދަކުރެއްވިއްޔާ ރަނގަޅު ޙައްލެއް އަޅުގަނޑުމެން ގެނެސްދޭނަން.

އާދެ، ޖުމްލަ ގޮތެއްގައި މިކަންކަން އަޅުގަނޑު ހަމަ މި ދަންނަވާލީ. އެންމެ މުހިންމު ކަންތައްތަކަށް އެންމެ އިސްކަންދީގެން، ތަރުތީބުކޮށްގެން، މި އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސް، ބޮޑެތި ހުރިހާ ކަމެއް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ނިންމައިދީ، ދެންހުރި ކަންކަންވެސް ހަމަ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ނިމިގެންދާނެ.

ގެދޮރުވެރިކަމަށް ޙައްލު ގެނައުން، މީގެތެރެއިން ހަމަ ދެވަނައަށް އެންމެ ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ.

އާދެ، އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ، މި ކުރެވޭ މަސައްކަތްތަކުގައި، ތިޔަބޭފުޅުންނަށް ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވުމަށް. އެގޮތުން ބަލާއިރުގައި، އެންމެ މުހިންމު އެއްބާރުލުމަކަށް ދެއްވޭނީ، މިވަގުތު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އަޅުގަނޑުމެންނަށް މި މަސައްކަތްތަކުގައި ފުރިހަމައަށް އެއްބާރުލުންދެއްވައި، ބައިވެރިވުން ދެއްވާނެ މެންބަރަކު މަޖިލީހަށް ހޮއްވެވުން. އެހެންވީމާ، އެކަމަށް މި ދާއިރާގެ ރައްޔިތުން އެހީތެރިކަން ދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އުފާފާގަތިކަން މިންވަރުކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.