بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފުނަދޫގެ ލޮބުވެތި ރައްޔިތުން، އަތޮޅު ކައުންސިލްގެ ރައީސް، ރަށު ކައުންސިލްގެ ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން، އަދި މި ދާއިރާގެ އެކިއެކި ރަށްތަކުގެ ކައުންސިލަރުން، މި ތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އިއްޔެ ހަވީރު އިރުއޮއްސެނިކޮށް މި ރަށަށް އާދެވުނީ. ވަރަށް ވިއްސާރަވެފައި އޮތީ. އެހެން ނަމަވެސް، މި ރަށުގެ ލޮބުވެތި ރައްޔިތުން ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން ފުނަދޫގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ، މި ދަތުރުތައް ފަށައިގެން މިހާރު ވަރަށްގިނަ ރަށްތަކަށް ދެވިއްޖެ. ވަރަށްގިނަ ރަށްރަށަށް ދެވިއްޖެ. އެހެން ނަމަވެސް، މި ރަށުން ވިދާޅުވި ހޫނު މަރުޙަބާއަކީ، މިހާތަނަށް އެންމެ ގިނަ ރައްޔިތުން ނުކުމެވަޑައިގެން ވިދާޅުވި މަރުޙަބާކަން އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން. އާދެ، ތިޔަބޭފުޅުން އަޅުގަނޑަށް ރިޔާސީ އިންތިޚާބުގައިވެސް އެހާމެ ބޮޑު އިތުބާރެއް ކުރައްވައި ތާއީދު ދެއްވި. އެކަމަށްޓަކައިވެސް ހަމަ މި ފުރުޞަތުގައި، ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަގުނަ މަސައްކަތް އެބަހުރި. ކެމްޕެއިން ތެރޭގައި ދެފަހަރެއްގެ މަތިން އެ ވާހަކަ ދެކެވުނު. ގިނަ ވަޢުދުތަކެއް ވެފައިވެސް ހުންނާނެ. އެކަންކަން އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދައިދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.

އާދެ، ކޮންމެ ކަމެއް ވަކިން ތަކުރާރުކޮށް އަޅުގަނޑަށް ނުދެންނެވުނު ނަމަވެސް، ޖުމްލަކޮށް ފުރަތަމަވެސް މި ދެންނެވީ އެ ވާހަކަ. ތަރައްޤީއަށްޓަކައި ރަށުގެ ރައްޔިތުން ބޭނުންވާ ގިނަގުނަ ކަންތައްތައް އެބަހުރި. ދެން ރަށް ޙިމާޔަތް ކުރުމަށްޓަކައި ފެށިފައި އޮތް މަސައްކަތް، ރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު ކަމެއްވީމާ، އެކަން ދެންމެ ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލްވެސް އެންމެ ފުރަތަމަ އެ ފާހަގަކުރެއްވީ. އެކަހަލަ މަޝްރޫޢުތަކުން ގޮސް ޢުމްރާނީ ތަރައްޤީގެ ރޮނގުން މަގު ހެދުމާއި، މިފަދަ ގިނަ މަސައްކަތްތައްވެސް އެބަހުރި. އެއަރޕޯޓުގެ މަސައްކަތާއި، މިކަހަލަ ވަރަށްގިނަ ކަންތައް.

އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ހުރިހާ ކަމަކަށް އިރާދަކުރެއްވިއްޔާ ޙަޤީޤީ ސިފަ ގެނެސްދޭނަމޭ. ކަންކަން ކޮށްދޭނަމޭ. އަޅުގަނޑުމެން ނަތީޖާ ނެރެދޭނަމޭ. އެ ޔަޤީންކަން ދެން.

އާދެ، މިގޮތުން ބަލާއިރުގައި، މިހާރު އެންމެ މުހިންމު ކަމަކަށްވާނެ ހޮސްޕިޓަލް. މި ރަށަށްވެސް އަދި މި އަތޮޅަށްވެސް. އެހެންވީމާ، އެންމެ އިސްކަމެއްދޭ އެއް ކަމެއްގެ ގޮތުގައި އެ ކަންތައް ކަނޑައަޅައި، އިރާދަކުރެއްވިއްޔާ ޚިދުމަތުގެ ގޮތުންވެސް، އިމާރާތުގެ ގޮތުންވެސް، މުވައްޒަފުންގެ ޢަދަދުގެ ގޮތުންވެސް، ޖުމްލަ ގޮތެއްގައި ހޮސްޕިޓަލްގެ ފެންވަރު، ހުރިހާ މާނައެއްގައިވެސް ރަނގަޅުކޮށްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ، އެއަރޕޯޓަށް ބަލާއިރު، އެއަރޕޯޓުގެ ޖާގަ އިތުރުކުރުމަށް، އެއަރޕޯޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް، ފްލައިޓުތައް އިތުރުކުރުމަށް، މިފަދަ ގިނަގުނަ ކަންތައްތަކެއް ކުރަން އެބައޮތް. އެއީ، ފްލައިޓް ޖައްސަން ރަންވޭގެ ދިގުމިން އިތުރުކުރުމާއި، މިފަދަ ގިނަގުނަ ކަންތައްތައް. އެހެންވީމާ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، އިރާދަކުރެއްވިއްޔާ މި އެއަރޕޯޓް ބޮޑުކޮށްދީ، ތަރައްޤީކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ، ހަމަ އެއާއެކީގައި، ޓޫރިޒަމް ފުޅާކުރުން. ޓޫރިޒަމް ފުޅާކުރުމަށްޓަކައި އަޅުގަނޑު ވަޢުދުވީ ގިނަ ކަންތައްތަކެއް ހުންނާނެ މި އަތޮޅަށްވެސް. އިކޯ ޓޫރިޒަމް ކުރިއަށް ގެންދިޔުމާއި، ފަރުކޮޅު، އިކޯ ޓޫރިޒަމް މަޝްރޫޢު ހިމެނޭ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރެވިދާނެ، މިހާރު އެހެން ކަންކަމަށް ބޭނުންކުރާ ބައެއް ރަށްތަކަށް، ރީތި ރަށްތައް އެބަހުރި، އަދި ޓޫރިޒަމަށް ބޭނުންނުކުރާ.

އެހެންވީމާ، މި ހުރިހާ ކަމެއް ހިމެނޭގޮތަށް، ޓޫރިޒަމް ފުޅާކުރުން ވަރަށް މުހިންމު. އޭރުން ޒުވާނުންނަށްވެސް އަދި ޢާންމުކޮށް ހުރިހާ ރައްޔިތުންނަށްވެސް އާމްދަނީ އިތުރުކުރުމަށް، ޓޫރިޒަމް ފުޅާކުރުމަށް، މި ޖާގަ އިތުރުކުރީމާ ފުރުޞަތު ލިބިގެންދާނެ.

އާދެ، އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމާ މިކަމާ ގުޅިލާމެހޭނެ. ދެ ކަންތައް އެކުއެކީގައި ކުރިއަށްދިޔައިމަ، ރައްޔިތުންނަށް އެއިން ހެޔޮ ނަފާ ލިބޭނެ. އެހެންވީމާ، އެކަން އެގޮތަށް ކުރިއަށް ގެންދަން އަޅުގަނޑު ގަސްތުކޮށްފައި އޮތް ވާހަކަ ދަންނަވަން.

ހަމަ އެއާއެކީގައި، ބަނދަރުގެ މަސައްކަތްތަކާ އެކީގައި، ބިން އިތުރުކުރުން، މިހާރު މަޝްރޫޢުގައި ސޮއިކުރެވިފައި އޮތް ނަމަވެސް، އެކަން އެކަށީގެންވާ ގޮތެއްގައި އަދި ނުއެއްހިނގާ. އަޅުގަނޑު ވަޢުދުވީ ގޮތަށް މި ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށް ގެންދާނަން. އެކަންވެސް ހަމަ ދަންނަވާލަން.

އެހެންވީމާ، ބިން ހިއްކުމާ އެކީގައި، ގެދޮރުވެރިކަމަށްޓަކައި އިތުރު ޖާގަ ލިބިގެންދާނެ. މިހާރުވެސް މިރަށަކީ، އާބާދީ އެއްފަސްކުރުމުގެ ލާމަސީލު ރަށެއް ކަމުގައިވާއިރުގައި، ކުރިއަށް އޮތް ތަނުގައިވެސް އެކަން އެގޮތަށް ގެންދިޔުމަކީ، މި ރަށުގައި މިހާރު ދިރިއުޅުއްވާ ހުރިހާ ރައްޔިތުންގެ މުސްތަޤްބަލަށްވެސް އަދި ކުރިއަށް އޮތް ދުވަސްތަކަށްވެސް މުހިންމު ކަމަކަށްވާނެ.

އެހެންވީމާ، އެއަރޕޯޓް ބޮޑުކޮށް، ބިން އިތުރުކޮށް، ރަނގަޅު ފެންވަރަކަށް ބަނދަރު ހަދައި، ހުރިހާ މަގެއް ރަނގަޅު ފެންވަރެއްގައި ހެދުން. މިހިރީ އެކުއެކީގައި އިރާދަކުރެއްވިއްޔާ ގެންދަންޖެހޭ ކަންތައްތައް.

އެހެންވީމާ، މި ވިސްނުމުގައި އަޅުގަނޑުމެން ފުނަދޫގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި މިކަންކަން ކުރަން ނިންމާފައިވާ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާލަން.

އާދެ، ހަމަ އެއާއެކީގައި، ޒުވާނުންގެ އެކިކަހަލަ ބޭނުންތަކަށް ކުޅިވަރު ކުޅުމާއި، އަދި ޖުމްލަކޮށް ހަމަ މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައިވެސް ކުޅިވަރު ކުޅުމަށްޓަކައި އެކިކަހަލަ ވަސީލަތްތައް ޤާއިމުކުރުމާއި، މިކަހަލަ ކަންތައްތައްވެސް ހިމެނޭ. ސްކޫލްގެ ޚިދުމަތްތައް ރަނގަޅު ކުރުން، ސްކޫލްގެ ޖާގަ އިތުރުކުރުމާއި، މި ހުރިހާ ކަމެއްވެސް އަޅުގަނޑު ހަމަ ޖުމްލަ ގޮތެއްގައި މި ފާހަގަކޮށްލަނީ.

މި ހުރިހާ ކަމެއްވެސް ކޮށްދިނުމަށް ވަޢުދުވެފައި ހުރީ. އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ މި ވަޢުދުތަކަށް ސަމާލުކަންދޭނެ މީހެއް. އެއްވެސް ކަމެއް ހަނދާންނައްތާލައިގެން، ރައްޔިތުންނަށް އޭގައި ނާއުންމީދުކަން އަންނާކަށް ޖާގައެއް ދޭކަށް އަޅުގަނޑު ބޭނުމެއް ނޫން. އެހެންވީމާ، އެހާ އަވަހަށް، ފުރަތަމަ ދުވަހުން ފެށިގެންވެސް އަޅުގަނޑުމެން އިޤްތިޞާދު ކޮޅަށްޖަހަން މަސައްކަތް ފެށީ. ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ނުފަށައި ބޭއްވިނަމަ، މިއަދު އަޅުގަނޑުމެންނަކަށް މިކަހަލަ ވަޢުދުތަކެއް، ވަޢުދުތައް ފުއްދާނެ ކަމުގެ ޔަޤީންކަމެއް ނުދެވޭނެ.

އެހެންވީމާ، ވަރަށްގިނަ މަސައްކަތްތަކެއް، މިދިޔަ 100 ވަރަކަށް ދުވަހު އެގޮތުން ކުރެވިފައިވާނެ. އެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް އެބަދޭ.

މި ދެންނެވި އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކާ އެކީގައި، އާމްދަނީ އިތުރުކުރުމަށް ފުރުޞަތުތައް ހުޅުވައިލަމުން، ޢުމްރާނީ ތަރައްޤީއާއި، އިޖުތިމާޢީ ތަރައްޤީއަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނެ ވާހަކަ މި ދަންނަވަނީ.

އާދެ، އަޅުގަނޑު ހަމަ ޖުމްލަކޮށް މި ވާހަކަތައް ދަންނަވާލާފައި، ކުރުކޮށްލަން ގަސްތުކުރަނީ. އެހެން ނަމަވެސް، ތަކުރާރުކޮށްލާނަން، އިރާދަކުރެއްވިއްޔާ ފުނަދޫގެ އަދި މި ދާއިރާގެ ތަރައްޤީއަށްވެސް ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދާނަން. އޭގެތެރޭގައި، ޒުވާނުންނާ ގުޅޭ ކަންތައްތައް. މި ރަށުގެ ފުޓްބޯޅަ ދަނޑުގެ ވާހަކަވެސް ޙިއްޞާ ކުރެވިފައި އެބައޮތް. ޒުވާނުން، އިސް ރަށްވެހިން، ކަނބަލުން، މި ހުރިހާ ފަރާތްތަކަކަށް ބޭނުންވާ ހުރިހާ ކަމަކީ، އަޅުގަނޑުމެން އިސްކަންދީގެން ކުރިއަށް ގެންދާނެ ކަންތައްތައް.

ދެން ކަނބަލުންގެ ވާހަކަ ފާހަގަކޮށްލީމާ، ތަކުރާރު ކުރަމުން އަންނަ ވާހަކައެއް މިއަދުވެސް ހަމަ ދަންނަވާލާނަން. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދިމާވެފައި މިއޮތް މައްސަލައަކީ، އަޅުގަނޑުމެން ވަރަށް އިސްކަންދޭން ބޭނުން ކަމެއް. ސަރުކާރުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނުތަކަށް ބަދަލުގެނެސްގެން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް އެ ކުރާ މަސައްކަތުގައި ހެޔޮކަން، އޭގެ ބަދަލު ލިބޭނެގޮތް ހެދުން. އެއީ، ދޭ އެލަވަންސް އެއީ، މުސާރައަކަށް ބަދަލުކޮށް، ޗުއްޓީއާއި، މުވައްޒަފުންނަށްވީމަ ލިބެންޖެހޭ ހުރިހާ ޢިނާޔަތްތައް ލިބޭގޮތް ހެދުން. ޤާނޫނުން ގެނެވޭނެ ބަދަލެއް އެއީ. ރޯދަމަހުގެ އެލަވަންސް ލިބުމާއި، އަދި އެ ލިބޭ ފައިސާ، އެ ލިބޭ ފަސް ޕަސެންޓަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަރައްޤީގެ މަސައްކަތްތަކަށް، ނޫނީވިއްޔާ ހަރަކާތްތައް ހިންގަން ޚާއްޞަކުރެވޭ އެއްޗަކަށް ހަދައިދީ، މުސާރަ އެއީ، އެއިން ދޭ އެއްޗަކަށް ނަހަދައި، މުސާރައަކީ ވަކިން ކަނޑައަޅާ އެއްޗަކަށް ހަދައި، މުސާރައަކީ ވަކިން ބަޖެޓަކުން ދޭ އެއްޗަކަށް ބަދަލުކުރުމާއި، މި ފަސް ޕަސެންޓް މިއީ، މުސާރަދޭ އެއްޗެއްގެ ގޮތުގައި މިހާރު އޮންނަ އޮތުން ބަދަލުކުރުމާއި، މި ހުރިހާ ކަމަކަށް އަޅުގަނޑު ތާއީދުކުރަން.

އެހެންވީމާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޙަޤީޤީ މާނައިގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުން އެއީ، ޤާނޫނަށް ބަދަލުގެނެސްގެން ކުރެވޭނެ ކަމެއްވީމަ، ދެންމެ މި ތަނުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް އެ ފާހަގަކުރެއްވި ފަދައިން، ރައްޔިތުންގެ މަޖިލީހުގެ ބޭނުންތެރިކަން ބޮޑުވާ ސަބަބަކީ އެއީ. ސަރުކާރުގެ ވިސްނުމުގައި މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް އޮތުމަކީ، މިކަހަލަ މުހިންމު ކަންކަން ކުރުމުގައި ދާދި ފަސޭހަ ކަމަކަށްވާނެ.

އެހެންވީމާ، އަޅުގަނޑު މި ޔަޤީންކަން މިދެނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒުކޮށްދޭ ރައްޔިތުންގެ މަޖިލީހެއް އޮވެއްޖެނަމަ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ހުރިހާ ކޮމިޓީތަކަކުން އެދެމުންދާ ހުރިހާ ކަމެއް، އެއީ ޤާނޫނުގެ ތެރެއިން، އަޅުގަނޑު ވަރަށް ތާއީދުކުރާ ކަންކަންވީމަ ބަދަލުކޮށްދޭނަމޭ. އަދި އޭގެއިތުރަށްވެސް، ހަމަ ޖުމްލަކޮށް، ހުރިހާ ދާއިރާއަކުން ކުރަން މިހިރަ ކަންކަމަށް ބޭނުންވާ ޤާނޫނުތައް ހެދުމުގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ދާނެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގެދޮރުވެރިކަމާ ގުޅޭ ބިލުތައް މިހާރުވެސް ޑްރާފްޓްކޮށް ފޮނުވަމުން މިދަނީ.

ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލަ ދާއިމީ ގޮތެއްގައި ޙައްލުކުރަންޏާ ހަދަންޖެހޭ މުހިންމު ޤާނޫނުތަކެއް އެބަހުރި. ތަރައްޤީވެފައި ހުރި ޤައުމުތަކުގައި ހަދާފައި ހުރި، ޢަމަލުކުރަމުންދާ މުހިންމު ޤާނޫނުތަކެއް އެބަހުރި. އެހެންވީމާ، އެ ހުރިހާ ޤާނޫނުތަކެއް ފާސްކުރެވޭނެ މަޖިލިސް ތެރެއިން. ސަރުކާރުގެ ވިސްނުމުގައި، ރައްޔިތުން އެދޭ ކަންކަން ހާސިލުކުރެވޭ ގޮތަށް އެކަން ކޮށްދޭނެ މަޖިލީހަކުން އެކަން ވާނީ.

އާދެ، މިކަންކަން ފާހަގަކޮށްލާފައި ނިންމާލަން. އަދިވެސް އެއްފަހަރު، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އަނެއްކާވެސް ދޭނެ ޔަޤީންކަމަކީ، ތިޔަބޭފުޅުން އެދިވަޑައިގެންނެވި ކަންކަމުގައި އިރާދަކުރެއްވިއްޔާ ކުލަޖައްސައިދޭނެކަމުގެ ޔަޤީންކަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އިޚްލާޞްތެރިކަމާ އެކީގައި، ވިސްނުންތެރިކަމާ އެކީގައި ކުރިއަށްދާ ބައެއް ކަމުގައި މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މި ޤައުމަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.