بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކަނޑިތީމުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަދި ކައުންސިލްގެ ރައީސް، ކައުންސިލަރުން، މި ރަށުގެ މުއައްސަސާތަކުގެ ވެރިން، އަދި މި ދާއިރާގެ އެހެން ރަށްތަކުގެ ކައުންސިލަރުން އަދި ޑަބްލިޔޫ.ޑީ.ސީ. މެންބަރުން، މި ޖަލްސާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު މި ރަށަށް އަޅުގަނޑުމެންނަށް އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މި ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، މި ރަށުގެ ތަރައްޤީއަށްޓަކައި މިދިޔަ ރިޔާސީ އިންތިޚާބު ތެރޭގައި ކަންކަން، ތިޔަބޭފުޅުން ވިދާޅުވި ބައެއް ކަންކަމުގައި އަޅުގަނޑު ވާނެ ވަޢުދުތަކެއް ވެފައި. މިއަދު ކައުންސިލް ބައްދަލުވުމުގައިވެސް އެކަންކަން ފާހަގަކުރެވިގެންދިޔަ.

އަޅުގަނޑު ދޭން ބޭނުންވާ އެންމެ މުހިންމު ޔަޤީންކަމަކީ، އެއީ ތިޔަބޭފުޅުންނަށް އަޅުގަނޑު ވީ ވަޢުދުތައް، އެއީ، ހަމަ ޙަޤީޤަތުގައިވެސް ފުއްދައިދިނުމަށް ވީ ވަޢުދުތަކެއްކަމުގެ ޔަޤީންކަން. މި ރަށުގެ ތަރައްޤީއަށް ކުރަން ހުރި ކަންކަން އެކަންކަމަކީ. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ، އެ ހުރިހާ ކަމެއް ޙަޤީޤަތަކަށް ހަދައިދޭނަން.

ބަޖެޓުގައި ފައިސާ ހުރީ އެކި މަޝްރޫޢުތަކަށް އެކިގޮތަށް. އެ ބަޖެޓް ހެދުމުގައި މި ސަރުކާރުގެ ޓްރާންސިޝަން ޕީރިއަޑްގައި ލިބުނީ ދިހަވަރަކަށް ދުވަސް. އަޅުގަނޑުމެން ހުށަހެޅިން މިރަށަށް ބޭނުންވާ، އަޅުގަނޑު ވަޢުދުވި ހުރިހާ ކަމެއްވެސް. އަދި ހަމަ އެގޮތަށް ހުރިހާ ރަށަކަށް
ވީ ވަޢުދުތައް ފުއްދުމަށް ބޭނުންވާ އަދަދުތައް ހިމަނަން.

އެހެންނަމަވެސް، މަޖިލިސްގެ ވަރަށް ކުޑަ ފަސެންޓޭޖެއްގައި، އަޅުގަނޑުމެންގެ ވަރަށް މަދު އަދަދެއްގެ މެންބަރުން މި ތިބެނީ. އެހެންވީމާ، މިހާރު މިއޮތް މަޖިލީހުން އެ ބޭފުޅުންގެ ސަރުކާރު އޭރު އޮތީ. އެބޭފުޅުންގެ ފިނޭންސް މިނިސްޓަރ ބަޖެޓު ހުށަހެޅުއްވީވެސް. އެހެންވީމާ، އަޅުގަނޑަށް ލިބުނު ދިހަވަރަކަށް ދުވަހު ތެރޭގައި ވަޢުދުތައް ފުއްދަން ހިމެނި ހުރިހާ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވޭ ގޮތަކަށް ނޫން ބަޖެޓް ފާސްކުރީކީ. އެ މަޝްރޫޢުތަކުގެ ތެރެއިން ބައެއް ކަންކަން ހިމަނައިދިނީ. އަނެއްބައި ކަންތަކެއް ނުހިމަނާ. ހިމެނި ކަންކަމުގައި މަސައްކަތް ފެށޭވަރަކަށް ފައިސާއެއް ނުހިމަނާ. ހިނގަމުން ގޮސް ހުއްޓިފައި ހުރި މަޝްރޫޢުތައް ފަށަން، އެ މަޝްރޫޢުތައް ނިންމޭވަރަކަށް ފައިސާއެއް ނުހިމަނާ. މިކަހަލަ ގޮތަކަށް އޮތީ ބަޖެޓް ހަދާފައި އަޅުގަނޑުމެންނަށް ދެއްވާފައި.

އެހެންނަމަވެސް، މި އަހަރުތެރޭގައި، މި ރަށުގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތައްވެސް، މި ދާއިރާގެ ރަށްތަކުގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތައްވެސް ތަރުތީބަކުން ކައުންސިލްތަކާ މަޝްވަރާ ކުރެވިގެން، އަޅުނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން.

އެކަން ކުރުމަށްޓަކައި އިޤްތިޞާދު ހަރުދަނާ ކުރުމުގެ ވަރަށް ބުރަ މަސައްކަތްތަކެއް، ވަރަށް ގިނަ މަސައްކަތްތަކެއް، ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ފެށީ. އެއީ، އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވާނެ އެކިކަހަލަ ވަސީލަތްތައް އިތުރުކުރަންޖެހޭ. ދަރަނި ދައްކާނެ ގޮތްތައް ފަހިކުރަންޖެހޭ.

މި ހުރިހާ ކަމެއް އެކުއެކީގައި އަޅުގަނޑުމެން ފަށާފައި ވާނީ. މި ހުރިހާ ކަމެއް، އިޤްތިޞާދީ އެޖެންޑާގައި ހުރި ހުރިހާ ކަމެއް އެކުއެކީގައި ފެށީ އެ ބޭނުމުގައި. އެހެންވީމާ، މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވާނީ ހަމަ ދެންމެ މި ދެންނެވި ގޮތަށް، ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއްވެސް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭގޮތް ވުން.

އާދެ، އެގޮތުން ހަމަ މިސާލެއް ގޮތުގައި އަޅުގަނޑު ހުރިހާ ކަމެއް ތަކުރާރެއް ނުކުރާނަން. ވަޢދުވި ހުރިހާ ކަމެއް ފުއްދައިދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެން މިދިނީ. އެއާ އެކީގައި، ބައެއް ކަންކަން ފާހަގަކޮށްލާއިރުގައި، މިސާލަކަށް، ބަނދަރުގެ ދަތިކަން. ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން. ނެރުތެރެ ތިލަވެގެން ދިމާވާ އުނދަގުލުގެ ވާހަކައާއި، އެކަން ހައްލުކޮށްދިނުން. މިސާލަކަށް، މަގުތައް ހެދުމުގެ މަޝްރޫޢު. ކްލާސްރޫމްތައް، 12 ކްލާސްރޫމާއި، ސްކޫލަށް ޖާގަ، އޮފީސް ޖާގަ އިތުރުކުރުމުގެ މަޝްރޫޢު. މަލްޓި-ޕަރޕަސް ހޯލުގެ ހިނގަމުންދާ މަޝްރޫޢު އަވަހަށް ނިންމުން. ހެލްތު ސެންޓަރުގެ މަޝްރޫޢާއި، އަދި އެތަނަށް ކުޑަކުދިންގެ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ހޯދުމުގެ މަސައްކަތް. މިކަހަލަ މަސައްކަތްތައް. އަދި ހަމަ މިއާއެކީގައި، ޒުވާނުންގެ މަރުކަޒު، އަންހެނުންނަށް ބޭނުންވާ ހޭންޑްބޯލް ކޯޓާއި، އިންޑޯރ ޖިމްއާ، މިކަހަލަ މަޝްރޫޢުތައް މިހިރީ ކުރިއަށް ގެންދަން.

އާދެ، މި ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން. ދެންވެސް ހުރި މަޝްރޫޢުތައް. އަޅުގަނޑު ހަމަ ބައެއް ކަންކަން އުނިވެދާނެތީ ހުރިހާ ކަމެއް ނުދަންނަވަނީ. ހުރިހާ ކަމެއް ހުންނާނީ ލިޔެވިފައި. ވަޢުދުތައް ފުއްދާނެކަމުގެ ޔަޤީންކަން އަޅުގަނޑު މިދެނީ. އަދި އެ މަސައްކަތްތައް ބާރު ސްޕީޑުގައި އެބަ ހިނގާ.

އިޤްތިޞާދީ ގޮތުން ބަލާއިރުގައި، ޓޫރިޒަމް ފުޅާކުރުމަށްޓަކައި، އަޅުގަނޑު ދެންނެވީ، ރިޒޯޓުގެ ފުރުޞަތުތައް ހުޅުވައިލާ ވާހަކަ. އެހެންވީމާ، މިހެން ހުރި ހުރިހާ ކަމަކަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަމޭ. އިރާދަކުރެއްވިއްޔާ އެކަންކަން ވާނެ. އެކަންކަން ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުމެން މިދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން.

އާދެ، ދެން ހަމަ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ކެމްޕެއިން ތެރޭގައިވެސް އައި އޭ.ޓީ.އެމް.ގެ ވާހަކަވެސް. އެކަންވެސް ހަމަ ހިމެނޭގޮތަށް، އަޅުގަނޑު މި ދަންނަވަނީ. އާދެ، މި ހުރިހާ މަސައްކަތްތަކެއް، މި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކުރުމަށް އަޅުގަނޑުމެން އެކުއެކީގައި، މަސައްކަތްތަކެއް ފަށައިގެން މިއުޅެނީ. މި ދާއިރާގެ އެހެން ރަށްތަކަށްވެސް ހަމަ ހުންނާނެ އެގޮތަށް ވަރަށް ގިނަ ވަޢުދުވެފައި. އިރާދަކުރެއްވިއްޔާ، އެ ހުރިހާ ވަޢުދުތަކެއްވެސް ފުއްދާނެކަމުގެ ޔަޤީންކަން އަޅުގަނޑު މިދެނީ.

މިކަންކަން ކުރުމުގައި، ޙަޤީޤަތުގައިވެސް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. އެއީ، ދެންމެ މި ފާހަގަކުރި ފަދައިން، މަޖިލިސްގެ ތެރެއިން ބަޖެޓް މި ފާސްކުރަނީ. ބަޖެޓް ފާސްކޮށްފައި އޮތްގޮތް، އަޅުގަނޑު ދެންމެ މި ދެންނެވީ. އަޅުގަނޑުމެންނާ އެއް ވިސްނުމެއްގައި ނެތް މެންބަރުންތަކެއް ތިބީމަ، ވެގެން އުޅޭ ގޮތެއްގެ ވާހަކަ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް، އަދި އަމުދުން މި އަހަރުގައި ދެން ބާކީ މި އޮތް ދުވަސްތަކުގައި، މި ކުރަން ހުރި މަސައްކަތްތަކުގައިވެސް، ވަރަށް މުހިންމުވާނެ މަޖިލިސް. އެއީ، އަޅުގަނޑުމެންނަށް މި ކަންކަން ކުރުމުގައި ފަހިކޮށްދޭ މަޖިލީހަކަށް ވެގެންދާންޖެހޭތީ.

އެހެންވީމާ، ރައްޔިތުންގެ އަތްމައްޗަށް މި އަންނަ ބާރު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ލިބޭ ފުރުޞަތުގައި، އަޅުގަނޑު އެދެނީ މިކަމަށް ވިސްނާވަޑައިގަތުމަށް. ވިސްނާވަޑައިގެން، މި މުހިންމު މަސައްކަތްތައް ކުރެވޭނެ ގޮތަށް މަޖިލީހަށް މެންބަރުން ހޮއްވަވައި ދެއްވުމަށް. ޙަޤީޤަތުގައި މިއީ ތަރައްޤީވެފައިވާ، ނޫނީވިއްޔާ ތަހުޒީބުވެފައިވާ ޑިމޮކްރަސީތަކުގައި،
މާ އުނދަގޫ ކަމެއް ނޫން. ކޮންމެ ޕާޓީއަކުން މީހަކު ހޮވިފައި ހުއްޓަސް، އެ ދާއިރާއަކަށް ކުރިއެރުން އަންނަ ކަމަށްވަންޏާ، އެ ޤައުމަށް ކުރިއެރުން އަންނަންޏާ، އެއްބާރުލުންދޭ، ތަރައްޤީވެފައި ހުރި ބޮޑެތި ގިނަ ޤައުމުތަކުގައި. ރާއްޖޭގައި އަދި އެހިސާބަކާ ގާތަށްވެސް ނުދޭ. މާބޮޑަށް ސިޔާސީވެފައި މި އޮންނަނީ. ޕާޓީ ލައިނުން ވަރަށް ބޮޑަށް، އަދި އަމުދުން މިހާރުގެ އިދިކޮޅު ޕާޓީން، ވަރަށް ބޮޑަށް ޕާޓީލައިން ނަގަނީ ކަންކަމުގައި. ތަރައްޤީގެ ވިސްނުމެއް ނޫން. ޤައުމަށް ފައިދާހުރި ކަންކަމެއް ނޫން. އެ ފަރާތްތަކުގެ އަމިއްލަ ވަކި މަޞްލަޙަތުތަކެއް، އަދި އަމުދުން މިހާރު ފެންނަގޮތަށް، މިދިޔަ ތިންމަސްދުވަހުގެ ތެރޭގައި، ކަންކަން ފެނުނު ގޮތުންވިއްޔާ، އަދި އޭގެ ކުރިން، އެ ބޭފުޅުން ވެރިކަމުގައި ތިއްބެވިއިރުގައި، ޤައުމާ ދޭތެރޭގައި ކަންތައްތައް ކުރިގޮތަށް ބަލާއިރުގައި، މުޅިން އެހެން ފަރާތެއްގެ މާ ބޮޑެތި މަޞްލަޙަތުތަކެއް ހިމާޔަތްކުރުމުގެ އެޖެންޑާއެއް ގެންގުޅެނީ. އެހެންވީމާ، މިއީ ރާއްޖޭގެ ހާލަތު. އެހެންވެގެން އަޅުގަނޑު މި ދަންނަވަނީ، މިކަމުގައި ވިސްނައިވަޑައިގަންނަވަންޖެހޭ ސަބަބު.

އާދެ، އެއީ ރައްޔިތުންގެ ކިބައިން އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. މިކަމާ ވިސްނާވަޑައިގެން، ހެޔޮވިސްނުމަށް ޖާގަ ދެއްވުމަށް. ޕާޓީގެ މަޞްލަޙަތަށްވުރެ ޢާއިލީ މަޞްލަޙަތު އިސްނުކުރެއްވުން. މި ދެންނެވި ޙަޤީޤަތާ އެއްގޮތަށް ވިސްނާވަޑައިގެން، ޤައުމުގެ ތަރައްޤީއަށް، ރަށުގެ ތަރައްޤީއަށް، ދާއިރާގެ ތަރައްޤީއަށް ކުރަންހުރި މިހިރަ ކަންކަމުގައި، އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ މަގު މަޖިލިސްތެރެއިން ފަހިކޮށްދިނުން.

އާދެ، އަޅުގަނޑަށް ޔަޤީން، އެގޮތަށްކަން ހަމަ މި އަތޮޅުގެ، މި ރަށުގެ ރައްޔިތުން، މި ދާއިރާގެ ރައްޔިތުން މަސައްކަތް ކުރައްވާނީ.

އާދެ، އަދިވެސް އެއްފަހަރު އަޅުގަނޑު ޔަޤީންކަން ދޭން ބޭނުން، ކަނޑިތީމުގެ ތަރައްޤީއަށް ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް، އަދި މި ދާއިރާގެ ތަރައްޤީއަށް، އަދި މި އަތޮޅުގެ ތަރައްޤީއަށް ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެކަމުގެ. އަޅުގަނޑު އެހެން ރަށްތަކުގައިވެސް މި ދަތުރުގައި މި ދަންނަވާ ފަދައިން، އަޅުގަނޑުމެންގެ މާސްޓަރ ޕްލޭން ހެދިގެންދާއިރުގައި، މެނިފެސްޓޯގައި ކަނޑައަޅާފައި އޮތްގޮތަށް، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމުގައި މި އަތޮޅު ހިމެނޭގޮތަށް، މި ސަރަޙައްދުގައި އެކުލެވިގެންވާ، ލާމެހިފައިވާ ތަރައްޤީގެ އިންޓަރގްރޭޓަޑް ޒޯނެއް ޤާއިމުކުރަން އަޅުގަނޑުމެން ނިންމާފައި މިއޮތީ.

އެހެންވީމާ، ތަރައްޤީގެ ގިނަގުނަ މަޝްރޫޢުތައް އަންނާނެ. އެކިއެކި އެއަރޕޯޓުތަކާއި، މިކަހަލަ އެކި ކަންތައްތައް، އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވެފައި ހުރި ކަންތައްތައް އެބަހުރި މި ދާއިރާގައިވެސް. އަދި މި އަތޮޅުގައިވެސް. އެހެންވީމާ، މި ހުރިހާ ކަމަކީ ކުރިއަށް ގެންދާނެ މަޝްރޫޢުތައްކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ދަންނަވާލަން.

އާދެ، އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ތިޔަ ހުރިހާ ބޭފުޅުންނަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރައްވައި، އަޅުގަނޑުމެންގެ ޤައުމަށް ފާގަތިކަން މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.