بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކުޅުދުއްފުށި ސިޓީގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ސިޓީގެ މޭޔަރ އަދި ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާއި، ސިޓީގެ މުއައްސަސާތަކުގެ ވެރިން، އަދި ވަޑައިގެން ތިއްބެވި ދައުލަތުގެ ވަޒީރުންނާއި، ޢިއްޒަތްތެރިން، އަދި މި ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، މި ސިޓީގެ ތަރައްޤީއަށްޓަކައި އަޅުގަނޑު ކެމްޕެއިން ތެރޭގައި ވީ ހުރިހާ ވަޢުދެއްގެ މަތިން ހަނދާން އެބަހުއްޓޭ. އަދި ހަމައެކަނި ހަނދާން ބަހައްޓަނީކީ ނޫން. އެކަންކަން ފުއްދުމަށްޓަކައި، ފުރިހަމައަށް ފުއްދައިދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެބަ ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަންކަން ކުރާނަން، ކޮށްދޭނަން. ރައްޔިތުން އެދިވަޑައިގެންނެވި ކަންކަން އަޅުގަނޑު ކޮށްދޭނަން. އެކަމުގެ ޔަޤީންކަންދެން.

މިއަދު ގާތްގަނޑަކަށް ތިންމަސް ވެގެންދިޔައިރު، ވަރަށްގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް ފެށިއްޖެ. ފެށިގެން ކުރިއަށްދަނީ. މި މަސައްކަތް މި ކުރަނީ، މި ސިޓީގެ ތަރައްޤީއާއި، ރާއްޖޭގެ އެންމެ ކުޑަ ރަށުގެ ތަރައްޤީއާއި، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ރައްޔިތުންގެ ތަރައްޤީއަށް ޙަޤީޤީ ސިފަ ގެނެސްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް. އަޅުގަނޑުމެންގެ އިޤްތިޞާދީ ޙާލަތު އޮތްގޮތް އަޅުގަނޑު 17 ނޮވެންބަރުގައި އޮތް ހުވާކުރުމުގެ ރަސްމިއްޔާތުގައި، ހުވާކުރުމަށްފަހު ރެކޯޑަށްޓަކައި، އެންމެންނަށް އެނގޭ ކަމެއް ނަމަވެސް ދެންނެވިން.

120 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތީ ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައި. އަދި އެތައް ރައްޔިތުންނެއް، މި ސިޓީގައިވެސް ހަމަ ޔަޤީން ތިއްބަވާނެކަން، ފައިސާ ނުލިބިފައި ތިބި އެތައް ރައްޔިތުންނެއް. ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ދޭންހުރި ފައިސާ، ސަރުކާރުގެ އޮފީސްތަކުން، އެކިއެކި މިނިސްޓްރީތަކުން ދޭންހުރި ފައިސާގެ ޢަދަދު 9 ބިލިއަން، 9000 މިލިއަނަށް އެބައަރާ. މި ފައިސާތައް ދައްކަމުން، އަޅުގަނޑުމެންގެ އިޤްތިޞާދުގައި ހުރި ހީނަރުކަން ފޫބައްދަމުން، އާމްދަނީގެ އެކިއެކި ފުރުޞަތުތައް ފަހިކުރަމުން، އަޅުގަނޑުމެން މި ބަލަނީ، މިގޮތަށް ކުރަންހުރި މުހިންމު މަސައްކަތްތައް ކުރެވޭނެ މަގު ފަހިކުރަން.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ ގެދޮރުވެރިކަން. ރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް، ބައިބޯ ހުރިހާ ތަނެއްގައި އެންމެ މުހިންމީ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް އައުން. އަބަދުވެސް ހުރިހާ ސަރުކާރަކުންވެސް އެކަމަށް މަސައްކަތް ކުރޭ. އެކަމަށް މަސައްކަތް ނުކުރާ އެއްވެސް ސަރުކާރެއް ރާއްޖެއަކު ނާދޭ. އެހެން ނަމަވެސް، އެކަށީގެންވާ ދާއިމީ ޙައްލެއް އަދި ނުގެނެވި އޮތީ. އަޅުގަނޑު ވަޢުދުވީ އެންމެބޮޑު ކަމަކީ އެއީ. މި ދައުރު ނިމުމުގެ ކުރިން މި މައްސަލައަށް އިރާދަކުރެއްވިއްޔާ ދާއިމީ ޙައްލު ގެނެސްދޭނެ ކަމަށް.

އެ މަސައްކަތަށް ބަލާއިރުގައި، ރާއްޖޭގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ގެންދިޔުމުގައިވެސް، ހުރިހާ ނަޒަރިއްޔާތަކުން ބަލާއިރުގައިވެސް، މި ގެދޮރުވެރިކަމުގެ ވަޢުދު ފުއްދުމުގައި، އެންމެ ބޮޑު ޙިއްޞާއެއް ލިބޭނެ އެއް މަންޒިލަކީ މި ސިޓީ. އެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން. ސަބަބަކީ އާބާދީ ވަރަށްބޮޑު. ތަރައްޤީގެ ބޭނުމުގައި މި ސިޓީއަށް ހިޖުރަކުރޭ މީހުން. ތަރައްޤީ އެއްފަސްވެވޭ. އާބާދީ ބޮޑުކުރުމުގެ ޖާގަ އެބައޮތް. ބިން އަދި އިތުރަށް ބޮޑުކުރެވެން ނެތް ނަމަވެސް. ޒޯނެއްގެ ގޮތުގައި އަޅުގަނޑުމެން މި ސަރަޙައްދު މި ބަލަނީ. އުތުރުގެ ހަތަރު އަތޮޅު އެކީގައި، އުތުރުގެ ޑިވެލޮޕްމަންޓް ޒޯނުގެ ގޮތުގައި ތަރައްޤީ ކުރުމަށް. ގުޅިލާމެހިފައި އޮތް އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރުން މިއޮތީ މި ސަރަޙައްދަށް ބަލައިފީވިއްޔާ. ހަމަ އެގޮތަށް، ދެކުނުގައިވެސް ހަތަރު އަތޮޅު. އަދި މެދު ރާއްޖެތެރޭގައި، މާލޭގެ އުތުރާއި ދެކުނުން އިތުރު ހަތް ރަށެއް. ހަތް ސަރަޙައްދެއް. މިއީ، ފުރަތަމަ ދުވަހު، ކެމްޕެއިން ލޯންޗް ކުރަމުންވެސް އަޅުގަނޑު ދެއްކި ވާހަކަ. އެއީ، އަޅުގަނޑުމެންގެ ސިޔާސަތު. މެނިފެސްޓޯގައިވެސް ލިޔެފައި އޮތީ. އަދި ކުރިއަށް އޮތް 20 އަހަރު ދުވަހަށް އަޅުގަނޑުމެން ޤާނޫނެއް ހަދައިގެން، ޙިމާޔަތްވެސް ދިނުމުގެ ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ ފުރިހަމަ މަޝްވަރާއާ އެކީގައި ތައްޔާރުކުރާނެ، މި އަހަރުގެ ތެރޭގައި ތައްޔާރުކޮށް ނިންމާ 20 އަހަރުގެ މާސްޓަރ ޕްލޭންގައިވެސް މައިގަނޑު އޮނިގަނޑު އޮތީ މިގޮތަށް. އެހެންވީމާ، މި ދެންނެވި އުތުރުގެ ސަރަޙައްދީ ޒޯނުގެ މައި ހަބަކީ މި ސިޓީ.

އެހެންވީމާ، މި ސިޓީގެ ތަރައްޤީއަށް އަޅުގަނޑުމެން ކޮންމެގޮތެއްވިޔަސް ވަރަށް އިސްކަންދޭނެ. ވަރަށް އިސްކަންދޭނަން. ކެމްޕެއިންގައި އަޅުގަނޑު ވަޢުދުވީ 2000 ހައުސިންގ ޔުނިޓް އެޅުމަށް. ބަޖެޓުގައި އެކަން ހިމެނިފައި އެއޮތީ. އަދި ހިނގަމުންދާ މަޝްރޫޢެއް އެބައޮތް. ސޮއިކުރެވިފައި އަދި ނުފެށި އޮތް މަޝްރޫޢެއް އެބައޮތް. މި ދެ މަޝްރޫޢު ނުލައި، 2000 ހައުސިންގ ޔުނިޓުގެ ވާހަކަ އަޅުގަނޑު ދެންނެވީ. ދެންމެ މޭޔަރު އެ ފާހަގަކުރެއްވީ އެ ދެ މަޝްރޫޢު. އެހެންވީމާ، އެ ދެ މަޝްރޫޢުގެ ކަންތަކާ އެކީގައި އަދި އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް، މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔުން އަޅުގަނޑުމެންގެ ވިސްނުމަކީ.

އެހެންވީމާ، އެ މަސައްކަތް އެގޮތަށް ގެންދާ ކަމަށްވަންޏާ، ބަރާބަރަށް ދާކަމަށްވަންޏާ، 3400 ހައުސިންގ ޔުނިޓް ދޮގެއްތޯ އެ ހަމަވަނީ. އެކަން ކުރީމަ، އިރާދަކުރެއްވިއްޔާ ކޮންމެވެސްވަރެއްގެ ޙައްލެއް މި ސިޓީއަށް ލިބޭ. އަދި އެއީވެސް އެކަށީގެންވާ ޢަދަދެއް ނޫން. މި ދެންނެވި ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި ބަލާއިރު، އެ މުޅިން އަދި އެކަށީގެނެއް ނުވޭ. އެހެން ނަމަވެސް، އެއީ ފެށުމެއް.

މި ވާހަކަތައް މިހާ ތަފްޞީލުކޮށް މި ދަންނަވަނީ، ޔަޤީންކަން ދިނުމުގެ ބޭނުމުގައި. އަޅުގަނޑުމެން ނިންމާފައި އޮތް ނިންމުން ވަރަށް ސާފުކޮށް ކަށަވަރުވާވަރަށް ތިޔަބޭފުޅުންނަށް އަޅުގަނޑު ދެންނެވުމުގެ ބޭނުމުގައި. އެއީއޭ ވިސްނުމަކީ، އެއީއޭ ސިޔާސަތަކީ އަޅުގަނޑުގެ. އެގޮތަށް އިރާދަކުރެއްވިއްޔާ މަސައްކަތްތައް ނިންމައިދޭނަމޭ. ކުރިއަށްދާނެއޭ އިރާދަކުރެއްވިއްޔާ. ނަތީޖާ ނެރެދޭނަމޭ އިރާދަކުރެއްވިއްޔާ. މި ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލަ ދާއިމީ ގޮތެއްގައި ހަމަ ޙަޤީޤަތުގައިވެސް ޙައްލުކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ، ދެން އަޅުގަނޑު ދެންނެވިން މަގުތަކުގެ ވާހަކަ. މަގު ހެދުމަކީ މުޅި ރާއްޖޭގެ ރަށްތަކަށް އަޅުގަނޑު ކެމްޕެއިންގައިވީ ވަޢުދެއް. ދެ ކަމެއް ވަޢުދުވީ. އެއްކަމަކީ ސިޓީތަކުގެ މަގުތައް. ދެވަނަ ކަމަކީ ދެންހުރި ހުރިހާ ރަށެއްގެ މަގުތައް. އަޅުގަނޑު ވަޢުދުވީ ސިޓީތަކުގެ ހުރިހާ މަގުތަކެއް ހަދަން. އެހެންވީމާ، އަދި މިވަގުތު ހަތް ކިލޯ މީޓަރު، ދެވަނަ ފޭސްއެއްގެ ގޮތަށް އޮތަސް،
މި ސިޓީގެ މަގުހެދުމުގެ މަޝްރޫޢު ނިމޭނީ ހުރިހާ މަގެއް ހަދައި ނިމިގެން. އެހެންވީމާ، އެ ޔަޤީންކަން ދެން.

އާދެ، މަގު ހެދުމަކީ ތަރައްޤީއަށް އަސާސީ ކަމެއް. މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަކީ، ތަނަކަށް ތަރައްޤީ ގެންނަންޏާ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، އެވަރަށް އެކަމަށް އިސްކަންދެނީ. ދެން މި އަހަރު ބަޖެޓުގައި އެކަށީގެންވާ ވަރަކަށް ފައިސާއެއް ނެތް ހިމަނާފައެއް. ދެން އެއީ، ވަރަށް ގިނަ ސަބަބުތަކާ ހެދި. އަޅުގަނޑު އެކި ޖަލްސާގައި އެ ވާހަކަ ދައްކައިފިން. މައިގަނޑު ގޮތެއްގައި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެންގެ ސިޔާސަތަށް ތާއީދު ނުކުރާތީ، އަޅުގަނޑުމެންނަށް ދިން ދިހަވަރަކަށް ދުވަސްތެރޭގައި މި ހުރިހާ މަޝްރޫޢެއް ހިމެނީމާވެސް، އަޅުގަނޑުމެން ހިމަނަން އެދުނު ޢަދަދަށް ފައިސާ ހިމަނާފައި ނެތް. ނެތީމަ ވީގޮތެއް އެއީ. ބައެއް މަޝްރޫޢުތައް އެކީގައި އުނިވެސް ކޮށްލާފައި އެބަހުރި. އެހެންވީމާ، މިކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ބާރެއް ނެތީމަ، މަޖިލީހުން އެއޮތީ އެކަހަލަ ގޮތަކަށް ނިންމާފައި. ހިނގަހިނގާ ހުރި އެތައް މަޝްރޫޢެއް ނިންމޭނެވަރާ ގާތަށްވެސް ފައިސާ ނުހިމަނާ. އެއީ، ދުވަހަކުވެސް ރާއްޖޭގައި ކުރި ކަމެއް ނޫން. އަބަދުވެސް ބަޖެޓް ފާސްކޮށްދޭއިރުގައި، ކުރިން ފެށިފައި، ބަޖެޓް ފާސްކުރުމުގެ ކުރިން ފެށިފައި އޮތް މަޝްރޫޢެއްވިއްޔާ، ނިމޭވަރަށް ފައިސާ ހިމަނާނެ. އެކަމަކު މިފަހަރު އަޅުގަނޑުމެންނަށް މަޖިލީހުން ބަޖެޓް ފާސްކޮށްފައި ދިނީ ހިނގަހިނގާ އޮތް މަޝްރޫޢުގެ ބާކީ، މިސާލަކަށް، 50 މިލިއަން ރުފިޔާ ބޭނުންވަންޏާ، ދިހަވަރަކަށް މިލިއަން ރުފިޔާ ހިމަނައިގެން. މިސާލަކަށް، އެހާވެސް ނިސްބަތުން ކުޑަކޮށް. އެއީ، މިފަހަރު ބަޖެޓް އަޅުގަނޑުމެންނަށް ދީފައި އޮތްގޮތް.

އެހެންވީމާ، ބައެއް ކަންކަން ކުރަން އެބަ ލަސްވޭ. އަޅުގަނޑުމެން ހުރިހާ ކައުންސިލަކާ ބައްދަލުކުރާއިރުގައި، އެންމެ ބޮޑު އެއްކަމަކީ އެއީ. މިވެނި މަޝްރޫޢެއް ފެށިފައޭ، އެބަ ހިނގައޭ، އެކަމަކު ވަރަށްލަހޭ ހިނގާލެއް. އެވަނީ އެހެން. އަޅުގަނޑުމެންނަށް ފައިސާ ދޫކުރެވެން އަންނަނީ ކޭޝް ފްލޯރ މެނޭޖް ކުރަމުން.

އެހެންވީމާ، މި ޙާލަތުގައި މި މަސައްކަތް މި ކުރަނީ، ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބޭތީ. ރައްޔިތުންގެ މަޖިލީހުން އެ ބޭފުޅުން ބޭނުންވިހާ ގޮތަކަށް ބަޖެޓް ފާސްކޮށްފައި ދިނީމަ، އެ އެއްބާރުލުން ނުލިބުނީ ނޫންތޯ. އެހެންވީމާ، އެ އެއްބާރުލުން ނުލިބޭ މަޖިލީހަކާ އެކީގައި އަޅުގަނޑުމެންނަށް ދެވޭ ސްޕީޑްގައި މިދަނީ. އެހެން ނަމަވެސް، މި ހަފްތާ 14 ގައި ކުރަން ނިންމި ހުރިހާ ކަމެއްގައި ހަމަ ގާތްގަނޑަކަށް އެވަނީ އަޅުގަނޑުމެން ދާން ބޭނުންވި މިޞްރާބަށް ވާސިލުވެވިފައި، މި ހުރިހާ ދަތިތަކަކާ އެކީގައިވެސް.

އެހެންވީމާ، އަޅުގަނޑުމެންނަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮވެއްޖިއްޔާ އަދި އިރާދަކުރެއްވިއްޔާ މާ ފުރިހަމައަށް، މާ ބާރުމިނުގައި ކުރިއަށް ގެންދެވޭނެ. މިސާލަކަށް، ގެދޮރުވެރިކަމުގެ ދާއިރާ. އަޅުގަނޑުމެން ބޭނުންވަނީ ދާއިމީ ޙައްލެއް ގެންނަން ކަމުގައިވާތީ، އަދި ރާއްޖޭގައި މިހިރަ ޤާނޫނުތަކަކުންނެއް މިކަމެއް ނުވާނެ. ވަރަށް މުހިންމު ބިލުތަކެއް އަޅުގަނޑުމެން އެބަ ޑްރާފްޓް ކުރަން. މިހާރު ހުށަހަޅަމުން މިދަނީ މަޖިލީހަށް. ވަރަށް މުހިންމު ބިލުތަކެއް، ގެދޮރުވެރިކަން ޔަޤީންކޮށްދިނުމަށް. މިކަހަލަ މުހިންމު ކަންކަން ކޮށްދެވޭނީ، މަޖިލީހުން ސަރުކާރަށް އެއްބާރުލުން ދެންޏާ. އެހެންވީމާ، މަޖިލީހުގެ ދައުރުގެ މުހިންމުކަން ހަމަ މި ދަންނަވާލީ.

އާދެ، ދެންވެސް މި ރަށުގެ ތަރައްޤީއަށް، މި ސިޓީގެ ތަރައްޤީއަށް ކުރަންހުރި ވަރަށް ގިނަ ކަންކަން ހުންނާނެ. އަޅުގަނޑު ވަޢުދުވިން، ހޮސްޕިޓަލްގެ ވާހަކަ ދެންނެވިން. ހަމަ އޭގެ އެންމެ މުހިންމު އެއް ކަންތައް. މި ސިޓީގައްޔާއި، އައްޑޫ ސިޓީ ހިތަދޫގައްޔާ، މި ދެ ތާނގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިޔާސަތަކީ، މާލެއަށް ނުގޮސް ހުރިހާ ޚިދުމަތެއް ލިބޭ ފެންވަރަށް މި ދެ ސިޓީގައި ޞިއްޙީ ޚިދުމަތް ވަރުގަދަކޮށްދިނުން. އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ. އެކަމަކު އެއީ، އެއް ދުވަހުން ދެ ދުވަހުން ވާނެ ކަމެއްވެސް ނޫން. އެހެން ނަމަވެސް، ފުރަތަމަ އެ ސިޔާސަތު ކަނޑައަޅައި، އެވަރުގެ ހޮސްޕިޓަލެއްގެ މަސައްކަތް ފަށައިގެން ކުރިއަށްދާނީ. އިރާދަކުރެއްވިއްޔާ އެއީ، އަޅުގަނޑުމެން ހާސިލުކުރާނެ އަމާޒަކީ. އެއީ، ހުވަފެނެއްގެ ގޮތުގައި އޮތަކަނުދޭނަން. އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދައިދޭނަން. ޙަޤީޤަތަކަށް ވާނެ އެ ކަންތައް.

ދެން އެ ތަނުގެ ވަޒީފާގައި އިރާދަކުރެއްވިއްޔާ ގިނައިން އުޅޭނީ މި ސިޓީގެ ރައްޔިތުން. އަޅުގަނޑު އެ ވަޢުދުވެސްވީން. އެހެންވީމާ، މިކަހަލަ މުހިންމު ކަންތައްތައް، އިރާދަކުރެއްވިއްޔާ ހަމަ ބާރު ސްޕީޑްގައި ކުރިއަށް ގެންދާނަން. ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ، ހޮސްޕިޓަލާއި، މިތާނގެ އެކިއެކި އިންޑަސްޓްރީތައް ފުޅާކޮށްގެން، ކުރިއަށް ގެންދިޔުން އަޅުގަނޑުމެންގެ ވިސްނުމަކީ.

އެގޮތުން ބަލާއިރު ޓޫރިޒަމް ފާހަގަކޮށްލަން. އަބަދުވެސް ދެކެވޭ ވާހަކައެއް ހދ. ގައި ނެތޭ، އެކަށީގެންވާވަރަކާ ގާތަށްވެސް ރިޒޯޓުތަކެއް. އަދި ޙަޤީޤަތުގައި މި ބޮޑުތިލަދުންމަތީގައި، ހއ.، ހދ.، ގައި ހަމަ ވަރަށްވެސް މަދު. ހަނިމާދޫގައި އެބަ އުފެދޭ، އެބަ ކުރިއަށްދޭ ވަރަށްބޮޑު އެއަރޕޯޓެއްގެ މަސައްކަތް. އިންޓަރނޭޝަނަލް އެއަރޕޯޓެއް. އެކަމަކު އެ އެއަރޕޯޓް ފީޒިބަލް މިވަނީވެސް ހަމަ އެކަށީގެންވާ ވަރަށް ޓޫރިޒަމް މި ސަރަޙައްދަށް އައިސްގެން. މި ސިޓީގެ އިޤްތިޞާދީ ތަރައްޤީވެސް ހާސިލުކުރުމުގައި ޓޫރިޒަމް ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ. އެކަމަކު އެކަން ނުވެ މި ހުރިހާ ދުވަހު އޮތް އޮތުމަށް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް އިސްކަންދެން. މިހާރު އަޅުގަނޑުމެންގެ ޓޫރިޒަމް މާކެޓިންގ ޕްލޭންގެ ތެރޭގައި އެންމެ އިސްކަންދެނީ މި ސަރަޙައްދަށް. އެންމެ އިސްކަންދެނީ މި ސަރަޙައްދަށް އިންވެސްޓަރުން ގެނައުމަށްޓަކައި. އަޅުގަނޑު ވަޢުދުވިން ކޭލަކުނުގައި އިކޯ ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން. އެކަމަށްޓަކައި ހަމަ ވަރަށްގިނަ މަސައްކަތް އެބަ ކުރަން މިހާރު. އިކޯ ޓޫރިޒަމް މަސައްކަތް ކުރިއަށް ގެންދިޔުމަށް.

އޭގެއިތުރަށް، އެތައް ރިޒޯޓެއް ހެދުމަށް، އެކަން ކުރުމަށްޓަކައި މިހާރު މިކުރާ މަސައްކަތަކީ އިޤްތިޞާދު ވަރުގަދަ ކުރުން. އިޤްތިޞާދުގައި ބުންވަރު ޖެއްސުން. އެކަމުގެ ސަބަބުން ޓޫރިޒަމްގެ ދާއިރާއަށް އިންވެސްޓް ކުރާނެ މީހުން، އިންވެސްޓަރުން އިތުރުކުރުން. މި އިޤްތިޞާދުގައި ތިމަންނަމެން އިންވެސްޓް ކުރުމުގައި އެބައޮތޭ ކުރިއަށްދިޔުމުގެ ފުރުޞަތު. އެ ޔަޤީންކަން އޮވެގެން ނޫންތޯ މީހުން އަންނާނީ. ރިޒޯޓުތައް، އާ ރިޒޯޓުތައް އުފައްދަން ބޭނުންވަންޏާ، މި އިޤްތިޞާދު ހަރުދަނާކުރަން އެބަޖެހޭ. އެހެންވީމާ، މި ދެންނެވި ގިނަ ކަންތައްތަކެއް ފެށިގެން މިދަނީ. އަނެއްކާ އަޅުގަނޑުމެންގެ އިޤްތިޞާދީ ސިޔާސަތު މިވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުންވެސް، ވާރލްޑް ބޭންކުންވެސް ބަލައިގެންފައި. މި ރާއްޖެއަށް އެންމެ ރަނގަޅު ސިޔާސަތުކަން އަޅުގަނޑުމެން ޚިޔާރުކޮށްފައި މިވަނީ، ފައިސާ ޗާޕްކުރުން ހުއްޓާލާފައި.

އެހެންވީމާ، މި ހިނގާ މަސައްކަތުގެ ތެރެއިން އިރާދަކުރެއްވިއްޔާ، މި ސިޓީގައި ރިޒޯޓުތައް ތަރައްޤީކުރާނަން. އަތޮޅުގައި އިރާދަކުރެއްވިއްޔާ ރިޒޯޓުތައް ތަރައްޤީކުރާނަން. އެކަމުގެ ނަފާ ޙަޤީޤީ މާނައިގައި ލިބެން ފަށާނެ. އަބަދު ޕޯޑިއަމްތަކުގައި ދައްކާ ވާހަކައެއްގެ ގޮތުގައި އޮތް އޮތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިމުމަކަށް ގެންނާނަން.

އާދެ، ދެން މިތަނުގެ އެއަރޕޯޓުގެ މައްސަލަ. އެއަރޕޯޓުގެ ޚިދުމަތް ރަނގަޅުކުރުން. އެއަރޕޯޓުގެ ފެންވަރު ރަނގަޅު ކުރާނެ ވާހަކަ އަޅުގަނޑު ދެންނެވިން. އެކަން ހަމަ އެބަ ހިނގާ. އަދި ޢަމަލީގޮތުން ވަރަށް އަވަހަށް މަސައްކަތްތައް ފަށާނެ. އެހެންވީމާ، އެއީވެސް ހަމަ އަޅުގަނޑު ދެންނެވި ވާހަކައެއް. އަދި ހަމަ އެއާއެކީގައި، އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރަށް، އެއަރޕޯޓާ އިންވެގެން އޮތް ބިމުގެ އިޤްތިޞާދީ ނަފާ ހޯދޭނެގޮތަށް ބަދަލުކުރުމާ، މިފަދަ ކަންތައްތައް އަޅުގަނޑު ވާނީ ދަންނަވާފައި.

އާދެ، މި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށްދާނެ. އަދި އޭގެއިތުރަށް، ހަމަ ވަރަށްގިނަ ކަންކަން އަޅުގަނޑު ދެންނެވިން. ދެންމެ މޭޔަރުވެސް ފާހަގަކުރެއްވި. މިސާލަކަށް، ކުޅިވަރުގެ ދާއިރާ. ކުޅިވަރުގެ ދާއިރާއިންވެސް ވަރަށްގިނަ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މި ސިޓީއަށް އިސްކަން ލިބޭނެ އެކަމުގައި.

ހަމަ އެއާއެކީގައި، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ޕޯޓުގެ ވާހަކަވެސް. ޕޯޓުވެސް އެކްސްޕޭންޑް ކުރުމާއި، ޕޯޓުގެ ކެޕޭސިޓީ ބޮޑުކުރުމަކީ، އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަމެއް. އަދި ލޯކަލް ބަނދަރުގެ ކެޕޭސިޓީވެސް ވަރުގަދަކޮށް، މި ހުރިހާ ކަމެއްވެސް ކުރުން. މިކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ހުރިހާ ވިސްނުމެއް އަދި މަސައްކަތްތަކެއް މިދަނީ ކުރެވެމުން. އެހެންވީމާ، ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ، މިގޮތުގައި އަޅުގަނޑުމެން ކުރިއަށްދިޔުމުގައި ހަމަ ތިޔަ ދެއްވާ އެއްބާރުލުން ދެއްވުން. ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބާރު ސްޕީޑްގައި އަޅުގަނޑަށް ޔަޤީންކަން އެބައޮތް، އަޅުގަނޑުމެންނަށް މި ނަތީޖާތައް ނެރެވެމުންދާނެ ކަމުގެ.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި މަސައްކަތްތައް ކުރުމުގައި، އަބަދުވެސް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާޔާ އެއްގޮތަށް އަޅުގަނޑު ކަންކަން ކުރަން ބޭނުންވާ ވާހަކަ. ރައްޔިތުންގެ ފަރާތުން ހޮވާފައި، ކޮންމެ ރަށެއްގައި، ކޮންމެ ސިޓީއެއްގައި ތިއްބަވާ މަންދޫބުންނާއެކީ، އެ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރަން. އެއީ، ކައުންސިލަރުން. ސިޓީތަކުގައި ވިއްޔާވެސް ސިޓީ ކައުންސިލަރުން. އަޅުގަނޑު ބޭނުމެއް ނޫން، މައި ސަރުކާރުން އޯޑަރުތައް ކުރާގޮތަށް، ރައްޔިތުންނާ އެއްވެސް ގުޅުމެއްނެތި، މަތިން ތިރިއަށް ތަރައްޤީ އަންނަ ގޮތަށް ކަންކަން އަންނާކަށް. އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް އެއީ. ތަރައްޤީއަކީ ތިރިން މައްޗަށް، ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުމާ އެކީގައި އަންނަންޖެހޭނެ ކަމެކޭ. އޭރުންނޭ ރައްޔިތުންގެ އޯނަރޝިޕް، އެކަމުގައި އޮންނާނީ. ރައްޔިތުން ބޭނުންވާ ގޮތަށް ކުރެވޭ ކަމަކަށްވާކަމުގެ ޔަޤީންކަން އަޅުގަނޑަށްވެސް އޮންނާނީ.

އެހެންވީމާ، ލާމަރުކަޒީ ނިޒާމު، އޭގެ ފުރިހަމަ މާނައިގައި ބާރުވެރިކުރަން އަޅުގަނޑު ބޭނުންވަނީ. ރައްޔިތުންނާ ގާތަށް އައިސް، ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންވަނީ އެހެންވެގެން. އަޅުގަނޑަށްވެސް ވަރަށް ފަސޭހަވާނެ، މާލޭގައި މަޑުކޮށްލައިގެން ހުރެ، ހުރިހާ ކައުންސިލްތަކަށް ދަންނަވަން މާލެ ވަޑައިގަންނަވާށޭ. އޭގެ ބަދަލުގައި އަޅުގަނޑު ބޭނުންވަނީ، ކައުންސިލަރުން ގާތަށް ރަށްރަށަށް ދާން.

އާދެ، މިއަދު މި ވާހަކަ ދައްކަން ވަރަށް މުނާސިބު ދުވަހަކަށް މިވީވެސް. ލާމަރުކަޒީ ދުވަހަށް މިއަދު މިވީ. ހަމަ މިއަދުގެ މުނާސަބަތުގައި، މި ސިޓީގެ މޭޔަރަށާއި ކައުންސިލަރުންނަށްވެސް މަރުޙަބާ ދަންނަވަން.

އަޅުގަނޑު މިއަދު އިޢުލާނުކޮށްފައި ވާނެ، ކައުންސިލްތަކާ ގުޅޭގޮތުން، ކައުންސިލްތައް ތަރައްޤީ ކުރުމާބެހޭ ވާހަކައެއް. އެއީ، މިހާތަނަށް މި ކުރެވުނު ހުރިހާ ދަތުރަކުންވެސް މި ފާހަގަވި ކަމަކީ، ގިނަ ރަށްތަކުގައި ރައްޔިތުންނަށް ޚިދުމަތް ދޭން މިހިރަ ކައުންސިލްތަކުގެ އޮފީސްތައް ހުރީ ބޮލަށް ވެއްޓޭ ހިސާބުގައިކަން. 30، 40 އަހަރުވީ އޮފީސްތައް އެބަހުރި. ކުދިކުދި ތަންކޮޅުކޮޅުގައި. މުވައްޒަފުން ތޮއްޖެހިފައި، ކައުންސިލަރުން ތޮއްޖެހިފައި ތިބެގެން. ވާރޭ ވެހިއްޖިއްޔާ ބޮލަށް ފެން ފައިބާ. މި ހާލުގައި ހުރި އޮފީސްތައް އެބަހުރި. އެތަންތަނުގައި ޚިދުމަތް ދެމުން މިދަނީ. އެހެންވީމާ، ރައްޔިތުންނަށް ޙަޤީޤީ މާނައިގައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރިކުރަން އަޅުގަނޑު ބޭނުންވަންޏާ، އަޅުގަނޑު ގަބޫލުކުރަނީ، އެ ތަންތަން ޖެހޭނެއޭ ހަދައިދޭން. 13، 14 އަހަރު މިވީ ލާމަރުކަޒީ ނިޒާމު، ރާއްޖޭގައި ޕްރެކްޓިސް ކުރަން ފެށިތާ. އެހެން ނަމަވެސް، ވަރަށްމަދު އޮފީހެއްގައި ނޫނީވިއްޔާ ނެތް ރާއްޖޭގައި ހަދާފައި. ދުވަހަކުވެސް ބަޖެޓުން ޖާގަދެވޭ ކަމަކަށްނުވޭ. މި އަހަރު ބަޖެޓެއްވެސް އޮތީކީ ނޫން. އެކަމަކު އަޅުގަނޑުމެން މިހާރު މިއަދު އިޢުލާނު މިކުރީ. އެކިކަހަލަ އިންވެސްޓްމަންޓް ޕްރޮޕޯޒަލްސްތައް އަޅުގަނޑުމެންނަށް ލިބޭނެ. އޭގެތެރެއިން އިންވެސްޓަރ ފައިނޭންސް މޮޑެލްގެ ދަށުން ރާއްޖޭގައި މި ދެންނެވި ގޮތަށް އެންމެ ހާލުގައި ހުރި އެންމެ ޖާގަކުޑަ، އަދި އެންމެ ގިނަ ރައްޔިތުންނަށް ޚިދުމަތް ދޭންޖެހޭ 50 ރަށެއް، ފުރަތަމަ ފިޔަވަހީގައި ނަގައި، 50 ރަށެއްގެ 50 ކައުންސިލަށް މުޅިން އާ، ޖާގަ ތަނަވަސް އިމާރާތްތައް އަޅައިދޭގޮތަށް. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން މި އަހަރު ފަށާނަން. އޭރުން އެއްފަހަރާ 50 ރަށުގައި، މި ދެންނެވި ކައުންސިލް އިމާރާތް އެޅިގެންދާނެ.

ދެވަނަ ކަމެއް އަދި އިޢުލާނުކޮށްލަން އަޅުގަނޑު ގަސްތުކުރަން. އެއީވެސް ހަމަ ކައުންސިލްތަކުން އަޅުގަނޑުމެން ގާތުގައި، އަޅުގަނޑާ ބައްދަލުވާއިރު ވިދާޅުވާ ވާހަކައެއް. ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހަދާފައި އޮތްއިރުގައި، ކައުންސިލްތަކަށް މި ބްލޮކް ގްރާންޓުން މި ފައިސާ ލިބެނީ، އެ ކަނޑައެޅިފައި އޮންނަ ފޯރމިއުލަރއެއްގެ ތެރެއިން، އެކި ރަށްރަށަށް އެކިވަރަށް. ވަރަށްކުޑަ އެތިކޮޅެއް. އެ ލިބޭ ފައިސާއިން އެބަޖެހޭ ކަރަންޓް ބިލްވެސް ދައްކަން. މަގުބައްތި ދިއްލަން. ހަމަ އެއަށްވެސް ކަރަންޓް ބިލް ދައްކަންޖެހޭ. މިސްކިތްތަކަށް ކަރަންޓް ބިލް ދައްކަންޖެހޭ. މިހެންގޮސް ޕަބްލިކް ހުރިހާ ތަނަކަށް. މި ހުރިހާ ތަނަކަށް ބިލް ދައްކާއިރުގައި، ރޭޓް މި އޮންނަނީ، ގަވަރންމަންޓް ރޭޓްކިޔާ އަގުބޮޑު ރޭޓެއްގައި. އަޅުގަނޑު ގާތު ވަރަށްގިނަ ކައުންސިލްތަކުން މި ވާހަކަ ދެއްކެވި. މިއަށް އެދެވޭ ޙައްލެއް ގެނެވޭނެތޯ. އަޅުގަނޑު ދެން ސްޓެލްކޯއާއި ފެނަކައާ، އެ ދެ ތަނުގެ ވެރިންނާ ވާހަކަ ދައްކައިފިން.

އެހެންވީމާ، ފުރަތަމަ މަރުޙަލާއެއްގެ ގޮތުގައި، މި އަންނަ މަހުން ފެށިގެން، ކައުންސިލްތަކުން ކަރަންޓަށް މި ކުރަންޖެހޭ ޚަރަދުގެ ތެރެއިން ހުރިހާ ރަށެއްގައި، އެއީ، މާލޭ ސިޓީވެސް، މި ސިޓީވެސް، ހުރިހާ ސިޓީއަކާއި، ހުރިހާ ރަށެއް ހިމެނޭގޮތަށް، ހުރިހާ ރަށެއްގެ މިސްކިތްތަކަށް، މިސްކިތްތަކުގެ ކަރަންޓް ޚަރަދު ކުޑަކުރަން. މިހާރު އެ ދައްކަންޖެހެނީ ގަވަރންމަންޓް ރޭޓްކިޔާ ރޭޓެއްގައި. އެ ރޭޓުގެ ބަދަލުގައި، ޑޮމެސްޓިކް ރޭޓަށް ތިރިކޮށްދޭނަމޭ. ޑޮމެސްޓިކް ރޭޓަށް ތިރިވެގެންދާނެ. ތިރިވެގެންދިޔައިމަ، ވަރަށްބޮޑު ތަނުން، ކައުންސިލްތަކުން ކޮންމެ މަހަކު ކަރަންޓަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެން އެބަދޭ. ދެން އެތައް މިލިއަން ރުފިޔާއެއް، ފެނަކައާއި ސްޓެލްކޯއަށް ގެއްލޭނެ. ޚާއްޞަކޮށް، ފެނަކައަށް. ދެން އަޅުގަނޑުމެން ފެނަކައަށް އެހެން އުޞޫލަކުން އެ މީހުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދައިދޭނަން. ކޮންމެގޮތެއްވިޔަސް ފެނަކަ ނަގައި ކޮޅަށްޖެހުމުގެ މަސައްކަތްވެސް އެބަ ކުރަން.

އެހެންވީމާ، ކައުންސިލްތަކަށް ހުރިހާ މިސްކިތްތަކަށް ދެން ބިލް ދައްކަންޖެހޭނީ، މި އަންނަ މަހުން ފެށިގެން ޑޮމެސްޓިކް ރޭޓުން. ދެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުތަކުގައި އިޤްތިޞާދަށް ވަރުގަދަކަން އަންނަވަރަކުން، ފެނަކައިގައި މިހިރަ ދަރަނިތައްވެސް ދެއްކޭ މިންވަރަކުން އަޅުގަނޑުމެން މަގުބައްތި ދިއްލަން ކުރާ ޚަރަދުވެސް އަދި ޕާކުތަކާއި މިކަހަލަ ޢާންމު މައިދާންތަކުގެ ޚަރަދުވެސް އިރާދަކުރެއްވިއްޔާ އެ ރޭޓްވެސް ކުޑަކޮށްދޭނަން ޑޮމެސްޓިކް ރޭޓަށް ކުރިއަށް އޮތް ތަނުގައި.

އާދެ، އެހެންވީމާ، މިކަހަލަ ކަންކަން ކައުންސިލްތަކަށް ކޮށްދީގެން، އަޅުގަނޑުމެން ބޭނުން ކައުންސިލްތައް މެދުވެރިކޮށް، ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭން. ޑަބްލިޔޫ.ޑީ.ސީ. އެންމެ ބޮޑަށް އެދޭ ކަންތައްތައް، އަޅުގަނޑު ހަމަ ކުރިން ދެތިން ޖަލްސާއެއްގައިވެސް އެ ވާހަކަ ދެންނެވިން. ޤާނޫނު ބަދަލުކޮށްގެން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނަށް ރޯދަ އެލަވަންސް ދެވެން އޮތީ. ޤާނޫނު ބަދަލުކޮށްގެން، ވިހެއުމުގެ ޗުއްޓީވެސް ދެވެން އޮތީ. އަދި އެ ލިބޭ އެލަވަންސް، މުސާރައެއްގެ ގޮތުގައި ރިކޮގްނައިޒް ކޮށްގެން ބޭންކްތަކަށް ގޮސް ލޯނު ހޯދުމާ، މިކަހަލަ ކަންކަންވެސް ފަހިވާން އޮތީ ޤާނޫނަށް ބަދަލެއް ގެނެސްގެން.

އެހެންވީމާ، ރައްޔިތުންގެ މަޖިލިސް މިއޮތީކީ ސަރުކާރާ އެކީގައެއް ނޫން. އެއްވެސް ކަމެއްގައި ސަރުކާރަށް އެހީވާކަށް ނޫން. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މިހިރީ ހައްތަހާވެސް ސަބަބުތައް. ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުންތަކެއް ރައްޔިތުން ހޮވަންޖެހޭ. އަޅުގަނޑު ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުން ކަންކަން ވާކަމުގައިވާނަމަ، މި ދެންނެވި ގޮތަށް، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނަށް ރޯދަ އެލަވަންސާއި، ވިހެއުމުގެ ޗުއްޓީއާއި، ދެން މިހެންގޮސް ހުރިހާ ޢިނާޔަތްތަކެއް ލިބޭގޮތަށް އިރާދަކުރެއްވިއްޔާ ޤާނޫނު ބަދަލުކޮށްދޭނެ ކަމުގެ ޔަޤީންކަން. އެކަމަކު އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލިސް ލިބިގެން. ރައްޔިތުންގެ މަޖިލިސް ތެރެއިން ވާނީ. އެހެންވީމާ، އެކަންވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލީ، ރައްޔިތުންގެ މަޖިލީހުގެ މުހިންމުކަން ފާހަގަކުރުމުގެ ގޮތުން.

އާދެ، ނިންމާލުމުގެ ކުރިންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ސިޓީގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި، އިރާދަކުރެއްވިއްޔާ ހަމަ އެންމެ އިސްކަން ދޭނަމޭ. އެއީ، މި ރާއްޖޭގެ ތަރައްޤީގެ މުހިންމު ދައުރެއް މި ސިޓީ އަދާކުރާތީ. ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރަން ބޭނުމިއްޔާ، މި ސިޓީއާއި، ބޮޑެތި ސިޓީތަކަށް އަދި ކަނޑައެޅޭ ވަކި މުހިންމު ތަންތަނަށް ވަރަށްބޮޑު އިސްކަމެއް ދީގެން، ބޮޑެތި މަޝްރޫޢުތައް ގެންނަންޖެހޭނެ. ހަމަ އެއާއެކީގައި، ހުރިހާ ރަށަކަށް ތަރައްޤީ ގެނެވޭނެ. އަޅުގަނޑަށް ހުރިހާ ރައްޔިތުން ހަމަހަމަ. ކޮންމެ ރަށެއްގައި، އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ނިސްބަތުން ހުރިހާ ކަމެއް ކުރާގޮތަށް އަޅުގަނޑު އޮންނާނީ ދަންނަވާފައި. އެކަންކަން ކުރަމުންވެސް، ދުރު ރާސްތާއަށް ރާއްޖެ ޕްލޭން ކުރަންޖެހޭނެ ގޮތް އަޅުގަނޑު މި ދެންނެވީ.

އާދެ، މި ސިޓީގެ ތަރައްޤީއަށް މި ކުރެވޭ މަސައްކަތް، އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރުމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެބައޮތް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.