بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ނެއްލައިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން، އަދި މިތަނަށް ވަޑައިގެން ތިއްބެވި ދައުލަތުގެ ވަޒީރުންނާއި، ޢިއްޒަތްތެރިންނާއި، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެން މި ރަށަށް އައި ވަގުތު ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށް އެންމެ ފުރަތަމަވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މި ރަށުގެ ތަރައްޤީ އަދި އަޅުގަނޑަށް ކޮންމެ ރަށެއްވެސް ތަރައްޤީ ހަމަ މުހިންމު. ކޮންމެ ރައްޔިތަކު ހަމަހަމަ. ކޮންމެ ރަށަކަށް ގެންނަން ހުރި، ރައްޔިތުން އެދޭ އުންމީދުތައް ހާސިލުކުރުމަށް ކުރަންހުރި ތަރައްޤީގެ މަސައްކަތްތައް ކޮށްދިނުމުގައި، ހަމަ އެ ވިސްނުމުގައި އިރާދަކުރެއްވިއްޔާ ކުރިއަށްދާނަން.

މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި، އަޅުގަނޑުމެންނަށް ބަޖެޓުގެ ތެރެއިން ލިބޭ ޖާގައިންވެސް، އަދި ބަޖެޓުން ޖާގަ ނުލިބޭ ކަމަށްވަންޏާ، އޮންނަ ހުރިހާ އުޞޫލެއްގެ ތެރެއިން އިރާދަކުރެއްވިއްޔާ ފުރުޞަތުތައް ފަހިކުރާނަން. އެހެންވީމާ، އެގޮތުގެ މަތިން މި ރަށުގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް ކުރާނެ ވާހަކަ ފުރަތަމަވެސް ދަންނަވާލަން.

އާދެ، އަޅުގަނޑު ހަމަ ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ކަންކަމަށް ފުރަތަމަ އިޝާރާތްކޮށްލާނަން. އަދި ތިޔަބޭފުޅުންވެސް އަޅުގަނޑުމެންނަށް ކެމްޕެއިން ތެރޭގައި ވަރަށްގިނަ މަޢުލޫމާތު ދެއްވާފައި ހުންނާނީ.

އާދެ، އަޅުގަނޑުމެން މެނިފެސްޓޯގައި ކަނޑައެޅި ވަރަށް މުހިންމު ކަމެއް، އެކި ކަހަލަ މަސައްކަތް ކުރާ މަސައްކަތްތެރިންނަށް، އެކިކަހަލަ ހުނަރުތައް ހުރި ރައްޔިތުންނަށް، އެކުރާ ކަމަކުން އާމްދަނީ ހޯދޭނެ ވަސީލަތްތައް ފަހިކުރުން. އެހެންވީމާ، އެ މަސައްކަތް އެގޮތަށް މިހާރު ފަށައިގެން ވަރަށް ބާރަށް އެބަދޭ. އިރާދަކުރެއްވިއްޔާ ނަތީޖާ ނެރޭނަން. މިސާލަކަށް، ޒުވާނުންގެ ތެރޭގައި އެކިކަހަލަ ހުނަރުހުރި ފަރާތްތައް އެބަތިބި. އެހެން ނަމަވެސް، އެ ކުރެވޭ މަސައްކަތުން އެ ވިއްކަން ބޭނުންވާ ތަކެތި ވިއްކޭނެ ގޮތެއް ނެތިފައި. އެހެންވީމާ، އެ އިކޮނޮމީ ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރަން. ވަރަށްގިނަ ޗެލެންޖަސް ހުރި ކަމެއް. އެހެން ނަމަވެސް، އެކަންވެސް ބާރުމިނެއްގައި އެބަ ގެންދަން.

މަސްވެރިކަމުގެ ދާއިރާއިންވެސް، މަސްވެރިކަމުގައި އުފައްދާ ތަކެތި ވިއްކާނެ ޕްލެޓްފޯމެއް، ވިއްކޭނެގޮތެއް ޤާއިމުކުރުމަކީ، އަޅުގަނޑުގެ މެނިފެސްޓޯގައި އޮތް ކަމެއް. އެކަންވެސް ހަމަ ތަރުތީބު ކުރެވިގެން ކުރިއަށް އެބަދަން. އެހެންވީމާ، މަސްވެރިކަމުގެ ދާއިރާގައި އަދި ފަންނުވެރި އެކިކަހަލަ ދާއިރާތަކުގައި މަސައްކަތް ކުރާ ރައްޔިތުންނަށް، މަޤްޞަދު ހާސިލުކުރަން ބޭނުންވާ ތިޔަ ކަންތަކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނަތީޖާ ނެރެދޭނަން. އެ މަސައްކަތް ކުރާ ވާހަކަ ދަންނަވަން. އިރާދަކުރެއްވިއްޔާ އެކަމުގެ ފޮނިމީރުކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެން ހޯދައިދޭނަން.

އާދެ، މި ރޮނގުން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ އަނެއް ކަމަކީ، އިޤްތިޞާދީ ނަފާ ހޯދުމުގެ ގޮތުން، މި ރަށުގެ ރައްޔިތުންނަށް ފަހިކޮށްދެވެން ހުރި ހުރިހާ ކަމެއް ފަހިކޮށްދޭނަމޭ އިނގޭތޯ. މިސާލަކަށް، ރައްޔިތުން އެބަ އެދިވަޑައިގަންނަވާ، އަޅުގަނޑުމެން މިހާރު ފުރުޞަތުވެސް ހުޅުވާލާފައި އޮތް ކަމެއް. ކައިރީގައި އޮތް ފަޅުރަށެއް ހޯދުން. ނޫނީވިއްޔާ ކައިރީގައި ފަޅުރަށެއް ނެތީވިއްޔާ، އެހެން ސަރަޙައްދަކުންވިޔަސް ފަޅުރަށެއް ކައުންސިލަށް ލިބޭނެމަގު ފަހިކޮށްދިނުން. އެއީ، މީގެ އެއް މިސާލު. އެގޮތުން މިހާރުވާނީ ކަމާގުޅޭ ގަވާއިދުވެސް ގެޒެޓް ކުރެވިފައި. މިތާ ކައިރީގައި އޮތް ފަޅުރަށް، ހިރިނައިދޫ މި ރަށުގެ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަން. އޭރުން ތިޔަބޭފުޅުންގެ ޒުވާނުން ކުރަން ހުރި މަސައްކަތްވެސް އަދި ކުދިކުދި ވިޔަފާރިތައްވެސް ކައުންސިލާ ގުޅިގެން އެ ރަށުގައި ފަށައި، ރަށަށް އާމްދަނީ ލިބޭނެ މަގު ފަހިވެގެންދާނެ. އެހެންވީމާ، އެކަމުގައި ކައުންސިލުން ކުރިއަށް ވަޑައިގަންނަވަންވީ. ކައުންސިލުން އަޅުގަނޑުމެންނަށް އެ ހުށަހަޅަންޖެހޭ ހުށަހެޅުން، ޕްރޮޕޯޒަލް ހުށަހެޅުއްވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އެއީ، ތިޔަބޭފުޅުންގެ އުންމީދުތަކާ ގުޅިފައި އޮތް، ތިޔަބޭފުޅުންގެ ރަށެއްގެ ގޮތުގައި ބެއްލެވުން އަޅުގަނޑު އެދެން.

އާދެ، އެއީ، ހަމަ އަނެއް މިސާލު. ދެން ޖުމްލަކޮށް ދަންނަވާނަމަ މި އަތޮޅުގެ ތަރައްޤީއަށް ޓޫރިޒަމް ވަރަށް މުހިންމު. އަޅުގަނޑު މިއަދު ހަނިމާދޫގައިވެސް ވާހަކަ ދައްކަމުން ދެންނެވިން، އަދި ކުރީގައިވެސް އެތައްފަހަރަކު ދަންނަވާފައި އޮންނާނެ. އަޅުގަނޑުގެ މެނިފެސްޓޯގައިވެސް އޮންނާނެ. މި އަތޮޅަށާއި، މުޅި މި އުތުރުގެ މި ހަތަރު އަތޮޅުގެ މި ސަރަޙައްދަށް އެންމެ މުހިންމީ މިހާރު ޓޫރިޒަމް ފުޅާކުރުން. ޚާއްޞަކޮށް، މި އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުން. ހަނިމާދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީވެގެން އެ އަންނައިރުގައިވެސް މިކަމަކީ މުހިންމު ކަމަކަށްވޭ.

އެހެންވީމާ، ޓޫރިޒަމް ފުޅާކުރުމަށްޓަކައި މާކެޓް ކުރުމާއި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތަކީ އަޅުގަނޑުމެން ކުރާ ކަމެއް. އިންވެސްޓަރުން ރާއްޖެއަށް އަންނާނީ އިޤްތިޞާދު ވަރުގަދަވާވަރަކުން. އިޤްތިޞާދާ މެދުގައި އިންވެސްޓަރުންގެ އިތުބާރު އުފެދިގެން. އިޤްތިޞާދު އޮތީ ކޮން ޙާލަތެއްގައިކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. 120 ބިލިއަން ރުފިޔާގެ ދަރަނި އަޅުގަނޑުމެންގެ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، 17 ނޮވެންބަރާ ހަމަޔަށް އައިއިރުގައި އޮތީ. ރައްޔިތުންނަށް ދައްކަންހުރި އެތެރޭގެ އެކިކަހަލަ ބިލުތައް، ކުންފުނިތަކުންނާއި މިނިސްޓްރީތަކުން ދައްކަންހުރި 9000 މިލިއަން ރުފިޔާގެ ބިލުތައް އެބަހުރި. މި ބިލުތައް ދައްކަމުން، އާމްދަނީ ވަންނާނެ އެކިކަހަލަ ވަސީލަތްތައް ފަހިކުރަމުން މިދަނީ. އެކިކަހަލަ އިންވެސްޓްމަންޓްތަކަށް ފަހި ފުރުޞަތުތައް ހުޅުވައިލަމުން، އިޤްތިޞާދު ވަރުގަދަކުރަމުން މިދަނީ.

ނަތީޖާއަކަށްވާނީ މި ދެންނެވި ގޮތަށް، ޓޫރިޒަމްގެ ދާއިރާގައި އިންވެސްޓް ކުރުމަށާއި، އަދިވެސް މި ހުޅުވައިލާ އެކިކަހަލަ ފުރުޞަތުތަކުގެ ތެރެއިން އިންވެސްޓް ކުރާނެ ފަރާތްތަކުގެ މެދުގައި އިތުބާރު އުފެދިގެން އިރާދަކުރެއްވިއްޔާ އެ ފަރާރްތައް ރާއްޖެއަށް އައުން. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އަދި އިރާދަކުރެއްވިއްޔާ ޔަޤީންކަން އެބައޮތް، މިގެންދާގޮތަށް ކުރިއަށްދާއިރުގައި ފެންނާނީ ބިޔަ ބޮޑެތި އިންވެސްޓްމަންޓްތައް ވަރަށްގާތުން އަންނަ ތަން. މި އަތޮޅުގައި އަދި މި ސަރަޙައްދުގައި މިކަހަލަ ބޮޑެތި މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ހިންގާނަން. އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތް މިކުރަނީ. އެހެންވީމާ، ޓޫރިޒަމް ދާއިރާވެސް އިރާދަކުރެއްވިއްޔާ ފުޅާވެގެންދާނެ.

އެހެންވީމާ، އިޤްތިޞާދީ ދާއިރާއިން، ނެއްލައިދޫގެ ރައްޔިތުންނަށާއި، ހދ.، ހއ.، މުޅި ސަރަޙައްދަށް ފައިދާތައްވާތަން އިރާދަކުރެއްވިއްޔާ ފެންނާނެ ކުރިއަށް އޮތް ތާނގައި. އެހެންވީމާ، އެ ވާހަކަ ހަމަ ރައްޔިތުންނަށް ޔަޤީންކަން ދިނުމަށްޓަކައި ހަމަ މި ދަންނަވާލީ.

އާދެ، އޭގެއިތުރަށްވެސް ހަމަ އެންމެ މުހިންމު އެއް ދާއިރާއަކީ، ގެދޮރުވެރިކަމުގެ ދާއިރާ. ގެދޮރުވެރިކަމަކީ، އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު ސިޔާސަތު. ގެދޮރުވެރިކަން ފޯރުކޮށްދިނުމަކީ، އަސާސީ ޙައްޤެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ. ބޭސިކް، ހަމަ އަސާސީ ކަމެއްގެ ގޮތުގައި. އެހެންވީމާ، ގެދޮރުވެރިކަމަށް އަޅުގަނޑުމެން އެންމެ އިސްކަން ދޭނީ. އެކަމަށްޓަކައިވެސް އެބަ ބޭނުންވޭ އިޤްތިޞާދު ވަރުގަދަކުރަން. އިޤްތިޞާދުގައި ބުންވަރު ޖެއްސުނުވަރަކަށް އަޅުގަނޑުމެންނަށް ދެ ޤައުމެއްގެ ދޭތެރޭގައި އެއްބަސްވުމަކަށް އައިސްގެން ފަސޭހައިން ލޯނުތައްވެސް ހޯދޭނީ. އަދި އެކިކަހަލަ އިންވެސްޓްމަންޓްތަކަށްވެސް ދެވޭނީ. އަދި ލުއިގޮތަކަށް ގެދޮރުވެރިކަމަށް އެކިކަހަލަ ފައިނޭންޝަލް ޕެކޭޖްތައްވެސް ހޯދޭނީ. އެހެންވީމާ،
މި މަސައްކަތް މި ކުރަނީ މި ވިސްނުމުގައި.

އަޅުގަނޑު ކަނޑައަޅާފައި އޮތް މި އަމާޒަކީ، މި ފަސް އަހަރު ނިމޭއިރުގައި، މި ރަށް ހިމެނޭހެން، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި، ގެދޮރުވެރިކަން ބޭނުންޖެހިފައި ތިބި އެންމެންނަށް ގެދޮރުވެރިކަން ފޯރުކޮށްދީ ނިންމުން. އެ އަމާޒު ހާސިލުކުރުމަށްޓަކައި މި މަސައްކަތް މި ކުރަނީ. އެހެންވީމާ، މި އަހަރުގެ ބަޖެޓުގައި ކޮންމެވެސް ޢަދަދެއްގެ ފައިސާ ހިމެނިފައި އޮތް ނަމަވެސް، އެއަކުން އެކަށީގެންވާވަރުގެ މަޝްރޫޢެއް ނުއެއް ހިންގޭނެ. އެހެންވިޔަސް، އިރާދަކުރެއްވިއްޔާ މަޝްރޫޢު ފަށާނަން. މި ރަށުގެ ބިމުގެ ތާށިކަން އެހާ ބޮޑުވީމާ، ހަމަ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ހައުސިންގ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނެ ވާހަކަ ދަންނަވަން.

ދެން އެއާ އެކީގައި، ޢުމްރާނީ ތަރައްޤީގެ ރޮނގުން ކުރަންހުރި ގިނަ ކަންތައްތައްވެސް އެބަހުރި. ޑިންގީ ޕްލެޓްފޯމްގެ ވާހަކަ ވިދާޅުވި. ހަމަ އެއާ އެކީގައި، އެކިކަހަލަ ކުޅިވަރު ފެސިލިޓީތައް. މިހާރު ބަޖެޓުގައި އޮތް ފުޓްބޯޅަ ދަނޑުގެ މަސައްކަތުގައި، ސްޕޯޓްސް މިނިސްޓްރީއާއި ކައުންސިލާ މުޢާމަލާތް ކުރެވެމުން އެދަނީ. ރޮސްޓްރަމްއާއި ލައިޓް ޖެހުމުގެ މަސައްކަތްވެސް. ބަޖެޓުގައި ހިމަނާފައިވާނެ، މިސްކިތެއްގެ މަސައްކަތް. އެކަންވެސް އިސްލާމިކް މިނިސްޓްރީއާއި ކައުންސިލާ މިހާރު ކޮމިއުނިކޭޓް ކުރެވެމުންދަނީ، މި އަހަރުގެ މެދުތެރޭގައި ފެށޭތޯ.

ދެން ހަމަ ބިމުގެ ޖާގަ އެހާ ތާށިވީމާ، މިކަހަލަ ރަށްރަށުގައި މަތިމައްޗަށް އިމާރާތްތައް ހަދަންޖެހޭ. އެހެންވީމާ، ހުރިހާ ޚިދުމަތެއްދޭ، އެއް ފުރާޅެއްގެ ދަށުން ޚިދުމަތްދެވޭ އޮފީސް ކޮމްޕްލެކްސް ކަހަލަ އިމާރާތެއް ހުރުމަކީވެސް މުހިންމު ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭ. އެހެންވީމާ، މިކަންކަމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނަން.

މި ދެންނެވި ކޮންމެ ކަމެއް ކޮށްދޭން އަޅުގަނޑުމެން ބޭނުން. އިރާދަކުރެއްވިއްޔާ އެކަންކަން ކޮށްދޭނަން. އެ ޔަޤީންކަން އަޅުގަނޑު ދެން. ހަމަ އެގޮތަށް، ބަޖެޓުގައި ކޮންމެވެސްވަރެއްގެ ޖާގައެއް ހިމަނާފައި، އެހެން ނަމަވެސް، އެކަށީގެންވާ ފައިސާ ނެތަސް، އެކި ގޮތްގޮތުން އަޅުގަނޑުމެން ތަރުތީބުކޮށްގެން، ޞިއްޙީ ދާއިރާ ވަރުގަދަ ކުރުމަށްޓަކައި މި ރަށުގައި ކުރަންހުރި މަސައްކަތްތައްވެސް ކޮށްދޭނެ ވާހަކަ ދަންނަވަން. ސްކޫލް އިމާރާތްވެސް އެގޮތަށް.

އެހެންވީމާ، މިއިން ކޮންމެ ދާއިރާއަކަށްޓަކައި ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނަން އިރާދަކުރެއްވިއްޔާ. އެކަންކަމަށްޓަކައި މި ހުރިހާ އިޤްތިޞާދީ މަސައްކަތްތަކެއް މިކުރަނީ. އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަކޮށްގެން ނޫން ގޮތަކަށް މިކަމެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށްވެސް ފަސޭހަގޮތް ހަމަ އޮތީސް. އޮތް. ކުރީގައި ސަރުކާރުން ކުރިގޮތަށް ފައިސާ ހަމަ ޗާޕްކުރަމުން ޗާޕްކުރަމުންދިޔަނަމަ، އެއްވެސް އުނދަގުލެއް ނުޖެހުނީސް. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ ރާއްޖެ ބަނގުރޫޓުވާ ތަން. ރާއްޖެއަކަށް އެއްވެސް އިންވެސްޓަރެއްވެސް ނާންނާނެ. އެހެން ބައެއް ޤައުމުތަކުން ފެނުނު ޙާލަތު ފެނިގެން، އަޅުގަނޑުމެން މުޅިން ނާމާންކަމެއްގެ ތެރެއަށް އިޤްތިޞާދީ ގޮތުން ދާނީ. އަދި އިޤްތިޞާދީ ގޮތުން އެކަންޏެއް ނޫން. އެހެނިހެން ހުރިހާ ގޮތަކުންވެސް އޭގެ ސަބަބުން ދާނީ ބޮޑު އަނދަވަޅެއްގެ ތެރެއަށް.

އެހެންވީމާ، ފުރަތަމަ ދުވަހުން ފެށިގެން ރަނގަޅު މަގުން ގެންދިޔުމަށްޓަކައި އަޅުގަނޑުމެން އިޢުލާނުކުރި އިޤްތިޞާދީ އެޖެންޑާއާ އެކީގައި މަސައްކަތް ފެށީ. ފައިސާ ޗާޕްކުރުން ހުއްޓާލައި، ދެން މި ދެންނެވި ހުރިހާ ފިޔަވަޅުތަކެއް އަޅަން ފެށީ.

އެހެންވީމާ، މި ރޮނގުން މިކުރާ މަސައްކަތްތަކުގައި އަޅުގަނޑު ހަމަ އެދޭނީ، ރައްޔިތުންގެ ކިބައިން ފުރިހަމަ އެއްބާރުލުމެއް އަދިވެސް ދެއްވުމަށް. ރިޔާސީ އިންތިޚާބުގައިވެސް ތިޔަބޭފުޅުން ހަމަ އެ ތާއީދު ދެއްވި. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި، އެއަށްވުރެ ބޮޑަށް ތާއީދު ދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއް. ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަކީ، ވަރަށް މުހިންމު އިންތިޚާބެއް. އެހެންވަނީ، މި ރާއްޖޭގައި މިހާރު ކަންތައްތައް ދާގޮތުން. ރެސްޕޮންސިބަލް، ޒިންމާދާރު ގޮތެއްގައި ޢަމަލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ހިމެނޭ ޤައުމެއްގައި ކަންކަން ދާގޮތަކަށް ނޫނެއްނޫންތޯ ރާއްޖޭގައި ދަނީކީއެއް.

މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި، އެއްވެސްކަހަލަ އަސާސެއްނެތި، ހަމަ އެ ބޭފުޅުންގެ މައްޗަށް ބާރު ހިންގާ ކޮންމެވެސް އެހެން ފަރާތަކުން ހަމަ އަންގާ ގޮތަކަށް، ބޭނުންގޮތަކަށް ކަންކަން ކުރާތަން ނޫންތޯ ފެނިގެންދިޔައީ. އެއްވެސް ގޮތަކަށް ދައްކާނެ ސަބަބެއް، ޖަސްޓިފައި ކުރާނެ، ރީޒަންއައުޓް ކުރާނެ އެއްވެސް ކަމެއްނެތި، މިސާލަކަށް، ވަޒީރުންނަށް ރުހުންވެސް ނުދިނީ. އަދިވެސް ނުދޭ. އަޅުގަނޑުމެން އެ ބޭފުޅުން ރުހުން ނުދިން ތިން ވަޒީރުން އެހެންވެގެން ޢައްޔަންކޮށްފައި އަލުން ފޮނުވާފައި އެއޮތީ. ރުހުމެއް ނުދޭ.

އެހެންވީމާ، މިކަހަލަ އެތައް ކަމެއް މިކުރަނީ، އެއީ، އާދައިގެ ކަމެއް ނޫން. މި ޤައުމާ ދޭތެރޭގައި ކަންކަން ވެގެންދިޔަ ގޮތާމެދު ވިސްނާލީމާ އެނގޭނެ، މިހާރުވެސް އެ ހިނގަނީ ކޮން ކަމެއްކަން. އެހެންވީމާ، އަޅުގަނޑުމެން ފާރަވެރިވާން އެބަޖެހޭ. އަޅުގަނޑުމެން ޤައުމު ދެކެ ލޯބިވާ ރައްޔިތުން. ދިވެހިންގެ ރާއްޖެއަށް ދާން އަދި އަޅުގަނޑުމެން މި ފެށީ މަސައްކަތް. އެކީގައި ގެންގޮސް ދިވެހިންގެ ރާއްޖެ ޔަޤީންކުރުމަށްޓަކައި މި ފެށި މަސައްކަތުގައި އަދި އެއް މަރުޙަލާ މިއޮތީ ރައްޔިތުންގެ މަޖިލިސް. އެހެންވީމާ، ދިވެހިންގެ ރާއްޖެ ހޯދުމަށްޓަކައި، ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުން ގޮތް ނިންމެވި. ދިވެހިންގެ ރާއްޖެ، މަޖިލީހަށް އެބަ ދާންޖެހޭ. ދިވެހިންގެ ރާއްޖެ، މަޖިލީހަށް ގޮސްގެން، މަޖިލިސް ކާމިޔާބުކޮށް، ދިވެހިންގެ ރާއްޖެ ޔަޤީންވާނީ މި ދެންނެވި ސަބަބުތަކަށްޓަކައި. އެއީ، ރާއްޖޭގައި މިކަން ކުރަމުންދާ ގޮތްވީމަ.

އެހެންވީމާ، ރައްޔިތުން މީގައި ރިސްކެއް ނަގާކަށް ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ރިސްކެކޭ މި ދަންނަވަނީ، މިސާލަކަށް، ޒާތީ މަޞްލަޙަތު އިސްކުރުން. މި ވިސްނުން ދޫކޮށްލާފައި، ޤައުމީ ވިސްނުމާއި ތަރައްޤީގެ ވިސްނުން ދޫކޮށްލާފައި، ތިމަންނާގެ ޢާއިލާގެ މީހެކޭ ނުކުމެ ހުރީ، ނޫނީވިއްޔާ ތިމަންނާގެ ޕާޓީގެ މީހެކޭ ނުކުމެ ހުރީ، އެކަހަލަ މަޞްލަޙަތުތައް ދޫކޮށްލައްވާފައި، މި ދެންނެވި ޙަޤީޤަތް ގަބޫލުކުރައްވައިގެން، ޤައުމީ ވިސްނުމެއްގައި ތަރައްޤީ ހާސިލުކުރުމަށްޓަކައި މި ކުރެވޭ މަސައްކަތްތަކުގައި ތިމަންނާއަށްވެސް ފައިދާހުރި ގޮތަކީ، ތިމަންނާގެ ޢާއިލާއަށްވެސް، ތިމަންނަގެ މި ރަށަށްވެސް އަދި މުޅި ޤައުމަށްވެސް ފައިދާހުރި ގޮތަކީ، ސަރުކާރުން މިކުރާ މަސައްކަތުގައި، އެއް ވިސްނުމެއްގައި އެއްބާރުލުންދޭނެ ބޭފުޅުންކޮޅެއް މަޖިލީހަށް ހޮވުންކަން ގަބޫލުކުރައްވައި މަސައްކަތް ކޮށްދެއްވުން. މި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެގޮތަށް ނިންމެވުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ވިސްނުންހުރި ވިސްނުންތެރި ގޮތަކަށްވާނީ.

އެހެންވީމާ، އެ ވާހަކަ އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވީ. އަޅުގަނޑަށް ޔަޤީން، ނެއްލައިދޫގެ ލޮބުވެތި ރައްޔިތުންގެ ވިސްނުންފުޅު ހުރީ އެގޮތަށްކަން. އަދި އަޅުގަނޑު ޔަޤީންކުރަން، ރާއްޖޭގެ ގިނަ ރައްޔިތުންވެސް ހަމަ އެގޮތަށް ވިސްނަވާނެކަން.

އާދެ، އެ ވާހަކަ ފާހަގަކޮށްލުމާ އެކީގައި، އަޅުގަނޑު ނިންމާލާނަން. އަދިވެސް އެއްފަހަރު ހަމަ ޔަޤީންކަން ދެން، ތިޔަބޭފުޅުންގެ އިޤްތިޞާދީ ތަރައްޤީ، އިޖުތިމާޢީ ތަރައްޤީ، ޢުމްރާނީ ތަރައްޤީއަށް ކުރަން މިހިރަ ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ ކޮށްދޭނެކަމުގެ. އެކަންކަމުގައި ސަރުކާރުން މިތިބީ ތިޔަބޭފުޅުންނާ އެކީގައި. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ބާރުވެރިކުރުވައި، ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށްދީގެން، ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދީގެން، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމުގައި އަޅުގަނޑުމެން މިތިބީ. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރައްވައި، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.