بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މަކުނުދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަދި ކައުންސިލްގެ ރައީސާއި ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ރަށުގެ ހުރިހާ މުއައްސަސާތަކުގެ ވެރިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނާއި، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި ރަށަށް މިއަދު އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މީގެކުރިންވެސް ގިނަފަހަރުތަކެއްގައި އަޅުގަނޑަށް މި ރަށަށް އާދެވިފައިވޭ. އެންމެފަހުން ކެމްޕެއިން ތެރޭގައި އާދެވުނީ. އެ ދަތުރުގައި ވަރަށްގިނަ ކަންތައްތަކެއް ތިޔަބޭފުޅުން އަޅުގަނޑާ ޙިއްޞާ ކުރެއްވި. ރަށުގެ ތަރައްޤީއަށް ކުރަންހުރި، ބޭނުންޖެހިފައިވާ ގިނަގުނަ ކަންތައްތަކެއް. އަޅުގަނޑު ދެންނެވީ، އެކަންކަން ކޮށްދިނުމުގެ ފުރުޞަތު ރައްޔިތުން އަޅުގަނޑަށް ދެއްވައިފީވިއްޔާ، ތެދުވެރިކަމާ އެކީގައި، ޒިންމާދާރުކަމާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި، ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ކޮށްދޭނަމޭ. އެއީ، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް އަޅުގަނޑު ކެމްޕެއިންގައި ދިން ޔަޤީންކަމަކީ. ދެއްކި ވާހަކައަކީ. ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އަޅުގަނޑަށް އިތުބާރު ކުރެއްވީތީ.

މިއަދު މިހިރީ އެކަންކަން ކޮށްދިނުމަށް ތިޔަބޭފުޅުން އަޅުގަނޑާ ހަވާލުކުރައްވާފައި. އަޅުގަނޑު އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން. އަޅުގަނޑުމެންގެ ޓީމުން، ސަރުކާރުގެ ހުރިހާ ވެރިން
އެ ކުރައްވަނީ އެ މަސައްކަތް.

މި ރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ، މި ދެންނެވިހެން ހުރިހާ މަސައްކަތެއް، އެއީ، އިޤްތިޞާދީ ކަމެއްވިޔަސް، ޞިއްޙީ ނިޒާމުވިޔަސް، ތަޢުލީމީ ނިޒާމުވިޔަސް، ދެންހުރި ކަމެއްގައިވިޔަސް، ގެދޮރުވެރިކަމުގެ ގޮތުންވިޔަސް، ޖުމްލަކޮށް ހަމަ ހުރިހާ ކަމެއް ކޮށްދޭނަން.

އާދެ، އެގޮތުން އެއަރޕޯޓުގެ މަސައްކަތް އެއީ، މި ރަށުގެ ތަރައްޤީއަށް، އަދި އެކިއެކި ގޮތްގޮތުން ބަލާއިރުވެސް، ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެ މަސައްކަތް ފެށިފައި އޮތް ނަމަވެސް، އަދި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަކަށް ނޫން މުޅިން އެދަނީ. އެހެންވީމާ، އަޅުގަނޑު އޭރުގައި ދެންނެވިން، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ރަނގަޅު އެއަރޕޯޓަކަށް ހަދާނަމޭ. މިހާރު ކައުންސިލުން އަޅުގަނޑު ގާތުގައި ވިދާޅުވި، އަދި ރައްޔިތުންވެސް އަޅުގަނޑު ގާތުގައި ވިދާޅުވެފައި ވަނީ، އެ އެއަރޕޯޓުގެ ރަންވޭ، މިހާރު އެ ހަދަން އުޅޭ ދިގުމިނަށްވުރެ ދިގު ރަންވޭއަކަށް ހަދަން. އެހެންވީމާ، އަޅުގަނޑު ރައްޔިތުންނަށް ދޭނެ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ 1800 މީޓަރު ދިގު ރަންވޭއަކަށް ހަދައިދޭނަމޭ.

ދެން އެ މަސައްކަތް ދާއިރުގައި، އެ މަސައްކަތުގެ ތެރެއިން ބިން ހިއްކުމުގެ މަސައްކަތް ނިމޭއިރުގައި، ރަށުގެ ހަމައެކަނި އެއަރޕޯޓަކަށް ނޫން، ގެދޮރުވެރިކަމުގެ ބޭނުމަށާއި، ރަށުގެ ތަރައްޤީއަށްވެސް ބޭނުންވާވަރަށް، އެކަށީގެންވާ ބިން ހިއްކުމުގެ މަޝްރޫޢެއްގެ ގޮތުގައި އެކަން ނިމިގެންދާނެ ކަމުގެ ޔަޤީންކަން ދެން.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ކެމްޕެއިން ތެރޭގައި އަޅުގަނޑުވީ ހުރިހާ ވަޢުދެއްވެސް އިރާދަކުރެއްވިއްޔާ ފުއްދާނަމޭ. ސަރުކާރުގެ ބަޖެޓުން ޖާގަ ލިބުމުގެ ދަތިކަން އެބަހުރި. އެހެން ނަމަވެސް، ބަޖެޓް ތެރެއިންނާއި، އެހެނިހެން ފައިނޭންސިންގ މޮޑެލްތަކުން އަޅުގަނޑު
މި ބަލަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިކަހަލަ ހުރިހާ މަސައްކަތްތައް ކުރަން.

ހަމަ އެފަދައިން، މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ. މަގު ހަދައިދިނުމަކީ، ރައްޔިތުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް. މި ރަށުގެ ތަރައްޤީއަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. އެހެންވީމާ، މައި ހުރިހާ މަގެއް އަޅުގަނޑު ވަޢުދުވީގޮތަށް، ތާރު އަޅައިގެން، އިރާދަކުރެއްވިއްޔާ ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނަން.

އާދެ، އަޅުގަނޑު ދެން ދަންނަވާލަން ބޭނުންވަނީ، ޞިއްޙީ ނިޒާމުގެ ވާހަކަ. ޞިއްޙީ ނިޒާމު ރަނގަޅު ކުރުމަކީ، ކޮންމެ ރަށެއްގައިވެސް އަސާސީ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަނީ.
މި ރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، މުޅިން އާ ޞިއްޙީ މަރުކަޒެއް އެޅުމަކީ ކުރަންޖެހޭ ކަމެއް. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ގެންދާނީ. މިހާރުން މިހާރަށްވެސް ކުރެވެންހުރި މަސައްކަތްތައް ކުރާނަން. އެއީ، ޑޮކްޓަރުން އިތުރުކުރުމާއި، އަދި އެކިކަހަލަ ޚިދުމަތްތައް އިތުރުކުރުމުގެ މަސައްކަތްތައް. އަޅުގަނޑު ހެލްތް މިނިސްޓަރަށް ދަންނަވައިގެން، އިރާދަކުރެއްވިއްޔާ ހަމަ ވީހާވެސް އަވަހަކަށް ކަންތައްތައް އަޕްގްރޭޑް ކުރަމުން، ފެންވަރު މަތިކުރަމުން ގެންދާނަން. އިރާދަކުރެއްވިއްޔާ ރަނގަޅު ފެންވަރުގެ ބޮޑު ޞިއްޙީ މަރުކަޒެއް މިތަނުގައި އަޅުގަނޑުމެން ހަދައިދޭނަން. އާދެ، އެކަން ނިމިގެންދާއިރުގައި، މި ރަށުގައި ތިބެގެން ހުރިހާ ޞިއްޙީ ފަރުވާއެއް ދެވޭގޮތަށް އޮންނާނީ.

އާދެ، ދެން ސްކޫލްގެ ވާހަކަވެސް ފާހަގަކުރެއްވި. ދެން އަޅުގަނޑާ ސަލާންކުރަން ސަފުގައި ތިބި ވަރަށްކުޑަ ކުދިންތަކެއް، ސްކޫލް ކުދިންތަކެއް، އަޅުގަނޑާ ސަލާންކުރަމުން ދިޔައިރު، އެކުދިން އެދުނީ، ތިމަންނަމެންގެ ކްލާސްރޫމްތައް ވަރަށް ހޫނޭ، އޭ.ސީ. ކޮށްލައިދޭށޭ. އެއީ، އެ ކުދިން އަޅުގަނޑު ގާތު ސިއްރު ސިއްރުން ބުނި ވާހަކައަކީ.

އާދެ، އަޅުގަނޑު މިހާރު ވާނީ އެޑިޔުކޭޝަން މިނިސްޓަރަށް ދަންނަވާފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިގޮތަށް ހުރި ސްކޫލް، ކްލާސްރޫމްތަކުގެ މާޙައުލު ރަނގަޅުކޮށްދޭން. އެއީ، އޭ.ސީ. ހަރުކޮށްގެން، ނޫނީވިއްޔާ ފިނިކުރެވޭނެ ކޮންމެވެސްކަހަލަ ނިޒާމަކުން ފިނިކުރުމަށް. ވަރަށްގިނަ ސްކޫލްތަކުން އާދޭ ރިކްއެސްޓް. އެހެންވީމާ، އެ މަސައްކަތް އެބަ ކުރަން. ކޮންމެގޮތެއްވިޔަސް، ބަޖެޓުން ދެކަމެއް ވާނެ. އެއްކަމަކީ، އެކަމަށް ޚަރަދު ހިނގާނެ، އޭ.ސީ. ކުރުމަށް. ދެވަނަ ކަމަކީ ބިލް ދެއްކުން. މިއީ އަޅުގަނޑުމެން ވަރަށްގިނަ މަސައްކަތް ކުރަންޖެހޭ ކަމެއް. ކޮންމެގޮތެއްވިޔަސް، ސަރުކާރުން އެ ބިލް ދައްކާނެ. އެހެންވީމާ، އީޖާބީ ގޮތެއްގައި، ޕޮޒިޓިވް ގޮތެއްގައި އަޅުގަނޑު ހަމަ ދަންނަވާނީ، އެކަމަށް ޙައްލެއް ގެނައުމުގެ މަސައްކަތް އެއީ، މުޅި ރާއްޖޭގައި ކުރަންޖެހޭ ކަމެއްވީމަ، އެކަން ކުރިއަށްދާނެ ވާހަކަ. ރަނގަޅު ނަތީޖާ އިރާދަކުރެއްވިއްޔާ ނެރެވޭނެ. ދެން މިކަމުގައި ބައިވެރިވާނެ ބަޔަކު ތިބިއްޔާ، މި ދެންނެވީ ޕްރައިވެޓް ސެކްޓަރގައި ތިބޭނެ، ވިޔަފާރިވެރިންވެސް، ސަރުކާރުގެ މިކަހަލަ ކަންކަމުގައި ބައިވެރިވާން ބޭނުންވާ. އެއީ، އަޅުގަނޑު ހަމަ ވަރަށް މަރުޙަބާ ކިޔާނެ ކަމެއް.

އާދެ، ސްކޫލް ކުދިންގެ ކިޔެވުމުގެ މާޙައުލު ހިތްފަސޭހަ ކުރުމަކީ ހަމަ މުހިންމު ކަމެއް. އާދެ، އެހެންވީމާ، އެކަމަށްވެސް ހަމަ އަޅުގަނޑު ދަންނަވާލާނީ، ތުއްތު ކުދިން އެ އެދުނު ކަންތައް ކޮށްދެވޭތޯ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަމޭ.

އާދެ، ޒަމާނީ ފުޓްބޯޅަ ދަނޑެއް އަޅައިދޭނެ ކަމަށް އަޅުގަނޑު ވަޢުދުވިން. ޒުވާނުންގެ މަރުކަޒު ޤާއިމުކުރާނެ ކަމަށްވެސް ދެންނެވިން. އަދިވެސް އެކަހަލަ ބައެއް ވާހަކަތައް ދެންނެވިން. މި އަހަރު ބަޖެޓުގައި މިކަހަލަ ބައެއް ކަންތައް ހިމެނިފައެއް ނެތް. އެހެން ނަމަވެސް، އެކަންކަން ކުރިއަށް ގެންދާނަން.

އާދެ، ބަންގިގޮވަން ފަސްވަރަކަށް މިނިޓަށް ވެއްޖެ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ދަތުރުތައް މިކުރާ މައިގަނޑު ސަބަބަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް މަސައްކަތް ކުރުމޭ. އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާހިތްވާ ގޮތް އެއީ. ކުރީގައިވެސް، މާލޭގެ މޭޔަރަކަށް މާލޭ ރައްޔިތުން ހޮވީމާވެސް އަޅުގަނޑު މަސައްކަތްކުރީ އެގޮތަށް. އަޅުގަނޑަކަށް ފަސޭހައެއް ނޫން، ރައްޔިތުންނާ ދުރުގައި މަސައްކަތްކުރާކަށެއް. އެހެންވީމާ، ބޭނުންވަނީ ހަމަ ރަށްރަށަށް ދާން، ރައްޔިތުންނާ ގާތުން މަސައްކަތް ކޮށް، ކައުންސިލްތަކާ ބައްދަލުކޮށް އަދި ރައްޔިތުންނާ ބައްދަލުކޮށް، ކަންކަން އޮޅުންފިލުވައިގެން މަސައްކަތް ކުރަން.

އެހެންވީމާ، އެގޮތުގައި ފެށި ދަތުރުތަކެއް މިއީ. ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ ކައުންސިލާ އެބަ ބައްދަލުކުރަން. އަދި ނުދެވޭ ރަށްތަކުގެ ކައުންސިލްތަކުގެ މެންބަރުންވެސް އެބަ ވަޑައިގަންނަވާ ބައްދަލުކުރަން. މި ބުރު ނިމޭއިރުގައި، ރާއްޖޭގެ ހުރިހާ ކައުންސިލަކާ އަޅުގަނޑާ ބައްދަލުވާނެ. އިރާދަކުރެއްވިއްޔާ އެކަން ވާނެ. ކުރިއަށް އޮތް ދެ ހަފްތާ ނިމޭއިރުގައި، ޔަޤީނުންވެސް. ތިން ހަފްތާ ނިމޭއިރުގައި، ހުރިހާ ކައުންސިލަކާ، ރައްޔިތުން ރެޕްރެޒެންޓް ކުރަން ހޮވާފައި ތިބި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުވާނެ. ހުރިހާ ކައުންސިލްތަކާ، ހުރިހާ ޑަބްލިޔޫ.ޑީ.ސީ.އަކާ އިރާދަކުރެއްވިއްޔާ އަޅުގަނޑާ ބައްދަލުވާނެ. ކޮންމެހެން އަޅުގަނޑު ގާތަށް މާލެއަށް އެ ބޭފުޅުން ދަތުރު ހައްދަވާފައި ވަޑައިގަންނަވާކަށް ނުޖެހޭނެ. އަޅުގަނޑު މި އަންނަނީ ރައްޔިތުން ގާތަށް. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ކުރިއަށްދާނީ. ކައުންސިލްތަކަށް ދޭން ބޭނުންވާ ޔަޤީންކަމަކީ، ވަކިން ޚާއްޞަ ވުޒާރާއެއްވެސް އުފެއްދީ އެހެންވެގެންނޭ. ރައްޔިތުންނާ ގާތުން ދުވަހުން ދުވަހަށް ކޮންމެ ކަމެއްގައިވެސް ސަރުކާރުން އިޖާބަ ދިނުމަށް. އެހެންވީމާ، އެގޮތުގައި މިހާރުވެސް ކުރިއަށް އެދަނީ.

މި ހުރިހާ ބައްދަލުވުންތަކެއް ބޭއްވިގެންދާއިރުގައި، ފާހަގަވާ މައިގަނޑު އެއްކަމަކީ، މިވޭތުވެދިޔަ 12، 13 އަހަރުގެ ތެރޭގައި މި ކައުންސިލްތައް އުފެދިގެން ދިޔަ ނަމަވެސް، ދެން އޮފީސް އިމާރާތްތައް އަޅައިދީފައި ހުރީ ވަރަށް މަދު ތަނެއްގައޭ. ޖުމްލަކޮށް ހަމަ ނެތޭ ދެންނެވޭހާވެސް ދަށްކޮށް އޮތީ. އެހެންވީމާ، ރައްޔިތުންނަށް ޚިދުމަތް ދޭން އެބަ ވަރަށް އުނދަގޫވޭ. އަޅުގަނޑުމެން ބޭނުމެއް ނޫން، އެކަން އެގޮތަށް އޮންނާކަށް.

ދެން މިއަދަކީ މި ވާހަކަ ދައްކަންވެސް ވަރަށް ހަމަ މުނާސަބު ދުވަހެއް. ލާމަރުކަޒީ ދުވަސް. މި ދުވަހުގެ ތަހުނިޔާ، ހުރިހާ ކައުންސިލަރުންނަށާއި، ޑަބްލިޔޫ.ޑީ.ސީ. މެންބަރުންނަށާއި، އިންތިޚާބުވެވަޑައިގެން ތިއްބެވި ހުރިހާ ކައުންސިލަރުންނަށް ދަންނަވަން.

އެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި ވަރަށްބޮޑު މަޝްރޫޢެއް ފަށާނެ ވާހަކަ. ބަޖެޓުގައި ނެތް. އެހެންވީމާ، އިންވެސްޓަރ ފައިނޭންސް މޮޑެލްގެ ތެރެއިން އަޅުގަނޑުމެން ފައިސާ ހޯދައިގެން، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކައުންސިލްތަކަށް ބޭނުންވާ މަރުކަޒުތައް އަޅައިދިނުމަށްޓަކައި ފަށާ މަޝްރޫޢެއް މިއީ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 50 ރަށެއްގައި، 50 ރަށުގެ ރަށު ކައުންސިލް އޮފީސް އަޅުގަނޑުމެން ޤާއިމުކޮށްދޭނަން.

އާދެ، 50 ރަށް އަޅުގަނޑުމެން ޚިޔާރުކުރާނެ ގޮތަކީ، އެންމެ ބޮޑަށް ހަލާކުވެފައި ހުރި ކައުންސިލް އިދާރާތަކަށް ބަލައިގެން. އެންމެ ޖާގަ ކުޑަ، އެންމެ ޖާގަ ކުޑަ، އެންމެ ބޮޑަށް ވީރާނާވެފައި ހުރި، އެންމެ ގިނަ ދުވަސްވީ އިދާރާތަކަށް އިސްކަންދީގެން، އަދި އާބާދީ އެންމެބޮޑު، އެންމެ ބޮޑަށް ޚިދުމަތް ދޭންޖެހޭ އިދާރާތަކަށް އިސްކަންދީގެން. އެހެންވީމާ، މިގޮތަށް ބަލައިގެން، 50 ރަށެއް އަޅުގަނޑުމެން ޚިޔާރުކޮށްފައި، މި ދެންނެވި މަޝްރޫޢު އެކުލަވައިލުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. މި އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނީ އެއްފަހަރާ 50 ރަށުގައި މަސައްކަތް ފަށަން. އެއީ، ފުރަތަމަ ފިޔަވަހި. އެކަން ނިމުނީމާ ވަރަށް ފަސޭހަވާނެ ރައްޔިތުންނަށް. ފެނިވަޑައިގަންނަވާނެ، ފެންވަރު ރަނގަޅު، ޖާގަހުރި ކައުންސިލް އިދާރާތަކެއް އެޅުނީމާ، ރައްޔިތުންނަށް އެއިން ވާ ފަސޭހަ.

އާދެ، އެކަން ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. ޙަޤީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ފުރިހަމަގޮތުގައި ހިންގުމުގެ ފުރުޞަތު ދޭން އަޅުގަނޑު ބޭނުންވަނީ. ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމަކީ، އަޅުގަނޑު ހަމަ ބޭނުންވާގޮތްވީމަ.

އާދެ، އެ ވާހަކަ ފާހަގަކޮށްލާފައި، އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން، މި ރަށުގެ ތަރައްޤީއަށް ދެންވެސް ކުރަންހުރި ކަންކަން ކުރާނެ ވާހަކަ ދަންނަވާލަން. ފުޓްސަލް ދަނޑު މަރާމާތު ކުރަންޖެހޭ. އަދި އެކިކަހަލަ ކުޅިވަރު ފެސިލިޓީޒް ޤާއިމުކުރަންޖެހޭ. މިކަހަލަ ވަރަށް ގިނަ ކަންކަން އެބަހުރި ފާހަގަކޮށްފައި. އެހެންވީމާ، އަޅުގަނޑު ހަމަ ވަޢުދުވީ ހުރިހާ ކަމަކާއި، އަދި ކައުންސިލުން އެދިވަޑައިގަންނަވާ ހުރިހާ ކަމެއްވެސް ހިމެނޭގޮތަށް، މަކުނުދޫ ރައްޔިތުންގެ އުންމީދުތައް އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ސަރުކާރުން ހަދައިދޭނަން. ސަރުކާރަށް ތިޔަބޭފުޅުން އެއްބާރުލުން ދެއްވުމަކީ، މިކަންކަން ކުރުމުގައި، ނަތީޖާ ނެރުމާއި ނުނެރުމުގައި ހުރި ތަފާތު. ވަރަށް ދަތިތައް ކުރިމަތިވޭ. ރައްޔިތުންގެ މަޖިލީހުން ދަތިތައް ކުރިމަތިކުރީމާ. މިހާރު ފެނިވަޑައިގަންނަވާނެ. އެކަން ވާންޖެހޭ ގޮތެއް ނޫންކަން އެއީ. އެކަމަކު ރާއްޖޭގައި މިހާރު އޮތް އިދިކޮޅު ޕާޓީން ކަންކުރާގޮތް އެއީ. މިއީ، ޑިބޭޓަކަށް ދާންޖެހޭ ކަމެއްވެސް ނޫން. ކޮންމެ ދުވަހަކު ފެންނަން އޮތް ޙަޤީޤަތް. އެހެންވީމާ، އެ ޙަޤީޤަތް އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންޖެހޭނެ، ރައްޔިތުން ގޮތެއް ނިންމަން، އިންތިޚާބު އައިސް ޖެހޭއިރުގައި.

އާދެ، އެ ވާހަކަ ދަންނަވާލަމުން، އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުން، އަޅުގަނޑު ވަކިވެލަމުން ދަންނަވާލާނީ، އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަމޭ، މަކުނުދޫގެ ލޮބުވެތި ރައްޔިތުންނަށް. ތިޔަބޭފުޅުންގެ ރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކޮށްދޭން ހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެއޭ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް.

އާދެ، އަޅުގަނޑުމެންގެ މި ޤައުމުގެ ކުރިމަގަށްޓަކައި އަޅުގަނޑުމެންނަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.