بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ހަނިމާދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ހަނިމާދޫ ކައުންސިލްގެ ރައީސާއި، ކައުންސިލަރުން، އަދި ޑަބްލިޔޫ.ޑީ.ސީ.ގެ އެންމެހައި މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، މި ތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި މިޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު ހެނދުނު އަޅުގަނޑުމެން މި ރަށަށް އައުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މި ބައްދަލުވުމަކީ، އަޅުގަނޑުމެން މިހާރު މި އަތޮޅަށާއި، އުތުރުގެ މި ހަތަރު އަތޮޅަށް ކުރަމުންމިދާ ދަތުރުގައި ބޭއްވޭ ބައްދަލުވުން. އާދެ، މި ޖަލްސާއަށް ވަޑައިގެންނެވީތީ، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި، އަޅުގަނޑު ހަމަ ކޮންމެ ރަށެއްގައިވެސް ދޭ ޔަޤީންކަން އަޅުގަނޑު ދޭނީ. އެއީ، ސަރުކާރުން ބޭނުންވަނީ، އަދި އިރާދަކުރެއްވިއްޔާ ކުރާނެ ގޮތަކީވެސް ރައްޔިތުންނަށް މުހިންމުވެފައި މިހިރަ ހުރިހާ ކަމެއް ހާސިލުކޮށްދިނުން. އަޅުގަނޑުމެންނަށް ކުރިމަތިވެފައި ހުރި އެކިއެކި ގޮންޖެހުންތަކުން، މައިގަނޑު ގޮތެއްގައި އިޤްތިޞާދީ ގޮންޖެހުން. މި ގޮންޖެހުންތަކުން އަރައިގަންނަމުން، މި ރަށުގެ ތަރައްޤީއަށްވެސް ކުރަންހުރި ކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.

އާދެ، ދެންމެ ކައުންސިލްގެ ބައްދަލުވުން އަޅުގަނޑުމެން ބޭއްވިން. ކައުންސިލްގެ ފަރާތުންވެސް ހަމަ ތިޔަބޭފުޅުންގެ ހުރިހާ ކަމެއް ޙިއްޞާ ކުރެއްވި. ޖުމްލަ ގޮތެއްގައި މި ދެންނެވި ޔަޤީންކަން ދެމުން، އަޅުގަނޑު ހަމަ ބައެއް ކަންކަން ފާހަގަކޮށްލާނަން.

ދެން އޭގެ ކުރިންވެސް، އެއް ކަމެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ތަރައްޤީގެ މެނިފެސްޓޯގެ ޕްލޭންގައި އޮންނަ ގޮތުން، އެކަން އަޅުގަނޑުމެން އިޢުލާނުކޮށް، ކެމްޕެއިން ތެރޭގައި އެވަނީ ޙިއްޞާކުރެވި، އަދި ރައްޔިތުން ބަލައިގެންފައި. އެއީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާނެ ގޮތަކީ، އެކިއެކި ސަރަޙައްދުތައް ޕްލޭންކޮށްގެން، ސަރަޙައްދީ ގޮތެއްގައި ތަރައްޤީ ގެނެސްގެންކަން. އެހެންވީމާ، އެންމެ އުތުރުގެ ހަތަރު އަތޮޅު އެކީގައި، އެއީ، އުތުރުގެ ޑިވެލޮޕްމަންޓް ޒޯނެއް ގޮތަށް، އިންޓަރގްރޭޓަޑް މަފްހޫމެއްގައި ގުޅި ލާމެހޭ ތަރައްޤީގެ ޕްލޭނެއް. ހަމަ އެގޮތަށް، ރާއްޖޭގެ އެންމެ ދެކުނުން ހަތަރު އަތޮޅު އަދި އެއާ އެކީގައި، މެދު ރާއްޖެތެރޭގެ ހަތް ސަރަޙައްދެއް، އަރބަން ސެންޓަރުތަކެއް ގޮތަށް ހަމަޖެއްސުން.

މި އުތުރުގެ 4 އަތޮޅު އެކީގައި އުފެދޭ ތަރައްޤީގެ ޑިވެލޮޕްމަންޓް ޒޯނުގެ ތެރޭގައި، ޚާއްޞަކޮށް ފޯކަސް ކުރެވޭ ރަށްތައްވެސް ހުންނާނެ. އާބާދީއާއި ތަރައްޤީ އެއްފަސް ކުރެވޭ. މި މަފްހޫމުގެ ދަށުން ރާއްޖެ ތަރައްޤީ ކުރަން ނޫޅެފިއްޔާ، މި ވާގޮތަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކެއް ސަރުކާރަކަށް ނުދެވޭނެ. އެއީ، ރާއްޖޭގެ ރަށްތަކުގައި މީހުން ދިރިއުޅުމަށް ފެތުރިފައި އޮތް ޖިއޮގްރަފިކަލް ޑިސްޓްރިބިއުޝަން، ނޫނީ ފެތުރިފައި އޮތް ގޮތުގެ ސަބަބުން އަޅުގަނޑުމެން ކޮންމެ ރަށަކަށް ހުރިހާ ކަމެއް ކޮށްދިނުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި، އަދި އަމުދުން ތިމާވެށީގެ މި ނާޒުކު ކަންތައްތައް ކުރިމަތިވަމުންދާ ޒަމާނުގައި އަޅުގަނޑުމެން ވިސްނަންޖެހޭ ގޮތް.

އެހެންވީމާ، މި ވިސްނުމުގެ ތެރެއިން ބަލާއިރުގައި، މި ދެންނެވި އުތުރުގެ މި ހަތަރު އަތޮޅުގެ މި ޒޯނުގެ ތަރައްޤީގެ ޕްލޭންގައި، މި ސަރަޙައްދު ހިމެނޭ މި ރަށްތަކުގެ ތެރެއިން މި ރަށަކީ، އަޅުގަނޑު ދެންމެ މި ދެންނެވި ގޮތަށް، ޚާއްޞަ އިސްކަމެއް ދީގެން ތަރައްޤީގެ ގިނަގުނަ ކަންތައްތަކެއް، އަޅުގަނޑުމެންގެ ސިޔާސަތުގައި ހިމެނޭ ރަށެއްކަން ދަންނަވާލަން ބޭނުންވަނީ. އެ ޔަޤީންކަން ދޭން ބޭނުންވަނީ. އެއީ، ދެމެހެއްޓެނިވި ވިސްނުމުގައި ބަލާއިރުގައި، އާބާދީ އެއްފަސް ކުރެވެން އެބައޮތް. ތަރައްޤީ އެއްފަސް ކުރެވެން އެބައޮތް. އަދި އާބާދީ އިތުރުވާވަރަކަށް އަޅުގަނޑުމެންނަށް އިޤްތިޞާދީ ފުދުންތެރިކަންވެސް ހާސިލުކުރުމުގެ މިންވަރު ވަރަށްބޮޑު.

އެހެންވީމާ، މި ރަށަށް މި ދެންނެވި ވިސްނުމުގައި، އަޅުގަނޑުމެން ކުރިއަށް ގެންދާ ކަންކަން ގެންދާނަން. އޭރުން އެހެން ދިމަދިމާއިން ތަރައްޤީއަށްޓަކައި މި ރަށަށް މީހުން ހިޖުރަކުރާނެ. މި އަތޮޅުގައި އެކަހަލަ ބައެއް ރަށްތައް އެބަހުރި. އަދި މި ސަރަޙައްދުގައި އެބަހުރި. އެކަހަލަ ބައެއް ރަށްތައް އެބަހުރި. އެހެންވީމާ، އެ ރަށްތަކަށް މި ދޭންޖެހޭ އިސްކަން މިދެނީ. މުޅި ރާއްޖޭގެ ތަރައްޤީގައި އެންމެންނަށް، ހުރިހާ ރައްޔިތުންނަށް އެންމެމަތީ ފެންވަރުގެ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުކުރުމަށް.

އެހެންވީމާ، ހުރިހާ ރައްޔިތުންނަށް، މާލެއެކޭ އެއް ފެންވަރުގައި، މާލޭގައި މިހާރު ހުރި ޚިދުމަތްތަކުގެ ފެންވަރުގައި، އަދި ހަމަ މުޅި ރާއްޖޭގައި އަދި އެއަށްވުރެވެސް ފެންވަރު ރަނގަޅުކޮށް މުޅި ރާއްޖޭގެ ޚިދުމަތްތައް ގެންދިޔުމުގެ ވިސްނުމުގައި، އެންމެންނަށް މަތީ ފެންވަރުގެ ޚިދުމަތް، ކުރިއަށް އޮތް ދުވަސްތަކުގައި ދިނުމަކީ އަމާޒު. މި ދަންނަވަނީ ހަމަ ވަރަށްގިނަ މަސައްކަތް ކޮށްގެން ދާނެ ހިސާބެއްގެ ވާހަކަ. އެހެންވީމާ، އެ ހިސާބަށް ދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގައި، މި ދެންނެވި ވިސްނުމުގައި މަސައްކަތް ކުރާނެ ވާހަކަ ދަންނަވާލަން.

އާދެ، މި ރަށުގައި މި ހިންގާ މަޝްރޫޢުތަކަށް ބަލާއިރުގައި، އެއަރޕޯޓެއްގެ މަސައްކަތް އެބައޮތް ފެށިފައި. އެއީ، ވަރަށް ރަނގަޅު ކަމެއް. ވަރަށް މުހިންމު މަސައްކަތެއް. އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވިން، އެއަރޕޯޓުގެ މަސައްކަތް، އޭރުގައި ދިޔަ ސްޕީޑަށްވުރެ، އަޅުގަނޑުމެން ހަވާލުވެގެން ކުރިއަށް ގެންދާނެ ސްޕީޑް މާ ބާރުވާނެ ވާނެކަމަށް. އެގޮތުގައި ދާނީ. އަދި މިހާރު އެދަނީވެސް އެގޮތުގައި. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ އެއަރޕޯޓް ފީޒިބަލް ވަނީ ޚާއްޞަ ގޮތެއްގައި ޓޫރިޒަމް. އަދި އެހެން އިޤްތިޞާދުތައްވެސް މި ސަރަޙައްދަށް ގެނެވިގެން.

އަޅުގަނޑުމެން މިހާރު އެވަނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ވަރަށްބިޔަ އަދި ރާއްޖޭގައި މިހާތަނަށް ފެށޭނެ އެންމެ ބޮޑު އިޤްތިޞާދީ މަސައްކަތް، މި އަތޮޅު، ހއ. އަށް، ބޮޑުތިލަދުންމަތީގައި އަދި ހއ. ގައި އެ މަޝްރޫޢު އެ ފެށެނީ. އަދި އެއާ ގުޅިގެން އެއީ، ވަރަށްގިނަ ވަޒީފާތަކާއި، ވަރަށްގިނަ މީހުންގެ އިޤްތިޞާދީ ފުދުންތެރިކަން، މުޅި ބޮޑުތިލަދުންމައްޗަށް އަންނާނެ ކަމެއް.

އެއާ އެކީގައި، މި އަތޮޅަށާއި މި ޒޯނަށް، މި ދެންނެވި އުތުރުގެ ޑިވެލޮޕްމަންޓް ޒޯނަށް ވަރަށް ބޮޑު ތަނުން ޓޫރިޒަމް އިތުރުވާންޖެހޭނެ. އަޅުގަނޑުމެންގެ ކުރިއަށް އޮތް ދުވަސްތަކުގެ ޓޫރިޒަމް މާސްޓަރ ޕްލޭންގައި މިއޮތީ، ޓޫރިޒަމަށް، ފަތުރުވެރިކަމަށް ވަރަށްގިނަ މަސައްކަތްތަކެއް މި ސަރަޙައްދުގައި، ރިޒޯޓުތައް ހުޅުވުމާއި، އެކިކަހަލަ ޓޫރިޒަމް ޕްރޮޑަކްޓްސްތައް އިތުރުކުރުމަށްޓަކައި ކުރުމަށް. އަޅުގަނޑުމެންގެ އިޤްތިޞާދީ ސިޔާސަތުގައި މިއޮތީ ހަމައެކަނި އެއް ވައްތަރެއްގެ ޓޫރިޒަމެއް ކުރިއަށް ގެންދާކަށް ނޫން. އެކަން އެނގިވަޑައިގަންނަވާނެ، މިހާރު ހުރިހާ ރައްޔިތުންނަށް. ޓޫރިޒަމް ފުޅާކުރަން. މިސާލަކަށް، އެކިކަހަލަ އިންޓްރެސްޓްގައި، އެކިކަހަލަ ޝައުޤުވެރިކަން ހުންނަ ފަތުރުވެރިން މިތިބެނީ. ޘަޤާފީ ގޮތުން އެ ޤައުމެއްގައި ހުރި ކަންކަން ބަލައިލުމަށް އަންނާނެ ފަތުރުވެރިން އެބަތިބޭ. މިސާލަކަށް، ރާއްޖޭގެ ޘަޤާފަތް ދެނެގަންނަން، ދަސްކުރަން ބޭނުންވެގެން އަންނަ މީހުންނާއި، ރާއްޖޭގެ ތާރީޚުގައި ހުރި ކަންކަން ބަލައި، އެކަންކަމުގެ ތެރެއިން ކަންކަން އޮޅުންފިލުވަން ބޭނުންވެގެން އަންނާނެ ފަތުރުވެރިން ތިބޭނެ. ޤުދުރަތީ ރީތިކަން ބަލައިލުމަށް އަންނާނެ މީހުން އެބަތިބި. ވަރަށް ފުޅާކުރެވިދާނެ އިންޑަސްޓްރީތަކެއް މިއީ. ޓޫރިޒަމް ވަރަށް ފުޅާކުރެވިދާނެ ދާއިރާތަކެއް މިއީ. އަދި އެކަހަލަ ގިނަގުނަ ދާއިރާތަކުން ޓޫރިޒަމް ފުޅާކުރަން ނިންމާފައިވަނީ.

އެހެންވީމާ، އެގޮތުން ބަލާއިރު މި އަތޮޅުގައިވެސް އެގޮތަށް އެބަހުރި ފުރުޞަތުތައް. އަދި މި ބޮޑުތިލަދުންމަތީގެ އެކި ރަށްތަކުގައި އެބަހުރި. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން ކަލްޗަރ ޓޫރިޒަމްވެސް އަދި މި ދެންނެވި ގޮތަށް ޤުދުރަތީ ރީތިކަމުގެ ގޮތުން ޚާއްޞަ ކަމެއް ލިބޭ ރަށްތަކަށް ޓޫރިޒަމް ފުޅާކުރުން ހިމެނޭ. އެހެންވީމާ، އެކި ކަހަލަ ޓޫރިޒަމް ޕްރޮޑަކްޓްސްތައް ހިމެނޭގޮތަށް، މި އަތޮޅުގައި ޚާއްޞަކޮށް އަދި މުޅި މި ޒޯނުގައި، ނޯދަން ޑިވެލޮޕްމަންޓް ޒޯނުގައި ގިނަ ރިޒޯޓުތަކެއް ހުޅުވުމަކީ، އަޅުގަނޑުމެންގެ ސިޔާސަތު. މި މަސައްކަތްތައް އެގޮތަށް ފެށިފައި ވަނީވެސް. އިރާދަކުރެއްވިއްޔާ ފެންނާނީ އެކަން ޙަޤީޤަތަކަށްވާތަން.

އެއާ އެކީގައި، މި އެއަރޕޯޓަކީ ވަރަށް ބިޒީ، ވަރަށް މުހިންމު ސްޓްރެޓީޖިކް އެއަރޕޯޓަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ. އެކަން ހާސިލުކުރާއިރު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރަން މަސައްކަތް ކުރާއިރުގައި، އަދި އެތައް ގުނައެއް އަގުބޮޑުވާނެ. ޙަޤީޤަތުގައި މިއަށް ޚަރަދުވާނެ ވަރަށްވުރެ ބޮޑުކޮށް، ޚަރަދުކުރަމުންދާއިރުގައި، އެންމެ ފުރިހަމަ ސްކޭލްގައޭ މި އެއަރޕޯޓް ހެދިގެން ދާންވާނީ. 2.46 ކިލޯ މީޓަރުގެ ރަންވޭއަކުން މި ދެންނެވި 8000 ބެޑް މިސާލަކަށް، އަދި އިތުރު އެކިކަހަލަ ޞިނާޢަތްތައް ގެންނަން މަސައްކަތްކުރާ ކަމަށްވަންޏާ، އެ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަންޖެހޭނެ ކެޕޭސިޓީއަކަށް ނޫން އެ ހެދިގެން އެދަނީކީއެއް. އެ ހަދާއިރުގައި، ހެދިގެން ދާންޖެހޭނީ އެންމެ ފުރިހަމައަށް.

އެހެންވީމާ، އެއަށްވުރެ ދިގު ރަންވޭއެއް ހިމެނޭގޮތަށް، މި އެއަރޕޯޓް ހެދުމަކީ، އަދި ދެގުނަ، ތިންގުނަ އަގުބޮޑުކޮށް ހަދަމުންދާއިރުގައި، ޙަޤީޤަތުގައި މި ޕްރޮޖެކްޓް ފޯމިއުލޭޓް ވެގެން، ފެށިގެން މިދިޔަ ސަރުކާރުގައި އައިއިރުގައި، އެވަރަށް ވިސްނާނުލައި، ނޫނީވިއްޔާ ކޮން ވިސްނުމެއްގައި ކަމެއް ނޭނގެ، އެހާ ސްކޭލް ކުޑަކޮށް އެ މަސައްކަތް ފަށާފައި އެއޮތީކީއެއް. އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން، އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތެއް ނޫން، އެހާ ސްކޭލް ދަށްކޮށް އެކަން ކުރުން. އަޅުގަނޑު ބޭނުންވަނީ، މި ލޯނު ހަމަޖެއްސި ފަރާތާ ވާހަކަ ދައްކައިގެން މިކަމަށް އެދެވޭ ޙައްލެއް ގެނެވޭތޯ މަސައްކަތް ކުރުން. މާނަޔަކީ، ރަންވޭ މިހާރަށްވުރެ ދިގުކޮށް އަދި އިތުރު 700 ވަރަކަށް މީޓަރު އިތުރުކުރެވޭތޯ މަސައްކަތް ކުރުން. އެ މަސައްކަތް ކުރާނެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާލަން.

ދެން އެކަމަކު އެއާ އެކީގައި ހަމަ އަންނަންޖެހޭ ތަރައްޤީ ގެންނަންޖެހޭ. އެހެންވީމާ، ޓޫރިޒަމަށް ޚާއްޞަ މަސައްކަތެއް ކުރާނެ ވާހަކަ ދަންނަވަން. އެއީ، ޙަޤީޤަތުގައި މި އަތޮޅަށް މުހިންމު ކަމެއް. އަދި ހުރިހާ ރައްޔިތުންނަށް، މި މުޅި ޒޯނުގެ ހުރިހާ ރައްޔިތުންނަށް މުހިންމު ކަމެއް. އެހެންވީމާ، އެއީ، އަޅުގަނޑުމެންގެ ތަރައްޤީގެ ފަލްސަފާ މި ރަށަށް އޮތް ގޮތަކީ. އަދި މި ސަރަޙައްދަށް އޮތް ގޮތަކީ. އެހެންވީމާ، މި އެއަރޕޯޓުގެ މަސައްކަތްތައް ބާރުމިނުގައި ދާއިރުގައި، މި ދެންނެވި ގޮތަށް އަދި އިތުރަށް ބޮޑުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ. އެހެން ނަމަވެސް، އެކަން ހާސިލުވުމާއި ނުވުން އެއީ، އަދި މަސައްކަތް ކުރީމަ އެނގޭނެ ކަމެއް.

މި ރަށުގެ ދެންހުރި ތަރައްޤީގެ ކަންކަމަށް ބަލާއިރުގައި، އެންމެ އިސްކަމެއް ހަމަ ގިނަ ރަށްތަކުގައި އަޅުގަނޑުމެން ދެނީ، އަދި އަމުދުން އާބާދީ ބޮޑު ތަންތަނުގައި ޞިއްޙީ ނިޒާމަށް. ޞިއްޙީ ނިޒާމުގެ ކަންކަން ރަނގަޅުކުރަން ބަލާއިރުގައި، މި ރަށުގައި މި ވެފައި އޮތް ގޮތަކީ، ދެންމެ ކައުންސިލުންވެސް މަޢުލޫމާތު ޙިއްޞާކުރި. އަޅުގަނޑު ބަލައިލައިފިން، ހޮސްޕިޓަލް މަޝްރޫޢު، ބަޔަކާ އެކީގައި ސޮއިކުރި. އެހެން ނަމަވެސް، މި ރަށުގެ މަޝްރޫޢާއި އަދި އަޅުގަނޑަށް ހީވަނީ އިތުރު ތިން ރަށް ހިމެނޭގޮތަށް، ހަތަރު ރަށެއްގައި ސޮއިކުރި މަޝްރޫޢެއް މިއީ. 30 ބެޑްގެ ހޮސްޕިޓަލް އަޅަން. ދެން އެކަމަކު މީގައި ވެފައި އޮތް ގޮތަކީ، މިކަމަށް ޙަޤީޤަތުގައި އޮތީ ކުވައިތު ފަންޑުން ހިލޭއެހީ ހަމަޖައްސައިދީފައި. ވަރަށް ކަނުލާ އަޑުއެއްސެވުން އެދެން. ކުވައިތު ފަންޑުން ހިލޭއެހީ ހަމަޖައްސައިދީފައި އޮތީ. އެހެން ނަމަވެސް، މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުންނުކޮށް، މި ޕްރޮޖެކްޓްތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް، ކުވައިތު ފަންޑުން އެންމެފަހުން ފަންޑު އަނބުރާ ގެންދިޔައީ މިދިޔަ ސަރުކާރުގައި. ކުވައިތު ފަންޑުގައި، އަދި ކޮންމެ އިންޓަރނޭޝަނަލް ބޮޑީއެއްގައިވެސް، ފަންޑިންގ ބޮޑީގައި އޮންނާނެ، ވަކި ޕްރޮކިއުމަންޓުން ފައިސާ ދިނުމުގެ އުޞޫލެއް. ފުރިހަމަކުރަންޖެހޭ ޕްރޮސީޖަރތަކެއް. އެކަންކަން ނުކޮށް ފަރުވާކުޑަކޮށްގެންނޭ އަޅުގަނޑަށް ދެންނެވޭނީ. އެކަން ލަސްކުރަމުން ގޮސް، އެންމެފަހުން ކުވައިތުން އަނބުރާ ފަންޑު ގެންދިޔައީ. ގެންދިޔައިމަ، މި ރަށްވެސް ހިމެނޭގޮތަށް، އަނެއް ތިން ރަށަށްވެސް މަޝްރޫޢު ގެއްލުނީ. އެހެންވެގެން މިކަން ނުވެފައި މިއޮތީ.

ދެން އެހެންވީމާ، އަޅުގަނޑުމެން ބަލާނަން އިރާދަކުރެއްވިއްޔާ އެހެން ގޮތެއް މިކަމަށް ހޯދައިދޭން. އެހެންވެގެން އެ މަޝްރޫޢު ނުހިނގައިގެން މިއުޅެނީ. ދެން އެހާވަރަށް ކަންކަން ބޮއްސުންލައިގެން ދާނީ ދޮގެއްތޯ ސަރުކާރެއްގައި. ދެން ކޮންމެގޮތެއްވިޔަސް، ރައްޔިތުން އެކަމުގައި ޖަޖްމަންޓް މޭކްކޮށްފައި ރިޔާސީ އިންތިޚާބުގައި އެއޮތީ. އެހެންވީމާ، އަޅުގަނޑުގެ ޒިންމާއަކީ، މިކަންކަން ވޭތޯ ބެލުން. އިރާދަކުރެއްވިއްޔާ ކޮށްދޭނަން. މި ރަށުގައި މި ދެންނެވި، އަޅުގަނޑު ވާހަކަ ދައްކަން ފަށަމުން ދެންނެވި މަފްހޫމުގައި، އެއީ، އަޅުގަނޑުގެ ސިޔާސަތަކީ. ސަރަޙައްދީ ތަރައްޤީގެ ސިޔާސަތު. މި ރަށަށް ދޭ އިސްކަން ދިނުމުގެ ވާހަކަ އަޅުގަނޑު ދަންނަވައިފިން. ދުރު ރާސްތާ ތަރައްޤީގެ ވިސްނުމުގެ ވާހަކަ ދަންނަވައިފިން. އެ ވިސްނުމުގައި މި ރަށުގައި ހުންނަންޖެހޭ ފެންވަރުގެ ރަނގަޅު ހޮސްޕިޓަލެއް ހަދައިދޭނެ ވާހަކަ ދަންނަވަން.

އެހެންވީމާ، އެ މަސައްކަތް ފަށާނަން. ދެން އެކަން ހާސިލުވާނެ ގޮތެއް ބަލާނަން. ދެން މިހާރުން މިހާރަށްވެސް ކުރެވޭ ކަންކަން، މިހާރު ހުރި އިމާރާތެއްގައި، މިހާރުން މިހާރަށް އަޅުގަނޑުމެންނަށް އަޕްގްރޭޑް ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބަލާނަން އިރާދަކުރެއްވިއްޔާ. އެކަންކަން ކުރަމުންދާނަން، މަޑުމަޑުން އިތުރުކުރަމުން ގެންދާނަން. މިސާލަކަށް. ހޮސްޕިޓަލެއްގެ ކެޓަގަރީއަށް ގެންގޮސް، ދެން އެ ޤާއިމުކުރަންޖެހޭ ޚިދުމަތްތައް ޤާއިމުކުރަމުން، މި ދެންނެވި ފުރިހަމަ ބޮޑު ހޮސްޕިޓަލް އެޅެންދެންވެސް މިހާރު ހުރި ފެސިލިޓީ އަޕްގްރޭޑްކޮށް، ހޮސްޕިޓަލެއްގައި ހުންނަންވާ ޚިދުމަތްތަކަން އިތުރުކުރަންޖެހޭ ކަންކަން އިތުރުކުރަމުން ގެންދިޔުމުގެ ސިޔާސަތުގައި މަސައްކަތް ކުރާނެ ވާހަކަ ރައްޔިތުންނަށް ދަންނަވާލަން.

އާދެ، ދެން ހަމަ އެންމެ މުހިންމު އެއް ކަމަކީ، ގެދޮރުވެރިކަން. ޙަޤީޤަތުގައި އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ސިޔާސަތު އެއީ. މި ދެންނެވި ތަރައްޤީ އެއްފަސް ކުރުމުގެ ސިޔާސަތުގައިވެސް ހަމަ އެންމެ މުހިންމު ކަންތައް. ތަރައްޤީ އެއްފަސްވާނީ، މީހުން އެއްފަސްވާ ތަނަކަށް އަމިއްލަ އިޚްތިޔާރުގައި ހިޖުރަ ކުރާނީ، މައިގަނޑު ގޮތެއްގައި ފުރިހަމަ، ރަނގަޅު ފެންވަރުގެ ހައުސިންގ ސްޓޮކެއް އެތަނުގައި އޮވެގެން. ގެދޮރުވެރިކަން ލިބެންޏާ. އެއީ، އެންމެ މުހިންމު ކަންތައް. ދެން މީހުން އަންނާނީ ރަނގަޅު ވަޒީފާގެ ފުރުޞަތު އޮތިއްޔާ. ދެން ރަނގަޅު ޞިއްޙީ ނިޒާމު. އަދި ތަޢުލީމީ ނިޒާމު. މި ހަތަރު ކަންތައް ފުރިހަމަވަންޏާ، ރަށްރަށަށް، އެހެން ރަށްތަކުން މީހުން އަމިއްލައަށް މި އަންނަ ގޮތް ވަނީ.

އެހެންވީމާ، މިތަނުގައި ހަމަ މި ދެންނެވި ވިސްނުމުގައި އަޅުގަނޑުމެން ހައުސިންގ މަޝްރޫޢުތައް ހިންގުމަކީ، ތިޔަބޭފުޅުން ސުވާލުވެސް ކުރައްވަންޖެހޭނެ ކަމެއް ނޫން. އަޅުގަނޑުމެން ވަރަށް އިސްކަމެއް ދޭނެ ކަމެއްކަން ހަމަ ދަންނަވާލަން ބޭނުން.

އާދެ، ހަމަ އެގޮތުގައި، ދެންހުރި ކަންކަންވެސް ކުރިއަށްދާނެ. ސްކޫލަށް އިތުރު ކްލާސްރޫމް އިތުރުކުރުމާއި، އެހެނިހެން ވަރަށް ގިނަ މަސައްކަތް އެބަހުރި ކުރަން. ލައިބްރަރީއާއި ލެބް ހެދުމާ، މިކަހަލަ ކަންކަން. އެހެންވީމާ، ޖުމްލަ ގޮތެއްގައި މި ދަންނަވާލީ، ސްކޫލްގެ މަސައްކަތާއި، ކުޅިވަރު ފެސިލިޓީޒްތައް އިތުރުކުރުމާއި، މިހެންގޮސް ކުރަންހުރި ހުރިހާ ކަމަކަށް އަޅުގަނޑުމެން ބަޖެޓުގެ ތެރޭގައި ކުރެވެންހުރި ކަންކަން ކުރާނެ ވާހަކަ. އަދި އިންވެސްޓަރުން ހޯދައިގެން، ނޫނީވިއްޔާ ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ނިޒާމުން ކަންކަން ކުރެވޭގޮތަށް ބެލުމާއި، މި ހުރިހާ ކަމަކަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެކަން ކޮށް އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ ގިނަ ކަންކަން، ޢުމްރާނީ ތަރައްޤީގެ ކަންކަން، މަގުހެދުން، ބަނދަރު ހެދުން، މިކަހަލަ ވަރަށް ގިނަ މަސައްކަތް ކުރާނަން.

އެހެންވީމާ، މި ހުރިހާ ކަމަކަށް އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ. ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ކަހަލަ ތަރައްޤީ އިރާދަކުރެއްވިއްޔާ މި ރަށަށް ގެނެސްދޭނެ ވާހަކަ ދަންނަވަން.

ދެން އަޅުގަނޑަށް ހަމަ ވަރަށް މުހިންމު، ދެންމެ މިނިސްޓަރ ޝިޔާމް ފާހަގަކުރެއްވި ކަންތައް. ހަމަ ހުރިހާ ރަށެއްގައިވެސް އެކަން ހަނދާންކޮށްދޭން އަޅުގަނޑުމެން މި ބޭނުންވަނީ އެހެންވެގެން. މިދިޔަ ތިންމަސް ތެރޭގައި އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވުނު ގޮތް ރިޕީޓްވާން ގައިމުވެސް އަޅުގަނޑެއް ބޭނުމެއް ނޫން. މަޖިލިސް ތެރެއިން އެ ފެންނަ ޣައިރު ޒިންމާދާރު ކަންތައްތައް. މަޖިލީހަށް ހޮވޭ މީހަކު އެއީ، ކޮންމެ ޕާޓީއެއްގެ މީހަކަށްވިޔަސް، ޙަޤީޤަތުގައި ތަރައްޤީވެފައި އޮންނަ ޑިމޮކްރަސީއެއްގައި ވިއްޔާ، ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ސަރުކާރުން ކުރަންޏާ ފުރިހަމަ އެއްބާރުލުން ދޭނެ. އެކަމަކު އެހެނެއް ނޫނެއްނޫންތޯ ރާއްޖޭގެ ކަންކަން ހިނގަނީ. ޚާއްޞަކޮށް، މިހާރުގެ އިދިކޮޅު ޕާޓީގެ ތެރެއިން.

އެހެންވީމާ، އެ ރިސްކް ނަގާކަށް ނުވާނެއޭ. ހަމަ ވިސްނުންތެރި ގޮތެއްގައި ވިސްނާވަޑައިގަތުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާ ވާހަކައެއް މިއީ. އެއީ، ނަގާވަރުގެ ރިސްކެއް ނޫން. އެއީ، އަޅުގަނޑު މިހިރީ އިރާދަކުރެއްވިއްޔާ ރައްޔިތުން އެދުނު އަދި އަޅުގަނޑު ވަޢުދުވި ހުރިހާ ކަމެއް ކުރަން. އިރާދަކުރެއްވިއްޔާ ކުރާނަން. އެކަމަކު އެކަންކަން ކުރުމުގައި، ހަމަ ކޮންމެހެންވެސް މަޖިލީހުގެ އެހީތެރިކަން ބޭނުންވާނެ. އެއީ، ބަޖެޓުވެސް ފާސްކުރަނީ މަޖިލީހުން. ޤާނޫނުތައް ފާސްކުރަނީ، ޤާނޫނުތައް ބަދަލުވެސް ކުރަނީ މަޖިލީހުން. މި ރާއްޖޭގެ ޤާނޫނުއަސާސީގެ ނިޒާމު އޮތްގޮތް އެއީ.

އެހެންވީމާ، މަޖިލީހަށް ހޮވައިދޭ މީހުން ވާންޖެހޭ، މެންބަރުން ވާންޖެހޭ މިހާރުގެ ޙަޤީޤަތް ޤަބޫލުކުރާ ކަމަށްވަންޏާ، ސަރުކާރާ އެލައިންވާ، ނޫނީވިއްޔާ ސަރުކާރަށް ފުރިހަމަ އެއްބާރުލުންދޭ މަޖިލީހަކަށް. އެހެން ނޫނީވިއްޔާ، ރައްޔިތުންގެ މި ތަރައްޤީ ފަހަތަށްޖެހޭލެއް އަވަހީ.

އާދެ، އެހެންވީމާ، އެ ވާހަކަ ހަމަ ދަންނަވާލާފައި، އަޅުގަނޑު ނިންމާލާނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ، ހަނިމާދޫގެ ލޮބުވެތި ރައްޔިތުންނަށް. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަޖެއްސުމުގައި އަޅުގަނޑުމެން ކާމިޔާބުކުރާނަން، ތިޔަބޭފުޅުންގެވެސް ފުރިހަމަ އެއްބާރުލުމާއެކީގައި.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.