ސުވާލު:
އައްސަލާމު ޢަލައިކުމް. އަޅުގަނޑު ސަމީރު. ގެމަނަފުށީގެ ރައްޔިތެއް އިނގޭތޯ! އަޅުގަނޑަށް މަނިކުފާނާއި މިހެން ބައްދަލުވީމާ ވަރަށް އުފާވެއްޖެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރަން.
އަޅުގަނޑުގެ އެބައޮތް ދެ ސުވާލެއް މަނިކުފާނު އަރިހުގައި ދަންނަވާލަން. އަދި ދެ އެދުމަކަށްވެސް ވެދާނެ ދެ ސުވާލަކީ ވެސް. އަޅުގަނޑުމެންނަކީ މިއީ ހުވަދު އަތޮޅުގެ، ގއ.ގެ އާބާދީގައި ސްކޫލް ދަރިވަރުންގެ ވެސް ދެވަނަ. އަދި މީހުން ދިރިއުޅޭ އާބާދީގައި ވެސް ދެވަނަ އިނގޭތޯ! އަޅުގަނޑުމެންނަކީ ދިވެހިރާއްޖެ ނޫނީ ގއ. އަތޮޅުގައި ބޭއްވޭ މުހިންމު ހަރަކާތްތަކުގައި އެންމެ އިސް އެއް ނާރެސް. ދާދިފަހަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން އަޅުގަނޑުމެންގެ ތެރޭގައި ބޭއްވި ބައްދަލުވުމެއްގައި ވެސް އަޅުގަނޑުމެންނަށް ހޯލެއް ނުލިބުމުގެ ސަބަބުން ދެ ކްލާސް ރޫމެއްގައި އިތުރު ވަގުތުތަކާއި އެއްކޮށް އަޅުގަނޑުމެން މަސައްކަތްކުރަންޖެހުނީ. އަޅުގަނޑުމެންގެ ސްކޫލު ހޯލު އިމާރާތަކީ މީގެ ދެތިން ރިޔާސީ ދައުރުގައި ވެސް އަޅުގަނޑުމެންނަށް ދެއްކި މުހިންމު ހުވަފެނެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެ ހޯލުގެ ތަނަވަސްކަމެއް ނުލިބި އަޅުގަނޑުމެންނަށް ވުރެ އާބާދީގެ ގޮތުން މާ ދަށް ރަށްރަށުގައި ހޯލުތަކާއި އެއްޗެހި ބިނާވެގެން ކުރިއަށް ދިޔަ މަންޒަރު ފެނިގެން ދިޔަ. އެއީ އަޅުގަނޑުމެން ވަރަށް ދެރަވާ ކަމެއް.
ދެވަނަ ކަމަކަށް، އަޅުގަނޑުމެންގެ އޮތީ، އަޅުގަނޑުމެންނަކީ ކުރިން މިދެންނެވި ފަދައިން އަޅުގަނޑުމެންގެ އާބާދީގެ ދެވަނަ އަށް ވާއިރު މަގުމަތީގައި ދުއްވާ އުޅަނދުތައް ވެސް އަޅުގަނޑުމެންގެ އާބާދީގައި ފުދޭ ވަރަކަށް ގިނަ. ގެމަނަފުށިގައި ތާރު އެޅުމަށްޓަކައި ނިމިފައި އޮތީ އެންމެ ފަސް މަގުގައި. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވުރެ އާބާދީގެ ގޮތުން މާ މަދު ރަށްރަށުގައި ދިހަ ބާރަ ވަރަކަށް މަގުގައި ތާރު އެޅިގެންދާކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި ވަނީ. މި ދެކަމަކީ އަޅުގަނޑުމެންގެ މި ގެމަނަފުށީގެ ރައްޔިތުން ވަރަށް މުހިންމުކަމާއި އެކު ބޭނުންވެފައި ތިބި ކަމެއް. އަޅުގަނޑު ރައީސްގެ އަރިހުން މިއެދެނީ އަޅުގަނޑުމެންނަށް މި ދެކަމަށް ޚާއްސަކޮށް ރަނގަޅު ޖަވާބެއް ދެއްވަން.


ޖަވާބު:

ސަމީރު ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ! އާދެ! ފުރަތަމަ ކަންތަކުގައި މަލްޓިޕާރޕަސް ހޯލެއް ބިނާކުރީމާ ތިޔަ ވިދާޅުވި ކަންތައް ހައްލުވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ދެން މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން އިނގޭތޯ! އެކަމަށް އެހެންވީމާ އިރާދަކުރެއްވިއްޔާ ރަނގަޅު ހައްލެއް އަންނާނެ.
ދެން ދެވަނަކަމަކަށް މަގުހެދުން. ގެމަނަފުށި މިއީ މަސްވެރިކަމުގެ ވަރަށް މުހިންމު ރަށެއް. ވަރަށް ވަރުގަދަ ރަށެއް. އެހެންވީމާ އިގްތިޞާދީ ގޮތުން ބަލާއިރުވެސް އަދި އާބާދީގެ ގޮތުން ބަލާއިރުވެސް މަގު ހެދުމަކީ ރަށަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. އެހެންވީމާ މިރަށުގައި ހަދަންޖެހޭ މަގުތައް އަޅުގަނޑުމެން ހަދާނީ ދެންމެ ތިޔަ ވިދާޅުވީ ފަސް މަގޭ، އެ އިތުރު ކުރެވިގެން، އިރާދަކުރެއްވިއްޔާ ރަށަށް އެގޭ ފައިދާ، މިދެންނެވި ގޮތަށް، މަސްވެރިކަމަށް މި ކުރާ މަސައްކަތަށް ވެސް އަދި ޖުމްލަކޮށް އާންމު ދިރިއުޅުމަށް ވެސް ފައިދާވާގޮތަށް ރަނގަޅު ފެންވަރުގައި ރަނގަޅު މަޝްރޫޢެއް ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ. އިނގޭތޯ!
ސަމީރު: ޝުކުރިއްޔާ.
ރައީސް: އާދެ! ޝުކުރިއްޔާ.