بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ބާރަށުގެ ލޮބުވެތި ރައްޔިތުން، އެންމެހައި ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާއި، ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނާއި، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެން މިއަދު މި ރަށަށް އައުމުން، މި ރަށުގެ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، ބާރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަގުނަ މަސައްކަތްތަކެއް އެބަހުރި. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މި ރަށަށް އައިއިރު، ތިޔަބޭފުޅުން ވަނީ އެކަންކަން އަޅުގަނޑާ ޙިއްޞާ ކުރައްވާފައި. އަދި އަޅުގަނޑު ދަންނަވާފައި ވާނެ، އިރާދަކުރެއްވިއްޔާ އެ ކަންތައްތަކުގައި ކުލަޖައްސައިދޭނެ ކަމަށް، ޙަޤީޤަތަކަށް ހަދައިދޭނެ ކަމަށް. އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ފުއްދުމުގައި، އަޅުގަނޑުމެންގެ ހުރިހާ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، އަޅުގަނޑުމެންގެ ސަރުކާރުގެ ހުރިހާ ބޭފުޅުން އެ ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުން.

އެހެންވީމާ، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ބައްދަލުވާހިނދު ދަންނަވަންވެސް އޮތީ، އަޅުގަނޑު އޭރުގައި ވީ ހުރިހާ ވަޢުދެއްގެ މަތިން ހަނދާން އެބަހުއްޓޭ. މި ސަރުކާރުން ފަރުވާތެރިކަމާ އެކީގައި، މި ރަށުގެ ރައްޔިތުންގެ ކުރިމަގާއި ތަރައްޤީއަށްޓަކައި ކޮށްދޭން އަޅުގަނޑު ދެންނެވި ހުރިހާ ކަމެއް، އަދި ނުދެންނެވިޔަސް، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ، ރަށުގެ ތަރައްޤީއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކޮށްދޭނަމޭ. އެ ޔަޤީންކަން އަޅުގަނޑު މިއަދުވެސް ދެމޭ. އެ ޔަޤީންކަމުގެ އަލީގައި ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްދާނެ.

އާދެ، އަޅުގަނޑުމެން ރަށަށް އަރައިގެން އައިއިރުގައި، އެ ޖެޓީ އޮތް ހާލު، ހަމަ އަޅުގަނޑުމެން އެންމެންވެސް ދުށިން. އަޅުގަނޑަށް މަޢުލޫމާތު ލިބެނީ، ކުރީގައި އެ ޖެޓީ ހެދި ފަހުން މިދިޔަ ދުވަސްތަކުގައި މާބޮޑު އަޅައިލުމެއް ނެތީމަ އެއޮތީ ހަލާކުވެފައިކަން. އިރާދަކުރެއްވިއްޔާ ހަމަ ވަޢުދުވީ ގޮތަށް، އެ މަސައްކަތް ކޮށްދޭނެ ވާހަކަ ދަންނަވަން. އަދި އެ ޖެޓީ ހަދާއިރު، މަސްވެރިކަމަށް ވަކިން ޖެޓީއެއް އިރާދަކުރެއްވިއްޔާ ހަދައިދޭނަން.

އާދެ، ކައުންސިލްގެ ބައްދަލުވުމުގައި ވަރަށްގިނަ ކަންތައްތައް، ކައުންސިލްގެ ބޭފުޅުން ޙިއްޞާ ކުރެއްވި. އަދި ޑަބްލިޔޫ.ޑީ.ސީ.ވެސް ޙިއްޞާ ކުރެއްވި. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަ ކަންތައްތަކެއް، ހަމަ އޭރުގައިވެސް ދެންނެވިފައި ހުރި ގިނަ ކަންތައްތަކެއް ވަނީ ޙިއްޞާ ކުރައްވާފައި. އޭގެތެރޭގައި، އަޅުގަނޑު އޭރު ވަޢުދުވީ އެންމެ މުހިންމު އެއް މަސައްކަތަކީ، އިޤްތިޞާދީ ގޮތުން ބަލާއިރުގައި، ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ޓޫރިޒަމް، އިކޯ ޓޫރިޒަމް ޕްރޮޖެކްޓް. އިންޓަރނޭޝަނަލް ބިޑިންގއަކަށް ހުޅުވާލައިގެން، މި ރަށުގެ ކުރިމަގަށްޓަކައި، ދުރު ރާސްތާގެ ކުރިމަގަށްވެސް ފައިދާވާވަރަށް ހިންގޭ ޓޫރިޒަމްގެ ބޮޑު މަޝްރޫޢެއް ހިންގުމަކީ، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަމަކަށްވާތީވެ، އަޅުގަނޑު ވެފައިވާ ވަޢުދެއް. އެހެންވީމާ، އެކަން ޙަޤީޤަތަކަށް ހަދައިދޭނެކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ހަމަ ތަކުރާރުކޮށްލަން.

އާދެ، އެކަން ކުރިއަށްދާއިރުގައި، ވަށައިގެން ބޭރު ރިންގް ރޯޑެއް ހެދުމާއި، މިކަހަލަ ކަންތައްތައް ކުރުމަށް ހުންނާނެ ވަޢުދުވެފައި. ބޮޑު އާ މިސްކިތެއް އެޅުންވެސް. ދެން އިސްލާމިކް މިނިސްޓްރީން އެކަމުގެ މަސައްކަތްވެސް އެބަ ކުރައްވާ. އެހެންވީމާ، ވީ ހުރިހާ ވަޢުދެއް ފުއްދުމަކީ ހަމަ އަޅުގަނޑު އެންމެ ސަމާލުކަންދޭ ކަންތައް. ސަރުކާރުގެ ބަޖެޓުގެ ތެރޭގައި ތާށިކަން އެބަހުރި. މި ބަޖެޓް މިއީ އަޅުގަނޑުމެންނަށް ވާރުތަކުރި ބަޖެޓެއް. މިއީ، ސަރުކާރުން ހެދި ބަޖެޓެއް ނޫން. އެނގިވަޑައިގަންނަވާނެ، މިހާރު ނިމެމުންދާ މަޖިލިސްގެ ދައުރުގައި، މިހާރު އޮތް މަޖިލީހުން ބޭނުންގޮތަކަށް ބައްޓަންކުރީ. އަޅުގަނޑުމެންނަށް ލިބުނު ދިހަވަރަކަށް ދުވަސް، ޓްރާންސްޒިޝަން މަރުޙަލާގައި. ހުށަހެޅި ކަންކަން، ހުށަހެޅި ގޮތަކަށް ނޫން ބަޖެޓް ހަދައިދީފައި އޮތީ. މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހަނދުމަފުޅު ހުންނާނެ، އެ ބޭފުޅާކަން ބަޖެޓް ހުށަހެޅުއްވީވެސް.

ދަންނަވަން މިއުޅެނީ، މިހާރު މިއޮތް ބަޖެޓް ތެރެއިން އަޅުގަނޑު ވީ ވަޢުދުތަކަށް މުޅިން ޖާގައެއް ނުލިބެއޭ. އެހެންވީމާ، އަޅުގަނޑު ބޭނުންވިގޮތަށް މި އަހަރުގެ ތެރޭގައި، ގިނަ ކަންތައްތަކެއް ކުރުމުގެ ދަތިތައް ހުރި ވާހަކަ ދެންނެވުމަށް މި ވާހަކަ މި ދަންނަވާލީ.

އެއާ ގުޅިފައި މިއޮތީ ކުރިއަށް މިއޮތް މަޖިލިސް އިންތިޚާބުގެ ވާހަކަވެސް. ސަރުކާރުގެ މަސައްކަތްތައް، ސަރުކާރުން ކުރިއަށް ގެންދަން އަޅުގަނޑު ނިންމާފައި، އަދި ރައްޔިތުންނަށްވީ ވަޢުދުތައް، ބާރު ސްޕީޑްގައި ގެންދެވޭނީ، މިދިޔަ ތިންމަހުގެ ތަޖުރިބާގެ އަލީގައި، ރައްޔިތުން ސަރުކާރާ އެކީގައި، ރައްޔިތުން އެދޭ ސްޕީޑްގައި ކަންކަން ފަހިކޮށްދޭނެ މަޖިލީހެއް ހޮވިގެންކަން ހަމަ ދަންނަވާލަން. އެއީ، ވަރަށް މުހިންމު ކަމެއް. އެހެން ނޫނީވިއްޔާ، މިދިޔަ ތިންމަސް ތެރޭގައި، އެއްވެސް އަސާސެއްނެތި އަޅުގަނޑާ ކުރިމަތިކުރި، އަޅުގަނޑުމެންގެ ކެބިނެޓާ ކުރިމަތިކުރި އެތައް ކަންތައްތަކެއް އަދި އެއަށްވުރެ މާމަތީ ފެންވަރަކަށް ކުރިމަތިކުރާނެ ކަމަށް އިޙްސާސް ކުރެވެންވާނެ. އަޅުގަނޑުމެންނާ ފިކުރު ދިމާނުވާ ޓީމެއް އެތަނަށް ހޮވިއްޖިއްޔާ.

އާދެ، އެހެންވީމާ، އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ތަރައްޤީ ހާސިލުކުރުމަށްޓަކައި ތެދުވެ މިތިބީ. އަޅުގަނޑުމެން މިތިބީ ރެޔާއިދުވާލު އެ މަސައްކަތުގައި. ވަރަށްގިނަ ބިލުތައް ފާސްކުރަންޖެހޭ. މި އަންނަ އަހަރަށް ބަޖެޓް ހެދުމުގައިވެސް ހަމަ މި ހިތި ތަޖުރިބާ އަޅުގަނޑު ކުރާކަށް ބޭނުމެއްނޫން. ރައްޔިތުންނަށް ފައިދާވާގޮތަށް މި ހުރިހާ ކަމެއް ބައްޓަންކުރަން ބޭނުން. އެކިކަހަލަ ޤާނޫނުތައް ފާސްކުރަން އެބަހުރި. އޭގެތެރޭގައި، ވަކިން ޚާއްޞަކޮށް، ރައްޔިތުންނަށް އެންމެ މުހިންމު ދާއިރާގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްފައިވާ، އަދި ރައްޔިތުންވެސް ގަބޫލުކުރާ ގެދޮރުވެރިކަމާ ގުޅޭ ގިނަގުނަ ބިލުތަކެއް މިހާރު ފަރުމާކުރެވިފައި، ހުށަހެޅެމުން އެދަނީ އަޅުގަނޑުމެންގެ ފަރާތުން.

އެހެންވީމާ، ގެދޮރުވެރިކަމަށްވެސް، ފުރިހަމަ އިޤްތިޞާދެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ހުށަހަޅާ ބިލުތައް ކަމުގައިވިޔަސް އަޅުގަނޑުމެން ހުށަހަޅާނަން. މިސާލަކަށް، އަޅުގަނޑުމެން މިހާރުވާނީ ހުށަހަޅާފައި، ލޯނުތައް ދެއްކުމުގައި، ބޭރު ފައިސާ ރައްކާތެރިގޮތެއްގައި ޖަމާކުރުމަށް އުފައްދާފައިވާ ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑު ޚާއްޞަ ގޮތެއްގައި ރައްކާތެރިކުރުމަށް ބިލެއް. މިފަދަ އެތައް ކަމެއް ކުރަން މިޖެހެނީ މަޖިލިސްތެރެއިންވީމާ، މިއީ، ޤައުމީ ތަރައްޤީގެ ވިސްނުމެއްގައި ވަރަށް ސީރިއަސްކޮށް ރައްޔިތުން ވޯޓުލާން ގާތްވެފައި އޮތީމަ، އަޅުގަނޑު ތަކުރާރުކުރާ ވާހަކައެއް. މި އަންނަ މަހު 17 ގައި އިރާދަކުރެއްވިއްޔާ މި އިންތިޚާބު މި އޮންނަނީ. މާގިނަ ދުވަހެއް މިހާރަކު ނެތް. މިއަދު މިއީ 25. އެހެންވީމާ، މާގިނަ ދުވަހެއް ނެތް.

އެހެންވީމާ، ހަނދާން އާކޮށްލަދިނުމުގެ ގޮތުން ހަމަ ހަނދާނުގައި އެކަން ހަރުލެއްވުމުގެ ބޭނުމުގައި މި ތަކުރާރު ކޮށްލަނީ. އަޅުގަނޑު ޔަޤީންކުރަން، މި ދާއިރާގެ ރައްޔިތުން އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިކަމުގައި ވިސްނާވަޑައިގަންނަވާނެ ކަމަށް. އަދި ހެޔޮގޮތުގައި، އަޅުގަނޑު މި ދެންނެވި މަގުން އަޅުގަނޑު މި ދެންނެވި ގޮތުގައި ކަންތައްތައް ކުރިއަށް ގެންދިޔުމަށް ސަރުކާރަށް، ރައްޔިތުންގެ ޙައްޤުގައި އެއްބާރުލުން ދެއްވާނެ ކަމަށް. އަދި ރައްޔިތުންގެ ޙައްޤުގައި މި ކުރަންހުރި ކަންކަން، މި ހުރިހާ ވަޢުދެއް ފުއްދުމުގައި ފުރިހަމައަށް އިޖާބަދޭ މަޖިލީހެއް ހޮއްވަވައިދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ މަސައްކަތެއްގައި ހަމަ ޖުމްލަކޮށް އަނެއްކާވެސް ދަންނަވަން ބޭނުންވަނީ، އެކަންކަން ޙަޤީޤަތަކަށް ހަދައިދޭނަމޭ.

އާދެ، އެހެންވީމާ، ހުރިހާ ކަމެއް މިއަދު މިތާ ތަކުރާރުނުކުރިޔަސް، އަޅުގަނޑުވީ ހުރިހާ ވަޢުދެއް މިހިރީ ޑޮކިއުމެންޓް ކުރެވިފައި. ފޮތެއް ގޮތުގައިވެސް ތައްޔާރުކުރެވިފައި. އަދި ތިޔަބޭފުޅުންގެ އަތްޕުޅުގައިވެސް ހުންނާނެ އެ ކަންތައްތައް. ޓޫރިޒަމްގެ ވާހަކަ ފާހަގަކޮށްލީ ހަމަ އެންމެ މުހިންމު އެއް މަޝްރޫޢަށްވާތީ. ދެން ހިނގަމުންދާ މަޝްރޫޢުތަކާއި، ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް، އެތަނުގެ ޚިދުމަތްތައް އެތައް ގުނައެއް އިތުރުކޮށްދޭންވެސް އަޅުގަނޑު ވަޢުދުވެފައި އޮންނާނެ. މިހެންގޮސް އެތައް ކަމެއް ހުންނާނެ ވަޢުދުވެފައި.

އެހެންވީމާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިގޮތަށް ވެފައިވާ ހުރިހާ ވަޢުދުތަކަކީ، ސީރިއަސްކަމާ އެކީގައި އަޅުގަނޑުމެން ނަގާ ކަމެއް. އެއްވެސް ރަށެއްގައި ރައްޔިތަކު ބާކީނުކޮށް، ތަފާތުނުކޮށް ޚިދުމަތް ދޭން އަޅުގަނޑު ބޭނުންވަނީ. އެހެންވީމާ، މި ހުރިހާ ކަމަކަށް ޕްލޭންތައް ހެދި، ތައްޔާރީތައް ވަމުން މިދަނީ.

އެހެންވީމާ، އިޤްތިޞާދު ވެއްޓިފައިވާ އަނދަވަޅުން ނަގައި ކޮޅަށްޖެހުމަށް ފުރަތަމަ ދުވަހު މަސައްކަތް ފެށީ. އެހެން ނޫނީވިއްޔާ، އެ މަސައްކަތް ނުފަށައި މިއަދާ ހަމަޔަށް އައިނަމަ، އަޅުގަނޑުމެން ތިބޭނީ ޑިފޯލްޓް ވެފައި. މާނަޔަކީ ބޭރުގެ ދަރަނިތައް ދެއްކުމުގައި އަޅުގަނޑުމެން ތިބޭނީ ފެއިލްވެފައޭ. އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންނަށް އަރައިނުގަނެވޭ ހިސާބަކަށް ގޮސްފައި. އޭގެ ބަދަލުގައި، ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން އޭރުގައި އިޢުލާނުކުރި އިޤްތިޞާދީ އެޖެންޑާއާ އެއްކޮށް މަސައްކަތް ފެށީ. ފެށީމާ މިހާރު އިރާދަކުރެއްވީތީ ރަނގަޅު މަގުން އަޅުގަނޑުމެން ދާތީވެ، ކަންކަން ދަނީ ރަނގަޅުވަމުން. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުންވެސް އެކަން އެ ފާހަގަކުރަނީ އެހެންވެގެން. ވާރލްޑް ބޭންކުންވެސް އަޅުގަނޑުމެންނާ ބައްދަލުކުރި، އަޅުގަނޑާ ބައްދަލުކުރި މީޓިންގގައި، ވާރލްޑް ބޭންކުގެ މި ސަރަޙައްދަށް ކަނޑައަޅާފައި ހުރި ވައިސް ޕްރެޒިޑެންޓްވެސް ވިދާޅުވީ ހަމަ އެހެން. ތިމަންނައަށް ހަމައެކަނި ބުނެވެން އޮތީ، ހަމަ ވަރަށް ތަޢުރީފް ކުރަމޭ. ވަރަށް ރަނގަޅޭ، ތި ނިންމާ ނިންމުންތައް. ނިންމާފައި ތިހިރަ ސިޔާސަތުތައް. އެ މަގުން ކުރިއަށްދިޔައިމައޭ ޤައުމަށް ފައިދާހުރީ. އައި.އެމް.އެފް. އިންވެސް އަޅުގަނޑާ ބައްދަލުކުރި. މާލޭގައި ބައްދަލުކުރީ އެތަނުގެ މި ރީޖަންގެ ރެޕްރެޒެންޓޭޓިވް، އެންމެ އިސް ބޭފުޅާ. ދުބާއީގައި އަޅުގަނޑާ ބައްދަލުކުރެއްވީ މެނެޖިންގ ޑިރެކްޓަރ. މި ދެ ބޭފުޅުން، ޚާއްޞަކޮށް، ދުބާއީގައި އަޅުގަނޑުމެންނާ ބައްދަލުކުރެއްވި އައި.އެމް.އެފް.ގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ރާއްޖޭގެ ކުރިމަގު، ތިޔަ ނިންމާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ކުރިއަށްދިޔައިމަ، ހަމައެކަނި ފެންނަނީ ކުރިއަށްދާ ތަނޭ. ފެންނަނީ އުޖާލާކަމޭ. އެ ބައްދަލުވުމުގައި ތިއްބެވި މިނިސްޓަރުން މިތާވެސް އެބަ ތިއްބެވި.

އެހެންވީމާ، މި ނިންމުންތަކުގެ މަތީގައި ދެމިތިބެ، އަޅުގަނޑުމެން މިކުރާ މަސައްކަތުން، ކުރިއަށް އޮތް ދުވަސްތަކުގައި، އިޤްތިޞާދީ ގޮތުން އަޅުގަނޑުމެން މި ދާންވާ މިޞްރާބަށް ދެވޭގޮތް ވަނީ. އެއީ، ކީއްވެގެންތޯ؟ އެއީ، އިންވެސްޓަރުން ރާއްޖެއަށް އެބަ ބޭނުންވޭ. ސަރުކާރު ބަޖެޓުގެ ތެރެއިން ހުރިހާ ކަމެއް ނުކުރެވޭނެ. ބޭރުގެ އިންވެސްޓަރުން، ޕްރައިވެޓް ސެކްޓަރ ލީޑްކުރާ އިންވެސްޓްމަންޓްތަކަށް އަޅުގަނޑުމެން ޖާގަ ހުޅުވާލަންޖެހޭ. އެކިކަހަލަ ބޮޑެތި ވިޔަފާރިތައް، ރާއްޖެއަށް އެބަޖެހޭ އެޓްރެކްޓް ކުރަން. އެކަން ކުރެވޭނީ، އެ މީހުންގެ ހިތަށް، އެ މީހުންގެ ބިޒްނަސްއަށް ޔަޤީންކަން ދީގެން. ރާއްޖެއާ މެދުގައި ކޮންފިޑެންސް އުފައްދައިގެން ނޫނީވިއްޔާ ނުވާނެ ކަމެއް އެއީ.

އެހެންވީމާ، އަޅުގަނޑުމެން މި ފެށި މަސައްކަތުން، ދެންމެ މި ދެންނެވި އިންޓަރނޭޝަނަލް ބިޑިންގއަށް ހުޅުވާލާ އިކުއަޓީޒް ޓޫރިޒަމް މަޝްރޫޢަށްވެސް އެއްވެސް ބަޔަކު ކުރިމައްޗެއްނުލާނެ، އަޅުގަނޑުމެން ފަސޭހަގޮތް ޚިޔާރުކުރިނަމަ. ފައިސާ ޗާޕްކުރަމުން، ޗާޕްކުރަމުން ދިޔުން. ނޫނީވިއްޔާ ދެންވެސް ހުރި ފަސޭހަގޮތް ޚިޔާރުކުރިނަމަ، އެ ފުރުޞަތު ހުޅުވާލިޔަސް، ކަމެއް ކުރަން އަންނާނެ ބަޔަކު ނުވާނެ. އެކަމަކު އަޅުގަނޑުމެން މި ފެށި މަގުންދާތީވެ، ދެން އިރާދަކުރެއްވިއްޔާ، މިގޮތަށް އިންވެސްޓްމަންޓްތަކަށް ހުޅުވާލީމަ، މި މަޝްރޫޢުތައް ނަގާނެ ފަރާތްތައް އަންނާނެ. އެއީ، އެ މީހުންނަށް ޔަޤީންކަން ލިބިގެންދާނެ، އަޅުގަނޑުމެން މިދާ މަގުން ދިޔައިމަ، އެ މީހުން ރާއްޖެއަށް ކުރާ އިންވެސްޓްމަންޓްގެވެސް ނަފާ ލިބި، އެ މީހުންނަށްވެސް ލިބޭނީ ކުރިއެރުންކަން. އެ މީހުންގެ ބިޒްނަސްއަށްވެސް ލިބޭނީ ފައިދާކަން.

އެހެންވީމާ، އިންވެސްޓަރ ކޮންފިޑެންސް ރާއްޖެއަށް އަނބުރާ ގެނައުމަށްޓަކައި މި ފަށާ މަސައްކަތް މި ކުރިއަށް މިދަނީ. ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދެވޭނެ އެންމެބޮޑު އިކޮނޮމިކް އެކްޓިވިޓީ މަސައްކަތް މި ސަރަޙައްދުގައި މި ފެށިގެންދަނީ. މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި އިހަވަންދިއްޕޮޅުގައި އިރާދަކުރެއްވިއްޔާ މި ފެށޭ ބަންކަރިންގ ފެސިލިޓީއާއި، އަދި އެހެނިހެން މަޝްރޫޢުތައް ހިމެނޭގޮތަށް. އަޅުގަނޑުމެންގެ ސަރުކާރުގެ ރައްޔިތުން ޙިއްޞާވާ ސަރުކާރުގެ އެންމެބޮޑު 5 ކުންފުނީގެ މައްޗަށް.

އަޅުގަނޑުމެން އިހަށްދުވަހު އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުން ނަން ދެވިފައިވާ ރައްޔިތުންގެ ބޮޑު ކުންފުނި، މި ރާއްޖޭގައި އޮތް އެންމެ ބޮޑު ކުންފުނި އެއީ މިހާރު. މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން. އޭގައި ހިމެނެނީ އެންމެ ބޮޑު 5 ކުންފުނި ރާއްޖޭގައި އޮތް، ސަރުކާރުގެ. އެ 5 ކުންފުނީގެ މައްޗަށް އުފެއްދި ކުންފުންޏާ އެވަނީ އެ ސަރަޙައްދު ހަވާލުކޮށްފައި މިހާރު. އިންވެސްޓްމަންޓްތައް ގެނެސް، ތިޔަ ލޮބުވެތި ރައްޔިތުން، މި އަތޮޅުގެ އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެވެސް ނަފާއާއި މަންފާއާއި ކުރިއެރުމަށްޓަކައި އެތަނަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނެސް، ބޮޑެތި ވިޔަފާރީގެ މަސައްކަތްތައް ކުރަން، ރީ-އެކްސްޕޯޓް ކުރާ ސަރަޙައްދުތައް އުފައްދަން، ބަންކަރިންގ ފެސިލިޓީޒްތައް ފަށަން، މިހެންގޮސް އެތައް މަސައްކަތެއް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ ބޮޑު މަޝްރޫޢަކަށް އެވަނީ އެތަން ހަވާލުކުރެވިފައި.

އެހެންވީމާ، މިހިރީ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަކީ. މިކަންކަން މިގޮތަށްދާތީވެ، އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކަށް އެބަ އެނގޭ، މިގޮތަށް މިކަންކަންދާނަމަ، ތިމަންނަމެން ދައްކާ ވާހަކަ އަޑުއަހާނެ ބަޔަކު ރާއްޖެއަކު ނުތިބޭނެކަން. ތިމަންނަމެންނަކީ ފެއިލްވެފައި ތިބި ބައެއްކަން ވަރަށް ސާފުކޮށް ރައްޔިތުން ގަބޫލުކޮށްފައޭ އޮތީވެސް، މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި. އަދި އިތުރަށް އަޅުގަނޑުމެންނާ ރައްޔިތުން ހަވާލުކުރި ޒިންމާ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީގައި މިގޮތަށް އަދާކުރަމުންދާނަމަ، ފުރަތަމަ ދުވަހުން ފެށިގެން އަދާކުރަމުންދާނަމަ، ރައްޔިތުން ތިމަންނަމެންނަށް ބަލައެއްނުލާނެއޭ. އެ އަޅުގަނޑަށް ސިފަވަނީ އެގޮތަށް ކަންކަން ކުރަމުންދާ ތަން.

އަޅުގަނޑު އެދެނީ، ރައްޔިތުން ގޮތެއް ނިންމައިދޭށޭ. ކުރިން ރިޔާސީ އިންތިޚާބުގައިވެސް ތިޔަބޭފުޅުން ވިސްނާވަޑައިގެން ހެޔޮގޮތް ނިންމެވީ. އެ ނިންމުމާ އެއްގޮތަށް އަޅުގަނޑު މިދަނީ ޢަމަލުކުރަމުން. ފުރަތަމަ ދުވަހުން ފެށިގެން، ފުރަތަމަ ދުވަހުން ފެށިގެން. ފުރަތަމަ އެންމެ ބޮޑެތި ވަޢުދުތަކުން ފެށިގެން މަސައްކަތް ފެށީ. މިތާތިބި ބޭރުގެ ސިފައިން ގެންގޮސް ނިންމައިދިނުމަށް އަޅުގަނޑު ގާތުގައި ރައްޔިތުން ވިދާޅުވެ، މަސައްކަތް ހަވާލުކުރެއްވީ. ފުރަތަމަ ދުވަހު އެ މަސައްކަތް ފެށީ. ފަށައިގެން މިއަދާ ހަމަޔަށް އައިއިރުގައި، اَلْحَمْدُ للَّهِ، އަޅުގަނޑުމެންނަށް މިވަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ހާސިލުވެފައި. އަޅުގަނޑުމެންނަށް ފެންނާނީ މިހާރު ސޮއިކުރެވިފައި އޮތް ގޮތަށް. އިންޑިޔާގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި ލެޓަރ އޮފް އެކްސްޗޭންޖްގައި މިހާރު އެއޮތީ ތާރީޚުތަކެއްގައި ސޮއިކުރެވިފައި، މިތާތިބި އިންޑިޔާ ސިފައިން ގެންދަން. އެ ތާރީޚުތަކާ އެއްގޮތަށް އެ މީހުން ގެންގޮސް ނިންމާތަން ފެންނާނެ ވަރަށް އަވަހަށް. ފުރަތަމަ ތާރީޚަކީ 10 މާރިޗު. ދެން 10 މޭ އާ ދޭތެރޭގައި، އެ ދެމަސް ތެރޭގައި ބާކީތިބި ސިފައިން ގެންދިޔުން. އެހެންވީމާ، މިގޮތަށް ނަތީޖާ ނެރެދެމުން އަޅުގަނޑު ދާތަން ރައްޔިތުންނަށް ފެންނަމުންނޭ ދަނީ.

މިތާނގެ ކަނޑުން ބޮޑު ބައެއް ގެއްލުވާލި މައްސަލައިގައިވެސް ހަމަ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަޅުގަނޑުމެންގެ ޓީމުން ފަށައިގެން އަދާކުރަމުން އެ ގެންދަނީ ވަރަށްބުރަ މަސައްކަތެއް ކުރަމުން. އެއީ، ހީކުރިވަރަށްވުރެވެސް މާ ކޮމްޕްލެކްސް ހިސާބެއްގައި އޮތް ކަމެއްވީމަ ކުރަންޖެހޭ މަސައްކަތް ބޮޑީ. އެކަމަކު އެކަމުގައިވެސް އެކްސްޕަރޓުން ހޯދައިގެން، މާހިރުން ހޯދައިގެން، އެތެރެއިންނާއި ބޭރުން. ރާއްޖޭގެ އެތެރެއިން، ރާއްޖެއިން ބޭރުން ހޯދައިގެން މަސައްކަތް ފަށައިގެން މިދަނީ ކުރިއަށް. އަޅުގަނޑަށް ޔަޤީން، އެކަމުގައިވެސް ރަނގަޅު ގޮތުގައި ނަތީޖާ ނެރެވޭނެކަން.

އެހެންވީމާ، ޤައުމީ މިކަހަލަ ބޮޑެތި މައްސަލަތަކާއި، އިޤްތިޞާދު ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި ކޮޅަށްޖެހުމާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ރާއްޖެ ކުރިއަށް ގެންދިޔުމާއި، އިޤްތިޞާދު ފުޅާކުރުމާއި، ޒުވާނުންނަށް ބޭނުންވާ ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމުކުރުމާއި، މަސްވެރިންނަށް ބޭނުންވާ މަސްވެރިކަމުގެ ޞިނާޢަތް ފުޅާކުރުމާއި، މުޅިން އަލަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ އެތައް ގުނަޔަކަށް ފުޅާކުރުމާއި، ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުން ހިމެނޭ. މި ހުރިހާ ކަމެއް އިރާދަކުރެއްވީތީ އެވަނީ ފެށިފައި. ފުރަތަމަ ފަހަރަށް ރާއްޖެއަށް މިހާރު އެވަނީ އިންވެސްޓްމަންޓް ޕްރޮޕޯޒަލް ލިބިފައި، ސްޕެޝަލް އިކޮނޮމިކް ޒޯން ޤާއިމުކުރުމަށް. މިފަދަ އެތައް ކަމެއް އެވަނީ ފެށިފައި. އެހެންވީމާ، މިކަންކަމުން ރައްޔިތުންގެ ޖީބަށް އިރާދަކުރެއްވިއްޔާ މުއްސަނދިކަން އަންނާނެ.

އަޅުގަނޑުމެން އިހަށްދުވަހު ޗައިނާއާ އެކީގައި ސޮއިކުރި 20 އެމް.އޯ.ޔޫ.ގެ ތެރެއިން އަންނަ އިންވެސްޓްމަންޓްތައް ހިނގާ މަޝްރޫޢުތަކުން، ކުރީގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތް ހިނގިއިރުގައި ރައްޔިތުން މުއްސަނދިވި ގޮތަށް މުއްސަނދިކަން ލިބިގެންދާނެ. މިދިޔަ ފަސް އަހަރު ރާއްޖެއަށް ގެނައި ލޯނުތަކުން ކުރިއަށްގެންދިޔަ އެއްވެސް މަޝްރޫޢަކުން ރާއްޖޭގެ އެއްވެސް ވިޔަފާރިއަކަށްވީ ފައިދާއެއް ނެތް. އެންމެކުޑަމިނުން ކުޑަކުޑަ މޮހޮރެއް، ރާއްޖޭގެ ފިހާރަޔަކުން ގަންނަން، އެ އެގްރީމެންޓްތަކުގައި ނެތީ. ނެތީމަ އިންޑިއާއިން ގެނެސްފައި ހުރީ. އެހެން ނަމަވެސް، އަޅުގަނޑުމެން ކުރިއަށް ގެންދާނެ މަޝްރޫޢުތައް ގެންދާނީ، އަޅުގަނޑުމެން މި އެއްބަސްވުންތައް ހަދާ ޤައުމުތަކުގައި ސިޔާސަތުތައް ހުންނަނީ، އެ ލޯކަލް ޤައުމު، އެ މަޝްރޫޢު ލިބޭ ޤައުމަށް ފައިދާވާ ގޮތަށް، މާނަޔަކީ މި ކޭސްގައި ރާއްޖެ. ރާއްޖޭގެ ވިޔަފާރިތަކުން، ބޮޑުބައިން ތަކެތި ގަންނާނީ ރާއްޖެއިން. އެހެންވީމާ، ކުރިއަށް އޮތް ތާނގައި ފެންނާނީ އަނެއްކާވެސް ތިޔަބޭފުޅުން ފަދަ ބޭފުޅުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެ މަޝްރޫޢުތައް ހިނގާ ސަރަޙައްދުތަކުގައި ހިމެނޭ ކުންފުނިތަކުން ލޮޖިސްޓިކް މަސައްކަތްވެސް ކުރާ ތަން. އޭގައި އެކިކަހަލަ ތަކެތިވެސް ސަޕްލައި ކުރާތަން. މުއްސަނދިކަން ލިބިގެންދާނީ.

އެހެންވީމާ، ކުރިއަށް އޮތީ އިރާދަކުރެއްވިއްޔާ މި ދުވަސްތައް. މި ދުވަސްތައް ރައްޔިތުންނާ ހަމަޔަށް އަންނާނެކަން، އިދިކޮޅު ފަރާތްތަކަށްވެސް އެނގޭ އިރާދަކުރެއްވީތީ. އެހެންވީމާ، އެއަށް ހުރަސްއަޅަން، އަޅުގަނޑުމެންނަށް އެނގިހުރެ ފުރުޞަތު ދެއްވުމަކީ، އެހާ ބުއްދިވެރި ގޮތަކަށް ނުވާނެހެން އަޅުގަނޑަށް ހީވަނީ.

އާދެ، އެހެންވީމާ، ތިޔަބޭފުޅުންގެ އަތްމައްޗަށް މި އަންނަ މުހިންމު ޤައުމީ ދަނޑިވަޅު މި އަންނަނީ. ވިސްނާވަޑައިގެން، ކަންކަން ނިންމުމަކީ، ޤައުމީ ވިސްނުމަކުން ވިސްނާއިރުގައިވެސް، ތަރައްޤީގެ ވިސްނުމަކުން ވިސްނާއިރުގައިވެސް، ފަރުދީ މުއްސަނދިކަމުގެ ވިސްނުމަކުން ވިސްނާއިރުގައިވެސް ވަރަށް މުހިންމު ކަމެއް.

އާދެ، އަދިވެސް އެއްފަހަރު، ބާރަށުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނާ އެކީގައި، ތިޔަބޭފުޅުން އެ ހަވާލުކުރެއްވި މަސައްކަތް ކުރުމުގައި ސާބިތުވެ ކުރިއަށްދާނަން. ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން އޮތީ، މިކަންކަމުގައި އިތުރަށް އެހީތެރިކަން ދެއްވުމަށް.

އާދެ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ މި ޤައުމަށް އުފާވެރިކަން މިންވަރުކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.