بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކެލާގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ. މެންބަރުން، ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި ވަޒީރުންނާއި، ޢިއްޒަތްތެރިން، އަދި މި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދުގެ ހޫނުގަދަ ވަގުތުގައިވެސް ތިޔަބޭފުޅުން ނުކުމެވަޑައިގެން، އަޅުގަނޑުމެން މި ރަށަށް އައި ވަގުތު ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ކެލާގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އިންތިޚާބު ތެރޭގައި މި ރަށަށް އައުމުން، ތިޔަބޭފުޅުންނާ ބައްދަލުވެ، ތިޔަބޭފުޅުން ވިދާޅުވި މި ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ކަންތައްތައް. އެކަންކަމަށް އަޅުގަނޑު އިޖާބަދޭނެ ވާހަކަ ދެންނެވިން. ވަޢުދުތަކެއްވިން. އެންމެ މުހިންމީ އިޤްތިޞާދީ ތަރައްޤީ ކަމުގައި ދެންނެވިން. އިޤްތިޞާދީ ގޮތުން ކުރިއަށް ގެންދަންހުރި ކަންކަމަށް އަލިމަގު ފެންނަން ބޭނުންވާ ވާހަކަ ތިޔަބޭފުޅުން ވިދާޅުވި. ޢުމްރާނީ ތަރައްޤީގެ ރޮނގުން ކުރަންހުރި ކަންކަން ހަލުވިމިނުގައި ފުޅާކޮށް ކުރިއަށްދާން ބޭނުންވާ ވާހަކަ، ޞިއްޙީ ދާއިރާ ރަނގަޅުކުރަން ބޭނުންވާ ވާހަކަ، މި ހުރިހާ ވާހަކަތަކެއް ދަންނަވައި، އަޅުގަނޑު ވާނީ އެކަންކަމަށް ވަޢުދުތަކެއް ވެފައި.

އާދެ، މި ރަށުގެ ތަރައްޤީއަށް ތިޔަބޭފުޅުން އަޅުގަނޑުގެ ކިބައިން އެދުނު ހުރިހާ ކަމަކީ، ވަޢުދުތައް ވީގޮތަށް، ވަޢުދުވެފައިވާ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ފުއްދާނެ ކަންތައްތައްކަން ހަމަ މިއަދުވެސް އޭރު ޔަޤީންކަންދިން ވަރަށްވުރެވެސް ޔަޤީންކޮށް އަޅުގަނޑު ދަންނަވާލަން ބޭނުން.

އެގޮތުން، ރަށުގެ ތަރައްޤީއަށް ޓޫރިޒަމް ތަރައްޤީ ކުރުން. ފަޅުގައި ރިޒޯޓެއް ޑިވެލޮޕް ކުރުން، ތަރައްޤީ ކުރުން އެއީ، އެންމެ މުހިންމު މަޝްރޫޢުގެ ގޮތުގައި އަޅުގަނޑު ދަންނަވާލަން.
އެ މަޝްރޫޢު ޙަޤީޤަތަކަށް ހަދައިދޭނަން. ދެންމެ ޓޫރިޒަމް މިނިސްޓަރގެ ފަރާތްޕުޅުން އިކޮނޮމިކް މިނިސްޓަރ އެކަމުގެ ބައެއް ތަފްޞީލު ޙިއްޞާކުރެއްވި. އަދި އޭގެއިތުރަށްވެސް، ހިނގަމުންދާ ޓޫރިޒަމް މަޝްރޫޢުވެސް އެބައޮތް، މި ފަޅުގެ ތެރޭގައި. އަދި އޭގެ ސަބަބުން ފައިދާވާނީ މި ރަށަށް އެކަންޏެއް ނޫން. ހަމަ އެހެން ރަށްތަކަށްވެސް ފައިދާވާނެ. މި އަތޮޅަށް ފައިދާވާނެ.

އެހެންވީމާ، ޓޫރިޒަމް ރިޒޯޓެއް ޑިވެލޮޕް ކުރުމުގެ މަސައްކަތް، އިކޮނޮމިކް ކައުންސިލްގެ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑު ޔަޤީންކޮށްދޭނަން، އިރާދަކުރެއްވިއްޔާ އެކަން ޙަޤީޤަތަކަށްވާނެކަން.

ހަމަ އެއާއެކީގައި، މި ރަށުގައި ދަނޑުވެރިކަން ވަރަށް ރަނގަޅަށް ކުރޭ. ދަނޑުވެރިކަމަށް ބޭނުންވާ ވަސީލަތްތަކެއް ފޯރުކޮށްދޭންޖެހޭ. އަޅުގަނޑު އެކަމާ ބެހޭގޮތުންވެސް އިންތިޚާބުގައި ވާހަކަ ދެއްކިން. މިއަދު އޮތް ކައުންސިލް ބައްދަލުވުމުގައި، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންވެސް ހަމަ އެ ވާހަކަތައްވެސް އަދި ރަށަށް ބޭނުންވާ މުހިންމު ހުރިހާ މަޝްރޫޢުތަކުގެ ވާހަކަ ފާހަގަކުރެއްވި.

ދަނޑުވެރިކަން އިތުރަށް ކުރިއަރުވަން، އެހެން ހަރުފަތަކަށް ގެންދިޔުމަށް ގިނަ ކަންކަން ކުރަންޖެހޭ. އެހެންވީމާ، އެ ސަރަޙައްދަށް ޔޫޓިލިޓީޒް ޤާއިމުކޮށްދިނުން ހިމެނޭ. އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ އިންޑަސްޓްރީ، އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ އެހެން ހަރުފަތަކަށް ގެންދަން. ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޔަޤީންކަން ޤާއިމުވާވަރަށް. ފުޑް ސެކިއުރިޓީ ޤާއިމުވާވަރަށް. ފުޑް ސެކިއުރިޓީ، ރާއްޖޭގެ ރައްޔިތުންނަށާއި، އަދި އޭގެއިތުރަށް، އިޤްތިޞާދީ ނަޒަރަކުން ބަލާއިރުގައި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ބޭނުމަށް އެތެރެކުރާ ކާބޯތަކެތިވެސް، ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއް، ރާއްޖޭގައި އުފެއްދޭ މިންވަރަށް ރާއްޖޭގެ އިޤްތިޞާދު، ޓޫރިޒަމް، އެގްރިކަލްޗަރ، ދަނޑުވެރިކަމުގެ އިންޑަސްޓްރީ ފުޅާކުރުން. އެއީ، އަޅުގަނޑުމެންގެ ސިޔާސަތު. އެހެންވީމާ، މި ދެ އަމާޒު ހާސިލުކުރަން، ރައްޔިތުންނަށް ބޭނުންވާވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި ރާއްޖޭގައި އިތުރުކުރުމާއި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މިއޮތް ރިޒޯޓުތަކަށް ބޭނުންވާ އަދަދަށް، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި ރާއްޖޭގައި އުފެއްދުން. ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނީ، މި ދެ އަމާޒު ހާސިލުކުރުމަށް ވަރަށް މަސައްކަތް ކޮށްގެން. އެއީ، ވަރަށް ފުޅާކޮށް އެ މަސައްކަތް ކޮށްގެން ވާނެ ކަމެއް. އޭގައި މުހިންމު ދައުރެއް މި ރަށް އަދާކުރަން އަޅުގަނޑު ބޭނުން.

އެހެންވީމާ، މި ރަށުގެ ދަނޑުވެރިންނަށް އޮތީ އިރާދަކުރެއްވިއްޔާ އުފާވެރިކަން. އަޅުގަނޑުމެން އެގްރިކަލްޗަރ މިނިސްޓްރީ މެދުވެރިކޮށް ތިޔަބޭފުޅުންނަށް ގިނަ ކަންތައްތަކެއް ފަހިކޮށްދިނުމުގެ މަސައްކަތް ހަމަޖައްސައިދޭނަން. މި ރަށުގެ ދަނޑުވެރިކަމަކީ، ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ފުޅާވާނެ ދަނޑުވެރިކަމެއް ކަމުގައި އަޅުގަނޑަށް ފެނޭ. ތިޔަބޭފުޅުންނަށް ހަމަ ވަރަށްބޮޑު ޔަޤީންކަމެއް ދިނުމުގެ ގޮތުން އެކަން ދަންނަވާލަން އަޅުގަނޑު ބޭނުން.

ދެން ހަމަ އެއާއެކީގައި، ކުރިއަށް ގެންދަންހުރި އެހެނިހެން މަސައްކަތްތައް އެބަހުރި. ފަށާފައި ހުރި މަޝްރޫޢުތައް އަވަސްމިނުގައި، ބާރުމިނުގައި ނިންމައިދިނުމާއި، ބަނދަރުގެ މަސައްކަތުގެ ވާހަކަވެސް ފާހަގަކުރެވިގެންދިޔަ. މި ހުރިހާ ކަމަކީ، ރާއްޖޭގެ އިޤްތިޞާދު މިއޮތް ޙާލަތުން އަޅުގަނޑުމެން މި ރަނގަޅުކުރަން ކުރާ މަސައްކަތުގެ ތެރެއިން އާމްދަނީ އިތުރުކުރަމުން، ދައްކަންހުރި ބިލުތަކަށް، ރައްޔިތުންގެ އެކިއެކި ކުންފުނިތައް ލައްވައި ކުރުވާފައި ހުރި މަސައްކަތްތަކަށާއި، އަދި ރާއްޖެއިން ބޭރުގެ ދަރަނިތައް ދައްކަމުން، އަޅުގަނޑުމެން މެނޭޖް ކުރަންޖެހޭ ކަމެއް. އެހެންވީމާ، ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ޖާގަ ފަހިކުރަމުން، މި ހިނގަހިނގާ ހުރި މަޝްރޫޢުތައް ހުއްޓިފައި ހުރިއްޔާ، އެ މަޝްރޫޢުތައް ފެށުމާއި، އަލަށް ފަށަންޖެހޭ މަޝްރޫޢުތައް ފެށުން ކުރިއަށްދާނެ.

އެއީ، ޖުމްލަ ގޮތެއްގައި ހުރިހާ ރަށެއްގައި އަޅުގަނޑުމެން އެކަން ކުރާނެގޮތް. އެހެންވީމާ، މި ރަށުގައިވެސް އެގޮތަށް އެބަހުރި މަޝްރޫޢުތަކެއް ކުރިއަށް ގެންދަން. އެކަންކަމަށް
މި ދެންނެވި ގޮތުން އަޅުގަނޑު ޔަޤީންކަން އެބަދެން.

ހަމަ އެއާއެކީގައި، އެންމެ މުހިންމު އެއްކަމަކީ، ޒުވާނުންނަށް ޚާއްޞަކޮށް، އަދި ގެދޮރުވެރިކަން ނެތް އެންމެންނަށްވެސް ގެދޮރުވެރިކަން ޔަޤީންވެގެންދިޔުން. އެއީ، އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމެއްދޭ ސިޔާސަތުކަން ހަމަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރުވެރިކަން ޤާއިމުކުރުމަށްޓަކައި ހައުސިންގ ޕްރޮޖެކްޓްސްތައް ހިންގުމަށް އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތް ޕްލޭންގެ ތެރޭގައި، އެ ރަށެއްގެ އާބާދީގެ ނިސްބަތުންނާއި، އެ ރަށެއްގައި ބިމުގެ ޖާގަ އޮތްވަރުގެ ނިސްބަތުން އަދި ޖާގަ އިތުރުކުރެވެން އޮތް ނިސްބަތް، މިކަހަލަ ކަންކަމަށް އަޅުގަނޑުމެން ގެދޮރުގެ އެކިކަހަލަ މަޝްރޫޢުތައް، ކުރިއަށް އޮތް ދުވަސްތަކުގައި ލިބިގެންދާއިރު، އަޅުގަނޑުމެން ވިސްނާނެ އެކަހަލަ ރަށްރަށަށް އިސްކަންދޭން.

ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި، ރަށުން ބޭރަށް ހިޖުރަކުރެޔޭ މި ރަށުގެ އެތައް ބަޔަކު. އެއީ، އިޤްތިޞާދީ ފުރުޞަތުތައް ނެތީމަ. ގެދޮރުގެ ފުރުޞަތުތައް ނެތީމަ. އެހެންވީމާ، އަނބުރާ ރަށަށްއައިސް، ރަށުގައި ޤާއިމުވެ ތިބެ، މި ރަށް ތަރައްޤީ ކުރުމަށް މަގުފަހިވާގޮތަށް ގެދޮރުގެ ވަސީލަތްތަކާއި، އެކިކަހަލަ ޞިނާޢަތްތައް، ޓޫރިޒަމް، ދަނޑުވެރިކަން، މި ޞިނާޢަތްތަކުން ވަސީލަތްތައް، ފުރުޞަތުތައް ފަހިވާ ރަށަކަށް އިރާދަކުރެއްވިއްޔާ މި ރަށް އަޅުގަނޑުމެން ހަދައިދޭނަން. އެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އާދެ، ޖުމްލަކޮށް މިކަންކަން އަޅުގަނޑު ފާހަގަކޮށްލާފައި، ހަމަ ކުރުކޮށްލަން ގަސްތުކުރަނީ، ޢަޞްރު ނަމާދަށް ގޮވަން ދެތިން މިނިޓަށް ވެފައިވާތީ.

ވަރަށް ބޮޑަށް އުފާކުރަން، ތިޔަބޭފުޅުންނާ ހަމަ ބައްދަލުވީތީ އަނެއްކާވެސް. ކެލާގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ ހުރިހާ މަސައްކަތެއްގައި، އަޅުގަނޑުމެން ހަމަ ދެންމެ މި ދެންނެވި ފަދައިން، ވަރަށް އިސްކަންދީގެން މަސައްކަތްކޮށްދޭނެ ކަމުގެ ޔަޤީންކަން ދެން. ރަށުގެ ރައްޔިތުން ތިޔަ ދެއްވާ ތާއީދާއި އެއްބާރުލުމަށް ހަމަ ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑު ޔަޤީންކުރަނީ، ހަމަ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތިޔަގޮތުގައި ތިޔަބޭފުޅުން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.