بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވަށަފަރުގެ ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުން، ކައުންސިލްގެ ރައީސް، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.، ރަށުގެ މުއައްސަސާތަކުގެ ވެރިން، ދައުލަތުގެ ވަޒީރުންނާއި، އިސްވެރިން، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އުތުރުގެ 4 އަތޮޅަށް މި ކުރާ ދަތުރުގައި މިއަދު މި ރަށަށް އާދެވުމުން، ލޮބުވެތި ހުރިހާ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި މި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ދެއްވި ތާއީދަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ގިނަ ކަންތައްތަކެއް އެބަހުރި. އިސްކަންދޭންޖެހޭ ކަންކަން، އަދި ހިނގަމުންދާ އެކިއެކި ބައެއް މަޝްރޫޢުތައް. އަޅުގަނޑުގެ ސިޔާސަތުގައިވާ ގޮތަށް، އެއްވެސް ރަށެއް ތަފާތުނުކޮށް، އެއީ، އާބާދީ ގޮތުން ކިތަންމެ ކުޑަ އަދި ބޮޑު ރަށެއް ކަމުގައިވިޔަސް، ޖާގައިގެ ގޮތުން ކިތަންމެ ތާށި، ނޫނީވިއްޔާ ޖާގަ ތަނަވަސް ރަށެއް ކަމުގައިވިޔަސް، އެއްވެސް ތަފާތެއް ނުކޮށް ޚިދުމަތް ކުރުމުގެ ސިޔާސަތުގެ ދަށުން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައިވެސް، އަޅުގަނޑު ކެމްޕެއިން ތެރޭގައި ވީ ވަޢުދުތަކާއި އަދި އިތުރަށް އަންނަ ކަންކަމަށްވެސް އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދީ، ޙައްލު ގެނެސްދޭނަން.

އަޅުގަނޑު ވަޢުދުވީ އެއްކަމެއް، ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ބިން ހިއްކުމުގެ މަސައްކަތަކީ. އެހެންވީމާ، ބަޖެޓުގެ ތެރެއިން އަޅުގަނޑުމެންނަށް އެކަން ފެށޭގޮތަށް ހަމަޖެހުނުހާ އަވަހަކަށް ފަށާނަން. މި އަހަރުގެ ބަޖެޓުގައި ކޮންމެވެސްވަރެއްގެ ޢަދަދެއް ހިމަނާފައި އެބައޮތް. އެހެން ނަމަވެސް، ބަޖެޓުގެ ތެރެއިން އެކަން އެންމެ ކުރީކޮޅު ފެށުމާއި ނުފެށުން މި ބިނާވަނީ، އަޅުގަނޑުމެންގެ އާމްދަނީ ލިބޭ މިންވަރާ، މި ހުރިހާ ކަމެއްގެ މައްޗަށް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ އިޤްތިޞާދު އަޅުގަނޑުމެންނާ ހަވާލުވިއިރުގައި އޮތް ޙާލަތު، މިހާރު ވަރަށް ސާފުކޮށް ހުރިހާ ރައްޔިތުންނަށް. އެހެންވީމާ، އިޤްތިޞާދު މެނޭޖް ކުރަމުން، ޚަރަދުތައް ދެކޮޅުޖައްސަމުން، ނޫނީވިއްޔާ އާމްދަނީ އިތުރުކޮށް، ޚަރަދު މަދުކޮށް މި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކޮށްގެން މި ފަށަނީ.

އެހެންވީމާ، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ބިން ހިއްކުމުގެ މަޝްރޫޢުވެސް އަދި ދެންހުރި މަސައްކަތްތައްވެސް ކުރިއަށް ގެންދާނަން. އެހެންވީމާ، ވަކިން ޚާއްޞަކޮށް، ބިން ހިއްކުމުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ހަމަ ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ގެންގޮސްދޭނެކަން ހަމަ ދަންނަވާލަން.

ހުއްޓިފައި ހުރި ފެނާއި ނަރުދަމާ ކަހަލަ މަޝްރޫޢުތައްވެސް، އެ މަސައްކަތްތައް ނުހިނގާ އެކިއެކި ސަބަބުތައް ހުންނާނެ. އަޅުގަނޑު ދެންމެ އެހެން ރަށެއްގައި، ދިއްދޫގައި ޖަލްސާގައި ވާހަކަ ދައްކަމުން ފާހަގަކުރިން، ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތައް ނުހިނގާ ސަބަބުތައް. ކޮންމެހެން އެއީ، މި ރަށުގެ ސަބަބަށް ނުވެދާނެ. ބަޖެޓުގެ ތެރޭގައި ހިނގަ ހިނގާ ހުންނަ މަޝްރޫޢުތައް ނިންމަން، ކޮންމެ އަހަރަކުވެސް ހިމަނާނެ، އެ މަޝްރޫޢު ނިމޭވަރަށް ފައިސާ. އެހެން ނަމަވެސް، މި އަހަރު ބަޖެޓް ފާސްކޮށްދިންއިރުގައި، އަޅުގަނޑުމެންނެއް ނޫން ބަޖެޓް ހެދީކީވެސް، ފާސްކުރީކީވެސް. ފާސްކޮށްދިންއިރުގައި، މަޝްރޫޢުތައް ނިންމުމަށް އެއްވެސްވަރަކަށް އެކަށީގެންވާވަރާ ގާތަށްވެސް ބަޖެޓުގައި ފައިސާއަށް އަދަދު ހިމަނާފައި ނެތީ. އެހެންވީމާ، ހިނގަ ހިނގާ ހުރި ގިނަ މަޝްރޫޢުތައް ނުނިންމިގެން މިއުޅެނީ. އެހެން ނަމަވެސް، މަސައްކަތްތައް އެބަ ކުރަން.

އެހެންވީމާ، ފެނާއި ނަރުދަމާ މަޝްރޫޢު ވިޔަސް، އަދި ދެން ހިނގަ ހިނގާ ހުރި މަޝްރޫޢުތައް ވިޔަސް، ހަމަ ވީހާވެސް އަވަސްކަމެއް ދީގެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.

އާދެ، ސްކޫލަށް ބޭނުންވާ މަލްޓި-ޕަރޕަސް ހޯލް މަޝްރޫޢުވެސް، އަދި ދެންހުރި ކަންތައްތަކަށްވެސް ހަމަ މި ދެންނެވި ބީދައިން މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ، ކުނި މެނޭޖް ކުރުން، ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި، ކުނި މެނޭޖް ކުރާނެ މަރުކަޒެއް ހަދައިދޭން އެދޭ ވާހަކަ. އާދެ، މިކަމަކީވެސް ރަށްރަށުގައި އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި އޮތް އެއް ކަންތައް. އެހެންވީމާ، އެކަމަށްވެސް އަޅުގަނޑުމެން ސަމާލުކަން ދޭނަން.

އަދި ހަމަ ދެންހުރި މަސައްކަތްތަކަށްވެސް. ޞިއްޙީ މަރުކަޒުގައި ލެބޯރެޓަރީ ހެދުމާއި، މިފަދަ ކަންތައްތައްވެސް. ލެބޯރެޓަރީ ޤާއިމުކުރުން، ނޫނީ ލެބޯރެޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ، އަޅުގަނޑުވީ ވަޢުދެއް. ކޮންމެ ރަށެއްގައި، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ލެބޯރެޓަރީގެ ޚިދުމަތް ޤާއިމުކޮށްދޭނެ ވާހަކަ. އެހެންވީމާ، އެ މަސައްކަތްވެސް އެގޮތަށް ހަމަ ކުރިއަށް ގެންދާނަން.

އާދެ، އެހެންވީމާ، ޖުމްލަކޮށް މި ހުރިހާ މަސައްކަތްތަކެއްވެސް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި، ބިން ހިއްކުމުގެ މަސައްކަތް ފެށި އަދި ހިނގަމުންދާ މަސައްކަތްތައް ނިންމުމަކީ އަޅުގަނޑުމެންގެ އަމާޒު.

ދެން ހަމަ ޓޫރިޒަމާ ގުޅޭ ތިޔަބޭފުޅުންގެ ތި ގިނަ ދުވަސްވެފައި އޮތް މަޝްރޫޢަށްވެސް ޙައްލެއް ގެނެސްދިނުމަކީ، އަޅުގަނޑު ހަމަ ވަޢުދުވެފައި އޮތް ކަމެއްވީމަ، އެކަންވެސް ހަނދާންވެސް އެބަހުރި. އެ މަސައްކަތްވެސް ކުރިއަށް ގެންދަން އެބަ މަސައްކަތް ކުރަން. އެހެންވީމާ، ޖުމްލަކޮށް މި ދެންނެވި ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.

ދެން ނިންމާލުމުގެ ކުރިން، ޢަބްދުއްރަޙީމް ދެންމެ ފާހަގަކުރެއްވި ކަންތަކުގެ ވާހަކަ އަޅުގަނޑުވެސް ދަންނަވާލަން ބޭނުން. އެއީ، ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ލިބުމާއި ނުލިބުމަކީ، ވަރަށްބޮޑު ތަފާތެއް އަންނަ ކަމެއް. ރައްޔިތުންނަށް އޭގައި ކުރިއެރުމާއި، ކުރިއެރުން ނުލިބުމާ މި ބިނާވަނީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުން ކަންކަން ނިންމަވާ ގޮތަކަށް. އެހެންވީމާ، ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލިސް ތެރެއިން ރައްޔިތުންގެ ޙައްޤުގައި ސަރުކާރަށް މަސައްކަތް ކޮށްދޭނެ، ސަރުކާރުގެ ވިސްނުމުގައި ތިބި މެންބަރުންތަކެއް، ތިޔަބޭފުޅުން، ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ހޮވުމަކީ، އަޅުގަނޑު ހަމަ ޔަޤީންކުރަން ރައްޔިތުންނަށް އެންމެ ފައިދާވާނެގޮތް ކަމަށް. އެކަމަށް އަޅުގަނޑު ހަމަ އިލްތިމާސް ކުރަން.

އަދިވެސް އެއްފަހަރު، ވަށަފަރަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހަމަ ވަރަށް ބޮޑަށް އަދިވެސް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى މި ރަށުގެ ތަރައްޤީއަށް އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ ތަރައްޤީއަށް އުފާ ފާގަތިކަން މިންވަރުކުރެއްވުން. 

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.