ވަށަފަރު ބިންހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ވަށަފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮންމެ ރަށެއްގައިވެސް ޞިއްޙީ މަރުކަޒުތަކުގައި އެރަށެއްގެ ނިސްބަތުން ލެބޯޓްރީ ޚިދުމަތް ޤާއިމުކުރުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަމަށާއި، އެކަން އެގޮތަށް ވަށަފަރުގައިވެސް ކުރިއަށްދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، އެރަށުގައި ކުނި މެނޭޖްކުރާނެ މަރުކަޒެއް ޤާއިމުކުރުމަށްވެސް ސަމާލުކަން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަށަފަރަށް ކޮށްދޭން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އަދި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިންނެވިއެވެ.