ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ވަށަފަރު ސުކޫލުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ހަމައެއާއެކު، މި ސަރުކާރުން ރައްޔިތުންނާ ވަރަށް ގާތްކަމެއް ބާއްވާކަން ކައުންސިލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ކުރައްވާ ހުރިހާ ކަމެއްގައި މި ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކައުންސިލްގެ ފަރާތުން ދެއްވިއެވެ.

ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވައި، މި ސަރުކާރުން ކުރައްވަން ނިންމަވާ ކަންކަން ކުރައްވާނެކަމުގެ ޔަޤީކަން އޮތްކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ކަންކަން ކާމިޔަބުކުރަން ފަސޭހަވާނެކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލް ބައްދަލުވުމުގެ ކުރިން ކުރިއަށްދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަން ހާސިލުކުރަން މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.