بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދިއްދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ. އަދި މި ތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ހުރިހާ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

ރޭގައި ވަރަށް ލަސްވިފަހުން، މި ރަށަށް އާދެވުނީ. އެހެން ނަމަވެސް، ތިޔަބޭފުޅުން ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައިވެސް ތިޔަބޭފުޅުން ވަނީ ވަރަށްބޮޑު އިތުބާރެއް ކުރައްވައި ތާއީދު ކުރައްވާފައި. އެކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ކެމްޕެއިން ތެރޭގައި މި ރަށަށް އައިން. ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން ޙިއްޞާ ކުރެއްވި. އަޅުގަނޑު ވާނީ އެކަންކަން ކޮށްދޭނެ ކަމުގެ ވަޢުދުވެސް ވެފައި. އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ވަޢުދުގެ މަތީގައި އަޅުގަނޑު ދެމިހުންނަ ވާހަކަ. އަދި ފުއްދާނެ ވާހަކަ. އަޅުގަނޑުވީ ހުރިހާ ވަޢުދެއް އިރާދަކުރެއްވިއްޔާ ފުއްދާނަން.

އާދެ، މި ރަށުގެ ތަރައްޤީއަށް، އަދި މުޅި މި އަތޮޅުގެ ތަރައްޤީއަށްވެސް ވަރަށް މުހިންމު ކަންކަން އެބަހުރި މި ރަށުގައި ކުރަންޖެހޭ. ތަރުތީބަކުން ބަލާއިރު، ހަމަ އެއްވަނައަށް ލާންޖެހޭ މުހިންމު ކަންތައްތައް އެބަހުރި. އެކަންކަމުގެ ތެރެއިންވެސް އަޅުގަނޑު ހިތުން ޞިއްޙީ ނިޒާމު ވަރަށް މުހިންމު. ހޮސްޕިޓަލްގެ ވާހަކަ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރުގައި އަދި މުޅި އަތޮޅަށްވެސް އެއިން ފައިދާވާ ފެންވަރުގެ ވަރަށް ރަނގަޅު، ގިނަ ޚިދުމަތްތައް ލިބޭ، ފެންވަރު ރަނގަޅު، އާ ހޮސްޕިޓަލް އިމާރާތެއް އަޅައި، ހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅުކޮށްދޭނެ ވާހަކަ ދަންނަވަން. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ކުރާނަން.

ރާއްޖޭގެ މިހާރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެންނަށް މާބޮޑު ޖާގައެއް ޙަޤީޤަތުގައިވެސް ނެތް. އެހެން ނަމަވެސް، އަޅުގަނޑުމެން ބޭރުގެ ފަންޑިންގއަށް އެބަ މަސައްކަތް ކުރަން. މިދޭތެރެއިން ޗައިނާއަށް ކުރި ދަތުރުގައިވެސް ވާނީ މިކަހަލަ މަސައްކަތްތަކަކަށް މަގުފަހިވާ އެމް.އޯ.ޔޫ.ގައި ސޮއިކުރެވިފައި. އަދިވެސް ގިނަ މަސައްކަތްތައް އެބަ ކުރަން. ތަރުތީބަކުން އިސްކަންދޭއިރުގައި، މިކަހަލަ މުހިންމު، ބޮޑު އާބާދީއެއް އޮންނަ، އަތޮޅުވެރިކަން ކުރާ، ސަރަޙައްދީ ތަރައްޤީގެ ވިސްނުމަކުން މުހިންމު ގިނަ ރަށްތައް ރާއްޖޭގައި އެބަހުރި ދިމަދިމާގައި.

އެހެންވީމާ، މިކަހަލަ ރަށްތަކުގައި، މި ދެންނެވި ފަންޑިންގ ހޯދާއިރުގައި، އަޅުގަނޑުމެން އިސްކަން މިދެނީ. ދުރު ރާސްތާއަށް ވިސްނާއިރުގައިވެސް އެކަން ކުރަންޖެހޭނީވެސް އެހެން. އެހެންވީމާ، ހޮސްޕިޓަލް އެއީ، ހަމަ އެންމެ، އެންމެ މުހިންމު މަޝްރޫޢުގެ ގޮތުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށްވެސް ހަމަ ވަރަށް މުހިންމު ވާނެ ހޮސްޕިޓަލެއް އެޅިގެންދިޔުން. މި ދެންނެވި ފެންވަރުގައި، ހުރިހާ ކަމެއް ޤާއިމުކުރެވިފައިވާ، ހަމަ ރަނގަޅު ހޮސްޕިޓަލެއް އެއީ.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސީޓީ ސްކޭން ހެދުމުގެ ޚިދުމަތެއްވެސް މިތާކު ނެތް. އެމްބިއުލެންސްވެސް އަދި އޮންނަނީ އެއް އެމްބިއުލެންސް. ދެން ހޮސްޕިޓަލް އެޅެންދެން މިހާރުން މިހާރަށްވެސް ވީހާވެސް އަވަހަކަށް އަޅުގަނޑު ބަލާނަން އިތުރު އެމްބިއުލެންސެއް މި ތަނަށް ގެނެވޭތޯ. ދެން ހަމަ އެހެން ގޮސް މިހާރުން މިހާރަށް އިތުރުކުރެވޭނެ ކަންކަން އިތުރުކުރާނަން އިނގޭތޯ. އެހެންވީމާ، އަދި ފަންޑިންގ ހަމަޖެހި، ބޮޑު މަޝްރޫޢެއްގެ ކަންތަކަށް މަޑުނުކޮށް މިހާރުން މިހާރަށްވެސް އަޕްގްރޭޑް ކުރެވެން ހުރި ހުރިހާ ކަމެއް، ޞިއްޙީ ނިޒާމުގައި ވަރުގަދަކުރަމުން ގެންދާނަން ހަމަ ހުއްޓުމެއްނެތި އިރާދަކުރެއްވިއްޔާ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރައްޔިތުންވެސް ބޭނުންވާނީ ޞިއްޙީ ނިޒާމަށް އެންމެ އިސްކަންދޭން.

ދެން ހަމަ އެއާއެކީ، ހަމަ ވަޢުދުވީ، ރައްޔިތުން ބޭނުންވާ އަނެއް ކަންތައް. ވައިގެ ބަނދަރު، އެއަރޕޯޓު. އެކަން އިރާދަކުރެއްވިއްޔާ ހަމަ ޙަޤީޤަތަކަށް ހަދައިދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް ދެން ހަމަ ތިޔަބޭފުޅުންނަށް.

ދެން އަޅުގަނޑަށް އެކިކަހަލަ ކްރިޓިސިޒަމް ކުރިމަތިކުރާ ބޭފުޅުންނަށް ހަމަ ދަންނަވާލަން އޮތީ، އެއަރޕޯޓުގެ ވާހަކަ، އެ ބޭފުޅުން މި ވިދާޅުވަނީ، އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތައް. އަޅުގަނޑު މި ދައްކާ ވާހަކައަކީ ކޮންމެ ދަތުރެއްގައިވެސް އެއަރޕޯޓު އަޅާ ވާހަކަ ދައްކަނީއޭ. މި ރާއްޖޭގެ ޖިއޮގްރަފިކަލް ޑިސްޓްރިބިއުޝަން، ރަށްރަށުގައި މީހުން ދިރިއުޅޭ ޑިސްޓްރިބިއުޝަން އޮތްގޮތުން، ރާއްޖެ ތަރައްޤީކުރާއިރުގައި، ކުރީގައި އޮތްގޮތަކަށް ނޫން ރައްޔިތުން ބޭނުންވަނީ މިހާރު ރާއްޖެ އޮންނަން. ކޮންމެހެންވެސް ބޭނުންވާ ކަމެއް އެއަރޕޯޓް އެޅުމަކީ. ބައެއް ތަންތާނގައި އިންޓަރނޭޝަނަލް އެއަރޕޯޓް. ބައެއް ތަންތާނގައި ޑޮމެސްޓިކް އެއަރޕޯޓް. އެހެންވީމާ، އެއަރޕޯޓް އަޅަންޖެހޭ.

އެހެންވީމާ، އަޅުގަނޑު ވަޢުދު މިވަނީ އެކަން ކުރަންޖެހޭ ކަމަށް ގަބޫލުކޮށްގެން. ހަމަ ރައްޔިތުން ހިތްހަމަޖައްސާލާކަށެއް، ކެމްޕެއިން ތެރޭގައި ނުވަން އެއްވެސް ވަޢުދެއް. އެހެންވީމާ، އެއަރޕޯޓް މަޝްރޫޢު އެއީ، ހަމަ މި ރަށުގައި ކުރިއަށް ގެންދަންޖެހޭ ކަމެއްގެ ގޮތުގައި ގަބޫލުކުރަނީ.

ދެން އެއާއެކީގައި، އެކަން ކުރިއަށްދާއިރުގައި ރަށަށް ބޭނުންވާނެ އިތުރު ބިންވެސް ހިއްކަންޖެހޭނެ. އެހެންވީމާ، އެއަރޕޯޓް މަޝްރޫޢުގެ ވާހަކަ މި ދައްކަނީ، އިތުރު ބިން ހިއްކުމުގެ މަޝްރޫޢަކާ އެކީގައި ކުރިއަށް ގެންދާ ވާހަކަކަން ހަމަ ދަންނަވާލަން. އެހެންވީމާ، ބިން ހިއްކުމާ އެކީގައި އެ މަސައްކަތް ކުރިއަށްދާނީ.

އާދެ، ރަށުގެ ބިން ހިއްކައިގެން، އަޅުގަނޑުމެން ކުރީގައި އަޅުގަނޑު ހައުސިންގ މިނިސްޓްރީގައި ހުރިއިރުގައި ގެންދެވުނު މަޝްރޫޢުތަކުގެ ތެރެއިން ހައުސިންގ މަޝްރޫޢުތަކެއް މި ރަށުގައި ވާނީ ގެންދެވިފައި. ދެ ބުރަކަށް ބަހާލައިގެން، ދެތިންފަހަރު މަތިން. އެއީ، އޭރުގައި ކުރެވުނުވަރު. އެހެން ނަމަވެސް، އެވަރަކުން ނުފުދޭ.

މި ރަށުގެ ތަރައްޤީއަށް ޒުވާނުންގެ ގެދޮރުވެރިކަމާއި އަދި ޖުމްލަކޮށް މުޅި އާބާދީއަށް ކޮންމެހެންވެސް ގެދޮރުވެރިކަން ބޭނުންވޭ. ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވި. ރޭގެ ބައްދަލުވުމުގައިވެސް ހުރިހާ ކައުންސިލަރުންވެސް ހަމަ ވަރަށް ގިނަ ކަންތައް ފާހަގަކުރެއްވި.

ގެދޮރުވެރިކަން ފޯރުކޮށްދިނުމަށްޓަކައިވެސް ހަމަ އިތުރަށްވެސް ޖާގަ ބޭނުންވާނެ. އެހެންވީމާ، ގެދޮރުވެރިކަމަކީ އަޅުގަނޑުމެންގެ އެންމެ ޓޮޕް ޕްރިއޯރިޓީ، ނަންބަރ ވަން، އެންމެ މުހިންމު ސިޔާސަތު. އެހެންވީމާ، މި ރަށުގެ ތަރައްޤީއަށްޓަކައި މުސްތަޤްބަލަށް، ގެދޮރުވެރިކަމަކީ ހަމަ އެންމެ އިސްކަންދޭނެ އެއް މަޝްރޫޢު. އެހެންވީމާ، އެކަން ހަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކިކަހަލަ ފަންޑިންގގެ ތެރެއިން އަޅުގަނޑުމެން ކުރިއަށް ގެންދާނެ ހައުސިންގ މަޝްރޫޢުތަކުގެ ތެރޭގައި، ހަމަ އެންމެ ކުރީގައި ހިމެނޭނެ ރަށަކަށް މި ރަށް ވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، ކުޅިވަރުގެ ދާއިރާގައިވެސް ހަމަ ވަރަށް ފުންނާބު އުސް ޒުވާނުންތަކެއް، ކުޅިވަރު ކުޅޭ ފަރާތްތަކެއް ހިމެނޭ. އަޅުގަނޑު ވަޢުދުވިން ފުޓްބޯޅަ ދަނޑުގެ ވާހަކަ. ދަންނަވަން މިއުޅެނީ ވަޢުދުތައް ހަނދާން އެބަހުއްޓޭ. ފުޓްބޯޅަ ދަނޑުވެސް ކުރިއަށްދާނެއޭ. އަޅުގަނޑު ވަޢުދުވި ދެންހުރި ހުރިހާ ކަމެއްވެސް ކުރިއަށްދާނެ ވާހަކަ ހަމަ ދަންނަވަން ބޭނުންވަނީ.

އާދެ، ހަމަ އެގޮތަށް އެބަހުރި، މިހާރު ފެށިފައި، އެހާ ބާރު ސްޕީޑްގައި ނުދާ މަޝްރޫޢުތައްވެސް. މިހާރު މިވާގޮތަކީ، އެއް ކަމަކަށް، ބަޖެޓް ފާސްކޮށްފައި އޮތް ގޮތުން، މިއީ ވަރަށް މުހިންމު ޕޮއިންޓެއް ފާހަގަކުރަން މިއުޅެނީ. ދުވަހަކުވެސް ނުވާ ކަމެއް. ނުކުރާ ކަމެއް. މިހާރު މި ނިމިދިޔަ ސަރުކާރުން ފާސްކުރި ބަޖެޓް މިއޮތީ. އަޅުގަނޑުމެންނަށް ޓްރާންސްޒިޝަން ޕީރިއަޑްގައި ލިބުނީ ކުޑަ ދުވަސްކޮޅެއް. ދިހަވަރަކަށް ދުވަސް. އެއަށް އެއްޗެހި އިތުރުކޮށްހަދަން. މާލިއްޔަތު ކޮމިޓީވެސް އޮންނަނީ މިހާރުގެ މަޖިލީހުގައި އެއޮތް މެޖޯރިޓީ އޮތް ޕާޓީ އަތުގައި. އެ ބޭފުޅުން ބޭނުންގޮތެއް ހަދާފައި ފާސްކުރީ.

އެހެންވީމާ، ދަންނަވަން މިއުޅޭ ވާހަކައަކީ، މީގެކުރީގައި ހިނގަ ހިނގާ ހުންނަ މަޝްރޫޢު، ސޮއިކޮށްފައި ހުންނަ މަޝްރޫޢުތަކަށް އަބަދުވެސް ބަޖެޓުގައި ހިމަނާނެ، އެ މަޝްރޫޢު ނިންމޭވަރަށް ފައިސާ. މިފަހަރު އަޅުގަނޑުމެންނަށް އެ ބޭފުޅުން ފާސްކޮށްފައި އެ ދިން ބަޖެޓުގައި އެކަން އޮތީ އެހެނެއް ނޫން. ހިނގަ ހިނގާ ހުރި މަޝްރޫޢުތައް ނިންމާވަރަކާ ގާތަށްވެސް ނެތް ފައިސާ ހިމަނާފައި. ޢާންމުކޮށް އަލަށް ފަށާ މަޝްރޫޢުތަކަށް ހިމަނާފައި ހުންނާނެ، ކިރިޔަ ކިރިޔާ މަޝްރޫޢު ފެށޭވަރަށް. ފަހަރެއްގައި އެޑްވާންސް ޕޭމަންޓް ދެވިދާނެ. އެހާވަރަށް ހުރެދާނެ ފައިސާ ހިމަނާފައި. އެކި ދާއިރާތަކަށް، މަޖިލިސް މެންބަރުން، އެ ރައްޔިތުންނަށް އެކިކަހަލަ ކޮމިޓްމަންޓް ދެވިފައި ހުންނާތީވެ، އެބަހުރޭ މަޝްރޫޢުތައް އަލަށް ފަށަން ހިމަނާފައި. އަހަރުގެ ފަހުކޮޅަށް ފެށޭވަރަށް މިސާލަކަށް. އެކަމަކު ހިނގަ ހިނގާ ހުންނަ މަޝްރޫޢު ނިމޭވަރަށް، ކުރީ އަހަރު ފެށިފައި ހުރި މަޝްރޫޢެއް ވިއްޔާ، މި އަހަރު ނިންމޭވަރަށް، އެ މަޝްރޫޢުގެ ފައިސާ މީގެކުރީގައި ހިމަނާ. އެހެން ނަމަވެސް، އެމް.ޑީ.ޕީ.ގެ ސުޕަރ މެޖޯރިޓީ އޮވެގެން، އަޅުގަނޑުމެންގެ އެއްވެސް ބާރެއް ނުހިނގާ މަޖިލީހެއްގެ ތެރެއިން ބަޖެޓް ހަދާފައި އެއޮތީ، މި ދެންނެވި މި ރަށުގަޔާއި، މިގޮތަށް ހުރި އެހެން ރަށްރަށުގައި ފެށިފައި ހުރި މަޝްރޫޢުތަކުގެ ފަނަރަވަރަކަށް ޕަސެންޓްވެސް ފައިސާ ނުދެވޭވަރަށް. ހިނގަ ހިނގާހުރި މަޝްރޫޢުތައް، ސޮއިކޮށްފައި ހުރި އެއްޗެހީގެ ފަނަރަވަރަކަށް ޕަސެންޓްވެސް، ވިއްސަކަށް ޕަސެންޓްވެސް ނުނިންމޭވަރަށް ފައިސާ ހިމަނަނީ. ދެން ކިހިނެއްތޯ ހަދާނީ އަޅުގަނޑުމެން. މަޝްރޫޢު ފެށިފައި، މިހާރު މި މަޑުޖެހެނީ. ފައިސާ ނެތް. ދެން އަނެއްކާ މި އަންނަ އަހަރަށް މަޑުކުރަންވީތޯ އަޅުގަނޑުމެން. އެހެން ހަދާފައި މިއޮތީ މަޝްރޫޢުތަކަށް. އަލަށް ރާއްޖޭގެ ތާރީޚުގައި، ބަޖެޓް ހެދުމުގެ ތާރީޚުގައި ކުރި ކަމެއް މިއީ.

އެހެންވީމާ، އަޅުގަނޑު ބޭނުންވޭ ރައްޔިތުންނަށް އެނގެން މިކަންކަން މިވާގޮތް. މަޖިލިސް ތެރެއިން ކަންކަން ކުރަމުންދާގޮތް. ކޮށްފައި އޮތްގޮތް. އަޅުގަނޑުމެންގެ އެއްވެސް ބާރެއް މަޖިލީހުގައި ނެތީމާ، ރައްޔިތުންގެ ފަރާތުން، ރައްޔިތުން ހޮވާފައި އޮތް ސަރުކާރު ހިންގުމަށްޓަކައި ކުރިމަތިކޮށްފައި އޮތް ދަތިތައް މިއީ. މިއީ އަލަށް ކުރިމަތިކޮށްފައި އޮތް ކަމެއް. ހުރިހާ ކައުންސިލަކާ ބައްދަލުވާއިރު، ކައުންސިލަރުން މި ފާހަގަކުރަނީ، ފާހަގަކުރަންޖެހޭތީވެ. މިވެނި މަޝްރޫޢެއް ފެށިފައޭ. ކިރިޔަ ކިރިޔާއޭ ހިނގަނީ. ވަރަށްލަހޭ ހިނގާލެއް. ދެން އަޅުގަނޑުމެންގެ މިނިސްޓަރުން އެބަ ކިޔައިދެއްވާ، މިހެންނޭ މިވަނީ. މިސާލަކަށް، މި ރަށުގައި އޮތީ މަގު ހެދުމުގެ މަޝްރޫޢު. ވަރަށް ލަސްކޮށް ހިނގަނީ. އެހެން ރަށެއްގައި އޮތީ ބަނދަރެއްގެ މަސައްކަތް ފެށިފައި، ހުއްޓިފައި. ނޫނީވިއްޔާ ކިރިޔަ ކިރިޔާ ކުޑަކުޑަކޮށް މަސައްކަތް ހިނގަނީ. އެހާ ލަސްކޮށް އެ ހިނގަނީ ކީއްވެގެން؟ މި ދެންނެވިހެން ބަޖެޓުގައި މި އޮންނަނީ ކުޑަކުޑަ އަދަދެއް ހިމަނާފައި. މިއީ، ފެށިފައި އޮތް މަޝްރޫޢެކޭ އެކަމަކު. އެ މަޝްރޫޢަށް އެހާ މަދުން ފައިސާ ހިމެނީމާ، އަޅުގަނޑުމެންނަކަށް ބިލުތައް ރެއިޒްކޮށް، ޕީ.އޯ. ހަދައިގެން، ނޫނީވިއްޔާ އެ އޮންނަ އުޞޫލަކުން ފައިސާ ދެވޭނެގޮތެއް ނޯވޭ. ދެން އެހެންވީމާ، ކުޑަކުޑަ ޢަދަދެއްގެ ފައިސާ ދޫކުރެވެންޏާ، ކޮންޓްރެކްޓަރވެސް ހަމަ މަޝްރޫޢު ހިންގާނީ ލަހުން ނޫންތޯ. އެއީ، ހަމަ ވިޔަފާރިއަށް އެ މީހުންވެސް މަސައްކަތް ކުރާނީ.

އެހެންވީމާ، ރައްޔިތުންގެ މަޖިލިސް ތެރެއިން ކަންކަން ކޮށްފައި އޮތްގޮތް މިއީ. ކުރިއަށް އޮތް ދުވަސްތަކުގައި، ރައްޔިތުންގެ އަތްމައްޗަށް މި އަންނަނީ ވޯޓުލުމުގެ ބާރު ވަރަށް އަވަހަށް. ރައްޔިތުންގެ މަޖިލީހަށް އާ ޓީމެއް ނަގަން. އާ މެންބަރުންތަކެއް ހޮވަން. އެހެންވީމާ، ވިސްނާވަޑައިގަންނަވަންޖެހޭ ކަންކަން މިއީ. ސަރުކާރުގެ ވިސްނުމާ އެއްގޮތަށް، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ސަރުކާރުން މިކުރާ ކަންކަމުގައި އެއްބާރުލުން ދޭނެ އެމް.ޕީސް، މަޖިލިސް މެންބަރުންތަކެއް މަޖިލީހުގައި ތިބުން މުހިންމު ވަނީ މިކަހަލަ ކަންކަމާހެދި. އެހެން ނޫނީވިއްޔާ، މިކަހަލަ އެތައް ކަމެއް ދެންވެސް ކުރިމަތިކުރާނީ.

އެނގިވަޑައިގަންނަވާނެ، ރާއްޖެއިން ބޭރުގެ އެކިކަހަލަ ބާރުތައް، އެކިކަހަލަ މަޞްލަޙަތުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި އެބަ ބާރުފޯރުވާ، އަޅުގަނޑުމެންގެ އިދިކޮޅު އެކިއެކި ޕާޓީތަކުގެ މައްޗަށް. އެކަންކަން މި ވަންނަނީ މަޖިލިސްތެރެއަށްވެސް. އެހެންވީމާ، މިކަންކަމަށް އަޅުގަނޑުމެން ލޯމަރާލައިގެން ނުވާނެ.

އެހެންވީމާ، މި ރަށުގައިވެސް ހިނގާ ހިނގާ ހުރި މަޝްރޫޢުތައް ލަސްވާ މައިގަނޑު ސަބަބު މި ދެންނެވީ. އަނެއް ސަބަބަކީ، އެ މަޝްރޫޢުތައް ހިންގުމަށްޓަކައި ކުންފުނިތަކުން އެބަހުރޭ ސަބް ކޮންޓްރެކްޓް ކޮށްފައި، އެ ރަށުގެ އެކިކަހަލަ، މިސާލަކަށް، މި ރަށުގައިވެސް ހުރެދާނެ، ހިނގަ ހިނގާ ހުރި މަޝްރޫޢެއް ނިންމުމަށް ކުދިކުދި ސަބް ކޮންޓްރެކްޓަށް، މި ރަށުގެ ފަރާތްތަކަށް މަސައްކަތް ދީފައި. އެކަމަކު އެފަރާތްތަކަށް ފައިސާ ނުދޭ. ރައްޔިތުން ލައްވައި މަސައްކަތް ކުރުވާފައި، ރައްޔިތުންނަށް ދަރާފައި، ސަރުކާރުގެ ކުންފުނިތައް މިއޮތީ. މިނިސްޓްރީތައް މިއޮތީ. އެ ފައިސާގެ ޢަދަދު އަޅުގަނޑު މި ދެންނެވީ. މިދިޔަ ސަރުކާރު ނިމިގެންދިޔައިރު، ރައްޔިތުންނަށް ދަރާފައި ސަރުކާރު މިއޮތީ 9000 މިލިއަން، 9 ބިލިއަން ރުފިޔާގެ ދަރަނި. ބިލުތައް. މި ފައިސާ ނުދެންޏާ، ދެން ކިހިނެއްތޯ އެ މީހުން އަނެއްކާ މަސައްކަތް ކުރާނީ. މިއަދުގެ ޙާލަތަކީ މިއޭ. މިކަންކަން ރަނގަޅުކުރުމުގެ ތެރެއިންނޭ އަޅުގަނޑުމެން ކުރިއަށް މިދަނީ.

އެހެންވީމާ، މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ހުރި ޗެލެންޖަސް، މިކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެންނާ ރައްޔިތުން މި ވެރިކަން ޙަވާލުކުރީ. ރަނގަޅު ކުރަން މި މަސައްކަތް ކުރަނީ. ކުރާއިރުގައި ރައްޔިތުންގެ އެހީތެރިކަމެއް ދެވެން މި އަންނަނީ ވަރަށް މުހިންމު ދަނޑިވަޅެއްގައޭ. އެއީ، ރައްޔިތުންގެ މަޖިލީހަށް މިކަންކަމުގައި ރައްޔިތުންނާ އެކީގައި ކުރިއަށްދާނެ، ސަރުކާރުން ބާރުމިނުގައި މަސައްކަތް ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދޭނެ މަޖިލިސް މެންބަރުންތަކެއް ހޮވުމުގެ ވަގުތު މި އަންނަނީ.

އެހެންވީމާ، އެކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވީ. ހިނގަ ހިނގާ ހުރި ވަރަށްގިނަ މަޝްރޫޢުތަކެއް ނުހިނގާ ވާހަކަ، ރޭގެ ބައްދަލުވުމުގައިވެސް އަދި ކޮންމެ ބައްދަލުވުމެއްގައިވެސް ކައުންސިލަރުން ފާހަގަކުރާތީވެ. އާދެ، އެހެންވީމާ، އެކަން އަޅުގަނޑު ވަރަށް މުހިންމު ކަމެއްގެ ގޮތުގައި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި މި ފާހަގަކޮށްލީ.

އާދެ، އެހެންވީމާ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކަކަށް އިސްކަންދޭނަން އިރާދަކުރެއްވިއްޔާ. ހައުސިންގ މަޝްރޫޢުތައްވެސް. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހޮސްޕިޓަލް، އެއަރޕޯޓް، ގެދޮރުވެރިކަން. އަދި މިކަހަލަ ގިނަ ކަންތައްތައް. ކުޅިވަރާ ގުޅޭ ފުޓްބޯޅަ ދަނޑާ، މިކަހަލަ ހުރިހާ ކަމެއް އަޅުގަނޑުމެން ހަމަ ތަރުތީބުކޮށްގެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ޖުމްލަގޮތެއްގައި ދެން.

އަދިވެސް އެއްފަހަރު، ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިހާ ހެނދުނުގެ ވަގުތެއްގައިވެސް މި ޖަލްސާ ބޭއްވިގެންދާއިރުގައި، ވަގުތު ހުސްކުރައްވައިގެން ވަޑައިގެން ބައިވެރިވެވަޑައިގަންނަވާތީ. އަދިވެސް އެއްފަހަރު، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށްޓަކައި ވަރަށްގިނަ ކަންތައްތައް އަޅުގަނޑުމެން ކޮށްދޭނަން. ތިޔަބޭފުޅުންގެ ކުރިމަތީގައި އިރާދަކުރެއްވިއްޔާ ވަރަށް އުޖާލާ ދުވަސްތަކެއް އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދެމުން ވަކިވެލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.