بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އިހަވަންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، އަދި ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން، ދުރާއި ގާތުން މި ޖަލްސާ ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި ރަށަށް މިއަދު ހަވީރު ވަގުތު އާދެވުމުން، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަގުނަ ކަންތައްތައް އެބަހުރި. އަޅުގަނޑު ކެމްޕެއިން ތެރޭގައި އައުމުންވެސް، ތިޔަބޭފުޅުން ވަނީ އެކަންކަން ވިދާޅުވެފައި. އަޅުގަނޑު ވާނީ އިރާދަކުރެއްވިއްޔާ އެކަންކަމަށް އިޖާބަދޭނެ ވާހަކަ، ކަންކަން ކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފައި. ވަޢުދުވެފައި. އަދި ތިޔަބޭފުޅުންވެސް ވަނީ އެކަންކަން ނޯޓުކޮށްފައި. އަދި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެކަންކަން އެނގޭ. އަޅުގަނޑު މިއަދު ކައުންސިލާ ބައްދަލުކުރިއިރުގައި، ހަމަ ވަރަށްގިނަ ކަންކަން އެގޮތަށް ޙިއްޞާ ކުރެއްވި.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންކަމުގައި، ވަރަށް އިސްކަންދޭނަމޭ. އަޅުގަނޑުވީ ވަޢުދުތައް ފުއްދުމުގައި، ސަރުކާރުގެ ތެރެއިން ކަންކަން ބައްޓަންކޮށް، ތިޔަބޭފުޅުންގެ އުންމީދުތައް އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދައިދޭނެ ވާހަކަ ހަމަ ޔަޤީންކޮށްދެން.

އާދެ، ވަރަށްގިނަ މަސައްކަތް އެބަހުރި ކުރަން. ވަރަށް އުނދަގޫވާ ޒާތުގެ ކަންތައް. މިސާލަކަށް، ފައިބަރު މަސައްކަތް އެހެން ތަނަކަށް ބަދަލުކުރުމުގެ މައްސަލަ. ކުނީގެ މައްސަލަ ކަހަލަ ކަންތައްތައް. އަޅުގަނޑު ވަޢުދުވީ ގޮތަށް، ހަމަ މިކަންކަމަށް ޙައްލު ގެނެސްދޭނަން. ފައިބަރުގެ މަސައްކަތް ޙައްލުކުރުމަށް ދާއިމީ ޙައްލެއް، އަޅުގަނޑު ހަމަ ވަޢުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން.

ހަމަ އެއާއެކީގައި، ކުނީގެ މައްސަލައަށް ކައުންސިލުން ބޭނުންވަނީ، ސަރުކާރުގެ ނިޒާމުގެ ތެރެއިން ޙައްލު ހޯދަން. މާނަޔަކީ ވެމްކޯއިން އެކަމާ ހަވާލުވާގޮތަށް އެކަން ކުރަން. ރައްޔިތުން ހޮވާފައި އޮންނަނީ ކައުންސިލް. ކައުންސިލުން އެގޮތަށް އެދިވަޑައިގަންނަވާ އެބަ. މިއަދު މީޓިންގގައިވެސް، ދެންމެވެސް އެ ވިދާޅުވެލެއްވީ.

އެހެންވީމާ، ކައުންސިލުން އެދިވަޑައިގަންނަވާ ގޮތަށް، އެކަން ކުރެވޭނެ މަގު ފަހިކުރުމަށް އަޅުގަނޑު މަސައްކަތްކުރާނަން. އެކަން އެގޮތަށްވޭތޯ އިނގޭތޯ. އެކަން އެގޮތަށް ވެމްކޯ މެދުވެރިކޮށް ކުރެވޭނެ ގޮތެއްވޭތޯ މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަންދެން. ކޮންމެގޮތެއްވިޔަސް، ކުނީގެ މައްސަލައަށް ޒަމާނީ ދާއިމީ ޙައްލެއް އިރާދަކުރެއްވިއްޔާ، މި ރަށަށް ގެނެސްދޭނެ ވާހަކަ ދަންނަވަން. އެހެންވީމާ، ވެމްކޯއާ ހަވާލުކުރެވެންޏާ، ވެމްކޯއާވެސް ހަވާލުކުރާނެ ވާހަކަ މި ދެންނެވީ.

އާދެ، ދެން ހަމަ އެންމެބޮޑު އަނެއް މައްސަލައަކީ، ޞިއްޙީ މައްސަލަ. ޞިއްޙީ ނިޒާމު ވަރުގަދަކުރުން. އަޅުގަނޑު ވަޢުދުވިން ހަމަ އެކަމުގައިވެސް. މި އަހަރު، ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި، ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއްގެ މަސައްކަތް ކުރާނެ ވާހަކަ. އާދެ، ހަމަ އެގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކުރާނަން. އެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ޢަމަލީގޮތުން ކުރިއަށްދާނެ ވާހަކަ ދަންނަވަން.

އާދެ، ކައުންސިލް ބައްދަލުވުމުގައި ހަމަ ހުރިހާ މައްސަލަތައް ޙިއްޞާ ކުރެއްވި. މަސްވެރިކަމާ ގުޅޭ ކަންކަމުގައި، ދެންމެ ފިޝަރީޒް މިނިސްޓަރ އެ ވިދާޅުވި ކަންތައްތައް އޭގެތެރޭގައި ހިމެނޭ. އަދި ކެމްޕެއިންގައިވެސް އެ ވާހަކަތައް އަޅުގަނޑުމެން ދެއްކިން. ވަޢުދުވެސް ވެފައި ވާނީ.

އާދެ، އައިސް ޕްލާންޓްގެ ކަންތަކުގައި، ހަމަ ދެންމެ މިނިސްޓަރ އެ ވިދާޅުވިގޮތަށް، އެކަން ކުރިއަށްދާނެ. އައިސް ޕްލާންޓްގެ ކަންތައް ކުރިއަށްދާނެ. އަދި މަސްކިރާ، މަހުގެ ފެކްޓްރީގެ މަސައްކަތް، ނޫނީވިއްޔާ އެ ޕްރޮޖެކްޓް ޙަޤީޤަތުގައި އެންމެ އެއް މިލިއަން، ނޫނީވިއްޔާ 1.9 މިލިއަން ރުފިޔާއިންނެއް ނުކުރެވޭނެ، އެވަރުގެ މަސައްކަތެއް. އަޅުގަނޑުމެން މިނިސްޓްރީން އަންދާޒާކޮށް ބެލިއިރުގައި، ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ސްކޭލްގައި، އަދި މި ސަރަޙައްދުގެ މަސްވެރިކަމުގެ ޞިނާޢަތަށް ކުރިއެރުން، ދާއިމީ ފެންވަރެއްގައި ގެންނަ ކަމަށްވަންޏާ، އަޅުގަނޑުމެން ޤާއިމުކުރާ އެސްޓެބްލިޝްމަންޓަށް ގާތްގަނޑަކަށް ދިހަވަރަކަށް މިލިއަން ޑޮލަރު، 150 މިލިއަނެއްހާ ރުފިޔާ، މަދުވެގެން ޚަރަދުކުރަންޖެހޭނެ. ދެ މިލިއަން ރުފިޔާ ބަޖެޓުގައި އޮތީ.

އެހެންވީމާ، އަޅުގަނޑުމެން މިހާރު ބަލަން މިއުޅެނީ، އިންވެސްޓަރެއް ގެނެސްގެން، އިންވެސްޓަރ ފައިނޭންސް، ނޫނީވިއްޔާ ކޮންޓްރެކްޓަރެއްގެ ގޮތުގައި، ކޮންޓްރެކްޓަރަކު ފައިސާދީގެން، ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްއަކުން، ދިގު މުއްދަތަށް ބަހާލައިގެން އެ މަސައްކަތް ކުރެވޭނެ ގޮތެއްވިޔަސް ހޯދޭތޯ. އެހެންވީމާ، މިހާ ތަފްޞީލުކޮށްވެސް މި ދަންނަވާލީ، ތިޔަބޭފުޅުންނަށް ޔަޤީންކަން އެރުވުމުގެ ގޮތުން. އެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް އެ ޕްރޮޖެކްޓް އިރާދަކުރެއްވިއްޔާ މި އަހަރު ހަމަ ފުލް ސްކޭލްގައި ފަށާނެ ވާހަކަ ހަމަ ދަންނަވަން.

ދެން ހަމަ ފާހަގަކުރެއްވި ވަރަށްގިނަ ކަންތައްތައް އެބަހުރި. މަތީ ތަޢުލީމުގެ ކެމްޕަސް، އަޅުގަނޑު ހަމަ ވަޢުދުވީ ކަމެއް. ކައުންސިލްގެ ރައީސް ވަރަށް ހަނދުމަފުޅު އެބަހުރި، އަޅުގަނޑު ވަޢުދުވީ ހުރިހާ ކަމެއް. ހަނދުމަފުޅު ކުރައްވާކަށް ނުޖެހޭނެ. ފޮތެއް ގޮތަށް، ވަރަށްބޯ ފޮތެއް އެއޮތީ ލިޔެފައި. އަދި ރައީސް އޮފީހުގެ ވެބްސައިޓްގައި ހުންނާނެ ހުރިހާ ވަޢުދުތަކެއް ޑިޖިޓަލައިޒް ކޮށްފައި. އާދެ، ކެމްޕަސް ޤާއިމުކުރުމަކީވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ކަމެއް.

ދެން ހަމަ އެއާއެކީގައި، ޞިއްޙީ ދާއިރާގެ ވާހަކައިގައި އަޅުގަނޑަށް ހަމަ ނުދެންނެވި ދިޔަ ކަމެއް. ޑައިލިސިސް ޚިދުމަތް ޤާއިމުކޮށްދިނުން. މި ރަށުގެ ރައްޔިތުން ހަމަ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ. ވަރަށް ކޭސަސް ގިނަ. އަޅުގަނޑު ދެން މިއަދު ސަލާންކުރުމުގައި ދިމާވި ބޭފުޅުންކޮޅެއްވެސް ހަމަ އެ ވާހަކަ ފާހަގަކުރެއްވި.

މިހާރު މިހިރަ ޞިއްޙީ މަރުކަޒުގައި، ލެވެލް 4ގެ ގޮތުގައި ހުރި، ކެޓަގަރީ 4ގެ މަރުކަޒެއް. އަދި ހޮސްޕިޓަލް ހެދެންދެންވެސް، ހޮސްޕިޓަލްގެ ފެސިލިޓީއަކާ ހަމައަށް އަޕްގްރޭޑް ކުރެވެންދެން، ނޫނީ ހެދެންދެންވެސް އަޅުގަނޑު ބަލާނަން މިނިސްޓްރީއާ ވާހަކަ ދައްކައިގެން، މިނިސްޓްރީ ތެރެއިން، ހޮސްޕިޓަލް ނިޒާމުގެ ތެރެއިން ޑައިލިސިސް ޚިދުމަތް ވަރަށް އަވަހަށް ފެށޭތޯ. އެކަމަށް މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން. ދެން ހަމަ ޞިއްޙީ ޚިދުމަތް ވަރުގަދަކުރަން. ދެންވެސް މިހާރުން މިހާރަށް ކުރެވޭނެ ކަންކަމަށް މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

ދެން ކުޅިވަރުގެ ނިޒާމު ވަރުގަދަކުރަން، މަލްޓި-ކޮމްޕްލެކްސް، ގިނަ ކުޅިވަރުތައް ކުޅެވޭ ކޮމްޕްލެކްސްއެއް ޤާއިމުކުރުމަކީވެސް ހަމަ އަޅުގަނޑު ވަޢުދުވެފައި އޮތް ކަމެއް. އެކަމަށްޓަކައިވެސް ހަމަ މި އަހަރު ކުރެވެން ހުރި ކަންކަން ފަށާނަން. ކޮންމެގޮތެއްވިޔަސް، އެއްފަހަރަކާ މިކަންކަމެއް ނުއެއް ނިންމޭނެ. ވަރަށް ރަނގަޅު ފެންވަރުގައި، ލާރޖް ސްކޭލް މަޝްރޫޢުތަކެއް މި ރަށުގައި ހިންގަން އަޅުގަނޑުމެން ބޭނުންވަނީ.

އެހެންވީމާ، މި ސަރަޙައްދުގެ އަރބަން ސެންޓަރެއްގެ ގޮތުގައި އަޅުގަނޑު ބަލަނީ، މި ރަށާއި ހޯރަފުށްޓާ.  މި ސަރަޙައްދަށް ބޭނުންވާ ތަރައްޤީގައި ލާރޖް ސްކޭލް މަސައްކަތްތަކެއް ހިނގަންޖެހޭނެ. އެހެންވީމާ، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމަކީވެސް ކުޑަކުޑަ ފެސިލިޓީއަކަށްވުރެ ބޮޑަށް ތަންކޮޅެއް ލާރޖް ސްކޭލްކޮށް ކުރަން ބޭނުންވާ ކަމެއް.

މަގު ހެދުމުގެ މަޝްރޫޢުވެސް އޮތީ އެކަހަލަ ގޮތަކަށް. ބަޖެޓުގައި ކޮންމެވެސްވަރަކަށް ފައިސާ ހުރި ނަމަވެސް، އަޅުގަނޑު ވަޢުދުވެފައި އޮތް ގޮތަށް ހުރިހާ މަގެއް މި އަހަރު ހެދޭގޮތަކަށް ނޫން އެއޮތީކީ. އެހެން ނަމަވެސް، އެކަމަކީ އަޅުގަނޑު ވަޢުދުވެފައި އޮންނާނީ، ފަސް އަހަރުގެ ދައުރެއްގައި، އެފަދަ ރަށްތަކުގައި ހުރިހާ މަގެއް، އަދި ދެންހުރި ރަށްތަކުގައި މައި މަގުތައް ހަދައިދޭ ގޮތަށް. އެހެންވީމާ، އެ މަސައްކަތް އެގޮތަށް އަޅުގަނޑުމެން ހަމަ ތަރުތީބު ކުރާނަން.

އެހެންވީމާ، ޖުމްލަ ގޮތެއްގައި ދަންނަވަން މިއުޅޭ ވާހަކައަކީ، ރަށުގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި އަދި އަމުދުން އަޅުގަނޑު ވަޢުދުވެފައި ހުރި ކަންކަމުގައި އަދި ވަޢުދެއްނުވެ އޮތަސް، އިތުރަށް އަންނަ ރިކްއެސްޓްތަކުގައިވެސް ވަރަށް ސަމާލުކަންދީގެން، އެކަންކަން ކޮށްދިނުމުގައި މަސައްކަތް ކުރާނެ ވާހަކަ. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ ހުރިހާ ކަމެއްގައި އިރާދަކުރެއްވިއްޔާ ރަނގަޅު ޙައްލެއް ގެނެސްދޭނަން. މިސާލަކަށް، ބަނދަރުގެ މައްސަލައިގައި، ދެންމެ ފާހަގަކުރެއްވި. އަދި ކައުންސިލް މީޓިންގގައިވެސް އެކަން ފާހަގަކުރެއްވި. ބަނދަރަށް ވަރަށްބޮޑު ޙައްލެއް ގެންނަންޖެހިފައި މިއޮތީ. ނެރުވެސް އަދި ޖެޓީގެ މައްސަލަވެސް. އެހެންވީމާ، މިހެންގޮސް ބަނދަރުގައިވެސް އެބަހުރި ވަރަށްގިނަ ކަންކަން ކުރަން. އެހެންވީމާ، ޖުމްލަ ގޮތެއްގައި ހަމަ މި ވާހަކަތައް އަޅުގަނޑު މި ދަންނަވާލީ.

އާދެ، އެހެންވީމާ، މިގޮތަށް އަޅުގަނޑުމެން މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން. ބިން ހިއްކުމުގައިވެސް އަޅުގަނޑުމެން ބަލާނަން، ހަމަ އެންމެ ބޮޑުކޮށް އެ މަސައްކަތް ކުރެވޭނީ ކިހިނެއްތޯ. އޯވަރރޯލްކޮށް، ޖުމްލަ ގޮތެއްގައި ހަމަ މި ވާހަކަތައް މި ފާހަގަކޮށްލީ.

ޖުމްލަކޮށް ދަންނަވަން އޮތް ވާހަކައަކީވެސް، ފަށަމުންވެސް ހަމަ ދެންނެވި ގޮތަށް، އަޅުގަނޑު ވެފައި ހުރި ވަޢުދެއްވިއްޔާ ފުއްދުމުގައި ވަރަށް ސަމާލުކަން ދޭނަމޭ. އެ މަސައްކަތްތައް ކުރުމުގައި، މިއަދާ ހަމަޔަށްވެސް، މި 14 ހަފްތާ ނިމިގެން މިދާއިރުގައި، މަސައްކަތްކުރީވެސް މުޅި ސަރުކާރުގެ ތެރެއިން އަޅުގަނޑުމެން ހަމަ އެގޮތަށޭ. ދެން ކުރިއަށްދިޔުމުގައިވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނީ ހަމަ އެގޮތަށް.

ރައްޔިތުންގެ ކިބައިން އަޅުގަނޑު ހަމަ އެދެން އޮތީ، ރައްޔިތުންނަށް ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާށޭ، މިކަންކަން ކުރިއަށް ގެންދިޔުމުގައި. ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔުމުގައި. އަޅުގަނޑުމެން ކުރަންޖެހޭ ވަރަށްގިނަ މަސައްކަތް އެބަހުރި. ވަޢުދުވެފައި ހުރި ހުރިހާ ކަމެއް ފުއްދަން މަސައްކަތްކުރާއިރުގައި، ވަރަށްގިނަ މަސައްކަތް ކުރަން އެބަހުރި. ވަރަށް ބޮޑެތި، ބިޔަ މަޝްރޫޢުތައް ހިންގަންޖެހޭ.

އެހެންވީމާ، މިހިރަ ހުރިހާ ކަމެއް ކުރުމުގައި، ރާއްޖޭގެ ޤާނޫނީ ނިޒާމު ރޭވިފައި އޮންނަ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ވަރަށް މުހިންމު އެއްޗެއް. އެހެންވީމާ، ރައްޔިތުންގެ މަޖިލީހަކީވެސް ހަމަ ރައްޔިތުން ވޯޓުލައިގެން ހޮވާ މެންބަރުންތަކެއް ތިބޭ ތަނެއްވީމަ، ސަރުކާރުން ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމުގައި އެހީތެރިކަންދޭ، އެއް ވިސްނުމެއްގައި މަސައްކަތްކުރާ، ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދޭ މަޖިލީހެއް އޮންނަންޖެހޭ.

އެހެންވީމާ، އެ ވިސްނުމުގައި ތިބޭ ބަޔަކު މަޖިލީހަށް އިންތިޚާބު ކުރުމަކީ، މި ދެންނެވި ގިނަ ކަންކަން ކުރުމުގައި، ބާރު ސްޕީޑްގައި ދިޔުމުގައި ވަރަށް މުހިންމު ކަމަކަށްވޭ. މީގައި މިއޮތީ ކޮންމެ ހާލެއްގައިވިޔަސް، ކޮންމެވެސް ކަމެއް ކުރެވިގެން ދިޔުންތޯ، ވަރަށް އެފިޝަންޓްކޮށް، ވަރަށް ބާރު ސްޕީޑްގައި، ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުން އެދިވަޑައިގެންފައިވާ ކަންތައްތައް، އަޅުގަނޑު ވަޢުދުވެފައިވާ ހުރިހާ ކަމެއް ފުރިހަމަގޮތުގައި ބާރު ސްޕީޑްގައި ގެންގޮސް ނިންމުންތޯ. ދެ ޗޮއިސް. ދެ މަގު އޮތީ. ރައްޔިތުން ނިންމަވާ ގޮތަކުން، އެތަނުން ސަރުކާރު ކުރިއަށްދާނެ މަގު ކަނޑައެޅިގެންދާނީ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ދައުރު، ޤާނޫނީ ނިޒާމުގައި އޮންނަ ގޮތުން.

އާދެ، އެހެންވީމާ، އެ ވާހަކަ ދަންނަވާލާފައި، އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އިހަވަންދޫގެ ލޮބުވެތި ރައްޔިތުންނަށް.

އަޅުގަނޑު އެދޭ ގޮތަކީ، އަދި އަޅުގަނޑު އުންމީދުކުރާ ގޮތަކީ، އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށްޓަކައި ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ހާސިލުކުރެވިގެންދާ ތަން ފެނުން.

އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.