بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވިލިނގިލީގެ ލޮބުވެތި ރައްޔިތުން، އަތޮޅު ކައުންސިލްގެ ރައީސް، ރަށު ކައުންސިލްގެ ރައީސް، ނައިބު ރައީސް، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ. މެންބަރުން، ވިލިނގިލީގެ އެންމެހައި މުއައްސަސާތަކުގެ ވެރިން، ދައުލަތުގެ އިސްވެރިން، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، ކަންދިމާކުރި ގޮތުން، ވަރަށް ވިއްސާރަ ވަގުތެއްގައި ރޭގައި އާދެވުނީ. އެހެން ނަމަވެސް، ތިޔަބޭފުޅުން ހަމަ އެ ވިއްސާރައިގައި ނުކުމެވަޑައިގެން މަރުޙަބާ ވިދާޅުވި. އަދި މި ތަނުގައި ރޭގައި ޖަލްސާ ނުބޭއްވުނީމަ، ހެނދުނު ގަޑީގައި މި ޖަލްސާ ބޭއްވިގެންދާއިރުގައިވެސް، ތިޔަބޭފުޅުން ތިޔަ ދެއްވާ ތަރުޙީބާއި ތާއީދަށް ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ، މިދިޔަ އިންތިޚާބުގައި، އަޅުގަނޑަށް ކުރެއްވި އިތުބާރަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ދޭން އޮތް ޔަޤީންކަމަކީ، ތިޔަބޭފުޅުން ދެއްވި އިތުބާރުގެ މަތީގައި، ތިޔަބޭފުޅުންގެ އުންމީދުތައް އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދައިދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން. އެގޮތުގެ މަތިން، އެންމެ ފުރަތަމަ ކަމަކަށް، އެންމެ ގިނަ ދުވަސްވީ، އެންމެ އުންމީދު ކުރަމުން އައި އެންމެ މުހިންމު މަޝްރޫޢު، ވަޢުދު އަޅުގަނޑު ވީ އެންމެ ބޮޑު މަޝްރޫޢުގެ ފަހުމުނާމާގައި މިއަދު މި ސޮއިކުރެވިގެން ދިޔައީ.

ދެންމެގައި ޖަނާ، އެ ތަފްޞީލު ދެއްވި ފަދައިން، މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަސައްކަތްތައް ކުރިއަށް ގޮސް ނިމޭއިރުގައި، މި ރަށުގެ ބިމަށް އިތުރުކުރާ ޖާގައިގެ އިތުރުން، ރަށުގެ ތަރައްޤީއަށް، ގޯތިގެދޮރު ބިނާކުރުމަށާއި، މިކަންކަމަށް ރަށަށް އިތުރުކުރެވޭ ބިމުގެ އިތުރަށް، އިންޓަރނޭޝަނަލް އެއަރޕޯޓެއް ހެދިގެންދިޔުމާއި، އަދި ޓޫރިޒަމްގެ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓުގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަން މިއޮތީ ކަނޑައެޅިފައި. އިރާދަކުރެއްވިއްޔާ، އެކަން ވެގެން ދިޔައިމަ، އިޤްތިޞާދީ ގޮތުން އަބަދުވެސް ތިޔަބޭފުޅުން އުންމީދު ކުރައްވަމުން ގެންދެވި ދުވަސް ހާސިލުވެގެންދާނެ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވަން.

އާދެ، އަޅުގަނޑު އަބަދުވެސް ހަމަ ދަންނަވާ ވާހަކަ ތަކުރާރުކޮށްލަން ބޭނުންވަނީ. އަޅުގަނޑު ނުކުތީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަމާ އެކީގައި ރައްޔިތުންނަށް ޚިދުމަތް ކުރަން. ރައްޔިތުންގެ ގާތުގައި އަޅުގަނޑު ދެންނެވީ އެކަމަށް އިތުބާރު ކުރެއްވުމަށް. އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން.

އެ ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމާ އެކީގައި، ރާއްޖޭގެ ކަންކަން ރަނގަޅު ކުރަމުން، ރައްޔިތުން އެދޭ އަމާޒަށް، ރައްޔިތުންގެ ކަންކަން ގެންގޮސްދިނުމަށް އަޅުގަނޑު މިހިރީ ތެދުވެ. ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމުގައި. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ މުހިންމު ގިނަ ކަންކަން އިރާދަކުރެއްވިއްޔާ ހަމަ މިގޮތުގެ މަތިން ކުރިއަށްދާނެ. އެއަރޕޯޓް މަޝްރޫޢު އިރާދަކުރެއްވީތީ ފެށިގެން އެދަނީ.

ދެން އެއާ އެކީގައި، ދެންމެ ކައުންސިލްގެ ނައިބު ރައީސް ފާހަގަކުރެއްވި ކަންތައްތައް، މިސާލަކަށް، ބަނދަރުގެ މަޝްރޫޢު ނިންމުމާއި، އަދިވެސް އަތޮޅު ހޮސްޕިޓަލްގެ މަޝްރޫޢު ފެށުމާއި، މިހެން ގޮސް ގިނަގުނަ ކަންތައްތަކެއް އެބަހުރި ކުރަން.

ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތަރައްޤީގެ މި ހުރިހާ ކަންތައްތަކެއްވެސް އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި ކޮށްދީ ނިންމައިދޭނަމޭ. އަބަދާއި އަބަދު ދެކެވޭ ވާހަކައެއްގެ ގޮތުގައި، އުންމީދުތައް ކުލަނުޖެހި އޮންނަ އޮތުން ވިލިނގިލީގެ ރައްޔިތުންނަށް އަޅުގަނޑު ނިމުމަކަށް ގެނެސްދޭނަން. ޙަޤީޤަތަކަށް ހަދައިދޭނަން.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވާލަން އޮތީ މި ވާހަކަ. ސަބަބަކީ، އަޅުގަނޑުގެ ކުރިމަތީގައި، ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް. އަޅުގަނޑު ލޯބިވަނީ ކޮންމެ ރައްޔިތެއް ދެކެ ހަމަހަމަކަމާ އެކީގައި. އަޅުގަނޑަށް ކޮންމެ ރައްޔިތަކު މުހިންމު. އެންމެ 100 މީހުން އުޅޭ ކުޑަ ރަށާއި، 3000، 4000 މީހުން އުޅޭ ރަށާ، އަޅުގަނޑަށް މިގޮތުގައި ހަމަހަމަ.

އެހެންވީމާ، އެންމެ ކުޑަ ރަށުގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވާލަން އޮތީ، އެ ވާހަކަ. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރުމުގައި، އެއީ ސަރަޙައްދީ ތަރައްޤީގެ މިންގަނޑުން ކުރާ ތަރައްޤީ. އެކަން އެގޮތުގައި ކުރިއަށް ދިޔައިމަ، ދުރު ރާސްތާގައި، މި ދެންނެވީ ހަމަހަމަކަމާ އެކީގައި، ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ތަރައްޤީއެއް ގެނެސްދެވޭނީ.

މިހާރުން މިހާރަށް ކޮންމެ ރަށެއްގައި އެ ބޭނުންވާ ފުޓްސަލް ދަނޑާއި، ސްކޫލާއި، ހެލްތް ސެންޓަރު ހެދުމާއި، ބަނދަރު ހެދުން ކުރިއަށްދާނެ. ކުރިއަށް ގެންދާނަން އިރާދަކުރެއްވިއްޔާ. އެކަން ކުރަމުން، މި އަތޮޅާއި މި ރަށާއި، އެކި ސަރަޙައްދުތައް ތަރައްޤީ ކުރެވޭނެ. ކުރެވުނީމަ، ދުރު ރާސްތާއަށް އެ ކުރެވޭ ކަމަކީ، މި ދެންނެވި ކުދިކުދި ރަށްރަށުގެ ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގައި، އެ ތަންތަނަށް ހިޖުރަ ކުރުން. ކޮށް ސެޓްލްވުން. ސެޓްލްވެ، އެއީ، އާމްދަނީ ގޮތުން ބެއްޔަސް، ދެމެހެއްޓެނިވި ދާއިމީ ޙައްލަށް އެކަންވާނެތީވެ. ތަޢުލީމީ ގޮތުން ބެއްޔަސް، ޞިއްޙީ ގޮތުން ބެއްޔަސް، މިވަރުގެ މިގޮތަށް ޖިއޮގްރަފިކަލީ ބެހިފައި އޮތް ރަށްތަކެއް އޮތް ޤައުމަކަށްވާއިރުގައި، ދުރު ރާސްތާގައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވާނީ އެގޮތުން ކަމުގައިވާތީ، އެއީ، އޭގެ ޒާތުގައި އެކަން ދާނެގޮތް، އަޅުގަނޑުމެން އެ ވިސްނުމުގައި ރާއްޖެ ތަރައްޤީކޮށްފިއްޔާ.

އެހެންވީމާ، އަޅުގަނޑު މި ދެ ވާހަކަ އެކީގައި އަބަދުވެސް މި ދަންނަވަނީ. ހުރިހާ ރަށަކަށް އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން، މިހާރުން މިހާރަށް ބޭނުންވާ ކަންކަން ކުރާނަމޭ. އިރާދަކުރެއްވިއްޔާ އިޤްތިޞާދު ހަރުދަނާ ކުރަމުން، އާމްދަނީ އިތުރުކުރަމުން ކޮށްދޭނަމޭ. ކޮށްދެމުންވެސް ސަރަޙައްދުތަކެއް އިރާދަކުރެއްވިއްޔާ ތަރައްޤީކުރާނަމޭ. އެއީ، 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭނެއް، ރައްޔިތުންގެ ޚިޔާލު ހޯދައިގެން ހަދާ. އޭގެ ދަށުން އެކިއެކި އަރބަން ސެންޓަރތައް، ޒޯންތައް ކަނޑައަޅައިގެން ތަރައްޤީކުރާނަމޭ. އޭގެ މުހިންމު ރަށެއް މި ރަށަކީ. އެހެންވީމާ، އެ ދެކަންތައް އެކީގައި ދިޔައިމަ، މިހާރުން މިހާރުގެ ޙައްލާއި، ދުރު ރާސްތާގެ ޙައްލު ލިބުނީ. އެހެންވީމާ، މިއީކީއެއް ދެ ވާހަކައެއް ނޫން. އެއް އަމާޒަކަށްދާ އެއް ވާހަކައެއް.

އެހެންވީމާ، އެގޮތުގައި ތަރައްޤީގެ ކަންކަން ދާއިރުގައި، މި ރަށުގެ ދައުރު ވަރަށްބޮޑުވާނެ. މި އަތޮޅުގައި. މިކަން ހަމަ ފާހަގަކޮށްލީ.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ކެމްޕެއިންގައިވީ ހުރިހާ ވަޢުދެއް، ދެންމެގައިވެސް މި ދެންނެވި ގޮތަށް، ހާސިލުކޮށްދޭނެ ވާހަކަ. ބިން ހިއްކުން، މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެ. ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ ވާހަކަ. އަދި އޭގެއިތުރަށްވެސް، ޒުވާނުންގެ ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމާއި، މިހެންގޮސް ވަރަށްގިނަ ވަޢުދުތަކެއް އަޅުގަނޑު ވެފައި ހުންނާނެ.

މި ހުރިހާ ކަމަކަށް އަޅުގަނޑު ސަމާލުކަން ދޭނަން. އަޅުގަނޑު ހަނދާންނައްތައެއް ނުލާނަން އެއްވެސް ކަމެއް. ހަނދާންނައްތައިލުމުގެ ވިސްނުމެއްވެސް ނެތް. އަޅުގަނޑު ދެއްކި ހުރިހާ ވާހަކައެއް އޮންނާނީ ފޮތަކަށް ތިރިކޮށްފައި. ފޮތެއް ލިޔެފި. މި ރަށުގެ ކައުންސިލަށްވެސް އެ ފޮތް ލިބޭނެ. ސްކޫލްތަކުގައިވެސް ބަހައްޓާނެ. ރައީސް އޮފީހުގެ ވެބްސައިޓަށް މިހާރު ވަނަސް ކިޔައިލެވޭނެ. ކެމްޕެއިންގައި ފުރަތަމަ ބުރު، ދެވަނަ ބުރުގައި، ފުރަތަމަ ދުވަހު ދަރުބާރުގެޔަށް ގޮސް އަޅުގަނޑުމެން އެޕްލިކޭޝަން ލާފައި ނުކުމެ، އެތަނުގައި ދިން ކުޑަކުޑަ އިންޓަރވިޔުގެ ވާހަކައިން ފެށިގެން އިންތިޚާބު ނިންމައި، އިންތިޚާބުގެ އެންމެފަހު ދުވަހާ ހަމަޔަށް ދެއްކި ވާހަކަ، ހުރިހާ ވާހަކައެއް، އެ ފޮތުގައި ލިޔެފައި އޮންނާނެ، އަކުރުން އަކުރަށް. އެއީ، އެއްވެސް ކަމެއް ފޮރުވަން ބޭނުންނުވާތީ.

އެ ފޮތް ބަލާފައި ރައްޔިތުންނަށް އަޅުގަނޑާ ސުވާލުކުރެވޭނެ. މި ދުވަހު ދެއްކި ވާހަކަ މިހާރު ކޮބައިހޭ؟ އެހެންވީމާ، އެ ޗެލެންޖް އަޅުގަނޑާ ކުރިމަތިކުރަން ފުރުޞަތު ދޭންވެގެން އަޅުގަނޑު އެކަން ކުރީ. އެއީ، އަޅުގަނޑު އިޚްލާޞްތެރިކަމާ އެކީގައި ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންވާތީ. ދެފުށް ފެންނަ ގޮތެއްގައި ޖަވާބުދާރީވަނިވި ގޮތުގައި ޚިދުމަތް ކުރަން ބޭނުންވާތީ އެކަން ކުރީ.

އެހެންވީމާ، އަޅުގަނޑު ވީ ކޮންމެ ވަޢުދެއް އިރާދަކުރެއްވިއްޔާ ފުއްދަމުން ކުރިއަށްދާނަން. މިކަމުގައި ރައްޔިތުން އެއްބާރުލުން އަޅުގަނޑަށް ދެއްވަންވީ. ތިންމަސް ވެގެންދިޔައިރުގައި އިރާދަކުރެއްވީތީ، ވަރަށްގިނަ ކަންތައް ކުރެވިއްޖެ.

އިޤްތިޞާދު އޮތީ ބޮޑު އަނދަވަޅެއްގައި. އަޅުގަނޑު އެކަން، ފަށަމުން ދެންނެވިން. ފަށަމުންނޭ މި ދެންނެވީ، ހުވާކުރި ދުވަހު އެތަނުގައި. ފަށަމުން އަޅުގަނޑު ބޭނުންވީ ދަންނަވަން. އަޅުގަނޑުމެންގެ ޤައުމު، ރައްޔިތުން އަޅުގަނޑާ ހަވާލުކުރިއިރު އޮތް ހާލު ދަންނަވަން ބޭނުންވާތީ. 120 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަންޏާ އެކީގައޭ އަޅުގަނޑު މި ހަވާލުވަނީ. ވަރަށް ފުން އަނދަވަޅެކޭ އޮތީ. އެ އަނދަވަޅުން އަރައިގަނެ، އަޅުގަނޑުމެން އެބަޖެހޭ ކުރިއަށްދާން. މިހާރު އެ ވާހަކަ އޮޅުވާލަން ބައެއް މީހުން އުޅުނަސް، އެއީ، ދެން އޮޅޭނެ ވާހަކައެއް ނޫން. އަޅުގަނޑުމެން އޮތީ އިޤްތިޞާދީ އަނދަވަޅަކަށް ވަރަށް ބޮޑަށް ވައްޓާލާފައި. އެހެންވެ، ރައްޔިތުން އެކަން ބަދަލުކުރަން ބޭނުންވީވެސް. އެއީ، ބޭރުގެ ދަރަނި. އެ ދަރަނި ދެއްކުމަށްޓަކައި އެތައް ކަމެއް އެބަ ކުރަން.

އަޅުގަނޑުމެންގެ އަތުގައި ހުރި ފައިސާ، އެކި ނަންނަމުގައި މީހުންނަށް ބަހައިވެސްލަމުން ނޫންތޯ ދިޔައީ. ބަދަލު ދިނުމުގެ ނަމުގައި. އެއްވެސް އަސާސެއް ނެތް ސެޓްލްމަންޓް ކޮމިޓީއެއް ހަދައިގެން. ބަދަލު ދިނީ. ބަދަލުގެ ނަމުގައި އެ ދިނީ އެކި މީހުންނަށް. ދޭން ބޭނުންވި، އެ މީހުންގެ ސިޔާސީ އެކި ބޭނުންތަކަށް، އެކި މީހުންނަށް ރައްޔިތުންގެ ފައިސާ ބަހަމުންދިޔައީ. އެތައް ސަތޭކަ މިލިއަން ރުފިޔާއެއް. އަޅުގަނޑުމެން މިހާރުވާނީ އެ ސެޓްލްމަންޓް ކޮމިޓީވެސް އުވާލާފައި. މިހާރު މި ސަރުކާރަކުން އެގޮތަކަށް ބަދަލެއް ނުދޭނެ. ނިމިދިޔަ ސަރުކާރު ނިމުނުއިރުގައި، ލީގަލީ ކޮންމެހެން ދޭން ޖެހިފައި އޮތް ކުޑަކުޑަ ބަދަލެއް، އިހަށްދުވަހު އަޅުގަނޑުމެން ހަވާލުކުރިން. އެއީ، ވަރަށް ކުޑަ ނިސްބަތަކުން. އެއީ، ހަމަ އަޅުގަނޑު ނުދީފިއްޔާ، ރައްޔިތުންގެ ބޮލުގައި އަނެއްކާވެސް ބޮޑު އިލްތިޒާމެއް އެޅިދާނެތީ ކުރަންޖެހުނު ކަމެއް. ސެޓްލްމަންޓް ކޮމިޓީ އެކީ އުވާލާފައި އެއޮތީ. އެކަހަލަ ބޭއިންޞާފު ކަންކަން، ރައްޔިތުންގެ ފައިސާ އިސްރާފެއް އަޅުގަނޑުމެން ނުކުރާނަން.

ދެން ހަމަ އެއާއެކީގައި، ރައްޔިތުންގެ އާމްދަނީން ހޯދާފައި ހުރި، ދައުލަތަށް ހޯދައިދީފައި ހުރި އެތައް މިލިއަން ޑޮލަރެއް ޖަމާކޮށްފައި ހުރި ފަންޑު، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރުކޮޅު ހުރީ މިދިޔަ ސަރުކާރުން ބޭނުންކޮށްފައި. އެވެސް ހުސްވީ. ދެން އަޅުގަނޑުމެން މިހާރު ފަށައިފިން، އެ ފަންޑަށް އަނެއްކާ ޑޮލަރު ޖަމާކުރަންވެސް. އަދި ހަމައެކަނި ފެށީކީ ނޫން. އެ ފަންޑަކީ ޤާނޫނެއް ހެދިގެން ޙިމާޔަތް ލިބޭ ފަންޑަކަށް މިހެދީ. އޭރުން ދައުލަތުން ދައްކަން ހުރި ފައިސާ، ބޭރު ލޯނުތައް ދެއްކުމުގައި ސަލާމަތްކަން އެ ފަންޑަށް ލިބޭނެތީ. މިހާރު އެއޮތީ މަޖިލީހަށް އަޅުގަނޑުމެން ހުށަހަޅާ އެންމެ ފުރަތަމަ ބިލެއް ގޮތުގައިވެސް ހުށަހަޅާފައި. މި ދެންނެވި ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑާ ބެހޭ ބިލު. އެ ބިލު ޤާނޫނަކަށް މިހާރު އޮތް މަޖިލީހުން ހަދައިދީފިއްޔާ ވަރަށް ރަނގަޅު. ހަދައިނުދީފިއްޔާ، ދެން ކުރިއަށް އޮތް މަޖިލީހަށް ހޮވޭ ބޭފުޅުން ހަދައިދޭނެ ކަމަށް މި އުންމީދު ކުރަނީ.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، ރައްޔިތުންގެ މަޖިލީހަށް ދެން ރައްޔިތުން ހޮވައިދޭނީ، މިދިޔަ ތިން މަހުގެ ތަޖުރިބާއިން އަޅުގަނޑު ރައްޔިތުންނަށްޓަކައި ކުރަން މި ވަޢުދުވެފައި ހުރި، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަޅުގަނޑަށް ކޮށްދޭނެވަރުގެ މަޖިލީހެއް ކަމަށް. އެއީ، އަޅުގަނޑު އުންމީދުކޮށް، ޔަޤީންވެސް ކުރާ ކަމަކީ.

މި ރަށުގެ ރައްޔިތުންގެ ކިބައިންވެސް އަޅުގަނޑު އެދެނީ، އަޅުގަނޑާ އެކީގައި، އަޅުގަނޑު މި ބޭނުންވާ ކަންކަން ކޮށްދޭނެވަރުގެ ބޭފުޅެއް، މި ރަށުގެ ދާއިރާއަށްވެސް ތިޔަބޭފުޅުން ހޮއްވަވައިދެއްވުމަށް.

އާދެ، ދެން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިކަހަލަ އެތައް އިޤްތިޞާދީ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން މިއޮތީ. އެ މަސައްކަތްތައް މިއޮތީ ފަށާފައި. ދަރަނި ދައްކަމުން، އެއީ، އެތެރެއާއި ބޭރުގެ. އެތެރޭގެ ދަރަނި އެކަނި، މި ދެންނެވި 120 ބިލިއަންގެ ބޭރު ދަރަނި، 1000 މިލިއަނަކީ 1 ބިލިއަން. 120 ބިލިއަންގެ ބޭރު ދަރަންޏާއި، ތިޔަބޭފުޅުން ފަދަ ޢާންމު ރައްޔިތުންނަށް ދޭންހުރި 9000 މިލިއަން ރުފިޔާ އޮވެ، 9 ބިލިއަން ރުފިޔާގެ ދަރަނި ހަވާލުވެގެން އަޅުގަނޑުމެން މިތިބީ ފަށާފައި. އެކަމަކު އެ ބޭފުޅުން އެ ވިދާޅުވަނީ، އަޅުގަނޑުމެން ދަރަނި ނުދައްކައޭ. ރައްޔިތުންނަށް ފައިސާއެއް ނުދެއޭ. އެކަމަކު މި ބޭފުޅުން ނޫންތޯ ނުދީ މިދިޔައީ، 9000 މިލިއަން ރުފިޔާ ރައްޔިތުންނާ ހަވާލުނުކޮށް. އަޅުގަނޑަކަށް ނޭނގެ، މި ބޭފުޅުން ރައްޔިތުން ކުރިމައްޗަށް ނުކުންނަ ސަބަބެއްވެސް، މިކަހަލަ ކަންތައްތައް ކުރައްވާފައި.

އެހެންވީމާ، ހަނދާން އާކޮށްލަދޭން މި ވާހަކަ މި ދެންނެވީ. 9000 މިލިއަން ރުފިޔާގެ ބިލުތައް އެބައޮތޭ، އަޅުގަނޑުމެން ހަވާލުވިއިރު. މިހާރު ވަރަށްބޮޑުތަން ކުޑަކޮށްފި، ހަވާލުވެފައި. އެއީ، މިނިސްޓްރީތަކުން ކުރުވާފައި ހުރި މަސައްކަތާއި، ކުދިކުދި ކުންފުނިތައް ލައްވައި ސަބް ކޮންޓްރެކްޓަށް ކޮށްފައި ހުރި މަސައްކަތްތައް. މި ޙަޤީޤީ ވާހަކައަކަށް ނުވެދާނެ. މިސާލަކަށް، މި ރަށުގައި ކޮންމެވެސް މަޝްރޫޢެއް ފަށާފައި، މި ރަށުގެ ދެތިން ހަތަރު ކުންފުންޏަކަށް ލާރި ދޭންވެފައި އޮވެދާނެ، ކޮންމެވެސް މަޝްރޫޢަކުން ސަރުކާރުން. އެހެން އެބައޮތޭ، ރާއްޖޭގެ އެކި ކަންކޮޅުގައި، ކުންފުނިތަކުން، އެސް.އޯ.ޔޫ.، ސަރުކާރު ކުންފުނިތަކުން މަސައްކަތް ކުރުވައި، މިނިސްޓްރީތަކުން މަސައްކަތް ކުރުވައި، މީގެތެރޭގައި މިފްކޯވެސް ހިމެނޭ. މަސައްކަތް ކުރުވާފައި، ދޭންހުރި ފައިސާ 9000 މިލިއަން ރުފިޔާ، އޭރުގައި އަޅުގަނޑުމެން 17 ނޮވެންބަރު 2023 ގައި ހަވާލުވި ދުވަހު. ކުރީ ސަރުކާރުން ނުދީ ހުރި ފައިސާ އެއީ. އެ ފައިސާ ދެމުންނޭ މިހާރު މިދަނީ. އޭގެތެރެއިން މަސްވެރިންނާވެސް 442 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް މިހާތަނަށް، މީގެ ދެތިން ދުވަހު ކުރިޔާ ހަމަޔަށް ހަވާލުކުރެވުނީ.

ދެން މިހާރުވެސް ހަމަ ވަރަށް އަވަހަށް މި ބަލަނީ. އަޅުގަނޑު ވަޢުދުވީ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ހަވާލުކުރަން. އެއީ، އެ ސްޓޭންޑަޑަށް، އެ ހިސާބަށް ދާން. އެއަށްވުރެވެސް އަވަސްކުރަން ބޭނުންވަނީ. އެހެންވީމާ، މި ޕެންޑިންގގައި މިހިރަ ހުރިހާ ފައިސާއެއް ވީހާވެސް އަވަހަކަށް ހަވާލުކުރަން އަޅުގަނޑު ބޭނުން. ހަވާލުކޮށްފައި ދެން ހަމަ ނިޒާމެއް އިރާދަކުރެއްވިއްޔާ ޤާއިމުކުރަން މިއޮތީ. އަޅުގަނޑުމެން ވަޢުދުވެފައި މިއޮތީ 48 ގަޑިއިރު ތެރޭގައި އެންމެ ލަސްވެގެން ހަވާލުކުރަން. އެހެންވީމާ، އެ ޓާގެޓަށް އިރާދަކުރެއްވިއްޔާ ދާނަން. އަދި އެއަށްވުރެވެސް ރަނގަޅުކުރާނަން އިރާދަކުރެއްވިއްޔާ. އެއީ، އަޅުގަނޑުގެ އަމާޒަކީ. ދެން ރައްޔިތުން ފައިސާ ހޯދަން ބޭނުންވީމާ، ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ ހޯދަން އުޅުނީމާ އެއީ، އަޅުގަނޑު އެކަމާ ރުޅިއަންނަންޖެހޭ ކަމެއް ނޫން. ރައްޔިތުންގެ ޙައްޤެއް އެއީ.

އެހެންވީމާ، އެކަމުގައި އޮންނަ ހަމަޖެހޭ ރިވެތި އުޞޫލުތައް ހުރިހާ އެންމެންވެސް ގަބޫލުކޮށް، އެގޮތުގައި މަޝްވަރާގެ އުޞޫލުން ކުރިއަށް ގެންދިޔައިމަ، ޤައުމުގެ އެންމެ މަޞްލަޙަތަށް ރަނގަޅުވާނީ.

ކުރީ ރެއެއްގެ، އިއްޔެގެ ޖަލްސާއެއްގައިވެސް ކަންނޭނގެ، އަޅުގަނޑު ދެންނެވިން މި ވާހަކަ. މަޝްވަރާގެ އުޞޫލުން ކަންކަން ކުރީމާ، ހުރިހާ އެންމެންގެ މަޞްލަޙަތު ޙިމާޔަތްވެ، ނަތީޖާ އެންމެ ރަނގަޅުވެގެންދަނީ. އަޅުގަނޑު އިއްޔެ ފާހަގަކުރިން، ޤައުމުގެ ކަންކަމުގެ ތެރެއިން ރައްޔިތުން އަޅުގަނޑާ ހަވާލުކުރި އެންމެބޮޑު މައްސަލަ. ބޭރުގެ ސިފައިން މި ޤައުމުން ބޭލުމުގެ މައްސަލަ. އެ މައްސަލައިގައިވެސް އަޅުގަނޑުމެން ރުންކުރުކަމާ އެކީގައި، ގަދަބަދަވިކަމާ އެކީގައި، މުޒާހަރާކޮށް، އެކިކަހަލަ ކަންކަން ކުރަން އުޅުނުނަމަ، ކޮން ކަމެއްތޯ ހާސިލުވާނީ؟ އެއް ކަމެއްވެސް ހާސިލެއްނުވީސް. އެހެން ނަމަވެސް، މަޝްވަރާގެ އުޞޫލުން، ޑިޕްލޮމަސީގެ ރިވެތި އުޞޫލުގެ ތެރެއިން އަޅުގަނޑުމެން ފުރަތަމަ ދުވަހު އަޅުގަނޑު ވަޢުދުވީގޮތަށް، 17 ނޮވެންބަރުގައި ހަވާލުވެ، 18 ވަނަ ދުވަހު ފެށިގޮތަށް، އިންޑިއާ ސަރުކާރުގައި އެ ދުވަހު ދެންނެވިން ރަސްމީކޮށް. ދެންނެވި ގޮތަށް، ފެށި މަސައްކަތް މިއަދާ ހަމަޔަށް އައިއިރުގައި، މިތާނގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގެންގޮސް ނިންމަން އެއޮތީ އިންޑިޔާއާއި އަޅުގަނޑުމެންނާ ދޭތެރޭގައި އެއްބަސްވެ، ލިޔުމަށް ތިރިކޮށް، އެ ލިޔުމުގައި ދެ ޤައުމުން ސޮއިކޮށްފައި. އެއީ، ކާމިޔާބަކީ. އެހެންވީމާ، މަޝްވަރާގެ އުޞޫލު އިސްކުރަންޖެހޭނީ ހުރިހާ ކަމެއްގައިވެސް.

ދެން ކޯޓުތެރެއިން ކުރަންހުރި ކަމެއް އެއީ، އަޅުގަނޑުމެންގެ ޤައުމުގެ އެތައް ހާސް އަކަ ކިލޯ މީޓަރެއްގެ ކަނޑުގެ ސަރަޙައްދު، ޤާނޫނުއަސާސީއާ ޚިލާފަށް، މިދިޔަ ސަރުކާރުން ދޫކޮށްލި މައްސަލަ. އެއީވެސް އަޅުގަނޑު ވަޢުދުވި ކަމެއް. އެކަމުގައި އިންޓަރނޭޝަނަލް އެކްސްޕާޓުންނާ އެކީގައި މިދަނީ މަސައްކަތް ކުރަމުން. އެހެންވީމާ، ހުރިހާ ވަޢުދެއް ފުއްދުމުގައި އަޅުގަނޑު މިހިރީ. އެންމެ ތަންފުކެއްވެސް ފަރުވާކުޑަނުކޮށް. ހުރިހާ ވަޢުދެއް ފުއްދުމަށް.

އެހެންވީމާ، މި ހުރިހާ ކަމެއް ކުރުމުގައި ކުރިއަށްދާއިރުގައި، ރައްޔިތުންގެ ކިބައިން ބޭނުންވާ އެހީތެރިކަން ރައްޔިތުން ދެއްވަމުން ވަޑައިގަތީމާ ނިމުނީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ ހުރިހާ ކަމެއް ކޮށްދީ ނިންމާނެ ވާހަކަ ދަންނަވަން.

އާދެ، އެހެންވީމާ، އެއީ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ. އިރާދަކުރެއްވިއްޔާ ވިލިނގިލި ރައްޔިތުން އެދޭ ހުރިހާ ތަރައްޤީއެއް ގެނެސްދޭނަމޭ. މި އެއަރޕޯޓުގެ މަސައްކަތްވެސް އަދި ދެންހުރި މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކޮށްދޭނަން. ޒުވާނުންނަށް ކޮށްދޭންހުރި އެކިއެކި ކަންތައްތައްވެސް އެބަހުރި. އިޤްތިޞާދު ހަރުދަނާ ކުރުމުގައި، އަޅުގަނޑު ވަޢުދުވީ ވަރަށްގިނަ ކަންތައްތައް ހުންނާނެ. މިސާލަކަށް، ޒުވާނުންގެ ހުނަރު ބޭނުންކޮށްގެން އޮންލައިން ޕޭމަންޓް ގޭޓްވޭ ނިޒާމުގެ ތެރެއިން ޒުވާނުންނަށް ކްރިއޭޓިވް އިކޮނޮމީ ޤާއިމުކޮށްދިނުން ކަހަލަ އެތައް ކަމެއްވެސް ހުންނާނެ. އެހެންވީމާ، މި ހުރިހާ ކަމެއްގެ މަސައްކަތް ފަށައިގެން މިއުޅެނީ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރުކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.