بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ގެމަނަފުށީގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ނައިބު ރައީސާ އަދި ކައުންސިލަރުން، ރަށުގެ އެންމެހައި އިސް ވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މިޖަލްސާ، ދުރާއި ގާތުން ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މި ރަށަށް އާދެވުމުން، ތިޔަ ބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އާދެ، އަދި ހަމަ އެއާއެކީގައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި، ތިޔަބޭފުޅުން ދެއްވި ހޫނު ތަރުޙީބަށް، ތާއީދަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މި ރަށަށް އަޅުގަނޑަށް ވަރަށްގިނަފަހަރު އާދެވިފައި ހުރީ. އެންމެ ފުރަތަމަ 2012 ވަނަ އަހަރު އާދެވުނީ. އޭރުގައި ސަރުކާރުގެ ހައުސިންގ މިނިސްޓަރަކަށް ހުރިއިރުގައި. މިރަށަށް އައުމުގެ ކުރިން މި ރަށުގެ ވަފްދެއް އަޅުގަނޑާ ބައްދަލުކުރަންދިޔަ. ބަނދަރުގެ ވާހަކަ ދައްކަން. މަސްވެރިންވެސް ހިމެނޭގޮތަށް. މި ރަށަށް އައިން. ސުނާމީގައި ބަނދަރު ހަލާކުވިގޮތަށް، އެއްކޮށް ހަލާކުވެފައި އޮތް ބަނދަރެއް މިތާ އޮތީ.

ދެން ރައްޔިތުން އެދުނު ކަންކަން، އަޅުގަނޑަށް އޭރު ކުރެވެންހުރި ހުރިހާ ކަމެއް ވީހާވެސް ރަނގަޅަކަށް ކުރެވޭތޯ ބަލައި، މިހާރު އޮތް ބަނދަރު، ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ހެދިފައި އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު މިއަދު ދޭނެ ޔަޤީންކަމަކީ، މި ރަށަކީ މަސްވެރިކަމުގެ ވަރަށް ފާހަގަކޮށްލެވޭ ރަށަކަށްވާއިރު، މި ބަނދަރު އޭގެ ޒާތުގައި ހަމަ ޞިނާޢަތް ކުރިއަރައިގެންދާ ވަރަކަށް، ރައްޔިތުން ތަރައްޤީވާ ވަރަކަށް، އާބާދީ ބޮޑުވާވަރަކަށް ބޮޑުކުރަންޖެހޭނެކަން އަޅުގަނޑު ގަބޫލުކުރާއިރު، ތިޔަ ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އަނެއްކާވެސް އެ ބަނދަރު ތިޔަބޭފުޅުން ބޭނުންވާ ގޮތަށް އިރާދަކުރެއްވިއްޔާ ފުރިހަމަކޮށް ބޮޑުކޮށް ހަދައިދޭނެ ވާހަކަ.

އެހެންވީމާ، ތިޔަބޭފުޅުންގެ މިހާރުގެ ޢުމްރާނީ ތަރައްޤީގެ ވަޒީރާ އެކީގައި މަސައްކަތް ކުރިއަށް ގެންދަވާ. އިރާދަކުރެއްވިއްޔާ ހަމަ މިހާ ރީތިކޮށް ފުރިހަމަކޮށް، ދެންވެސް ބޮޑުކޮށް އޮންނާނީ ބަނދަރު ހެދިގެންދާއިރު. ތިޔަބޭފުޅުން ހިތްހަމަޖެހޭ ރަނގަޅު ފެންވަރުގެ ބަނދަރަކަށް، އިރާދަކުރެއްވިއްޔާ އެ ބަނދަރު ހަދައިދޭނެ ވާހަކަ ދަންނަވަން.

އާދެ، ބިން ބޮޑުކުރުން. މައްސަލައަކީ ބަޖެޓުގައި ވަރަށްކުޑަ އެތިކޮޅެއް، ވަރަށް ކުޑަ ފައިސާކޮޅެއް ހިމަނާފައި އޮތުން. އެހެން ނަމަވެސް، ބަޖެޓުގެ ތެރެއިން ކިތަންމެ ކުޑަކޮށް ޖާގަ އޮތް ނަމަވެސް، މުހިންމު ކަމަކަށްވާއިރުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން، އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަށް މި ދިމާވެފައި ހުރި ދަތިތަކުގެ ތެރެއިން، މި ކުރާ އިޤްތިޞާދީ ރިފޯމް އެޖެންޑާގެ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެން ކުރާ ކަންކަމުން އާމްދަނީ އިތުރުކޮށް، ޚަރަދު ކުޑަކޮށް، ދެބައި އެކުގައި މިގެންދާ ގެންދިޔުމުގެ ތެރެއިން މަގުފަހިކުރުމަށް. އިރާދަކުރެއްވިއްޔާ އެ މަގު ފަހިކޮށް، މި ރަށުގެ ބިން އިތުރުކުރުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢު، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން ހަމަ އަރުވަން.

ދެން ކިހާ ތާކުތޯ ފެށޭނީ؟ އަޅުގަނޑު ދެންމެ ދެންނެވި ކަމުގެ މައްޗަށް ބިނާވާނީ. ކިހާ އަވަހަކަށްތޯ ފެށޭނީ. އެހެން ނަމަވެސް، އެކަމަށް ސަމާލުކަންދީ، އިސްކަންދޭނެ ކަމުގެ ޔަޤީންކަން ދެން.

އާދެ، ވަރަށްގިނަ ކަންކަން ހަމަ އެބަހުރި ކުރިއަށް ގެންދަން. ދެންމެ އަޅުގަނޑުމެން މި ޖަލްސާއަށް އައުމުގެ ކުރީގައި، ކައުންސިލާ އެކީގައި ވަރަށް ތަފްޞީލީ ބައްދަލުވުމެއް ބޭއްވުނު. ނައިބު ރައީސާއާއި ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.، ހުރިހާ ބޭފުޅުން ވަރަށްގިނަ ކަންކަން ފާހަގަކުރެއްވި. ރަށުގެ ރައްޔިތުންގެ ޙައްޤުގައި.

އެހެންވީމާ، މި ހުރިހާ ކަމަކަށް ސަމާލުކަންދޭނެ ވާހަކަ ހަމަ ޖުމްލަކޮށް ދަންނަވާލުމާ އެކީގައި، މިހާރު ފެށިފައި ހުރި މަޝްރޫޢުތައް ހަމަ އަވަހަށް ނިންމަން މަސައްކަތް ކުރާނަން. ނަރުދަމާ ނިންމުމުގެ މަސައްކަތާއި، ދެން އެކަމުގައި ދިމާވެފައި ހުރި ދަތިތައް، ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވެދެއްވި. އެހެންވީމާ، ނަރުދަމާ މަޝްރޫޢު ކަމަށްވިޔަސް، އަދި ދެންވެސް ކުރިއަށް ގެންދަން ހުރި މުހިންމު މަޝްރޫޢުތަކަށް ހަމަ އެ ސަމާލުކަން ދޭނެ ވާހަކަ ދަންނަވަން.

އާދެ، ދެންމެ ނައިބު ރައީސާ ފާހަގަކުރެއްވި، މި ރަށަށް މަލްޓި-ޕަރޕަސް ހޯލެއްގެ މުހިންމުކަން. އެކަމުގެ ޖަސްޓިފިކޭޝަން ވަރަށް ރަނގަޅަށް ވިދާޅުވެދެއްވައިފި. މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް އެކަމަކީ. ސްކޫލަށް އެކަންޏެއް ނޫން. އެހެންވީމާ، މި އަހަރުގެ ތެރޭގައި، މި ރަށުގެ ތަރައްޤީއަށްޓަކައި އަދި މިކަހަލަ ގިނަ ބޮޑެތި އިވެންޓްތައް ބޭއްވޭގޮތަށް ރަނގަޅު މަލްޓި-ޕަރޕަސް ހޯލެއްގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ފަށްޓާނެ ވާހަކަ ދަންނަވަން.

ހަމަ އެއާއެކީގައި، ދެންވެސް ކުރަން ހުރި ގިނަ މަސައްކަތްތައް އެބަހުރި. ފަށާފައި 8 އަހަރު ދުވަސް ވަންދެން ހުއްޓިފައި ހުރި ޕޮލިސް ސްޓޭޝަން އެޅުމަށް ނަގާފައި އޮތް، ނޫނީވިއްޔާ ފަށާފައި އޮތް ތަނުގެ މަސައްކަތް، މި އަހަރުގެ ބަޖެޓް ތެރެއިން އެކަން ކުރެވޭނެތޯ، ހޯމް މިނިސްޓަރ ބައްލަވާނެ. ބައްލަވައި، އެއަށް ދޭން އޮތް ޖަވާބަކީ، އެކަން އިރާދަކުރެއްވިއްޔާ ކުރާނަމޭ. ކުރެވޭނީ މިހާރުތޯ، ކޮން އުޞޫލަކުން، ކިހިނެއްތޯ ކުރާނީ. ކޮންމެގޮތެއްވިޔަސް، އެދިޔަ މާޒީ، އެއީ، ދެން މާޒީ. އިރާދަކުރެއްވިއްޔާ އެ މާޒީ ތަކުރާރުވިޔަކަ ނުދޭނަން. އެކަން ކޮށްދޭނަން އިރާދަކުރެއްވިއްޔާ. އެ ޔަޤީންކަން ދެން.

އާދެ، ދެން އެންމެބޮޑު އެއް ކަމަކަށް މިއޮތީ މަގުތައް. މަގު ހަދަން އާރު.ޑީ.ސީ.އާ ހަވާލުވެފައި އޮތީ. ދެން އާރު.ޑީ.ސީ.ގެ ޙާލަތު އެހެންނޫންތޯ. ހަމަ އެހެން ހުރިހާ ކުންފުނިތަކުގެ ޙާލަތުވެސް އަޅުގަނޑުމެންނަށް އެނގޭ ދޮގެއްތޯ. އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރުގައި، ހުރިހާ ކުންފުންޏެއް، މަދު ދެތިން ހަތަރު ކުންފުންޏެއް ފިޔަވައި އޮތީ ބަނގުރޫޓުވެފައި.

އެހެންވީމާ، އެ ހުރިހާ ކުންފުނިތައް ނަގައި ކޮޅަށްޖަހަމުން، ދައްކަން ހުރި ބިލުތައް ދައްކަމުން ގެންދާނަން. އިއްޔެ އަޅުގަނޑު ދެންނެވިން، ކިހާ ދަރަންޏެއްކަން، ކިހާ ފައިސާއެއްކަން ރައްޔިތުންނަށް މި ކުންފުނިތަކުން ދޭންހުރީ. ކުންފުނިތަކުން ސަބް ކޮންޓްރެކްޓް ކުރުވައިގެން ރައްޔިތުންނަށް ދޭންހުރި ފައިސާގެ. ދެން ހަމަ ކުޑަކުޑަ ކުށެއް ދެންމެ މިނިސްޓަރަށް ވިދާޅުވެވުނީ. 9 ބިލިއަން، 9000 މިލިއަން ރުފިޔާގެ ދަރަނި. 8 ބިލިއަނެއް ނޫން، 9 ބިލިއަން. 9000 މިލިއަން ރުފިޔާގެ ފައިސާ، ބިލުތައް، ސަރުކާރުގެ ފަންސާހަކަށް ކުންފުންޏާއި ވުޒާރާތަކުން ކަންކަން ކުރުވާފައި، މިދިޔަ ސަރުކާރު ނިމުނުއިރުގައި، އެ ސަރުކާރުން ރައްޔިތުންނަށް ނުދީ އެބައޮތޭ. 9000 މިލިއަން ރުފިޔާގެ ބިލުތައް ބަހައްޓާފައޭ، އެ ބޭފުޅުން އެ ވެރިކަމުން ފައިބައިގެން އެދިޔައީ. މި ރަށުގައިވެސް އުޅޭނެ، އޭގެ އެތައް ފައިސާއެއް ލިބެންޖެހޭ ކުދިކުދި ކުންފުނިތައް. މި އަތޮޅުގައިވެސް ގިނައިން އެބަހުރި. އަޅުގަނޑާވެސް އެތައް ބަޔަކު ބައްދަލުކޮށްފި. ޒުވާނުން ފަށާފައި ހުރި ވިޔަފާރިތައް، އެކި ކަންކަން ކުންފުނިތަކަށް ކޮށްދީފައި. ފެނަކައަށް، އާރު.ޑީ.ސީ. އަށް. ކިޔާނެ ކަމެއް ނެތް. އެތައް ބަޔަކަށް. މި ބިލުތައް ހުރީ ނުދައްކާ. އެކަމަކު މިހާރު އެ ކިޔަނީ އަޅުގަނޑުމެން ފައިސާ ނުދެނީއޭ. އަޅުގަނޑުމެން މިދަނީ ހުރިހާ ފައިސާއެއް ވީވަރަކުން ދައްކަމުން. ކުންފުނިތައް ހަރުދަނާ ކުރަމުން. މިނިސްޓްރީތަކުގައިވެސް ޕެންޑިންގ ގިނަ ބިލުތަކެއް ހުރި. އެޑިޔުކޭޝަން މިނިސްޓްރީންވެސް އެތައް މިލިއަން ރުފިޔާއެއް، އިސްލާމިކް މިނިސްޓްރީން އެތައް މިލިއަނެއް ދައްކައިފި މިހާރުވެސް. ކޮންސްޓްރަކްޝަން މިނިސްޓްރީން އެންމެ ގިނަ ފައިސާ ދައްކަން ހުރީ. ހެލްތް މިނިސްޓްރީ. ހުރިހާ ތަނެއްގައި ހުރީ މަސައްކަތް ކުރުވާފައި، ފައިސާ ނުދީ ބަހައްޓާފައި. ދެން އެ ފައިސާ ދައްކަމުން މިދަނީ. އެހެންވީމާ، އެ ފައިސާ ދައްކަމުންދާއިރުގައި، އާރު.ޑީ.ސީ.އަކީވެސް މި ދެންނެވި ޙާލަތުގައި އޮތް ކުންފުންޏެއްވީމަ، ކޭޝް ފްލޯރ ތާށިވާނެ. އެހެންވީމާ، މި ހުރިހާ ކަމެއް މެނޭޖް ކުރަމުން، މަގު ހެދުމުގެ މަޝްރޫޢުތައް ފެށެން މި އަންނަނީ.

މި ހުރިހާ ކަމެއް މި ކިޔައިދެނީ، ކަންކަން އޮތްގޮތް ދަންނަވަން ވެގެން. އާދެ، އެހެންވީމާ، މިކަންކަން މެނޭޖް ކުރަމުން، އިރާދަކުރެއްވިއްޔާ، މި ރަށުގެ މަގު ހެދުމުގެ މަޝްރޫޢުވެސް ކުރިއަށްދާނެ. އެންމެ 5 މަގެއް ނޫން އަޅުގަނޑުމެން ހަދާނީ އިނގޭތޯ. އިރާދަކުރެއްވިއްޔާ ހަމަ މުހިންމު ހުރިހާ ޚިދުމަތްތަކެއް ދޭ ތަންތަން ހިމެނޭގޮތަށް ހަދާނީ. މި ރަށުގެ މަސްވެރިކަމުގެ ޞިނާޢަތަށް މަގުފަހިވާގޮތަށް. ރަށުގެ އެކި ސަރަޙައްދުގައި މަސްވެރިކަމާ ގުޅޭ އެކިކަހަލަ މަސައްކަތް ކުރާ ރަށެއް މިއީ. އެހެންވީމާ، މަސްވެރިކަން ތަރައްޤީވާނެ ގޮތްވެސް ވިސްނައިގެން، ރަށުގެ ގިނަ މަގުތަކެއް އިރާދަކުރެއްވިއްޔާ ހަދައިދޭނެ ވާހަކަ ދަންނަވަން.

އާދެ، ހަމަ ހެލްތު ސެންޓަރަށް ޑޮކްޓަރުން ބޭނުންވާ ވާހަކަވެސް ކައުންސިލްގެ ބޭފުޅުން ފާހަގަކުރެއްވި. ގައިނީ ޑޮކްޓަރު، ކުޑަކުދިންގެ ޑޮކްޓަރުން. މިކަހަލަ މުހިންމު ޞިނާޢީ ރަށެއްގައި، މި ރަށުގެ އާބާދީގެ ބޮޑު އިންސައްތައެއް މި ރަށުގައި ދިރިއުޅޭއިރުގައި އަދި މި ރަށުގެ އާބާދީގައި ނޫޅޭ މީހުން، އާބާދީއަށް ނިސްބަތްނުވާ މީހުންވެސް އެކި ކަންކަމުގައި އަންނަ ރަށަކަށްވާއިރުގައި، މިއީ މުހިންމު ކަމެއް. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރާނަން، އެކަމުގައި ރަނގަޅު ޙައްލެއް ގެނެސްދެވޭތޯ. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެކަން ފާހަގަކޮށްފިން. އެކަމަށް މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން. މި ދެންނެވި ދެ ޑޮކްޓަރުން ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ.

ދެން ބީ.އެމް.އެލް. ބްރާންޗެއް ޤާއިމުކުރުމުގެ ވާހަކަ. މި ތަނަށް ކޮންމެހެންވެސް ބޭނުންވާ ކަމެއް. އެކަން ކޮށްދޭނަން އިރާދަކުރެއްވިއްޔާ.

އާދެ، ޖުމްލަކޮށް މި ހުރިހާ ކަމެއް އަޅުގަނޑު މި ފާހަގަކޮށްލަދިނީ. ދެން އެހެންވީމާ، މި ހުރިހާ ކަމަކަށް އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަމޭ. ރައްޔިތުން ތިޔަ ދެއްވާ ތަރުޙީބު ހަމަ އެގޮތަށް، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެއްވުމަކީ، މި މަސައްކަތްތަކަށް ފަސޭހަވާނެ ކަމަކަށް ވާނީ.

އަޅުގަނޑުމެންނަށް މިފަހަރު މި ލިބުނު ބަޖެޓުގެ ވާހަކަ ދަންނަވާލާނަން. އެނގިވަޑައިގަންނަވާނެ، މިއީ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަންނަވާ ވާހަކައެއް. އަޅުގަނޑުމެންނަށް މިފަހަރު މި ހަވާލުވި ބަޖެޓަކީ، އަޅުގަނޑުމެން ހަވާލުވެގެން ހެދި ބަޖެޓެއް ނޫން. ހަނދުމަފުޅު ހުންނާނެ. މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުން، ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހުށަހެޅި ބަޖެޓެއް. އަޅުގަނޑުމެންނަށް ބަޖެޓް ހަދަން ޓްރާންސްޒިޝަން ޕީރިއަޑްގައި ދިހަވަރަކަށް ދުވަސް ދިނީ. ބަޖެޓަށް އެއްޗެތި ހުށަހަޅަން. ދިހަވަރަކަށް ދުވަސް. އެ ދިހަވަރަކަށް ދުވަސް ތެރޭގައި އަޅުގަނޑުމެން ޓީމު އެކުލަވައިލައިގެން، ތިބެގެން ވަރަށް ގިނަ މަސައްކަތްތަކަށް، ވަރަށް ބޮޑެތި ޢަދަދުތަކުން ފައިސާ ޖަހައި ހުށަހެޅިން. ހަނދުމަފުޅު ހުންނާނެ، ރަސްމާލެ ހިއްކަން ޖެހި ފައިސާ އެއްކޮށް އުނިކޮށްލީ. އެއީވެސް މިސާލެއް ދަންނަވަން. މި ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ ކޮންޓްރޯލްގައި، އަޅުގަނޑުމެން ބޭނުންވި ގޮތަށް މަޝްރޫޢު ހިންގާ ގޮތަކަށް ނޫނޭ ބަޖެޓް ފާސްވެފައި އެއޮތީ. މިހެން މި ދަންނަވަނީ، މަޖިލީހުގެ މުހިންމުކަމުގެ ވާހަކަ ދަންނަވަންވެގެން. ސަރުކާރަށް ތާއީދުކުރާ މެންބަރުންތަކެއް ތިބި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާނެ، ސަރުކާރަށް ނިސްބަތްވާ މެންބަރުންތަކެއްގެ މެޖޯރިޓީ އޮންނަ މަޖިލީހެއް ބޭނުންވާނެ ކަމުގެ މުހިންމުކަން ދަންނަވަން ވެގެން، މި މަޖިލީހުގައި މިފަހަރު މި ބަޖެޓް ފާސްވި ގޮތުގެ މިސާލުވެސް މި ދަންނަވާލީ.

ދެންވެސް ހޮވޭ މަޖިލީހަކީ، މި ދެންނެވި ގޮތަށް މަސައްކަތް ކުރާ މަޖިލީހަކަށް ވެއްޖިއްޔާ، ދެންމެ މި ދެންނެވި، ތިޔަބޭފުޅުންނަށް ބޭނުންވާ މުހިންމު މަޝްރޫޢުތައް ހިންގުމުގައިވެސް، މުޅި ރާއްޖޭގެ އެކި ކަންކޮޅުގައި އަޅުގަނޑު ހުންނާނެ، ރައްޔިތުން އެދިވަޑައިގެން ވަރަށްގިނަ ވަޢުދުވެފައި. އަޅުގަނޑު ބޭނުން، އަޅުގަނޑަކީ ހަމަ ބުނާ ބަހުގައި، އަކުރުން ފިއްޔަށް ތެދުވެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ ހުންނާނެ މީހެއް. އެހެންވީމާ، މިކަންކަން ކުރަން ބޭނުން. ކުރުމަށް ބަޖެޓް ފާސްކުރަންޖެހޭ. ބަޖެޓުގައި، ބޭނުންވާ ގޮތަށް ބަޖެޓް ތަރުތީބުވާން އަޅުގަނޑުމެންގެ ބަޖެޓް ޕޮލިސީ އެގޮތަށް ތަންފީޒުވާން ބޭނުން މަޖިލިސް ތެރެއިން.

އަދިވެސް ގިނަ ކަންކަން އެބަހުރި. ޤާނޫނުތައް ހަދަން އެބަހުރި. އަޅުގަނޑު މިފަހަރު މަޖިލިސް ހުޅުވިއިރުގައި ހުށަހެޅިން. އިޢުލާނު ކުރިން ވަރަށް ގިނަ ބިލުތައް ހުށަހަޅާނެ ކަމަށް. މިއަދު ބައެއް ބިލުތައް ހުށަހަޅައިފިން. މިހެން ގޮސް އެތައް ކަމެއް އެބަހުރި، ޤާނޫނުތަކުގެ ތެރެއިންވެސް ކުރަން. އާ ޤާނޫނުތައް ގެންނަން އެބަހުރި. ބައެއް ޤާނޫނުތަކަށް އިޞްލާޙު ގެންނަން އެބަހުރި. ޚާއްޞަކޮށް، ގެދޮރުވެރިކަމާ ގުޅޭ ގިނަ ޤާނޫނު ހުށަހަޅާނެ ވާހަކަ އަޅުގަނޑު ދެންނެވިން. ބިލުތައް ހުށަހަޅާނެ ވާހަކަ. އެ ބިލުތައް ހުށަހަޅަމުން މިދަނީ. އޭގެ ސަބަބުން، ކުރިއަށް އޮތް ދުވަސްތަކުގައި، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު މައްސަލަ، ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމުގައި އަޅުގަނޑުމެންނަށް ކުރިއެރުން ލިބޭނެ.

އެހެންވީމާ، މަޖިލިސް މުހިންމު އެބަވޭ. އެއީ، ސިޔާސީ ވާހަކައަކަށް ނުވަނީ އެހެންވެގެން. މި ރައްޔިތުން ހޮވާފައި އޮތް ސަރުކާރުން އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު ރައްޔިތުންނަށްވީ ވަޢުދު، ހުރިހާ ކަމެއް ހާސިލުކުރަން ބޭނުމޭ. އެކަން ކުރުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދޭން އޮތް ތަނަކީ ރައްޔިތުންގެ މަޖިލީހޭ. މިދިޔަ ތިންމަސް ތެރޭގައި މިހިރީ ހުސް މިސާލުތަކެއް ފެންނަން، ސަރުކާރާ އެއްކޮޅަށް ރައްޔިތުންގެ މަޖިލިސް ނެތީމަ. ލިބޭ ދަތިކަމުގެ ވާހަކަ. ކުރިމަތިވާ ދަތިތަކުގެ ވާހަކަ.

އެހެންވީމާ، މިކަމުގައި ރައްޔިތުން، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ، ހުރިހާ ދާއިރާތަކެއްގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން އޮތީ، މި އަންނަ މަޖިލިސް އިންތިޚާބުގައި، މި އަންނަ މަހު 17 ގައި އޮންނަ މަޖިލިސް އިންތިޚާބުގައި، މާރިޗު 17 ގައި އޮންނަ އިންތިޚާބުގައި، އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާށޭ. އޭރުން ތިޔަ ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން ކުރަންހުރި ހުރިހާ މަސައްކަތެއް ބާރަށް ކުރިއަށް ގެންގޮސް އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ތެރޭގައި ހުރިހާ ވަޢުދެއް ފުއްދައިދީ ނިންމައިދޭނަމޭ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.