بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފަރެސްމާތޮޑާގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް، ކައުންސިލަރުން އަދި އެންމެހައި ޢިއްޒަތްތެރިން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެން މިއަދު މި ރަށަށް އައުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ކެމްޕެއިން ތެރޭގައި އަޅުގަނޑަށް މި ރަށަކަށް ނާދެވޭ. އެހެން ނަމަވެސް، ވަރަށް ބޮޑަށް އުފާކުރަން އަދި ޝުކުރު ދަންނަވަން، އިންތިޚާބުގައި، ދެ ބުރުގައިވެސް ތިޔަބޭފުޅުން ދެއްވި އިތުބާރާއި، ކުރެއްވި ތާއީދަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑުމެންގެ ވީ.ޕީ. މި ރަށަށް ނިސްބަތްވެވަޑައިގަންނަވަނީ. އެކަމަށްޓަކައި އަޅުގަނޑު ފަޚުރުވެރިވަން. އާދެ، މަސައްކަތްތައް ހުރިގޮތުން، މި ދަތުރުގައި ބައިވެރިވެވަޑައިނުގެންނެވުނީ. މިހާރުވެސް އަޅުގަނޑުމެންގެ މުހިންމު ވަރަށްގިނަ ކަންތައްތައް ކުރެއްވުމުގައި އޮފީހުގައި އެބަ އިންނެވި.

އާދެ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ވަރަށްގިނަ ކަންކަން، ކައުންސިލްގެ ރައީސް ދެންމެ އެ ފާހަގަކުރެއްވީ. މީގެކުރިން މި ބޭއްވުނީ ކައުންސިލް ބައްދަލުވުން. އާދެ، އަޅުގަނޑު ކޮންމެ ރަށަކަށްވެސް ގޮސް ފުރަތަމަ މި ބަލަނީ، ރައްޔިތުންގެ ފަރާތުން ހޮއްވަވާފައި ތިއްބެވި ބޭފުޅުން، ކައުންސިލަރުން، ތިޔަބޭފުޅުންގެ ފަރާތްޕުޅުން ވިދާޅުވާން ހުރި ކަންކަން އޮޅުންފިލުވުމަށް. އެ މީޓިންގގައި އެ ބޭފުޅުން ހުރިހާ ކަމެއް ފާހަގަކޮށްދެއްވާ. ކޮށްދެއްވީމާ، އެކަންކަމުގެ މަޝްވަރާތަކަށްފަހު، ދެން ރައްޔިތުންގެ ބައްދަލުވުން މި ބާއްވަނީ. އަޅުގަނޑު ބޭނުންވަނީ މިގޮތަށް މުޅި ރާއްޖޭގެ ހުރިހާ ރަށެއް ކަވަރ ކުރަން. އެގޮތުން، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެތިން ހަތަރު ހަފްތާގެ ތެރޭގައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދެވޭތޯ މަސައްކަތް މި ކުރަނީ. ކޮންމެ ރަށަކަށް ނުދެވުނު ނަމަވެސް، ވީހާވެސް ގިނަ ރަށަކަށް ގޮސް، އެހެން ނަމަވެސް، ހުރިހާ ކައުންސިލްތަކަކާ، ރައްޔިތުންގެ ފަރާތްޕުޅުން އަޅުގަނޑާ ބައްދަލުކުރެވޭނެ ނިޒާމު ޤާއިމުކޮށްގެން.

އާދެ، އެގޮތަށް މަސައްކަތް ކުރުމުން ލިބޭ ޔަޤީންކަމަކީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށްކަން އަޅުގަނޑުމެންނަށް މި ކަންކަން ކުރެވިގެން ދަނީ. އަދި އަޅުގަނޑުމެން ކަންކަން ކުރުމުގައި، ކައުންސިލަރުންނަށް، ރައްޔިތުންނަށް ދަންނަވަން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނާ ޙިއްޞާކުރެވި، ވީހާވެސް ގާތުން މަސައްކަތް ކުރެވޭ ތަން އަންނަނީ. އާދެ، އެހެންވީމާ، އެކަމަށްޓަކައި ދެއްވާ އެއްބާރުލުމަށް ކައުންސިލްތަކަށް ވަރަށް ބޮޑަށް ޝުކުރުވެސް ދަންނަވަން.

އާދެ، މި ރަށުގެ ތަރައްޤީއަށް ވަރަށްގިނަ ކަންކަން އެބަހުރި، ހަމަ ކޮންމެ ރަށެއްގައިވެސް ހުރި ފަދައިން. އެންމެ މުހިންމު ކަންކަމުގެ ތެރޭގައި، މައިގަނޑު ދެތިން ކަމެއް ކައުންސިލުން ފާހަގަކުރެއްވި. ދެންމެގައިވެސް އެ ފާހަގަކުރެއްވި ކަންކަން. ޚާއްޞަ ގޮތެއްގައި ބަނދަރު މިވަނީ ވަރަށް ބޮޑަށް ޖާގަ އިތުރުކުރަން ޖެހިފައި. މަސްވެރިކަމަށް ބޭނުންވާ އެކިކަހަލަ ބޭނުންތަކާ އެކީގައި. އެކަމަށްޓަކައި ބަޖެޓުގައިވެސް ކޮންމެވެސްވަރަކަށް ފައިސާ ވަނީ ހިމެނިފައި. އެކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް މިނިސްޓްރީގެ ފަރާތުން ވަރަށް އަވަހަށް މި ރަށަށް އަންނާނެ. ތިޔަބޭފުޅުންނާ މަޝްވަރާކޮށް، ބަނދަރުގެ ޕްރޮޖެކްޓް ޑިޒައިން ކުރާނީ. ކުރާއިރުގައި، ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތަށް، ސްލިޕްވޭއެއްވެސް ހިމެނޭގޮތަށް އިރާދަކުރެއްވިއްޔާ އެ ބަނދަރު ހަދައިދޭނެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ، ހަމަ އެއާއެކީގައި، ބިން އިތުރުކުރުމަކީ، މިހާރު ކުރަން ޖެހިފައި އޮތް ކަމެއް. އެކަމަށްވެސް ބަޖެޓުގައި ކޮންމެވެސްވަރަކަށް ފައިސާ ހިމެނިފައި ހުރީ. އާދެ، ރައްޔިތުން ބޭނުންވެވަޑައިގަންނަވާ ގޮތަށް، ބިން ހިއްކުމުގެ މަޝްރޫޢެއްވެސް، މި ރަށުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ ތާވަލުކޮށްގެން ކުރިއަށް ގެންގޮސްދޭނެ ވާހަކަ ދަންނަވަން.

އާދެ، ބިން މި ބޭނުންވަނީ މައިގަނޑު ގޮތެއްގައި ގެދޮރުވެރިކަމަށް. ދެން އިޤްތިޞާދީ ބޭނުންތަކަށް. ގެދޮރުވެރިކަމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު ސިޔާސަތު. އެ ސިޔާސަތުގެ ދަށުން މި ރަށުގައިވެސް އިރާދަކުރެއްވިއްޔާ އެއީ، އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމެއް. އަޅުގަނޑު ވަޢުދުވެފައި ވާނީ، މި ފަސް އަހަރުގެ ދައުރު ނިމޭއިރުގައި އިރާދަކުރެއްވިއްޔާ، ރާއްޖޭގައި ގެދޮރުގެ މައްސަލަ ޙައްލުނުވާ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް. އެ ޓާގެޓް ހާސިލުކުރުމަށް. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ ހާސިލުކޮށްދޭނަން.

މި ރަށުގައިވެސް ބިން ހިއްކައިގެން އަދި އެހެނިހެން ވަސީލަތްތައްވެސް، ލޯނު ފެސިލިޓީޒްތައްވެސް އަޅުގަނޑުމެން މި ބަލަނީ ހަމަ ވީހާވެސް އަވަހަކަށް މުޅި ރާއްޖެއަށް ފުރުޞަތު ފަހިކޮށްދޭން. ފަހިކޮށްދީގެން އެ ގެދޮރުގެ މައްސަލައިގެ ދަތިކަމަށް ޙައްލެއް ގެނެސްދޭން.

އާދެ، ހަމަ މިކަހަލަ ގިނަ މަސައްކަތްތަކެއް ހުރީ ކުރަން. މަގު ހެދުމުގެ މަސައްކަތަކީވެސް އެފަދަ ކަމެއް. އަޅުގަނޑުމެން ކެމްޕެއިންގައި ވަޢުދުވީ ގޮތަށް، މެނިފެސްޓޯގައި ހިމަނާފައި އޮތް ގޮތަށް، މަގު ހެދުމަކީ ވަރަށް މުހިންމު ކަމެއްދޭ ކަމެއް. ގިނަ ރަށްތަކުގައި، މި ރަށުގައި ހުރި ގޮތަށް މަގުތައް ހުރީ. އެހެންވީމާ، އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ، ހުރިހާ ސިޓީއެއްގައި ވިއްޔާ، ހުރިހާ މަގެއް ހަދާގޮތަށް. ދެންހުރި ރަށްރަށުގައި، މައި ހުރިހާ، މުހިންމު ހުރިހާ ޚިދުމަތްދޭ ތަންތަން ހުންނަ މަގުތައް، މި ފަސް އަހަރުގެ ތެރޭގައި ހަދައި ނިންމާގޮތަށް. އެހެންވީމާ، އެ ޕްލޭންގެ ދަށުން މި ރަށުގައިވެސް އެކަން ކުރިއަށް ގެންދާނަން އިރާދަކުރެއްވިއްޔާ. އެކަމަށްޓަކައި ބަޖެޓުގެ ތެރެއިން ޖާގަ ހޯދައިގެން އަދި އެހެނިހެން ފައިނޭންސިންގ ފެސިލިޓީޒްތައްވެސް ފަހިކުރެވޭތޯ ބަލަމުން، މި މަސައްކަތަކީވެސް ހަމަ އިރާދަކުރެއްވިއްޔާ ވެގެންދާނެ ކަމެއް.

އާދެ، ދެން ހަމަ އެއާއެކީގައި، ދެން ފާހަގަކުރެއްވި ކަންކަންވެސް، ރަނގަޅު ފެންވަރުގެ ރީތި ބޮޑު މިސްކިތެއް އެޅުމާއި، ޞިއްޙީ ނިޒާމަށް ބޭނުންވާ އެކިކަހަލަ ކަންކަން، ޚާއްޞަ ޑޮކްޓަރުން ހޯދުމާއި، ދަނޑުގެ މަސައްކަތް ނިންމައިދިނުމާއި، މިފަދަ ކަންތައްތައް އެހެރީ ކުރަން ޖެހިފައި. އެހެންވީމާ، މިކަންކަމަށް ހަމަ ޖުމްލަ ގޮތެއްގައި ދަންނަވަން އޮތީ، އިރާދަކުރެއްވިއްޔާ ރަނގަޅު ޙައްލު ގެނެސްދޭން މަސައްކަތް ކުރާނެ ވާހަކަ. އާދެ، ސްކޫލް ބޮޑުކުރުންވެސް ހަމަ އޭގެތެރޭގައި ހިމެނޭ ކަމެއް އެއީ. ދެން އެހެންވީމާ، މިހެންހުރި ކަންކަމަށް އަޅުގަނޑުމެން މަސައްކަތްތައް ކުރާނެ ކަމުގެ ޔަޤީންކަން މައިގަނޑު ގޮތެއްގައި އަޅުގަނޑު ދޭން ބޭނުންވަނީ.

އާދެ، މިކަންކަން މި ކުރެވެނީ، އިޤްތިޞާދުގައި ބުންވަރު އިތުރުކޮށްގެން. ތިޔަބޭފުޅުންނަށްވެސް އަދި ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު އަޅުގަނޑުމެން މަސައްކަތާ ހަވާލުވިއިރުގައި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ކުރިމަތިވެފައި އޮތީ، އޭގެ ކުރީގެ ސަރުކާރު ނިމިގެންދިޔައިރުގައި ކުރިމަތިކޮށްފައި އޮތް އިޤްތިޞާދީ ޙާލަތު. 120 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނި. އަދި އެތެރޭގެ ކުންފުނިތަކުން ރައްޔިތުންނަށް ދޭންހުރި ފައިސާ ނުހިމަނާ އެއީ. ކުންފުނިތަކުން އެކިކަހަލަ މަސައްކަތް، އެހެން މީހުން ލައްވައި ކުރުވާފައި، ޢާންމު ރައްޔިތުންގެ ކުދިކުދި ކުންފުނިތައް ލައްވައި ބިލްކޮށްފައި ހުރި އެތައް ބިލިއަން ރުފިޔާއެއް. އަޅުގަނޑު އެންމެފަހުން ބަލައިލިއިރުގައިވެސް، އަޅުގަނޑުމެންނާ ހަވާލުވިއިރުގައި ނުދައްކައި، 9 ވަރަކަށް ބިލިއަން، 9000 މިލިއަން، 9 ބިލިއަން ރުފިޔާގެ ޕެންޑިންގ ބިލްސް، އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު އެބައޮތް، ކުރީ ސަރުކާރުން ރައްޔިތުންނަށް ނުދީ. 9 ބިލިއަން ރުފިޔާގެ ދަރަނި، ސަރުކާރު ކުންފުނިތަކުން ޢާންމު ރައްޔިތުންނަށް. އެއީ، މިފްކޯއާއި، ދެންހުރި އެކި ކުންފުނިތައް. ފެނަކަ، ދެންގޮސް ހަމަ އެބައުޅޭ ސަރުކާރުގެ ގާތްގަނޑަކަށް ފަންސާހަކަށް ކުންފުނި. މި ފަންސާހަކަށް ކުންފުންޏާއި، ސަރުކާރުގެ މިނިސްޓްރީތަކުން ކުރުވާފައި ހުރި އެކިކަހަލަ މަސައްކަތްތައް، އެކި މިނިސްޓްރީތަކުން ކުރުވާފައި ހުރި އެކި މަސައްކަތްތަކާއި، އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތައް ހެދުމާއި، އިސްލާމިކް މިނިސްޓްރީން މިސްކިތްތައް ހެދުމާއި، މިހެންގޮސް ހުރިހާ މިނިސްޓްރީތަކުން ކުރުވާފައި ހުރި މަސައްކަތްތަކާއި، ކުންފުނިތަކުން ކުރުވާފައި ހުރި މަސައްކަތްތަކާއި، ލޯކަލް ޕޭމަންޓްސް. ރާއްޖޭގެ އެކި ކުންފުނިތަކަށް، އެކި ރައްޔިތުންނަށް ދޭން ޖެހިފައި، މިދިޔަ ސަރުކާރުން ނުދީ، ރައްޔިތުންނަށް ދަރާފައި 9 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުއްޓޭ. އެއީ، އަޅުގަނޑުމެންނާ ހަވާލުވިއިރުގެ ޙާލަތު. ރާއްޖެއިން ބޭރަށް ދައްކަން، އަޅުގަނޑުމެންގެ ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ 120 ބިލިއަންގެ އިތުރަށް، 9 ބިލިއަން ރުފިޔާ. އެ ފައިސާތައް ދެއްކުމުގެ މަސައްކަތް ފަށައިގެން މި ތިންމަހު މިދިޔައީ. މިއީކީއެއް އެހެންވީމާ، އަޅުގަނޑުމެން އައިސްގެން އަލަށް ދައްކަން ޖެހިފައި ހުރި ފައިސާއެއް ނޫން.

މިއަދު ސިޔާސީ ފަރާތްތަކުން، މަސްވެރިންގެ ވާހަކައެއް ނޫން. ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ފަރާތްތަކުން ދައްކާ ވާހަކަ ދައްކާ ގޮތުން މި ހީވަނީ، އަޅުގަނޑުމެން އައިފަހުން ތަންތަނަށް ދައްކަންޖެހި، ރައްޔިތުންނަށް ދަރާފައި ހުރި ފައިސާތަކެއްގެ ވާހަކަ ކަމަށް. އެހެނެއް ނޫން، ކަން އޮތީކީއެއް. މި ދެންނެވި ފައިސާ ނުދައްކައި އޮތީމާ، ރާއްޖޭގެ އިޤްތިޞާދު އަނދަވަޅަކަށް އެހާބޮޑަށް ވެއްޓިފައި އޮތީ. އެ ފައިސާތައް ދެއްކުމުގެ މަސައްކަތް، އަޅުގަނޑުމެން އިތުރަށް ފައިސާ ޗާޕްނުކޮށް، ފައިސާ ދެއްކުމުގެ މަސައްކަތް މި ކުރަނީ. ފައިސާ ޗާޕްކުރުން މިއީ، އަޅުގަނޑުމެންނަށްވެސް ވަރަށް ފަސޭހަގޮތެއް. ފައިސާ ހަމަ ޗާޕްކުރަންވީ ނޫންތޯ. ކޮށްފައި މި ފައިސާވެސް ދައްކަން. އެކަމަކު އޭރުން ހަމަ އަނެއްކާވެސް އިތުރު އަނދަވަޅަކަށް އިޤްތިޞާދު އެ ވެއްޓެނީ. އަނެއްކާވެސް އިތުރު އަނދަވަޅަކަށް ވެއްޓެނީ. ދުވަހަކު ސަލާމަތްނުވާނެ. އެހެންވީމާ، އެކަން ނުކުރާން ނިންމި ނިންމުން އެއީ، އަޅުގަނޑު ކެމްޕެއިންގައި ވީ ވަޢުދެއް. ތިޔަ ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި، އަޅުގަނޑުމެން އިޤްތިޞާދު ނަގައި ކޮޅަށް ޖަހަންޏާ، ކުރަން މަޖުބޫރު އަސާސީ ކަމެއް، ފައިސާ ޗާޕްކުރުން ހުއްޓާލުން. އެ ހުއްޓާލީ 31 ޑިސެންބަރުން ފެށިގެން. މަޖިލިސް ހުޅުވި ދުވަހު އަޅުގަނޑު އެ ވާހަކަ ދެންނެވިން. 31 ޑިސެންބަރު، މާނަޔަކީ 1 ޖަނަވަރީ 2024ން ފެށިގެނެއް މި ރާއްޖޭގައި ފައިސާ ޗާޕެއް ނުކުރާނެ. އޭގެކުރިން ނިމިދިޔަ 5 އަހަރު، އޭގެކުރީގެ 40 އަހަރު ނުކުރާވަރަށް ފައިސާ ޗާޕްކުރި. ވަރަށް ޣައިރު ޒިންމާދާރު ކަމެއް. އެކަން ކުރީމަ ފައިސާގެ އަގު ވެއްޓުނީ. އެތައް ކަމެއް، އެތައް ގޮތަކުން، އެތައް ގުނަޔަކުން އިޤްތިޞާދު އަނދަވަޅަކަށް ވެއްޓިގެން މިދިޔައީ.

އަދި އޭގެއިތުރަށް، ދައްކަންހުރި ދަރަނިތަކަށް ޖަމާކޮށްފައި ހުރި ޑޮލަރުކޮޅުވެސް މާރުކޮށް، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރި އެތައް ސަތޭކަ މިލިއަން ޑޮލަރެއް މާރުކުރީ. މިހާރު އަނެއްކާ އަޅުގަނޑުމެން އެ ފަންޑަށް، ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި، ކުރިއަށް އޮތް ދެ އަހަރު ދައްކަން ހުރި ބޮޑެތި ލޯނުތަކަށް ޑޮލަރު ޖަމާކުރަން މި ފެށީ. މިއީ ކުރަން ޖެހިފައި ހުރި ކަންކަން. މުޅި ޕިކްޗަރ އެކީގައި ބަލަން އެބަޖެހޭ. މުޅި މަންޒަރު އެކީގައި ބަލަންޖެހޭނެ. އަޅުގަނޑުމެން ހަވާލުވީ އެކަން އޮތް ޙާލަތު އެނގިހުރެގެން، ރައްޔިތުންނަށް އެޖެންޑާ ހުށަހަޅައިގެން، ރައްޔިތުން ބަލައިގަތީމަ. ރައްޔިތުން ހަވާލުކުރީ މަސައްކަތް. އަޅުގަނޑާ ޒިންމާ ހަވާލުކުރެއްވީ ތިޔަބޭފުޅުން. ހަވާލުކުރެއްވި ޒިންމާ މި އަދާކުރަނީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި. ދެ ފުށް ފެންނަ ގޮތަށް. ފޮރުވިފައި އެއްވެސް ކަމެއް ނެތް. އެހެންވީމާ، މި އިޤްތިޞާދު ނަގައި ކޮޅަށް ޖެހުމުގައި، މިހިރީއޭ ކަންކަން ހުރި ހިސާބަކީ.

އެހެންވީމާ، އަދި މިވީ ތިންމަސް ދުވަސް އިއްޔެއަށް. އެ ތިންމަސް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ފައިސާ ޗާޕްކުރުން ހުއްޓާލައި، އެތައް ސަތޭކަ މިލިއަން ރުފިޔާއެއް މިހާރުވެސް، މި ދެންނެވި 9 ބިލިއަން ރުފިޔާގެ ތެރެއިން، އެކިއެކި ކުންފުނިތަކަށާއި، ޢާންމު ފަރުދުންނަށް ދައްކައިފިން. ޢާންމު ފަރުދުންނަށާއި، އެތައް ކުންފުނިތަކަކަށް ދައްކައިފިން. އެކި މިނިސްޓްރީތަކުންވެސް އެދަނީ އެގޮތަށް ހުރި ޕެންޑިންގ ބިލްސްތައް، ނުދައްކައި ހުރި ފައިސާތައް ދައްކައި ޚަލާޞް ކުރަމުން. ބައެއް މިނިސްޓަރުން، މިގޮތަށް ޖަލްސާތަކުގައި އެދަނީ އެ ވާހަކަތައްވެސް ވިދާޅުވަމުން. އިސްލާމިކް މިނިސްޓްރީން ދައްކަންހުރި ފައިސާ، އެޑިޔުކޭޝަން މިނިސްޓްރީން ދައްކަންހުރި ފައިސާ، އެހެން ހުރިހާ މިނިސްޓްރީއަކުން، އެންމެ ބޮޑެތި މިނިސްޓްރީތަކުން އަދި މާގިނައިން، މި ދެންނެވީ ޕްރޮޖެކްޓްސްތައް ހިންގާ، ގިނަ މަސައްކަތްތައް ކުރާ ކުންފުނިތައް، މިނިސްޓްރީތަކުން، އިންފްރާސްޓްރަކްޗަރ މިނިސްޓްރީ ފަދަ.

އެހެންވީމާ، މި ހުރިހާ ފައިސާއެއް މިދަނީ ދައްކަމުން. އަޅުގަނޑުމެން މި ދެންނެވި ގޮތަށް، ފައިސާ ޗާޕްކުރުން ހުއްޓާލާފައި ތިބެގެން. މިކަމުގެ މެގްނިޓިއުޑް އަޅުގަނޑުމެން އަންޑަރސްޓޭންޑް ވާންޖެހޭނެ. އެހެންވީމާ، އައި.އެމް.އެފް.އިންވެސް އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ ބަލައިގަތީ. އެއީ، ރައްޔިތުންނަށް އެންމެ ހެޔޮގޮތްކަން އެ ބޭފުޅުން އެކްނޮލެޖް ކުރައްވައި، އެވަނީ އެކަން ރަސްމީކޮށް އިޢުލާނު ކުރައްވާފައި. އޭގެ މާނަޔަކީ، ކުރިއަށް އޮތް ދުވަސްތަކުގައި، މިގޮތުގައި ކުރިއަށްދާނަމަ، ތަރައްޤީވެސް ގެންނަމުން، ދައްކަންހުރި ފައިސާ ދައްކަމުން، އިޤްތިޞާދު ހަރުދަނާ ކުރަމުން، އިޤްތިޞާދަށް އިތުރަށް ފައިސާ ވަންނާނެ ގޮތްތައް ހުޅުވަމުން، ދޮރުތައް ހުޅުވަމުންދާނަމަ، ދެން ފެންނާނީ ތިޔާގި ދުވަސްތައް ކަމަށް.

އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރުމަށް މިދަނީ އެތައް ކަމެއް ކުރަމުން. އެއަރޕޯޓުތައް އަވަހަށް ނިންމަނީ. އެންމެބޮޑު އެއަރޕޯޓާއި، ދެންހުރި އިންޓަރނޭޝަނަލް އެއަރޕޯޓުތައް ނިންމައި، އަލަށް ހަދަންހުރި އިންޓަރނޭޝަނަލް އެއަރޕޯޓުތައް ހަދަން ހަވާލުކުރުން. އިޤްތިޞާދީ ދޮރުތައް މި ހުޅުވަނީ. އިންޓަރނޭޝަނަލް އެއަރޕޯޓުތައް. ނުނިމިހުރި ރިޒޯޓުތައް ނިންމޭނެ މަގުތައް ފަހިކޮށްދެމުންނާއި އަދި ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނެ ކަހަލަ ކަންކަން، އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސް ސެންޓަރުތައް އުފެއްދުމަށް މަގުފަހިކޮށްދިނުމަށް، އެކަމަށް ޚާއްޞަ އޮތޯރިޓީއެއް ވަނީ އުފައްދާފައި.

ސްޕެޝަލް އިކޮނޮމިކް ޒޯން ޤާނޫނު ތަންފީޒު ކުރަން ފަށައި، އެކަމަށް ޕްރޮޕޯޒަލްތައް އެދަނީ އަޅުގަނޑުމެންނަށް މިހާރު ލިބެމުން. މިއިން ފެންނާނީ، ކުރިއަށް އޮތް ދުވަސްތަކުގައި، މި އަހަރު ތެރެއިން ފެށިގެން ކުރިއަށް އޮތް އަހަރުތަކުގައި، އަޅުގަނޑުމެންގެ ރައްޔިތުން އިރާދަކުރެއްވިއްޔާ މުއްސަނދިވެގެންދާ ތަން.

މިކަހަލަ ދޮރުތައް ހުޅުވައި، ޕްރައިވެޓް ސެކްޓަރއަށް ފުރުޞަތު ދީގެން، ޕްރައިވެޓް ސެކްޓަރއިން ލީޑްކުރާ އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި ފުރުޞަތު ދީގެން، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރަން ފުރުޞަތު ދީގެން، ޚަރަދުތައް ދެކޮޅުޖައްސަމުން، ބޭކާރު ޚަރަދުތައް ހުއްޓާލަމުން، މިކަންކަން ކުރުމުންނޭ، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަރާނީ. ބިލްތައް ދައްކަމުން މިދަނީ. އެހެންވީމާ، މި ހުރިހާ ކަމެއް އެކީގައި ކުރިއަށް މިގެންދަނީ އެހެންވެގެން.

އާދެ، އެހެންވީމާ، މި ދެންނެވި 9 ބިލިއަން ރުފިޔާގެ ތެރެއިން، އެކި ކުންފުނިތަކުންނާއި ސަރުކާރުން މިދަނީ ފައިސާ ދައްކަމުން. އޭގެތެރޭގައި، އެންމެބޮޑު އެއް އިންޑަސްޓްރީ، މަސްވެރިކަމުގެ އިންޑަސްޓްރީގެ ފައިސާވެސް މިއޮތީ ދައްކަން. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، ގާތްގަނޑަކަށް 260 އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ އޭރުވެސް ހުރީ ނުދައްކާ. އަޅުގަނޑުމެންނާ 17 ނޮވެންބަރުގައި ހަވާލުވިއިރު މިފްކޯއިން ނުދައްކާ ހުރީ. މި ދެންނެވި ފައިސާގެ ތެރެއިން އެއްބައި އެއީ.

އެހެންވީމާ، އެ 260 އެވަނީ ދެއްކިފައި. އެހެން ނަމަވެސް، ހަމަ މަސްވެރިކަން އިރާދަކުރެއްވީތީ ތިޔާގިކަމާއެކީ ކުރިއަށްދާއިރުގައި، ފައިސާ ދައްކަންޖެހޭނެ. އަޅުގަނޑުމެންވީ ވަޢުދަކީ ކޮބައިތޯ. ޓާގެޓަކީ ފޯރޓީ އެއިޓް އަވަރސް. 48 ގަޑިއިރުގެ ތެރޭގައި، މަސްވެރިންނަށް ފައިސާ ލިބޭނެ ނިޒާމު ޤާއިމުކުރާނަމޭ. އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯ ވަޢުދު. އަޅުގަނޑަކީ ވަޢުދުވާ ގޮތަކަށް އިރާދަކުރެއްވިއްޔާ ކަން ކުރާނެ މީހެއް. އެ ޓާގެޓަށް ދާން މިކުރާ މަސައްކަތް މި ކުރަނީ، އިރާދަކުރެއްވީތީ އިޤްތިޞާދު ހަރުދަނާ ކުރަމުން. އެ ޓާގެޓަށް ދާނަން އިރާދަކުރެއްވިއްޔާ. އެކަމަކު ދިޔުމުގައި، މިހިރީއޭ ކަންކަން ހުރި ހިސާބު. އެހެންވީމާ، އެކަންކަން ރަނގަޅު ކުރުމަށް ނަގާ ވަގުތު މި ނަގަނީ. މިއީ، މުޅި ރާއްޖެއަށް ކުރިމަތިކޮށްފައި، އަޅުގަނޑުމެންގެ އަތްމައްޗަށް ދޫކޮށްލާފައި އޮތް ޙާލަތޭ. އަޅުގަނޑުމެންނަށް ވާރުތަވި ޙާލަތު އޮތް ހިސާބު.

އެހެންވީމާ، އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތޭ މިކުރަނީ. ހަމަ ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންނަށްޓަކައި. ރައްޔިތުން ހަވާލުކުރި ޒިންމާ މި އަދާކުރަނީ. އެހެންވީމާ، މަސްވެރިންނަށް މިއަދާ ހަމަޔަށް އައިއިރުގައި، މި ދެންނެވި 260 މިލިއަން ރުފިޔާގެ އިތުރަށްވެސް ފައިސާ ދެއްކި، 442 މިލިއަން ރުފިޔާ މިވަނީ މިހާތަނަށް ދެވިފައި، މިދިޔަ ތިންމަސް ތެރޭގައި. ގާތްގަނޑަކަށް ބައި ބިލިއަން، 442. އެހެން ނަމަވެސް، ހަމަ އަދިވެސް އިތުރަށް 300 އެއްހާ މިލިއަން ދޭން އެބައޮތް. މި ރަށަށް އެކަނި ތިޔަ ވިދާޅުވީ 20 މިލިއަން ދޭން އެބައޮތޭ.

އެހެންވީމާ، މި ގެޕް އަވަހަށް ފިލް ކޮށްލައި، މި ދެންނެވީ މި ނުދެއްކި ހުރި ފައިސާ އަވަހަށް ދައްކައި ނިންމާލަން އަޅުގަނޑުމެން ބޭނުންވަނީ. އެހެންވީމާ، އެ ފައިސާ އިރާދަކުރެއްވިއްޔާ އަވަހަށް ދައްކައި ނިންމައި، ދެން ކުރިއަށް އޮތް ތަނުގައި، މެކްސިމަމް ފޯރޓީ އެއިޓް އަވަރސް، ނޫނީވިއްޔާ އެންމެ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އަބަދުވެސް ފައިސާ ދެއްކެމުންދާ ނިޒާމަކަށް ދާން މި މަސައްކަތް މި ކުރަނީ. އެހެންވީމާ، މިއީކީއެއް އެނޫން އެހެން ގޮތަކުން އޮތް ކަމެއް ނޫނޭ، އަޅުގަނޑު ދަންނަވަން މިއުޅެނީ. ވަރަށް ސާފުކޮށް، ކަން އޮތް ގޮތަށް މި ދެންނެވީ.

އެހެންވީމާ، މިކަމުގައި ރައްޔިތުންގެ ކިބައިން އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ އެދެން އޮތީ، މި ޙަޤީޤަތް ގަބޫލުކޮށްދެއްވާށޭ. މިނޫން ޙަޤީޤަތެއް މިއަކު ނެތް. މިކަމުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް މި ކުރަނީ ރައްޔިތުންގެ ޙައްޤުގައި. އަޅުގަނޑު ފައިސާ ޗާޕްކުރުން ހުއްޓާލީ ހަމަ ރައްޔިތުންގެ ޙައްޤުގައޭ. ފައިސާ ޗާޕްކުރަމުން ދިޔަނަމަ، ހަމަ ތިޔަ ފައިސާވެސް ދައްކާލެވުނީސް. އެކަމަކު އެކަން ކުރީމާ އަނެއްކާވެސް ހަމަ މަސްވެރިންނަށް، ހުރިހާ އިންޑަސްޓްރީތަކަށް، ހުރިހާ ރައްޔިތުންނަށް ލިބޭނީ ގެއްލުން. އެއިން އަރައެއްނުގަނެވޭނެ. އެއަކުން އަރައެއްނުގަނެވޭނެ ފަސޭހަ ގޮތެއްގައި. ކުރިއަށް އޮތް 10 އަހަރުވެސް އަރައެއްނުގަނެވޭނެ. އަޅުގަނޑުމެން އީޒީގޮތް ނަގައިފިއްޔާ. އަބަދުވެސް ފަސޭހަގޮތް ނަގައިގެން އުޅެފިއްޔާ.

އެހެން ނަމަވެސް، އަޅުގަނޑުމެން ފައިސާ ޗާޕްކުރުން ހުއްޓާލައި، އަޅުގަނޑުމެން ސަބްސިޑީޒް މިދޭ ނިޒާމު ރަނގަޅުކޮށް، ސަބްސިޑީ ލިބެންޖެހޭ ފަރާތްތަކަށް ސަބްސިޑީ ލިބޭގޮތް ހަދައި، އާސަންދަ ނިޒާމު ހަރުދަނާކޮށް، އާސަންދަ ލިބެންޖެހޭ ފަރާތްތަކަށް، އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް އެންމެ ގިނައިން، އެންމެ ރަނގަޅަށް އެކަން ބައްޓަންވާނެ ގޮތް ހަދައި، މިފަދަ އެތައް ކަމެއް ކޮށް، އަޅުގަނޑުމެންގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، މިހާރު އަޅުގަނޑު އޮންނާނީ ނިންމާފައި، ހުރިހާ މިނިސްޓްރީތަކަށާއި ހުރިހާ ކުންފުނިތަކަށް އަންގާފައި. ހުރިހާ ފަރާތްތަކުންވެސް އެންމެ ޒަރޫރީ ޚަރަދުތައް ނޫނީވިއްޔާ ނުކުރުމަށް. ތަރައްޤީގެ މަޝްރޫޢުތަކަށް ކުރަންޖެހޭ ކަންކަން ކުރަންޖެހޭނެ. އެހެން ނޫނީވިއްޔާ، ދެންހުރި، މިސާލަކަށް، ރާއްޖެއިން ބޭރަށް ދަތުރުތައް ކުރުންކަހަލަ ކަންތައްވިޔަސް ހުއްޓާލާފައި އޮންނާނީ މިހާރު. ހުއްޓާލަން އަންގާފައި.

އެހެންވީމާ، އެއްވެސް ފަރާތަކުން ނުކުރާނެ. އަޅުގަނޑުމެންގެ މި ރަށްރަށަށް ކުރާ ދަތުރުތައްވެސް މިއަށްވުރެ، ކުރިއަށް އޮތް ތަނުގައި އަދި މިހާރަށްވުރެވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމުވެސް ކުޑަކޮށް، އަޅުގަނޑުމެން ބަލާނީ ވީހާވެސް ޚަރަދު ކުޑަކޮށް ކުރަން. ޚަރަދު ކުޑަކުރުމާއި، އަޅުގަނޑުމެން މި ދެންނެވި ގޮތަށް، ކުންފުނިތައް ހަރުދަނާ ކުރުމާއި، ކުންފުނިތަކުން ރައްޔިތުންނަށް ދައްކަންހުރި ފައިސާ ދައްކަމުންދިޔުމާއި، ދެން މި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޑޮލަރު ޖަމާކުރުމުގެ މަސައްކަތް ކުރުމާއި، އަޅުގަނޑުމެންގެ މިހެންހުރި ހުރިހާ ކަމެއް، އިޤްތިޞާދީ ހުރިހާ ކަމެއް ރަނގަޅު ކުރުމުގެ މަސައްކަތް މި ކުރަނީ. އިޤްތިޞާދަށް އިތުރު ފައިސާ ވަންނާނެ ގޮތްތައްވެސް ފަހިކުރުމާ. ގިނަ ކަންކަން އެއްކޮށްގެން، މުޅި ވަށާޖެހޭ އިޤްތިޞާދީ އެޖެންޑާއެއް ކުރިއަށް މިގެންދަނީ. އެކަން ބޭރުގެ ފަރާތްތަކުންވެސް އެ ބަލައިގަންނަނީ.

އެހެންވީމާ، އެގޮތަށް މި ކުރެވޭ މަސައްކަތް ކުރެވިގެންދިޔައިމާ، މާލަސްތަކެއްނުވެ ފެނިގެންދާނީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާ ތަން. ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑުމެން މިހާރު ފަށަން މި މަސައްކަތް ކުރާ ތަރައްޤީގެ ބައެއް މަޝްރޫޢުތައްވެސް ފެށިގެންދާއިރު، އެއިންވެސް ލިބިގެންދާނީ، ކުދިކުދި ވިޔަފާރިތަކަށް އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އާރޯކަން. އެއީ، ކީއްވެތޯ؟ އެއީ، އަޅުގަނޑުމެން ފަށަން މި މަސައްކަތްކުރާ ތަރައްޤީގެ އާ މަޝްރޫޢުތަކަށް، އެ ފައިސާ ޚަރަދު ކުރެވިގެންދާއިރުގައި، އެ މަޝްރޫޢުތަކުގެ ކަންކަން، ސަބް-ކޮންޓްރެކްޓަށް ނަގާނީ ދިވެހި ރައްޔިތުން. ބޭރުގެ ކުންފުނިތަކަކުންނެއް ނޫން. އެ މަޝްރޫޢުތަކަށް ބޭނުންވާ މެޓީރިއަލް، ލޯކަލީ ސޯސް ކުރެވެންހުރި މެޓީރިއަލެއްވިއްޔާ، ސޯސް ކުރުމުގެ ފުރުޞަތު ދޭނީ އެ މަޝްރޫޢުތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް. އެއީ، ކުރީގައިވެސް މަސައްކަތްތައް ހިންގާފައި ހުރިގޮތް.

އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، ރާއްޖޭގައި ބޮޑެތި އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ހިންގަމުންދާއިރުގައި، އޭގެ ފުރިހަމަ އިފެކްޓް، އަސަރު، ޕޮޒިޓިވް އަދި އިޤްތިޞާދީ އަސަރު، ކުރިއެރުން އިޙްސާސްވާނެ ރައްޔިތުންނަށް. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާނީ. މިދޭތެރެއިން ކިހިނެއްތޯ ތަރައްޤީގެ މަޝްރޫޢުތައް ދިޔައިރު ދިޔައީ. އެންމެ ކުޑަކުޑަ އެއްޗެއްވެސް، ރާއްޖޭގެ ފިހާރަޔަކުން، ރަށެއްގެ ފިހާރަޔަކުން ނުގަނޭ. އެހެންވީމާ، އެގޮތަށް މަސައްކަތް ކުރީމަ، ރައްޔިތުންނަށްވާ ފައިދާއެއް ނޯވޭ. ބޭރުން ހުރިހާ އެއްޗެއް ގެނެސްގެން، މަޝްރޫޢުތައް ކުރިއަށް ގެންދިޔައީ. އެހެންވީމާ، މިގޮތަށް ކުރިއަށް އޮތް ތަނުގައި، ތަރައްޤީގެ މަޝްރޫޢުތައްވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ.

އާދެ، އަޅުގަނޑު ހަމަ މި ހުރިހާ ކަމެއް ވަރަށް ކުރުގޮތަކަށް، އެހެން ނަމަވެސް، މުޅި މަންޒަރު އެކީގައި ވީހާވެސް ބޮޑަކަށް ކިޔައިދެވޭތޯ މި ބެލީ. ދަންނަވާލަން ބޭނުންވި މެސެޖަކީ، މިއޭ، ކަން އޮތް ހާލަތަކީ. މިއޭ މިކަން ކުރާ ގޮތަކީ. މިއިން ވާނެ ފައިދާއަކީ މިއޭ. މިގޮތަކަށް ނޫނޭ ކަންއޮތީ. ރައްޔިތުންނަށް އެންމެ ރަނގަޅުވާނެ ގޮތް، އެންމެ ބޮޑަށް، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ފަހިކަން ލިބި، މުއްސަނދިކަން ލިބި، ކުރިއެރުން އަންނާނެ ގޮތަކީ މިއީކަން.

އެހެންވީމާ، މިގޮތަށް މި ކުރިއަށްގެންދާ ގެންދިޔުމުގައި، ތަރައްޤީގެ މަސައްކަތްތައްވެސް، ދެންމެ މި ދެންނެވި، މި ރަށުގެ ބިންހިއްކުމާއި، ބަނދަރު ހެދުމާ، މިހެންހުރި ހުރިހާ ކަމެއްވެސް ހަމަ އަޅުގަނޑުމެން ކުރިއަށް ގެންދާނަމޭ. އަދި ދެންހުރި މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ ދާނެއޭ. އެކަންކަން ކުރަމުން، މި ދެންނެވި 9 ބިލިއަން ރުފިޔާ ރައްޔިތުންނަށް ދެމުން، ބޭރުގެ ދަރަނި ދައްކަމުން، ބޭރަށް ޑިފޯލްޓްނުވެ ދާނީ. އަޅުގަނޑުމެން ޑިފޯލްޓް ވެއްޖެ ކަމަށް، ނޫނީވިއްޔާ ބަނގުރޫޓު ވެއްޖެ ކަމަށް ދޮގުހަދަމުންދާ ދިޔުން އެއީ، ޙަޤީޤަތެއް ނޫން. ޑިފޯލްޓް ނުވެ، ފައިސާ ދައްކަމުން، ރައްޔިތުންނަށް މުސާރަ ދެމުން، ތެލަށް ފައިސާ ދައްކަމުން، މި ހުރިހާ ކަމެއް ކުރަމުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކޮށްދެމުން މިދަނީ. އެއީ، ޙަޤީޤަތް.

އެހެންވީމާ، މި ޙަޤީޤަތް ގަބޫލުކުރެއްވުމަށް އަޅުގަނޑު އެދެނީ. ގަބޫލުކުރައްވައި، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އެއްބާރުލުން ދެއްވުން. ކުރިއަށް އޮތް ތަނުގައި ހަމަ އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް ކަންކަން ކުރިއަށްދާނެ. މަސްވެރިކަމުގެ އިންޑަސްޓްރީވެސް، ދެންހުރި އިންޑަސްޓްރީތަކަށްވެސް އިރާދަކުރެއްވިއްޔާ އާރޯކަން ގެންނާނަން. ވަރަށްގިނަ ވަޢުދުވެފައި ހުންނާނީ މަސްވެރިކަމުގެ އިންޑަސްޓްރީއަށްވެސް. ވަރަށްގިނަ ވަޢުދު. އެއްވެސް ކަމެއް ހަނދާނެއް ނުނެތޭނެ.

އަޅުގަނޑު ދެއްކި ހުރިހާ ވާހަކައެއް އެހެރީ ރެކޯޑު ކުރެވިފައި. ރަސްމީ ކުރެވިފައި. ފޮތެއް ގޮތަށް އެއޮތީ ލިޔެފައި، ނެރެފައި. މިއަދު އަޅުގަނޑު ކައުންސިލާ ހަވާލުކޮށްފިން. ކެމްޕެއިން ތެރޭގައި އަޅުގަނޑު ދެއްކި ހުރިހާ ވާހަކައެއް ހިމެނޭގޮތަށް، ޗާޕްކޮށްފައި އޮތް. ވަޢުދުތައްވެސް އޭގައި ހިމެނޭނެ. ހުރިހާ ވާހަކައެއް. 1024 އަށްވުރެ ގިނަ ޞަފްޙާ ހިމެނޭ ފޮތެއް ހަވާލުކޮށްފައި މިދިޔައީ. ތިޔަބޭފުޅުން ބައްލަވަންވީ. ރައީސް އޮފީހުގެ ވެބްސައިޓުގައި، އޭގެ ޑިޖިޓަލް ވަރޝަން އޮންނާނެ. އޭގެ ބޭނުމަކީ ކޮބައިތޯ. އަޅުގަނޑު ބޭނުންވަނީ، ތިޔަބޭފުޅުންނަށް އެހާ ދެ ފުށް ފެންނަގޮތަށް ފެންނަން، އަޅުގަނޑު ދެއްކި ވާހަކަ، އެ ދެއްކީ ކީއްވެގެންކަމާއި، އެކަން ކޮށްދޭންކަން. ތިޔަބޭފުޅުން އަޅުގަނޑު ގާތުގައި ވިދާޅުވާންވީ، މިސާލަކަށް، މީގައި މިއޮތީ މިހެންނޭ. އެކަމެއް ނުކުރެއޭ. އެގޮތަކަށް ނޫނޭ ދަނީ. އެ ޗެލެންޖްވެސް ކުރާނެ ފުރުޞަތު ދޭންވެގެން. އެއީ، އަޅުގަނޑު ކަންކަން ކުރަން ބޭނުންވެގެން އެ ވާހަކަ ދެއްކީ. ވަޢުދުވީ، ވަޢުދު ފުއްދަން ބޭނުންވާތީ. އިރާދަކުރެއްވިއްޔާ ވަޢުދު ފުއްދަމުން ދާނީ. 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކޭ ހިސާބަށް އަޅުގަނޑު ގެންދާނަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން. އެކަމަކު އެ ހިސާބަށް ދާން ހުރި ޗެލެންޖަސް މި ކިޔައިދިނީ.

އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑު މި ދެއްކި ވާހަކަ މަސްވެރިން ބަލައިގަތުމަށް. ވަރަށް އިޚްލާޞްތެރިކަމާ އެކީގައި އެދެން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަމުންވެސް ދަންނަވާނީ، މި ރަށުގެ ތަރައްޤީއަށްވެސް އަދި ރާއްޖޭގެ ހަމަ ކޮންމެ ރަށެއްގެ ތަރައްޤީއަށްވެސް ކުރަންހުރި މަސައްކަތްތައް، ވަޢުދުވީ ގޮތަށް، އަދި ވަޢުދުގައި ނެތަސް، އަލަށް ކުރަންހުރި ކަމެއްވެސް ތިޔަބޭފުޅުން ވިދާޅުވީމަ، އެކަމެއް ތަރުތީބުކޮށްގެން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރަމުން، ރާއްޖޭގެ ރައްޔިތުންނަށް ހަމަހަމަކަމާއެކީގައި، ތަފާތުކުރުމެއްނެތި، އެންމެ ކުޑަ ރަށަށްވެސް، އެންމެ ބޮޑު ރަށަށްވެސް، ހަމަހަމަކަމާއެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތަރައްޤީ ގެނެސްދޭނަމޭ.

އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.