بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު، ހުޅުދޫ އަދި މީދޫގެ ރައްޔިތުން، އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޙަފްލާ ބައްލަވަމުން ގެންދަވާ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އަޅުގަނޑުމެން ހުޅުމީދުއަށް މިއަދު އައުމުން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ކެމްޕެއިންގެ ތެރޭގައި ދެފަހަރަކު އާދެވުނު ހުޅުދުއަށް. ތިޔަބޭފުޅުން ވަރަށްބޮޑު ތަރުޙީބެއް އަޅުގަނޑަށް ވިދާޅުވި. އަދި ވަރަށްބޮޑު ތާއީދެއް ދެއްވި. އެކަމަށްޓަކައިވެސް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ވަޢުދުވުމަކީ، ވަޢުދެއް ވާންވެގެން ވާ އެއްޗަކަށް ވެގެން ނުވާނެ. އެ ވާ ވަޢުދަކީ ހިތުގެ އިޚްލާޞްތެރިކަމާ އެކުގައި، އެ ކަމެއް ފުއްދުމުގެ ނިޔަތުގައި ވާ ވަޢުދަކަށް ވާންޖެހޭނެ. މިއަދާ ހަމަޔަށް އައިއިރުގައި، ރައްޔިތުންނަށް ކޮށްދޭނެ ކަމަށް އަޅުގަނޑު ކެމްޕެއިންގައި ދެންނެވި ކަންކަން ކޮށްދިނުމުގައި، އިރާދަކުރެއްވިއްޔާ ފައިތިލަ ސާބިތުކޮށް މި ހުންނަނީ އަޅުގަނޑުމެންގެ ޓީމާ އެކީގައި. ރެޔާއިދުވާލު އެ މަސައްކަތުގައި މިދަނީ އިރާދަކުރެއްވިއްޔާ ކުރިއަށް.

މިއަދު އެގޮތުން، އަޅުގަނޑު އެންމެ މުހިންމު ވަޢުދެއްގެ ގޮތުގައި މި ސިޓީއަށް ވީ ވަޢުދު އެއީ، އައްޑޫ ބުރިޖުގެ ވަޢުދު. އެކަން ޙަޤީޤަތަކަށް ހެދުމުގެ އެންމެ މުހިންމު އެއްބަސްވުމުގައި މި ސޮއި ކުރެވުނީ. އެކަމަށްޓަކައި، އެކަމުގެ މުނާސަބަތުގައި އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް މަރުޙަބާ ދަންނަވަން.

ދެންމެ މުއްޠަލިބް ފާހަގަކުރެއްވި ފަދައިން، މިއީ ހަމައެކަނި އޭގެ ފީޒިބިލިޓީ ހަދާލަން އެކަނި ކުރާ ކަމެއް ނޫން. ހަނދުމަފުޅު ހުންނާނެ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތް ކުރިއިރުގައިވެސް އަޅުގަނޑުމެން ފުރަތަމަ ސޮއިކުރީ މިކަހަލަ އެއްބަސްވުމެއްގައި. ފީޒިބިލިޓީ ހެދުން، ޑިޒައިން ކުރުން އެއީ، ކޮންމެ ގޮތެއްވިޔަސް، މިކަހަލަ ކަމެއް ކުރާއިރުގައި އަދި އަމުދުން ކޮންމެކަހަލަ މަޝްރޫޢެއް ކުރިއަށް ގެންދާއިރުގައިވެސް ހަދަންޖެހޭ ސްޓަޑީއެއް އޮންނާނެ. އަދި އަމުދުން މިކަހަލަ ކޮމްޕްލިކޭޓަޑް ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދާއިރުގައި، ވަރަށް ތަފްޞީލުކޮށް ދިރާސާތައް ހަދަންޖެހޭނެ. ކަނޑުއަޑީގެ ތަފްޞީލުތަކާއި، އިންޖިނިއަރިންގ ޑިޒައިނާއި، އެ ހުރިހާ ކަމެއް. ދެންމެ މުއްޠަލިބް ފާހަގަކުރެއްވި ގޮތަށް، ޑިޒައިން ނިންމުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ބޭނުންވާނެ. މިހާ ދިގު ބުރިޖެއް އަދި ރާއްޖޭގެ ތާރީޚުގައިވެސް ހެދޭނެ އެންމެބޮޑު ބުރިޖު މި ހެދިގެން މިދަނީ. މިހާތަނަށްވެސް އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި ރާއްޖެއަކު މިއަށްވުރެ ބޮޑު ބުރިޖެއް ނެހެދޭނެ.

އެހެންވީމާ، މިވަރު މަސައްކަތެއް ކުރާއިރުގައި، ރައްޔިތުންނާ ވަރަށްގާތުން، ވަރަށް ޓެކްނިކަލް މަސައްކަތެއް ކުރެވެންޖެހޭނެ. މި މަސައްކަތް ނިމޭއިރުގައި، އެ ނިމެނީ ބުރިޖް އޮންނާނެ ގޮތުގެ ތަފްޞީލީ ޑިޒައިންތަކާ އެކުގައި. މާނައަކީ، އެ ނިންމޭ ޑޮކިއުމަންޓާ އެކީގައި، ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރެވޭ ހިސާބުގައި އޮންނާނީ. އަދި އިރާދަކުރެއްވިއްޔާ މިޞްރު ސަރުކާރުގެމި އިސްނެގުމާ އެކީގައި، އަޅުގަނޑުމެންނާ ގާތުން މިޞްރު ސަރުކާރުން ކުރައްވާ މަސައްކަތާ އެކީގައި، ޢެރެބް ކޮންޓްރެކްޓަރސް، އެއީ، މިޞްރު ސަރުކާރު ކުންފުންޏެއް. ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި، މިޞްރުގެ ރައީސްގެ އެއްބާރުލުމާ އެކީގައި، ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭގައި މިޞްރުގެ ސަރުކާރުން މި ބަހައްޓަވާ ގާތް ގުޅުމުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ބުރިޖް، އަޅުގަނޑު އުންމީދު ކުރަނީ އަދި ޔަޤީންވެސް ކުރަނީ، މިއަދު މި ސޮއިކުރެވުނު އެއްބަސްވުން، ދެން ބަދަލުވެގެންދާނީ ކޮންޓްރެކްޓަކަށް. ޢަމަލީ މަސައްކަތުގެ ކޮންޓްރެކްޓަކަށްވެ، އިރާދަކުރެއްވިއްޔާ ހަމަ މި އަހަރުގެ ތެރޭގައި، މި ބުރިޖުގެ ޢަމަލީ މަސައްކަތް ފަށާނަން. އަދި އަޅުގަނޑުގެ އަންދާޒާއަކީ، ގާތްގަނޑަކަށް ތިން އަހަރާއި ބައި، ހަތަރު އަހަރު ތެރޭގައި މަސައްކަތް ނިމުން. މެކްސިމަމް ފޯރ އިޔަރސް. އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި މި މަސައްކަތް ނިންމައި، މި ސިޓީގެ ރައްޔިތުން ހިތަދޫން ހުޅުމީދުއަށް، ހުޅުމީދޫއިން ހިތަދުއަށް މުޅި ސިޓީއެކީ ގުޅި ލާމެހިގެން ގޮސް ދަތުރުކުރާ ތަން ފެނިގެންދާނެ.

މިއީ، ހަމައެކަނި ޝަރަފަކަށްޓަކައި ކުރާ ކަމެއް ނޫން. އެންމެ މުހިންމީ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ކުރާ ކަމަކަށް ވެގެންދިޔުން. ޤައުމަކަށް ކުރިއެރުން އަންނަނީ، ވަރަށް ގިނަ ކީ މުހިންމު ކަންތައްތަކެއް ކުރެވިގެން. އިނގިރޭސިވިލާތަށް އިންޑަސްޓްރިއަލް ރިވޮލިއުޝަން، ޔޫރަޕަށް، ފަރަންސޭސިވިލާތަށް އައީ، އެކަމަށް ބޭނުންވާ ކީ މަސައްކަތްތައް ކުރެވިގެން. އެއީ، މަގުހެދުން، ކެނަލްތައް ހެދުން، ޓްރާންސްޕޯޓް ނެޓްވާރކް ޤާއިމުކުރުން. ޓްރާންސްޕޯޓް ނެޓްވާރކެއް، ނޫނީވިއްޔާ ދަތުރުފަތުރު ކުރެވޭނެ އިންފްރާސްޓްރަކްޗަރ ޤާއިމުވެގެން ގޮސްގެން ނޫން ގޮތަކަށް މި ދުނިޔޭގައި މިހާތަނަކަށް ބޮޑު ތަރައްޤީއެއް، ޓްރާންސްފޮމޭޝަނަލް ބޮޑު ބަދަލެއް، ކުރިއެރުމެއް ނެތް އައިސްފައެއް.

އެހެންވީމާ، މާލެއިންވެސް އެ ފެންނަނީ އެކަން. މާލެއާއި ހުޅުމާލެއާ ބުރިޖަކުން ގުޅުވައިލެވުމުން، އެއައި ބަދަލު އެއޮތީ ފެންނަން. އެކަން އިރާދަކުރެއްވިއްޔާ މި ސިޓީގައި ދާނީ ތަކުރާރުވެގެން. މި ބުރިޖް ވެގެންދާނީ އިރާދަކުރެއްވިއްޔާ، މިއާ އެކީގައި ދެން މިހާރު ހަމަ އަޅުގަނޑުމެން އިސްކަންދީގެން ކުރިއަށް ގެންދާނެ އެހެން ކަންތައްތައް، މި ސިޓީގެ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓް ފުރިހަމަކުރުން، ވަރުގަދަ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުމަށް ކުރާ މަސައްކަތާއި، އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓް، މި ސިޓީގައި ފެށުން، 6000 އެނދު ގެނެވޭ ފެންވަރަށް. މަދުވެގެން 6000 އެނދަށް ޓާގެޓްކޮށްގެން ހިންގާ އައްސޭރި ޓޫރިޒަމް މަޝްރޫޢު ކުރިއަށް ގެންދިޔުމާއި، އެއާ އެކީގައި ސީ ޕްލޭން ހަބެއް މިތަނުގައި ޤާއިމުކުރުމާއި، މި 4 ކަންތައް އެކުއެކީގައި މި ސިޓީގައި ވެގެން ދިޔައިމާ، މި ސިޓީގެ ރައްޔިތުންނަށް ލިބިގެންދާނީ، އިރާދަކުރެއްވިއްޔާ ތިޔަ ލޮބުވެތި ރައްޔިތުން އަބަދާއި އަބަދު ތިޔަ އުންމީދު ކުރަމުންދިޔަ އުފާފާގަތިކަން.

އެހެންވީމާ، ހުރިހާ ކަމެއް މިހިރީ ގުޅިލާމެހިފައި. ހަމައެކަނި ބުރިޖަކުންނެއް ނުއެއްފުދޭ. ބުރިޖާ އެކީގައި އެއަރޕޯޓް ތަރައްޤީވެ، ބުރިޖާ އެކީގައި ޓޫރިޒަމް އައިސް، އެތައް ހާސް ރައްޔިތުންނަކަށް ވަޒީފާ ލިބުން. ޓޫރިޒަމާއި އެއަރޕޯޓާވެސް މިއޮތީ ގުޅިފައި. އެއް ކަންތައް އަނެއް ކަންތަކާ ގުޅިފައި. ޑައިރެކްޓް ފްލައިޓްސްތައް އިތުރުވާނީ، ޓޫރިޒަމް އަންނާނެކަން ޔަޤީންވީމަ. އެއަރޕޯޓުވެސް އަންނާނެކަން ޔަޤީންވެ، މި ބުރިޖުގެ މަޝްރޫޢާ އެކީގައި މިކަން ވެގެންދިޔައިމަ.

ދެން މި ދެންނެވި ސީ ޕްލޭން ހަބް، މި ސިޓީއަށް ގެނެވުނީމަ، ދެކުނުގެ 4 އަތޮޅަށް އެ ސީ ޕްލޭންގެ ފަސޭހަކަން ލިބިގެން ދިޔައިމަ، މި ދެކުނުގެ 4 އަތޮޅު، ޓޫރިޒަމްގެ ދާއިރާގައި އެތައް ހަރުފަތަކަށް މައްޗަށް ގޮސް، ހުވަދުއަތޮޅަށްވެސް އަދި ފުވައްމުލަކަށްވެސް ޓޫރިޒަމް އެތައް މިންވަރަކުން މައްޗަށްދާ ތަން ފެނިގެންދާނެ، މި ސީ ޕްލޭން ހަބާވެސް އެކީގައި. އިރާދަކުރެއްވިއްޔާ، މި ދެންނެވި 4 ކަންތައްވެސް އެކުއެކީގައި، މި އަހަރު ފެށިގެން ގޮސް، އޭގެ ފުރިހަމަ ނަފާ ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.

އާދެ، އެހެންވީމާ، ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން އޮތީ، ރައްޔިތުން އަޅުގަނޑަށް، ސަރުކާރަށް ތިޔަ ދެއްވާ އެއްބާރުލުމުގައި ކުރިއަށް ވަޑައިގެން ދެއްވުމަށް. އެހީތެރިކަން ދެއްވުމަށް. އެއީ، ރައްޔިތުން އަޅުގަނޑާ ހަވާލުކުރެއްވި ޒިންމާގެ މަތީގައި އަޅުގަނޑު މިހިރީ އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާ އެކީގައި މަސައްކަތް ކުރުމުގައި މިއަދާ ހަމަޔަށް މިވީ ތިންމަސް ދުވަހުގެ ތެރޭގައި. އެ މަސައްކަތުގައި ކުރިއަށް ދިޔުމުގައި އަދި މިހިރީ ވަރަށްގިނަ މަސައްކަތްތައް ކުރަން ޖެހިފައި. މި ތިންމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކަނޑައެޅި ހުރިހާ ކަމެއް، އިރާދަކުރެއްވީތީ ހަފްތާ 14ގެ ތެރޭގައި ޕްލޭންކުރި ހުރިހާ ކަމެއް މިދަނީ ކުރަމުން. އަދި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތީވެސް ހަމަ އެގޮތަށް ކުރަންހުރި މަސައްކަތްތައް ކުރުން.

މި ކަންތައްތައް ކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރައްޔިތުން ކުރައްވާނެ ކަމަކީ. ކުރިއަށް މިއޮތީ އެ އެއްބާރުލުން ދެއްވަން އޮތް އެންމެ މުހިންމު ދަނޑިވަޅު. އެއީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ނިޒާމު، ދުސްތޫރީ ނިޒާމު ރޭވިފައި އޮތް ގޮތުން، ސަރުކާރަކުން އަދި ކިތަންމެ ކަމެއް ރައްޔިތުންނަށް ކޮށްދޭން ބޭނުންވިޔަސް، އެ ރައްޔިތުންގެ މަޖިލިސް، ރައްޔިތުން ސަރުކާރާ އެއްކޮޅަށް ނުނިންމައިދީފިއްޔާ، ސަރުކާރުން އެއްކަލަ ކޮށްދޭން ބޭނުންވި ކަންކަން ކުރުމުގައި ހުރަސްއެޅުމުގެ ފުރުޞަތު އޮތް ނިޒާމެއް މި ރާއްޖޭގައި މި އޮންނަނީ. އެހެންވީމާ، ރައްޔިތުންގެ މަޖިލިސް އެބަ ވާންޖެހޭ، މި ފުރުޞަތު، މި ރަނުގެ ފުރުޞަތު ތިޔަބޭފުޅުންގެ އަތްޕުޅަށް، ކުރިއަށް އޮތް މަހުގެ 17 ވަނަ ދުވަހު ލިބިގެންދާއިރުގައި، އެ ފުރުޞަތަކީ ތިޔަބޭފުޅުން ޒިންމާދާރުކަމާ އެކީގައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކީގައި، ތިޔަބޭފުޅުންނަށްޓަކައި މި ސަރުކާރުން ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވަމުން ގެންދަވާ ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އިންތިޚާބުގައި ކަންކަން ނިންމައިދޭ އިންތިޚާބަކަށް ހަދައިދިނުމަކީ، ތިޔަބޭފުޅުން ކުރައްވާނެ ކަމެއް ކަމަށް އަޅުގަނޑު ޔަޤީންކުރަން.

މިއީ، ޤައުމުގެ ތަރައްޤީއަށްޓަކައި، ރަށު ތަރައްޤީއަށްޓަކައި، ސިޓީގެ ތަރައްޤީއަށްޓަކައި ކުރައްވަންވީ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާނެ. އެއްވެސް ހާލެއްގައި ސިޔާސީ ކަމެއް ނޫން. އަޅުގަނޑުމެންގެ އަމިއްލަ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެންގެ ރަށުގެ ތަރައްޤީއަށްޓަކައި، ސިޓީގެ ތަރައްޤީއަށްޓަކައި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންވީ ކަމެއް މިއީ. ޤައުމުގެ ދެންހުރި އެއަށްވުރެ މުހިންމު ކަންކަމުގެ ޙައްޤުގައި. މިނިވަންކަމުގެ ޙައްޤުގައި.

އަޅުގަނޑުމެން ފަށައިގެން މިއުޅޭ ތަރައްޤީގެ ކަންކަމުގެ އިތުރަށް، މިނިވަންކަމާ ގުޅިފައި ހުރި އެއަށްވުރެ ބޮޑެތި ކަންކަން އެބަހުރި. އަޅުގަނޑުމެންގެ ޤައުމުގައި ތިބި ބޭރުގެ ސިފައިން، މި ޤައުމުން ބޭލުމަށްޓަކައި މިއަދާ ހަމަޔަށް މި ހާސިލުކުރެވުނު ކާމިޔާބީ، އެގޮތުގައި ދަމަހައްޓައި، މި ރާއްޖޭގައި ތިބި ބޭރުގެ ހުރިހާ ސިފައިން، 10 މޭގެ ކުރިން ގެންދިޔުމަށްޓަކައި މިހާރު ދެ ޤައުމުގެ ދޭތެރޭގައި ސޮއިކުރެވިފައި އޮތް ލެޓަރ އޮފް އެކްސްޗޭންޖްގައި އެ އޮތް ގޮތަށް، އެކަން ކޮށް ނިންމުމަށްޓަކައިވެސްމެ. މިކަން ކުރައްވަން އެބަޖެހޭ. މިކަން މިއޮތީ ހާސިލުވެފައި އިރާދަކުރެއްވީތީ. މިހާރު ދެ ޤައުމުގެ ދޭތެރޭގައި ސޮއިކުރެވިފައި އޮތް ގޮތަށް، މި ޤައުމުގައި ތިބި ހުރިހާ އިންޑިއާ ސިފައިން، 10 މޭ އާ ހަމަޔަށްދާއިރުގައި، އެ ބޭފުޅުން އެބަ ގެންދަވާ. ގެންދަވާ ގޮތަށް އެއޮތީ ސޮއިކުރައްވާފައި. އެވަރުގެ ކަމެއް ހާސިލުވެގެންދިޔައިރުގައި، އެކަން އަންޑޫ ވާ ކަހަލަ ގޮތަކަށް، އަނެއްކާވެސް ބަދަލުތަކެއް އަންނަކަހަލަ ނިންމުމެއް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރައްޔިތުން ނިންމަވައިފިއްޔާ، އަޅުގަނޑުމެން އަމިއްލައަށް ނޫންތޯ، އަޅުގަނޑުމެންގެ މިޞްރާބު މި ބަދަލުކުރަނީ. އެހެންވާކަށް ނުވާނެ. އެއީ، އަޅުގަނޑުމެންގެ ޒިންމާ އަޅުގަނޑުމެން ރަނގަޅަށް އަދާކުރި ކަމަށް ނުވާނެކަންނޭނގެ. އެހެންވީމާ، އެ ވިސްނުން އެގޮތަށް ރަނގަޅަށް ވިސްނެވުމަކީ، ޤައުމުގެ ޙައްޤުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

ދެން އަނެއް ކަމަކީ، އަޅުގަނޑުމެންގެ ކަނޑުގެ ބޮޑު ސަރަޙައްދެއް ގެއްލުވައިލާފައި އޮތް މައްސަލަ ހައްލުކުރުން. އެކަމުގައިވެސް މިދަނީ ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުން. އިންޓަރނޭޝަނަލް ލޯޔަރުންނާއި، ރާއްޖޭގެ ކަމާބެހޭ މާހިރުންނާ އެކީގައި އެކަމުގައި ކުރެވެންހުރި ހުރިހާ ކަމެއް މިދަނީ ކުރަމުން. އެކަމުގައިވެސް އެބައޮތް ޔަޤީންކަން. އެހެން ނަމަވެސް، އެކަންވެސް ކޮށް ނިންމޭނީ، މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބިގެން. ފެނިވަޑައިގަންނަވާނެ، މިހާރު މަޖިލިސް ތެރެއިން ކަންކަން ކުރަމުންދާ ޣައިރު ޒިންމާދާރު ގޮތް. ތިމަންނަމެން އަތުގައި ބާރު އޮތީތީ، ތިމަންނަމެން އަތުގައި ގިނަ މެންބަރުންތަކެއް ތިބީތީ، ހަމަ ހިތުހުރިހާ ގޮތަކަށް، ކަންކަން ކުރާތަން ނޫންތޯ ފެނިވަޑައިގަންނަވަނީ. ތިޔަބޭފުޅުން އިންތިޚާބުކުރި މެންބަރުންގެ ކިބައިން ތިޔަބޭފުޅުން އެދިވަޑައިގަންނަވަނީ އެގޮތްތޯ. އެއީ، ހިތާހިތާ ކުރަން އޮތް ސުވާލު. އެއީއެއް ނޫން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހި އެއްވެސް ރައްޔިތަކު ޤައުމުދެކެ ލޯބިވާނަމަ، އެދިވަޑައިގަންނަވާނެ ގޮތަކީ.

އެހެންވީމާ، މިވަގުތު އިސްކުރައްވަންވީ ޤައުމު. އަޅުގަނޑުމެންގެ ތެރޭގައި ހުރި އެކިކަހަލަ މަޞްލަޙަތުތަކަށްވުރެ، ޤައުމީ މަޞްލަޙަތު އިސްކުރައްވަންވީ. ތިމާގެ ޢާއިލާއިން ނުކުމެފައި ހުރި މީހަކު މަޖިލިސް މެންބަރަކަށް ހޮވުން އެއީ، ސަރުކާރަށް ތާއީދުކުރާ ޕާޓީގެ މީހާއަށް، ނުވަތަ ސަރުކާރުން އެންޑޯޒް ކޮށްފައި ހުރި މީހާއަށް ނުވަންޏާ، އެގޮތް ޚިޔާރުކުރުމަށްވުރެ ސަރުކާރަށް މިވަގުތު ދެންމެ މި ދެންނެވި ގޮތަށް، ތިޔަބޭފުޅުންނަށްޓަކައި އަޅުގަނޑު ކުރަން ފަށާފައި މިހިރަ މަސައްކަތް، ތިޔަބޭފުޅުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާކުރުމަށްޓަކައި އެއްބާރުލުން ދޭނެ މެންބަރުން ހޮވުންތޯ. އެއީ، ތިޔަބޭފުޅުން މި އަންނަ މަހު އޮންނަ އިންތިޚާބުގައި ނިންމަވަންވީ ނިންމެވުމަކީ، މިއީ، ޤައުމީ ނިންމުމެއް. ޤައުމީ ވާހަކައެއް މިއީ. މި މަސައްކަތުގައި ކުރިއަށްދިޔުމުގައި، އަޅުގަނޑަށް ޔަޤީން، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، ތިޔަބޭފުޅުން ވިސްނަވާނީ މިގޮތުގައި ކަން.

މިފަދަ އެތައް މަސައްކަތެއް މިދަނީ ކުރަމުން. އަޅުގަނޑުމެންގެ ޤައުމިއްޔަތު، އަޅުގަނޑުމެންގެ އަތުން ބީވަމުންދާ ދިޔުންވެސް ނިމުމަކަށް ގެނައުމަށް އެވަނީ ބުރަ މަސައްކަތްތަކެއް ފަށާފައި. ދުވަހަކުވެސް ރާއްޖޭގައި ނުކުރާވަރުގެ މަސައްކަތްތަކެއް މިވަނީ ފެށިފައި. މި ހުރިހާ ކަމެއް އެކީގައި ބީވެގެންދާ ކަހަލަ ކަންކަން އަޅުގަނޑުމެންގެ ކިބައިން ފެނިގެން ނުވާނެ.

އާދެ، އިރާދަކުރެއްވިއްޔާ އެގޮތުގައި ތިޔަބޭފުޅުން ކުރިއަށް ވަޑައިގަންނަވާނެކަމީ އަޅުގަނޑު ޔަޤީންކުރާ ކަމެއް. މި ހުޅުދޫގެ ތަރައްޤީ، ހުޅުމީދޫގެ ތަރައްޤީއަށްޓަކައި ދެންވެސް ގިނަ މަސައްކަތްތައް މިހިރީ ކުރަންވެފައި. މި ބުރިޖުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ދާނީ މި ނިންމި ގޮތަށް ބާރަށް ކުރިއަށް.

ހަމަ އެއާއެކީގައި، މަސް ޕްލާންޓްގެ މަސައްކަތް. އެއީވެސް އަޅުގަނޑު ވަޢުދުވީ ކަމެއް. އެ ޕްރޮޖެކްޓްވެސް އިރާދަކުރެއްވިއްޔާ، ހަމަ ވަޢުދުވީ ގޮތަށް ކުރިއަށް ގެންދާނަން. އަދި ހަމަ އެއާއެކީގައި، ސްކޫލްގެ ޕްރިންސިޕަލްވެސް އަދި ސްކޫލްގެ ބޭފުޅުން ވިދާޅުވޭ، ސްކޫލަށް އޮފީސް އިމާރާތެއް ބޭނުންވާ ކަމަށް. މި އަހަރުގެ ބަޖެޓުގައި އެކަން ހިމެނިފައެއް ނުއެއްނެތް. އެހެންވީމާ، އެކަން ކުރެވޭނެ އެންމެ އަވަސް ފުރުޞަތެއް ބަލައި، އިރާދަކުރެއްވިއްޔާ ސްކޫލަށް ބޭނުންވާ އެ އިމާރާތްވެސް އަޅުގަނޑުމެން އަޅައިދޭނަން.

ހަމަ އެއާއެކީގައި، އެންމެ މުހިންމު އެއްކަމަކީ، ޞިއްޙީ ނިޒާމު. އާދެ، މިތަނުގައި ހުރި މަރުކަޒު، ގްރޭޑް 3 ލެވެލްގައި ހުރި ޞިއްޙީ މަރުކަޒު، އިރާދަކުރެއްވިއްޔާ ހޮސްޕިޓަލަކަށް ބަދަލުކުރުން. އެއީ، އޮޕަރޭޝަން ތިއޭޓަރ ޤާއިމުކުރުމާއި، މިފަދަ ކަންތައްތައް އިތުރުކުރުމާ އެކީގައި އިރާދަކުރެއްވިއްޔާ ހޮސްޕިޓަލަކަށް ހަދައިދޭނެ ވާހަކަ ދަންނަވަން.

އާދެ، އެއީ، ބުރިޖަކުން ގުޅުނަސް ކުރަންޖެހޭ ކަމެއް. ހަނދުމަފުޅު ހުންނާނެ، ވިލިމާލޭގައިވެސް އަޅުގަނޑުމެން 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެބަ އަޅަން. ބުރިޖަކުން މާލެއާއި ވިލިމާލެއާވެސް އެބަ ގުޅުވައިލެވޭ. ގުޅުމަކުންނެއް އަދި މިކަހަލަ އަސާސީ ކަންކަން، އެހާބޮޑު އާބާދީއެއް އޮންނައިރުގައި، ނުކުރުމަކީ އެއީކީއެއް ދެކޮޅުޖެހޭ ގޮތެއް ނޫން. މި ތަނުގައި އަށެއްކަ ހާސް އާބާދީ، ހުޅުމީދޫ އެއްކޮށްލީމަ އޮންނަ ކަމަށްވަންޏާ، ހިތަދުއާ ގުޅުނަސް ހަމަ މިތަނުގައި ހޮސްޕިޓަލެއް ހުންނަންޖެހޭނެ. ހަމަ އެގޮތަށް، ހިތަދޫގައި ހުރި ހޮސްޕިޓަލުން، މާލެއަށް ނުގޮސް، އަޅުގަނޑު ވަޢުދުވީ ގޮތަށް މާލެއަށް ނުގޮސް، މުހިންމު ހުރިހާ ޚިދުމަތެއް، ހުރިހާ ޓްރީޓްމަންޓެއް ލިބޭ ފެންވަރުގެ ހޮސްޕިޓަލަކަށް، އެ ހޮސްޕިޓަލްވެސް ހެދުމަކީ އަޅުގަނޑުގެ ވަޢުދެއް. އެކަންވެސް އިރާދަކުރެއްވިއްޔާ ކުރާނަން.

އާދެ، އަޅުގަނޑު ހަމަ މި ޖަލްސާ ނިންމާލުމުގެ ކުރިން، މާފާއެކީ ހިތަދޫ ރައްޔިތުންނަށް ދަންނަވާލަން ޖެހެނީ، އިއްޔެ ވަގުތުގެ ކަންތައްދިޔަ ގޮތުން، ޖަލްސާ ބޭއްވޭގޮތެއްނުވި. އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަކިން ހިތަދުއަށް ވަކި ދަތުރެއް އަޅުގަނޑު ކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ، އެހެންވީމާ، މިހިރަ ގިނަ ކަންތައްތައް، ބިން ހިއްކުމުގެ މަސައްކަތް މީދުއަށް ބޭނުންވޭ. ގިރާ ސަރަޙައްދު ޙިމާޔަތް ކުރުން. އަދި ހުޅުމީދޫގައި މަގު ހެދުމުގެ މަޝްރޫޢު. މިހެންގޮސް އެތައް ކަމެއް މިހިރީ ކުރަން ޖެހިފައި. ސްޕޯޓްސް ފެސިލިޓީތައް ޤާއިމުކުރުން. އިއްޔެ އޮތް ކައުންސިލް ބައްދަލުވުމުގައި، ގާތްގަނޑަކަށް ދެ ގަޑިއިރުވަރު އަޅުގަނޑުމެން ކައުންސިލް ބައްދަލުވުން ބޭއްވިން، ޑަބްލިޔޫ.ޑީ.ސީ. އާ އެކީގައި. ހަމަ ހުރިހާ ކައުންސިލަރުން ވާހަކަފުޅު ދެއްކެވި. ޑަބްލިޔޫ.ޑީ.ސީ.ގެ ފަރާތުންވެސް ވާހަކަ ދެއްކެވި. އެ ހުރިހާ ކަމަކީ، ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތްޕުޅުން އެ ބޭފުޅުން ވިދާޅުވި ވާހަކަފުޅު. މޭޔަރުވެސް ވަރަށްގިނަ ވާހަކަ ދެއްކެވި.

އެހެންވީމާ، މިކަންކަމަށް ސަމާލުކަން ދީގެން، މި ހުޅުމީދޫގައި އަދި ހިތަދުއާއި މަރަދޫ، މަރަދޫފޭދޫ، އަދި މުޅި ސިޓީގައި ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ހަމަ ތަރުތީބުކޮށްލައިގެން އިރާދަކުރެއްވިއްޔާ ކަންކަން ކުރާނަން. އެއީ، މުޅި ރާއްޖޭގައިވެސް އެކަން ކުރަން ނިންމާފައި މި އޮތްގޮތް. އަޅުގަނޑު އެދިފައި އޮންނާނީ، މިހާރު ކައުންސިލްތަކުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ތިޔަބޭފުޅުން ކޮމިއުނިކޭޓް ކުރައްވައިގެން، ވަރަށް އަވަހަށް ނިންމަވައި ދެއްވާށޭ، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތް. މި އަހަރުގެ ތެރޭގައި ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކޮށްލަން ބޭނުންވާ ގޮތް. އޭރުން އަޅުގަނޑުމެން ބަޖެޓުގެ ތެރެއިން ޖާގަ ފަހިކޮށްގެން އެ މަސައްކަތް ކުރާނަން. އެނޫން ގޮތަކަށެއް ނެތް، މިވަގުތު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތުން އެކަން ކުރެވޭކަށް. އަޅުގަނޑުމެންނާ ހަމަޔަށް އައިއިރު، އަޅުގަނޑުމެންގެ އިޤްތިޞާދު މިއޮތީ ވަރަށްބޮޑު އަނދަވަޅަކަށް ވައްޓާލާފައި. އެހެންވީމާ، އެ އަނދަވަޅުން ނަގައި ކޮޅަށްޖަހަން މިކުރާ މަސައްކަތުގައި، މި ބީދައިން މަސައްކަތް ކޮށްގެން ކަންކަން ހާސިލުވާނީ.

އާދެ، އަދިވެސް އެއްފަހަރު، ހުޅުމީދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މަރުޙަބާވެސް ދަންނަވަން. އާދެ، އިރާދަކުރެއްވިއްޔާ އަދި މާލަސްތަކެއްނުވެ ތިޔަބޭފުޅުންނާ ބައްދަލުވާނެ ކަމުގެ އުންމީދުގައި ވަކިވެލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.