بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން، ވަކިން ޚާއްޞަކޮށް، ފޭދޫގެ ލޮބުވެތި ރައްޔިތުން، ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު މުޙައްމަދު ނިހާދު، ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކައުންސިލަރުން، ދައުލަތުގެ އިސްވެރިން، އަދި މިތަނަށް ވަޑައިގެން ތިއްބެވި ލޮބުވެތި އެންމެހައި ރައްޔިތުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އައްޑޫސިޓީއަށް މި ކުރެވޭ ދަތުރުގައި، ފޭދޫގެ ލޮބުވެތި ރައްޔިތުން ތިޔަ ވިދާޅުވާ ހޫނު މަރުޙަބާއާއި، ބަހައްޓަވާ ގާތްކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، އަޅުގަނޑު ހަނދާންވަނީ، މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދިޔަ ދުވަސް. ފަންސާހަކަށް ހެކްޓަރުގެ ބިން ހިއްކިފައި އެބައޮތް. އެހެން ނަމަވެސް، އެ ބިމުގެ ބޭނުމެއް މި ހުރިހާ ދުވަސްވީއިރުވެސް ތިޔަބޭފުޅުންނަކަށް އެކަށީގެންވާ ގޮތެއްގައި ހިފޭނެ މަގެއް ފަހިވެފައެއް ނުއެއްވޭ.

އަޅުގަނޑު ވާހަކަ ފަށަމުންވެސް ދަންނަވަން ބޭނުންވަނީ، އެ ބިމުގެ ފުރިހަމަ ބޭނުން ތިޔަބޭފުޅުން ހިއްޕެވުމަށްޓަކައި، ފެނާއި، ނަރުދަމާ، ކަރަންޓް މިހެންގޮސް ކުރަންޖެހޭ ހުރިހާ މަސައްކަތަކަށް ދޭންވާ އެންމެ އިސްކަންދީ، އެކަން ޙަޤީޤަތަކަށް އަޅުގަނޑު ހަދައިދޭނެ ވާހަކަ.

އާދެ، މިއަދު އަޅުގަނޑު ކައުންސިލާ ބައްދަލުކުރިއިރުގައި، މި ދެންނެވި ކަންކަމުގެ އިތުރަށް، ވަރަށްގިނަ ކަންކަން އެބަހުރި ކައުންސިލަރުން ވިދާޅުވެފައި. އަދި ޢިއްޒަތްތެރި މަޖިލިސް މެންބަރު، އެކަން ކުރީގައި ވަނީ އަޅުގަނޑު ގާތު ވިދާޅުވެފައި.

އާދެ، ވަރަށްގިނަ މަސައްކަތްތައް ފެށިފައި، ހުއްޓިފައިވެސް އެބަހުރި. ގޯސްކޮށް ކުރެވިފައިވެސް އެބަހުރި. މިސާލަކަށް، މަގުހެދުމުގެ މަސައްކަތް މުޅި ސިޓީއަށް ބަލައިފީވިއްޔާ، އަލުން ބަލުން ކުރަން ޖެހިފައި އޮތް މަސައްކަތަކަށް ވެފައި މިއޮތީ.

އަދި ދެންހުރި މަސައްކަތްތައް، ބަޖެޓުގައި ޖެހިފައި ހުރި މަސައްކަތްތައް އެބަހުރި ވަރަށްގިނަ. އާދެ، މިގޮތަށް ބަލާއިރުގައި، އަޅުގަނޑަށް މިވަގުތު މަޢުލޫމާތު ލިބުނުގޮތުގައ، އަދި ކުރިންވެސް އެމް.ޕީ ވިދާޅުވެފައި ހުރި ކަންކަމަށް ބަލާއިރުގައި، ދެންމެ ފާހަގަކުރެއްވި ސްކޫލް މަސައްކަތާއި، އަދި މިހެންގޮސް އެކިކަހަލަ ސްޕޯޓްސް ފެސިލިޓީތައް، ބެޑްމިންޓަން ހޯލް، މިހެންގޮސް ވަރަށްގިނަ ކަންކަން އެބަހުރި ފާހަގަކުރައްވާފައި.

އާދެ، އަޅުގަނޑު ޖުމްލަކޮށް މިކަންކަމާ ބެހޭގޮތުން ދަންނަވާލާނީ، އަޅުގަނޑު ދޭނީ ޔަޤީންކަމެކޭ. އަޅުގަނޑު ކެމްޕެއިންގައިވެސް ދިން ޔަޤީންކަން. އެއީ، ތިޔަބޭފުޅުންނަށް ބޭނުންޖެހިފައި މިހިރަ ހުރިހާ މަސައްކަތްތަކަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ސަރުކާރުން ފުރިހަމަކޮށްދޭނެ ކަންތައްތަކޭ.

ދެން އޮތީ، ކޮންއިރަކުންތޯ، އެންމެ ފުރަތަމަ ކުރާ ކަމެއް ކުރާނީ. އާދެ، އެކަމުގައި ހަމަ ދެންނެވޭނީ، ތަރުތީބުކޮށްލައިގެން އެންމެ ފުރަތަމަ ކުރެވޭނީ ކޮން ކަމެއްކަން ކަނޑައަޅައި، އަޅުގަނޑުމެންގެ އިޤްތިޞާދު މިއަދު ވެއްޓިފައި މިއޮތް ފުން އަނދަވަޅުން ނަގައި ކޮޅަށްޖެހެމުންދާ މިންވަރަކުން މުޅި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އަޅުގަނޑުމެން ތަފާތުކުރުމެއްނެތި، ހަމަހަމަކަމާ އެކީގައި، ކޮންމެ ރައްޔިތަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް ކަމުގައިވާތީ، ރައްޔިތުން އެދޭގޮތަކަށް އެ މަސައްކަތްތައް އެ އިންޞާފުވެރިކަމާ އެކީގައި އަޅުގަނޑު ކޮށްދޭނަމޭ.

އެހެންވީމާ، މި ސިޓީއަށް، ފޭދުއަށް ބޭނުންވެފައި ހުރި ކަންކަމުގެ ތެރޭގައި ހުރި ކަންކަންވެސް އެއީ، މަގު ހެދުމުގެ މަސައްކަތުގައި، މުހިންމު ބައެއް މަގުތައް އުނިވެފައި އޮތް މައްސަލަ ކަމުގައިވިޔަސް، އަދި ހަދަމުންދާ މަގުތައް ހަދަމުންދާއިރުގައި، ޑްރެއިނޭޖް، ފެން ހިންދާ ނިޒާމު އަދި ޤާއިމުކުރެވޭ ގޮތަށް ނެތް މައްސަލަ ކަމަށްވިޔަސް، ސްކޫލް މަޝްރޫޢު ކަމަށްވިޔަސް، އަދި ސްކޫލް ބަސް އެކަށީގެންވާ ފެންވަރެއްގައި ނެތްކަމުން، އެ ކަމަށް ހައްލެއް ގެނައުން ކަމުގައިވިޔަސް އަދި މިސްކިތުގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކަމުގައިވީނަމަވެސް، އަދި މިހެންގޮސް ކޮމިއުނިޓީ ހޯލް ޤާއިމުކުރުން ކަމުގައިވިޔަސް، ފުޓްސަލް ދަނޑު ބިނާކުރުން ކަމުގައިވިޔަސް، މި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑު ކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަން.

އާދެ، އަޅުގަނޑު މިއަދު މަރަދޫފޭދޫގައި ވާހަކަ ދައްކަމުންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދު މިއޮތީ އިންތިހާއަށް ފުން ވަޅުގަނޑެއްގައި. ހުވާކުރި ދުވަހު ފުރަތަމަ ދެއްކި ވާހަކައިގައި، އެކަން އަޅުގަނޑު ފާހަގަކުރީ ރެކޯޑަށްޓަކައި. އެއީ، މީހުންނަށް ނޭނގޭ ކަމެއް ވެގެނެއް ނޫން. އެ ދުވަހު އެސްޓެބްލިޝް ކުރަން އަޅުގަނޑު ބޭނުންވީ، މި ފަށްޓަނީ ކޮން ހިސާބަކުންކަން، މިއީކީ އޮޅުވައިލެވޭނެ ވާހަކައެއް ނޫންކަން ބަޔާންކުރުމުގެ ގޮތުން. 120 ބިލިއަން ރުފިޔާގެ ދަރަނިންކަން މި ފަށަނީ. ދެން މިއަދު އެއީ، ޙަޤީޤަތެއް ނޫން ކަމަށް ބަޔާންކުރަން، އެކަން ކުރި ބޭފުޅުން ތެދުވީމާ، ދެން ރައްޔިތުން އެއަށް ދޭން އޮތް ޖަވާބު ދެއްވަންވީ. އެ ބޭފުޅުން އަނެއްކާވެސް މި އަންނަނީ، ތިމަންނަމެންނަށް ފުރުޞަތު ދޭން މަޖިލިސް އިންތިޚާބުގައި މިސާލަކަށް. ނޫނީވިއްޔާ އެހެން ކަމެއްގައިވިޔަސް. މިއީ ރައްޔިތުން ތިމަންނަމެން މި ވައްޓާލާފައި މިއޮތް މި 120 ބިލިއަންގެ އަނދަވަޅުން ތިމަންނަމެންނެއް ނޫނޭ އެކަން ކުރީ، ބުނެފައި އަންނަ ފަދައިން މި އަންނަނީ.

އާދެ، ވަރަށްބޮޑު އަނދަވަޅެއްގައި އަޅުގަނޑުމެން ތިބީ. އެކަން އަޅުގަނޑުމެންނަށް އެނގޭތީ، އިންތިޚާބު ތެރޭގައި އަޅުގަނޑު ހުށަހެޅީ އިޤްތިޞާދީ އެޖެންޑާއެއް. ފައިސާ ޗާޕްކުރުން ހުއްޓާލާނެކަން އެއީ، އެންމެބޮޑު ވަޢުދު. އިޤްތިޞާދީ ގޮތުން އަޅުގަނޑުމެން ކުރިއަށްދިޔުމަށްޓަކައި އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅު އެއީ. އަޅުގަނޑު ވަޢުދުވީގޮތަށް އެ ފިޔަވަޅު އެއޮތީ އަޅާފައި. އެއީކީއެއް ފަސޭހަ ކަމެއް ނޫން. މިއަދުވެސް ޤައުމުގެ ފިސްކަލް ޙާލަތު، މާލީ ޙާލަތު އޮތީ މި ދެންނެވި އަނދަވަޅުގައި އޮތުމުގެ ސަބަބުން ވަރަށް ނުރައްކާތެރި ހިސާބެއްގައި. އެހެން ނަމަވެސް، އެ ނުރައްކާ އިތުރަށް ބޮޑުވީސް، އިތުރަށް ފައިސާ ޗާޕް ކުރަމުން، އަޅުގަނޑުމެން ފަސޭހަގޮތް ޚިޔާރުކޮށްގެން ދިޔަނަމަ. މިދިޔަ ސަރުކާރުން ފައިސާ ޗާޕްކުރި މިންވަރަކީ، އޭގެ ކުރީ 40 އަހަރު ފައިސާ ޗާޕްކުރި އަދަދަށްވުރެ، އެ 5 އަހަރު ކުރިވަރު ގިނަ. 8 ބިލިއަން ރުފިޔާގެ ފައިސާ ޗާޕްކުރި. ފަސޭހަގޮތް ފަސޭހަ ނޫންތޯ. އެކަމަކު އަޅުގަނޑުމެން އެންމެންގެ ބޮލުގައި، އަޅުގަނޑުމެން ހުރިހާ އެންމެންގެ ދަރިންގެ ބޮލުގައި، އަންނަން އޮތް ޖީލުތަކުގެ ބޮލުގައި ދަރަނިއެޅި ނިމިފައި. އެގޮތް ކަމުނުދާތީ، އެގޮތް ރައްޔިތުން ބަދަލުކުރެއްވީ. އިޤްތިޞާދު ރަނގަޅުކުރަން ބޭނުންވާތީވެ. އެ ޑިޒިޝަން، އެ ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫންކަން މިއަދު އަޅުގަނޑުމެންގެ ގާތަށް އަންނަ ކަމާގުޅޭ އިންޓަރނޭޝަނަލް އިދާރާތަކުން އެ ފާހަގަކުރައްވަނީ، އެ ބޭފުޅުންގެ ރިޕޯޓުތަކުގައި.

އެންމެ މުހިންމު އިދާރާއަކީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފް. އަދި ވާރލްޑް ބޭންކް. އައި.އެމް.އެފް. އިން އެއޮތީ ފާހަގަކޮށްފައި އެ ކަންތައް. މިއީ މި ޙާލަތުގައި އޮތް އެއްވެސް ޤައުމަކުން އަދި މިހާތަނަށް ކުރި ކަމެއް ނޫނޭ. އެވަރުގެ ބޯލްޑް ޑިޒިޝަނެކޭ ތިޔަބޭފުޅުން ތިޔަ ނެންގެވީ. އެއީ، ދެން ފެންނާނީ އިޤްތިޞާދު ކުރިއަރައިގެންދާ ތަނޭ، ދެން ކުރަންހުރި ކަންކަންވެސް ކުރަމުންދާނަމަ. އެއީ، ބޭކާރު ޚަރަދުތައް މަދުކުރުން. ކުރީގައި އިސްރާފު އިންތިހާއަށް ބޮޑު. އަޅުގަނޑުމެންގެ ސަބްސިޑީ ނިޒާމު، ސަބްސިޑީއަކީ އެކަން ޙައްޤު އެންމެންނަށް ލިބެންޖެހޭ އެއްޗެއް. މުއްސަނދިންނަށް ކޮންމެހެން ދޭންޖެހޭ އެއްޗެއް ނޫން. ވަރަށް މުއްސަނދި ޤައުމެއްގައި ދެވިދާނެ ހުރިހާ އެންމެންނަށްވެސް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޤައުމުގައި އެބަޖެހޭ ޓާގެޓަޑް ސަބްސިޑީއަކަށް ދާން، ނިޒާމަކަށް ދާން. އަޅުގަނޑު ރައްޔިތުންގެ މަޖިލިސް ހުޅުވި ދުވަހު އެ ވާހަކަ ދެއްކިން. އާސަންދަ ނިޒާމުވެސް މިހާތަނަށް މިއޮތީ އަދި އަމުދުން މިދިޔަ ސަރުކާރުގައި އާސަންދަ ނިޒާމު އޮތީ ބޮއްސުންލާފައި. އެހެންވީމާ، އާސަންދަ ނިޒާމުވެސް ދެކޮޅުޖެހޭ، އެންމެ ބޭނުންތެރި މީހުންނަށް އެންމެ ގިނައިން ލިބޭގޮތަށް، އެ ނިޒާމަށްވެސް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުމުގެ މަސައްކަތް، މިހާރު އޭގެ ފަންނީ މަސައްކަތް ހިނގަނީ. މިފަދަ ގޮތަކަށް ކުންފުނިތައްވެސް ރަނގަޅުކުރަންޖެހޭ.

ދެން ތިޔަބޭފުޅުންނަށް އާކަމަކަށް ނުވާނެ. ފެނަކަ އެންމެ ފަސޭހަ މިސާލު. ކުންފުނިތައް ރަނގަޅުކުރުމުގެ މަސައްކަތް މި ކުރަނީ. މިހެންގޮސް އެތައް ކަމެއް. ތިޔަބޭފުޅުންގެ ބޮލުގައި އަޅުވާފައި އޮތް އެތައް ބިލިއަން ޑޮލަރެއްގެ ދަރަނި ދެއްކުމަށްޓަކައި، ކުރީގައި އުފައްދާފައި އޮތް ފަންޑު، ރައީސް ޔާމީންގެ ވެރިކަމުގައި އޭރު އުފެއްދެވީ، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑު. އެ ފަންޑުގައި ހުންނާނީ އޭރުގައި ޑޮލަރު. މިދިޔަ ސަރުކާރުން ޑޮލަރުކޮޅު މާރުކޮށްލީ. ރުފިޔާއަށް ބަދަލުވީ. ޑޮލަރެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑުމެން އަނެއްކާ އެ ފަންޑުގައި ޑޮލަރު ޖަމާކުރުމުގެ މަސައްކަތް މި ފެށީ. 2025، 2026 ގައި ދައްކަން ހުރި ބޮޑެތި ލޯނުތަކަށް ޑޮލަރު އެބަޖެހޭ ސޭވްކުރަން. އަދި އެ ފަންޑަށް ޤާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ޚާއްޞަ ޤާނޫނެއް، ބިލެއް ހެދުމުގެ މަސައްކަތް އެބަ ކުރަން. މިހެންގޮސް އިޤްތިޞާދީ އެތައް ފިޔަވަޅުތަކެއް މި އަޅަނީ.

ހަމަ އެއާއެކީގައި، ޕްރައިވެޓް ސެކްޓަރއިން ލީޑްކުރާ އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި ފުރުޞަތު ދިނުމުގެ އެތައް މަސައްކަތެއް ފަށައިފިން. މައި އެއަރޕޯޓް އަވަހަށް ނިންމުމުގެ މަސައްކަތާއި، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި ސިޓީއާއި، ހަނިމާދުއާއި، މިހެންހުރި ތަންތާނގައި ހުރި އިންޓަރނޭޝަނަލް އެއަރޕޯޓުތައް އަވަހަށް ނިންމުމާއި، ނުނިމިހުރި ރިޒޯޓުތައް ނިންމުމަށް މަގުފަހިކޮށްދިނުމުގެ ޚާއްޞަ މަސައްކަތްތަކެއް ކެބިނެޓުން ނިންމައިގެން ފެށުން ހިމެނޭ. މިކަންކަން ފަށައިފިން. އަދި އެއާއެކީގައި، އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއެއް އުފައްދައި، ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމާއި، ޚާއްޞަ އިޤްތިޞާދީ ޒޯންގެ ޤާނޫނުގެ ފުރިހަމަ ނަފާ، ރައްޔިތުންނަށް ހޯދައިދިނުމާއި، އެ އެސް.އީ.ޒެޑް ޤާނޫނު އެކްޓިވޭޓްކޮށް، އެ ޤާނޫނުގެ ދަށުން ޒޯންތައް ކަނޑައެޅުމުގެ ފުރުޞަތު ދިނުން ހިމެނޭ. އޭގެ ދަށުން ރާއްޖެއަށް މިހާރު ފުރަތަމަ ޕްރޮޕޯޒަލްވެސް އޮތީ ލިބިފައި، ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން. 110 މެގަވޮޓްގެ ހަކަތަ އުފެއްދޭ ޕްރޮޕޯޒަލްއެއް އެބައޮތް ލިބިފައި. މިފަދަ އެތައް ކަމެއް ޕެރަރަލީ އެއްފަހަރާ ފަށައިގެން އެބަ ގެންދަން.

މިއިން ފެންނާނީ ތިޔަ ލޮބުވެތި ރައްޔިތުންގެ މޫނުމައްޗަށް ކުރިއަށް އޮތް ދުވަސްތަކުގައި، އިރާދަކުރެއްވިއްޔާ އުފާވެރިކަން ލިބިގެންދާތަން. އެހެން ނަމަވެސް، މި ބޭނުންވަނީ ކެތްތެރިކަމެއް. އެ ކެތްތެރިކަމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. އެކަން ކުރަމުން، ދެންމެ އަޅުގަނޑު މި ދެންނެވި މި ރަށަށް ބޭނުންވާ ކަންކަމާއި، އެހެން ހުރިހާ ރަށަކަށް ބޭނުންހުރި ކަންކަން އަޅުގަނޑުމެން ކުރަމުންދާނީ. އެކަމުގައި ރެޔާއިދުވާލު ހުރިހާ މިނިސްޓަރުން، އެމް.ޑީން، އަޅުގަނޑުމެންގެ އެމް.ޕީން، ހުރިހާ ކައުންސިލްތަކުންވެސް އެދަނީ މަސައްކަތް ކުރަމުން. އެހެންވީމާ، މި ކުރެވޭ މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. އިރާދަކުރެއްވިއްޔާ އެއިން ފެންނާނީ އުފާވެރިކަން.

އަޅުގަނޑުމެން ނަގާ ލޯނުތައްވެސް ވާނީ ދެކޮޅުޖެހޭ ލޯނުތަކަކަށް. ކޮންގޮތަކުންތޯ ދެކޮޅުޖެހޭނީ؟ ދެކޮޅުޖެހޭ ގޮތަކީ، އެއީ، ދައްކަން ފަސޭހަ ލޯނުތަކަކަށްވާނީ. އަދި އޭގެއިތުރަށް، އެ ލޯނެއް ނަގައިގެން ހިންގާ މަޝްރޫޢެއް ހިންގުމުގެ ތެރޭގައި، މިސާލަކަށް، މި ސިޓީގައި ބުރިޖު އެޅުމުގެ މަސައްކަތް ފެށިގެންދާއިރުގައި، އެ ބުރިޖުގެ މަސައްކަތުގެ އެތައް ކަމެއް ކުރާނީ މި ސިޓީގެ ރައްޔިތުންގެ ކުންފުނިތަކުން. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތް، އަޅުގަނޑު ހަމަ ހަވީރު އެ ވާހަކަވެސް ފާހަގަކުރިން. އަނެއްކާވެސް މި ފާހަގަކޮށްލަނީ، މިކަމުގެ މުހިންމުކަން ދަންނަވާލުމުގެ ގޮތުން. އެ މަސައްކަތް ހިނގިއިރުގައި، ޓަގު ބޯޓެއްވިޔަސް، ގަންނަ ކާނާކޮޅު ކަމުގައިވިޔަސް، އެ މީހުންގެ އެ މަސައްކަތު މީހުންނަށް، އެހެންގޮސް އެކި ކަންކަން ކުރީ ދިވެހި ރައްޔިތުން. އެތައް ބަޔަކު މުއްސަނދިވީ. އެއީ، ލޯނުދޭ ޤައުމުގެ ސިޔާސަތު އޮންނަ ގޮތަކުން ވާގޮތެއް.

މި ދެންނެވި ބުރިޖު ޕްރޮޖެކްޓް މި ސިޓީގައި ހިނގާއިރުގައި، އަޅުގަނޑު ޔަޤީންކަން މިދެނީ، އިރާދަކުރެއްވިއްޔާ އެ ޕްރޮޖެކްޓްގެ ފައިނޭންސިންގގެ ތެރެއިން މެޓީރިއަލްއާއި، އެކިކަހަލަ ލޮޖިސްޓިކަލް މަސައްކަތްތަކާއި، އެކިކަހަލަ ސަބް ކޮންޓްރެކްޓް ކުރެވިގެން ހިނގާ އެތައް އެތައް ކަމެއް ކުރާނީ، މި ސިޓީގެ ރައްޔިތުންގެ ކުންފުނިތަކަކުންކަން. ކުރީމަ ކިހިނެއްތޯ އެވަނީ. ފަރުދީ މުއްސަނދިކަން ލިބެނީ. ޖީބުތަކަށް ލިބެނީ ފައިސާ. އެގޮތަށް ނަގާ ލޯނު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނަގާނީ. އެއިން ރައްޔިތުންނަށް މުއްސަނދިކަން ލިބޭ މަޝްރޫޢުތައް ހިނގާނީ. މިދޭތެރެއިން މިދިޔަ ފަސްވަރަކަށް އަހަރު ނެގި ލޯނުތަކުން ލޯ މޮހޮރެއް ގަންނަންވިޔަސް ރާއްޖެއިން ނުގަންނާނެ. އެ އެ އެގްރީމަންޓްގައި އޮތީ ލޯނު ދިން ޤައުމުންނޭ މޮހޮރު ގެންނަންވާނީ. މިއީ ހަމަ މިސާލެއް. އެނޫން ގޮތަކަށް ހިނގައްޖެތޯ. މިދިޔަ ފަސް އަހަރު ނެގި ލޯނުތަކުން ދިވެހި ކުންފުނިތަކަށްވީ ފައިދާއެއް އެބައޮތްތޯ. ވަރަށް ކުޑަވާނެ ލިބިފައި އޮތް ފައިދާ. ވަރަށް ކުޑަ ޕަސެންޓެއް، ލޯކަލްކޮށް، އެ ޤައުމަކުން ޕްރޮކިއު ކުރަން އެ އެގްރީމަންޓްތަކުގައި ހުންނާނީ. ބޮޑު އަދަދު އޮންނާނީ، ލޯނުދިން ޤައުމުންނޭ ގެންނަންޖެހޭނީ. އެހެންވީމާ، ރާއްޖޭގައި ދައުރުވި ފައިސާއެއް ނޯންނާނެ. ރާއްޖޭގެ ރައްޔިތުންނަށް ލިބުނު މުއްސަނދި ކަމެއް ނެތް. ކުދި އެތައް ވިޔަފާރިއެއް ބަނގުރޫޓުވި އެއް ސަބަބަކީ އެއީ.

އެހެންވީމާ، މި ދެންނެވި މަގުން އަޅުގަނޑުމެން މަސައްކަތް ކުރާނީ. އަޅުގަނޑުވީ ވަޢުދެއްވިއްޔާ ފުއްދާނެކަމުގެ ޔަޤީންކަން ދެނީ އެހެންވެގެން. އަޅުގަނޑު އެންމެ ފުރަތަމަ އެންމެ ބޮޑަށްވީ އެއް ވަޢުދަކީ، އެންމެ ފުރަތަމަ ކަމަކަށް ކުރާނެ އެއްކަމަކަށް އަޅުގަނޑު ދެންނެވީ، އަޅުގަނޑުމެންގެ މިނިވަންކަން ޙިމާޔަތް ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ޤައުމުގެ އިސްތިޤްލާލް ސަލާމަތް ކުރުމަށްޓަކައި މި ޤައުމުގައި ބޭރުގެ ސިފައިން ތިބި ތިބުން، ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ނިމުމަކަށް ގެންނާނަމޭ. އެކަމަކީ އިރާދަކުރެއްވިއްޔާ ރިވެތި އުޞޫލުގެ މަތިން، ޑިޕްލޮމަސީގެ ތެރެއިން އެ އޮންނަ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދެކެވިގެން ކުރެވޭނެ ކަމެއް. އެއީކީއެއް އެއްވެސް ހާލެއްގައި އެނޫން ބީދައަކުން ކުރެވޭނެ ކަމެއް ނޫން. ކޮންމެ ޤައުމެއްވެސް ގަބޫލުކުރާނެ، އަނެއް ޤައުމުގެ ޑިމޮކްރެޓިކް ނިންމުންތައް. މި ބަވަނަވެފައި މިއޮތް ދުނިޔޭގައި، އެނޫން ގޮތަކަށް އޮޕަރޭޓް ކުރާ ޤައުމެއް ނޯންނާނެ. ގިނަ ޤައުމުތައް އޮޕަރޭޓް ކުރާނީ އެގޮތަށް.

އެހެންވީމާ، ސަރަޙައްދީ ޞުލްޙަވެރިކަން، ސަރަޙައްދީ ހަމަޖެހުން އޮންނަން ބޭނުންވާ ބަޔަކުވިއްޔާ ބަލާނެ، އެ ޤައުމެއްގެ ޑިމޮކްރެޓިކް ނިންމުންތައް އެއޮތީ ކިހިނެއްތޯ. އެއާ އެއްގޮތަށް ތިމަންނަމެންވެސް ފުރުޞަތު ދޭންވާނެ ކަމަށް. އެހެންވީމާ، އެ ހަމައިގެ މަތިން އަޅުގަނޑުމެން މަސައްކަތް ފެށީ. އިންޑިއާގެ ފަރާތުން ހުވާކުރުމުގެ ރަސްމިއްޔާތަށް ފޮނުއްވި ވަޒީރާ އަޅުގަނޑު ފުރަތަމަ ދުވަހު ބައްދަލުކޮށްފައި، ދިވެހި ޤައުމުގެ، ދިވެހި ސަރުކާރުގެ ފަރާތުން އަޅުގަނޑު ވަޢުދުވީ ގޮތަށް، ފުރަތަމަ ދުވަހު އެކަން ހުށަހެޅީ. މިތާ ތިބި އިންޑިއާގެ ސިފައިން ގެންގޮސްދެއްވާށޭ. އެ މަސައްކަތް އެ ދުވަހު ފެށިގޮތަށް، މިއަދާ ހަމަޔަށް އާދެވުނުއިރުގައި މިއޮތީ، އިރާދަކުރެއްވީތީ ވަރަށް ކާމިޔާބު ހިސާބަކަށް އާދެވިފައި. މިހާރު ލިޔެކިޔުމަށް ތިރިކުރެވި، އެއޮތީ ސޮއިކުރެވިފައި. ސޮއިކުރެވިފައި އެއޮތީ ތާރީޚުތަކެއްގެ މައްޗަށް އެއްބަސްވެވިފައި. މިވަރުގެ ކާމިޔާބެއްވުމަކީ ﷲ އަށް ޙަމްދުކޮށް އަޅުގަނޑުމެން އެންމެން އެކަމަށްޓަކައި ފަޚުރުވެރިވާންޖެހޭނެ ކަމެއް. ދިވެހި ރައްޔިތުން ކުރެއްވި ކަމެއް މިއީ. ތިޔަބޭފުޅުން ނިންމި ނިންމުމެއް މިއީ. ތިޔަބޭފުޅުން ނިންމެވީ، މި ޤައުމުގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބެގެން ނުވާނެ ކަމަށް. އެ ނިންމުން ތަންފީޒުކޮށްދޭނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑުގެ މައްޗަށް އޮތީތީ، ތިޔަބޭފުޅުން އަޅުގަނޑަށް ފުރުޞަތު ދެއްވީ. އެ ޔަޤީންކަން މަތީގައި ފުރަތަމަ ދުވަހު ހުރިގޮތަށް މިއަދުވެސް މިހިރީ. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުކޮށްދޭނަން ތިޔަބޭފުޅުންނަށް. އާދެ، މާރިޗު 10ގެ ކުރިން އެއް ބެޗް، ދެން ދެމަސް ތެރޭގައި ދެން ތިބި ސިފައިން ބާލައި، އެއްކޮށް ނިންމައިދޭނެ ކަމަށް އެއޮތީ މިހާރު ސޮއިކޮށްފައި. އެހެންވީމާ، މޭ 10ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގެންގޮސް ނިންމާނެ. އެއީ، ޔަޤީންކަމެއް މިހާރު. ލިޔެކިޔުމަށް ތިރިވެ ސޮއިކޮށްފައި އެއޮތީ މިހާރު.

އެހެންވީމާ، މިއީ އަޅުގަނޑު މި ދަންނަވާ ވާހަކައަކީ. ޤައުމަށް އިޤްތިޞާދީ ކުރިއެރުން ގެނެސްދީ، ވައްޓާލާފައި އޮތް ފުން އަނދަވަޅުން ނަގައި ކޮޅަށްޖަހައިދިނުމާއި، މިނިވަންކަން ޙިމާޔަތް ކުރުމަށްޓަކައި ބޭރުގެ ސިފައިން މިތާ ނުތިބޭނެކަން ޔަޤީންކުރުމާއި، އަޅުގަނޑުމެންގެ އަތުން ޤާނޫނާ ޚިލާފަށް ނަގާލައިފައިވާ، އަތުލާފައި އޮތް ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމުގެ މަސައްކަތާ. މިކަންކަން މިކުރަނީ. އެ މަސައްކަތްވެސް އެއޮތީ ހަމަ ވަޢުދުވީ ގޮތަށް ފަށާފައި. އެ މަސައްކަތްވެސް އެދަނީ ހަމަ އެކަމުގެ ފަންނީ މާހިރުންނާ އެކީގައި، ބާރުމިނުގައި ކުރިއަށް.

އަޅުގަނޑުމެންގެ އުންމީދަކީ، އެކަންވެސް ހަމަ އަޅުގަނޑުމެންނަށް ހާސިލުވެ، ކާމިޔާބުވެ، މިދިޔަ ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރެއްނެތި އަޅުގަނޑުމެންގެ ތަރިކަ މުދަލެއް، އެތައް އަކަ ކިލޯ މީޓަރެއްގެ ކަނޑުގެ ސަރަޙައްދު ދޫކޮށްލި ދޫކޮށްލުން ބަދަލުކުރުން. އިރާދަކުރެއްވިއްޔާ އެ ކަނޑުގެ ސަރަޙައްދުވެސް އަޅުގަނޑުމެން ހޯދައިދޭނަން.

އާދެ، އަޅުގަނޑު ދެންނެވިން، މި ޤައުމަށް ހަމަޖެހުން ގެންނަންޖެހެއޭ. ހަމަޖެހުން މި ޤައުމަށް އަންނާނީ ބަދަލުހިފުމުގެ ރޫޙު ނިމުމަކަށް އައިސްގެންނޭ. ސިޔާސީ ގޮތުން، ސިޔާސީ ވިސްނުމެއްގައި، ސިޔާސީ މަގާމެއްގައި ހުރުމަކީ އަސާސެއް ކަމަށް ކަނޑައަޅައިގެން، އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ އަޅުގަނޑު ނުކުރާނެ ކަމެކޭ ކެމްޕެއިންގައި ދެންނެވިން. އަބަދާއި އަބަދު މި ޤައުމުން މި ފެންނަނީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ހައްޔަރުކުރާ ތަން. ނޫނީވިއްޔާ އަދަބުދީ ބަންދުކުރާތަން ސިޔާސީވެގެން. އެހެނެއްނޫން، ކުށެއް ކޮށްގެން އަދަބު ދިނުމަކީ އަދި އެހެން ކަމެއް. ޤާނޫނުގެ ވެރިކަން ހިންގަންޖެހޭނެ ޑިމޮކްރަސީއެއްގައި ވިއްޔާ. އަދި ޤާނޫނުއަސާސީގެވެސް މަފްހޫމަކީ ޤާނޫނުގެ ވެރިކަން ކުރުން.

އެހެންވީމާ، ޤާނޫނުއަސާސީގެ ކުރިމަތީގައި، ޤާނޫނުގެ ވެރިކަން ކުރުމުގައި އެއްވެސް މީހަކީ ތަފާތުކުރެވޭނެ މީހެއް ނޫން. އެހެން ނަމަވެސް، ސިޔާސީ ވިސްނުމެއްގައި އަނިޔާވެރިވުމަކީ އަޅުގަނޑު ނުކުރާނެ ކަމެއް ކަމަށް އަޅުގަނޑު ވަޢުދުވިން. ޢަދުލުވެރި ވެރިކަމެކޭ ކުރާނީ. ޢަދުލުވެރިކަމަކީ އެންމެންނަށް ލިބެންޖެހޭ އެއްޗެއް ކަމަށް އަޅުގަނޑު ދެންނެވިން. އެ ވާހަކަ، އެ ވަޢުދު އެއީ، އަޅުގަނޑު ހަމަ ދެންމެ މި ދެންނެވި ވަޢުދުތައް ގޮތަށް، ފުރަތަމަ ދުވަހުން ފެށިގެން ފުއްދަމުންދާ ވަޢުދެއް. ޝަރީޢަތުގެ ތެރެއަށް ނުފޫޒެއް ނުފޯރުވާނެ ކަމަށް އަޅުގަނޑު ދެންނެވިން. އަޅުގަނޑުމެންގެ ސަރުކާރު ފެށުނު ދުވަހުން ފެށިގެން ޖުޑީޝަރީ ހިނގަމުން އެދަނީ ފުރިހަމަ މިނިވަންކަންމަތީގައި. އެއްވެސް ވަޒީރަކު، އެއްވެސް ކުންފުންޏެއްގެ ވެރިޔަކު، އެއްވެސް އެމް.ޕީއަކު، އަޅުގަނޑުމެންގެ ތެރޭގައި ސަރުކާރުގެ އެއްވެސް މީހަކު، ކޯޓުގައި ހިނގާ އެއްވެސް ކަމަކަށް ނުފޫޒެއް ނުފޯރުވާނެ. އެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. ކޯޓުތައް އެ ހިނގަނީ އެއްވެސް ނުފޫޒެއްނެތި.

އެހެންވީމާ، އެ ޔަޤީންކަން އަޅުގަނޑު ދެނީ އެހެންވެގެން. އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑު ގަބޫލުކުރާ އެއްގޮތަކީ، މި ދެންނެވި ފަދައިން، ހަމަޖެހުން އަންނަންޖެހޭނެ ކަމަށް. ސިޔާސީގޮތުން އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިގެން ނުވާނެކަމަށް.

އަޅުގަނޑުމެންނަށް މި ފެންނަނީ މީގެ ކުރީގައި، ޤައުމުގެ ވެރިކަންކޮށްފައި ތިބި ފަރާތްތައް، ވެރިކަމުން ނިމުނީމާ ގެންގޮސް ހައްޔަރުކުރާ ތަން. އެކަމެއް އަޅުގަނޑުގެ ކިބައަކުން ނުފެންނާނެ. އެހެންވެގެންނޭ ކިޔާފައި ހައްޔަރުކުރާނެ މީހެއް ނުހުންނާނެ.

އަޅުގަނޑުމެންގެ ޤައުމަށް ހަމަޖެހުން އަންނާނީ، ޤައުމުގައި ބަސް ކިޔަން ތިބި ސިޔާސީ ފަރާތްތައްވެސް މިނިވަންކަމާ އެކީގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެން. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިހާދުވަސް ވެގެންދިޔައިރުގައި، ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ، ޤައުމަށް ހަމަޖެހުން ލިބޭނެގޮތެއް ނޫން. އެ މަނިކުފާނަށްވެސް އިންސާފު ލިބެންޖެހޭނެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން. .Justice delayed is justice denied

އެހެންވީމާ، އެ މަނިކުފާނަށްވެސް ޖުޑީޝަރީގެ ތެރެއިން އިންސާފު ލިބެންވާނެ. އެ ޖުޑީޝަރީ އެ ހިނގަނީ، އަޅުގަނޑުމެންގެ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި. އެހެންވީމާ، އެ މަނިކުފާނަށްވެސް އިންސާފު ލިބި، ޖަސްޓިސް ސަރވްވުމަކީ، މި ޤައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް. އެ މަނިކުފާނަށްވެސް އޮތް އެންމެ އިންސާފުވެރި ގޮތް. އަޅުގަނޑު އުންމީދު ކުރަނީ، ޖުޑީޝަރީގެ ތެރެއިން، ޝަރީޢަތުގެ ތެރެއިން އެ މަނިކުފާނަށް، ދާދި އަވަހަށް އިންސާފު ލިބިގެންދާނެ ކަމަށް. އެކަމަށް ހުރަސްއަޅާނެ އެއްވެސް މީހެއް މި ސަރުކާރަކު ނުހުންނާނެ. ޢަދުލުވެރިކަން ފުރިހަމަ މިނުގައި، ސަރވްކުރާ ސަރުކާރެއް މި ސަރުކާރަކީ. އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެ. ކުޑައެއް، ބޮޑެއް ނޯންނާނެ. ވާނުވާގައި ތިބޭ މީހުންވެސް، އެއީ، އާދައިގެ ބަހުން ބުނާ އެއްޗެއް. އޭގެ މާނައަކީ ޝަރީޢަތް ނުނިމި ލަސްވެގެންދާ ދިޔުން. އެތައް ބަޔަކު، އެތައް އަހަރެއް ވެއްޖެ. އަޅުގަނޑު ވަޢުދުވިން، އެ ފަރާތްތަކަށް އިންސާފު ގާއިމުކޮށްދޭނެ ކަމަށް. އެއީ އިންސާފު ލިބެންޖެހޭ އެތައް ސަތޭކަ ދިވެހި ރައްޔިތުން. އެ މީހުންނަށްވެސް މި ޢަދުލުވެރިކަން ލިބެންޖެހޭ.

އެހެންވީމާ، މަޖިލިސް ހުޅުވި ދުވަހު އަޅުގަނޑު އޮންނާނެ ސްޓޭޓްމަންޓްގައި ބަޔާންކޮށްފައި، އެ ހަފްތާގައި ފަށާނެ ކަމަށް، މި ދެންނެވި ވާނުވާގައި ތިބޭ ތިބުމަށް، ނޫނީވިއްޔާ ވަކި ޙުދޫދެއް ނެތި، އެއްވެސްކަހަލަ ޙުކުމެއްނައިސް އެ ތިބޭ ތިބުން ނިމުމަކަށް ގެނައުމުގެ ފަންނީ އިދާރީ މަސައްކަތްތައް ފަށާނެ ކަމަށް. އަދި ފަށައި، ޤާނޫނެއް، އިރާދަކުރެއްވިއްޔާ އެކަމަށް ޚާއްޞަ ބިލެއް ތަޢާރަފުކޮށް، ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން، މި މައްސަލައަކީ ދާއިމީ ހައްލެއް އަންނާނެ މައްސަލައަކަށް ހަދާނެ ވާހަކަ އަޅުގަނޑު އެ ދުވަހު ދެންނެވިން. ރައްޔިތުންގެ މަޖިލީސް ހުޅުވި ދުވަހު. މިކަން ވެގެން ދިޔައިމާ ތާއަބަދަށް، ތާއަބަދަށް، ރާއްޖޭގައި މިގޮތުގައި ހައްޔަރުވެފައި ތިބޭ މީހުން ތިބުން ނިމުމަކަށް އިރާދަކުރެއްވިއްޔާ އަންނާނެ. ރައްޔިތުންނަށް އަޅުގަނޑު އެކަމުގެ ޔަގީންކަން ދެން.

އެހެންވީމާ، ޖުޑީޝަރީ ފުރިހަމަގޮތުގައި އޮތީ މިނިވަންކޮށްދީފައި. ޖުޑީޝަރީއަށް، މިވަގުތު ކްރިމިނަލް ކޯޓަށް ބޭނުންވަނީ ޖާގަ. އެއީ ހަމަ އިންސާފުވެރިކަމާ އެކީގައި އެ ބޭފުޅުން ހަރަކާތްތެރިވާން ހަމަ ބޭނުންވާ ކަމެއް. އަޅުގަނޑު މަޖިލިސް ހުޅުވި ދުވަހު އެ ވާހަކަވެސް ދެއްކިން. ކްރިމިނަލް ކޯޓަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތްތައް ވަރަށް އެބަ ކުރަން. ވަގުތީ ހައްލެއް، ހުޅުމާލޭގައި ހުރި ކުރީގެ ކޯވިޑް ފެސިލިޓީގައި އިރާދަކުރެއްވިއްޔާ ސަރުކާރުން އެ ކޯޓު ގާއިމުކުރުމުގެ މަސައްކަތް އެބަ ކުރަން. އަދި ދާއިމީ ހައްލެއް މުޅި ޖުޑީޝަރީއަށް ގެނައުމަށްޓަކައި ހުޅުމާލޭގައި ދާއިމީ ޖުޑީޝަލް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތަކީވެސް އަޅުގަނޑުމެން ސީރިޔަސް ކަމެއް ދީގެން ކުރާނެ ކަމެއް. އެހެންވީމާ، ޖުޑިޝަރީއަށް ދޭންޖެހޭ ސަމާލުކަން އަޅުގަނޑުމެން ދޭނަން.

އެހެންވީމާ، އެގޮތުގައި ރާއްޖޭގެ ހުރިހާ ސެކްޓަރއެއްގައި، ހުރިހާ ބާރުތަކަކަށް، ރައްޔިތުންގެ މަޖިލީހަށްވެސް، ޝަރުޢީ ދާއިރާއަށްވެސް، އަޅުގަނޑުމެންގެ ސަމާލުކަން އޮންނާނެ. ރައްޔިތުންގެ މަޖިލީހުން ކުރައްވަންވީ ކަމަކީ، ހަމަ އެގޮތުގައި ޒިންމާދާރުކަމާ އެކީގައި ކުރިއަށް ވަޑައިގަތުން. ޒިންމާދާރުވުމަކީ، ޙަޤީޤީ މާނައިގައި ޒިންމާދާރުވުން. ތިމަންނަމެންނަށް ބާރު ހިންގައި، މާ ބާރުގަދަ އެހެން ފަރާތެއް ބުނާގޮތަށް ކަންކަން ކުރުމަކީ ޒިންމާދާރުވުމެއް ނޫން.

އަޅުގަނޑުމެންނަށް އެނގޭ މި ވާނުވާ. އެހެންވީމާ، ނޭނގޭކަމަށް އަޅުގަނޑުމެންނަށް ހީވަނީކަމަށް ހީނުކުރެއްވުން އެދެން. އެއީކީ އެކަމަކު ރައްޔިތުން ބަލައިގަންނާނެ ގޮތެއް ނޫން. މި ޤައުމުގައި ހަމަޖެހުމާއި، އިންސާފު ގާއިމުވެގެން ދިޔުމަކީ، ރައްޔިތުންގެ މަޖިލީހުގެ ބޮލުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އެޅިފައި އޮތް ކަމެއް. ހަމަ ބޭނުންހާ ގޮތަކަށެއް، ތިމަންނަމެން ބޭނުންވީމާ، ބޭނުންހާ ގޮތަކަށް ޤާނޫނުތަކާއި، ގަވާއިދުތަކާ ބަދަލުކޮށްގެން، މާދަމާ ތިބެވޭނެ ކަމަށް ހީކުރުމަކީ މޮޔަ ވިސްނުމެއް. އެގޮތަށް ކަންކަން ކުރުމަކީ، ރައްޔިތުން ބަލައިގަންނާނެ ކަމެއް ކަމަށް ހީނުކުރައްވާ. ރައްޔިތުންގެ ގާތަށް މި ދާންޖެހެނީ އަނެއްކާވެސް އިންތިޚާބަކާ ކުރިމަތިލައިގެން. މި އަންނަ މަހު އިންތިޚާބު އޮތީ. 17 ވަނަ ދުވަހު.

އެހެންވީމާ، އެ ދުވަހު އިންތިޚާބު އޮންނައިރުގައި، އެ އިންތިޚާބުގައި ތިމަންނަމެނަށް ކާމިޔާބުވާނެ ކަމަށް ހީކޮށް، ބޭނުންހާ ގޮތަކަށް ގަވާއިދުތައް ބަދަލުކޮށްލީމަ، ކޮންތާކުތޯ ރައްޔިތުންނަށް ޖަވާބުދެނީ؟ ކިހިނެއްތޯ އެ ޖަވާބުދެނީ؟ ނުދެވޭނެ ޖަވާބެއް. ކޮން އަސާސެއްތޯ ދައްކަން އޮތީ؟ ނޯންނާނެ ދެއްކޭނެ އަސާސެއް.

އަޅުގަނޑުމެން 14 ހަފްތާއަށް ކަނޑައެޅި ކަންކަން، ހަންޑްރެޑް ޕަސެންޓް، 100 އިންސައްތަ އިރާދަކުރެއްވިއްޔާ ކާމިޔާބުކަމާއެކީ ނިންމަމުން މިދަނީ. ކޮންމެ ވުޒާރާއަކާއި، ކޮންމެ ކުންފުންޏަކާ ހަވާލުވި ކޮންމެ ކަމެއް، އެދަނީ ފަރުވާތެރިކަމާ އެކީގައި ކުރަމުން. އަޅުގަނޑުމެން މި ދަނީ ޕަރފޯމަންސް ދައްކަމުން. އިރާދަކުރެއްވިއްޔާ ރައްޔިތުން އެކަން ބަލައިގަންނާނެ. ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް، އެއީ، ޤައުމުގެ މިނިވަންކަމާ ގުޅޭ ކަންކަން ކަމުގައިވިޔަސް، ފުރަތަމަ ދުވަހު ވަޢުދުވިގޮތަށް ފަށައިގެން މި ގެންދަނީ، ދެންމެ މި ދެންނެވި ގޮތަށް ކުރަމުން. ޤައުމުގެ އިސްތިޤްލާލު މިނިވަންކަން ހިމާޔަތްކޮށްދެމުން، އަޅުގަނޑުމެންގެ އިޤްތިޞާދު ވައްޓާލާފައި އޮތް، ފުން އަނދަވަޅުން ނަގައި ކޮޅަށްޖަހައި، މައްޗަށް، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ގެންގޮސްދިނުމުގެ މަސައްކަތް މިދަނީ ކުރަމުން.

އަޅުގަނޑުމެންގެ ހުއްޓިފައި ހުރި އެކިއެކި ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދިޔުމުގެ މަސައްކަތް މިވަނީ ފަށާފައި. އަޅުގަނޑުމެންގެ އެންމެ މުހިންމު އިޖުތިމާޢީ މައްސަލަ، ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި މަސައްކަތްތައް މިވަނީ ފަށާފައި. މާލެ ސަރަޙައްދުގައި އެ މައްސަލަ އެންމެބޮޑުވީމާ، އެންމެ ބޮޑު މައްސަލަ ހައްލުކުރުމަށް ބިން އިތުރަށް ބޭނުންވާތީ، އިތުރު ޝަހަރެއްގެ މަސައްކަތް އެއޮތީވެސް ފަށާފައި. އަދި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ގެދޮރުގެ މައްސަލަ ހައްލުކުރުމަކީ، އަޅުގަނޑުމެން އެންމެ އިސްކަންދޭނެ ކަންތައް. އެހެންވީމާ، މިހެންހުރި ހުރިހާ ކަމެއް، މިދަނީ ކުރަމުން.

ޒުވާނުންނަށް ބޭނުންވާ އެކިކަހަލަ ފުރުޞަތުތައް ދިނުމާއި، އިސް ރަށްވެހިންނަށް ބޭނުންވާ ފުރުޞަތުތައް ދިނުމާއި، ކަނބަލުންނަށް ބޭނުންވާ ފުރުޞަތުތައް ދިނުމާއި، ހަވާސާވެފައި ތިބި އެކިއެކި ފަރާތްތައް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް، ގެވެށި އަނިޔާ ލިބޭ ފަރާތްތައް، މިހެންގޮސް އެތައް ފަރާތަކަށް ސަމާލުކަންދީ، އެ ހުރިހާ އެންމެންނަށް، ހުރިހާ ފަރާތްތަކަށް އަޅައިލައި، އޯގާތެރިކަމާ އެކީގައި މަސައްކަތް މިދަނީ ކުރަމުން.

އެހެންވީމާ، މިކަންކަން މިހެން އޮތްއިރުގައި، މިއީ، އެއްވެސް އަސާސަކަށް ނުވަންޏާ، އަސާސަކީ ކޮން އެއްޗެއް ކަމެއް އަލުންޖެހޭނީ ޑިފައިން ކުރަން. އެހެންވީމާ، ރައްޔިތުންގެ ކުރިމަތީގައި، ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ކޮންމެ ފަރާތަކުން މަސައްކަތްކުރަން ޖެހޭނީ ޒިންމާދާރުކަމާ އެކީގައި. ޒިންމާދާރުވާންޖެހޭނެ. އެ ޒިންމާދާރުކަން އަދާނުކުރެވެންޏާ، އެ ފަރާތަކީ ރައްޔިތުންގެ ކުރިމައްޗަށް އަންނައިރުގައި ޖަވާބުދާރީ ނުވެވޭނެ ފަރާތެއްކަން ގަބޫލުކުރަންޖެހޭނެ.

އާދެ، އެހެންވީމާ މިގޮތަށް، ޤައުމުގެ ކަންކަން ހިންގުމުގައި، އަޅުގަނޑު އެދެނީ، ރައްޔިތުން ތިޔަގޮތުގައި ކުރިއަށް ވަޑައިގެން، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވަން. ސަރުކާރުން ރައްޔިތުންނަށް، އަޅުގަނޑު ވަޢުދުވީ ގޮތަށް، ހަމަ ހުރިހާ ކަމެއްވެސް އިރާދަކުރެއްވީތީ މިދަނީ ކޮށްދެމުން. ކުރަމުންދާނަން. އަދި ކުރާނަން އިރާދަކުރެއްވިއްޔާ. އެކަންކަން ކުރުމުގައި، ރައްޔިތުންގެ ކިބައިން، އަޅުގަނޑު ހަމައެކަނި ބޭނުންވަނީ އިތުބާރާއި އެއްބާރުލުން. އަޅުގަނޑު ވީ ކޮންމެ ވަޢުދެއް، އަޅުގަނޑު ހަމަ ތަކުރާރުކޮށް ދެންނެވިފަދައިން ކެމްޕެއިންގައި، މައިކް ކައިރިއަށް އައިސް ހުއްޓި، ދެއްކި ކޮންމެ ވާހަކައެއް، ކޮންމެ ޖުމްލައަކަށް އަޅުގަނޑު ޒިންމާވަމޭ. އެކަންކަން ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުގެ އަމިއްލަ ނަފްސަށް އޮވެގެނޭ އަޅުގަނޑު ވާހަކަދައްކަނީ. އެކަންކަން އިރާދަކުރެއްވިއްޔާ ކުރާނަމޭ. ކޮށްފައި އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަމޭ. ނަތީޖާ ނެރެދޭ ސަރުކާރެކޭ އަޅުގަނޑުމެން ޤާއިމުކުރާނީ. އިޚްލާޞްތެރި، ތެދުވެރި، މަސައްކަތޭ އަޅުގަނޑުމެން ކުރާނީ. ޒިންމާދާރު ސަރުކާރެކޭ ޤާއިމުކުރާނީ. އެ ގޮތުގައި މަސައްކަތް ފަށައިގެން މިދަނީ ކުރިއަށް. އެހެންވީމާ، ރައްޔިތުންގެ ކިބައިން އެދެނީ އެއްބާރުލުން. އަޅުގަނޑަށް ޔަގީން، ރައްޔިތުން އެއްބާރުލުން ދެއްވާނެ ކަމަށް.

އާދެ، އަދިވެސް އެއްފަހަރު، ފޭދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް އުފާކުރަން ތިޔަބޭފުޅުންގެ ގާތަށް އާދެވުމުން. އަޅުގަނޑު އުންމީދު ކުރަނީ، ދާދިއަވަހަށް އަނެއްކާވެސް ތިޔަބޭފުޅުންގެ ގާތަށް އަދި މިއަށްވުރެވެސް އުފާވެރި މެހެފިލަކަށް އާދެވޭނެ ކަމަށް.

އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފެހި، ފަހި މާދަމައެއް ﷲ މިންވަރު ކުރައްވާށި. އަޅުގަނޑުމެންގެ ވަޠަނަށް މިނިވަންކަން ތާއަބަދު ލަހައްޓަވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.