بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އާދެ، އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން، ވަކިން ޚާއްޞަކޮށް، މަރަދޫފޭދޫ އަދި މަރަދޫގެ ލޮބުވެތި ރައްޔިތުން، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް، ދާއިރާގެ ކައުންސިލަރުން، އައްޑޫ ސިޓީ ކައުންސިލްގެ ބޭފުޅުން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑު ކުރިން ތ. އަތޮޅަށް ފެށި ދަތުރުގައި ދެންނެވިން، އަޅުގަނޑު ބޭނުންވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ރައްޔިތުންގެ ގާތަށް ކައުންސިލްތަކާއި ޑަބްލިޔޫ.ޑީ.ސީ. އާއި، ރައްޔިތުންނާ ބައްދަލުކުރަން ދަތުރުތަކެއް ކޮށްލާށޭ. އެއީ، ކެމްޕެއިންގައިވެސް އަޅުގަނޑުވީ ވަޢުދެއް. ރައްޔިތުންނާ ގާތުން ވީހާވެސް ގިނަ މަސައްކަތްތަކެއް ކުރުން. އެގޮތުން، ދެވަނަ ދަތުރު މި ސިޓީއަށް ކުރެވޭގޮތް ވެގެންދިޔުން އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ތިޔަބޭފުޅުން ތިޔަ ބަހައްޓަވާ ގާތްކަމާއި، ވިދާޅުވި މަރުޙަބާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މިއަދު މި ރަށަށް، މި ސިޓީއަށް އައިސް އަޅުގަނޑު ކައުންސިލާއެކު ވަރަށްގިނަ ވަގުތު ބައްދަލުވުމެއް ބޭއްވިން. ކައުންސިލްގެ މީޓިންގގައި، މި ސިޓީއަށް ބޭނުންވެފައި ހުރި ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެންނަށް ސާފުވެގެންދިޔަ. އަދި އެކަންކަމާ ބެހޭގޮތުން މަޢުލޫމާތު އެއްކުރެވިގެންދިޔަ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ސިޓީގައި ކުރިއަށް ގެންދަންވެފައި ހުރި ހުރިހާ މަސައްކަތްތަކެއް، ހުރިހާ ކަމެއް، އެއީ، މިހާރު ފެށިފައި ހުރި މަސައްކަތްތައް ކަމުގައިވިޔަސް އަދި މި އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދަން ރޭވިފައި ހުރި ކަންކަން ކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ، އެކަންކަމަށް އިސްކަންދީގެން އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަމޭ. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. ނަމަވެސް، މި މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެން ޖެހޭނެ ބަހާލައިގެން، އަހަރުތެރެއަށް މަސައްކަތްތައް ތަރުތީބުކޮށްލަން.

އެއީ، އަޅުގަނޑުމެންނަށް މި ސަރުކާރު ލިބިގެންދިޔައިރުގައި، މަސައްކަތް ފެށިގެންދިޔައިރުގައި، މިދިޔަ އަހަރުގެ 17 ނޮވެންބަރުގައި. އަޅުގަނޑު ދެންނެވިން އެ ދުވަހު، ރައްޔިތުންނާ މުޚާޠަބުކޮށް ފުރަތަމަ ދެއްކި ވާހަކައިގައިވެސް، ޤައުމު އޮތީ ވަރަށްބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައޭ. އެއީ، އިޤްތިޞާދީ ބޮޑު އަނދަވަޅެކޭ. 120 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދުގެ ދަރަނި އެބައޮތް ކަމަށް. އެއީ، އަޅުގަނޑުމެންނަށް ވާރުތަވެގެން އައި އިޤްތިޞާދީ ޙާލަތު އޮތް ހިސާބު. މިހާރު އެކަން އެގޮތަށް ކުރި ފަރާތްތަކުން އެކަންކަން އެހެން ނެތް ކަމަށް ރައްޔިތުންނަށް ވިސްނައިދޭން އުޅޭ އުޅުން އެއީ، ޙައިރާންވާންޖެހޭ ކަހަލަ ކަމެއް. 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް. މިއިން ޒަމާނަކު ރާއްޖޭގެ އިޤްތިޞާދު ނުވެއްޓޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތީ. އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ލޯނު، ކޮންމެ އަހަރަކު ނަގަމުންދިޔައީ. މީގައި ލޯނު ނެގުމެއް ނޫން މައްސަލައަކީ. އަޅުގަނޑުމެންނަށްވެސް މަސައްކަތް ކުރެވޭނީ، ސަރުކާރުތަކަށް މަސައްކަތް ކުރެވޭނީ، ހަމަ އެކިކަހަލަ ފައިނޭންޝަލް ފެސިލިޓީތައް ހޯދައިގެން. ލޯނު ނަގައިގެން. ނޫނީވިއްޔާ އެހެންކަހަލަ ފެސިލިޓީޒް ހޯދައިގެން.

އެހެން ނަމަވެސް، ރައްޔިތުންނަށް އެންމެ ލާބައާއި މަންފާ ލިބޭގޮތަށް އެކަން ކުރުމަކީ އަދި ތަފާތު ކަމެއް. މިދިޔަ ދުވަސްތަކުގައި ނެގިފައި ހުރި ލޯނުތައް ނަގާފައި ހުރީކީއެއް އެގޮތަކަށް ނޫން. އެ ނެގުނު ލޯނުތަކުން ކުރަމުންދާ މަސައްކަތްތަކުން ރައްޔިތުންނަށް އެ މަޝްރޫޢުތަކުންވާ ފައިދާ ވަރަށްކުޑަ. މިހެން މި ދެންނެވީ، މިސާލަކަށް ދަންނަވަންޏާ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު އެޅުނުއިރުގައި، މިސާލެއް ދަންނަވާއިރުގައި، އެ މަޝްރޫޢަކީވެސް އޭގެ ވަކި އިންސައްތައެއް ލޯނު އަދި ހިލޭ އެހީވެސް ވަރަށްބޮޑު އިންސައްތައެއް އޮތް ޕްރޮޖެކްޓެއް. އެހެން ނަމަވެސް، އެ މަޝްރޫޢު ހިނގަމުންދިޔައިރުގައި، އެތައް ރައްޔިތުންނެއް ދިޔައީ މުއްސަނދިވެގެން. އޭގެ މެޓީރިއަލް ހޯދުން ކަމުގައިވިޔަސް، ލޮޖިސްޓިކަލް މަސައްކަތް ކަމުގައިވިޔަސް، އެ މަސައްކަތަށް އައިސް އުޅުނު މުވައްޒަފުންގެ ކާބޯތަކެތި ގަތުން ކަމުގައިވިޔަސް، ކުދިކުދި ކަންކަމުން ގޮސް އެކި ކަންކަމުގައި ރައްޔިތުންނަށް، ދިވެހިރާއްޖޭގެ އެކި ކުންފުނިތަކަށް އެކަމުގައި އުޅުމުގެ ފުރުޞަތު އޮތް މަޝްރޫޢެއް އެއީ. އެއީ، އެ ލޯނު ދޫކުރާ ފަރާތުން ކަނޑައަޅާ ސިޔާސަތެއް. މިދިޔަ ދުވަސްތަކުގައި، މިދިޔަ ފަސް އަހަރެއްހާ ދުވަހު ނެގުނު ލޯނުތަކުގައި ސިޔާސަތު އޮތީ އެހެނެއް ނޫން. މޮހޮރެއްވިޔަސް ހޯދަން މިޖެހެނީ ލޯނު ދޫކުރި ޤައުމުން. ދިވެހި ރައްޔިތުންނަށް މި މަޝްރޫޢުތަކުން ލިބުނު މުއްސަނދި ކަމެއް ނެތް.

އެހެންވީމާ، ރާއްޖޭގެ އިޤްތިޞާދަށް ފައިދާނުވި ތާނގައި، ރައްޔިތުން މުއްސަންޖެއްނުވި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކުރިއަށް ގެންދަންހުރި މަޝްރޫޢުތައް ކުރިއަށް ގެންދާއިރުގައި، ނަގަންޖެހޭ ލޯނެއްވިއްޔާ ނަގަމުންދާނީ، އެއްކަމަކަށް، މި ދެންނެވީ ރައްޔިތުން މުއްސަނދިވާ ގޮތަށް. ރައްޔިތުންނަށް، ރައްޔިތުންގެ ޖީބަށް އެއިން ފައިސާ ލިބޭގޮތަށް. ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެ ގޮތަށް ނަގާ ލޯނުތައް ނަގާނީ. ދެވަނަ ކަމަކަށް، އެ ނަގާ ލޯނެއްވިއްޔާ، ދިގު މުއްދަތަށް ބަހާލައިގެން، ވީހާވެސް ލުއިގޮތަކަށް، އަޅުގަނޑުމެންގެ އިޤްތިޞާދަށް ކަތާ މިންވަރަކުން ނެގޭ ލޯނުތަކެއް ނަގައިގެން، އިޤްތިޞާދު ކުރިއަރުވައި ތަރައްޤީ ގެންނާނީ. އެގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދަން މަސައްކަތްތައް މިދަނީ ކުރަމުން.

މިހާރު މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން މިކުރި މަސައްކަތުންވެސް މިސާލަކަށް ދަންނަވަންޏާ، ޗައިނާއާއެކީ އަޅުގަނޑުމެން ސޮއިކުރި ވިއްސަކަށް އެއްބަސްވުން. އޭގެތެރެއިންވެސް ހަމަ އެއްވެސް އެއްބަސްވުމެއްގައި، މި ދެންނެވި ގޮތަށް ނޫން ގޮތަކަށް ނަގާނެ ލޯނެއް، ނޫނީވިއްޔާ އެހީތެރިކަމެއް ނޯންނާނެ.

އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކަކީ، މި ސިޓީގެ ތަރައްޤީއަށް އަދި މުޅި ރާއްޖޭގެ ތަރައްޤީއަށްވެސް މި ދެންނެވި ބީދައިން، އެކިކަހަލަ ކުރިއެރުންތައް، ރައްޔިތުންގެ އިންޑިވިޖުއަލް ދިރިއުޅުމަށް، އަމިއްލަ ފަރުދީ، ޢާއިލީ ދިރިއުޅުމަށް މުއްސަނދިކަމާއި ކުރިއެރުން ލިބޭގޮތަށް ތަރައްޤީ ގެނެސްދެވޭ ދުވަސްތަކަކަށްވާނެ.

އިރާދަކުރެއްވިއްޔާ މި ދަތުރުގައި އަޅުގަނޑުމެން ފަށަން މި މަސައްކަތް ކުރަނީ، މި ސިޓީގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަން އަޅުގަނޑު ވަޢުދުވެފައިވާ އެންމެބޮޑު މަޝްރޫޢުގެ ފީޒިބިލިޓީ ޑިޒައިން، ފީޒިބިލިޓީގެ މަސައްކަތް. އެއީ، ބުރިޖުގެ މަސައްކަތް. އެ މަސައްކަތްވެސް، އޭގެ ޑިޒައިން މަސައްކަތް، ފީޒިބިލިޓީ މަސައްކަތް އެއީ، ހިލޭ އެހީ. އެ މަސައްކަތް ނިމިގެން ދެން މަސައްކަތަށް، އަޞްލު ބުރިޖުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރު ފެށިގެންދާއިރުގައި، މި ދެންނެވި ބީދައިން ކުރިއަށްދާނީ.

އަޅުގަނޑުމެން މަސައްކަތް ކުރާނީ، ވީހާވެސް ކުރިއަކުން ތަރައްޤީގެ މަސައްކަތްތައް ފެށޭގޮތަށް. ދައުރުގެ ފަހުކޮޅަށް މަޑުކޮށްފައި، ތަރައްޤީގެ މަސައްކަތްތައް ފަށަން މަސައްކަތް ކުރުމަކީ، ޒިންމާދާރު ގޮތެއް ކަމަކަށް ނުފެނޭ. އިޤްތިޞާދުގައި ބުންވަރު ޖައްސަމުން، އިޤްތިޞާދަށް ކުރިއެރުން ގެންނަމުން މަސައްކަތްތައް ކުރާނީ. އަޅުގަނޑު ވީ ކޮންމެ ވަޢުދެއްވެސް އަބަދުވެސް ދަންނަވަމުން މި އަންނަނީ، ވަރަށް އަމާނާތްތެރިކަމާ އެކީގައި، އެ ވަޢުދުތަކަށް ސަމާލުކަން ދޭނަމޭ. ފުއްދައިދޭނަމޭ.

މިއަދު އަޅުގަނޑު މި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ އިޤްތިޞާދު މިއޮތް ޙާލަތުން އަރައިގަންނަ ކަމަށްވަންޏާ، ވަރަށް އުނދަގޫ ފިޔަވަޅުތަކެއް އަޅަންޖެހޭ. ކެމްޕެއިންގައި އެ ވަޢުދުތައް އަޅުގަނޑުވީ. އެއީ، ކުއްލިއަކަށް އަޅުގަނޑު ދެއްކި ވާހަކައެއް ނޫން. އަޅުގަނޑު ކެމްޕެއިންގެ ތެރޭގައި މަސައްކަތް ކުރަމުންދިޔައިރުގައި، އަޅުގަނޑުމެންގެ އިޤްތިޞާދީ ޓީމުން ވަރަށް ރަނގަޅަށް ދިރާސާ ކުރެއްވި. ވަރަށް ތަޖުރިބާކާރު ބޭފުޅުން ތިއްބެވީ. އެ ބޭފުޅުން ކުރެއްވި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައެޅީ، ކޮންކަހަލަ ފިޔަވަޅުތަކެއްތޯ އަޅަންޖެހޭނީ. އެގޮތަށް ކަނޑައެޅި އިޤްތިޞާދީ އެޖެންޑާ އިޢުލާނުކުރީ. އިޢުލާނުކޮށްގެން އިޤްތިޞާދީ އެޖެންޑާގެ މަތިން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް މަސައްކަތް ކުރަމުން މިއައީ. އެއީ، އަޅުގަނޑުމެން އަމިއްލައަށް ފެށި އިޤްތިޞާދީ އެޖެންޑާއެއް. އޭގައި ވެފައިހުރި ވަޢުދުތަކަކީ، ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ މެދު ރާސްތާގައި އަދި ދުރު ރާސްތާގައި ފަސޭހަކަމާއި، ތަރައްޤީއާއި، ޖީބަށް މުއްސަނދި ކަމާއި، ކުރިއެރުން ލިބޭނެ ވަޢުދުތަކެއް. 

އާދެ، އެހެންވީމާ، އަޅުގަނޑުވީ ކޮންމެ ވަޢުދެއްވެސް އެގޮތަށްވީ. އިރާދަކުރެއްވިއްޔާ ފުއްދާނަން. އެންމެ މުހިންމު، އެންމެ އުނދަގޫ އެއް ކަމަކަށްވީ ވަޢުދަކީ، ފައިސާ ޗާޕްކުރުން ހުއްޓާލުން. ދެން މި ޢިއްޒަތްތެރި މަޖިލިސް މެންބަރުން ވިދާޅުވެއްޖެ. އަލުން އެކަންވެސް ފަށަން ޖެހިއްޖިއްޔާ ފަށާށޭ. ވަރަށް ފަސޭހަ ކަމެއް. އެއީ، ވަރަށް އީޒީ ޕާރތެއް. ފަސޭހަގޮތް ފަސޭހަ، ކޮންމެ މީހަކަށްވެސް. އަޅުގަނޑުމެންނަށްވެސް ހަމަ ވަރަށް ފަސޭހަވާނެ. ހަމަ ފައިސާ ޗާޕް ކުރަމުން، ޗާޕް ކުރަމުން ގޮސް ހުރިހާ ކަމެއް ދެކޮޅުޖައްސަމުން ދާންވީ. އެކަމަކު އެއީކީ ރާއްޖެއަށް ރަނގަޅު ގޮތެއް ނޫން. ތިޔަބޭފުޅުންނަށް ރަނގަޅު ގޮތެއް ނޫން. ތިޔަބޭފުޅުންގެ ދަރިންނަށް، ޢާއިލާތަކަށް، މުސްތަޤްބަލަށް ރަނގަޅު ގޮތެއް ނޫން. އެހެން އެކަން ކުރަން ވެއްޖިއްޔާ ހައްތަހާދާނީ ބޮލަކަށްޖެހޭ ދަރަނި، އެތައް ސަތޭކަ މިލިއަނަކުން އިތުރުވަމުން. އެކަން ނުކުރާނަމޭ، ފައިސާ ޗާޕްކުރުން ހުއްޓާލާނެ ކަމަށް އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވިން. އެ ވަޢުދުގެ މަތީގައި އިރާދަކުރެއްވިއްޔާ ދެމިހުރުމަކީ، ރައްޔިތުންނަށް އެންމެ ހެވާއި ލާބަ ލިބޭނެގޮތް. އެކަން ދުނިޔޭގެ ކަމާގުޅޭ ދާއިރާތަކުގެ ހުރިހާ ބޭފުޅުން ފާހަގަކޮށް އެޕްރިޝިއޭޓް ކުރޭ. ރާއްޖެއިން އެ ނެގި ސްޓޭންޑް، އެ ޑިޒިޝަނަކީ ކޮންމެކޮންމެ ޤައުމަކުން ނުނަގާނެ ޑިޒިޝަނެއްކަން ގަބޫލުކުރޭ. އެކަން ފާހަގަކުރޭ، ނެރެމުންދާ ސްޓޭޓްމަންޓްތަކުގައިވެސް.

އެންމެފަހުން ދުބާއީގައި އޮތް ބައްދަލުވުމުގައިވެސް، އައި.އެމް.އެފް.ގެ މެނޭޖިންގ ޑިރެކްޓަރ އަޅުގަނޑާ ބައްދަލުކޮށްފައިވެސް ވިދާޅުވީ އެ ވާހަކަ. އަޅުގަނޑުމެން އަމިއްލައަށް ނިންމައިގެން މި ފެށި އިޤްތިޞާދީ އެޖެންޑާއިން ރާއްޖެ ދާނީ އެންމެ ދިމާއަކަށޭ. އެއީ، މައްޗަށޭ. އެހެން ހަމަ ލަފްޒީ މާނައިގައި ވިދާޅުވީ. ހަމަ އިޝާރާތްކޮށްފައި. މާނައަކީ އިޤްތިޞާދު ދާނީ ކުރިއަށޭ.

އެހެންވީމާ، ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭ އެދުމަކަށް އޮތީ، މި މަސައްކަތަށް އިތުބާރު ކުރެއްވުމަށް. މިކަން ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ދެއްވައި އިތުބާރު ކުރެއްވުމަށް. ތަރައްޤީ ކުރިއަށްދާނެ. ތަރައްޤީ ގެނައުމުގައި ލަހެއްނުކުރާނަން. ކުރީކޮޅުގައި މަސައްކަތްތައް މި ފަށަނީ. ފަށައިގެން ދާއިރުގައި، މި އުނދަގޫ ނިންމުންތައް ނިންމައިގެން، ފައިސާ ޗާޕްކުރުން ހުއްޓާލައި، އަޅުގަނޑުމެންގެ އެކިކަހަލަ ސަބްސިޑީތައް ދިނުމުގައިވެސް ރަނގަޅު ނިޒާމަކަށް އެ ބަދަލުކުރުމުގެ މަސައްކަތްވެސް ފަށައި، އެންމެ ބޭނުންތެރި ފަރާތްތަކަށް އެންމެ އިސްކަން ލިބޭގޮތަށް ސަބްސިޑީ ނިޒާމުވެސް ރަނގަޅުކޮށް، އަޅުގަނޑުމެންގެ މިހިރަ 100 ޕަސެންޓް ޙިއްޞާވާ ސަރުކާރުގެ ކުންފުނިތަކުގައި ހުރި ދަރަނީގެ މައްސަލައަށްވެސް ޙައްލުގެނެވޭނެ ގޮތްތައް ރާވައި، ކުންފުނިތައް ހަރުދަނާ ކުރުމާއި، އަޅުގަނޑުމެންގެ ލޯނުތައް ދައްކަންވެގެން އުފައްދާފައި އޮތް ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ކުރީގައި ހުރި ޑޮލަރުކޮޅު މާރުކުރީމާ، ހުސްވެފައި ހުރި ޑޮލަރު، އަލުން އެއަށް ޑޮލަރު ޖަމާކުރަން ފެށުމާއި، އެކަމާ ގުޅޭ ޤާނޫނެއް އުފެއްދުމާއި، މިފަދަ އެތައް ކަމެއް މިދަނީ ކުރަމުން.

އެއާއެކީގައި، ފައިސާ ވަންނާނެ ގޮތްތައް މި ހޯދަނީ. އެއީ، އެންމެ ބޮޑު އެއް ކަމަކަށް، އަޅުގަނޑުމެންގެ މައި ދޮރާށި، އިންޓަރނޭޝަނަލް އެއަރޕޯޓް އަވަހަށް ނިންމުމުގެ މަސައްކަތް މި ކުރަނީ. އޭގެ ސަބަބުން އިޤްތިޞާދު ދާނީ ފުޅާވަމުން. އަދި ޓޫރިޒަމް އިތުރަށް ފުޅާކުރުން. އެގޮތުން، މި ސިޓީއަށްވެސް އައްސޭރި ޓޫރިޒަމް ގެންނަން މި މަސައްކަތް ކުރަނީ. މި ސިޓީގެ އެއަރޕޯޓުގެ މަސައްކަތާ އެކީގައި، ޓޫރިޒަމްގެ މަސައްކަތާއެކީ، ސީ ޕްލޭން ހަބަކާއެކީ، ބުރިޖުގެ މަސައްކަތާއެކީ، އެކުއެކީގައި މި ސިޓީގެ ތަރައްޤީ، މި ސިޓީގެ ރައްޔިތުން އެދޭގޮތަށް އަޅުގަނޑުމެން މި ދައުރުގައި ހާސިލުކޮށްދޭނަން. އެއީ، އަޅުގަނޑަށް ޔަޤީންކަން އޮތް ކަމެއް އިރާދަކުރެއްވިއްޔާ. ރައްޔިތުންގެ ކިބައިން އެދެނީ، މިކަމުގައި އަޅުގަނޑަށް އެއްބާރުލުން ދެއްވުމަށް. އިތުބާރު ކުރެއްވުމަށް. އެކަމުގައި ދެއްވެންހުރި ހުރިހާ އެއްބާރުލުމެއް ތިޔަބޭފުޅުން ދެއްވާނެކަމާ މެދުގައި އަޅުގަނޑު ޝައްކެއްނުކުރަން.

މަސްވެރިންނަށްވެސް އެންމެ ކުރު މުއްދަތެއްގައި، އެންމެ ގިނަ ފައިސާ މިހާތަނަށް ދިން ބަޔަކަށްވާނީ އަޅުގަނޑުމެން. އަޅުގަނޑުމެން ހަވާލުވިއިރުގައި، 200 އެތައް މިލިއަން ރުފިޔާއެއް ދައްކަން އޮތް. އެ ފައިސާވެސް ދައްކައި އަދި އިތުރަށްވެސް މަސް ބާނަމުންދާވަރަކަށް ހަމަ ދައްކަންޖެހޭ ފައިސާ ހުންނާނެ. ޖުމްލަ 442 މިލިއަން ރުފިޔާ، ތިންމަސް ތެރޭގައި މި ދެއްކީ. އަދި މަސްވެރިކަން ހަމަ ކުރިއަށްދާވަރަކަށް މަސްވެރިންނަށް ފައިސާ ދޭންޖެހޭނެ. މިހާރު އަނެއްކާ ހަމަ އިތުރަށް 298 މިލިއަން، 300 މިލިއަން އެބައޮތް ދައްކަން. އެ ފައިސާވެސް މި ބަލަނީ އިރާދަކުރެއްވިއްޔާ ހަމަ ރޯދައިގެ ކުރިން ދައްކައި ނިންމައިލެވޭތޯ. އަދި އެއާއެކީގައި، ދެމެހެއްޓެނިވި ގޮތެއްގައި، ވީހާވެސް ކުރު މުއްދަތެއްގައި، އަބަދުވެސް ދައްކަންހުރި ފައިސާ ދެއްކޭނެ ނިޒާމެއް ގެނެވޭތޯ.

އެހެންވީމާ، އެކަންވެސް މިގެންދަނީ ވީހާވެސް އަވަހަށް ޒިންމާދާރު ގޮތެއްގައި ކޮށްދެވޭތޯ. މިއީ، އަޅުގަނޑުމެން ސަރުކާރު އައިސްގެން ދިމާވި މައްސަލައެއް ނޫން. 17 ނޮވެންބަރުގައި ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް ވާރުތަވި އިޤްތިޞާދީ ޙާލަތު އޮތްގޮތޭ އެއީ. އެ ދުވަހުވެސް އޮތޭ، 260 އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ދައްކަން. ނުދައްކާ އޮތް. އެ ފައިސާވެސް ދައްކައި އަދި އިތުރަށްވެސް ފައިސާ ދެއްކީމަތާ، 442 މިލިއަން ދެވިފައި އޮންނާނީ. ދީފައި އަދި އިތުރަށްވެސް ހަމަ މަސް ބާނަމުންދާވަރަކަށް ފައިސާ ދައްކަން ހުންނާނެ. އެހެންވީމާ، އެ ފައިސާވެސް މި ދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ ދައްކަމުންނޭ ދާނީ.

އެހެންވީމާ، މަސްވެރިންނަށްވެސް އަޅުގަނޑުމެން ދަންނަވަން އޮތް ވާހަކައަކީ، މިކަމުގައި ހަމަ ކިތަންމެ ދަތިވާނެކަންވެސް ގަބޫލުކުރަމޭ. މި ރަށުގައިވެސް، މަރަދޫގައިވެސް އެތައް މަސްވެރިންނެއް މިހާރުވެސް ހަމަ ފައިސާ ނުލިބި ލަސްވެފައި ތިބީ. އަޅުގަނޑު މަސައްކަތް މި ކުރަނީ ހަމަ މި ދެންނެވި ފަދައިން، ވަރަށް އަވަހަށް އެ ފައިސާވެސް ދޭން. ތިރީހަކަށް މިލިއަން ރުފިޔާ އެބައޮތްކަންނޭނގެ، މި ދެ ރަށުގެ މަސްވެރިންނަށްވެސް ދައްކަން މިހާރުވެސް. އެކަމަކުވެސް އެ ފައިސާވެސް ހަމަ ވަރަށް އަވަހަށް ދައްކައިދޭނަމޭ އިރާދަކުރެއްވިއްޔާ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެއްކޭނެގޮތް ހަދައިދޭނަމޭ.

އެހެންވީމާ، އިޤްތިޞާދު ރަނގަޅު ކުރަމުން، މި ނަގަންޖެހޭ ހާޑް ޑިޒިޝަންސް، އުނދަގޫ ނިންމުންތައް ނިންމަމުން، އޭގެ މަތީގައި ސާބިތުވެ ތިބެ ކުރިއަށްދާ ކަމުގައިވާނަމަ، ދެން އަދި އަޅުގަނޑުމެން މި ނަގާ ލޯނުތައް، އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، ރައްޔިތުންގެ ޖީބަށް އެއިން ފައިދާވާކަހަލަ ލޯނުތައް ނަގައިގެން މަޝްރޫޢުތަކުގެ ސަބަބުން ކުދިކުދި ވިޔަފާރިތަކަށް ފުރުޞަތު ލިބި، ޢާންމުންނަށް ފުރުޞަތު ލިބޭ، މަސައްކަތުގައި ބައިވެރިވެވޭނެ ކަހަލަ ލޯނުތަކެއް އަޅުގަނޑުމެން ނަގާނީ.

މި ސިޓީގައި ބުރިޖުއަޅަން ފަށާއިރުގައި، އެ މަޝްރޫޢު ވެގެންދާނީ، އަޅުގަނޑު ހަމަ ޔަޤީންކަން މިދެނީ، އަޅުގަނޑު މި ދެންނެވި ގޮތަށް، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތްވެސް ދިޔައިރުގައި އެތައްއެތައް ރައްޔިތުންނެއް މުއްސަނދިވެގެންދިޔަގޮތަށް، މި ސިޓީގެ ރައްޔިތުން މުއްސަނދިވާނެ މަޝްރޫޢަކަށް އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ވާނެ. އެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެހެންވީމާ، އެގޮތަށޭ އަޅުގަނޑު މަސައްކަތް ކުރިއަށް ގެންދާނީ.

ހަމަ އެއާއެކީގައި، ކައުންސިލް މީޓިންގގައި ވަރަށްގިނަ ކަންކަން ކައުންސިލަރުންވެސް އަޅުގަނޑާ ޙިއްޞާ ކުރެއްވި. މަރަދޫގައިވެސް، މަރަދޫފޭދޫގައިވެސް. އަދި ދެންހުރި، މި ސިޓީގެ ރަށްތަކުގެވެސް މަޝްރޫޢުތަކާއި ކަންކަން ޙިއްޞާ ކުރެއްވި.

ސްޕޯޓްސް، ކުޅިވަރުތަކާ ބެހޭ އެކިކަހަލަ ފެސިލިޓީޒްތައް ނެތް ވާހަކަ. އިންޑޯ ހޯލްތައް ނެތް ވާހަކަ. އަޅަން ފަށާފައި ހުއްޓިފައި ހުރި ހޯލްތަކާއި ދަނޑުތަކުގެ ވާހަކަ. ފުޓްބޯޅަ ދަނޑު ނެތް ވާހަކަ. މަގު ހެދުމުގެ މަޝްރޫޢުގެ ފެންވަރު ދަށް ވާހަކަ. މިހެންގޮސް އެތައް ކަމެއް ޙިއްޞާ ކުރެއްވި. އަދި ހިއްކާފައި އޮތް ބިމުގައި، ފެނާއި ނަރުދަމާ ޤާއިމުކުރެވޭނެ ފަދަ މަޝްރޫޢެއް އަވަހަށް ފަށައިދިނުމަށް އެދުމާއި، މިސްކިތް ބިނާކޮށްދިނުމާއި، މިފަދަ އެތައް ކަމެއް. ސްވިމިންގ ޓްރެކްގެ މަސައްކަތް ކޮށްދިނުމަށް އެދުމާއި، މިފަދަ އެތައް ވާހަކައެއް ޙިއްޞާ ކުރެއްވި. އަދި މި ރަށުގައި ރާޅުއަރައިގެން، މިދޭތެރެއިން ގެއްލުންވެގެންދިޔަ ވާހަކަ. ރިވެޓްމަންޓް ޖަހައިދިނުމަށް އެދުމާ، މި ހުރިހާ ކަމެއް އަޅުގަނޑުމެން ހުންނާނީ މިހާރު ނޯޓުކޮށް ހަދާފައި. އެކަންކަމަށް ސަމާލުކަންދީގެން ކުރިއަށްދާނީ. އަޅުގަނޑު ދެންމެ ފާހަގަނުކުރި ނަމަވެސް، ނޯޓް ކުރެވިފައި ހުންނާނެ ހުރިހާ ވާހަކަތަކެއް. މި ހުރިހާ ކަމަކަށްވެސް އިރާދަކުރެއްވިއްޔާ ސަރުކާރުން ސަމާލުކަން ދޭނަން، އެ މަސައްކަތްތައް ކޮށްދޭން. އެކަންކަން ކޮށްދިނުމުގައި ހަމަ ވެވެން އޮތް އެންމެ އަވަސްމިނެއްގައި، އެ ހުރިހާ މަސައްކަތަކަށް އެޓެންޑްވެ، އެކަންކަން ކޮށްދޭނެ ވާހަކަ އަޅުގަނޑު އަނެއްކާވެސް ތަކުރާރުކޮށް ދަންނަވާލަން.

އާދެ، އަޅުގަނޑު ހަމަ ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، މި ރާއްޖެއަށް ދިމާވެފައި އޮތް މައްސަލަތައް އަޅުގަނޑުމެންނަށް އެނގެއޭ. އެނގިހުރެ ފުރަތަމަ ކެމްޕެއިނަށްވެސް ނުކުތީވެސް. އެކަންކަން ޙައްލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އޮތް އޭރުގައިވެސް. އަދި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް ރައްޔިތުން ޔަޤީންކަން ދެއްވައި، އިތުބާރު ކުރައްވައި ފުރުޞަތު ދެއްވި ކަމަށްޓަކައިވެސް. އެ ޔަޤީންކަންމަތީގައި މިއަދުވެސް މިހިރީ. މި އިޤްތިޞާދީ ޙާލަތުން، މި ޤައުމު ވައްޓާލާފައި މިއޮތް ދަތި އުނދަގޫ އިޤްތިޞާދީ ޙާލަތުން ނަގައި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކޮޅަށްޖަހައިދޭނަން. ކޮޅަށް ޖަހައިދީ، ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދޭނަން އިރާދަކުރެއްވިއްޔާ. ރައްޔިތުންނަށް ބޭނުންވެފައި ހުރި އެކިކަހަލަ ބޭނުންތައް ފުއްދައިދިނުމުގައި އަޅުގަނޑުމެން ރައްޔިތުންނާ އެކީގައި ކުރިއަށްގޮސް ކާމިޔާބު ހޯދައިދޭނެ ވާހަކަ ދަންނަވާލަމުން، އަދިވެސް އެއްފަހަރު މަރަދޫ، މަރަދޫފޭދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.