ސުވާލު:
އަޅުގަނޑުގެ ސުވާލަކީ މިހާރު ޑޮކްޓަރަށް، ބަލިމީހުން ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ވަރަށް އުނދަގޫ. އެޕޮއިންޓްމަންޓް ނުލިބުމާއި މިކަންކަން ވަރަށް އުދަނގޫ. މިނިޒާމު މިނޫން އެހެން ގޮތަކަށް ހަދައިދީފިއްޔާ ވަރަށް ރަނގަޅު. މިއީ ވަރަށް ބޮޑު ތަކުލީފެއް ވަރަށް ބޮޑު ޚަރަދުވެސް ހިނގާ ކަމެއް. އެއީ އަޅުގަނޑު ރައީސަށް ކުރަން ވަރަށް ބޭނުން ސުވާލެއް. އެއަށް ބަދަލެއް އާދޭތޯ؟ ދެން އަނެއް މައްސަލައަކީ އެޕޮއިންޓްމަންޓް ދީ ގަޑިޖެހިގެން ދާއިރު ކިޔާފައި އޮންނަ ގަޑިއަށް ޑޮކްޓަރ ވަޑައިނުގަންނަވާ. އޭގެ އެއްގަޑިއިރު ފަހުން ޑޮކްޓަރު މި ވަޑައިގަންނަވަނީ. މިވެސް ބަލިމީހާއަށް ލިބޭ ވަރަށް ބޮޑު އުނދަގުލެއް. ދެން މިކަންކަން އެބަޖެހޭ ހައްލުވާން. މިއީ ވަރަށް ދެރަ މައްސަލައެއް. އެހެން ޝަކުވާއެއް ނެތް އަޅުގަނޑުގެ. މިއީ ހަމަ ހުރިހާވެސް މައްސަލައަކީ.

ޖަވާބު:
އާދެ! އާދަމް ޢަބްދުالله ކުރެއްވި ސުވާލުގެ ޖަވާބުގައި ދަންނަވާލަން ބޭނުންވަނީ ޙަޤީގަތުގައި ސިއްޙީ ނިޒާމް ވަރުގަދަ ކުރުމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ސިޔާސަތު. އައި.ޖީ.އެމް.އެޗް، ދަރުމަވަންތަ ހޮސްޕިޓަލް، މިތަންތަނުގައި ސްޕެޝަލިސްޓުން، (ރާއްޖޭގައި ތިބި ސްޕެޝަލިސްޓުން) ވީހާވެސް ގިނައެއްކޮށް ހޮސްޕިޓަލްގައި އެމްޕްލޯއި ކުރުން ނޫނީ ވަޒީފާ ދިނުމަކީ ކުރަން މަސައްކަތްކުރާ އެއް ކަންތައް. ދެން އޭގެ އިތުރަށް ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ބޭރުން ސްޕެޝަލިސްޓުން ހޯދުންވެސް އެއީ މިހާރު ފަށައިފައިވާ މަސައްކަތެއް. އެހެންވީމާ ސްޕެޝަލިސްޓުން ގިނަ ކުރެވޭ ވަރަކަށް، ދެންމެ ތިޔަވިދާޅުވި ގޮތަށް މަޑުކުރަންޖެހޭ ވަގުތު ވެސް ކުޑަވާނެ.
ދެން ދެވަނަ ކަމަކަށް މިހާރު ކުރެވޭ ކަމަކީ އެޕޮއިންޓްމަންޓް ހަދާއިރު، އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާއެކީގައި ހަމަޖެހިގެންދާގޮތަށް އިރާދަކުރެއްވިއްޔާ ނިޒާމް ބައްޓަން ކުރަމުން މިދަނީ. އެޕޮއިންޓްމަންޓާއި އެކީގައި ސީދާ ދުވަސް ލިބި، އިތުރަށް އިންތިޒާރުކުރަން ނުޖެހޭގޮތަށް، އޭރުން ރަށްރަށުގައި ތިބެފައި ވަޑައިގަންނަވާއިރުވެސް އިތުރަށް އިންތިޒާރުކުރާކަށް ނުޖެހޭނެ. ދެން ހޮސްޕިޓަލުގައި ވީހާވެސް ގިނަ ވަގުތު ޑޮކްޓަރުން ޚިދުމަތްދޭން މަޑުކުރާގޮތަށް ބައްޓަންކުރުމާއި މިކަހަލަ ކަންކަން އެބަ ކުރެވޭ.
އެހެންވީމާ ތިޔަވިދާޅުވި ކަންތަކަށް އިރާދަކުރެއްވިއްޔާ ހައްލެއް ގެނައުމުގެ މަސައްކަތް މިހާރު މިކުރަނީ. ތިޔަވިދާޅުވި ކަންތަކުގައި މިދެންނެވި ގޮތަށް ވީހާވެސް ގިނަ ސްޕެޝަލިސްޓުންނާއި ސުޕަރ ސްޕެޝަލިސްޓުން އިތުރުކުރެވޭ ވަރަކަށް އެގޮތަށް އިންތިޒާރުގައި މަޑުކުރަންޖެހޭ ވަގުތު މަދުވެގެންދާނެ އިރާދަކުރެއްވިއްޔާ. އެހެންވީމާ، ޖުމްލަ ގޮތެއްގައި ހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި މިކުރެވޭ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ ރަނގަޅު ވެގެންދާނެ. މާލެ ސަރަޙައްދެކޭ އެއްގޮތަށް ރަށްރަށުގައިވެސް ޓާރޝަރީ ހޮސްޕިޓަލް ހުންނަ ތަންތަނުގައި އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ހަމަ ވަރަށް ބާރަށް ކުރިއަށް ގެންދާނަން.