بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް، އަދި އިސްރަށްވެހިންގެ ޖަމުޢިއްޔާގެ އެންމެހައި އިސް ބޭފުޅުންނާއި، ވަޑައިގެން ތިއްބެވި ހުރިހާ އިސްރަށްވެހިން، ދައުލަތުގެ ވަޒީރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޙަފްލާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އަޅުގަނޑު އެންމެ ފުރަތަމަވެސް މަރުޙަބާ ދަންނަވަން ބޭނުންވަނީ، ރާއްޖޭގެ ޚިދުމަތްތެރި އެންމެހައި އިސްރަށްވެހިންނަށް. މި ޤައުމުގެ މާޒީގައި، މި ޤައުމަށް ޚިދުމަތް ކޮށްދެއްވައި، އަޅުގަނޑުމެންނަށް މިއަދު މި އޮތް ޤައުމު މިއަދާ ހަމަޔަށް ގެނެސްދެއްވުމުގައި، ބުރަ މަސައްކަތްތަކެއް، އެ ބައެއްގެ ކޮނޑުފުޅުމަތީގައި އަދާކޮށްދެއްވައި، މިއަދާ ހަމަޔަށް މިއަދު މިއޮތް ޤައުމު އަޅުގަނޑުމެންނަށް ގެނެސްދެއްވި ޚިދުމަތްތެރި ބޭފުޅުންނަކީ، ތިޔަ އިސްރަށްވެހިން. މުސްތަޤްބަލަށް ބަލާއިރުގައި، އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަންކުރަން ބޭނުންވާނަމަ، ރަނގަޅު ގޮތުގައި، އަޅުގަނޑުމެންގެ ޤައުމުގެ ޙަޤީޤީ ވިސްނުމުގައި، ޤައުމިއްޔަތުގެ ވިސްނުމުގައި ބައްޓަންކުރަން ބޭނުންވާނަމަ، ތިޔަ ލޮބުވެތި އިސްރަށްވެހިން ކޮށްދެއްވި މަސައްކަތް، އެ މަސައްކަތުގެ އަގުވަޒަން ނުކޮށް ކުރާނެ ކަމެއް ނޯންނާނެ. އަޅުގަނޑު އެންމެ އުފާވަނީ، އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ގެ ބަރަކާތާއި އިރާދަފުޅާ އެކީގައި އެކަމުގައި ކާމިޔާބީ ލިބެމުންދާތީ.

އެހެންވީމާ، މިތަނުގައި މިއަދު މި ހުޅުވިގެންމިދާ މަރުކަޒާ އެކީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން ހުޅުވަން މަސައްކަތްކުރާ މަރުކަޒުތައް، އެ ބަޔަކަށް ނިސްބަތްވާ އިސްރަށްވެހިންނަށް އަދިވެސް އެއްފަހަރު މަރުޙަބާ ދަންނަވަން. މި ބުރަ މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް، މިނިސްޓަރަށާއި، ޕެންޝަން އޮފީހުގެ ވެރިންނަށާއި، އަދި މިކަމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް، އެކިއެކި ކުންފުނިތަކަށާއި މުއައްސަސާތަކަށާއި، މި ދެންނެވި ހުރިހާ ތަނެއްގެ މުވައްޒަފުންނަށާއި، ހުރިހާ ބޭފުޅުން ޝާމިލްގޮތެއްގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، ޤައުމުގެ ކުރިމަގު ބައްޓަންކުރާ ވާހަކަ މި ދެއްކެނީ. ބައްޓަންކުރާއިރުގައި، އަޅުގަނޑުމެންގެ އަސާސްތައް މަތިން ހަނދާން ބަހައްޓަންޖެހޭނެ. ދިވެހި ޤައުމު، ދިވެހި ޤައުމަކަށް މިވަނީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި، އަޅުގަނޑުމެންގެ ދިވެހިބަހާއި، ސަގާފަތާއި، އާދަކާދަތައް، އޭގެ ހަމަ ގޮތުގައި، އެއަށް އިޙްތިރާމު އަދާކުރެވިގެން ކުރިއަށްދާނަމަ. އެހެންވީމާ، ދިވެހިބަހަށް ޚާއްޞަ ވުޒާރާއެއްވެސް އުފެއްދުނީ. އެކަމަށްޓަކައި ބުރަ މަސައްކަތްތަކެއް ފެށިފައިވެސް އެވަނީ. މި އިސްކަން، މި ދެންނެވި މަސައްކަތް ކުރުމުގައި އިސްރަށްވެހިންނަށް ދީގެން ކުރިއަށް ނުގޮސްފިނަމަ، މަގުން ކައްސާލާނެ.

އާދެ، އަޅުގަނޑު އުންމީދު ކުރަނީ، މިއަދު މި ހުޅުވޭ މި ތަނުގައި ނާދީ، ކުރީގެ ނާދީތަމައްދުން، މިތަނުގައި މި ހުޅުވޭ މަރުކަޒު ވެގެންދާނީ، މި މުހިންމު ޤައުމީ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނޭ މަރުކަޒަކަށް. ތިޔަބޭފުޅުން، އިސްރަށްވެހިން މި މަރުކަޒުގެ ފުރިހަމަ ބޭނުންކުރައްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އިރާދަކުރެއްވިއްޔާ ސަރުކާރުން ފުރިހަމަ އެއްބާރުލުން، ތިޔަބޭފުޅުން ކުރައްވަން ބޭނުންވާ، ޤައުމު ބިނާކުރެއްވުމުގައި، ކުރިއަށް އޮތް ދުވަސްތަކަށް އަޅުގަނޑުމެންގެ ޅަދަރިން ހާނުވައި، ޒުވާނުންނަށް ހަމަމަގު ދެއްކުމުގައި، އަޅުގަނޑުމެންގެ އަސާސްތައް ޙިމާޔަތްކޮށްދެއްވައިގެން ކުރިއަށް ވަޑައިގަތުމުގައި، ތިޔަބޭފުޅުން ކުރައްވަން ބޭނުންވާ ހުރިހާ މަސައްކަތެއްގައި، އަޅުގަނޑުމެން ތިބޭނީ ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންކަން ފަހިކޮށްދިނުމުގައި.

މިއަދު މި ޤައުމު މިއޮތް ހާލަތުން، އޮތް ހިސާބުން މިހާރު މިކަމާ ނޫޅެފިނަމަ، ދެން އަޅުގަނޑުމެންނަށް ޤައުމު އަތަކުނުޖެހޭނެ. އަޅުގަނޑުމެންގެ އައިޑެންޓިޓީ، ދިވެހިވަންތަކަމުގެ އައިޑެންޓިޓީ ޙިމާޔަތް ކުރަން ބޭނުންވާނަމަ، މި މަސައްކަތް މިއަދު ފަށަންޖެހޭ. ނުފަށައިފިއްޔާ ދެން ދިވެހިވަންތަކަމެއް މާގިނަ ދުވަހަކު ނޯންނާނެ. ބަވަނަވަމުންދާ މި ދުނިޔޭގައި އަދި އަޅުގަނޑުމެންނަށް ކުރެވިފައި ހުރި ބައެއް ކަންކަމުގެ ސަބަބުން، އަޅުގަނޑުމެން އަތުން ބީވަމުން މިދިޔަ އަޅުގަނޑުމެންގެ އާދަކާދަތަކާއި، އަސާސްތަކުގެ ސަބަބުން މި މަސައްކަތް މިއަދު ފަށަން މިޖެހެނީ.

އާދެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހުޅުވޭ މަރުކަޒުތަކާއި އަދި ދިވެހިބަހާ ބެހޭ ވުޒާރާއިން މިހާރު ފަށާފައިވާ މަސައްކަތްތަކާ އެކީގައި އިރާދަކުރެއްވިއްޔާ މިކަން، ތިޔަބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ކާމިޔާބުވާނެކަމީ އަޅުގަނޑު ޔަޤީންކުރާ ކަމެއް.

ދެން މިހެން ބަލައިލާއިރުގައި، އިސްރަށްވެހިންގެ އިތުރަށް، މުޖުތަމަޢުގައި އަޅުގަނޑުމެން އިސްކަންދޭންޖެހޭ ހަވާސާ ކުރެވިފައި ތިބި އެތައް ބަޔަކުވެސް އެބަތިބި. އިސްރަށްވެހިންނަށް ދޭންޖެހޭ އިސްކަން، އިރާދަކުރެއްވިއްޔާ މި ސަރުކާރުން މެއިންސްޓްރީމް ކޮށްގެން ދޭނަން. އިރާދަކުރެއްވީތީ ދޭން ފަށާފައި މިވަނީ. ހަމަ އެއާއެކީގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ހަވާސާވެފައިވާ، އަޅައިނުލެވި، ސަރުކާރުގެ ރާޑަރަށް ނާރައި، އަބަދުވެސް އެއްކައިރީގައި، ބަޖެޓުގެ ގޮތުން ބެލިޔަސް، އެކިކަހަލަ ރިސޯސްތައް ފޯރުކޮށްދިނުން ކަމުގައިވިޔަސް، އެކި ކަންކަމުގައި ހަވާސާ ކުރެވިފައި ތިބި އެކިއެކި ފަރާތްތައް މެއިންސްޓްރީމް ކޮށްގެން، ރާޑަރުގެ މެދަށް އަރުވައިގެން ޤައުމު ހިންގުމަކީ އަޅުގަނޑުމެންގެ ވިސްނުން. އެގޮތުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް މިދަނީ.

އެހެންވީމާ، އިސްރަށްވެހިންނާއި އަދި މި ދެންނެވި ގޮތަށް، މާޖިނަލައިޒް ކުރެވިފައި ތިބި، ހަވާސާ ކުރެވިފައި ތިބި ހުރިހާ ފަރާތްތަކަށް ޚާއްޞަކަން ދީގެން، ސަމާލުކަން ދިނުމުގައި ބުރަ މަސައްކަތެއް މިއަދުގެ މިތަން ހުޅުވުމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މެންޑޭޓްގައިވެސް މިއޮތީ. މި ހަފްތާ 14ގެ ތެރޭގައިވެސް، ދެންމެ މިނިސްޓަރ އެ ފާހަގަކުރެއްވި ގޮތަށް، ވަރަށްގިނަ ކަންތައްތަކެއް ހާސިލުކުރެވިފައި މިވަނީ. އިރާދަކުރެއްވީތީ، އެ އެޅުނީ މުހިންމު ބިންގާތަކެއް. އޭގެމަތީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ދެންނެވި ގޮތަށް، ހަވާސާ ކުރެވިފައި ތިބި ހުރިހާ ފަރާތްތަކަށް އިސްކަންދޭނަން.

މި ދެންނެވި ގޮތަށް، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ޚާއްޞަ މަރުކަޒުތަކަށް މިހާތަނަށް ހުރީ މާބޮޑު ސަމާލުކަމެއް ނުދެވި. ބަޖެޓުންވެސް ޚަރަދުކުރެވެނީ ވަރަށްކުޑަ އެއްޗެއް. އެހެން ނަމަވެސް، އަޅުގަނޑުމެން އެކަންވެސް ބަދަލުކުރަން ނިންމައި، އެ މަސައްކަތް ފަށައިފިން. ވަޒީފާ ދިނުމުގައިވެސް އަދި އެހެން ކަންކަމުގައިވެސް ސަމާލުކަމެއް ނުދެވޭ. އެހެންވީމާ، މިކަންކަން ބަދަލުކުރެވިގެން، އަޅައިލުންތެރި، އޯގާތެރި މުޖުތަމަޢެއް ޤާއިމުކުރުމަކީ، އަޅުގަނޑު މި ދެންނެވި ގޮތަށް ކުރިއަށް ދާން ބޭނުންވާނަމަ، އަޅުގަނޑުމެންގެ އަމިއްލަވަންތަ އައިޑެންޓިޓީއާ އެކީގައި ކުރިއަށްދާން ބޭނުންވާނަމަ، ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އެކަމަށް މަސައްކަތް ފަށާއިރުގައި، ރަނގަޅު މަޢުލޫމާތުތައްވެސް ޙަޤީޤަތުގައި ނެތް އެއްކުރެވިފައެއް ސަރުކާރު ނިޒާމުގައި. މި ދެންނެވީ، ރަނގަޅު ފެންވަރުގެ ދަފްތަރެއް، ރަޖިސްޓަރއެއް ނެތް ޤާއިމުކުރެވިފައެއް. ކޮންމެވެސްވަރެއްގެ މަސައްކަތްތަކެއް ހުރި ކުރެވިފައި. އެހެންނަމަވެސް، އެކަންވެސް ރަނގަޅުކޮށް، ފުރިހަމަކުރުމުގެ މަސައްކަތް، ކެބިނެޓުގައި މަޝްވަރާކޮށް ނިންމައިގެން، އެކަންވެސް އެވަނީ ފެށިފައި. ނޭޝަނަލް ލެވެލްގައި، ޤައުމީ ލެވެލްގައި ފެށިފައި.

އެކަން ވެގެންދިޔައިމަ، ދެން އަޅުގަނޑުމެންނަށް އަޅައިލަންޖެހޭ ހުރިހާ ފަރާތްތައް، އެއީ، އެކަނިވެރި މައިން ކަމުގައިވިޔަސް، ޑޮމެސްޓިކް އެބިއުސް ވައިލެންސްގައި އެކިކަހަލަ ނިކަމެތިކަން ކުރިމަތިވާ ފަރާތްތައް ކަމުގައިވިޔަސް، މި ދެންނެވި ގޮތަށް، ޚާއްޞަ އެހީގެ އެކިކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ކަމުގައިވިޔަސް، އަދި އަޅައިލުމެއްނެތި، މާބޮޑު ސަމާލުކަމެއް ނުދެވޭ އިސްރަށްވެހިން ކަމުގައިވިޔަސް، މި ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތު ފުރިހަމައަށް އެއްކުރުމުގެ މަސައްކަތްތަކެއް މިހާރު މިއޮތީ ފެށިފައި. އެކަން ކުރެވިގެން ދިޔައިމަ، ދެންމެ އަޅުގަނޑު މި ދެންނެވި ގޮތަށް، އިރާދަކުރެއްވިއްޔާ ފެނިގެންދާނީ، ސަރުކާރުގެ މެއިންސްޓްރީމްގައި، ރާޑަރުގެ މެދުގައި އަޅުގަނޑުމެން ސަމާލުކަންދޭ އެންމެ އިސް ފަރާތްތަކުގެ ގޮތުގައި، މި ދެންނެވި ހުރިހާ ފަރާތްތަކެއް ހިމެނިގެން އެހީތެރިކަން ދެވޭތަން. އެހެންވީމާ، މި މަސައްކަތްވެސް ފެށިފައިވާކަން ހަމަ ފާހަގަކޮށްލަން.

ދެން އަނެއް ކަމަކަށް ފާހަގަކުރެވެނީ، ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެންމެ ބޮޑަށް ހުރިހާ މައްސަލައަކާ ގުޅިފައި އޮތް މައްސަލަ. ގެދޮރުގެ މައްސަލަ. މި މައްސަލައިގައިވެސް އަޅުގަނޑުމެން ނިންމާފައި މިއޮތީ، ގެދޮރުއެޅުމަށް ކުރިއަށްގެންދާ މަޝްރޫޢުތައް ގެންދާއިރުގައި، އެކިކަހަލަ ޝަރުޠުތަކާއި ކެޓަގަރީތަކާ، މިހެންގޮސް ކަންތައްތައް ކަނޑައަޅާއިރުގައި، މި ދެންނެވި ހަވާސާ ކުރެވިފައި ތިބި ހުރިހާ ފަރާތްތަކަށް ދޭންޖެހޭ ސަމާލުކަން ދޭން.

އެހެންވީމާ، ކުރިއަށް އޮތް ތާނގައި މިކަމަށް ޚާއްޞަ ބިލެއްވެސް އަޅުގަނޑުމެން ތަޢާރުފް ކުރަން ނިންމައި މަޖިލީހަށް ފޮނުވޭނެ. ހައުސިންގ، ގެދޮރުވެރިކަމުގެ އެކިކަހަލަ ކެޓަގަރީތައް، ފަންތިތައް، ގިންތިތައް ކަނޑައެޅުމާ ބެހޭ ބިލެއް. މި ބިލު ފަރުމާ ކުރެވިގެންދާއިރުގައި، މީގައި
މި އޮންނަނީ ދެންމެ މި ދެންނެވި ގޮތަށް. ހަވާސާ ކުރެވިފައި ތިބި ހުރިހާ ފަރާތްތަކަށް ދޭންޖެހޭ ސަމާލުކަން ދެވޭނެ.

އިސް ރަށްވެހިންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ އެންމެބޮޑު ދަތިކަމަކީ، ގޭތެރޭގައި ކަންތައްތައް، ދެން މާލޭގައިވެސް، ރާއްޖޭގައިވެސް ހުރިގޮތުން، ހަމަ ދަތިތައް އެބަހުރި، ގެދޮރުގެ މައްސަލައިގައި. އެ ދޭންޖެހޭ އިސްކަމެއް ނުދެވޭ. އެހެންވީމާ، ޚާއްޞަ ސަމާލުކަން ދެވިގެން، ތިޔަ ލޮބުވެތި ރައްޔިތުންނަށް، ކުރިއަށް އޮތް ތަނުގައި، މި ސަރުކާރުން ޤާއިމުކުރާ ގެދޮރުގެ އެކިކަހަލަ މަޝްރޫޢުތަކުގައި، މި ސަމާލުކަން ދެވިގެން ވަރަށްބޮޑުތަނުން ފުރުޞަތު އިތުރުވެގެންދާނެ ވާހަކަ ދަންނަވަން.

އެހެންވީމާ، ގެދޮރުގެ މައްސަލަ ހައްލުކުރެވި، މުޖުތަމަޢުގައި ޤަދަރުދެވި، އިސްކަންދެވި، ފުރުޞަތު ދެވުނީމާ، ބަސް އިއްވުމުގެ ފުރުޞަތު ދެވުނީމާ، އިރާދަކުރެއްވިއްޔާ މުޖުތަމަޢަށް އަދި މުޅި ޤައުމަށް އެއިން އާރޯކަމާއި ހެވާއި ލާބަ ލިބިގެންދާނެ.

އަޅުގަނޑު ކެމްޕެއިންގައި މި ވަޢުދުވިން. އިސްރަށްވެހިންނަށް، އެ އިސްރަށްވެހިންގެ ބަސް އިއްވުމުގެ ފުރުޞަތު ދޭނަމޭ. އެ އިސްރަށްވެހިން އަދާކުރި ޚިދުމަތް، އެ ޚިދުމަތުގެ އަގު ވަޒަންކުރާނަމޭ. އެ އަގު ވަޒަންކޮށް، އެ ޚިދުމަތްތެރިންނަށް ކުރިއަށް އޮތް ތަނަށް ޒުވާނުންނަށް މަގު ދައްކައިދީގެން، ޤައުމު ހިންގުމުގައި ކުރިއަށްދާނެގޮތް ދެއްކުމުގެ ފުރުޞަތު ދޭނަމޭ.

އެހެންވީމާ، އެ މަސައްކަތް، އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް، ސަރުކާރުގެ ތެރެއިން އަޅުގަނޑުމެންގެ ކެބިނެޓުގެ ޓީމުން، މުޅި ސަރުކާރުން މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ، ވީ ކޮންމެ ވަޢުދެއް، ވަޢުދުވީ ގޮތަށް ފުއްދުމަކީ، އަޅުގަނޑުގެ ޒިންމާއެއް. އެގޮތުގައި މި ކުރިއަށްދަނީ.

މި ހަފްތާގެ ތެރޭގައި، ހަފްތާ 14 އަށް ކަނޑައެޅި މުއްދަތު މި ހަމަވަނީ. ހަމަވާއިރުގައި އަޅުގަނޑުމެން ވީ ހުރިހާ ވަޢުދެއް އިރާދަކުރެއްވީތީ ފުދިގެން އެދަނީ. މިހާތަނަށް ވީ ކޮންމެ ވަޢުދެއް، ހަފްތާ 14 ގައި އެޗީވް ކުރަން، ހާސިލުކުރަން ކަނޑައެޅި ކޮންމެ ކަމެއް، އިރާދަކުރެއްވީތީ ފުރިހަމައަށް ހާސިލުވެގެންދާކަން އެއީ، އަޅުގަނޑުމެންނަށް ލިބޭ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ލިބޭ ވަރަށްބޮޑު އުފަލެއް. އެކަމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ހަމަ ޝުކުރު ދަންނަވަން. ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް.

މީގެ ބޭނުމަކީ، މިގޮތަށް ޕްލޭނެއް ހަދައިގެން މަސައްކަތް ކުރުމުގެ ބޭނުމަކީ، އޭރުން ތަރުތީބު ކުރެވިގެން ރައްޔިތުންނަށް ކަންތައްތަކެއް މި ފޯރުކޮށްދެވެނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބޮޑަށް ސަމާލުކަންދެވޭ، އަޅުގަނޑުމެންގެ އިޤްތިޞާދު ރަނގަޅު ކުރުމުގެ ކަންކަމުގައި، އެ ކުރެވޭ ކަންކަމުގެ ނަތީޖާއަކަށް ވެގެންދާނީ، މި ދެންނެވި މުހިންމު ކަންކަމަށް، ޚާއްޞަކޮށް ހަވާސާ ކުރެވިފައި ތިބި ފަރާތްތަކަށް ދޭންޖެހޭ ސަމާލުކަންދީ، ޒުވާނުންނަށް ދޭންޖެހޭ ސަމާލުކަންދީ، ކުޑަކުދިންނަށް ދޭންޖެހޭ ސަމާލުކަން ދިނުމުގައި، އަޅުގަނޑުމެންނަށް އެކިކަހަލަ ރިސޯސަސްތައް ޚާއްޞަކޮށް، ފައިނޭންޝަލީ ފުރިހަމަވެގެން މަގުފަހިވެގެންދިޔުން.

އެހެންވީމާ، މި ޕްލޭންގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ކަމަކަށް އޮތީ، ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ކިބައިން، މި މަސައްކަތް މިގޮތަށް އަޅުގަނޑުމެން ކުރުމުގައި، ހަމަ މިހާރުވެސް ތިޔަ ދެއްވާ ގޮތަށް ފުރިހަމަ އެއްބާރުލުން ދެއްވައި، އަޅުގަނޑުމެން އެކީގައި މި ކުރެވޭ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ކުރިއަށް ވަޑައިގެންދެއްވާށޭ. ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، އަޅުގަނޑު ވެފައިވާ ވަޢުދުތަކާ އެއްގޮތަށް ފުރިހަމަކަމާ އެކީގައި އިރާދަކުރެއްވިއްޔާ ކަންކަން ހާސިލުކޮށްދޭނަމޭ.

އާދެ، އަދިވެސް އެއްފަހަރު، މިއަދުގެ މި މުނާސަބަތުގައި، މުޅި ރާއްޖޭގެ ހުރިހާ ޚިދުމަތްތެރި އިސްރަށްވެހިންނަށް، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުން ތިކޮށްދެއްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް، މިއަދުގެ މުނާސަބަތުގައި އަދިވެސް އެއްފަހަރު މަރުޙަބާ ދަންނަވަން. ވަރަށް ޢިއްޒަތްތެރި، ވަރަށް ޤަދަރުވެރި ބޭފުޅުން ތިޔަބޭފުޅުންނަކީ. ތިޔަބޭފުޅުންގެ އަގު އިރާދަކުރެއްވިއްޔާ މުޅި މުޖުތަމަޢުން ބަލައިގަންނާނެ. ބަލައިގަތުމުގެ ފުރުޞަތު ހުޅުވައިދޭންޖެހޭ ހުރިހާ ދޮރެއް ހުޅުވައިދީގެން އަޅުގަނޑުމެން ދޭނަން. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި ޤައުމަށް އަދަށްވުރެ ފަހި، އުފާވެރި މާދަމާއެއް މިންވަރުކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.