بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ނިޢުމަތްތަކުގެވެރި ގަދަކީރިތިވަންތަ اللهُ تـبـارك وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ސާހިބާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމާއި ބަރަކާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު، ސްކައުޓް އެސޯސިއޭޝަންގެ ނައިބު ރައީސް ފާޠިމަތު ޝެހެޒިނީ، ޤައުމީ ސްކައުޓް ކައުންސިލާއި، އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން އަދި ހީވާގި ފަޚުރުވެރި ދިވެހި އެންމެހައި ސްކައުޓުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ލޯޑް ބޭޑްން ޕަވަލް ދުނިޔެއަށް ގެނެސްދެއްވި ސްކައުޓް ހަރަކާތަކީ، ދިރިއުޅުމުގެ އެންމެހައި ސިފަތަކާއި ކުލަތައް ދަސްކޮށްދޭ މުހިންމު ހަރަކާތެއް. އެކަކު އަނެކަކަށް އެހީތެރިވުމާއި، މުޅި މުޖުތަމަޢަށް، ޚާއްޞަކޮށް، އިންސާނިއްޔަތަށް ޚިދުމަތް ކުރުމަކީ ސްކައުޓުންގެ ފަރާތުން ފެނިގެންދާ ނުހަނު ރިވެތި ސިފައެއް. މި މުހިންމު ހަރަކާތަށް 100 އެތައް އަހަރެއް ފާއިތުވެފައިވާއިރު، މި ކުޑަކުޑަ ދިވެހިރާއްޖެއިންވެސް ވަނީ ސްކައުޓްގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައި.

ދިވެހިރާއްޖޭގެ ސްކައުޓް ހަރަކާތަށް 60 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، އަޅުގަނޑުމެން ފަދަ އާބާދީ ކުޑަ، ވަށައިގެން މާކަނޑު އޮތް، ތިމާވެށީގެ ނާޒުކު ޤައުމެއްގައި، ސްކައުޓުން ވަނީ ވަރަށް އަގުހުރި ޤައުމީ ޚިދުމަތްތަކެއް ކޮށްދީފައި. ޤައުމަށް ދިމާވާ އެންމެދަތި އުނދަގޫ ހާލަތުގައިވެސް، އެންމެ ހަރަކާތްތެރި، އެންމެ މަދަދުވެރި ބައެއްގެ ގޮތުގައި ފެނިގެންދަނީ، ފަޚުރުވެރި ދިވެހި ސްކައުޓުން. މި ފުރުޞަތުގައި، ދިވެހިރާއްޖޭގެ ޗީފް ސްކައުޓް އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައްޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، ތިޔަ އެންމެހައި ސްކައުޓުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ސްކައުޓުން މި ޖަމްބޮރީގައި ބައިވެރިވެ، އިތުރަށް ކުރިއަރައި، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް، އެ މަނިކުފާނު އެދިވަޑައިގަންނަވާ ވާހަކަ މި ފުރުޞަތުގައި ފާހަގަކޮށްލަން ބޭނުން. އަދި މިފަދަ ހަރަކާތްތައް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ލީޑަރުން، މިފަދަ މުހިންމު ހަރަކާތަކަށް އެ ބޭފުޅުންގެ އަގުހުރި ވަގުތު ހޭދަކުރައްވައި، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ކުރައްވަމުން ގެންދަވާ ޚިދުމަތަށް ނުހަނު އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

މި ޖަމްބޮރީގައި ލަންކާއަށް ޖަމާވާ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާޢަތަކީ، އަޅުގަނޑުމެންގެ ދިވެހި ސްކައުޓުން. Leadership for Change މި ޝިޢާރު ހިއްޕަވައިގެން، އަޅުގަނޑުމެންގެ 242 ސްކައުޓުން ބައިވެރިވާ މި ޖަމްބޮރީން ތިޔަ ސްކައުޓުން ޤައުމަށް ރީތި ނަން ހޯދައިދިނުމަކީ، އެންމެހައި ދިވެހީންގެވެސް އުންމީދު.

ފަޚުރުވެރި ސްކައުޓުން، ބޭރު ޤައުމެއްގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަކީ، ކޮންމެ ދިވެއްސަކަށް ލިބޭނެފަދަ ޝަރަފެއް ނޫން. ވީމާ، ތިޔަ ތަމްސީލުގައި ޤައުމުގެ އަގު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް.

އަޅުގަނޑުގެ ނަސޭހަތަކީ، ތިޔަ އެންމެހައި ސްކައުޓުން، ރިވެތި އަޚްލާޤާއި ސުލޫކުން ނަމޫނާ ދެއްކުން. އެކުވެރިކަމާއި، ބަދަހިކަންމަތީ، ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުން. ނަމާދަށް ފަރުވާތެރިވުމާއި، ވަގުތަށް ކަމޭހިތުމާއި، އިސްވެރިންނަށް އިޙްތިރާމުކުރާ ބައެއް ކަމުގައިވުން. ފެއްސާއި، ރަތާއި، ހުދުގެ މި ޤައުމު ފަޚުރުވެރިވާފަދަ ރީތި ނަމެއް ދިވެހި ޤައުމަށް ހޯދައިދިނުން. އެކި ޤައުމުތަކުން ބިނާކުރުވަނިވި ރަނގަޅު ރަޙްމަތްތެރިން ހޯދައި، ދިވެހި ސްކައުޓުންގެ ހަރަކާތުގެ ގުޅުން، އިތުރަށް ފުޅާކޮށް ބަދަހިކުރުން.

ދިވެހި ސްކައުޓުންނަކީ އަބަދުވެސް ވަރަށް ކެރޭ ބައެއް. އެހާމެ މުރާލި ބައެއް. އަދި ނުހަނު ހިތްވަރުގަދަ މިސާލީ ބައެއްވެސްމެ. ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ މައިދާނުގައި، ދިވެހި ސްކައުޓުން ހޯދާފައިވާ އަދި ހޯދަމުންދާ ކާމިޔާބީ، ދިވެހި ސަރުކާރުން ފަޚުރުވެރިވާކަމާ އެކީގައި ބަލައިގަންނަކަން ފާހަގަކޮށް، އެކަން ދަންނަވާލަން ބޭނުން.

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި، އަޚްވަންތަކަމުގެ ގުޅުންތަކުން ބަނދެވިފައިވާ ޤައުމަކަށްވާއިރު، ސްކައުޓް ފަދަ ހަރަކާތްތަކަށް އިސްކަންދިނުމަކީ ނުހަނު މުހިންމު ކަމެއް. އެހެންކަމުން، ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް، ސްކޫލްތަކުގައި ފަހި މާޙައުލެއް ބިނާކުރުމަށް ސަރުކާރުން އިތުރަށް މަސައްކަތް ކުރާނެ ވާހަކަ މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، މި ޖަމްބޮރީއަކީ ތިޔަ އެންމެހައި ސްކައުޓުންނަށް ކާމިޔާބު، އެތައް އާ ތަޖުރިބާތަކަކާއި ޢިބްރަތްތައް ހާސިލުވެގެންދާނެ ދަތުރަކަށް ވެގެންދިޔުން. އަދި ތިޔަ ސްކައުޓުން ދިވެހި ޤައުމަށް ކާމިޔާބާއި ރިވެތި ނަން ހޯދައިދިނުން.

وَالسَّلَامُ عَلَيْكُمْ.