بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ގާދިއްފުށީގެ ލޮބުވެތި ރައްޔިތުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި ރަށު ކައުންސިލްގެ ރައީސާއި، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.، އެކި ކުންފުނިތައް، އެކި މުއައްސަސާތަކުގެ ވެރިން، މި ޖަލްސާ ދުރާއިގާތުން ބައްލަވާ ހުރިހާ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެން މިރަށަށް މިއަދު އައުމުން މިރަށުގެ ލޮބުވެތި ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑު މި ޖަލްސާގެ ކުރިން ކައުންސިލާއި، ޑަބްލިޔޫ.ޑީ.ސީ.އާ ބައްދަލުކުރިން. އަދި ދެންމެ ކައުންސިލްގެ ފަރާތުންވެސް އެ ފާހަގަކުރެއްވި ކަންތައްތަކާ ގުޅޭގޮތުން އެއަށްވުރެ ތަފްސީލުކޮށް، އެ މީޓިންގގައި ވަނީ މަޝްވަރާ ކުރެވިފައި.

އަޅުގަނޑުމެން އެހެން ރަށްރަށުގެ ކައުންސިލުތަކާ ބައްދަލުކޮށްފައިވެސް މި ދަންނަވާ ވާހަކައަކީ، ހަމަ އެއް ކަންތައްތަކެއް މިހިރީ ހުރިހާ ރަށެއްގައިވެސް ގާތްގަނޑަކަށް ހުއްޓިފައި. ނޫނީވިއްޔާ ކުރަން ޖެހިފައި. އެންމެ މުހިންމު ކަންކަމަށް ފުރަތަމަ އިސްކަންދީގެން އިރާދަކުރެއްވިއްޔާ ކަންތައްތައް ކުރިޔަށް ގެންދާނަން. މިރަށަށް ބޭނުންވެފައި ހުރި ހުރިހާ މަސައްކަތްތަކެއްވެސް. އެއީ، ޚާއްޞަކޮށް، ތަޢުލީމީ ނިޒާމަށް މިހާރު ހުއްޓިފައި، އެތައް ދުވަހެއްވެފައި އެހެރަ ސްކޫލް. އިމާރާތްކުރަން ފަށާފައި ހުއްޓިފައި އެހެރަ ސްކޫލް، އެ މަޝްރޫޢު ކަމުގައި ވިޔަސް، އަދި ދެން ހުރި ބަނދަރާ، މިހެންގޮސް ވަރަށް ގިނަ މަސައްކަތްތައް އެބަހުރި. މި ކަންކަން އިރާދަކުރެއްވިޔާ އަޅުގަނޑުމެން ކޮށްދޭނަން. އެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ދެން.

ދެން އެކަމަކު އިސްކަން ދެއްވަންޖެހޭ ކަންކަން ކައުންސިލުން ސަރުކާރާއެކީގައި މަޝްވަރާ ކޮށްދެއްވައި، ކުރިޔަށްއޮތް ދުވަސްތަކުގައި، ދެތިން ހަފްތާ ތެރޭގައި ޕްލޭންއައުޓް ކޮށްލަދޭން އަޅުގަނޑު އެދެން. މިއަދު އަޅުގަނޑު ޔަޤީންކަން މި ދެނީ، ފުރަތަމަ ކަމެއް ގޮތުގައި، މި ސްކޫލް އެއީ އެންމެ ބޮޑަށް މިހާރު ބޭނުން ޖެހިފައި އޮތް ކަމަކަށް ފާހަގަކުރެވޭ ކަންތައް. އެހެންވީމާ، އެ މަސައްކަތް އެއޮތީ ވަރަށް ބޮޑަށް ފަހަތަށް ގޮސްފައި. އެތައް އަހަރެއްގެ އިހުމާލުން. އެހެންވީމާ، އެ ސްކޫލްގެ އިމާރާތާއި، ދެން ސްކޫލާ ގުޅިފައިވާ ހުރިހާ މަސައްކަތްތަކެއް، ސްކޫލްގެ އިމާރާތާއި، އިމާރާތަށް ބޭނުންވާނެ ފެސިލިޓީސްތަކާއި، ދެން މިހެން ގޮސް އެ ސްކޫލް ރަނގަޅު ފެންވަރަކަށް ގާއިމު ކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފަށްޓައިދޭނެ ވާހަކަ ދަންނަވަން.

ހަމަ އެއާއެކީގައި، ދެން ބަނދަރުގެ މަސައްކަތް އޮތީ އެމް.ޓީ.ސީ.ސީ.އާ މިދިޔަ ސަރުކާރުން ހަވާލުކޮށްފައި. ދެން މިގޮތަށް އެބަހުރި ވަރަށް ގިނަ ރަށްތަކުގައި މަޝްރޫޢުތައް ހަމަ ކުއްލިއަކަށް ހަވާލުކޮށްލާފައި މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި. ބަޖެޓަކުވެސް ޖާގަ އޮވެގެނެއް ނޫން. ދެން ހަމަ ހަވާލުކޮށްފައި ހުރީ އިންތިޚާބަށްޓަކައި. އެގޮތަށް ހަވާލުކުރީމާ، އެ މަސައްކަތެއް ހިނގާގޮތެއް ނުވޭ. ފައިސާއެއް ނުހުރޭ ދޭންވީމަކާ. ބިލްތައް ރެއިޒްކުރީމާ މަޝްރޫޢު ކުރިއަށް ދާނެގޮތެއް ނުވޭ. އަނެއްކާ ކުންފުނި ތައްޔާރެއްނުވޭ އެކަން ކުރާކަށެއް. އެކަހަލަ އެތައް ކަމެއް މިހިރީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މިދިޔަ އަހަރުގެ ޖުލައި ހިސާބުން ފެށިގެން ވަރަށް ބާރު ސްޕީޑުގައި ހުރީ. އެކި ދިމަދިމައިގައި އެއްވެސް ޕްލޭނެއް ނެތި، އިންތިޚާބަށް އަމާޒުކޮށްގެން މަޝްރޫޢުތައް ހަވާލުކޮށްލާފައި.

ކުރަންޖެހޭ ކަންކަން، މުހިންމު މަޝްރޫޢުތައް. އެހެންނަމަވެސް، އިޚްލާޞްތެރިކަމެއް ނެތި، އެއްވެސް ތެދުވެރި ކަމެއް ނެތި ކަންކަން ކުރީމާ ރައްޔިތުންނަށް ހުރިހާ ގެއްލުމެއް މިވަނީ. އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، އެހެނެއް އަޅުގަނޑުމެންގެ ސަރުކާރަކު ނުހިނގާނެ ކަންކަމެއް. އޭގެ އަނެއްކޮޅަށް، ތެދުވެރިކަން އިސްކުރާނީ، އިޚްލާޞްތެރިކަން އަޅުގަނޑުމެންގެ ކިބައިން ފެންނާނީ.

އެހެންވީމާ، ބަނދަރުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީ.އާ މިހާރު ހަވާލުކުރެވިފައި އޮތީ. އެމް.ޓީ.ސީ.ސީ. މެދުވެރިކޮށް ކުރިޔަށް ގެންދާނަން. ދެން އެކަމުގައި ވާންވީ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި، އެ މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި އެމް.ޓީ.ސީ.ސީ.އަށް ހުރި ދަތިތަކަކީ ކޮބައިތޯ ބަލައި، މިކަހަލަ މަސައްކަތްތަކެއް ކުރެވި، އިރާދަކުރެއްވިއްޔާ އެ މަސައްކަތްވެސް ތިޔަ ބޭފުޅުންނަށްޓަކައި، ކޮށްދޭނެ ވާހަކަ ހަމަ ދަންނަވާލަން.

ދެން އެންމެ މުހިންމު އެއް ކަމަކީ، ބިމުގެ ދަތިކަން. އަޅުގަނޑު ވީ ވަޢުދެއް އެއީ، ބިމުގެ ދަތިކަން ޙައްލުކޮށްދިނުމަށް ބިން ހިއްކާ ވާހަކަ. އެއަރޕޯޓުގެ މަސައްކަތް، ގުރައިދޫގެ މަސައްކަތް، އެއަރޕޯޓާ އެކީގައި އެ މަޝްރޫޢު ހިނގަމުންދާއިރުގައި، ބިން ހިއްކުމުގެ މަޝްރޫޢެއްވެސް މި ރަށަށް އެއާ ގުޅުވައިލައިގެން ކުރިއަށް ގެންދާގޮތަށް އަޅުގަނޑު ވަޢުދުވެފައި އޮންނާނެ. އެހެންވީމާ، ވަޢުދުވީގޮތަށް އެ ކަން ކޮށްދޭނެ ވާހަކަ ދަންނަވަން. ދެން ގުރައިދޫގައި އެއަރޕޯޓް އަޅާނެ ވާހަކަ ދެންނެވިން. އެ ޔަޤީންކަމާ އެކީގައި، ހަމަ އެ ޔަޤީންކަން މި ރަށަށްވެސް ދެން. ބިން ހިއްކުމާ އެކުއެކީގައި ދާނެ ކަމެއްވީމާ، މިއަހަރުގެ ތެރޭގައި އެކަން ވާނެކަމަށް ތިޔަބޭފުޅުން ބައްލަވާ.

އާދެ، ދެން ހުރި ހަމަ ހުރިހާ ކަމެއްގައިވެސް، ކައުންސިލުން ވަރަށް ގިނަ ވާހަކަ ހިއްސާ ކުރެއްވި. އެ ހުރިހާ ކަމެއްގައި އެއީ، ލޭންޑް ޔޫސް ޕްލޭން ފާސްކުރުން ކަމުގައިވިޔަސް، ރިވެޓްމަންޓް ޖަހާފައި އޮތް ސަރަހައްދަށް ބެކްފިލް ކުރުން ކަމުގައި ވިޔަސް، މިހެންގޮސް ވަރަށް ގިނަ ކަންކަން އެބަހުރި ކުރަން. އެކަންކަމުގައި ސަމާލުކަންދީ، އަހަރުތެރޭގެ އެކި ދުވަސްވަރަށް ބަހާލައިގެން މިހެން ހުންނަ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ބަހާލައިގެން ކުރިއަށް ގެންދެވޭގޮތަށް، ތަރުތީބުކޮށްލައިގެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.

އޭގެ އިތުރަށްވެސް އާމްދަނީ ހޯދޭނެ ވަސީލަތްތައްވެސް ކައުންސިލްތަކަށް ފަހިކޮށްދޭނަން. މިހާރު ވާނެ އެކަމަށްޓަކައި ކަމާ ގުޅޭ ގަވާއިދު ގެޒެޓުކޮށްފައި. އެހެންވީމާ، މިރަށު ކައުންސިލުންވެސް ރަށުގެ ރައްޔިތުން ޝާމިލުވާގޮތަށް، އާމްދަނީ ހޯދޭނެ ވަސީލަތްތައް، އާމްދަނީ ހޯދުމުގެ ފުރުޞަތުތައް، އެވަނީ ހުޅުވައިލެވިފައި. އެހެންވީމާ، އެކަމައިގެން ކުރިއަށް ކައުންސިލުން ވަޑައިގަތުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

ކުރުކޮށް ދަންނަވަންޏާ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ، އަދި ޢުމްރާނީ ތަރައްޤީގެ ދާއިރާ، މާލީ ދާއިރާ އިން ތިޔަ ބޭނުންވެލައްވާ ކަންކަމުގައި އޭ.ޓީ.އެމް. ކަމުގައިވިޔަސް، އަދި ދެން ހުރި ކަންކަމުގައިވިޔަސް، ވަރަށް ސަމާލުކަންދީގެން، މިރަށުގެ ރައްޔިތުންނަށް ހަމަ ބޭނުންވެލައްވާ ކަންކަމުގައި، ވީހާވެސް ރަނގަޅަކަށް އެ ކަންކަމަށް ޙައްލުގެނެސްދީ، ނަތީޖާ ނެރެދޭނެ ވާހަކަ ދަންނަވަން.

އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކޮށްދެން އަޅުގަނޑުމެން މަސައްކަތް ކުރާނެކަން ހަމަ ޔަޤީންކޮށް ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.