بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކިނބިދޫގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް، ކައުންސިލަރުން، އެންމެހައި ވެރިން، އަދި މި ޖަލްސާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ ހުރިހާ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދަކީ އަޅުގަނޑުމެން މި އަތޮޅަށް ފެށި ދަތުރު ނިމޭ ދުވަސް. ދިހަ ރަށަށް މި ދެވެނީ. ހުރިހާ ކައުންސިލަކާ އިރާދަކުރެއްވިއްޔާ ބައްދަލުކޮށް އެބަ ނިންމޭ. ހުރިހާ ޑަބްލިޔޫ.ޑީ.ސީ.އަކާ އިރާދަކުރެއްވިއްޔާ ބައްދަލުކޮށް އެބަ ނިންމޭ. ވަރަށް އުފާކުރަން، މި ރަށަށް އާދެވުމުން. ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ފަށްފަށުން ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އުންމީދުތައް އަޅުގަނޑުމެން ޙަޤީޤަތަކަށް ހަދައިދޭނަމޭ. އާދެ، އެންމެ މުހިންމު ކަމަކީ، އިޤްތިޞާދީ ކުރިއެރުން ގެނެސްދިނުން. އިޤްތިޞާދީ ކުރިއެރުން މި ގެނެވެނީ، އިކޮނޮމީސް އޮފް ސްކޭލް ހާސިލުވާގޮތަށް ތަރައްޤީ ބައްޓަން ކުރެވިގެން. ތަރައްޤީ ބައްޓަން ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރޭ، ޓްރާންސްޕޯޓް ނިޒާމް. އެއް ރަށުން އަނެއް ރަށަށް ގުޅިގެން ދިޔުން. އެއް އަތޮޅުން އަނެއް އަތޮޅަށް ފަސޭހައިން ދަތުރު ކުރެވުން. މަތިން، ކަނޑު މަގުން ދަތުރުކުރެވުން. ދުނިޔޭގައި ތަރައްޤީވެފައި ހުރި ޤައުމުތައް ތަރައްޤީވުމުގައި އިންޑަސްޓްރިއަލް ރިވޮލިއުޝަން އައިއިރުގައިވެސް އައީ މަގުތައް ހަދައިގެން، ބުރިޖުތައް ހަދައިގެން، ކެނެލްތައް ހަދައިގެން، ޓަނަލްތައް ހަދައިގެން، މި ކަންކަން ކޮށްގެން.

ރާއްޖޭގައި ވިއްޔާ އަދި އެޅުނީ އެއް ބުރިޖް. އަދި ދެވަނަ ބުރިޖެއްގެ މަސައްކަތް ހިނގަމުން އެބަދޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުމުގައި މި ދެންނެވި ބީދައިން ތަރައްޤީ ހާސިލު ކުރެވިފައި ހުރި ގޮތަށް ކަން ކޮށްދޭނަން. އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ މިރަށާއި ވޭމަންޑުއާ އެއްފަސް ވެގެން ދިޔުން، ކޯޒްވޭއަކުން. އެކަން ޔަޤީންކަމާއެކު ހޯދައިދޭނަން. ހާސިލުކޮށްދޭނަން އިރާދަކުރެއްވިއްޔާ. އެހެންވީމާ، އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް ގެންދާނަން.

ދެން އަޅުގަނޑު މި ކެމްޕެއިންގައި ފުރަތަމަ ދުވަހު بِسْمِ ކިޔާފައި ފެށި ހިސާބުން މިއަދާ ހަމައަށް އައިއިރުގައި ވާހަކަ ދައްކާފައި ހުންނާނީ އެއްގޮތަކަށް. ވާހަކަ ބަދަލުވެފައެއް ނުހުންނާނެ. ބުނެފައި، ދެންނެވިފައި އޮތް ކޮންމެ ވާހަކައެއް ދަންނަވާފައި އޮންނާނީ، ހިތުގެ އެންމެ ފުންމިނުން. ސުޕަރފިޝަލްކޮށް ރައްޔިތުން ރުއްސާލަން ވޯޓެއް ހޯދަން ދެންނެވި އެއްވެސް ވާހަކައެއް ނޯންނާނެ. ކޮށްދޭހިތުން، ކޮށްދޭން ބޭނުންވެގެން، ކޮށްދެވޭނެކަން ގަބޫލުކޮށްގެން ދައްކާފައި ހުރި ވާހަކަ ހުންނާނީ. އެހެންވީމާ، ކޯޒްވޭއަކީ ބިލާހެއް ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސް އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދައިދޭނަން. މި އަތޮޅުގައި ދެ ކޯޒްވޭ އަޅަންޖެހިފައި މިއޮތީ. އެހެންވީމާ، މަޑިފުށްޓާއި ދިޔަމިގިލި ކޯޒްވޭއާއި، ކިނބިދުއާއި، ވޭމަންޑޫ ކޯޒްވޭ ޙަޤީޤަތަކަށް ހަދައިދޭނަން.

އާދެ، ދެން ހުރި ތަރައްޤީގެ ކަންތައްތައް، ޒުވާނުންގެ ކުޅިވަރު، ފުޓްބޯޅަ ދަނޑު، ސްކޫލްގެ ފެންވަރު ރަނގަޅު ކުރުން، ޕޮލިސް ސްޓޭޝަންގެ މަސައްކަތް، ދެން މިހެންގޮސް ކޮންމެ ރަށެއްގައިވެސް ހުރީ މިކަހަލަ ގޮތަކަށް ކަންކަން. އެހެންވީމާ، މިހެން ހުރި ކަންކަމުގައި ތަރުތީބެއް ކަނޑައަޅައިގެން، ތަރައްޤީއަށް ކަންކަން ގެންދެވިގެން ނޫނީވިއްޔާ އަޅުގަނޑުމެންނަކަށް މިހާރު މިއޮތް އަނދަވަޅު، އެއީ ކޮން އަނދަވަޅެއް؟ އިޤްތިޞާދީ އަނދަވަޅުން އަރައިގަނެގެން ނޫނީ މާނަހުރި ދެކޮޅުޖެހޭ، ދެމެހެއްޓެނިވި ތަރައްޤީއެއް ނުގެނެވޭނެ. މާދަމާ ނޫން އަނެއް ދުވަހު މިތާނގައި ކަޑަޖަހާފައި ނަމެއްގައި ކަންތައްތަކެއް އަޅުގަނޑަށްވެސް ފެށިދާނެ، އިންތިޚާބު ކުރިޔަށް އޮތީމާ. އެގޮތަކަށް ނުކުރާނަން. ޙަޤީޤީ މާނައިގައި ރައްޔިތުންނަށް ކަންކަން ވާގޮތަށް ކޮށްދޭނީ. އިޚްލާޞްތެރިކަމާ އެކީގައި.

އެހެންވީމާ، އެންމެ އިސްކަން ދެނީ ކޯޒްވޭއަށް. އެކަމަށް އެންމެ އިސްކަން ދޭނީ. ދެން ހުރި ކަންކަންވެސް ހަމަ ބަޖެޓުގެ ތެރެއިން، އެކި މިނިސްޓްރީތަކާއި ކައުންސިލުން ވާހަކަ ދައްކަވައިގެން ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭގައި، މާނައަކީ މި މަސްތެރޭގައި، މި ފެބުރުވަރީ މަސް ތެރޭގައި ތިޔަބޭފުޅުން ނިންމަވައި ދެއްވަންވީ. ކޮންމެ ރަށެއްގައިވެސް  މި ދަތުރުގައި އެބަ ދަންނަވަން ހަމަ މި ވާހަކަ. މިއީ، މުޅި ރާއްޖެއަށް ދަންނަވާ ވާހަކައެއް، ހުރިހާ ކަންސިލަކަށް. ކުރިޔަށް މިއޮތް ދެތިން ހަފްތާ ބޭނުންކުރައްވާށޭ، ތަރުތީބު ކޮށްލަން ތަރައްޤީގެ މަޝްރޫޢުތައް. ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާ އެކީގައި. ދެން އެ ވުޒާރާތަކުން ރައީސް އޮފީހާ ކޯޑިނޭޓް ކުރައްވާނީ. ކުރީމާ އަޅުގަނޑު ނިންމައިދޭނަން. އެހެންވީމާ، ތަރުތީބު ކޮށްލާށޭ، ތަރައްޤީ ގެންނަން ބޭނުންވާ ގޮތް މި އަހަރު ތެރޭގައި. އެއީ، ކީއްވެގެން. ދެންމެ ދެންނެވިފަދައިން، އިޤްތިޞާދީ ބޮޑު އަނދަވަޅަކުން އަރައިގަންނަން މަސައްކަތް ކުރާތީވެ.

އިއްޔެ އެވަނީ އައި.އެމް.އެފް.އިން، އެންމެ މުހިންމު އިދާރާ، އެއީ، މުޅި ދުނިޔޭގެ ޤައުމުތަކުގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުވުމަށް މަސައްކަތް ކުރާ އެންމެ މުހިންމު އިދާރާ. އެ އިދާރާއިން އެވަނީ އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ އެންޑޯޒް ކޮށްދެއްވާފައި. އެއީ، ކަންކުރަންޖެހޭނެ ގޮތަކީ. އޭގައި މިއޮތީ ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބު ކޮށްގެން ގެންދާށޭ އަޅުގަނޑުމެން ނިންމާފައި އޮތީ. އެކަމަށް މަރުޙަބާ ކިޔަމޭ. އެގޮތަށް އެކަން ކޮށްގެންނޭ ރައްޔިތުންނަށް ހެވާއި ލާބަ ގެނެސްދެވޭނީ.

އެހެންވީމާ، ކުރިޔަށް މިއޮތް ދެތިން ހަފްތާ ތެރޭގައި ހުރިހާ ކައުންސިލަކުން ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާ އެކީގައި މަސައްކަތް ކުރައްވައިގެން، ދެން ހުރި މަޝްރޫޢުތައް ތަރުތީބު ކޮށްލައްވާށޭ. އިރާދަކުރެއްވިއްޔާ އާމްދަނީ އިތުރުކުރުވަން ކުރަން މި ފަށާ މަސައްކަތްތަކުން އާމްދަނީ އިތުރުކޮށް، އިޤްތިޞާދު ފުޅާކޮށް، ޓޫރިޒަމް، މަސްވެރިކަން، ދަނޑުވެރިކަން، ދެން ހުރި ހުރިހާ ދިމާއަކުން އިޤްތިޞާދީ ހުރިހާ ކަންކަން ފުޅާކޮށް، އެންމެ ބޮޑު ވެލާނާ އެއަރޕޯޓް ނިންމަމުން، މިހެން ގޮސް ދެން ހުރިހާ ވާހަކައެއް ތަކުރާރު ނުކޮށް، އިޤްތިޞާދު ރަނގަޅުކޮށް، ފުޅާކުރަމުން އާމްދަނީ އިތުރުކުރަމުން، ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކޮށް ހަމަ ހުރިހާ ރަށެއްގެ ރައްޔިތުންގެ އުންމީދުތައް ހަމަ ބޭނުންވެލައްވާ ގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހާސިލުކޮށްދޭނަން.

އާދެ، އެހެންވީމާ ޒުވާނުންގެ، ކަނބަލުންގެ މިހިރަ ކަންބޮޑުވުންތައް، މި ހުރިހާ ކަމެއް، ކުޅިވަރު ކުޅެވޭނޭ ދަނޑުތަކާއި، ފުޓްސަލް، ވޮލީބޯލް، ހޭންޑްބޯލް، ދެން ކިޔާނެ ކަމެއް ނެތް، މިހިރަ ހުރިހާ ކަމެއް ކުރުމަކީ، އަޅުގަނޑުމެންނަށް ކުރެވޭނެ ކަންކަމޭ. އެހެންވީމާ، އެ މަގުން ކުރިޔަށް ދިއުމަށް އަޅުގަނޑު އެދެން.

ރަށްރަށުގެ ރައްޔިތުންނަށް ފުދުންތެރިކަން، އެއީ އިންޑިވިޖުއަލް އެމްޕަވަރމަންޓް. އަމިއްލަ ފުދުންތެރިކަން. ކުދިކުދި ވިޔަފާރިތައް ހަދައިގެން ކަނބަލުން އުފައްދާ ތަކެތި ވިއްކާނެ ފުރުޞަތު، މިހެން ގޮސް، މި ހުރިހާ ކަމެއް ކުރެވޭނެ މަގު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮށައިދޭގޮތަށް މި ތިބީ. އެއީ، އަޅުގަނޑުމެންގެ ވިސްނުމަކީ.

ކައުންސިލްތަކަށް މިހާރު މި އޮތީ ފުރުޞަތު ހުޅުވައިލައިފައި. ކައުންސިލްތަކުން ކައިރިކައިރީގައި ހުންނަ ފަޅު ރަށްތައް ހޯދައިގެން، އަދި ކައިރީގައި ނެތަސް، އެހެން ދިމާއަކުން ވިޔަސް، ފަޅު ރަށެއް ނަގައިގެން އެ ކައުންސިލެއް ނިސްބަތްވާ ރަށުގެ ރައްޔިތުން ބައިވެރިކޮށްގެން، ކުދި، މެދު ފަންތީގެ މަސައްކަތްތައް ކުރަން. އިޤްތިޞާދީ މަސައްކަތް ކުރަން، ރަށް ހޯދަން އެ އޮތީ ފުރުޞަތު ހުޅުވައިލައިފައި. ކޮބާ މީގެ ބޭނުމަކީ؟ ރަށުގެ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރުން. ބޭރުގެ ބޮޑު އިންވެސްޓަރަކަށް ރަށެއް ދީގެން އެ މީހާ ހުރިހާ ފައިދާއެއް ގެންދާ ގޮތަކަށްނޫން. ކައުންސިލާއި ރަށުގެ ރައްޔިތުންގެ ތެރެއިން ނަގާ ކުންފުނިތަކާއި، ގުރޫޕްތަކުން ބައިވެރިވެގެން ކުރާ މަސައްކަތްތައް ކުރުމަށް. ކައުންސިލަށް ވެސް އޭރުން އާމްދަނީ ލިބޭނެ. ޢާއިލާތަކަށްވެސް އާމްދަނީ ވަންނާނެ. އެކި ކަހަލަ މަސައްކަތްތައް ކުރެވޭނެ. އޭރުން، ރައްޔިތުންނަށް، ރައްޔިތުންގެ ޖީބަށް، އެއިން އާމްދަނީ ލިބިގެންދާނެ.

އެހެންވީމާ، އެގޮތަށް ފަޅުރަށްތައް ނަގައިގެން މަސައްކަތް ކުރުމުގެ ޖާގަ އަޅުގަނޑުމެން ހުޅުވައިލައިފައި އެއޮތީ. އެހެންވީމާ، އޭގެ ބޭނުން ހުރިހާ ރަށެއްގެ ކައުންސިލުން، މި ރަށުގެ ކައުންސިލުންވެސް ހިއްޕެވުމަކީ، އަޅުގަނޑު ތަރުހީބުދޭ ކަމެއް، ހިތްވަރުދޭ ކަމެއް. އެގޮތަށް ކުރިއަށް ވަޑައިގެންދެއްވުމަށް އަޅުގަނޑު އެދެން. އޭރުން، އަޅުގަނޑުމެންނަށް ފެނިގެންދާނީ، ފުދުންތެރިކަން އިތުރުވަމުންދާތަން.

ދެން މި އަތޮޅަށް ބޭނުންވާ ޓްރާންސްޕޯޓުގެ ނިޒާމް، އަޅުގަނޑުމެން ހަމަ ވަރަށް އިސްކަމެއްދީގެން ހަމަ ގެންނަން މިއޮތީ ނިންމާފައި. އެއަރޕޯޓުތަކާއި، ފެރީ ނިޒާމާއި، މި ހުރިހާ ކަމެއް. އެހެންވީމާ، އެ ކަންކަން ކުރިއަށް ގެންދިޔުމުގައިވެސް ހަމަ އެންމެބޮޑު ބާރަކަށް މި ވަނީ، ރައްޔިތުން، މި ދެންނެވި ވިސްނުމުގައި މަސައްކަތްކުރުން.

އާދެ، އެހެންވީމާ ޖުމްލަކޮށް މި ވާހަކަ ދަންނަވާލާފައި، ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފެށިއިރު ދެންނެވި ފަދައިން، މި އަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ކައުންސިލަކާއި، ޑަބްލިޔޫ.ޑީ.ސީ.އާ މި ބައްދަލުވީ. އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން. ކުރީގައިވެސް، އަޅުގަނޑު މާލޭގެ މޭޔަރަކަށް ހުރިއިރުވެސް މަސައްކަތް ކުރީ، ހަމަ އިފެކްޓިވްލީ ރައްޔިތުންގެ ގާތަށް ގޮސް، ލަފްޒީމާނައިގައި ހަމަ ރައްޔިތުންގެ ގާތުން މަސައްކަތް ކުރީ. އެހެންވީމާ، އެގޮތަށް އަޅުގަނޑު މިހާރުވެސް މަސައްކަތް ކުރަން ބޭނުންވަނީ. އަޅުގަނޑު ހުންނަ ތަނަށް، އޮފީހަށް ކައުންސިލް ގެނެސްގެން، ކައުންސިލާ ބައްދަލުކުރާކަށް ނޫން ބޭނުމީ. ކައުންސިލް އޮތް ތަނަށް އަޅުގަނޑު ދާން ބޭނުންވަނީ.

އެހެންވީމާ، މި އަތޮޅު މި ނިމެނީ. ދެން އިރާދަކުރެއްވިއްޔާ މި އަންނަ ހަފްތާގައި ރާއްޖެއިން ބޭރު ދަތުރެއް އެބައޮތް. އެ ދަތުރު ނިންމާފައި އަންނަ ގޮތަށް މަސްދުވަސް މި ކަނޑައަޅަނީ ގާތްގަނޑަކަށް. އެއް މަސް ތެރޭގައި ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން އަޅުގަނޑު ރަށްރަށަށް ދާނަން. ހުރިހާ ކައުންސިލްތަކާއި ޑަބްލިޔޫ.ޑީ.ސީ.އާ. އެކަމަކު ހުރިހާ ރަށަކަށް ނުދެވޭނެ. އަތޮޅުތައް ބަހާލައިގެން، އަތޮޅުތެރޭގެ އެކި ރަށްރަށް ޗޫޒްކޮށްފައި، ޚިޔާރުކޮށްފައި، އެ ރަށްރަށަށް ގޮސް، ދެން ކައިރި ރަށްރަށުގެ ކައުންސިލްތަކުގެ ބޭފުޅުން ވަޑައިގަންނަވާނީ. ވަޑައިގެން ޑަބްލިޔޫ.ޑީ.ސީ.އާ އެކީގައި، މިފަހަރު އަޅުގަނޑު މި ކަންކުރި ގޮތަށް، ބައްދަލުކޮށް، ކަންކަން އަޑުއަހައި، ރައްޔިތުން ބޭނުންވާ ކަންކަން ފަސޭހައިން ފަހިވާގޮތަށް އިރާދަކުރެއްވިއްޔާ ބައްޓަންކޮށްދޭނަން. އޭރުން އިރާދަކުރެއްވިއްޔާ މަހެއްހާ ދުވަހުގެތެރޭގައި، އަޅުގަނޑާ އެ ބައްދަލުވަނީ، ހުރިހާ ރައްޔިތުން ރިޕްރެޒެންޓް ކުރާ، ރަމްޒުކޮށްދޭ، ހުރިހާ މުއައްސަސާތަކާއި، ހުރިހާ ކައުންސިލްތަކާ. އޭރުން، ރައްޔިތުންނާ އެކީގައި ގާތުން އެ މަސައްކަތް ކުރުމުގެ ފަސޭހަކަން އަޅުގަނޑުމެންނަށް ލިބިގެންދޭ. އެ ހިތްހަމަޖެހުން ލިބިގެންދޭ.

އާދެ، އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުން ތިޔަ ދެއްވާ ތަރުޙީބާއި، ބަހައްޓަވާ ގާތްކަމަށްޓަކައި. އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ އިޚްލާޞްތެރިކަމާ އެކީގައި، ބުނާބަހުގެ އިތުބާރު ދަމަހައްޓަމުން، ރައްޔިތުން އެދޭގޮތަށް ހުރިހާ ކަމެއް ކޮށްދޭނެ ވާހަކަ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.