بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވަންދޫގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް، މުއައްސަސާތަކުގެ ވެރިން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަޅުގަނޑާ އެކީގައި ދަތުރު ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުން، މި ޖަލްސާ ބައްލަވަމުން ގެންދަވާ ހުރިހާ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި ރަށުގައި ކުރަން ހުރި ބައެއް ކަންކަން ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވީ. އަޅުގަނޑު ދޭ ޔަޤީންކަމަކީ، އެންމެ އިސްކަންދޭ ކަންކަމަށް އަޅުގަނޑުމެންވެސް އިސްކަންދޭނަމޭ. ރައްޔިތުންނަށް އެންމެ މުހިންމު، އެންމެ ފުރަތަމަ ކުރަންހުރި ކަންކަން ކުރުމުގައި ސަރުކާރުންވެސް އެގޮތަށް ކަންކަން ތަރުތީބު ކޮށްދޭނެކަން.

އެހެންވީމާ، ރަށަށް އެންމެ ބޮޑަށް ދަތިވެފައި އޮތީ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުންކަން ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަ ކުރެއްވީ. އޭގެ ސަބަބުން ދިމާވާ އުނދަގޫތަކާއި ދަތިތަކުގެ ވާހަކަ އެ ވިދާޅުވެދެއްވީ. އިރާދަކުރެއްވިއްޔާ އެކަމަށް ނިމުމެއް ގެނެސްދޭނަން. ވީ އެންމެ އަވަހަކަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ދަތުރަށްފަހު ކަންތައްތައް ހުރިނެތްގޮތް ބަލައި، ބަޖެޓުގެ ތެރެއިން އެކަމަށް މަގުފަހިކުރެވޭނޭ ގޮތް ބަލައިހަދައިފައި ހަމަ އެންމެ އަވަހަށް އެ މަސައްކަތް ފެށޭނޭ ގޮތެއް ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަން.

އެހެންވީމާ، ވީހާ އަވަހަކަށް އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ، އިދާރީ، މާލީ، ޓެކްނިކަލް ހުރިހާ މަސައްކަތެއްގެ މަސައްކަތް ފަށައި، ކައުންސިލާ ގުޅިގެން އެކަން ކުރިޔަށް ގެންގޮސް ޢަމަލީ ގޮތުން ހާސިލުވާނެގޮތް އިރާދަކުރެއްވިއްޔާ ހަދާނަން.

އާދެ، ބަނދަރު ހެދުމާ، ދެން ހުރި ކަންކަމުގައިވެސް އަޅުގަނޑު ހަމަ އެހެން ރަށްތަކުގައިވެސް މި ދަންނަވާ ފަދައިން، މި އަހަރުތެރޭގައި އެކި މަޝްރޫޢުތަކަށް އިސްކަންދޭނެ ތަރުތީބެއް ކަނޑައެޅުއްވުމަށް ކައުންސިލުން ސަރުކާރުގެ އެ މަޝްރޫޢަކާ ގުޅޭ ވުޒާރާއާ އެކީގައި މަސައްކަތް ކޮށްދެއްވުން އަޅުގަނޑު އެދެން. ކޮންމެ ގޮތެއްވިޔަސް، އެއްފަހަރާ ނުފެށޭނެކަން އަޅުގަނޑުމެން ގަބޫލުކުރަންވާނެ. ހުއްޓިފައި ހުރި އެތައް މަޝްރޫޢެއް އެބަހުރި. އަލަށް ފަށަން ބޭނުންވާ މަޝްރޫޢުތައް އެބަހުރި. މާލީ، އިޤްތިޞާދީ ހާލަތު އޮތްގޮތް އެބަ އެނގޭ. އެކަންކަން ރަނގަޅު ކުރަން، މަޖުބޫރީ ހާލަތެއްގެ ތެރެއިންވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަން ފަށައިގެން މި އުޅެނީ. އެ ހާލަތުން އަރައިގަނެވުނީމާ، މާ ބާރަށް ކަންކަން ގެންދެވޭނެ. އެހެންނަމަވެސް، ރައްޔިތުން އެދޭ ކަންކަމުގައި ހަމަ ދާނީ ކުރިޔަށް.

ތަރުތީބު ކޮށްލީމާ އިރާދަކުރެއްވިއްޔާ މި އަހަރުގެ އެކި ހިސާބުގައި އެކި މަޝްރޫޢުތައް ފެށިގެންދާނެ. ކުރިޔަށް މިއޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލެއްގެ ކިބައިން އަޅުގަނޑު އެދޭނީ، މިގޮތަށް އެ ރަށެއްގައި ކުރިޔަށް ގެންދަން ހުރި މަސައްކަތްތައް އަޅުގަނޑުމެންގެ ކަމާގުޅޭ ވުޒާރާތަކާ އެކީގައި މަސައްކަތްކޮށް ތަރުތީބުކޮށްލަދޭން. އޭރުން އެގޮތަށް އެ ކަނޑައެޅޭ އުސޫލުން އަޅުގަނޑުމެން ބަލާނަން، ހަމަ މި އަހަރުގެ ތެރޭގައި ފެށެން ހުރި ހުރިހާ މަޝްރޫޢެއް މި އަހަރު ފަށައިދޭން. މިއަންނަ އަހަރަށް ފޯލްވާނޭ މަޝްރޫޢުތަކަކީ ކޮބައިތޯ ކަނޑައަޅައި، އެގޮތަށް ފަށައިދޭން. ލަސްތަކެއްނުވެ މާލީ ހާލަތު ރަނގަޅު ކުރަމުން، އިޤްތިޞާދަށް ބުންވަރު އިތުރުކުރަމުން، ދައުލަތަށް އާމްދަނީ އިތުރުކުރަމުން، އިރާދަކުރެއްވިއްޔާ މި ކަންކަން ކުރަމުން ދާނަން.

އެހެންވީމާ، އެހެން ސަރަޙައްދެއްގައި މި ރަށުގައި ބަނދަރު ހަދަންޖެހޭކަން އެބަ އެނގޭ. އެންމެ މޫސުމެއްގައި ބޭނުންކުރެވި، އަނެއް މޫސުމުގައި ބޭނުންނުކުރެވި، މިހެން އޮތުމުގެ ބަދަލުގައި އަބަދުވެސް ބޭނުންކުރެވޭ ބަނދަރެއް ކައުންސިލުން މިހާރު މަސައްކަތް ކޮށްފައިވާގޮތަށް ކުރިޔަށް ގެންދިޔުމަކީ، ހަމަ އަޅުގަނޑުމެންވެސް ކުރާނޭ ކަންތައް. އެހެންވީމާ، ސަރުކާރުން ފުރިހަމަ އެއްބާރުލުން އެކަމުގައިވެސް ދޭނަން. އަދި، ސްކޫލްގެ މަސައްކަތް މިނިސްޓަރ އެ ވިދާޅުވިފަދައިން، ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުމާ، މި ކަންކަން ހަމަ ކުރިޔަށް ދާނެ.

ހަމަ އެއާއެކީގައި، ދެން ހުރި މުހިންމު އަސާސީ ކަންކަންވެސް، ފެނާއި ނަރުދަމާގެ ތިޔަ ވިދާޅުވި ޚިދުމަތް ދިނުމަށް ކުރަން ހުރި ކަންކަމާއި، އަދިވެސް ޒުވާނުންނަށް މި ބޭނުންވާ ކުޅިވަރު ކުޅުމުގެ ފެސިލިޓީސް، ފުޓްސަލް ދަނޑު ހެދުން. އަޅުގަނޑުމެން މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް ވަރަށް މުހިންމު ކަމެއް ހުރިހާ ރަށެއްގައިވެސް ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ބޭނުންވާ އެކަހަލަ ވަސީލަތްތައް، ފެސިލިޓީތައް ގާއިމުކޮށްދިނުން. އެހެންވީމާ، ސްޕޯޓްސްއަށް ޚާއްޞަ މިނިސްޓްރީއެއް އަޅުގަނޑުމެން ހަދާފައި ހުންނާނީ. ހެދީ އެ ބޭނުމުގައި. ކުޅިވަރަށް، ފިޓްނަސްއަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކަންތައްތަކެއް ރާވައިލައިގެން ކުރިޔަށް ގެންދިއުމަށް. އެހެންވީމާ، ކުޅިވަރުގެ ދާއިރާއިން މި ބޭނުންވާ ފެސިލިޓީތައް ގާއިމުކުރުމާއި، މީހުން ބިނާ ކުރުމާއި، މި ކަންކަން ކުރިޔަށް ގެންދެވޭނެ ކުރިޔަށްވުރެ މާ ބާރުމިނުގައި. އެހެންވީމާ، މި ރަށުގެ ފުޓްސަލް ދަނޑު ގާއިމު ކުރުމުގެ މަސައްކަތަކީވެސް އިރާދަކުރެއްވިއްޔާ ހަމަ އެގޮތުން ކުރިޔަށް ގެންދެވޭނެ ކަމެއް.

އެންމެ މުހިންމު ކަމަކީ، އާމްދަނީ އިތުރުކުރެވޭނެ ގޮތް ހަދައިދިނުން. މިހާރު އަޅުގަނޑުމެން ގެޒެޓްކޮށްފައި އޮންނާނެ މި ގޮތުން، ކައުންސިލްތަކަށް ފުރުޞަތު ދޭނެ ގޮތް ފަހިކޮށްދީފައި އޮތް އުސޫލެއް، ގަވާއިދެއް. އޭގެ ދަށުން، މިރަށު ކައުންސިލުންވެސް ކުރައްވަންވީ ކަމަކީ، އެޕްލިކޭޝަން ހުށަހެޅުއްވުން. ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތައް އޭގައި ހުންނާނެ. އެހެންވީމާ، އެ އެޕްލިކޭޝަން ޕްރޮސެސްގެ ތެރެއިން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކައުންސިލުން އެދޭ ގޮތަށް، އެންމެ ރަނގަޅަކަށް، ކައިރީގައި އޮތް ރަށެއް ވިޔަސް، އަދި ތަންކޮޅެއް ދުރުގައި އޮންނަ ރަށެއް ވިޔަސް، ހުސްކޮށް އޮތް ރަށެއް ކަމަށްވަންޏާ، ކައުންސިލާ ހަވާލުކުރުމުގެ ކަންތައް ކުރިއަށް ގެންދާނަން.

އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެގޮތަށް ކުރިއަށް ގެންދަވާށޭ. އެ ގޮތަށް މި ފުރުޞަތު ދިނުމުގެ ބޭނުމަކީ، އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެގޮތް ހޯދައިދިނުން. އެގޮތަށް އެ ލިބޭ ފަޅުރަށް ބޭނުން ކުރެވޭނީ، ވަރަށް ސާފުކޮށް ގަވާއިދުގައި އޮންނާނެ، ރަށުގެ ރައްޔިތުން، އަމިއްލަ ފަރުދުން، އެތަނުގައި އިޤްތިޞާދީ މަސައްކަތް ކުރަންޖެހޭނެ. ވިޔަފާރި ކުރަންޖެހޭނެ.

އެހެންވީމާ، އެ ރަށަށް، ޢާއިލާތަކަށް، އޭރުން އެ ލިބެނީ ފައިދާ، އިޤްތިޞާދީ ކުރިއެރުން. އާމްދަނީ ލިބިގެންދާނެ. ވަކި އިންވެސްޓަރަކަށް މުޅި ރަށް ދީގެން، އެގޮތަކަށް ނުގެންދެވޭނެ. އެންމެންނަށް، މުޅި މުޖުތަމަޢަށް ފައިދާވާ ގޮތަށް، ކައުންސިލަށް އާމްދަނީ ވަންނަ ގޮތަށް. އެއީ، އެ މޮޑެލްއަކީ.

އެހެންވީމާ، މިއީ އަލަށް ކުރެވޭ ކަމެއް. މިއީ ވަރަށް ބޮޑު ފުރުޞަތެއް ދެވޭ ކަމެއް. އެހެންވީމާ، ތިޔަބޭފުޅުން ތިޔަބޭނުންފުޅުވާ ރަށް ވިޔަސް، އަދި އެހެން ރަށެއް ކަމުގައިވިޔަސް، އެ ގަވާއިދުގައި ކަނޑައަޅާފައި އޮތް ގޮތަށް ގެންދަވާ. މިހާރު ގަވާއިދު ގެޒެޓްކޮށްފައި އެ އޮތީ. އެއް މަސް ހަމަވާ ދުވަހުން ފެށިގެން ފުރުޞަތު ހުޅުވައިލެވޭނެ. އެހެންވީމާ، އެ ތާރީޚާ ހަމައަށް ދާންވާއިރަށްވެސް އެޕްލިކޭޝަންލުމަށް ތައްޔާރުވެލައްވައިގެން އަވަހަށް އެކަމައިގެން އުޅުއްވަންވީ. އޭރުން އިރާދަކުރެއްވިއްޔާ މި ރަށަށް، މި ރަށުގެ މުޅި މުޖުތަމަޢަށް، އާމްދަނީ ލިބޭނެ މަގު ފަހިވެގެންދާނެ. އެކަމުގައި ފުރިހަމަ އެއްބާރުލުން ކައުންސިލަށް، ރައްޔިތުންނަށް، އަޅުގަނޑު ދޭނެ ކަމުގެ ޔަޤީންކަން އަރުވަން. އޭރުން އިރާދަކުރެއްވިއްޔާ މުޅި ރަށަށް މި ގެނެވޭ ޢުމްރާނީ ތަރައްޤީގެ އިތުރުން، އިންޑިވިޖުއަލް ފެމިލީޒަށް، އަމިއްލަ ފަރުދުންނަށް، ޢާއިލާތަކަށް، ކައުންސިލާ ގުޅިގެން އާމްދަނީ ހޯދޭނެ މަގު ފަހިވާނެ.

އެހެންވީމާ، އަޅުގަނޑު އެދެނީ، ރައްޔިތުން މީގެ ފުރިހަމަ ބޭނުން ހިއްޕެވުމަށް. އޭރުން މި މުޖުތަމަޢުގައިވެސް ތިބޭނީ އާމްދަނީ ލިބި، އަމިއްލަ ފައިމައްޗަށް ތެދުވެފައި ތިބި، ބާރުވެރިކަން ލިބިފައިވާ ބައެއް. އަމިއްލަ ބާރުވެރިކަން ލިބުމަކީ ޙަޤީޤީ ކުރިއެރުން. އަމިއްލަ ފައި މައްޗަށް ތެދުވެ ޒުވާނުންނަށް، ޢާއިލާތަކަށް ކަންކަން ކުރެވޭ ގޮތް ހަދައިނުދެވެންޏާ، ޙަޤީޤަތުގައި އެއީ ތަރައްޤީ ހާސިލު ނުކުރެވެނީ. ބަނދަރެއް ހެދިޔަސް، ނަރުދަމާ އެޅިޔަސް، އެ އަކުންނެއް ސީދާ ރައްޔިތުންނަކަށް، އަމިއްލަ ފަރުދުންނަށް ލިބޭ މާބޮޑު އާމްދަނީއެއް ނޯވޭ. އެހެންވީމާ، މިގޮތަށް މި ހުޅުވައިލެވޭ ފުރުޞަތުތަކުގެ ބޭނުން ހިއްޕެވުމަށް އަޅުގަނޑު އެދެން. އާދެ، ހަމަ މިގޮތަށް، ކުރިޔަށް ގެންދެވުމަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ހިތްވަރުދެން.

އެހެންވީމާ، މިރަށުގެ ތަރައްޤީއަށް ބޭނުންވެފައި އޮތް ރަށް ގިރުމުގެ އެންމެ މުހިންމު މައްސަލަ ޙައްލު ކުރުމުގެ ރިވެޓްމެންޓް މަޝްރޫޢު އެއީ، އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ މަޝްރޫޢު. ދެން ހުރި ކަންކަން ކައުންސިލުން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ އެކީގައި، ތަރުތީބު ކޮށްލަދެއްވަންވީ. އޭރުން އިރާދަކުރެއްވިއްޔާ އެގޮތަށް އެ ކަންކަން ގެންދާނަން. ދެން ސްކޫލާ ގުޅޭ ކަންކަމާއި، ދެން މިހިރަ ކަންކަން ހަމަ ދެންމެ މިނިސްޓަރު ވިދާޅުވިގޮތަށް ސްކޫލްގެ މަސައްކަތް ރޯދައަށް ފަހު ފެށިގެންދާނެ. އެންމެ އިސްކަން ދެއްވަންވީ، މި ދެންނެވި ފަޅު ރަށް ހޯދައިގެން ތިޔަބޭފުޅުން އާމްދަނީ ހޯދާނެ ގޮތެއް ހޯއްދެވުމަށް. އަޅުގަނޑުމެން އެކަން ސަރުކާރުގެ ތެރެއިން ފަހިކޮށްދޭނަން.

އާދެ، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ފެށިއިރުގައި، ދަންނަވައި ނުލެވުނު ނަމަވެސް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުހަބާ އަށްޓަކައި. ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވީ ތިޔަބޭފުޅުން ރެޔާއި ދުވާލު، ތައްޔާރުވެ ވަޑައިގަންނަވަން ކުރެއްވި މަސައްކަތް. އެކަމަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މި ރަށަށް އަދި މުޅި ރާއްޖެއަށްވެސް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.