بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކަނޑޫދޫގެ ލޮބުވެތި ރައްޔިތުން؛

އާދެ، އަޅުގަނޑު މި ރަށަށް، އަޅުގަނޑުމެންގެ ޓީމާއެކީގައި އައުމުން ތިޔަބޭފުޅުން މި ހޫނުގައިވެސް ވިދާޅުވި އެހާމެ ހޫނު މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން ފުރަތަމަ ދަތުރުކުރަން މި ކަނޑައެޅީ މި އަތޮޅަށް. ގުރައިދުއަށްފަހު ދެން އަޅުގަނޑު ގަސްތުކުރީ، މި އަތޮޅުގައި ދެން ހުރި އަޅުގަނޑަށް ކެމްޕެއިން ތެރޭގައި ނުދެވޭ ހުރިހާ ރަށްތަކަށް އިސްކަންދީގެން މި އަތޮޅުގެ ވީހާވެސް ގިނަ ރަށްތަކަށް މި ތިންދުވަސްތެރޭގައި ދެވޭތޯ ބަލަން. ވަރަށް އުފާ ކުރަން، މި ރަށަށް އާދެވުމުން.

އަޅުގަނޑު ދޭން ބޭނުންވާ މައިގަނޑު ޔަޤީންކަމަކީ، މި ދިގު މާޒީގައި މި އަތޮޅު، މިހާ ބޮޑަށް ރާޑަރުން ކައްސައިލައި، ފަހަތަށް ގޮސްފައި އޮތް އޮތުން އަޅުގަނޑު ނިމުމަކަށް ގެނެސްދޭނަމޭ. އިރާދަކުރެއްވިއްޔާ، މި އަތޮޅަކީ، ތަރައްޤީގައި ހަމަ އެންމެ ކުރީ ސަފުގައި ފުރުޞަތުތައް ލިބޭ، ތަރައްޤީވެފައި ހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް އަޅުގަނޑުމެން މި ސަރުކާރުން ހަދައިދޭނަމޭ.

އާދެ، ވަރަށް ގިނަ ވާހަކަތައް ފާހަގަކުރެއްވި. ކައުންސިލްގެ ރައީސް އިށީނދެވަޑައިގެން ވިދާޅުވީ، ވަރަށް ގިނަ ޝަކުވާ ކުރެވިއްޖެ ދޮގެއްތޯއޭ. ޝަކުވާއެއް ނޫން އެއީކީ އިނގޭތޯ. ކަންކަން ނުވެ އޮތީމާ، އެ ވާހަކަތައް ބަޔާންކުރައްވަންވާނެ. ކަންކަން ކޮށްދިނުމަށް ސަރުކާރެއް ރައްޔިތުން ހޮވަނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކޮށްދޭނަން.

އާދެ، އަޅުގަނޑު ހަމަ ތަކުރާރުކޮށްލަނީ ޙަޤީޤަތް. އެއީ، އިޤްތިޞާދީ ކަންކަން އަޅުގަނޑުމެންނަށް ވާރުތަވީއިރު، މި ސަރުކާރު އައިއިރުގައި އެއްކޮށް ހަލާކުކޮށްލާފައި އޮތް ޙަޤީޤަތް. އެކަން ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތް ފަށައިގެން މި އުޅެނީ. އެ މަސައްކަތްތަކުގެ ރަނގަޅުކަން މިއަދު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް.)އިން، ރާއްޖެ އައިސް ދެ ހަފްތާއެއްހާ ދުވަހު އެ ބޭފުޅުން އަމިއްލައަށް ކުރެއްވި ދިރާސާގެ އަލީގައި މިއަދު ބަޔާން ނެރެފައި އެވަނީ. އަޅުގަނޑުމެން އަޅަން ފަށައިފައިވާ ފިޔަވަޅުތަކަކީ، އަޅުގަނޑުމެން އިސް ނަގައިގެން ކުރަން މި ނިންމާފައި ހުރި ކަންކަމަކީ، ވަރަށް ރަނގަޅު، ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް. އިރާދަކުރެއްވިއްޔާ އެ ކަންކަމުގެ ފުރިހަމަ ނަފާ، ފޮނި މީރުކަން، ތިޔަބޭފުޅުންނަށާއި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިގެން ދާނެ. އެ ޔަޤީންކަން އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ދޭން ބޭނުން. މިހެން ދެންނެވި ނަމަވެސް، މިކަންކަން ކުރަން އިޤްތިޞާދީ ގޮތުން މި ނަގަންޖެހޭ އުނދަގޫ ޑިޒިޝަންސްތައް ނަގަމުންވެސް، ތަރައްޤީއަށްޓަކައި މަސައްކަތްތައް ތަރުތީބުކުރަމުން ދާނެ.

ކައުންސިލްތަކަށް އަޅުގަނޑު މި ދަންނަވާލަނީ، ކުރިޔަށް މި އޮތް ދެ ހަފްތާއެއްހާ ދުވަސް ބޭނުން ކުރައްވައްޗޭ ކައުންސިލްތަކާއި، ކަމާގުޅޭ އިދާރާތަކާ ވާހަކަ ދައްކައިގެން ތަރުތީބު ކޮށްލަން، ކުރަން ހުރި މަސައްކަތްތައް. އެއްފަހަރާ ނުފެށޭނެތީ ތަރުތީބު ކޮށްލަދެއްވާށޭ، ތިޔަބޭފުޅުން އެދޭ ގޮތަކަށް. ތިޔަބޭފުޅުންނޭ މި ދެންނެވީ، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ދަންނަވާ ވާހަކައެއް މިއީ. އަޅުގަނޑުމެން މަސައްކަތްކުރާނަން، މި އަހަރު ތެރޭގައި ތަރުތީބު ކޮށްގެން ރައްޔިތުން އެންމެ އިސްކަން ދޭން ބޭނުންވާ ކަންކަމަށް އެންމެ ފުރަތަމަ އިޖާބަދީގެން ކުރިޔަށް ގެންދަން. ބަހާލައިގެން ޕީ.އެސް.އައި.ޕީ. މަޝްރޫޢުތައް ގެންދަން މަސައްކަތް ކޮށްފިއްޔާ އޭރުން އިރާދަކުރެއްވިއްޔާ އާމްދަނީއާ ލިބޭ އެއްޗަކުން ކުރެވޭ ޚަރަދު ދެކޮޅު ޖައްސަމުން، އަޅުގަނޑުމެން މި ހުރިހާ މަސައްކަތެއްވެސް ކޮށްދޭނެ ވާހަކަ އަޅުގަނޑު ހަމަ ޔަޤީންކޮށް އަރުވަން.

އާދެ، މިރަށަށް ބޭނުންވާ ކަންކަން ދެންމެ ފާހަގަކުރެއްވިއިރުގައި، ޞިއްޙީ ނިޒާމުގެ ވާހަކަ ފާހަގަކުރެއްވި. ބަޔަކާ ހަވާލުކުރެވިފައި އޮތް މަސައްކަތެއް ނުހިނގާ، އެއްގޮތަކަށްވެސް އެކަން ނުވެއޮތް ވާހަކަ. އެއިން ދިމާވާ ދަތިތައް، ތެލެސީމިއާއަށް ބޭސްފަރުވާ ކުރަންޖެހޭ ކުދިންނާއި، އެހެން އެންމެންނަށް ދިމާވާ މައްސަލަތައް، މިކަންކަން ފާހަގަކުރެއްވި. އެއްކަމަކަށް ތެލެސީމިއާއަށް ފަރުވާދިނުން އެއީ، އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. ކެމްޕެއިންގައި އަޅުގަނޑު އެ ވައުދުވެ، ކެބިނެޓުން ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމާފައި އޮތް ކަމެއް އެއީ. އެހެންވީމާ، ސަރުކާރުން ވަރަށް އިސްކަން ދޭނަން، ތެލެސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުދިންނަށާއި ޢާއިލާތަކަށް. ރަށްރަށުގައިވެސް އެކަމަށް ބޭނުންވާ ފަރުވާ ހޯދޭނޭ ގޮތްތައް، އެ ރަށެއްގެ ނިސްބަތުން ދެވެންއޮތް އެންމެ މަތީ ދަރަޖައަކަށް ދިނުން، އަޅުގަނޑުމެންގެ ސިޔާސަތަކީ.

އެހެންވީމާ، އެކަމަށާއި އަދި ޖުމްލަކޮށް ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް މިރަށުގައި ކުރިޔަށް ގެންދަންޖެހޭ ހެލްތު ސެންޓަރު މަޝްރޫޢަށް ޚާއްޞަ އިސްކަމެއް ދީގެން، އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ދަތުރަށްފަހު ގޮސް، ކަމާގުޅޭ ހުރިހާ މަސައްކަތްތައް އަވަސްކުރުވައި އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ރަނގަޅަށް ނިންމައިދޭނަން. ނިމޭއިރުގައި ލެބޯރެޓަރީގެ މަސައްކަތްވެސްދާނެ.

ލެބޯރެޓަރީއަކީ އަޅުގަނޑުމެން ދެން ކުރަން ނިންމާފައި އޮތް އެންމެ މުހިންމު އެއްކަންތައް. ރާއްޖޭގެ ހުރިހާ ރަށެއްގައި އަޅުގަނޑު ވައުދުވިން، އެ ރަށެއްގެ އާބާދީއާ އެއްވަރަށް، ނިސްބަތުން އެ ރަށަކަށް ބޭނުންވާ ސައިޒުގެ ލެބޯރެޓަރީގެ ޚިދުމަތް ކޮންމެ ރަށަކަށް ގާއިމުކޮށްދޭނަމޭ. އެހެންވީމާ، މި ރަށުގެވެސް ލެބޯރެޓަރީގެ ޓެސްޓިންގއަށް ބޭނުންވާ ޚިދުމަތް އަދި ތަމްރީނު ލިބިފައިވާ މުވައްޒަފުންނާ އެކީގައި ގާއިމު ކޮށްދިނުމަކީ، އަޅުގަނޑުމެން ކުރާނެ ކަމެއް. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ ވެގެން ދާނެ.

އާދެ، ދެން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ނަރުދަމާގެ ވާހަކަ ފާހަގަކުރެއްވި. ހުއްޓިފައި އޮތް މަޝްރޫޢެއް. އެއިން ލިބޭ ދަތިކަން. މިގޮތަށް އެބަހުރި. ބަނދަރުގެ ވާހަކަވެސް ފާހަގަކުރެއްވި. ހުއްޓިފައި ހުރި މަޝްރޫޢުތަކުގައި މި ދިމާވާ މައްސަލަތައް އަޅުގަނޑު ހަމަ ދަންނަވަމުން މި ގެންދަނީ. އެއްގޮތަކަށްވެސް ބަލައިނުލައި ކުންފުނިތަކުން ޚަރަދުތައް ކުރަމުން ގޮސްފައި އޮތީ، އަޅުގަނޑުމެންނަށް ވާރުތަވެގެން ދިޔައިރުގައި. ވަރަށް ބޮޑެތި ދަރަނިތައް. އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރަނި. ކުންފުނިތައް ވަރަށް ބޮޑަށް އޮތީ މިސް މެނޭޖްކޮށްފައި. އެހެންވީމާ، އެކަންކަން ރަނގަޅު ކުރަމުން، މަސައްކަތްތައް ފަށަން މަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ މި ނަރުދަމާގެ މަސައްކަތްވެސް ފަށައިދޭނަން ވަރަށް އަވަހަށް.

ދެން ބަނދަރު، ތިޔަ ވިދާޅުވި ކަންތައް، އަޅުގަނޑު ހަމަ ވަރަށް ސަމާލުކަން ދީފިން. ބަނދަރުގައި އެއްކަމަކަށް ކުދި އުޅަނދު ފަހަރަށް، ކުދި ބޯޓުތަކަށް، ދޯނި ފަހަރަށް ވަކި ޖެޓީއެއް އިރާދަކުރެއްވިއްޔާ ހަދައިދޭނަން.

ދެން ހަމައެއާއެކީ، ތިޔަބޭފުޅުން ތިޔަ ބޭނުންފުޅުވާ ނެރުގެ މައްސަލައަށް ވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޕުރޮޖެކްޓްގެ ތެރެއިން، ގެންނަންޖެހޭ ބަދަލު ގެނެވޭތޯ ބަލައިދީ، ދެން ކުރިއަށް ގެންދެވޭނީ ކޮން މަގަކުންތޯ ބަލައި، ވޭރިއޭޝަން ގެނެވޭނެ ގޮތަކީ ކޮބައިތޯ، އެ ތަފްސީލުތައް އަޅުގަނޑު ބަލާނަން. ޖުމްލަކޮށް ބަނދަރަށް ގެންނަންވާ ބަދަލުތައް، ރައްޔިތުން އެދޭ ގޮތަށް ގެނެސްދިނުމަށްޓަކައި، ވަރަށް ސަމާލުކަންދޭނެ ވާހަކަ ދަންނަވާލަން.

އާދެ، ދެން ހަމަ ފާހަގަކުރެއްވި، ޒުވާނުންގެ މަރުކަޒު ވާހަކަވެސް. ވަރަށް ގިނަ ރަށްތަކުގައި އެބަހުރި ޒުވާނުންގެ މަރުކަޒު ހަދަން ކޮންމެވެސް ބަޔަކާ ހަވާލުކޮށްފައި. އެހެން ރަށަކުންވެސް މި ދަތުރުގައި މަޢުލޫމާތު ލިބުނު، ޒުވާނުންގެ މަރުކަޒު ހަދަން ހަވާލުކުރިއޭ. ކައުންސިލަށް އެންގިއޭ ހަވާލުކުރި ވާހަކަ. ދެން ވާންވީގޮތެއް ނޭނގެއޭ. ކޮން ބައެއްކަމެއް ނޭނގެއޭ. ބިން ހަވާލުކުރަންވީ ކޮންބަޔަކާ ކަމެއް ނޭނގެއޭ. އިންތިޚާބު އައިމާ، އިންތިޚާބަށްޓަކައި ދަޅައެއް ދައްކައިލުމަށް ކަޑަޖަހާ އުސޫލުން، މި ކަހަލަ ކިތަންމެ ކަމެއް ކޮށްފައި އެބަހުރި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަންކަން އެ މަޝްރޫޢުތައް ޙަޤީޤަތަކަށް ހަދައިދޭން މިތިބީ އައިސް.

ޔޫތު ސެންޓަރ ހެދުމަކީ، ކުޅިވަރު ކުޅެވޭ ދެ ޖިންސުގެ ޒުވާނުންނާއި، އެކި އުމުރުފުރާގެ ބޭފުޅުންނަށް އިންޑޯ، އައުޓްޑޯ ކުޅިވަރު ކުޅެވޭ ގޮތަށް، ގާއިމުކޮށްދިނުމަކީ ހަމަ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމަނާފައި، ކުރަން ނިންމާފައި ސިޔާސަތުގެ ތެރޭގައި އޮތް ކަމެއް. އެހެންވީމާ، އެ ރަށެއްގެ އާބާދީ އޮތް ގޮތަށް، އެއްވަރަށް، ނިސްބަތުން، އިރާދަކުރެއްވިއްޔާ ހަމަ ޒުވާނުންގެ މަރުކަޒުގެ ޚިދުމަތް ދިނުމަކީ، އަޅުގަނޑުމެން ހަމަ ކުރާނެ ކަމެއް. އެހެންވީމާ، ދެންމެ ތިޔަ ވިދާޅުވި ޒުވާނުންގެ މަރުކަޒުގެ މަޝްރޫޢު ނުހިނގާ އޮތީމާ، ދެން އެކަން ފެށޭނެގޮތެއް ބެލުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އަދި ހަމައެއާއެކީގައި، ސްކޫލަށް ދިމާވެފައި މިއޮތް އިންތިހާއަށް ބޮޑު ދަތި، އުނދަގޫ، ޖާގައިގެ މައްސަލަ. އެކަންވެސް، މިތާނގައި އެޑިޔުކޭޝަން މިނިސްޓަރުވެސް އެބަ އިންނެވި. އަޅުގަނޑުމެން ބަލާނީ ވީވަރަކުން، އެކަމަށް ވީހާވެސް އަވަހަކަށް، މި އަހަރުގެ ބަޖެޓުގެ ތެރެއިން ޖާގަ ހޯދެން އޮތް ކަމުގައިވާނަމަ، ވީހާވެސް އަވަހަކަށް އެކަމަށްވެސް މަޝްރޫޢެއް ކުރިޔަށް ގެންދެވޭތޯ.

އެހެންވީމާ، ޖުމްލަކޮށް މިފަދަ ހުރިހާ ކަމެއް، މިރަށުގައި ނިގްލެކްޓް ކުރެވިފައި، އަޅައިނުލެވިފައި މިހިރަ ހުރުން، ނިމުމަކަށް ގެނެސްދިނުން އަޅުގަނޑުގެ ވިސްނުމަކީ. އަދި ޢަމަލީގޮތުން ޢަމަލުކުރާނީވެސް އެގޮތަށް އިރާދަކުރެއްވިއްޔާ. އެ ޔަޤީންކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދެން.

ދެން އޮތީ އިޤްތިޞާދީ މަސައްކަތުގެ ވާހަކަ. މި ރަށަކީ ވަރަށް ބޮޑަށް ދަނޑުވެރިކަން ކުރާ، މިރުސް އިންދާ ރަށެއް. މުޅި ރާއްޖެއަށް ފައިދާވޭ. އެއް ކަމަކަށް ދަނޑު ބިންތަކަށް، ފެނުގެ ޚިދުމަތް ޤާއިމުކޮށްދެން އެބަ އެދިވަޑައިގަންނަވާ. އަނެއް ކަމަކަށް، ދަނޑުވެރިކަން ކުރާ ބިން ފުރިފައި އޮތީމާ އިތުރަށް ދަނޑުވެރިކަން ކުރަން އެހެން ބިމެއް ލިބޭނެގޮތް ހަދައިދިނުމަށް އެދިވަޑައިގަންނަވާ.

އަޅުގަނޑުމެން މިހާރު ގެޒެޓްކޮށްފައި އޮންނާނެ، ކެބިނެޓުން ނިންމާފައި، މިފަދަ ފުރުޞަތުތައް ލިބޭނެ ގޮތް. މި މަހުގެ ތެރޭގައި، ރަސްމީކޮށް ކައުންސިލްތަކަށް ފުރުޞަތު ލިބޭނެ އެ ގަވާއިދުގެ ތެރެއިން ކައިރިން އިޚްތިޞާޞް ތެރޭގައި އޮތަސް، ނެތަސް، ދާއިރާގެ ތެރޭގައި އޮތަސް، އަދި އެހެން ދާއިރާއަކުންވިޔަސް، އެހެން އަތޮޅަކުން ވިޔަސް، ރަށް ހޯދުމުގެ ފުރުޞަތު. ރަށް ހޯދުމުގެ ފުރުޞަތު އިޤްތިޞާދީ މަސައްކަތް ކުރަން. މިސާލަކަށް ދެންމެ ފާހަގަކުރެއްވި ރަށް، ކައިރީގައި އޮތް ރަށް، ކޮންމެވެސް ސަބަބަކާ ހުރެ، މައްސަލަ ކޯޓުގައި އޮތީ. ނޫނީ އެހެން ކަމެއް ވެގެން ނުލިބޭ ކަމަށްވަންޏާވެސް ތިޔަބޭފުޅުން ހުށަހަޅުއްވާ އެހެން ރަށެއް، އެ ރަށެއް ހިމެނޭ ދާއިރާގެ ރައްޔިތުންގެ އެއްބާރުލުމާ އެކު ހުއްދަ ލިބޭ ކަމަށްވަންޏާ ދަނޑުވެރިކަން ކުރުމަށްޓަކައި އަޅުގަނޑުމެން ހަމަޖައްސައިދޭނަމޭ. އެ ޔަޤީންކަން ދެން. އެހެންވީމާ، ތިޔަބޭފުޅުންގެ އަތްޕުޅުގައި މި އޮތީ.

މިރަށުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ ކައުންސިލުން ވާހަކަ ދައްކަވައިގެން، އިތުރު ރަށެއް ހޯދަން، މިތާ ކައިރިން ތިޔަ ވިދާޅުވާ ރަށް ވިޔަސް، އަދި އެހެން ރަށެއް ވިޔަސް، ހޯދުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ތިޔަބޭފުޅުންގެ އަތްޕުޅުގައި މިހާރު މިއޮތީ. ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން. ތިޔަބޭފުޅުން ހުށަހަޅުއްވާ އެޕްލިކޭޝަންގެ ދަށުން، ޕުރޮޕޯޒަލްގެ ދަށުން، މި ކައުންސިލަށް ހަވާލުކުރެވެން އޮތް އެންމެ އަވަހަކަށް ހަވާލުކުރެވެން އޮތް ރަށެއް ހަވާލުކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ، އެހެންވީމާ، އާމްދަނީ ހޯދުމުގެ ރަނުގެ ފުރުޞަތުތައް، ކައުންސިލްތަކަށް މި ދެނީ. ކައުންސިލްތަކުގެ އަތްމަތީގައި ދެން އޮންނާނީ، މަސައްކަތް ކުރުން. ސަރުކާރުން މަގުފަހިކޮށްދޭނަން. ޖެހިގެން އޮންނަ ރަށް ވިޔަސް، ތަންކޮޅެއް ދުރުގައި އޮތް ރަށެއް ވިޔަސް، އަދި އެ އަތޮޅުން ބޭރުން އެހެން އަތޮޅަކުން ވިޔަސް، އެ ގަވާއިދުގައި އޮތް ހަމަތަކުގެ މަތިން، ކައުންސިލުން ހުށަހަޅައިފިއްޔާ ކަން ކޮށްދޭނަން. އިރާދަކުރެއްވިއްޔާ ކައުންސިލްތައް ބާރުވެރިކޮށްދޭނަން. އެ ގަވާއިދުގައި އޮންނާނެ، އެހެން ނަގާ ރަށްތަކުގައި ކުރާ މަސައްކަތްތައް ކުރަންވާނީ، އެ ރަށުގެ ރައްޔިތުން މެދުވެރިކޮށޭ. ރައްޔިތުން ބައިވެރިކޮށްގެންނޭ. އެ ރަށުގެ ވިޔަފާރިތަކާއި، އެ ރަށުގައި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ރައްޔިތުންނަށް އެކަންޏޭ ފުރުޞަތު ދޭންވާނީ. އޭގެ ބޭނުމަކީ، ރަށުގެ ރައްޔިތުންނަށް އިޤްތިޞާދީ ކުރިއެރުން ހޯދައިދިނުން.

އެހެންވީމާ، ވަރަށް ބޮޑު ދޮރެއް މި ހުޅުވައިދިނީ. އެ ދޮރުން ވަދެ، ފުރިހަމަ ނަފާ ހޯދުމަކީ، ރައްޔިތުންނާއި ކައުންސިލްތަކުގެ އަތްމަތީގައި އޮތް ކަމެއް. ސަރުކާރުން އެކަމަށް ޚާއްޞަ މިނިސްޓްރީއެއް އަޅުގަނޑުމެން ގާއިމުކޮށްފައި މިހިރީ. ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީ. ފުލް ޓައިމް، ރައްޔިތުންނަށް، ކައުންސިލްތަކަށް ދޭންޖެހޭ އެހީތެރިކަން ސަޕޯޓް ދޭން އުފައްދައިފައި އޮތް މިނިސްޓްރީއެއް. އެހެންވީމާ، މިނިސްޓަރުވެސް މިތާ އެބަ އިންނެވި.

އެހެންވީމާ، ތިޔަބޭފުޅުން ކުރައްވަންވީ ކަމަކީ، ކައުންސިލްތަކާއި ރައްޔިތުން ކުރައްވަންވީ ކަމަކީ، މީގެ ފުރިހަމަ ނަފާ ހޯއްދަވަންވީ. ފުރިހަމަ ބޭނުން ހިއްޕަވަންވީ. އެހެންވީމާ، ދަނޑުވެރިކަން މިރަށުގައި ކުރަނީ. އެހެން ރަށްތަކުގައި އެހެން ކަންކަން ކުރައްވާނެ. ކޮންމެ ކަމެއް ކުރަންވިޔަސް، ލިސްޓްކޮށްފައި އޮންނާނެ ކުރެވޭނެ ޒާތުގެ ކަންތައް. ވިއްސަކަށް ކަންތައް، ބާވީހަކަށް ކަންތައް އޭގައި އޮންނާނެ ލިސްޓްގައި. ގެޒެޓްކޮށްފައި އޮތް ގަވާއިދުގައި. އެހެންވީމާ، އޭގެ ދަށުން އަވަހަށް މަސައްކަތް ފަށްޓަވާ. އޭރުން މިރަށުގެ ދަނޑުވެރިކަމަށްވެސް ޖާގަ ލިބޭނެ. އަދި އެހެން ރަށްތަކުން ވިއްޔާ، އެ ރަށެއްގައި ކުރާ އެ ކަމަކަށްވެސް ފުރުޞަތު ލިބޭ ގޮތަށް މި އޮތީ.

އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކައުންސިލްތައް ފުރިހަމައަށް ބާރުވެރިކޮށްދީ، ރަށުގެ ރައްޔިތުން މުއްސަނދިކޮށްދޭނަން. މުއްސަނދިކުރަން ޖާގަ ހުޅުވައިދޭނަން. އެހެންވީމާ، މި ފުރުޞަތުގެ ބޭނުން ފުރިހަމައަށް ހިއްޕެވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް.

އާދެ، ދެން ހަމަ ދަންނަވާލަން ބޭނުންވަނީ، މިގޮތަށް ހުރި ހުރިހާ މަސައްކަތްތަކެއް، ޓޫރިޒަމް ކަމަށްވިޔަސް. ޓޫރިޒަމް މި އަތޮޅުގައި ފުޅާ ކުރެވޭނީ، އަދި ވަރަށް ގިނަ އިތުރު ކަންތައްތައް ސަރުކާރުން ކޮށްގެން. އެހެންވީމާ، އެ މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ ކުރެވޭނެ. މުޅި އިޤްތިޞާދަށް އަންނަ ދިރުމުގެ ތެރެއިން ޓޫރިޒަމް ދެން ރާއްޖޭގައި އިތުރަށް ފުޅާވާނީ. އިތުރު އިންވެސްޓަރުން އަންނާނީ. އިންވެސްޓަރުންނަށް އެބަ ޔަޤީންކަން ލިބެންޖެހޭ. ކޮންފިޑެންސް ލިބެންޖެހޭ. އެހެންވީމާ، އެ ކޮންފިޑެންސް ގެނައުމަށް އިންޓަރނޭޝަނަލް ބޮޑީސްތަކުން، މިތަނަށް އައިސް އެ ކުރާ ދިރާސާތަކުން، އެ ނެރޭ ރަނގަޅު ރިޕޯޓްތަކާއި، މިކަންކަމުން ކޮންފިޑެންސް އިތުރުވެގެންދާނެ.

އެހެންވީމާ، މި ފެށޭ މަސައްކަތްތަކުގައި އުނދަގޫ، ދަތި، އިޤްތިޞާދީ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަނީ، ރައްޔިތުންގެ ޙައްޤުގައި. އެ އަޅާ ފިޔަވަޅުތަކުން އަންނަ ކޮންފިޑެންސާ އެކީގައި އިރާދަކުރެއްވިއްޔާ ރިޒޯޓް އިންޑަސްޓްރީތައްވެސް އިތުރަށް ފުޅާވާނެ. އިންވެސްޓް ކުރާނެ ފަރާތްތައް އަންނާނެ. މައި އެއަރޕޯރޓް ފުޅާ ކުރުމާއި، މި ހުރިހާ ކަމެއް މި ކުރަނީ އެ ބޭނުމުގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އިތުރު ރިޒޯޓުތައްވެސް، ޓޫރިޒަމްވެސް މި އަތޮޅުގައި، މި ސަރަޙައްދުގައިވެސް، އިތުރުވެގެންދާނެކަން އަޅުގަނޑަށް ޔަޤީން.

އާދެ، ޖުމްލަކޮށް ހަމަ ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން، ކަނޑޫދޫގެ ލޮބުވެތި ރައްޔިތުންގެ މާޔޫސްކަން ނިމުމަކަށް ގެނެސް، އިރާދަކުރެއްވިއްޔާ ހިނިތުންވުން އަޅުގަނޑުމެން ގެނެސްދޭނަމޭ.

އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް އުފާކުރަން މި ރަށަށް އާދެވުނީތީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަދަށްވުރެ ފަހި މުސްތަޤުބަލެއް ލިބިގެންދާނެ. އެކަމަށްޓަކައި އަޅުގަނޑު ދުޢާ ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.