بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ބުރުނީގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލަރުން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިރަށަށް މި ދަތުރުގައި އާދެވުމުން ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން. އާދެ، ވަރަށް ބޮޑު އުފަލެއް، މި ދަތުރުގައި އަޅުގަނޑަށް މި ރަށަށްވެސް އާދެވުމުން ލިބިގެންދަނީ.

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިރަށުގެ ރައްޔިތުންނަށް ދަތިވެފައި މިހިރަ ކަންކަން ހައްލުކޮށްދިނުމުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް ސަމާލުކަންދީގެން، އެކަންކަމަށް ހައްލުގެނެސްދޭނެ ވާހަކަ. އެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދެން.

އާދެ، ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ހަމަ އެންމެ ބޮޑުވެފައި އޮތް ކަމެއްގެ ގޮތުގައި މި ފާހަގަކުރެވެނީ، ރަށް ގިރުމުގައި މި ދިމާވެފައި އޮތް ސީރިއަސް ހާލަތު ހައްލުކުރުން. އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް، ރަށަށް ބޮޑެތި ގެއްލުންތަކެއްވެ، ދިރިއުޅުމަށް ގެއްލުންތަކެއްވެ، ލޯކަލް ޓޫރިޒަމް ކުރިޔަށް ގެންދިޔުމަށްވެސް ހުރަސްތަކެއް އެޅިގެން އެދަނީ.

އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު ތެރޭގައި އެންމެ ބޮޑު އެއް ކަމެއް، ފަރުދުން، ކުންފުނިތައް ބާރުވެރި ކުރުވުން. އިޤްތިޞާދީ ކުރިއެރުން ހޯދައިދިނުން. އެހެންވީމާ، މި ރަށުގައި ޓޫރިޒަމް ކުރިޔަށް ގެންދިޔުމުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ހިނގަމުންދާއިރުގައި، އެއަށް ހުރަސްތަކެއް އެޅިގެން ދިޔުމަކީ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭނުންވާގޮތެއް ނޫން. އަދި ޖުމްލަކޮށްވެސް ރަށަށް ބޮޑު ގެއްލުންތަކެއް ރަށް ގިރުމުގެ ސަބަބުން ލިބެމުން ދިޔުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން.

އެހެންވީމާ، މިހާރު އެ ހުއްޓިފައި އޮތް މުހިންމު އެ މަޝްރޫޢު އަޅުގަނޑު އިރާދަކުރެއްވިއްޔާ ބަލާނަން ހަމަ ވީހާވެސް އަވަހަކަށް، އެކަން ފެށި، އަވަހަށް ގެންގޮސް ނިންމުމަށްޓަކައި ބޭނުންވާނެ ކަންތައްތައް ސަރުކާރުގެ ތެރެއިން، މިނިސްޓްރީ ތެރެއިން، ކުންފުންޏާ ވާހަކަ ދެކެވިގެން އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރެވި، އިރާދަކުރެއްވިއްޔާ އަވަހަށް ކުރިޔަށް ގެންގޮސް، ރައްޔިތުން ބޭނުންވާ ގޮތަށް ރަނގަޅަށް ނިންމައިދޭން. އެ ޔަޤީންކަން އަޅުގަނޑު ދެން ތިޔަބޭފުޅުންނަށް.

އެހެންވީމާ، އެއީ އެންމެ ބޮޑު މަޝްރޫޢު. ދެން ހަމަ އެއާ ގުޅިފައި މި އޮތީ ބަނދަރު ރަނގަޅު ކުރުން. ބަނދަރަށް ބޭނުންވާ އަޕްގްރޭޑިންގ ގެނެސްދިނުން. މިދިޔަ ސަރުކާރުގައި މަޝްރޫޢުގައި ސޮއިކުރެވިފައި އޮތީ. މިގޮތަށް އެބައޮތް ބަނދަރު ހަދަންވެސް ވަރަށް ގިނަ މަޝްރޫޢުގައި ސޮއިކުރެވި ޢަމަލީ އެއްވެސް ކަމެއް ނުފެންނަ ރަށްތައް.

ބަޖެޓުގައި ކޮންމެވެސް ވަރަކަށް ފައިސާ ހިމަނާފައި ހުރި. ދެން މި އަހަރުގެ ބަޖެޓު މިއޮތީ މިހާރު އޮތް މަޖިލީހުގެ ދައުރުގެ ތެރޭގައި މިދިޔަ ސަރުކާރުން ހުށަހަޅާފައި. އަޅުގަނޑުމެންނަށް ލިބުނު ކުޑަ ފުރުޞަތުގައި ކޮންމެވެސް ވަރަކަށް އެއަށް ބަދަލުތައް ގެނެވުނުނަމަވެސް، އެއީ، އަޅުގަނޑުމެންގެ ފުލް ބަޖެޓެއް ނޫން. މިހާރުގެ އަޅުގަނޑުމެންގެ މި ސަރުކާރުގެ އަމިއްލަ ޕްލޭންގެ ތެރެއިން ބޭނުންވާ ފެންވަރަށް ފުރުޞަތު ލިބުނު ބަޖެޓެއް ނޫން.

އާދެ، ތިޔަބޭފުޅުންނަށްވެސް ފާހަގަކުރެއްވޭނެ، އަޅުގަނޑުމެން ހުށަހެޅި ބައެއް މަޝްރޫޢުތައް އުނިކުރި ވާހަކަ ނޫސްތަކުންވެސް ފެނިފައި ހުންނާނެ. އެހެންވީމާ، މިހެން ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިޔަށް ގެންދަން އެންމެ އެކަށީގެންވާ ޖާގައެއް މި ބަޖެޓުގައި އަދި ނެތި ހިނގައިދާނެ. އަދި އިޤްތިޞާދީ ގޮތުން ކުންފުނިތަކަށް ކުރިމަތިވެފައި އޮތް ހާލަތުގެ ސަބަބުންވެސް ދަތިތަކެއް ހުރެދާނެ.

އެހެންނަމަވެސް، މިފަދަ މުހިންމު މަޝްރޫޢުތަކަށް އިސްކަން ދިނުމަކީ، އަޅުގަނޑުމެންގެ ސިޔާސަތަކީ. ބައިވަރު މަޝްރޫޢުތަކެއް ސޮއިކުރެވި، ބައިވަރު މަޝްރޫޢުތަކެއް ހުއްޓި، ނޫނީވިއްޔާ ފަށަންޖެހިފައި ހުރިއިރުގައި ތަރުތީބުކޮށްލަން މި ޖެހެނީ. އެހެންވީމާ، ތަރުތީބު ކޮށްލާއިރުގައި ކައުންސިލާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން މިގޮތަށް އެންމެ މުހިންމުކަން ދޭންޖެހޭ މަޝްރޫޢުތަކަށް އަޅުގަނޑުމެން ހަމަ އެންމެ އިސްކަންދީގެން އެކަންކަން ކޮށްދޭނަން. އެހެންވީމާ، މި ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުން އެއީ، ރަށަށް ދެވަނައަށް އެންމެ މުހިންމީ ޢުމްރާނީ ތަރައްޤީގެ މަސައްކަތް ކަމުގައި ވާއިރު، އެކަމަށް ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ސަމާލުކަން އަޅުގަނޑުމެން ދޭނެކަމުގެ ވާހަކަ ދަންނަވަން.

އާދެ، އަޅުގަނޑު ވަރަށް ދެކެން ބޭނުން، އަދިވެސް އިތުރަށް، މިރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވެގެން ދާތަން. އެހެންވީމާ، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރަށަށް، ވިޔަފާރިވެރިންނަށް ކައުންސިލަށް އަޅުގަނޑުމެން ދޭނަން، މިކަމުގައި ކުރިޔަށް ދާން. މިހާރު އަޅުގަނޑުމެން ގެޒެޓްކޮށްފައި މިއޮތް ކައުންސިލްތަކަށް އާމްދަނީ ހޯދަން އިޚްތިޞާޞް ތެރޭގައި ހިމެނޭ ރަށްތަކާއި އަދި އިޚްތިޞާޞް ތެރޭގައި ރަށެއް ނެތް ކަމަށްވަންޏާ، ރަށާ ދުރުން އެހެން ދާއިރާއަކުން ރަށެއް ހޯދަން ފުރުޞަތު ދެވޭގޮތަށް މިހާރު ގެޒެޓުކޮށްފައި އޮތް ގަވާއިދުގެ ތެރެއިން.

އެހެންވީމާ، ތިޔަބޭފުޅުންގެ ރަށް ކައިރީގައި ރަށެއް އެބައޮތް. ތިޔަބޭފުޅުން، ކައުންސިލުން، ރައްޔިތުން ބޭނުންވާގޮތަށް ޕުރޮޕޯޒަލް ހުށަހަޅައިގެން ޓޫރިޒަމްގެ މަސައްކަތްވިޔަސް އަދި އެހެނިހެން އިޤްތިޞާދީ ފައިދާ ރަށަށް ލިބޭކަހަލަ، ކުދި ވިޔަފާރިތަކަށް ފުރުޞަތު ލިބޭގޮތަށް، ކަންކަން ކުރެވޭގޮތަށް، އެ ގަވާއިދުގެ ތެރެއިން ޕުރޮޕޯޒަލް ހުށަހަޅައިފިއްޔާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރައްޔިތުން ބޭނުންވާ ވަރަށް ބޮޑު އިޤްތިޞާދީ ކުރިއެރުމެއް ބުރުންޏަށް ލިބޭ ފެންވަރުގެ ފުރުޞަތުތަކެއް އޭގެ ތެރެއިން ހޯދައިދޭނެ ވާހަކަ ދަންނަވަން. އެހެންވީމާ، އެކަން ކުރުން އޮތީ ކައުންސިލް އަތްމަތީގައި.

ދެން އަޅުގަނޑުމެން މެނިފެސްޓޯގައި ހިމަނާފައި އޮންނާނެ، އަދި ކުރީ ދުވަހު ރައްޔިތުންގެ މަޖިލީހުގައި، ބަޔާން އިއްވަމުންވެސް އަޅުގަނޑު ދެންނެވިން، ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާރކްތަކާއި، ކަސްރަތުކުރާ ތަންތަނާއި، މިފަދަ ތަންތަން ހަދާނެ ވާހަކަ. އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ. އެހެންވީމާ، މިރަށުގައިވެސް ކުޑަކުދިންގެ ޕާރކު ހެދޭނެ. މިރަށުގައިވެސް ދެން ހުރި މިފަދަ އަސާސީ ކުދިކުދި އެހެންނަމަވެސް، ދުޅަހެޔޮކަމަށް މުހިންމު ކަންކަން ކޮށްދެވޭނެ.

އަޅުގަނޑަށް އެނގިފައި އެބައޮތް، ތިޔަބޭފުޅުންވެސް ހަމަ ވަރަށް ބޮޑަށް ބޭނުންވާކަމެއް ޗިލްޑްރަންސް ޕާރކެއް ހެދިގެން ދިޔުމަކީ. މިއީ، ސިޔާސަތުގައި ކަނޑައަޅާފައިވާ ކަމެއް ކޮންމެ ރަށަކަށް. އެކަހަލަ އަސާސީ ކަންތައްތައް ކުރެވިގެން ދިޔުން. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ މަސައްކަތްތައް، އެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްދޭނެ ވާހަކަ ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން.

އެހެންވީމާ، ޖުމްލަ ގޮތެއްގައި، މަޝްރޫޢުތަކުގައި ކުރިއަށްދާންވީ ގޮތް މި ދެންނެވީ. ތަރުތީބު ކޮށްލަ ދެއްވަންވީ، ހުއްޓިފައި ހުރި މަޝްރޫޢުތަކާއި، އަލަށް ފަށަންހުރި މަޝްރޫޢުތަކުގެ ތެރެއިން، އަހަރު ތެރެއަށް ބަހާލާނެ ގޮތެއް. ކޮންމެ ގޮތެއްވިޔަސް އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެވެމުންދާ ވަރަކަށް، އަޅުގަނޑުމެން ހަމަ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ޖާގަދެމުން ދާނީ. އެހެންވީމާ، ރަށް ގިރުން އެއްވަނައަށް، ބަނދަރުގެ މައްސަލަ ދެވަނައަށް. ދެން ތިޔަބޭފުޅުން އަޅުގަނޑުމެންނާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދެވީމާ، ފުރިހަމަ އެއްބާރުލުން ސަރުކާރުން ހަމަ ދޭނަން.

އެހެންވީމާ، އަޅުގަނޑު އެދެނީ، މިގޮތުގައި ކުރިއަށް ވަޑައިގެންދެއްވުމަށް. އިރާދަކުރެއްވިއްޔާ މިރަށަށް ބޭނުންވާ ތަރައްޤީގައި ރައްޔިތުން އެދޭ ގޮތަށް އެކަން ކޮށްދޭނެ ވާހަކަ ދަންނަވަން.

އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނާ ބައްދަލުވީތީ ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވަން. އިރާދަކުރެއްވިއްޔާ މިރަށަށް، އަދި ޖުމްލަކޮށް މުޅި ރާއްޖެއަށް އަދަށްވުރެ ފަހި މާދަމައެއް ލިބިގެންދާނެ. އެކަމަށް ދުޢާ ދަންނަވަން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.